ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ފުވައްމުލަކު ސިޓީގެ ތަރައްޤީގެ މުހިންމު މަޝްރޫޢުތަކެއް އިޢުލާނު ކޮށްދެއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މި މަޝްރޫޢުތައް އިޢުލާނު ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން ފުވައްމުލައް ސިޓީގެ ރައްޔިތުންނަށް މިރޭ ދެއްވި މާހެފުމުގެ ތެރެއިން ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި މާހެފުމުގައި ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުންގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ބައިވެރިވެވަޑައިގެންނެވިއެވެ.
ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނު ފުވައްމުލައް ސިޓީއަށް ވަޑައިގެންނެވުމުން އެ ސިޓީގެ ރައްޔިތުން ވިދާޅުވި ހޫނު މަރުހަބާއަށް ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ.
މާހެފުމުގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ މި ސަރުކާރުން ރިޔާސީ އިންތިޙާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ލޯކަލް ކައުންސިލް އިންތިޚާބުގައި ފުވައްމުލައް ސިޓީގެ ރައްޔިތުންނަށް ވީ ވަޢުދުތައް ފުއްދަވަމުން ގެންދަވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.
ފުވައްމުލައް ސިޓީގެ ކުރިޔަށްހުރި ތަރައްޤީގެ ބައެއް މަޝްރޫޢުތަކަށް ހާމަކުރައްވަމުން، ސިޓީ ކައުންސިލުން އެ ސިޓީގެ އެއަރޕޯޓް މިހާރަށްވުރެ ބޮޑުކުރުމަށް ހުށަހަޅާފައިވާކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެއަރޕޯޓް ބޮޑުކުރެވެން އޮތް މިންވަރެއް ބެލުމަށް ޓެކްނިކަލް ސާވޭއެއް ހަދަންޖެހޭކަން ފާހަގަކުރައްވައި އެ ސާވޭއަށްފަހު އެއަރޕޯޓް ބޮޑުކުރެވެން އޮތް އެންމެ ބޮޑަކަށް އެއަރޕޯޓް ބޮޑުކުރެވޭނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ. މީގެ އިތުރުން އެ ސިޓީގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލެއް ހޯދުމަށް މިހާރު ޓެންޑަރިންގ ގެ މަރުޙަލާގައިވާ 200 ހައުސިންގ ޔުނިޓުގެ އިތުރުން އިތުރު 200 ހައުސިންގ ޔުނިޓެއްގެ މަސައްކަތް ފުވައްމުލައް ސިޓީގައި ކުރިޔަށްގެންދިއުމަށް ނިންމަވާފައިވާކަން އެމަނިކުފާނު މިރޭ ހާމަކުރެއްވިއެވެ.
ފުވައްމުލައް ސިޓީގެ މިހާރު ކުރިޔަށްދާ މަގުހެދުމުގެ މަޝްރޫޢުގެ މަސައްކަތް ކުރިޔަށްދާއިރު އެ މަސައްކަތް މެދުނުކެނޑި ކުރިޔަށްދާގޮތަށް ދެވަނަ ފޭސްއެއްގެ ގޮތުގައި އިތުރު 10 ކިލޯމީޓަރުގެ މަގު ހެދުމަށް ނިންމަވާފައިވާކަން ވެސް ރައީސުލްޖުމްހޫރިއްޔާ މިރޭ އިޢުލާނުކުރެއްވިއެވެ.
ފުވައްމުލައް ސިޓީގައި ތަރައްޤީކުރާ 50 އެނދުގެ އައު ހޮސްޕިޓަލް ތަރައްޤީކުރާއިރު އެތަނުގައި ޚާއްޞަ ޚިދުމަތް ތަކެއްގެ ގޮތުގައި ކުޑަކުދިންނާއި އަންހެނުންނަށް ޚާއްޞަ ސްޕެލިޓީ ޚިދުމަތްތައް ހިމަނުއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެ އިތުރުންވެސް ފުވައްމުލައް ސިޓީގެ ބަނދަރުގެ ދަތިކަން ހައްލުކޮށް ބަނދަރު ބޮޑުކުރުމަށް ކުރިން އެ ބަނދަރުގެ މަސައްކަތް ކުރި ކުންފުންޏަށް ބަނދަރުގެ ސާވޭގެ މަސައްކަތް ހަވާލުކުރުމަށް ނިންމަވާފައިވާކަމަށާއި އަދި މި ނޫންވެސް މަސްވެރިންގެ ފަސޭހައަށް ރޭވިފައިވާ ކަންކަމާއި ފުވައްމުލައް ސިޓީގައި ފަތާފެންގަޑެއް ތަރައްޤީކުރުމާއި އަދި ސިޓީގެ ތަރައްޤީއަށް ރޭވިފައި ހުރި އަދި މިހާރު ހިނގަމުންދާ ބައެއް މަޝްރޫއުތަކުގެ ތަފްޞީލުތަކަށް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަލިއަޅުވާލެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ސަރުކާރުން ތަރައްޤީގެ ކަންކަން ކުރިޔަށްގެންދަވާނީ ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދަވައިގެންކަން ފާހަގަކުރެއްވިއެވެ. އަދި ފުވައްމުލައް ސިޓީއަކީ ބަޔޮސްފިއަރ ރިޒާވެއްކަން ފާހަގަކުރައްވައި ތަރައްޤީގެ މަޝްރޫއުތައް ކުރިޔަށްގެންދިއުމުގައި އެކަމަށް ޚާއްޞަ ސަމާލުކަމެއްދީގެން ގުދުރަތީ ދިރުންތައް އަންނަން އޮތްޖީލުތަކަށް ވާޞިލުކޮށްދެވޭގޮތަށް ކުރިޔަށްގެންދިއުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެެވެ.
މި މާހެފުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ސަރުކާރުން ރާއްޖޭގެ އިޖްތިމާޢީ ފޭރާން ރަނގަޅުކުރުމަށާއި ޚާއްޞަކޮށް ހެޔޮލަފާ ޖީލެއް ބިނާކުރުމަށް ތަޢުލީމީ ދާއިރާއިން ކުރަމުންގެންދާ މަސައްކަތްތައް ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ފުވައްމުލައް ސިޓީއަށް ވަޑައިގެންފައި މި ވަނީ ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން ފުވައްމުލަކު ސިޓީއާ އައްޑޫ ސިޓީއަށް ކުރައްވާ 4 ދުވަހުގެ ދަތުރުފުޅުގެ ތެރެއިންނެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި މި ދަތުރުފުޅުގައި ވަޒީރުންނާއި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެ ވަޑައިގަންނަވައެވެ.