ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އިންޑިއާގެ މަޝްހޫރު ވިޔަފާރިވެރިޔާ، ޓާޓާ ގްރޫޕްގެ ޗެއަރމަން މިސްޓަރ ރަޓަން ޓާޓާއާ ބައްދަލުކުރައްވައި، ރާއްޖޭގައި ހުރި ވިޔަފާރިއާ އިންވެސްޓްމަންޓްގެ ފުރުޞަތުތަކާ ބެހޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ ރައީސުލްޖުމްހޫރިއްޔާ މިހާރު އިންޑިއާގެ ނިއުދިއްލީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެމަނިކުފާނު ހުންނަވާ ތާޖް މަހަލް ހޮޓަލުގައި ރޭގައެވެ.

މި ބައްދަލުކުރެއްވުމުގައި، މިސްޓަރ ޓާޓާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި ހިންގަވަމުން ގެންދަވާ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދެވުމުގައި، ސަރުކާރާއި ގުޅިވަޑައިގެން މަސައްކަތް ކުރައްވަން ބޭނުންފުޅުވާ ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހާރު އިންޑިއާއަށް މިކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ، ނިއުދިއްލީގައި ބޭއްވުނު މޫސުމާބެހޭ މަތީފެންވަރުގެ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް އިންޑިއާގެ ބޮޑުވަޒީރު މަންމޯހަން ސިންހް ދެއްވި ދަޢުވަތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދަތުރުފުޅުގައި، އިންޑިއާގެ އޯލް އިންޑިއާ ރޭޑިއޯއަށާއި، އިންޑިއާގެ ޕީ.އޯ.އައި. ޓީވީ އަށް މިއަދު ދެ އިންޓަރވިއު ދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ، ނިއުދިއްލީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހައިދަރުއާބާދަށް ވަޑައިގަންނަވާނެއެވެ. ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި މާލެ ވަޑައިގަތުމުގެ ކުރިން، މިރޭ ހައިދަރުއާބާދުގައި އިންޑިއާގެ މަޝްހޫރު މިއުޒިކު ކުޅުންތެރިޔާ އޭ.އާރ. ރަޙްމާން ބާއްވަވާ އެހީގެ ކޮންސެޓެއް ބައްލަވާލައްވާނެއެވެ.