މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން، އިމާރާތްކުރުމުގެ ދާއިރާއަށް ދިމާވެފައިވާ ދަތިތަކަށް ޙައްލެއް ހޯއްދެވުމަށާއި އިމާރާތްކުރުމުގެ ދާއިރާއަށް ބޭނުންވާ ސާމާނު މެދުނުކެނޑި ލިބޭނެކަން ކަށަވަރުކުރުމާއި ގުޅޭ ގޮތުން ވަޒީރުންގެ މަޖިލީހުގެ އިއްޔެގެ ބައްދަލުވުމުގައި މަޝްވަރާކުރައްވައިފިއެވެ.

މިކަމާއި ގުޅޭ ގޮތުން މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑުން ހުށައެޅުއްވި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގެ މެމްބަރުން ކުރެއްވި މަޝްވަރާގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ، ގޮނޑުދޮށް ހިމާޔަތްކުރުމާއި، ބަނދަރު ހެދުމަށް މައިގަނޑު ގޮތެއްގައި ބޭނުންވާ ބޮޑުހިލައިގެ ބަދަލުގައި، ކޮންސްޓްރަކްޝަން ޑެމޯލިޝަން ވޭސްޓް ނުވަތަ އެހެންވެސް މެޓީރިއަލެއް ބޭނުންކޮށްގެން އީޖާދީ އެހެން ޙައްލެއް (ޚަރަދު ކުޑަ، ރެސިލިއެންޓް، ރާއްޖޭގެ ތިމާވެށްޓާ ގުޅޭ) ހޯއްދެވުމަށް ނިންމަވާފައެވެ. އަދި ކަމާބެހޭ ވުޒާރާތައް ގުޅިގެން މިފަދަ ޙައްލެއް ހޯދުމަށްޓަކައި ދިރާސާއެއް ކުރުމަށްޓަކައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް އިން ރިސަރޗް ގްރާންޓެއް ފަދަ ފައިސާގެ އެހީތެރިކަމެއް ހަމަޖައްސަވައިދެއްވުމަށް ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ. މީގެ އިތުރުން ޒަމާނީ ޓެކްނޯލޮޖީގެ އެހީގައި ގޮނޑުދޮށް ޙިމާޔަތްކުރަން ބޭނުންކުރާ މިފަދަ ވަސީލަތްތައް ވިއްކާ ކުންފުނިތަކާ މަޝްވަރާކުރައްވައިގެން، މިހާރުން މިހާރަށް ބޮޑުހިލައިގެ މައްސަލަ ޙައްލުކުރެވޭނެ ގޮތްތަކެއް ހޯއްދެވުމަށް މި ޖަލްސާގައި ވަނީ ނިންމަވާފައެވެ.

އިއްޔެގެ ޖަލްސާގައި، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑުން، ޤައުމުގެ ތެލާއި ހަކަތައިގެ ރައްކާތެރިކަން ވަރުގަދަކުރުމަށް އެކުލަވައިލައިފައިވާ އޮނިގަނޑާ ގުޅޭ ގޮތުން ހުށައެޅުއްވި ކަރުދާހަށްވެސް ވަޒީރުންގެ މަޖިލީހުގައި ވަނީ މަޝްވަރާ ކުރައްވާފައެވެ. އެގޮތުން މި މަޝްވަރާގެ އަލީގައި، ދިވެހިރާއްޖޭގައި ތެލާއި ހަކަތައިގެ ރައްކާތެރިކަން ވަރުގަދަކުރުމަށް މިހާރު އޮތް ޤާނޫނުގެ ތެރެއިން ހައްދަވަންޖެހޭ ގަވާއިދުތަކާއި ސްޓޭންޑަރޑްތައް ހައްދަވައި، އެއަށް އިތުރަށް ބޭނުންވާ ޓެކްނިކަލް ޑީޓެއިލްތަކާ ގުޅޭގޮތުން 'މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅޭ ކޮމިޓީ"ގައި މަޝްވަރާކުރެއްވުމަށްފަހު، އިކޮނޮމިކް ކައުންސިލަށް ހުށަހަޅުއްވައިގެން މިއާ ގުޅޭ ކަންކަން ނިންމެވުމަށް ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ވަނީ ހަމަޖައްސަވާފައެވެ.