ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިޞަލް ނަސީމް، ދިވެހި ސްކްރީން-ރީޑިންގ ސޮފްޓްވެއަރ 'ޝާމިލުއަޑު' އިފްތިތާޙް ކޮށްދެއްވައިފިއެވެ.

މިއަދު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި މި ސޮފްޓްވެއަރ އިފްތިތާޙްކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ މި ސޮފްޓްވެއަރ އާއިއެކު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ގިނަ ފުރުޞަތުތަކެއް ފަހިވެގެންދިއުމަށް އެދިވަޑައިގަންނަވާ ކަމުގައެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ އެކިއެކި ކަންކަން ހާސިލުކޮށްދިނުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަން ފާހަގަކުރައްވައި ޚާއްޞަކޮށް ސްކޫލްތެރެއާއި ސްކޫލުން ބޭރުގައި ހިންގާ ހަރާކާތްތަކުގައިވެސް އެކުދިން ޝާމިލުކުރެވޭ ވެށްޓެއް ޤާއިމުކުރުމަށް ކުރާ މަސައްކަތް ފާހަގަކުރެއްވިއެވެ.

މިއަދު ތަޢާރަފުކުރި ދިވެހި ބަހުން ސްކްރީން-ރީޑީންގ ސޮފްޓްވެއަރ އަކީ މިފަދަ ސޮފްޓްވެއަރ އެއް ރަސްމީ ގޮތެއްގައި ރާއްޖޭގައި ބޭނުންކުރަން ފަށާ ފުރަތަމަ ފަހަރެވެ. މި ސޮފްޓްވެއަރ ތައްޔާރުކުރުމުގެ މަސައްކަތްކޮށްފައިވަނީ ޑިޕާރޓްމަންޓް އޮފް އިންކްލޫސިވް އެޑިޔުކޭޝަނާއި ޖަވާބު ޕްރައިވެޓް ލިމިޓެޑާގުޅިގެންނެވެ. މިއީ ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އެންމެ ފަސޭހަކަމާއެކު ބޭނުންކޮށްލެވޭ ގިނަ ޕްލެޓް ފޯމް ތަކަކަށް ސަޕޯޓް ކުރާ ސޮފްޓްވެއަރ އެކެވެ.

ދިވެހި ސްކްރީން ރީޑިންގ ސޮފްޓްވެއަރ ޝާމިލުއަޑު، ޑެސްކްޓޮޕް، އެންޑްރޮއިޑް އަދި އައި. އޯ. އެސް ގައި ބޭނުންކުރެވޭނެހެން ވަނީ ތަރައްގީކޮށްފައެވެ. މިސޮފްޓެވައަރ އަކީ އޮންލައިންކޮށް އަދި އިންޓަރނެޓް ކަނެކްޝަން ނެތިވެސް ބޭނުންކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ސޮޕްޓްވެއަރ އެކެވެ. ޝާމިލުއަޑުގެ ޔޫޒަރ އެކްސެޕްޓެންސް ޓެސްޓްގެ މަރުހަލާ ކުރިއަށް ގެންދިޔައީ އަމީނިއްޔާ ސްކޫލާއި ބްލައިންޑް އެންޑް ވިޜުއަލް އިމްޕަޔަރޑް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި ގުޅިގެންނެވެ.