ފުވައްމުލައް ސިޓީއާ އައްޑޫ ސިޓީއަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ކުރެއްވި 4 ދުވަހުގެ ދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޝާލިޙް އަދި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ފުވައްމުލައް ސިޓީއާ އައްޑޫ ސިޓީއަށް ކުރެއްވި މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި ވަޒީރުންނާއި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ ފުވައްމުލައް ސިޓީއާ އައްޑޫ ސިޓީގެ ރައްޔިތުންނަށް އެ ދެކަނބަލުންގެ ފަރާތުން މާހެފުން ދެއްވާފައެވެ. މި ދެ ސިޓީގައި ބޭއްވި މާހެފުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދެ ސިޓީގެ ތަރައްޤީއަށް ކުރިޔަށް ރޭވިފައި ހުރި މިހާރު ކުރިޔަށްދާ މުހިންމު މަޝްރޫޢުތަކެއްގެ މަޢުލޫމާތު ރައްޔިތުންނާ ޙިއްޞާކުރައްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ މި ދެސިޓީގެ ސިޓީ ކައުންސިލާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާ ބައްދަލުކުރައްވައި މި ދެސިޓީގެ ތަރައްޤީގެ މަޝްރޫޢުތަކާ ގުޅޭގޮތުންނާއި ކައުންސިލާއި ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ މިދަތުރުފުޅުގައި ވަނީ އިންޑިޔާގެ ހިލޭ އެހީގެ ދަށުން އައްޑޫގައި ތަރައްޤީކޮށްފައިވާ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް ރަސްމީގޮތުން ހުޅުވައިދެއްވާފައެވެ.މި ޕޮލިސް އެކަޑަމީއަކީ ޒަމާނީ ވަސީލަތްތަކާއިއެކު ތަރައްޤީކުރެވިފައިވާ ފެސިލިޓީއެކެވެ. އަދި މިފެސިލިޓީގައި ކުރިއަށްގެންދިއުމަށް ރޭވިފައިވާ ތަމްރީންތަކަކީ ޑިމޮކްރެޓިކް އުޞޫލުތަކާއި ޒަމާނީ ބެސްޓް ޕްރެކްޓިސަސް ހިމަނައިގެން ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ތަމްރީނުތަކެވެ.

ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް ހުޅުވައިދެއްވައި ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ތަނަކީ ދިވެހި ފުލުހުންގެ ޚިދުމަތް ތަރައްޤީކުރުމަށްޓަކައި ވަރަށް މުހިންމު ދައުރެއް އަދާކުރާނެ ތަނަކަށް ވެގެންދާނެކަމުގައެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އައްޑޫސިޓީ މަރަދޫ ބަނދަރާއި މަރަދޫފޭދޫ ބަނދަރުގެ އިތުރުން މީދޫ ބަނދަރު ރަސްމީގޮތުން ހުޅުވައިދެއްވާފައެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ އައްޑޫ ސިޓީގެ މަގު ހެދުމާއި ފެންހިންދާ ނިޒާމު ޤާއިމުކުރުމުގެ ބޮޑު މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށައިދެއްވާފައެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ އައްޑޫ ސިޓީއަށް 194.3 ހެކްޓަރުގެ ބިން އިތުރުކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވަނީ މަރަދޫ ސްކޫލްގައި އަލަށް އިމާރާތްކުރި 12 ކްލާސްރޫމް އިމާރާތް ރަސްމީގޮތުން އިފްތިތާޙްކޮށްދެއްވާފައެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަނލުން ވަނީ މި ދެސިޓީގައި ކުރިޔަށްދާ ތަރައްޤީގެ ބައެއް މަޝްރޫޢުތައް ކުރިޔަށްދާގޮތް ބައްލެއްވުމުގެ އިތުރުން ސަރުކާރުގެ ބައެއް މުއައްސަސާތަކަށް ޒިޔާރަތްކުރައްވާފައެވެ.