ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އިންޑިއަން ނޭޝަނަލް ކޮންގްރެސް ޕާޓީގެ ރައީސާ އަދި އިންޑިއާގެ ވެރިކަންކުރާ ޔުނައިޓެޑް ޕްރޮގްރެސިވް އެލައަންސްގެ ޗެއާރޕަރސަން މިސިޒް ސޯނިއާ ގާނދީއާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ ނިއުދިއްލީގައި ރައީސުލްޖުމްހޫރިއްޔާ ހުންނަވާ ތާޖް މަހަލް ހޮޓަލުގައި މިއަދު ހެނދުނުއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވުނު ގިނަ ޕާޓީތައް ބައިވެރިވި އިންތިޚާބު ކާމިޔާބު ކުރެއްވުމަށްފަހު އެމަނިކުފާނު މިދިޔަ އަހަރު ޑިސެމްބަރު މަހު އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ މައްޗަށް ބައްލަވާލެއްވިއެވެ.
އަދި، ހަރުދަނާ ޑިމޮކްރަސީއެއް ބިނާކުރުމުގައި ވާދަވެރި ސިޔާސީ ޕާޓީތަކާއި، ސަރަޙައްދީ އިންތިޚާބުތަކުގެ މުހިންމުކަމާބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއާއި، މިސިޒް ސޯނިއާ ގާނދީ ވާހަކަފުޅުދެއްކެވިއެވެ.
ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ދެއްކެވި ވާހަކަފުޅުގައި އިންޑިއާގައި ސިޔާސީ ޕާޓީތަކުގެ ދައުރު ފުޅާކުރެއްވުމަށް ރާހުލް ގާނދީ ކުރައްވަމުންގެންދަވާ މަސައްކަތްޕުޅުތަކަށް ތަޢުރީފް ކުރެއްވިއެވެ.
މީގެއިތުރުން މޫސުމަށް އަންނަ ބަދަލުތަކާއި، މި ބަދަލުތަކާ ގުޅިގެން ކުރިމަތިވާ ނުރައްކާތައް ކުޑަކުރުމަށް އާ ޓެކްނޮލޮޖީތައް ތަޢާރަފް ކުރުމާބެހޭގޮތުން މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާއާއި މިސިޒް ސޯނިއާ ގާނދީ މަޝްވަރާކުރެއްވިއެވެ.
މިގޮތުން، ތިމާވެށްޓާ ރައްޓެހި އީޖާދުތަކުގެ އިންޤިލާބެއް ގެނައުމުގައި އިންޑިއާއިން އިސްދައުރެއް އަދާކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިއްޔެ ގޮވާލެއްވި ގޮވާލެއްވުން އެމަނިކުފާނު ތަކުރާރު ކުރެއްވިއެވެ.
މިބައްދަލުކުރެއްވުމުގައި، ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ގާތްގުޅުން ފާހަގަކުރައްވަމުން، މިގުޅުން ދަނީ ދުވަހެއް ދުވަހަކަށް ކުރިއަރަމުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އިއްޔެ ރައީސުލްޖުމްހޫރިއްޔާ ވަނީ އިންޑިއާގެ ބޮޑުވަޒީރު މަންމޯހަން ސިންހާ ވެސް ބައްދަލުކުރައްވައި ދެ ޤައުމުގެ ދެމެދުގައި އޮންނަ ގުޅުމާބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް މިކުރައްވާ ދަތުރުފުޅަކީ އިންޑިއާ ސަރުކާރާއި އ.ދ. ގުޅިގެން ނިއުދިއްލީގައި ބާއްވާ މޫސުމާ ބެހޭ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށް އިންޑިއާގެ ބޮޑުވަޒީރު ދެއްވި ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.