ވަރލްޑް ގަވަރމަންޓް ސަމިޓް 2022 ގައި ރާއްޖޭގެ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާ މިއަދު ވާހަކަފުޅު ދައްކަވައިފިއެވެ. މި ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ޔޫ.އޭ.އީގެ ދުބާއީއަށް ވަޑައިގެންނެވި ދިވެހި ވަފުދުގެ ވެރިއަކީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމެވެ.

މިނިސްޓަރ ޝައުނާގެ ވާހަކަފުޅުގައި ރާއްޖޭގެ ރަށްތައް ގުދުރަތީ ގޮތުން ބެހިފައި ހުރިގޮތުން ރަނގަޅު ފެންވަރުގެ ޞިއްޙީ ޚިދުމަތާއި ތަޢުލީމު ހުރިހާ ރަށަކަށް އެއް ހަމައެއްގައި ފޯރުކޮށްދިނުމަކީ ގޮންޖެހުން ބޮޑު މަސައްކަތެއްކަން ފާހަގަކުރެއްވިއެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް ރާއްޖެއަކީ ވިލުންތެރިކަމަށް އިސްކަންދޭ ޤައުމަކަށް ވާންޖެހޭކަން މިނިސްޓަރ ޝައުނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ވެސް ވިލުންތެރިކަން އިތުރުކުރުމަށް މުސްތަޤްބަލުގައި ކުރިމަތިވެދާނެ ކަންކަމަށް މީހުން ބިނާކޮށް ޒުވާން ޖީލު ތައްޔާރުކުރަންޖެހޭކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.

މި މޭރުމުން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޝައުނާ ވަނީ މީގެ 2 އަހަރު ކުރިން ރާއްޖޭގައި ސްކޫލް ނިންމާ ކުދިންނަށް އަތްފޯރާފަށުގައި މަތީ ތަޢުލީމު ޙާޞިލުކުރުމުގެ ފުރުޞަތު ނެތްކަން ފާހަގަކުރައްވާފައެވެ. ނަމަވެސް މިހާރު މި ސަރުކާރުން މަތީ ތަޢުލީމު ހިލޭ ހޯދުމުގެ ފުރުޞަތު ފަހިކޮށްދީ މިހާތަނަށް ގާތްގަޑަކަށް 10،000 ކުދިނަށް އެފުރުޞަތު ހޯދައިދެވިފައިވާކަން ޝައުނާ ފާހަގަކުރެއްވިއެވެ. ހަމަ އެހެންމެ ގިނަ ޢަދަދެއްގެ ކުދިން ހެނދުނު ނާސްތާ ނުނަގައި ސްކޫލަށް ހާޒިރުވުމުގެ ސަބަބުން ކުދިންގެ އުނގެނުމަށް އޭގެ އަސަރުކުރާކަން ފާހަގަކުރެވޭތީ އެކަމަށް ޙައްލެއް ގެނައުމުގެ ގޮތުން ނާސްތާ ޕްރޮގްރާމް ސްކޫލް ކުދިންނަށް ތަޢާރަފުކުރައްވާފައިވާކަން މިނިސްޓަރ ޝައުނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ރާއްޖޭގައި މީހުން ބިނާކުރުމުގެ ކަންކަން ކުރިޔަށްދާގޮތަށް އަލިއަޅުވާލައްވައި، ރާއްޖެއަށް ކުރިމަތިވާ ގޮންޖެހުންތަކާ ކުރިމަތިލެވޭގޮތަށް އަމާޒުހިފައިގެން މީހުން ބިނާކުރުމުގައި އެހީތެރިކަމާއި ބައިވެރިވުން ބޭނުންވާކަން ޝައުނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ޝައުނާ ވަނީ ކޯވިޑްގެ ބަލިމަޑުކަމުގެ ކުރިން ފެށިގެން ސަރުކާރުން ޞިއްޙީ ޚިދުމަތްތައް ލާމަރުކަޒު ކުރުމުގެ މަސައްކަތް ފަށާފައިވާތީ ކޯވިޑް ބަލިމަޑުކަން ކުރިމަތިވުމުން ރާއްޖެ އެ ޙާލަތުން އަރައިގަތުމަށް މަގުފަހިވެގެންދިޔަކަން ފާހަގަކުރައްވާފައެވެ. ޝައުނާގެ ވާހަކަފުޅުގައި ޕްރައިމަރީ ހެލްތު ކެއަރގެ ދާއިރާއަށް އަލިއަޅުވާލައްވަމުން ރާއްޖޭގެ އާބާދީގެ 90 އިން ސައްތައަށް ވެކްސިން ދީފައިވާކަން ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް ގައިންގަޔަށް ނާރާ ބަލިތައް އިތުރުވަމުން ދާދިއުން އެއީ އެކަމަށް އިތުރު މަސައްކަތްތަކެއް ކުރަންޖެހޭ ކަމެއްކަން ޝައުނާ ފާހަގަކުރެއްވިއެވެ.

މި ސަމިޓުގައި ޝައުނާ ވަނީ ރާއްޖެ ހިމެނޭހެން ދުނިޔޭގެ ތަރައްޤީގައި ޓެކްނޯލޮޖީއަށް ބަރޯސާވާ މިންވަރު އިތުރުވެފައިވާކަން ހާމަކުރައްވައި، ރާއްޖޭގެ ސަރުކާރުން ޑިޖިޓަލް އައިޑެންޓިފިކޭޝަން ސިސްޓަމަކަށް ބަދަލުކުރުމަށް ކުރެވެމުންދާ މަސައްކަތައް އަލިއަޅުއްވާލައްވާފައެވެ. އެކަމަނާ ވިދާޅުވިގޮތުގައި، ވިލުންވެރި މުޖުތަމަޢެއްޤާއިމުކުރުމަށް ޓެކްނޯލޮޖީ އަދި އެކަމާ ގުޅޭ މަޢުލޫމާތު އެނގުން މުހިންމުކަން ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ޝައުނާ ވިދާޅުވިގޮތުގައި ސެޓެލައިޓާއި ޑްރޯން ފަދަ ޓެކްނޯލޮޖީގެ އެހީގައި ރާއްޖޭގެ އައްސޭރިފަށާއި ފަރުތަކުގެ ގުދުރަތީ ޙާލަތު ދެނެގަނެ މިފަދަ މަޢުލޫމާތުގެ އެހީގައި އެނގިތިބެ ކަމާގުޅޭ ނިންމުންތައް ނިންމޭނެއެވެ. އަދި ޝައުނާ ވަނީ ރާއްޖެއަކީ ކުޑަ ޤައުމެއްކަމުން އުފެއްދުންތެރި އާ ޓެކްނޯލޮޖީގެ ޢީޖާތުތައް ޓެސްޓުކުރުމަށް ބޭނުންހިފޭނެ ޤައުމަކަށް ރާއްޖެވާނެ ކަމުގައިވެސް ވިދާޅުވެފައެވެ.