ރައްކާތެރި ދުޅަހެޔޮ ދެމެހެއްޓެނެވި މުސްތަޤްބަލަކަށްޓަކާ އެ މުޖުތަމަޢެއްގެ ހުރިހާ ދާއިރާއެއްގައި މިންތީގެ ހަމަހަމަކަން އޮތުން ލާޒިމުކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މިހެން ވިދާޅުވީ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް މިރޭ ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިއަހަރުގެ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިރޭ ބޭއްވި މިޖަލްސާ ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ. އެމަނިކުފާނުގެ އަރިހުގައި އަނބިކަނބަލުން ފަޒްނާ އަޙްމަދާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމު ބައިވެރިވެވަޑައިގެންނެވިއެވެ.

މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ 2019 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ އަންހެނުންގެ ދުވަހުގެ ޝިއާރުގެ މައްޗަށް އަލިއަޅުވާލައްވައި މި ހުރިހާ ޝިއާރުތަކުގެ ވެސް މައިގަނޑު އަމާޒަކީ އެއް ކަންތައްތަކެއްކަމަށާއި އެއީ ދެމެހެއްޓެނެވި ތަރައްގީއަށްޓަކާ އަންހެނުން ކުރަމުންގެންދާ އަގުހުރި، ބުރަ މަސައްކަތްތަކުގެ އަގު ވަޒަންކުރުންކަން ފާހަގަކުރައްވާފައެވެ.

މުޖްތަމަޢުގައި އަންހެނުންނަށް ހަމަހަމަ ފުރުޞަތުތަކެއް ލިބުމަށް ހުރި ހުރަސްތަކާއި އެފަދަ ބައެއް މިސާލުތައް ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ ފިރިހެންމީހާ ގޭގެ ޒިންމާތަކުގައި ހިއްސާވާނަމަ ހަމަހަމަކަމަށް ހުރި ހުރަސްތައް ނައްތާލެވޭނެކަމަށާއި އަދި އަންހެން މީހާ އުފުލަން ޖެހޭ ބުރަ ޒިންމާތައް އިންސާފުވެރިކަމާއެކު ކުޑަކުރެވޭނެކަމުގައެވެ.

ނިންމުންތައް ނިންމުމުގާ އަންހެނުންގެ ފުރިހަމަ ބައިވެރިވުން އޮންނަންޖެހޭ މައިގަނޑު ސަބަބުގެ މައްޗަށް އަލިއަޅުވާލައްވައި އެކަމަނާ ވިދާޅުވީ އޭގެ އެންމެ މުހިންމު ބޭނުމަކީ ފިރިހެނެއްގެ ނަޒަރުން ވިސްނިފައިނުވާ ތަޖުރިބާ ކޮށްފައިނުވާ އެތައްކަމެއް އަންހެނެއްގެ ނަޒަރުން ވިސްނައި، ކަންކަން ނިންމުމުގައި އެކަންކަން ޙިއްޞާވެގެން ދިއުންކަމުގައެވެ.

ހަމައެހެންމެ، އަންހެންވަންތަކަން މަތީތިބެ މުޖުތަމަޢުގެ ތަރައްޤީގައި ބަސްބުނުމަށް ޖާގަދިނުމަށާއި އަގު ވަޒަން ކުރުމާއި އަދި ވަޒީފާ އަދާކުރަމުން ގޭގައި ޒިންމާއަދާކުރާއިރު އެޒިންމާތައް ނެގުމުގާ ފިރިހެނުންގެ ހިއްސާވުމަށް ކުރެވޭ ވަކާލާތުތަކެއްކަން ފާހަގަކުރެއްވިއެވެ.

މިރޭގެ ޖަލްސާގައި ރެހެންދި އެވޯޑް 2022 ހާސިލުކުރި ފަރާތްތަކަށް އެވޯޑް ހަވާލުކޮށްދެއްވުންވެސް ކުރިޔަށްދިޔައެވެ. އެގޮތުން މިއަހަރު ރެހެންދި އެވޯޑް ހާސިލުކުރި 9 ފަރާތާ އެވޯޑް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ. އަދި މި އެވޯޑް ހާސިލުކުރެއްވި ފަރާތްތަކަށް ބްރޫޗް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދެވެ.

މި ޖަލްސާގަގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވަނީ ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭން އިފްތިތާޙް ކޮށްދެއްވާފައެވެ.

ރެހެންދި އެވޯޑަކީ ޤައުމީ ޚިދުމަތުގައި އެކިއެކި ދާއިރާއިން އަންހެނުން ކުރާ މަސައްކަތްތަކާއި ރާއްޖޭގެ ޤައުމީ ތަރައްޤީއާ ލާބަޔާ މަންފާއަށް އަދި ދިވެހި މުޖުތަމަޢު ބިނާކުރުމަށް އަންހެނުން އަދާކުރާ ދައުރު ފާހަގަކޮށް އަގުވަޒަންކުރުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ދެއްވާ އެވޯޑެކެވެ. 2014 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ދެމުން އަންނަ މި އެވޯޑް، ފާއިތުވި 9 އަހަރުގެ ތެރޭގައި 55 ފަރާތަކުން ހާސިލުކޮށްފައިވެއެވެ.