ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ޑެންމާކުގެ މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް އެންޑް އެނަރޖީ މިޒް ކޮނީ ހެޑްގާރޑާ މިއަދު ހެނދުނު، އިންޑިއާގެ ނިއުދިއްލީގައި ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ، މިއަހަރު ފަހުކޮޅު ޑެންމާކުގެ ކޯޕަންހޭގަންގައި ބޭއްވުމަށް ހަމަޖެހިފައިވާ އ.ދ.ގެ މޫސުމާބެހޭ ކޮންފަރެންސުން ރަނގަޅު ނަތީޖާއެއް ނެރުމާ ބެހޭގޮތުންނެވެ.
މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވެފައިވާ ނުރައްކާތަކުގެ މުހިންމުކަން ފާހަގަކުރައްވަމުން، މި ނުރައްކާތަކުން އިންސާނިއްޔަތު ސަލާމަތްކުރުމަށް ދެން އޮތް ހަމައެކަނި ފުރުޞަތަކީ ކޯޕަންހޭގަން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި، ކޯޕަންހޭގަންގައި ބޭއްވޭ މަޝްވަރާތަކުގައި ދުނިޔޭގެ އެންމެ ނާޒުކު ޤައުމުތަކުގެ މަޞްލަޙަތަށް ޚާއްޞަ ސަމާލުކަމެއް ދިނުމާބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދެއްކެވިއެވެ.
މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރުމަށާއި، މި ބަދަލުތަކަށް ހޭނުމަށް އެކަށައެޅޭ ސިޔާސަތުތަކާބެހޭގޮތުން ވާހަކަފުޅުދައްކަވަމުން، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނުރައްކާތަކަށް ހޭނުމަށް އެންމެ އިސްކަންދޭންޖެހޭ ކަމަކީ ހެޔޮވެރިކަމެއް ޤާއިމުކުރުންކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.
ދައުލަތުގެ ބަޖެޓްގެ ހާލަތު ރަނގަޅު ކުރެއްވުމަށްޓަކައި، ސަރުކާރުން މިވަގުތު އަޅުއްވަމުންގެންދަވާ ޚަރަދުކުޑަކުރެއްވުމުގެ ފިޔަވަޅުތަކުގެ ދަށުން ސަރުކާރުން ރާއްޖޭއިން ބޭރަށް ކުރައްވާ ދަތުރުފުޅުތައް މަދުކުރެއްވުމަށް ނިންމަވާފައިވާ ނިންމެވުމަށް ބައްލަވާލައްވަމުން، ޑެންމާކުގެ ކްލައިމެޓް ޗޭންޖް އެންޑް އެނަރޖީ މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި ކޯޕަންހޭގަން ކޮންފަރެންސްގައި ރާއްޖެ ބައިވެރިވުމަކީ ވަރަށް މުހިންމު ކަމެއްކަމުގައި ވިދާޅުވިއެވެ.
އެކަމަނާގެ ވާހަކަފުޅުގައި، މޫސުމަށް އަންނަ ބަދަލުތަކާބެހޭގޮތުން ކުރެވޭ މަޝްވަރާތަކުގައި، އަދި ވަކިން ޚާއްޞަ ގޮތެއްގައި އެންމެ ނާޒުކު ޤައުމުތަކުގެ އަޑު އުފުލުމުގައި، ރައީސް ނަޝީދަށް ވަރަށް މުހިންމު ދައުރެއް އަދާކުރެއްވިދާނެކަމަށް ޤަބޫލުފުޅުކުރައްވާކަމުގައި ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް މިކުރައްވާ ދަތުރުފުޅަކީ މޫސުމަށް އަންނަ ބަދަލުތަކާބެހޭގޮތުން ނިއުދިއްލީގައި އިއްޔެ ފެށުނު އިސްވެރިންގެ ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް އިންޑިއާގެ ބޮޑުވަޒީރުގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
އެމަނިކުފާނުގެ މިދަތުރުފުޅުގައި، އިއްޔެވަނީ މި ސަމިޓްގައި ތަޤްރީރު ކުރައްވައި، އަދި އިންޑިއާގެ ބޮޑުވަޒީރާވެސް ބައްދަލުކުރައްވާފައެވެ.