ދިވެހިރާއްޖެއަށް ދެމެހެއްޓެނިވި ހަމަޖެހުމާއި ތަރައްޤީ ލިބިގެންދާނީ މޫސުމަށް އަންނަ ނޭދެވޭ ބަދަލުތައް ކޮންޓްރޯލް ކުރެވިގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އިންޑިޔާގެ ނިއުދިއްލީގެ އޮބްޒާވަރ ރިސަރޗް ފައުންޑޭޝަންގައި "ތިމާވެށްޓާއި މައްސަލަތައް ޙައްލުކުރުން" މިމައުޟޫއަށް މިއަދު ތަޤްރީރު ކުރައްވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ތަޤްރީރު އިތުރަށް ކުރިއަށް ގެންދަވަމުން، ރާއްޖޭގެ މަސްކަނޑުތަކުގައި ގަވާއިދާ ޚިލާފަށް މަސްބޭނުމާއި، ރާއްޖޭގައި ޓެރަރިސްޓް ހަރަކާތްތައް ނުހިންގޭނެގޮތް ހެދުމަކީ، ރާއްޖޭގެ ޤައުމީ ސަލާމަތާބެހޭ އެންމެ މުހިންމު ކަންތައްތަކުގެ ގޮތުގައި ހިމެނޭ ކަންތައްތައްކަން ފާހަގަކުރެއްވިއެވެ. ހަމައެގޮތަށް، ކޯޕަންހޭގަން ސަމިޓުގައި ދުނިޔެ ސަލާމަތްކުރާނެ އެއްބަސްވުމަކަށް އައުމަކީވެސް، ޤައުމީ ސަލާމަތާބެހޭ ކަމެއް ކަމަށް ރާއްޖެއިން ދެކޭކަން ރައީސް ހާމަކުރެއްވިއެވެ.

ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު، ގުޅިފައިވާ ޤައުމުތަކުން ޕޮލަންޑްފަދަ އޭރުގެ އިސްސަފުގައި އޮތް ޤައުމުތައް ސަލާމަތްކުރި ފަދައިން، މޫސުމަށް އަންނަ ބަދަލުތަކުގައި އިސް ސަފުގައިވާ ރާއްޖެފަދަ ޤައުމުތައް ސަލާމަތް ކުރުމަކީ، މުޅި ދުނިޔޭގެ ސަލާމަތަށްޓަކައި ކުރަން ޖެހިފައިވާ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވަމުން އަންނަ ގެއްލުންތަކުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވަމުން، މިއީ، ދިވެހިންނަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު މައްސަލައެއް ކަމަށާއި، އެކަމުގެ ޙަޤީޤަތް ސާފުކޮށް ފެންނަން އޮތް ކަމެއް ކަމުގައި ވިދާޅުވިއެވެ. އެހެންނަމަވެސް، އަޅުގަނޑުމެންގެ ސުވަރުގެއެއްފަދަ މި ދިވެހިރާއްޖެ ދޫކޮށް، ތިމާވެށީގެ ރެފިއުޖީންނަށް ވާން އެއްވެސް ދިވެއްސަކު ބޭނުންނުވާ ކަމުގައި ވިދާޅުވިއެވެ. މިމޭރުމުން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ދައްކަވަމުން، މޫސުމަށް އަންނަ ބަދަލުތަކަކީ ހަމައެކަނި ދިވެހިރާއްޖެ، ބަންގްލަދޭޝް އަދި ހޮލެންޑް ފަދަ ބިންތިރި ޤައުމުތަކަށް ދިމާވެފައިވާ މައްސަލައެއް ނޫންކަމަށާއި، މިކަމަށް ޙައްލެއް ނުހޯދިއްޖެނަމަ މުޅި ދުނިޔެއަށް މިކަމުގެ ނުރައްކާ ކުރިމަތިވާނެ ކަމުގައި ވިދާޅުވިއެވެ.

2007ވަނަ އަހަރު ސީ.އެން.އޭ. ކޯޕަރޭޝަނުން ތައްޔާރު ކޮށްފައިވާ ރިޕޯޓެއްގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ އަލިއަޅުވާލައްވަމުން، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކަށް ޙައްލެއް ނުހޯދިއްޖެނަމަ ދުނިޔެއަށް ވަރަށް ބޮޑެތި ނުރައްކާތަކާ ކުރިމަތިވާނެ ކަމުގައި ވިދާޅުވިއެވެ. މިގޮތުން، ދުވަހަކުވެސް ދެކެފައި ނުވާފަދަ ބޮޑެތި އިންސާނީ ކާރިސާތައް ދުނިޔެއަށް ކުރިމަތިވެ، ދުނިޔޭގެ ފަޤީރު ހިސާބުތަކުގައި ދިރިއުޅެމުންދާ މީހުންގެ ދިރިއުޅުން އިހުނަށްވުރެ ދަށަށް ދާނެކަމުގައި ވިދާޅުވިއެވެ. މީގެ ނަތީޖާއެއްގެ ގޮތުން ދުނިޔޭގެ ކަންކޮޅުތަކުގައި ސިޔާސީ ހަމަނުޖެހުން އުފެދި، ހައްދުފަހަނަޅައި ގޮސްފައިވާ ފިކުރުތަކާއި ދާޚިލީ މައްސަލަތައް އުފެދިގެންދާނެ ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ތަޤްރީރުގައި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނުރައްކާތައް އެންމެންނަށްވެސް އެނގޭ ކަމަށާއި، އެހެންނަމަވެސް އުފެދޭ ސުވާލަކީ، މިކަމަށް ޙައްލެއް ހޯދުމަށް އަޅުގަނޑުމެން ތައްޔާރަށްތޯ ތިބީ ކުރެވޭ ސުވާލު ކަމުގައި ވިދާޅުވިއެވެ. އަދި، ޖައްވުގައި ކާބަންޑައިއޮކްސައިޑްގެ މިންވަރު 350ޕީ.ޕީ.އެމް.އަށް ތިރިނުކުރެއްވިއްޖެނަމަ، ބޮޑެތި ކާރިސާތަކާ ކުރިމަތިވެދާނެކަން ރައީސުލްޖުމްހޫރިއްޔާ ބަޔާންކުރެއްވިއެވެ. އަދި ޖައްވުގައި ކާބަންޑައިއޮކްސައިޑްގެ މިންވަރު 350 ޕީ.ޕީ.އެމް.އަށް ތިރިކުރުމަށް އިޢާދަކުރަނިވި ހަކަތައިގެ އާ ޓެކްނޮލޮޖީ ބޭނުންވާ ކަމަށާއި، ތިމާވެށްޓާ ރަޙްމަތްތެރި މިފަދަ ޓެކްނޮލޮޖީއަށް އިންވެސްޓްކުރުމަކީ، ދުރު މުސްތަޤްބަލަށް ބަލާއިރު ހުރިހާ ޤައުމަކަށްވެސް ފައިދާކުރާނެ ކަމެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މިތަޤްރީރަށްފަހު، އޮބްޒާވަރ ރިސަރޗް ފައުންޑޭޝަނުން ރައީސުލްޖުމްހޫރިއްޔާގެ ޝަރަފުގައި ބޭއްވެވި މެންދުރުގެ ފަރިއްކޮޅެއްގައި އެމަނިކުފާނު ބައިވެރިވެވަޑައިގެންނެވިއެވެ.

މެންދުރުގެ ފަރިއްކޮޅަށްފަހު، އިއްޔެ ނިއުދިއްލީގައި ފެށުނު މޫސުމާބެހޭ، އިސްވެރިންގެ ބައްދަލުވުމާގުޅިގެން ކުރިއަށްދާ ތިމާވެށްޓާއި ރައްޓެހި އުފެއްދުންތަކާއި، އިޢާދަކުރަނިވި ހަކަތަ ދައްކައިދޭ މަޢުރަޒަށް ރައީސުލްޖުމްހޫރިއްޔާ ޒިޔާރަތްކުރެއްވިއެވެ. މި މަޢުރަޒުގައި އިންޑިއާއާއި، މިދާއިރާގައި ކުރިއަރާފައިވާ ބައިނަލްއަޤްވާމީ ކުންފުނިތަކުގެ އުފެއްދުންތައް ބައިވެރިކޮށްފައިވެއެވެ.