ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު، ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ ސައުތް އީސްޓް އޭޝިޔާގެ ރީޖަނަލް އޮފީހުން އިންތިޒާމްކޮށްގެން މިއަހަރުގެ ދުނިޔޭގެ ޞިއްޙަތު ދުވަސް ފާހަގަކުރުމަށް "ވީ ދަ ޕީޕަލް އެންޑް އަވަރ ޕްލެނެޓް: ހެލްތީ، ރެސިލިއެންޓް، ސަސްޓެއިނަބަލް" ގެ ނަމުގައި ބޭއްވެވި ހައި-ލެވެލް ޕެނަލް ޑިސްކަޝަންގައި ޗީފް ގެސްޓެއްގެ ގޮތުގައި ބައިވެރިވެ ވަޑައިގަންނަވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ އިތުރުން މި ޕެނަލް ޑިސްކަޝަންގައި އެކި ޤައުމުތަކާއި ޖަމާޢަތްތައް ތަމްސީލުކުރައްވާ މަތީ ފަންތީގެ ބޭފުޅުން ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ދެއްކެވި ވާހަކަފުޅުގައި އެކަމަނާ ވިދާޅުވީ މޫސުމީ ބަދަލުތަކާ ގުޅޭގޮތުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުޑަކުދިންނާއި ޒުވާން އުމުރުފުރައިގެ ކުދިންނަށް އަމާޒުކޮށްގެން ކުރިޔަށް ގެންދިޔަ ސަރވޭއިން ހާމަވި އެންމެ މުހިންމު އެއްޗަކީ މިހާރުން މިހާރަށް ތިމާވެށި ރައްކާތެރިކުރުމަށް ފިޔަވަޅު އަޅައިފި ނަމަ ތިމާވެށްޓަށް ލިބެމުންދާ ގެއްލުން ވަރަށް ބޮޑުތަން ކުޑަކުރެވޭނެކަމަށް އެކުދިން ޤަބޫލުކުރާ ޤަބޫލުކުރުމެވެ. ތަޢުލީމު އުނގަންނައިދޭ ބޭފުޅެއްގެ ހައިޞިއްޔަތުން އެކަމަނާ ވަނީ ކުދިންގެ ޚިޔާލުތަކާއި، ކަންބޮޑުވުންތަކާއި، އިޙްސާސްތައް އަޑުއެހުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން ވެސް އެކަމަނާ ވިދާޅުވިގޮތުގައި، އެ ސަރވޭއިން ހާމަވި އަނެއްކަމަކީ މީހުންގެ ދިރިއުޅުމުގެ ފެންވަރަށް ބިނާވެ، ތިމާވެށްޓާ ގުޅޭގޮތުން ކުދިންގެ މެދުގައިވާ 'ނޮލެޖް ގެޕް' އެވެ. އަދި، އެކަމަނާ ދެކިވަޑައިގަންނަވާގޮތުގައި މި 'ނޮލެޖް ގެޕް' ގުޅުވާލުމަށް ބޭނުން ކުރެވޭނެ އެންމެ ރަނގަޅު ފާލަމަކަށް ސްކޫލްތައް ހެދޭނެކަމުގައި ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އިތުރަށް ވާހަކަފުޅު ކުރިޔަށް ގެންދަވަމުން ވަނީ ހުރިހާ އުމުރުފުރަޔަކަށް ވެސް ތިމާވެށީގެ ކަންކަމުގައި ގުޅިގެން މަޝްވަރާކުރުމަށްފަހު އެދެވޭ ޙައްލުތަކެއް ހޯދުމަށް މަޝްވަރާކުރެވޭނެ ޕްލެޓްފޯމެއް ހޯދައިދިނުމުގެ މުހިންމުކަން ހާމަކުރައްވާފައެވެ. އަދި، އެކަމަނާ ވަނީ ތާޖުއްދީން ސްކޫލްގެ ޕްރިންސިޕަލަކަށް އުޅުއްވި ދުވަސްވަރު ކުޑަކުދިންނާ ގުޅޭ ގިނަ ކަންކަން ދަސްވެވަޑައިގެންނެވިކަމަށާއި، އެ ފިލާވަޅުތަކުގެ އަލީގައި އެކަމަނާ ޤަބޫލުފުޅު ކުރައްވާގޮތުން ތިމާވެށީގެ ކަންކަމުގައި ކުޑަކުދިންގެ މަޢުލޫމާތު މުއްސަނދިކަމުގައި ވިދާޅުވެ އެކުދިންގެ ޚިޔާލާއި މަޝްވަރާ ތިމާވެށީގެ ކަންކަން ނިންމުމުގައި ހޯދޭނެކަމުގައި ވިދާޅުވެފައެވެ.
ރައިސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ ސާރވޭގައި ބުނާގޮތުން ތިމާވެށްޓާއި ގުޅިގެން ކުދިން ކަންބޮޑުވި ނަމަވެސް އެކުދިން ތިމާވެށި ރައްކާތެރިކުރުމަށް ޝައުޤުވެރިވެ އެކަމަށް މަސައްކަތް ކުރަން ބޭނުންވާ ކަމުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ މިންތީގެ ހަމަހަމަކަމާއި، ތިމާވެށި ރައްކާތެރިކުރުމަށް އަޅާ ފިޔަވަޅުތަކާއި ގުޅޭގޮތުން ކުޑަކުދިންނާއި ޒުވާން އުމުރުފުރައިގެ ކުދިންގެ އަޑު އެހުމަށް ޕްލެޓްފޯމެއް ޤާއިމުކުރުމަކީ ބޭނުންތެރިކަމެއްގެ ގޮތުގައި ވިދާޅުވެފައެވެ. އަދި، އެކުދިންނަށް ފުރުޞަތު ފަހިކޮށްދީފި ނަމަ އަޅުގަނޑުމެން ފެންނަން ބޭނުންވާ ބަދަލު އެކުދިންނަަށް ގެނެސްދެވޭނެކަމުގައި އެކަމަނާ ވިދާޅުވިއެވެ.
ކުޑަކުދިންނާ ޒުވާން އުމުރުފުރައިގެ ކުދިންނަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ދެއްވެވި މެސެޖުގައި ވަނީ އެކަމަނާއަށް އެކުދިންގެ ވާހަކަތަކާއި ކަންބޮޑުވުންތައް އަޑުއިވިވަޑައިގަންނަވާކަމުގައި ވިދާޅުވެފައެވެ. އަދި، ކުޑަކުއްޖެއްގެ ނަޒަރުން ދުނިޔެ ދުށުމަކީ ބޮޑެތި މީހުންނަށް ލިބޭ ޝަރަފެއްކަމުގައި ވިދާޅުވަމުން އެކަމަނާ ވިދާޅުވީ ބޮޑެތި މީހުން ކުޑަކުދިންގެ ވާހަކަތައް ކަނުލާ އަޑުއަހަންވާނެ ކަމުގައެވެ.
ސިޔާސަތު ކަނޑައަޅުއްވާ ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ދެއްވެވި މެސެޖުގައި ވަނީ ކުޑަކުދިންނަށް ތިމާވެށީގެ ސަބަބުން ކުރިމަތިވާ ފިކުރުތައް ކުޑަކުރުމަށް ދުރު ރާސްތާ ޕްލޭންތައް ތައްޔާރުކޮށް ތަންފީޒުކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. މިމޭރުމުން ވާހަކަފުޅު ކުރިޔަށް ގެންދަވަމުން އެކަމަނާ ވަނީ ރާއްޖޭގެ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކް މަދުކުރުމަށް ސްކޫލްތަކުން ފެށި ޕްރޮގްރާމް ޤައުމީ ސިޔާސަތަކަށް ވެއްޖެކަމުގައި ވިދާޅުވެފައެވެ.
މީގެ އިތުރުން ވެސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ސިޔާސަތު ކަނޑައެޅުމުގައި އަންހެނުން ބައިވެރިވުމަކީ ދެމެހެއްޓެނިވި ޙައްލުތަކެއް އަންނަ ކަމެއްކަން ފާހަގަކުރައްވައި، ތިމާވެށީގެ ކަންކަމުގައި އަންހެނުންގެ ބައިވެރިވުމާއި، ލީޑަރޝިޕް އިތުރުކުރުމާއި ގުޅޭގޮތުން ވާހަކަފުޅުދައްކަވާފައެވެ.
ކޮންމެ އަހަރަކު އޭޕްރީލް މަހުގެ 7 ވަނަ ދުވަހު ފާހަގަކުރަމުންދާ ދުނިޔޭގެ ޞިއްޙަތު ދުވަހުގެ މިއަހަރުގެ ޝިއާރަކީ "އަވަރ ޕްލެނެޓް، އަވަރ ހެލްތެ" މިއެވެ. ދުނިޔޭގެ ޞިއްޙަތު ދުވަސް ފާހަގަކުރަނީ 1948 ވަނަ އަހަރު ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ އުފެދުނު ތާރީޚް ފާހަގަކުރުމުގެ ގޮތުންނެވެ.