ރައީސުލްޖުމްހޫރިއްޔާ ފުވައްމުލައް ސިޓީ ކައުންސިލާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާ ބައްދަލުކުރައްވައި އެ ސިޓީގެ ތަރައްޤީގެ މުހިންމު މަޝްރޫޢުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުމުގައި ފުވައްމުލައް ސިޓީ ކައުންސިލުން ވަނީ ކައުންސިލަރުން ދާދިފަހުން ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރައްވައި ފާހަގަކުރެއްވި ގިނަ ކަންކަމަށް ޙައްލު ހޯދައިދެއްވާފައިވާތީ އެކަން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ސިޓީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި އެ ސިޓީގެ އިތުރު މަގުތައް ހެދުމުގެ މަސައްކަތް ކުރިޔަށްދާއިރު ފަހިކުރަންޖެހޭ އިތުރު ކަންކަމަށް ބޭނުންވާ ފައިސާ ކައުންސިލަށް ލިބޭނެގޮތެއް ހަމަޖެއްސުމާއި ހައުސިންގ ޔުނިޓްތައް ތަރައްޤީކުރާއިރު ސިޓީ ކައުންސިލުން ބޭނުންވާ ގޮތަށް އެ ތަންތަން ޑިޒައިން ކުރެވޭނެ ގޮތްވުމާއި ސިޓީގައި އިތުރުވަމުންދާ އިޖްތިމާޢީ މައްސަލަތައް ޙައްލުކުރުމަށް ބޭނުންވާ ކަންކަމާއި ސިޓީގެ މާސްޓަރ ޕްލޭނެއް ހެދުމަށް ބަޖެޓު ހޯދުންފަދަ ކަންކަންކަމާއި އަދި މި ނޫންވެސް ސިޓީގެ ތަރައްޤީއަށް އެންމެ މުހިންމު ކަންކަން ހިމެނެއެވެ.މި ބައްދަލުކުރެއްވުމުގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން ވަނީ ސިޓީގެ ތަރައްޤީއަށް އަދި ޞިއްޙީ ދާއިރާއިން ބޭނުންވާކަންކަން ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އެ ސިޓީގެ ޞިއްޙީ ޚިދުމަތްތައް ތަރައްޤީކުރުމުގެ މަސައްކަތްތައް ބާރު ސްޕީޑުގައި ކުރިޔަށްގެންދިއުމާއި އަލަށް ހަދާ މަގުތަކާއެކު ޕާކިން ފަދަ ކަންކަން ހިމެނުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި މަގުހެދުމުގެ މަސައްކަތާއި ގުޅިގެން ފާހަގަކުރެއްވި ކަންކަމާއި އަދި ހައުސިންގް ޔުނިޓްތަކުގެ ޑިޒައިނާ ގުޅޭގޮތުން ފާހަގަކުރެއްވި ކަންކަން ކުރިޔަށް ގެންދާނީ ކައުންސިލުގެ ޚިޔާލާއި މަޝްވަރާގެ މަތިންކަން ފާހަގަކުރެއްވިއެވެ. އަދި އިޖްތިމާޢީ އެންމެ ބޮޑެތި މައްސަލަތަކާއި ގުޅޭގޮތުން ފާހަގަކުރެއްވި ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މުޅި ރާއްޖޭގައި ހުރި މި ފަދަ މައްސަލަތައް ޙައްލުކުރުމަށް ޓާސްކްފޯސްއެއް އެކުލަވާލައިގެން މަސައްކަތް ކުރިޔަށްދާކަން ފާހަގަކުރައްވައި މި މަސައްކަތުގައި ސިޓީތަކަށް އިސްކަންދެއްވާނެކަމުގައި ވިދާޅުވެފައެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ކަމާގުޅޭ އިދާރާތަކާ މަޝްވަރާކުރައްވާނެކަމުގައި ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން ވަނީ ފުވައްމުލައް ސިޓީގެ ގިރާ ސަރަޙައްދާއި ބަނދަރު ސަރަޙައްދަށް ޒިޔާރަތްކުރައްވައި އެ ތަންތަން ބައްލަވާލައްވާފައެވެ.

ފުވައްމުލަކު ސިޓީގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް އެމް.ޓީ. ހޯގާޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ވަނީ ހަވާލުކޮށްފައެވެ. މި މަޝްރޫޢުގެ ދަށުން ފުވައްމުލަކު ސިޓީގެ ބަނދަރުގެ އުތުރުން ފެށިގެން ރަށުގެ އިރުމަތީ ފަރާތުގައި 2650 މީޓަރުގެ ބޮޑުހިލައިގެ ތޮއްޓެއް ޤާއިމުކުރުމަށް ހަމަޖެހިފައިވެއެވެ. މި މަޝްރޫޢަކީ ނެދަލެންޑް ސަރުކާރުގެ ހިލޭ އެހީއާއި ކުވެއިތު ފަންޑުގެ ލޯނު އެހީއާ ދިވެހި ސަރުކާރުން ޚަރަދުކޮށްގެން ކުރިޔަށްގެންދާ މަޝްރޫޢެކެވެ. ފުވައްމުލައް ސިޓީގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން ދެއްވި މާހެފުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ސިޓީގެ ބަނދަރު ބޮޑުކުރުމަށް ބަނދަރުގެ ސާވޭގެ މަސައްކަތް، ކުރިން އެ މަސައްކަތް ކުރި ކުންފުންޏާ ހަވާލުކުރުމަށް ނިންމަވާފައިވާކަން ހާމަކުރައްވާފައެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން ވަނީ ފުވައްމުލައް ސިޓީގެ މަގު ހެދުމުގެ މަސައްކަތް ކުރިޔަށްދާގޮތް ބައްލަވާލެއްވުމުގެ އިތުރުން ފުވައްމުލައް ސިޓީ ހޮސްޕިޓަލަށް ޒިޔާރަތްކުރައްވައި ހޮސްޕިޓަލު ބައްލަވާލައްވާފައެވެ.ފުވައްމުލައް ސިޓީގެ މަގުހެދުމުގެ މަޝްރޫޢުގެ މަސައްކަތް ކުރިޔަށްގެންދަނީ އެމްޓީސީސީންނެވެ. މަގުހެދުމުގެ މި މަޝްރޫޢުގެ ދަށުން ފުވައްމުލައް ސިޓީގެ އެތެރޭގެ މަގުތައް ހެދުމުގެ ބޮޑުބައެއް ނިމިފައިވާއިރު މަގުތައް ތަރައްޤީކުރަނީ މަގުތަކުގައި ތާރުއެޅުމާއި ސްޓޯމްވޯޓަރ ޑްރެއިނޭޖާއި މަގުބައްތި ޖެހުން ވެސް ހިމެނޭގޮތަށެވެ. ފުވައްމުލައް ހޮސްޕިޓަލުގެ ޚިދުމަތް ފުޅާކޮށް ފެންވަރު މަތިކުރުމުގެ ގިނަ މަސައްކަތްތައް ކުރިޔަށްދާއިރު އޭގެތެރޭގައި 4 ކޮންސަލްޓިންގ ރޫމާއި، ލެބޯރޓަރީ އާއި، ޕީ.ސީ.އާރު ލެބާއި، ފިޒިއޯތެރަޕީ އާއި ވެއިޓިންގ އޭރިޔާ ހެދުމުގެ މަސައްކަތް ހިމެނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ފުވައްމުލައް ސިޓީއަށް ކުރައްވާ މި ދަތުރުފުޅުގައި ވަޒީރުންނާއި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެ ވަޑައިގަންނަވައެވެ.