ހަނިމާދޫ އެއަރޕޯޓް، އިންޓަރނޭޝަނަލް އެއަރޕޯޓަކަށް ބަދަލުކުރުމުގެ މަސައްކަތް، އިންޑިޔާގެ ކުންފުންޏަކުން ކުރައްވާނެކަމުގެ ވަރަށްބޮޑު އިތުބާރާއި ޔަޤީންކަން އެބައޮތް ކަމުގައި ރައިސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ އަޑު މެދުވެރިކުރައްވައި އެމަނިކުފާނު މިއަދު ހެނދުނު ދެއްވި ހަފްތާގެ ރޭޑިޔޯ ޚިޠާބުގައި އިންޑިޔާއަށް އެމަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ މައްޗަށް ބައްލަވާލައްވަމުންނެވެ. ރައިސުލްޖުމްހޫރިއްޔާގެ ރޭޑިޔޯ ޚިޠާބުގައި، އިހަވަންދިއްޕޮޅުގައިނަމަވެސް އިތުރު ބަނދަރެއް ހެދުމުގައި އިންޑިޔާ ސަރުކާރުން އެހީވެދެއްވާނެ ކަމުގެ ޔަޤީންކަން ވަރަށްބޮޑުކަމަށްވެސް ވިދާޅުވިއެވެ.

ދިވެހިރާއްޖެއާއި އިންޑިޔާއާ ދެޤައުމުގެ ދެމެދުގައިވާ ގާތް ރަޙްމަތްތެރި ގުޅުމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވަމުން، މި ދެ ޤައުމުގެ ދެމެދުގައި ޒަމާނުއްސުރެ ފަށައިގެން އޮންނަނީ ވަރަށް ގާތް ގުޅުމެއް ކަމުގައި ވިދާޅުވިއެވެ. "މި ސަރުކާރު ފެށުނީއްސުރެ އަޅުގަނޑުމެން މިގެންދަނީ އެ ގުޅުން ދިވެހިންނަށް އެންމެ ރަނގަޅު ގޮތަށް އެނބުރުމަށް އަދި ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރަމުން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރޭޑިޔޯ ޚިޠާބުގައި، ސްޓޭޓް ބޭންކް މެދުވެރިކުރައްވައި ޓްރެޜަރީން މިހާރު އެ ވިއްކަން ހަމަޖައްސާފައި ހުރި ބޮންޑުގެ ތެރެއިން އެކަށީގެންވާ އަދަދަކަށް އިންޑިޔާ ސަރުކާރުން ބޮންޑު ގަތުމަށް އެއްބަސްވެފައިވާކަންވެސް ހާމަކުރެއްވިއެވެ. އެހެން އެކަން ކުރިއަށް ހިނގައިގަތީމާ މިހާރު މިއޮތް ޑޮލަރުގެ ތާށިކަމަށް ވަރަށްބޮޑު ލުޔަކާއި ވަރަށްބޮޑު ފަސޭހައެއް ލިބިގެންދާނެކަން އެމަނިކުފާނު ބަޔާންކުރެއްވިއެވެ.
ދިވެހި ސަރުކާރާއި އިންޑިޔާ ސަރުކާރާ ގުޅިގެން ރާއްޖޭގެ ސަރަޙައްދު ބެލެހެއްޓުމަށް މިހާރު ހިންގަވާ މަޝްރޫޢުގެ އެހީތެރިކަން ވަރަށްބޮޑުކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވަމުން، ރާއްޖޭގެ ސަރަޙައްދުގައި ގަވާއިދާ ޚިލާފަށް މަސް ބާނަމުން ގެންދިޔަ ބޭރުގެ ދެ ބޯޓު ހިފަހައްޓާފައިވާ ހިފެހެއްޓުމަށް އިޝާރާތް ކުރެއްވިއެވެ. "އަޅުގަނޑުމެންގެ ބޭނުމަކީ، ދިވެހިރާއްޖޭގެ ކަނޑުތަކަކީ، ދިވެހިން އެ ކަނޑުތަކުގައި މަސްބާނާ، ދިވެހިންނަށް އެކަނޑުތަކުން ރޯދި ލިބޭ ކަނޑުތަކަކަށްވުން. އިރާދަކުރެއްވިއްޔާ ސަރުކާރުން އެކަނޑުތައް ބަލަހައްޓައިދޭނެ. ރާއްޖޭގެ ކަނޑަށް އެއްވެސް ބަޔަކު، ބޭރުބަޔަކު ވަދެ މަސްބާނާ ހަދައިގެން ނުވާނެ. ހަދައިފިއްޔާ އެބަޔަކާ ގުޅޭގޮތުން ދިވެހި ސަރުކާރުން އަޅަން އޮތް ހުރިހާ ފިޔަވަޅެއް އިރާދަކުރެއްވިއްޔާ އަޅާނެ." މި މޭރުމުން ޚިޠާބު ކުރިއަށް ގެންދަވަމުން، ރާއްޖޭގެ މަސްވެރިންނަށާއި މުޅި ރާއްޖޭގެ ރައްޔިތުންނަށް، ދިވެހި ކަނޑުތަކުގެ ރޯދި ލިބޭނެ އެންމެހާ ގޮތްތައް މި ސަރުކާރުން ރައްޔިތުންނަށް ފުރިހަމަކޮށްދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރޭޑިޔޯ ޚިޠާބުގައި، އިންޑިޔާ ސަރުކާރުން މިއަދުވެސް އިއްޔެވެސް އަދި މާދަމާވެސް އަޅުގަނޑުމެންނަށް ލިބެމުން އަންނަ އެންމެ ބޮޑު އެއް އިތުބާރަކީ، ޑިމޮކްރެޓިކް ދިވެހިރާއްޖެއަށް، ޑިމޮކްރެޓިކް ދިވެހި ސަރުކާރަކަށް ލޮޅުމެއް އަންނާނެ، ގުޑުމެއް އަންނާނެ އެއްވެސްކަމެއް ވިޔަކަ ނުދެއްވާނެކަމަށް އެބޭފުޅުން ވިދާޅުވާ ވިދާޅުވުންކަން ހާމަކުރެއްވިއެވެ. އެއީ، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް ހިތްހަމަޖެހުން ލިބޭނެކަމެއް ކަމަށާއި، ރާއްޖެ ޑިމޮކްރަސީއަށް އެނބުރުމުގެ އެންމެބޮޑު ބޭނުމަކީވެސް އެއީ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. "މިއަދު ސަރުކާރެއް ހިމާޔަތްކުރަން ތިބީކީއެއް ކަނޑިއާއި ބަޑި ހިއްޕަވައިގެން ތިއްބެވި ބޭފުޅުންނެއްނޫން. ސަރުކާރެއް ހިމާޔަތްކުރަން ހަމަތިބީ ހުސްއަތާ ތިބި ރައްޔިތުން. އެއީ، ސަރުކާރެއް ހިމާޔަތްކުރާގޮތަކީ. އެއީ، ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް ޑިމޮކްރަސީގެ އުސޫލުތަކާ ހަމަތަކުން ސަރުކާރު ހިނގަމުންދާއިރުގައި އޮމާންކަމާއެކީގައި ސުލްހަވެރިކަމާއެކީގައި ކަންކަން ހިނގަމުންދާ ސަބަބަކީ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ދެއްވި ރޭޑިޔޯ ޚީޠާބުގައި ޣިޔާޘުއްދީން ސްކޫލް ޕްރައިވަޓައިޒް ކުރެއްވުމުގެ މައްސަލައަށްވެސް ބައްލަވާލައްވައި އެކަމުގައި ސަރުކާރުގެ ސިޔާސަތު ހާމަކޮށްދެއްވިއެވެ. ޣިޔާޘުއްދީން ސްކޫލަކަށްވެސް އަދި ޣިޔާޘުއްދީން ސްކޫލްގެ ދަރިވަރުންނަކަށްވެސް ދެރަވާ ހަމަ އެއްވެސްކަމެއް ނުކުރައްވާނެ ކަމަށާއި، މަސައްކަތް ކުރައްވަމުން މިގެންދަވަނީ ރާއްޖޭގައިވެސް ރަނގަޅު ތަޢްލީމެއް ދޭ، ބައިނަލްއަޤްވާމީ ތަޢްލީމެއްދޭ މަދަރުސާތަކެއް ޤާއިމު ކުރެއްވުމަށް ކަމަށް ވިދާޅުވިއެވެ. ސަރުކާރުން ހިންގަވަމުން ގެންދަވާ މަޝްރޫޢަކީ، ޣިޔާޘުއްދީން ސްކޫލް، ބައިނަލްއަޤްވާމީ ސްކޫލަކަށް ބަދަލުކުރެއްވުމުގެ މަސައްކަތް ކަމަށާއި، އެކަމުގެ ތެރޭގައި އެ ސްކޫލަކީ ފީ ނަގާ ސްކޫލަކަށް ބަދަލުވެގެންދާނެ ކަމުގައި ވިދާޅުވިއެވެ. މިހާރު ޣިޔާޘުއްދީން ސްކޫލްގައި ތަޢްލީމް ހާސިލުކުރަމުން ގެންދާ ދަރިވަރުންނަށް ކުޑަވެސް ބަދަލެއް ނާންނާނެ ކަމަށް ވިދާޅުވެ، ފީގެ ގޮތުގައި ދައްކަންޖެހޭ އަދަދުގެ ބައިކުޅަ ބައެއް ސަރުކާރުން ދައްކަވަމުން ގެންދަވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.