އެމެރިކާގެ އަމިއްލަ ޖަމާޢަތެއް ކަމުގައިވާ 350 ޑޮޓް އޯރގްއިން އިސްނަގައިގެން މިއަދު މުޅި ދުނިޔޭގައި ފާހަގަކުރަމުންދާ "އިންޓަރނޭޝަނަލް ޑޭ އޮފް ކްލައިމެޓް އެކްޝަން" ގައި ބައިވެރިވުމުގެ ގޮތުން ރާއްޖޭގައި ހިންގުމަށް ހަމަޖެހިފައިވާ ޙަރަކާތްތައް ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ރޭ ފަށްޓަވައިދެއްވައިފިއެވެ.

ރާއްޖޭގައި މިދުވަހުގެ ހަރަކާތްތައް ފެށިގެންދިއައީ، ޑައިވާރސް އެސޯސިއޭޝަންގެ ފަރާތުން އިސްނަންގަވައިގެން، ސައުވީސް ގަޑިއިރަށް ދެމިގެންދާގޮތަށް ކަނޑުއަޑީގައި ބާއްވަވާ މުޒާހަރާ، ރޭ މެންދަމު 12 ޖަހާއިރު ފެށުމާއެކުއެވެ. މި ޙަރަކާތްތައް ފަށްޓަވައިދެއްވުމުގެ ގޮތުން ރޭ 12 ޖެހިއިރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކުރިމަތިން ބޮޑުތަކުރުފާނު މަގުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ރާއްޖޭގައި "އިންޓަރނޭޝަނަލް ޑޭ އޮފް ކްލައިމެޓް އެކްޝަން" ކުލަގަދަ ގޮތެއްގައި ފާހަގަކުރުމަށް މޯލްޑިވްސް ޑައިވާރސް އެސޯސިއޭޝަނުން ވަރަށް އިސްދައުރެއް އަދާ ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވައި، އެކަމަށްޓަކައި އެސޯސިއޭޝަނަށް އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.

ކަނޑުއަޑީގެ މި މުޒާހަރާއަކީ ރޭ 12.00ން ފެށިގެން މިރޭ 12.00 ށް ކުރިއަށްދާ ހަރަކާތެކެވެ. މި ހަރަކާތުގައި 350 ޑައިވަރުން 24 ގަޑިއިރުވަންދެން މޫދު އަޑީގައި ބާއްވާ އެކި ހަރަކާތްތަކުގައި ބައިވެރިވާނެއެވެ.

350 ޑޮޓް އޯރގް އިން އިސްނަގައިގެން މުޅިދުނިޔޭގައި މިއަދު، "އިންޓަރނޭޝަނަލް ޑޭ އޮފް ކްލައިމެޓް އެކްޝަން"ގެ ގޮތުގައި ފާހަގަކުރަމުން މިގެންދަނީ، ދުނިޔެ ހޫނުވުމަށް މެދުވެރިކުރުވާ ކާރބަންޑައިއޮކްސައިޑް ޖައްވުގައި ހިމެނޭ މިންވަރު 350 ޕާރޓްސް ޕާރ މިލިއަން އަށް ދަށްކުރުމަށް އެއްބަސްވުމަށް، މިއަހަރު ޑިސެމްބަރު މަހު ކޯޕަންހޭގަންގައި ބާއްވާ އ.ދ.ގެ މޫސުމާ ބެހޭ ބައްދަލުވުމުގައި ބައިވެރިވާ ދުނިޔޭގެ ޤައުމުތަކުގެ އިސްވެރިންނަށް ބާރުއެޅުމުގެ ގޮތުންނެވެ.