މައިލޯ އެކަޑަމީ ޗެމްޕިއަންޝިޕް 2022ގެ ދިހަ އަހަރުން ދަށުގެ މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ޝަރަފުވެރިކޮށްދެއްވައިފިއެވެ.

މިއަދު ހަވީރު ހެންވޭރު ބޯޅަދަނޑުގައި ބޭއްވެވި މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ މައިލޯ އެކަޑަމީ ޗެމްޕިއަންޝިޕް 2022 ގެ ތިންވަނަ ހޮވި މެޗާއި ފައިނަލް މެޗުގެ ކުޅުން ބައްލަވާލައްވާފައެވެ.

މިއީ ތުއްތު ކުދިންގެ ފުޓްބޯޅަ މުބާރާތަކަށްވުމުން، މި މުބާރާތުގެ ފައިނަލް މެޗުގައި ހުރާ އަދި މާޒިޔާ ބައްދަލުކުރި މެޗު 1 – 1 ން އެއްވަރުވުމުން، މެޗު ނިމިފައިވަނީ ދެ ޓީމަށްވެސް ޗެމްޕިއަންކަން ލިބިގެންނެވެ. ދިހަ މިނެޓުގެ ދެ ހާފް ކުޅުނު މި މުބާރާތުގެ ތިންވަނަ ޓީމަކަށް ހޮވިފައިވަނީ އެމް.އެސް. މޭޓެވެ. މި މުބާރާތުގައި ކުޅުނު ހުރިހާ ޓީމެއްގެ އެންމެހާ ތުއްތު ކުޅުންތެރިންނަށް ގޯލްޑް މެޑަލް ދީފައިވެއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ މައިލޯ އެކަޑަމީ ޗެމްޕިއަންޝިޕް 2022ގެ ޗެމްޕިއަންކަން ހޯދި ދެ ޓީމަށް ތަށްޓާއި މެޑަލް އަދި ފައިސާގެ އިނާމު ޙަވާލުކޮށްދެއްވާފައެވެ. މި މުބާރާތުގައި 19 ޓީމަކުން ވާދަކޮށްފައިވެއެވެ. މި މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމަށް ދިވެހިރާއްޖޭގެ ފުޓްބޯޅައިގައި ފާހަގަކޮށްލެވޭ މަޝްހޫރު ގިނަ އަދަދެއްގެ ކުޅުންތެރިން ވަނީ ދަނޑަށް ހާޒިރުވެފައެވެ.