ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، އެކްސްޕޯ 2020 ދުބާއިއަށް ޒިޔާރަތްކުރައްވައި އެކްސްޕޯ ބައްލަވާލައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އެކްސްޕޯގެ ރާއްޖޭގެ ޕެވިލިއަންއާ ސަޢޫދީ ޢަރަބިއްޔާގެ ޕެވިލިއަންއަށް ޒިޔާރަތްކުރައްވާފައެވެ.

ރާއްޖޭގެ ޕެވިލިއަނުން ދައްކުވައިދެނީ މޫސުމަށް އަންނަ ބަދަލުތަކާއި ކުރިމަތިލައި ގުދުރަތީ ދިރުންތައް ދެމެހެއްޓޭނެގޮތަށް ދިރިއުޅުމުގެ އާދަތައް ބައްޓަންކޮށްގެން ދިރިއުޅުން ކުރިޔަށްގެންދެވޭނެ ގޮތެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ރާއްޖޭގެ ޕެވިލިއަންއަށް ކުރެއްވި ޒިޔާރަތުގައި އެމަނިކުފާނު ވަނީ ޕެވިލިއަންގައި ބޭއްވި މާހެފުމެއްގައި ބައިވެރިވެވަޑައިގެން ޕެލިއަންގައި ބައެއް ދިވެހިންނާއި ބައްދަލުކުރައްވައި ޚިޔާލު ބަދަލުކޮށްލައްވާފައެވެ.

ސަޢޫދީ ޢަރަބިއްޔާގެ ޕެވިލިއަނުން ދައްކުވައިދެނީ މީހުންނާއި، ގުދުރަތީ ދިރުންތައް، ތަރިކަ އަދި ފުރުޞަތުތައް ހިމެނޭ މައިގަނޑު 4 ތަނބެއްގެ މައްޗަށް މުސްތަޤުބަލު ބިނާވެފައި އޮންނާނެ ގޮތުގެ ތަސައްވުރެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޔޫ.އޭ.އީ.ގެ ދުބާއީއަށް ވަޑައިގަންނަވާފައި ވަނީ ވަރލްޑް ގަވަރމަންޓް ސަމިޓް 2022ގައި ބައިވެރިވެވަޑައިގެންނެވުމަށެވެ.