بســم اللّـه الرّحمـن الرّحيــم

اَلحَمـْدُ لِلّـه رَبِّ العَـالمـَين، والصَّـلَاة والسَّلاَم علٰى سَيِّدِ الْأَنْبياء والمُرْسَلِين، وَعَلـٰى آلِـهِ وَصَحْبـِه أَجْمـَعـين.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން؛

السّلام عليكم ورحمـة اللّـه وبركاته.

އާދެ، މިއަދު ތިޔަބޭފުޅުންގެ ކުރިފުޅުމައްޗަށް އައިސް، 1988 ވަނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓް ހުށަހެޅުމުގެ ފުރުޞަތު ދެއްވި ކަމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސަށާއި އަދި މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނަށް އަޅުގަނޑު އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

ޑިޕާޓްމަންޓް އޮފް ފިނޭންސްގެ ވެރިޔާގެ ޙައިޘިއްޔަތުން 1988 ވަނަ އަހަރަށް ލަފާކުރާ ބަޖެޓް، ރައްޔިތުންގެ މަޖިލީހަށް މި ހުށަހަޅަނީ، ވަރަށް ޚާއްޞަ އުފަލަކާއެކު. މި ހިނގި 9 އަހަރުގެ ތެރޭގައި، ތިޔަ ޢިއްޒަތްތެރި މެންބަރުންގެ ފަރާތްޕުޅުން ލިބުނު ހިތްވަރާއެކު، ޤައުމުގެ އިޤްތިޞާދީ ސިޔާސަތު އެދެވޭގޮތެއްގައި ގެންދެވުނުކަމުގެ ހިތްހަމަޖެހުން ލިބިގަންނަމުން.

ތަރައްޤީގެ މަސައްކަތްތަކަކީ، ރާއްޖެ އޮތް ފެންވަރުން އަޅުގަނޑުމެން އިސްކަންދޭން ޖެހިފައިވާ ކަމެއް. އެހެންކަމުން، ތަރައްޤީގެ އެކިއެކި މަޝްރޫޢުތަކަށާއި، ބޮޑެތި މަސައްކަތްތަކަށް މިވޭތުވެދިޔަ 9 އަހަރު ދުވަހުގެ ތެރޭގައި އައީ ސަރުކާރުން ވަރަށް ބޮޑެތި ޚަރަދުތަކެއް ކުރަމުން.

ޤައުމެއް ތަރައްޤީގެ މަގުން ކުރިއަށް ގެންދިޔުމުގައި ސަރުކާރުން ރާވާ ހިންގާ ކަންތައްތަކުގެ އިތުރަށް، އަމިއްލަ ރައްޔިތުންވެސް ވަރަށްބޮޑު ބައެއް ޙިއްޞާކުރަންޖެހޭ. ނަމަވެސް، އަޅުގަނޑުމެންގެ ޤައުމުފަދަ ފަޤީރު ޤައުމެއްގައި، އަދި ޢާންމު ރައްޔިތުންގައި އެފަދަ ތަނަވަސްކަމެއް ނެތް ހިނދެއްގައި ސަރުކާރަށް ޖެހެނީ، މިފަދަ މަޝްރޫޢުތައް ކޮންމެގޮތަކުން ނަމަވެސް ހިންގަން.

އަޅުގަނޑު ސަރުކާރު ހިންގުމާ ޙަވާލުވިއިރު، ރާއްޖެތެރޭގެ ތަޢުލީމީ ޙާލަތު ވަނީ ވަރަށް ދަށަށް ގޮސްފައި. އެހެންކަމުން، މިކަމަށް އެންމެ ފުރަތަމަ ސަމާލުކަން ދިނުމަށް އަޅުގަނޑަށް މަޖުބޫރުވި. ރާއްޖޭގެ ގިނަ ކުދިންނަކީ ރާއްޖެތެރޭގެ ރަށްރަށުގައި ދިރިއުޅޭ ކުދިންކަމަށްވުމާއެކު، ހުރިހާ އަތޮޅެއްގައިވެސް ފަށާ ތަޢުލީމުގެ ޚިދުމަތް ލިބޭނެގޮތް ހެދުމަކީ، އަޅުގަނޑު އިސްކަންދޭންޖެހުނު ކަމެއް. ޞިއްޙީ ރޮނގުން ލިބެންޖެހޭ ފަސޭހަތައްވެސް އޭރުހުރީ ވަރަށް ބޮޑަށް އުނިކޮށް. އެހެންކަމަށްވުމާއެކު، ރާއްޖެތެރޭގައި ހޮސްޕިޓަލްތައް އެޅުމާއި، ހެލްތު ސެންޓަރުތައް ހެދުމަށް ސަމާލުކަންދޭންޖެހުނު. ބޯފެނުގެ މައްސަލައާއި، ފާޚާނާގެ މައްސަލައަކީ، ރާއްޖެތެރެއާއި މާލޭގައި ޙައްލުކުރަން ޖެހިފައިވާ ބޮޑެތި ދަތި މައްސަލަތަކެއް. އެހެންވުމާއެކު، ސަރުކާރުން މިކަމަށް ވަރަށްބޮޑު ސަމާލުކަމެއްދިން. އަދި ބޭރުގެ އެހީއާއެކު، މިކަމަށްޓަކައި ދަނީ މިހާރުވެސް މަސައްކަތް ކުރަމުން.

އިޤްތިޞާދީ ދާއިރާގައި، މަސްވެރިކަމަކީ ޒަމާނުއްސުރެ ރާއްޖޭގައި އެންމެބޮޑު އަހަންމިއްޔަތެއް ދެވޭ މަސައްކަތް. އެހެންކަމުން، މަސްވެރިކަން ތަރައްޤީ ކުރުމަށްޓަކައި، ކުރެވެމުންދާ ޚަރަދުތައް ވަރަށްބޮޑު. މަސްވެރިންގެ އަތުން ސީދާ މަސްގަތުމާއި، ބޭރަށް މަސް ފޮނުވުމުގެ މަސްއޫލިއްޔަތު މިހާރުވަނީ މުޅިން ދިވެހިންގެ އަތްމަތީގައި. ބޭރަށް ފޮނުވުމަށްޓަކައި ދަޅުގައި މަސް ބަންދުކޮށް، ތައްޔާރުކުރާ ކާރުޚާނާއަކީ ކުރީގައި ވަރަށް ކުޑަ ތަނެއްގެ ގޮތުގައި ފަށައިގަނެވުނު ތަނެއް. އަދި އެތަނުން ގެއްލުންވާން ފެށުމުން، އެކަން ހިންގަމުން ގެންދިޔަ ބޭރުގެ ފަރާތްތަކުން އެބައިމީހުންގެ ޙިއްޞާ ވިއްކާލާފައި ދިޔައީ. ނަމަވެސް މިއަދު އެ ކާރުޚާނާ އަލުން އެތައް ގުނައަކަށް ބޮޑުކޮށް، ސަރުކާރުން މިހާރު ހިންގަމުން އެބަގެންދެވޭ.

ރާއްޖޭގެ މަސްވެރިކަމަށް މިހާރު އައިސްފައިވާ ބަދަލަކީ ވަރަށްވެސް ބޮޑު ބަދަލެއް. އެކަމުގެ ކުޑަ ހެތްކެއް އަޅުގަނޑު ދަންނަވާލާނަން. މަސް ބޭރުކޮށްގެން، 1978 ވަނަ އަހަރު ދައުލަތަށް ލިބިފައިވަނީ 4 މިލިއަން އެމެރިކާ ޑޮލަރު. 1986ގައި މަހުގެ ބާވަތް ބޭރުކޮށްގެން ދައުލަތަށް 16.6 މިލިއަން ޑޮލަރު ލިބިފައިވޭ. އާދެ، 1978 ގައި ލިބުނުވަރަށްވުރެ ހަތަރުގުނަ އިތުރަށް 1986 ގައި ލިބިފައިވޭ. އާދެ، އޭގެ އެއް ސަބަބަކަށްވުން އެކަށީގެންވޭ، މަހުގެ އަގު ރަނގަޅުވުން. އެހެންނަމަވެސް، އެމަހުގެ އަގު ރަނގަޅުވިކަމުގައިވިޔަސް، މި ދެންނެވި ބޮޑު ފަރަޤު ނާންނާނެކަން ކަށަވަރު. މަސްވެރިކަން ތަރައްޤީ ކުރުމަށް ސަރުކާރުން ކުރި މަސައްކަތްތަކުގެ ހެޔޮ ނަތީޖާ، މި ޢަދަދުން ކޮންމެވެސްވަރަކަށް ތިޔަބޭފުޅުންނަށް ވިސްނިވަޑައިގަންނަވާނެ ކަމަށް އަޅުގަނޑު ޔަޤީންކުރަން.

މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓަކީ، މިހާތަނަށް އެންމެބޮޑު ޚަރަދެއް ކުރެވިފައިވާ މަޝްރޫޢު. ޓޫރިޒަމް ކުރިއަށް ގެންދިޔުމުގައާއި، ރާއްޖެއާއި ބޭރުގެ ދުނިޔެއާ ގުޅައިދިނުމުގައި، އެއަރޕޯޓަކީ ވަރަށް މުހިންމު މަރުކަޒެއް. އެއަރޕޯޓަށް މިހާތަނަށް އަނބުރާ ދައްކަންޖެހޭ ފައިސާގެ ގޮތުގައި 25.6 މިލިއަން ޑޮލަރު ޚަރަދުކުރެވިފައިވޭ. މީގެ ތިންބައިކުޅަ އެއްބަޔަށްވުރެ ބޮޑު ޢަދަދެއް މިހާރުވަނީ އަނބުރާ ދައްކައި ނިމިފައި. އެއަރޕޯޓުގެ ޙަރަކާތް އިތުރުވަމުންދާވަރު، ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ ޢަދަދުން އެނގިވަޑައިގަންނަވާނެ. 1979 ވަނަ އަހަރު ރާއްޖެއަށް އައިސްފައިވަނީ 33,124 ޓޫރިސްޓުން. 1986 ގައި އައިސްފައިވަނީ 113,953 ޓޫރިސްޓުން. ޓޫރިސްޓުން ރާއްޖޭގައި ކުރި ޚަރަދު ކަމުގައި 1979 ވަނަ އަހަރު ބެލިފައިވަނީ 8.2 މިލިއަން އެމެރިކާ ޑޮލަރު. 1986 ގައި އެޚަރަދު 42 މިލިއަން ޑޮލަރުވަރުވާނެ ކަމަށް ހިސާބުތަކުން ދައްކާ.

ތަރައްޤީގެ ކަންކަމަށް ސަރުކާރުން ކުރަންޖެހުނު ޚަރަދުތައް ހަމަޖެއްސުމަށް ހޯދަންޖެހުނު އާމްދަނީ ހޯދުމަށްޓަކައި، ވަރަށްގިނަ ފިޔަވަޅުތަކެއް ވަނީ އެޅިފައި. މިފިޔަވަޅުތަކުގެ ސަބަބުން 1982ން ފެށިގެން 1986 އަށް ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ ދެގުނައަށްވުރެވެސް އިތުރުކުރެވުނު. އަދި ޓެކްސްއާނުލައި ލިބުނު އާމްދަނީވެސް ގާތްގަނޑަކަށް ދެގުނައަށް އިތުރުވި.

މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛

ޤާނޫނުއަސާސީގެ 59 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، އަންނަ އަހަރަށް ދައުލަތުން ލަފާކުރި ބަޖެޓާއި، ވޭތުވެދިޔަ އަހަރު ހިނގި ޚަރަދާއި، ލިބުނު އެއްޗެއްގެ ހިސާބު، ތިޔަ ޢިއްޒަތްތެރި މެންބަރުންނަށް ވާނީ ލިބިވަޑައިގެންފައި. އަދި މިހާރަކަށްއައިސް ކޮންމެ އަހަރަކުވެސް ސަރުކާރުގެ ބަޖެޓް ހުށަހަޅާއިރު، މެންބަރުންނަށް އަރުވާ ލިޔުންތައް މިހާރުވަނީ ތިޔަ ޢިއްޒަތްތެރި މެންބަރުންގެ ކުރިފުޅުމަތީގައި.

ވޭތުވެދިޔަ އަހަރު މެންބަރުން ފާޅުކުރެއްވި ޚިޔާލުފުޅުގެ މައްޗަށް ބިނާކޮށް، ރައްޔިތުންގެ މަޖިލީހަށް މިއަދު އަޅުގަނޑު މި ހުށަހަޅާ ބަޖެޓް، ކުރީގެ އަހަރުތަކާ ތަފާތުވާނެ. ކުރީގެ އަހަރުތަކުގައި ހުށަހެޅިފައިވަނީ އޮފީސްތަކުން ފޮނުވާ ޚަރަދުގެ ބަޖެޓް. އެއާޚިލާފަށް މިފަހަރު ޢާންމު ބަޖެޓެއްގެ ގޮތުގައި ހުށަހަޅާފައިވަނީ، ސަރުކާރުން ހިނގާނޭ ކަމަށް ލަފާކުރާ މުޅި ޖުމްލަ ޚަރަދު. އާދެ، އޭގެތެރޭގައި ސަރުކާރުގެ އޮފީސްތަކުން ފޮނުވާ ބަޖެޓާއި، ބޭރުގެ ހިލޭ އެހީ ލިބިގެން ހިންގާ ޕްރޮޖެކްޓްތަކުގެ ޚަރަދާއި، ބޭރުގެ ލޯނު ލިބިގެން ހިންގާ ޚަރަދުތައްވެސް ހިމެނޭ.

އަޅުގަނޑު ދެން މި އެނބުރިލަނީ، ރާއްޖޭގެ އިޤްތިޞާދިއްޔަތު ހިނގަމުންދާ ގޮތުގެ މައްޗަށް ތަންކޮޅެއް ތަފްޞީލުކޮށް ބަލައިލުމަށް.

1986 ވަނަ އަހަރު ރާއްޖޭގެ އިޤްތިޞާދިއްޔަތު ކުރިއަށްދިޔަގޮތް:

1986 ވަނަ އަހަރުގެ އިޤްތޞާދީ ޙަރަކާތްތައް، ކުރީގެ ދެއަހަރާ އަޅައިބަލާއިރު ވަނީ މައްޗަށް ޖެހިފައި. މަސްވެރިކަން، 1985 ވަނަ އަހަރާ އަޅައިބަލާއިރު، 1986 ގައި ކުރިއަށް ގޮސްފައެއްނުވޭ. ނަމަވެސް، ބޭރުގައި މަހުގެ އަގު ރަނގަޅުވުމުގެ ސަބަބުން ބެލެންސް އޮފް ޕޭމަންޓްސް ރަނގަޅުވުމަށް އެހީވި. ޓޫރިޒަމްގެ ދާއިރާއަށް ބަލާއިރު، ޝްރީލަންކާގައި ހިނގަމުންދާ ނަސްލީ ދެކޮޅުވެރިކަމުގެ ސަބަބުން ރާއްޖެއަށް އަންނަ ޓޫރިސްޓުންވެސް، ކުރީ އަހަރަށްވުރެ، އާދެ،  1985 އަށްވުރެ 1986 ގައި އިތުރެއްނުވޭ. މިކަމުގެ ނަތީޖާއެއްގެ ގޮތުން، 1986 ގައި އަޅުގަނޑުމެންގެ އުފެއްދުންތެރިކަމުގެ ދުވެލި ކުޑަކޮށް މަޑުވި. 1980ގެ އަހަރުތަކުގެ ތެރޭގައި، ބޯޓުގެ ނާލު ދަށަށް ގެންނަންޖެހުނު. މިކަމުގެ ސަބަބުން ސަރުކާރުގެ ބޯޓު ދުއްވާ ކުންފުންޏަށް ވަނީ ވަރަށްބޮޑު ގެއްލުން ލިބިފައި. މިގެއްލުން ފޫބެއްދޭތޯ މި ކުންފުނިން އައީ މަސައްކަތް ކުރަމުން. ދުވަސްވީ ބޯޓުތައް ވިއްކާލައި، ޚަރަދުކުޑަކުރުމުގެ ފިޔަވަޅުތަކެއް ވަނީ އެޅިފައި. 1982 ގައި އޮތް 39 ބޯޓު، 1987 ގައި 15 ބޯޓަށް މަދުކުރެވިއްޖެ. އަދި ބޯޓުފަހަރުގައި ގެންގުޅޭ މީހުންގެ ޢަދަދުވެސް ވަނީ މަދުކުރެވިފައި. ނަތީޖާއެއްގެ ގޮތުން، ބޯޓު ދުއްވުމުން ލިބޭ ގެއްލުން މިހާރު ފޫބެއްދޭނެ ކަމަށް ފެނޭ.

ޢިއްޒަތްތެރި މެންބަރުންނަށް ލިބިވަޑައިގެންފައިވާ ލިޔުންތަކުން، ސަރުކާރަށް ލިބުނު އެއްޗަކާއި، ވީ ޚަރަދެއްގެ ޖުމްލަ ފެނިވަޑައިގަންނަވާނެ. 1986 ވަނަ އަހަރު ސަރުކާރުގެ ބަޖެޓުން ހިނގާފައިވާ ޚަރަދުގެ ޖުމްލައަކީ 329.9 މިލިއަން ރުފިޔާ. މިއީ 1985 ވަނަ އަހަރު ހިނގި ޖުމްލަ ޚަރަދު، އެއީ 219.6 މިލިއަން ރުފިޔާ، އެއަށްވުރެ ސަތޭކައަކުން 50 ގިނަ ޢަދަދެއް. އާދެ، އަޅުގަނޑު މިދަންނަވާ ވާހަކަތައް، ތިޔަބޭފުޅުންނަށް ލިބިވަޑައިގެންފައިވާ ބަޖެޓާބެހޭ މަޢުލޫމާތު ކަރުދާސްތަކުގެ އެންމެ ފުރަތަމަ ކަރުދާހުގައި އޮންނާނެ.

1986 ވަނަ އަހަރު ސަރުކާރަށް އެކިގޮތްގޮތުން ލިބިފައި ވަނީ 322.3 މިލިއަން ރުފިޔާ. އެއީ ކުރީ އަހަރު ލިބުނު 198.8 މިލިއަން ރުފިޔާއަށްވުރެ ސަތޭކައަކުން 62 ގިނަ ޢަދަދެއް. ލިބުނު އެއްޗަކަށްވުރެ ޚަރަދު 7.7 މިލިއަން ރުފިޔާ އިތުރުވެފައިވޭ. މި ޢަދަދަކީ މިދިޔަ އަހަރު ބަޖެޓް ހުށަހެޅިއިރު އިތުރަށް ޚަރަދުވާނޭ ކަމަށް އަޅުގަނޑު އޭރު ދެންނެވި 23.6 މިލިއަން ރުފިޔާއަށްވުރެ ވަރަށްބޮޑުތަން މަދު ޢަދަދެއް. އާދެ، އޭރު ދެންނެވިފައި ވަނީ، އޭރު ލަފާކުރިއިރު، 23.6 މިލިއަން ރުފިޔާ އިތުރަށް ޚަރަދުވާނެއޭ، ލިބޭ އެއްޗަކަށްވުރެ 1986 ގައި. އެހެންނަމަވެސް، 1986ގެ ހިސާބުތައް ހަދާ ނިމުނުއިރު، އެ ދެންނެވި ޢަދަދު އޮތީ ވަރަށްބޮޑުތަން ކުޑަވެފައި. އެ ޢަދަދަކީ މިހާރު 7.7 މިލިއަން ރުފިޔާ.

1986 ވަނަ އަހަރު ސަރުކާރަށް ލިބުނު އާމްދަނީގެ ތެރެއިން، އެއްތަނަކުން އެންމެ ގިނައިން ލިބިފައިވަނީ، ކުރީ އަހަރުތަކެކޭވެސް އެއްފަދައިން ކަސްޓަމުން. އެތަނުން މިދިޔަ އަހަރު ލިބިފައިވަނީ 65.5 މިލިއަން ރުފިޔާ، އެއީ އެ އަހަރު ދައުލަތަށް ލިބުނު އެއްޗެއްގެ ސަތޭކައަކުން 20 ގިނަ ޢަދަދެއް. އިމްޕޯޓް ޑިއުޓީ މައްޗަށް ޖެހިފައިވަނީ ސަތޭކައަކުން 23. މި ދެންނެވީ އިމްޕޯޓް ޑިއުޓީއަށް ލިބުނު ފައިސާ. މައްޗަށް ޖެހިފައިވަނީ ސަތޭކައަކުން ތޭވީހޭ.

ޑިޕާޓްމަންޓް އޮފް ޓޫރިޒަމުން އާމްދަނީގެ ގޮތުގައި 1986 ގައި ދައްކާފައިވަނީ 44.7 މިލިއަން ރުފިޔާ. މިއީ ކުރީ އަހަރު ލިބުނުވަރަށްވުރެ ސަތޭކައަކުން 17 ގިނަ ޢަދަދެއް. އެ ޑިޕާޓްމަންޓުން ދެއްކި ފައިސާގެ ތެރޭގައި ޓޫރިޒަމް ޓެކްސްގެ 23.5 މިލިއަން ރުފިޔާ ހިމެނޭ. އެއީ ކުރީ އަހަރާ ދާދި އެއްވަރުގެ ޢަދަދެއް. ސަރުކާރުގެ ރިޒޯޓްތަކުން ލިބިފައިވަނީ 17.6 މިލިއަން ރުފިޔާ. އަމިއްލަ ރިޒޯޓްތަކުން، ބިމުގެ ކުލީގެ ގޮތުގައި ލިބިފައިވަނީ 2.2 މިލިއަން ރުފިޔާ. އާދެ، މި ޢަދަދުތައް ބަޖެޓާބެހޭ މަޢުލޫމާތު ކަރުދާސްތަކުގެ 3 ވަނަ ކަރުދާހުގައި އޮންނާނެ.

ސިވިލްއޭވިއޭޝަން އޮތޯރިޓީގެ ފަރާތުން އާމްދަނީގެ ގޮތުގައި 23.8 މިލިއަން ރުފިޔާ ދެއްކި. އެއީ، 1985 ގައި އެ ޑިޕާޓްމަންޓަށް ލިބުނު އެއްޗަކަށްވުރެ ސަތޭކައަކުން 42 ގިނަ ޢަދަދެއް. މީގެތެރޭގައި، އެއަރޕޯޓް ސަރވިސް ޗާޖަށް ލިބުނު 6 މިލިއަން ރުފިޔާ ހިމެނޭ. އެއަރޕޯޓުން މަތިންދާބޯޓުތަކަށް ދެވޭ ޚިދުމަތަށް ލިބުނު 12.8 މިލިއަން ރުފިޔާއާއި، މަތިންދާބޯޓަށް އަޅައިދޭ ތެލުގެ ކޮމިޝަނަށް ލިބުނު 3 މިލިއަން ރުފިޔާވެސް ހިމެނޭ.

ސަރުކާރުގެ ވިޔަފާރި ހިންގާ ތަންތަނުގެ ތެރެއިން އެންމެބޮޑު ފައިދާއެއް ދައްކާފައިވަނީ، އެހެން އަހަރުތަކެކޭވެސް އެއްފަދައިން، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަނުން. އެތަނުން މިދިޔަ އަހަރު 17.3 މިލިއަން ރުފިޔާ ސަރުކާރަށް ދެއްކި.

ބޭރުގެ އެހީގެ ގޮތުގައި ލިބިފައިވަނީ 17.2 މިލިއަން ރުފިޔާ. އޭގެއިތުރަށް، ތަރައްޤީގެ ޕްރޮޖެކްޓްތަކަށް 49.1 މިލިއަން ރުފިޔާ ލިބިފައިވޭ. މިއީ، މުޅި ޖުމްލަ ލިބުނު އެއްޗެއްގެ ސަތޭކައަކުން 15.

1986 ވަނަ އަހަރުގެ ޚަރަދަށް ބަލާއިރު، ހިނގި އެންމެބޮޑު ޚަރަދަކީ، އިޤްތިޞާދީ ތަރައްޤީއަށްޓަކައި ހިނގި ޚަރަދު. އެއީ ކުރިންވެސް ދެންނެވި ފަދައިން، އިޤްތިޞާދީ ތަރައްޤީއަކީ އަޅުގަނޑުމެން ވަރަށް ބޮޑަށް އިސްކަންދޭން ޖެހިފައިވާ ކަމެއް. އެހެންވީމާ، އެ ދާއިރާއަށް ކުރެވޭ ޚަރަދު އެއީ، ބަޖެޓްގެ ވަރަށްބޮޑު ބައެއްގެ ގޮތުގައި އޮންނަނީ ހިމަނަންޖެހިފައި. އާދެ، 1986 ގައި އިޤްތިޞާދީ ތަރައްޤީއަށްޓަކައި ހިނގާފައިވަނީ 138.2 މިލިއަން ރުފިޔާ. އެ އަހަރު ދައުލަތުން ހިނގި ޖުމްލަ ޚަރަދުގެ ސަތޭކައަކުން 42 ހިނގާފައިވަނީ މިބަޔަށް. އާދެ، އިޤްތިޞާދީ ތަރައްޤީގެ ބަޔަށް. މިބައިން އެންމެބޮޑު ޚަރަދެއް ކުރެވިފައިވަނީ، ދަތުރުފަތުރާބެހޭ ވަސީލަތްތަކަށާއި މަސްވެރިކަމަށް. ދަތުރުފަތުރާބެހޭ ވަސީލަތްތަކަށް 58.4 މިލިއަން ރުފިޔާ ޚަރަދުވި. އަދި މަސްވެރިކަމަށް 55 މިލިއަން ރުފިޔާ ޚަރަދުވި.މި ދެންނެވި މަޢުލޫމާތުތައް، ބަޖެޓާބެހޭ މަޢުލޫމާތު ކަރުދާސްތަކުގެ ދެވަނަ ކަރުދާހުގައި އޮންނާނެ.

އިޖުތިމާޢީ ތަރައްޤީއަށްޓަކައި، 1986 ގައި ކުރެވިފައިވާ ޚަރަދަކީ 72.8 މިލިއަން ރުފިޔާ. އެއީ، މުޅި ބަޖެޓްގެ ސަތޭކައަކުން 22. މީގެތެރެއިން އެންމެބޮޑު ޚަރަދެއް ހިނގާފައިވަނީ ޖަމާޢަތުގެ ފައިދާއަށް ދެވޭ ޚިދުމަތްތަކަށް. އެކަމަށް ހިނގާފައިވާ 29.1 މިލިއަން ރުފިޔާ. އެއީ، މުޅި ބަޖެޓް ޚަރަދުގެ ސަތޭކައަކުން 9. ތަޢުލީމަށް ޚަރަދުވެފައިވަނީ 23.8 މިލިއަން ރުފިޔާ. ޞިއްޙަތަށް ޚަރަދުކުރެވިފައިވަނީ 12.3 މިލިއަން ރުފިޔާ. އެހެންނަމަވެސް، މި ދެންނެވި ޞިއްޙަތަށް ހިނގި ޚަރަދުގެ ތެރޭގައި ބޯފެނާއި ފާޚާނާއަށް ހިނގާ ޚަރަދެއް ހިމެނިފައެއްނުވޭ.

ސަރުކާރުގެ ހިންގުމާބެހޭ ޚަރަދު 1986 ގައި ވަރަށް މައްޗަށް ގޮސްފައިވޭ. އެބަޔަށް ހޭދަކުރެވިފައިވާ 57.7 މިލިއަން ރުފިޔާއަކީ، ބަޖެޓްގެ ޖުމްލަ ޚަރަދުގެ ސަތޭކައަކުން 17. އެއީ ކުރީ އަހަރަށްވުރެ ސަތޭކައަކުން 25 ގިނަ ޢަދަދެއް. މި ދެންނެވި މަޢުލޫމާތުތައްވެސް، ބަޖެޓާބެހޭ މަޢުލޫމާތު ކަރުދާސްތަކުގެ ދެވަނަ ކަރުދާހުގައި އޮންނާނެ.

ބަޖެޓްގެ ސަތޭކައަކުން 9 މިދިޔަ އަހަރު ހިނގާފައިވަނީ، ދަރަނީގެ ޚިދުމަތުގެ އަގު ދެއްކުމަށާއި، ދަރަނި އަދާކުރުމަށް. އާދެ، އެއީ ބޭރުން އެކިއެކި ޕްރޮޖެކްޓްތަކަށް ހޯދާފައިވާ ލޯނު އަދާކުރުމަށާއި، އެ ލޯނުގެ ސަރވިސް ޗާޖަށް. އޭގެތެރެއިން ދަރަނި އަދާކުރުމަށް ޚަރަދުކުރެވިފައިވަނީ 21.3 މިލިއަން ރުފިޔާ. ދަރަނީގެ ޚިދުމަތުގެ އަގަށް ދެއްކިފައިވަނީ 9.9 މިލިއަން ރުފިޔާ. މިތާނގައި އަޅުގަނޑު ދަންނަވާލަން ބޭނުންވާ ނުކުތާއަކީ، ﷲގެ ވާގިފުޅާއެކު، އަޅުގަނޑުމެންނަށް މި ލޯނުތައް ޤަވާޢިދުން ދެއްކެމުންދެއޭ. އާދެ، ދުނިޔޭގެ ތަރައްޤީވަމުން އަންނަ ޤައުމުތަކަށް ދިމާވާ ވަރަށްބޮޑު މައްސަލައެއް، ބޭރުން ނަގާފައިވާ ލޯނުތައް އަނބުރާ ދައްކަން ދަތިވުން. އެއީ، މުޅި ދުނިޔޭގެ އިޤްތިޞާދަށްވެސް މިއަދު ވަރަށް ބޮޑަށް ކުރިމަތިވެފައިވާ ބޮޑު އަދި ޙައްލުކުރަން ދަތި މައްސަލައެއް. އެފަރާތްތަކުން މި ދެންނެވީ، އެ ދަރަނި ދައްކަންޖެހޭ ޤައުމުތަކުން މިހާރު ވަރަށް ބޮޑަށް އެދެމުން އެބަގެންދޭ، ދަރަނި އަދާކުރުމުގައި ލުއިގޮތްތަކެއް ހޯދައިދިނުމަށް. މުއްދަތު އިތުރުކުރުން ނުވަތަ އެދައްކަންޖެހޭ ޚިދުމަތުގެ އަގުކުޑަކޮށްދިނުން. މިކަހަލަ ވަރަށްގިނަ ކަންތައްތަކެއް މިހާރު ދުނިޔޭގެ ކަމާބެހޭ ދާއިރާތަކުގައި ބަޙުޘްކުރެވެމުން އެބަދޭ. އެހެންނަމަވެސް، މާތްﷲގެ ރަޙްމަތްފުޅުން އަޅުގަނޑުމެންނަށް އިރާދަކުރެއްވީތީ މި މައްސަލަ އެއްގޮތަކަށްވެސް ކުރިމަތިވެފައެއް ނެތް. ކޮންމެ ލޯނެއްވެސް އަނބުރާ ދައްކަންޖެހޭ މުއްދަތުގައި، އެ ދައްކަންޖެހޭބައި އިރާދަކުރެއްވީތީ، އަޅުގަނޑުމެންނަށް މިހާތަނަށް މިއައީ ދެއްކެމުން. އަދި އިރާދަކުރެއްވިއްޔާ، މުސްތަޤްބަލުގައިވެސް އެބައި ހަމަ ޤަވާޢިދުން ފުރިހަމައަށް ދެއްކޭނެކަމުގެ ވަރަށްބޮޑު ޔަޤީންކަން އެބައޮތް.

އާދެ، މި ދެންނެވި ޚަރަދުތައް އެއީ، ދަރަނި އަދާކުރުމުގެ ގޮތުން ދެއްކި 21.3 މިލިއަން ރުފިޔާއާއި، ދަރަނީގެ ޚިދުމަތުގެ އަގަށް ދެއްކި 9.9 މިލިއަން ރުފިޔާ. އެއީ، އޭގެ ކުރީ އަހަރަށްވުރެ ސަތޭކައަކުން 6 ދަށް ޢަދަދެއް. ކުރީ އަހަރު އެ ދެބަޔަށް ދެއްކިފައިވަނީ 33.1 މިލިއަން ރުފިޔާ.

1987 ގައި ރާއްޖޭގެ އިޤްތިޞާދިއްޔަތު ދައްކާގޮތް:

އާދެ، ރާއްޖޭގެ އިޤްތިޞާދިއްޔަތު ހިނގަމުންދާގޮތާ ދޭތެރޭގައި އެއްޗެއް ދަންނަވާއިރު ދަންނަވަންޖެހެނީ، 1987 ވަނަ އަހަރަކީ، ސަރުކާރުން ގެންގުޅޭ މާލީ އަދި އިޤްތިޞާދީ ސިޔާސަތުގެ ސަބަބުން ރަނގަޅު ބަދަލުތަކެއް ގެނެވުނު އަހަރެކޭ. އާދެ، އަޅުގަނޑުމެންނަކީ، ނަޞީބުވެރި ބައެކޭ އަޅުގަނޑަށް ދެންނެވިދާނެ. މިހެން މިދަންނަވަނީ، ދުނިޔޭގެ ތަރައްޤީވަމުން އަންނަ ޤައުމުތަކާ އަޅައިބަލާއިރު، އަޅުގަނޑުމެންގެ އިޤްތިޞާދިއްޔަތު ކުރިއެރުމުގެ މިންވަރު، ވަރަށްގިނަ އަހަރުތަކެއް ވަންދެން ވަރަށް މަތީގައި ހިފެހެއްޓިފައިވާތީ.

ރާއްޖޭގެ އިޤްތިޞާދިއްޔަތަށް އެންމެ ބޮޑަށް ޙިއްޞާކުރާ ދެ މަސައްކަތް ކަމުގައިވާ މަސްވެރިކަމާއި ޓޫރިޒަމް، ކުރީ އަހަރަށްވުރެ މި އަހަރު ކުރިއަށްދާކަމަށް ހިސާބުތަކުން ދައްކާ. ނޮވެމްބަރު މަހުގެ ނިޔަލަށް ހިސާބުތައް ދައްކާގޮތުގައި، ރާއްޖެއަށް އައި ޓޫރިސްޓުންގެ ޢަދަދު، ސަތޭކައަކުން 15 ކުރީ އަހަރަށްވުރެ އިތުރުވެފައިވޭ. މަސްވެރިކަމުންވެސް ލިބޭ އެއްޗެއް، ސަތޭކައަކުން 6 އިތުރުވާނެ ކަމަށް ފެނޭ. މަހުގެ އަގު، ބޭރުގެ ބާޒާރުގައި ރަނގަޅުވުމާއި، މަސް ތައްޔާރުކުރުމުގައި، އަގު އިތުރުކުރެވުމުގެ ސަބަބުން ކުރީ އަހަރެކޭ އެއްވަރަށް އަދި މިއަހަރު މަސް ނުބޭނުނު ކަމުގައިވިޔަސް، ލިބޭ އެއްޗެއް، ކުރީ އަހަރަށްވުރެ އިތުރުވާނެ ކަމަށް ދައްކާ. މި އަހަރުގެ ތެރޭގައި ޤަވާޢިދުން ދަތުރުކުރާ 3 އެއަރލައިނާއި، 4 އެއަރލައިނެއްގެ ޗާޓަރ ފްލައިޓް އިތުރުވެއްޖެ. އެހެންކަމުން، އަޅުގަނޑުމެންގެ ޤައުމީ އުފެއްދުންތެރިކަން މި ދާއިރާއިން ސަތޭކައަކުން 19 އިތުރުވާނެ ކަމަށް ފެނޭ. ޤައުމީ އުފެއްދުންތެރިކަމުގެ ހުރިހާ ބައެއްވެސް ޚާއްޞަކޮށް، ޚިދުމަތުގެ ދާއިރާއާއި، ސަރުކާރާއި، ޢިމާރާތް ކުރުމާއި، ވިޔަފާރި 1987 ގައި މައްޗަށް ޖެހިފައިވޭ.

މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނަށް އެނގިވަޑައިގަންނަވާނޭ ފަދައިން، ރާއްޖޭގެ ތާރީޚުގައި އާދެ، މިވޭތުވެދިޔަ ފަންސާހަކަށް އަހަރު ދުވަހުގެ ތެރޭގައި ނުވަތަ ސަތޭކަ އަހަރު ދުވަހުގެ ތެރޭގައިވެސް ފާހަގަކޮށްލަންޖެހޭ ކަހަލަ ބޮޑު ޤުދުރަތީ ގެއްލުމެއް، 1987 ވަނަ އަހަރު އަޅުގަނޑުމެންނާ ކުރިމަތިވި. އާދެ، އެއީ މި އަހަރުގެ އެޕްރީލް މަހުގައި، މާލެއަށާއި ރާއްޖެތެރޭގެ ރަށްރަށަށް ދިމާވި ރާޅުއެރުމުގެ ޙާދިޘާ. އަދި އޭގެފަހުން، ޖޫންމަހު އަދި މި އަހަރުގެ ސެޕްޓެމްބަރު މަހުގައި، ޖޫންމަހު އެރިވަރަށް ނުވަތަ އެޕްރީލް މަހު އެރިވަރަށް ނޭރިކަމުގައިވިޔަސް، ޖޫންމަހުވެސް އަދި ސެޕްޓެމްބަރު މަހުވެސް ވަނީ ރާއްޖޭގެ ބައެއް ހިސާބުތަކަށް ރާޅުއަޅައި، އެތަކެއް ގެއްލުންތަކެއް ލިބިފައި. އާދެ، މިޙާދިޘާތަކުގެ ސަބަބުން މާލެއަށާއި، ރާއްޖޭގެ ވަރަށްގިނަ ރަށްރަށަށް އަދި މާލޭ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށާއި، ރާއްޖެތެރޭގެ ރަށްރަށުގެ ދަނޑުބިންތަކަށް އަދި ގެދޮރަށާއި އޮޑިދޯނިފަހަރަށް ވަރަށް ބޮޑެތި ގެއްލުން ލިބުނު. އަދި ރާޅުއެރުމާ ގުޅިގެން މާލެއަށާއި ރާއްޖެތެރެއަށް، ބޭރަށް ހިންގުމުގެ ނުރައްކާތެރި ރޯގާއެއްވެސް ފެތުރިގެންދިޔަ.

މިކަންތައްތަކާ ގުޅިގެން ސަރުކާރުގެ ބަޖެޓުން ވަރަށްގިނަ ޢަދަދަކަށް ފައިސާ ޚަރަދުކުރަންޖެހުނު. އެހެންނަމަވެސް، އެކުވެރި ޤައުމުތަކާއި، ބައިނަލްއަޤްވާމީ ޖަމާޢަތްތަކުން އެކަމަށް ވަރަށްމަތީ ދަރަޖައިގެ އެހީ، ފައިސާގެ ގޮތުންނާއި، ތަކެތީގެ ގޮތުން ލިބިފައިވޭ. އާދެ، ކުރިން މި ދެންނެވި ބޭރަށްހިންގުމުގެ ރޯގާ ކޮންޓްރޯލް ކުރުމުގެ ގޮތުން، ސަރުކާރުގެ ބަޖެޓުން ގާތްގަނޑަކަށް 2.3 މިލިއަން ރުފިޔާ ޚަރަދުވި. ދެން ރާޅުއެރުމުގެ ސަބަބުން ރާއްޖެއަށް ލިބުނު ގެއްލުންތައް ފޫބެއްދުމަށްޓަކައި އެކުވެރި ޤައުމުތަކުންނާއި، އެކިއެކި ބައިނަލްއަޤްވާމީ ޖަމާޢަތްތަކުން ދިން ފައިސާގެ އެހީއަށް ބަލާއިރު، އެ އެހީ ގާތްގަނޑަކަށް 8 މިލިއަން ރުފިޔާއާ ހަމައަށް އަރާ. އާދެ، އެ ލިބުނު އެހީ ބޭނުންކުރާނެ ގޮތްތައް، ސަރުކާރުން ދަނީ ރާވަމުން. އޭގެތެރޭގައި، އެންމެބޮޑަށް އިސްކަންދޭންޖެހޭ ކަމަކީ، މުސްތަޤްބަލުގައި މިކަހަލަ ޙާދިޘާތައް ދިމާވުމުން، އެކަމުން ލިބޭ ގެއްލުން ކުޑަކުރެވޭނީ ކިހިނެއްތޯ ބަލައި، އެގެއްލުން ކުޑަކުރެވޭނެ ގޮތުގެ މައްޗަށް ކަންތައްތަކެއް ރާވައިގެން ހިންގުން.

އާދެ، މިކަމަކީ މީގެކުރިންވެސް އަޅުގަނޑު އެއްފަހަރަކު އިޝާރާތްކުރި ފަދައިން، ސަރުކާރުން ވަރަށްބޮޑު އަހަންމިއްޔަތެއް ދޭން ޖެހިފައިވާ ކަމެއް. މި މައްސަލައިގެ ބޮޑުކަމުން، ހަމައެކަނި އަޅުގަނޑުމެންނަށް އެކަނި، އަޅުގަނޑުމެންނަށް ޤުދުރަތީ ގޮތުން ދިމާވާ ކަންތައްތައް ޙައްލުކުރުމުގެ ކުޅަދާނަކަން ލިބިގެނެއްނުވޭ. ދުނިޔޭގެ ކުދިކުދި އެހެން ޤައުމުތަކަށްވެސް އެފަދަ ޤާބިލިއްޔަތެއް ލިބިގެނެއްނުވޭ. މައްސަލައަކީ މިހާރު ބައިނަލްއަޤްވާމީ ގޮތުން ބަޙުޘްކުރެވެމުންދާ މައްސަލައެއް، ދުނިޔޭގެ ތަފާތު ދާއިރާތަކުގައި. އަޅުގަނޑުމެންގެ ރާއްޖޭގެ ފަރާތުންވެސް އަޅުގަނޑުމެންނަށް މި ދިމާވާ ޤުދުރަތީ ބޮޑެތި މައްސަލަތަކުގެ ވާހަކަ އަދި ޚާއްޞަކޮށް، ސައިންޓިސްޓުން ބުނާގޮތުގައި، ކަނޑުގެ ލޮނުގަނޑު ބޮޑުވުމުގެ މައްސަލަ އަޅުގަނޑުމެން މިހާރުވަނީ ދުނިޔޭގެ ކަމާބެހޭ ފަރާތްތަކަށް އަދި ކަމާބެހޭ ޖަމުޢިއްޔާތަކަށް ހުށަހަޅާފައި. އެކަމުގެ ސަބަބުން ވަރަށް އެދެވޭ ނަތީޖާތަކެއް މިހާރުވެސް ލިބެމުން އެބަދޭ.

އާދެ، ރާއްޖޭގެ މަސްވެރިކަމާ ބެހޭގޮތުން ދެން އެއްޗެއް ދަންނަވާލާނަން.

ރާއްޖޭގެ މަހުގެ މުއްސަނދިކަން ހެޔޮގޮތުގައި ބޭނުންކުރުމުގެ މަޝްރޫޢު، ރާއްޖޭގެ ދެކުނުގެ ބައެއް އަތޮޅުތަކަށްޓަކައި ހިންގޭއިރު، އުތުރުގެ އަތޮޅުތަކަށްޓަކައި ހިންގޭ މަސްވެރިކަމުގެ މުހިންމު މަޝްރޫޢަކީ، އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަންގެ މަސްވެރިކަމާބެހޭ ދެވަނަ މަޝްރޫޢު. މި މަޝްރޫޢަށް ފައިސާ ހޯދާފައިވަނީ ހަތަރު ފަރާތަކުން. އެއީ، ނޯވޭ ސަރުކާރުން ހިލޭ ދޫކުރާ ފައިސާއާއި، އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަނާއި، އޯޕެކް ފަންޑާއި، އިންޓަރނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓްގެ ފަރާތުން ދޫކުރާ ލޯނު. މި ދެންނެވި މަޝްރޫޢުގެ ދަށުން ފާދިއްޕޮޅު ފެލިވަރުގެ ފަޅުފުންކުރުމާއި، އެ ރަށުގައި ގުދަން ހެދުމާއި، ކުޑަވަރެއްގެ ގޯއްޗެއް ހޯދުމާއި، ވާރކްޝޮޕެއް ހެދުން ހިމެނޭ. މަސް ފިނިކޮށް ރައްކާކުރުމަށް ހަދާ ޢިމާރާތްތަކާއި، ފިނިކުރާ ސާމާނު ހަރުކޮށް ފުރިހަމަކުރުންވެސް ހިމެނޭ. މިބައި މިހާރުވަނީ ހަދާ ނިމިފައި. މި މަޝްރޫޢުގެ ދަށުން ހަދަންޖެހޭ ތެޔޮ ރައްކާކުރާ ތާނގީއާއި، ތެޔޮ ގެންގޮސްދިނުމަށް ހޯދާ ބޯޓާއި އަދި މަހުގެ މަސައްކަތުގައި ބޭނުންވާ ބޯޓުފަހަރު ހޯދުމުގެ މަސައްކަތް މިހާރުދަނީ ހިނގަމުން. މި މަޝްރޫޢު ހިންގުމުގައި އެކިއެކި ދަތިތައް މެދުވެރިވެ ހިސާބަކަށް ލަސްވާގޮތްވި. އެހެންނަމަވެސް، މިހާރު މަޝްރޫޢު އެކަށީގެންވާ ގޮތެއްގައި ކުރިއަށް ހިނގަމުން އެބަދޭ. މިހާތަނަށް މި މަޝްރޫޢުގެ ދަށުން ލޯނުގެ ގޮތުގައި 4.5 މިލިއަން ޑޮލަރު އަދި ހިލޭ އެހީގެ ގޮތުގައި 6.6 މިލިއަން އެމެރިކާ ޑޮލަރު ޚަރަދުވެއްޖެ.

1979 ގައި މާލޭގައި ހުރީ، 850 ތެލިފޯނު ލައިންގެ ދެ އެކްސްޗޭންޖް. މި ދަންނަވާލަނީ މުވާޞަލާތާބެހޭ ބައެއް. އާދެ، އެ ދެ އެކްސްޗޭންޖަކީ 300 ލައިންގެ އަތުން ގުޅައިދޭ އެކްސްޗޭންޖަކާއި، 550 ލައިންގެ އޮޓޮމެޓިކް އެކްސްޗޭންޖެއް. އެހެންނަމަވެސް، ތެލިފޯނަށް ބޭނުންވެފައި ތިބި މީހުން އެދުވަސްވަރުވެސް ވަރަށްގިނަ. ތަރައްޤީގެ ކަންތަކުގައި މުވާޞަލާތަކީ، ވަރަށް ބޭނުންތެރި ޚިދުމަތެއް ކަމުގައިވާތީ، މުވާޞަލާތާބެހޭ ޚާއްޞަ ޢިމާރާތަކާއި، މި ޒަމާނަށް ފުދޭވަރުގެ އެކްސްޗޭންޖެއް ހޯދުމުގެ މަޝްރޫޢެއް ރޭވި، މި މަޝްރޫޢަށް ވަނީ ޖަޕާނު ސަރުކާރުގެ ހިލޭ އެހީ ލިބިފައި. އަދި މަޝްރޫޢުގެ ފުރަތަމަ ބައި، މުވާޞަލާތާބެހޭ ޢިމާރާތް ހަދާ ނިމި، މިހާރުވަނީ ސަރުކާރާ ޙަވާލުކުރެވިފައި. މިޢިމާރާތުގައި ބަހައްޓަންޖެހޭ އެކްސްޗޭންޖްގެ ކަންތައްވެސް މިހާރުވަނީ ނިމިފައި. މިކަންކަމަށް 734 މިލިއަން ޖަޕާން ޔެން ޚަރަދުކުރެވިފައިވޭ. އަދި 3000 ލައިންގެ ނަރު ވަޅުލުމުގެ މަސައްކަތް މިހާރުދަނީ ހިނގަމުން. ވަރަށް އަވަސް މުއްދަތެއްގެ ތެރޭގައި، މި މަސައްކަތް ނިމި، މާލޭގައި ތެލިފޯނަށް ބޭނުންވެފައިވާ މީހުންނަށް މި ޚިދުމަތް ދެވޭނޭކަމަށް ލަފާކުރެވޭ.

މާލޭގެ ބޯފެނާއި ފާޚާނާގެ މަޝްރޫޢު:

މާލެއަށް މީހުން ގިނަވުމުގެ ސަބަބުން ޢާންމު ޞިއްޙަތު ސަލާމަތްކުރުމަށްޓަކައި ހިންގޭ ބޯފެނާއި ފާޚާނާގެ މަޝްރޫޢު ވަރަށް ހަލުވިކަމާއެކު މިހާރު ކުރިއަށް އެބަދޭ. މި މަޝްރޫޢުގެ ދަށުން މާލޭގެ ހުރިހާ ގެޔަކަށް ފާޚާނާހޮޅި ގުޅައިދިނުމާއި، ގޭގޭގައި ވާރޭފެން ރައްކާކުރާނޭ ތާނގީ ހަދައިދިނުމާއި، ވާރޭފެން ނަގާނޭ ބޮޑެތި ތާނގީ ހެދުމާއި، ބޯފެން ދޫކުރެވޭނޭގޮތް ހެދުން ހިމެނޭ. މި މަސައްކަތް، އަންނަ އަހަރުގެ މެދެއްހާ ތާނގައި ނިމޭނޭކަމަށް އުންމީދު ކުރެވޭ. މި މަޝްރޫޢަށް ފައިސާ ހޯދާފައިވަނީ ސަޢޫދީ ފަންޑުގެ ލޯނަކުންނާއި، ހުޅަނގު ޖަރުމަނާއި، ޔޫރަޕްގެ އިޤްތިޞާދީ ޖަމާޢަތުގެ ހިލޭއެހީއިން. މިމަޝްރޫޢަށް މިހާތަނަށް 3.5 މިލިއަން ޑޮލަރު ޚަރަދުވެފައިވޭ.

މާލޭގައި މިހާރުހުރި އިންޖީނުތަކުން މާލެއަށް ފުދޭވަރަށް ކަރަންޓް ދެވެން ނެތުމާއެކު، އިންޖީނު އިތުރުކޮށް، ކަރަންޓް އިތުރުކުރުމުގެ މަޝްރޫޢެއް ވަނީ ހިންގަން ފެށިފައި. މި މަޝްރޫޢުގެ ދަށުން 500 ކޭ.ވީ.ގެ އިންޖީނަކާއި، ކަރަންޓް ފޮނުވާ މައި ނަރު، މި ހުސްވި އަހަރުގެ ތެރޭގައި އިނގިރޭސިވިލާތުން ހިލޭއެހީގެ ގޮތުގައި ވަނީ ލިބިފައި. އިތުރު 1 މެގަވޮޓްގެ އިންޖީނެއް، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުގެ ލޯނު އެހީގެ ދަށުން މި އަހަރުގެ ތެރޭގައި ގެނެވިފައިވޭ. މިކަމަށް 6 ލައްކަ ޑޮލަރު ޚަރަދުކުރެވިފައިވޭ.

މި ދެންނެވި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުން ފައިސާ ލިބިގެން ރާއްޖެތެރޭގެ ބައެއް ރަށްރަށަށްވެސް ކަރަންޓް ދޫކުރުމުގެ މަސައްކަތް މިހާރު އެބަ ހިނގާ. އެގޮތުން، ހދ. ކުޅުދުއްފުށީގަޔާއި، ގދ.ތިނަދޫގައި ކަރަންޓް އުފައްދާ އިންޖީނު ބެހެއްޓުމުގެ ކަންތައް މިހާރުދަނީ ހިނގަމުން. މިކަމަށްޓަކައި އޭ.ޑީ.ބީ.ގެ ލޯނު، 3 ލައްކަ ޑޮލަރު މިހާތަނަށް ލިބިފައިވޭ.

މަސްވެރިކަމުގެ ބައެއް ރަށްރަށަކީ، އެ ރަށްރަށަށް ލަފާ، ފުރާ އުޅުން ވަރަށްދަތި ރަށްރަށް. އެހެން ދިމާވުމުން، އެ ރަށްރަށުގެ މީހުންކުރާ މަސައްކަތްތަކަށް ވަރަށް ބޮޑަށް ދަތިވޭ. އަޅުގަނޑު ރާއްޖެތެރެއަށް ކުރި ދަތުރުތަކުގައިވެސް ރާއްޖެތެރޭގެ ގިނަމީހުން އެންމެ ބޮޑަށް އެދެމުންދިޔަ ކަމަކީ، ސަރުކާރުގެ ފަރާތުން ރަށްރަށުގެ ފަޅު ފުންކޮށްދިނުން. އެމީހުން ބުނާގޮތުގައި، އެއީ އެމީހުންނަށް އަމިއްލައަށް ކުރެވޭވަރުގެ ކަމެއް ނޫން. އެގޮތް އަޅުގަނޑުވެސް ޤަބޫލުކުރަން. މަސައްކަތަކީ ވަރަށްބޮޑު މަސައްކަތެއް. ވަރަށްގިނަ ޚަރަދު ހިނގާނެ ކަމެއް. އެއްގޮތަކަށްވެސް ރައްޔިތުން އަމިއްލައަށް އެކަންތައް އެކަށީގެންވާ ގޮތަކަށް ނުކުރެވޭނެ.

އެހެންވީމާ، އެ ދަތުރުތަކުން ލިބުނު މަޢުލޫމާތުގެ މައްޗަށް ބިނާކޮށް އަދި ރާއްޖެތެރޭގެ އެހާގިނަ ބައެއް އެގޮތަށް އެދޭތީ، އެކަމަށް ސަރުކާރުން ވަރަށްބޮޑު އަހަންމިއްޔަތެއް ދިން. އޭގެ ނަތީޖާއެއްގެ ގޮތުން، މިހާރު ރާއްޖެތެރޭގެ ރަށްރަށުގެ ފަޅު ފުންކުރުމުގެ ބޮޑު މަޝްރޫޢެއް ރޭވިގެން ހިނގަމުން މިދަނީ. ސަރުކާރުން ކަނޑައަޅާ ރަށްތަކެއްގެ ފަޅު ފުންކުރުމަށްޓަކައި މި ދެންނެވި މަޝްރޫޢު ހަދައި، އޭ.ޑީ.ބީ.ގެ އެހީގައި އެ މަޝްރޫޢު މިހާރު ހިނގަމުން އެބަދޭ. މިހާރު މަސައްކަތް ހިނގަނީ، ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީގަޔާއި، ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީގައި.

މާލޭގެ މަގުތައް، އެއްދުވަހުން އަނެއް ދުވަހަށް ހަލާކުވެ، ވަޅުހެދި، މީހުންނަށާއި، ދުއްވާ އެއްޗެއްސަށް ގެއްލުންވަމުންދާތީ، ސަރުކާރުގެ ފަރާތުން މި މަޝްރޫޢު ހިންގަން ފެށީ، މި އަހަރުގެ ތެރޭގައި. މި މަޝްރޫޢު ފަށައިގަނެވުނީ ސަރުކާރުގެ ޚަރަދުގައި ހިންގުމަށް. އެއީ މަޝްރޫޢުގެ ބޭނުންތެރިކަން ބޮޑުކަމުން، ބޭރުގެ އެހީއެއް ލިބިގެން އެކަން ކުރެވެންދެން މަޑުކުރެވެން ނެތިގެން. މިމަޝްރޫޢަށް އަޅުގަނޑު ކުރި އިލްތިމާސަށް، ޢާންމު ރައްޔިތުންގެ ފަރާތުން ވަރަށްހެޔޮ ތަރުޙީބެއް ލިބެމުން އެބަދޭ. އެފަރާތްތަކުން އެކި ސިފަސިފައިގައި އެހީވަމުން ގެންދޭ. މިހާތަނަށް މި މަޝްރޫޢަށް އަމިއްލަ ފަރާތްތަކުން -/754,647 ރުފިޔާ ސަރުކާރަށް ލިބިފައިވޭ. އޭގެތެރޭގައި، ރާއްޖެތެރޭގެ އެކިއެކި ފަރާތްތަކުން ދެއްކި -/157,649 ރުފިޔާވެސް ހިމެނޭ. މި ދެންނެވި ފައިސާގެ އިތުރަށް، ސަރުކާރުގެ އޮފީސް އޮފީހުގެ މުވައްޒަފުންގެ ފަރާތުންނާއި، މާލޭގެ އަވަށް އަވަށުންނާއި، ޓޫރިސްޓް ރިޒޯޓުތަކުންނާއި، އަދި ރާއްޖެތެރޭގެ އެކިއެކި އަތޮޅުތަކުންނާއި އަދި އަމިއްލަ މީސްމީހުންގެ ފަރާތުން އަކިރިއާއި ވެލި ހަދިޔާކޮށްފައިވާކަން އުފަލާއެކު އަޅުގަނޑު ފާހަގަކޮށްލަން.

އާދެ، ދެން އަޅުގަނޑު އެއްޗެއް ދަންނަވާލާނީ، 1987 ވަނަ އަހަރުގެ ބަޖެޓާ ބެހޭގޮތުން. އަދި 1987 ވަނަ އަހަރު ސަރުކާރަށް ލިބޭނެކަމަށް ލަފާކުރެވޭ އެއްޗަކާ ބެހޭގޮތުން.

އާދެ، 1987 ވަނަ އަހަރު ސަރުކާރަށް ލިބޭނޭ އެއްޗެއް އަންދާޒާކުރާއިރު، ހުސްވި އަހަރަށްވުރެ ވަރަށްބޮޑުތަން މައްޗަށް ޖެހިފައިވޭ. އެއީ 1986 ގައި ލިބުނު، ކުރިންވެސް ދެންނެވި 322.3 މިލިއަން ރުފިޔާއިން، 1987 ގައި ލިބޭނެކަމަށް ލަފާކުރެވޭ 404.7 މިލިއަން ރުފިޔާއަށް ބަދަލުވި. އެއީ މިދިޔަ އަހަރަށްވުރެ ސަތޭކައަކުން 26 ގިނަ ޢަދަދެއް. އާދެ، 1986 ގައި ދައުލަތަށް ލިބުނު އާމްދަނީއަށްވުރެ، 1987 ގައި ލިބޭނެކަމަށް މިހާތަނަށް ހިސާބުތަކުން ދައްކާ، ކުރީ އަހަރު ލިބުނުވަރަށްވުރެ ސަތޭކައަކުން 26 އިތުރުވާނެ ކަމަށް. 1987ގެ ޖުމްލަ ޚަރަދު 395.6 މިލިއަން ރުފިޔާ ވާނޭކަމަށްވެސް ހިސާބުތަކުން ދައްކާ. އެއީ، މިދިޔަ އަހަރަށްވުރެ ސަތޭކައަކުން 20 ގިނަ ޢަދަދެއް. އާދެ، ދެބައިންވެސް ވަނީ މައްޗަށް ޖެހިފައި. ލިބުނު އެއްޗެއްވެސް، ޚަރަދުވެސް. އެހެންނަމަވެސް، މީގައި އަޅުގަނޑުމެން ފާހަގަކޮށްލަން ރަނގަޅު ތަންކޮޅެއްހެން އަޅުގަނޑަށް ހީވޭ، ލިބުނު އެއްޗެއް އިތުރުވި މިންވަރު. ޚަރަދުވިބައި، އިތުރުވި ވަރަށްވުރެ ބޮޑު. ލިބުނު އެއްޗެއް އިތުރުވެފައިވަނީ ސަތޭކައަކުން 26. ޚަރަދު އެކުލެވިފައިވަނީ ސަތޭކައަކުން 20. ލަފާކުރެވޭގޮތުގައި، މި އަހަރުގެ ތެރޭގައި އެކިއެކި މަޝްރޫޢުގެ ދަށުން ލިބޭ ލޯނު އެހީގެ މިންވަރަކީ 56.4 މިލިއަން ރުފިޔާ. އަދި ތަރައްޤީގެ މަޝްރޫޢުތަކަށް ލިބޭ ހިލޭއެހީގެ މިންވަރަކީ 72.5 މިލިއަން ރުފިޔާ. ކުރީ އަހަރާ އަޅައިބަލާއިރު، މިހިނގާ އަހަރުގެ ތެރޭގައި، ސަރުކާރުގެ އާމްދަނީގެ ގޮތުގައި ބޭރުގެ އެހީއާއި، ލޯނުގެ ގޮތުގައި ލިބުނު އެއްޗެއް ވަރަށްބޮޑުތަން އިތުރުވެގެން ހިނގައްޖެ ކަމަށް ހިސާބުތަކުން ދައްކާ. މުޅި ޖުމްލަ ކުރިން ދެންނެވި ފަދައިން، ސަތޭކައަކުން 26 އިތުރުވޭ.

ޢިއްޒަތްތެރި މެންބަރުން، ހަނދުމަފުޅު ހުންނާނޭ ފަދައިން، މިދިޔަ އަހަރު ބަޖެޓް ހުށަހެޅިއިރު، 1987 ގައި ލިބޭ އެއްޗަކަށްވުރެ ޚަރަދުއިތުރުވާނެ ކަމަށް ލަފާކޮށްފައި ވަނީ 36.8 މިލިއަން ރުފިޔާ. އާދެ، މިދިޔަ އަހަރުގެ މި ދުވަހު، ބަޖެޓް ހުށަހެޅި ދުވަހު އަޅުގަނޑު ދެންނެވިން، 1987 ގައި ސަރުކާރަށް ލިބޭ އެއްޗަކަށްވުރެ، 1987 ގައި ހިނގާ ޚަރަދު 36.8 މިލިއަން ރުފިޔާ އިތުރުވާނެކަމަށް ލަފާކުރެވެއޭ. އެހެންނަމަވެސް، މިހާރު ލަފާކުރާއިރު، އޭރުކުރި ހިސާބަށް ވަރަށްބޮޑު ބަދަލެއް އަންނާނެ ކަމަށް ފެނޭ. އެ ބަދަލަކީ ވަރަށް ހެޔޮ ބަދަލެއް. އާދެ، މިހާރު ފެންނަގޮތުގައި، މިއަހަރު ދައުލަތުން ޚަރަދުވާވަރަށްވުރެ ދައުލަތަށް ލިބޭ އާމްދަނީ 9 މިލިއަން ރުފިޔާ އިތުރުވާނެކަމަށް ހިސާބުތަކުން ދައްކާ. އާދެ، އަޅުގަނޑަށް ހީވަނީ ވަރަށްބޮޑު ކާމިޔާބީއެއްހެން. ކުރީ އަހަރު އަޅުގަނޑު ލަފާކުރީ 36.7 މިލިއަން ރުފިޔާ އިތުރަށް ޚަރަދުވެގެންދާނެ ކަމަށް، ސަރުކާރުން ލިބޭ އެއްޗަކަށްވުރެ. އެހެންނަމަވެސް، 1987ގެ ކަންތައްތައް ރޭވި ހިނގަމުންދިޔަ ގޮތުން، އޭގެ އަނެއްކޮޅަށްޖެހުނީ. އަޅުގަނޑުމެންނަށް ލިބުނު އެއްޗެއް، ކުރެވުނު ޚަރަދަށްވުރެ 9 މިލިއަން ރުފިޔާ އިތުރުވާނެކަމަށް މިހާރު ހިސާބުތަކުން ދައްކާ.

މިގޮތަށް އިތުރުވާ ބަޖެޓެއްގެ ގޮތުގައި މިދިމާވީ ކިތަންމެ ސަބަބުތަކެއް ހުރެގެން. އޭގެތެރޭގައި ބޭރުފައިސާގެ ނިސްބަތުން ދިވެހިފައިސާގެ އަގަށް ގެނެވުނު ރަނގަޅު ބަދަލާއި، ބޭރުގެ އެހީ އިތުރުވުމާއި، އަދި ޓޫރިޒަމް ކުރިއަށްދިޔުމާ، މިކަންކަން ހިމެނޭ. ޢިއްޒަތްތެރި މެންބަރުންގެ އަތްޕުޅުގައިވާ ކަރުދާހުން އެނގިވަޑައިގަންނަވާނޭ ފަދައިން، އިމްޕޯޓް ޑިއުޓީއަށް ލިބުނު ފައިސާ ވަރަށްބޮޑުތަން މައްޗަށް ގޮސްފައިވޭ. އަދި ޓޫރިޒަމް ޓެކްސާއި، އެއަރޕޯޓް ޚިދުމަތަށް ލިބޭ އެއްޗަކާއި، ޓޫރިސްޓް ރަށްރަށުން ލިބޭ އެއްޗެއްވެސް ވަރަށްބޮޑުތަން އިތުރުވެފައިވޭ.

ބޭރުގެ އެހީ

އެކުވެރި ޤައުމުތަކުންނާއި، ބައިނަލްއަޤްވާމީ ޖަމާޢަތްތަކުން ލިބެމުންދާ ބޭރުގެ އެހީއަކީ، ޤައުމުގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީއަށް ވަރަށް މަތިވެރި ފައިދާތަކެއް ކޮށްދޭ އެއްޗެއް. 1987 ވަނަ އަހަރުގެތެރޭގައި އެހީގެ ގޮތުގައި، ފައިސާއާއި ތަކެތިން ގާތްގަނޑަކަށް 87 މިލިއަން ރުފިޔާ ލިބޭނެކަމަށް ފެނޭ. އޭގެތެރޭގައި، އެމެރިކާއާއި، އޮސްޓްރޭލިއާއާއި، ޖަޕާނުފަދަ ޤައުމުތަކުންދޭ ކާބޯތަކެތީގެ އެހީއާއި އަދި ހުޅަނގު ޖަރުމަނާއި، އިނގިރޭސިވިލާތާއި އަދިވެސް ބައެއް އެހެން ޤައުމުތަކުން، ޖަޕާނުވެސް ހިމެނޭ. އެކިއެކި މަޝްރޫޢުތަކަށްދޭ އެހީވެސް ހިމެނޭ.

ފައިސާއާބެހޭ ސިޔާސަތު

އަހަރީ ބަޖެޓް، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާއިރު، ފައިސާއާ ބެހޭގޮތުން ސަރުކާރުން ގެންގުޅޭ ސިޔާސަތު ހާމަކުރުމަކީ، ބޭނުންކަމެއް ކަމުގައި އަޅުގަނޑު ދެކެން. ރާއްޖޭގެ ފައިސާގެ ބާޒާރުގައި މީގެކުރިން ސަރުކާރުން ވަކި ސިޔާސަތެއް ގެންގުޅެފައެއް ނެތް. މީގެ ދިހަވަރަކަށް އަހަރު ކުރިން ސަރުކާރުން ފައިސާއާ ބެހޭގޮތުން ގެންގުޅުނު ސިޔާސަތެއް ކަމުގައި ބެލެމުން އައިސްފައި އޮތީ، ސަރުކާރަށް ލިބޭ އެއްޗަކަށްވުރެ ޚަރަދުބޮޑުނުވާނޭ ގޮތެއްގެ މަތިން ގެންދިޔުން. އެހެންނަމަވެސް، އެހެން އެކަން އޮތުމުން، ޤައުމުގެ ތަރައްޤީ އޮތީ ހުއްޓިފައި. ރައްޔިތުންނަށް ކޮންމެހެން ބޭނުންވެފައިވާ އިޖުތިމާޢީ ޚިދުމަތްތައް އޮތީ ނުދެވިފައި. އިޤްތިޞާދީ ގޮތުން ހޯދައިދޭންޖެހޭ ފައިދާތައްވެސް އޮތީ ހޯދައިނުދެވިފައި.

އެހެންކަމުން، އަޅުގަނޑު ރާއްޖޭގެ ރިޔާސަތާ ޙަވާލުވުމާއެކު، އެސިޔާސަތު ބަދަލުކުރަންޖެހުނު. އަދި ރައްޔިތުންނަށް އިޖުތިމާޢީ ޚިދުމަތްތަކާއި، އިޤްތިޞާދީ ފައިދާތައް ހޯދައިދިނުމަށްޓަކައި ސަރުކާރުން ހޭދަކުރާ މިންވަރު އިތުރުކުރަން ފަށަންޖެހުނު. ހަމައެއާއެކު، ސަރުކާރަށް ލިބޭ އާމްދަނީ އިތުރުވާނޭ ގޮތްތައްވެސް ހޯދުނު.

މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން ފާހަގަކުރައްވާނޭ ފަދައިން، މި ސަރުކާރުން ހުށަހަޅަމުން އައި ބަޖެޓް، އެއް އަހަރުން އަނެއް އަހަރަށް އައީ ބޮޑުވަމުން. ޚަރަދާއި އާމްދަނީވެސް ދިޔައީ އިތުރުވަމުން. ހަނދުމަފުޅު ހުންނާނެ، 1979 ވަނަ އަހަރު އަޅުގަނޑު ހުށަހެޅި ބަޖެޓް ޚަރަދުގެ ގޮތުގައި އޮތީ 49 މިލިއަން ރުފިޔާ. ލިބޭ އެއްޗެއް އޮތީ 35 މިލިއަން ރުފިޔާ، 1979 ގައި. މިހާރު މި ހުށަހަޅާ ބަޖެޓްގައި 525 މިލިއަން ރުފިޔާ އެބައޮތް، ބަޖެޓް ޚަރަދު ކަމުގައި. އެއީ 49 މިލިއަނުން 525 އަށް، 10 އަހަރު ދުވަހުގެ ތެރޭގައި ނުވަތަ 9 އަހަރު ދުވަހުގެ ތެރޭގައި ބަދަލުވެގެންދިޔަ ދިޔުން.

ވޭތުވެދިޔަ ހަތަރު ފަސް އަހަރެއް މިދިޔައީ ލިބޭ އެއްޗަކަށްވުރެ ޚަރަދުވާ ޢަދަދު އިތުރުވަމުން. ތިޔަބޭފުޅުންގެ އަތްޕުޅަށް ލިބިވަޑައިގެންފައިވާ ބަޖެޓާބެހޭ މަޢުލޫމާތު ކަރުދާސްތަކުން އެނގިވަޑައިގަންނަވާނޭ ފަދައިން، 1986 ވަނަ އަހަރުގެ ބަޖެޓް ހަމަޖެއްސުމަށްޓަކައި 7.7 މިލިއަން ރުފިޔާ އިތުރަށް ހޯދަންޖެހުނު. އާދެ، އެހެންނަމަވެސް، މިހާރު މި ހިނގާ އަހަރު އާދެ، 1987 ވަނަ އަހަރުގެ ހިސާބުތައް ދައްކަނީ، ކުރިންވެސް ދެންނެވި ފަދައިން، އަހަރު ނިމޭއިރު ޚަރަދުތައް ހަމަޖައްސާފައި، ގާތްގަނޑަކަށް 9 މިލިއަން ރުފިޔާ އިތުރަށް ލިބޭނެކަމަށް. އޭގެ މާނައަކީ، އިތުރު ފައިސާތަކެއް، ފައިސާގެ ބާޒާރަށް ނުނުކުމެ ހަމަޖެއްސޭނެއޭ.

ބަޖެޓް އުނިކޮށް އޮތްނަމަ، އާދެ، މި ދެންނެވީ ލިބޭ އާމްދަނީއަށްވުރެ ޚަރަދުބޮޑުވާ ގޮތަކަށް ބަޖެޓް އޮންނަ ކަމަށްވަންޏާ، އޭގެ މާނައަކީ، އިތުރު ފައިސާތަކެއް ސަރުކާރުން ބާޒާރަށް ނެރެންޖެހެނީއޭ، އެ އުނިވާ ބައި ހަމަޖެއްސުމަށްޓަކައި. އެގޮތަށް ގިނަ އަހަރުތަކެއް ވަންދެން ފައިސާ ނުކުންނަމުންދާ ކަމަށްވަންޏާ، ވާނެގޮތަކީ ކޮބައިތޯ؟ ވާނެގޮތަކީ އެ ފައިސާތައް ލިބޭ މީހުން، އެމީހުންގެ ބޭނުންތައް ފުއްދުމަށްޓަކައި ގިނަ ތަކެތި ގަންނަން ބޭނުންވާނެ. ގިނަ ޚިދުމަތްތައް ހޯދަން ބޭނުންވާނެ. ރާއްޖެއަކީ ތަނުގައި، ތަނަށް ބޭނުންވާ ހުރިހާ އެއްޗެއް އުފެއްދޭ ތަނެއް ނޫން. އަޅުގަނޑުމެން ގާތްގަނޑަކަށް މިބޭނުންކުރާ ހުރިހާ އެއްޗެއްވެސް މިގެންނަނީ ބޭރުން، ރާއްޖެއަށް އިމްޕޯޓްކޮށްގެން، އޭގެ ބޭނުން މިކުރަނީ. އެހެންވީމާ، މީހުންގެ އަތްމަތީގައި ފައިސާ ގިނަވީމާ، އެމީހުން ގިނަ އެއްޗެތި ހޯދަން ބޭނުންވާނެ. އަދި ގިނަ ޚިދުމަތްތައް ލިބިގަންނަން ބޭނުންވާނެ. އެ އެއްޗެއްސަކީ ރާއްޖެއިން ލިބެން ނުހުންނަ އެއްޗެތި ކަމަށްވަންޏާ، އެ އެއްޗެތި ޖެހޭނީ އިމްޕޯޓް ކުރަން. ރާއްޖެއަށް އެތެރެކުރަން. އެހެންވީމާ، އޭގެ ނަތީޖާއަކަށްވަނީ، އަޅުގަނޑުމެން ބޭރު ފައިސާއަށް ބޭނުންވާ މިންވަރު، އެއް އަހަރުން އަނެއް އަހަރަށް އިތުރުވަމުންދިޔުން. އަދި ރާއްޖޭގެ ބާޒާރުގައި، ތަކެތީގެ އަގަށާއި، ބޭރު ފައިސާގެ އަގަށް ނޭދެވޭ ބަދަލުތަކެއް އައުން.

ޢިއްޒަތްތެރި މެންބަރުންނަށް އެނގިވަޑައިގަންނަވާނޭ ފަދައިން، 1986 ވަނަ އަހަރު ނިމުނުއިރު، ބޭރު ފައިސާގެ ދަތިކަން ރާއްޖޭގައި ޢާންމުގޮތެއްގައި އިޙްސާސް ކުރަން ޖެހިފައި އޮތް. ރާއްޖެއާ ވިޔަފާރީގެ ގޮތުން ގުޅިފައިވާ ބޭރު ޤައުމުތަކުގެ ފައިސާގެ ޓުކުރިއަކަށް ބިނާކޮށްގެން، ބޭރު ފައިސާގެ ނިސްބަތުން ދިވެހި ރުފިޔާގެ އަގު ހަދާއިރު، ޖެހޭ އަގާއި، ބާޒާރުގައި ބޭރު ފައިސާގެ އަގު ހުރިގޮތާ ވަރަށްބޮޑަށް އޭރު ތަފާތުވެގެންދިޔަ. އެހެންކަމުން، މި އަހަރު، އާދެ، 1987 މާޗް މަހުގެ 1 ވަނަ ދުވަހުން ފެށިގެން ދިވެހި ފައިސާ، ފައިސާގެ ބާޒާރުގައި، އޮއި ހުރިގޮތަކަށް ދިޔުމަށް ދޫކޮށްލެވުނު. އާދެ، ބޭނުން ބޮޑުވެއްޖިއްޔާ، ބޭރު ފައިސާގެ އަގުމައްޗަށްދާގޮތަށް. އަދި ބޭނުން ކުޑަވެއްޖިއްޔާ އަގުދަށަށްދާގޮތަށް.

އެހެންވީމާ، ތިޔަބޭފުޅުންނަށް މިހާރު އެނގިވަޑައިގަންނަވާނެ ފަދައިން، އެމް.އެމް.އޭ.އިން ކޮންމެ ދުވަހަކު ފައިސާގެ އަގު އިޢުލާނު ކުރައްވާ ބޭރު ފައިސާގެ ނިސްބަތުގައި ދިވެހި ފައިސާގެ އަގަށް ގާތްގަނޑަކަށް ދުވަހުން ދުވަހަށް ބަދަލު އާދޭ. އެއީ އަޅުގަނޑުމެންގެ ބާޒާރުގައި، ބޭރު ފައިސާއަށް މީހުން ބޭނުންވާވަރާ، އެކަންކަމަށް ބަލާފައި، އެއަށް އަންނަ ބަދަލު. އެގޮތަށް އޮތުމުން މިހާރު ބޭރުފައިސާގެ ދަތިކަން މުޅިންހެން ފިލައިގެން ހިނގައްޖެ. ބޭރުފައިސާ ނުލިބިގެން، ވިޔަފާރިވެރިން ނުވަތަ އެހެންވެސް ފަރާތްތަކުން ޝަކުވާކުރާ ތަނެއް މިހާރަކު ނާދޭ.

އާދެ، 1987 ވަނަ އަހަރުގެ މާޗް މަހުގެ 1 ވަނަ ދުވަހު، ދިވެހި ފައިސާގެ އަގު ހަމަޖެއްސީ، އޭރު ބާޒާރުގައި ހުރި އަގު -/10 ރުފިޔާއަކީ، އެމެރިކާ ޑޮލަރެއްގެ އަގު ކަމުގައި ބަލައިގެން. އަދި އެއާއެކު، ރައްޔިތުންނަށް ވިސްނައިދެވުނީ، ފައިސާގެ އަގު ހަމަޖައްސާނީ އެމީހުންކަން. އާދެ، މިދެންނެވީ ރައްޔިތުން ނުވަތަ ރައްޔިތުންގެ ތެރެއިން ބޭރުފައިސާ ބޭނުންވާ މީހުން، އެ ބޭނުންވާ ޢަދަދަކަށް ބަލައިގެން ފައިސާގެ އަގު ހަމަޖެހޭނީ. ކޮންމެ އެއްޗެއްވެސް ބާޒާރުގައި ގިނައްޔާ އޭގެ އަގު ދަށަށްދާނެ. އެ އެއްޗެއް ބާޒާރުގައި މަދިއްޔާ، އޭގެ އަގު މައްޗަށްދާނެ. އެ އުޞޫލުން ބޭރުފައިސާގެ އަގުވެސް މިހާރު މިއޮތީ އޮޔާދާގޮތަށް ދޫކޮށްލެވިފައި.

ދިވެހި ފައިސާގެ އަގަށް މިގެނައި މިނިވަން ބަދަލުގެ ސަބަބުން ރާއްޖޭގެ ބޭރުފައިސާގެ ސާފު އެސެޓް ވަރަށް ބޮޑަށް އިތުރުވެގެން ހިނގައްޖެ. ބޭންކްތަކަށް ބަލާއިރު، މި އަހަރުގެ ފުރަތަމަ 10 މަސްދުވަހުގެ ތެރޭގައި ބޭރުފައިސާގެ ސާފު އެސެޓް 39 މިލިއަން ރުފިޔާ އިތުރުވެފައިވޭ. އެއީ ސަތޭކައަކުން 39. މީގެ ނަތީޖާއަކީ ބޭންކްތަކުގެ ޙާލަތުވެސް ރަނގަޅުވުން.

ބޭންކްތަކުން އަމިއްލަ ފަރާތްތަކަށް ދޫކޮށްފައިވާ ދަރަނި 1986 ގެ ނިޔަލަށް، އޭގެ ކުރީ އަހަރަށްވުރެ 2.5 މިލިއަން ރުފިޔާ ދަށަށް ގޮސްފައިވޭ. އާދެ، އެއީ ރާއްޖޭގެ އިޤްތިޞާދީ ކަންތައްތައް އޭރު ގޮސްފައި އޮތްގޮތުން ހަމަޖެއްސުމަށްޓަކައި ސަރުކާރުން އަޅަންޖެހުނު ފިޔަވަޅުތަކެއްގެ ސަބަބުން. ނަމަވެސް، މި އަހަރުގެ ފުރަތަމަ 10 މަސްދުވަހުގެ ތެރޭގައި މިބައި ވަނީ 11.9 މިލިއަން ރުފިޔާ އިތުރުވެފައި.

ރާއްޖެއާއި ބޭރުގެ ޤައުމުތަކާއެކު ކުރެވުނު މުޢާމަލާތުގައިވެސް، 1986 ވަނަ އަހަރު ނިމިގެންދިޔައީ، އަޅުގަނޑުމެންނަށް ފަހިވާގޮތަށް. އާދެ، އަޅުގަނޑުމެންނަށް ރާއްޖެއިން ބޭރަށް ފޮނުވޭ އެއްޗަކަށާއި، ރާއްޖޭގައި ދެވޭ ޚިދުމަތްތަކަށް ލިބޭ ބޭރު ފައިސާގެ ޢަދަދު، ރާއްޖެއަށް އެތެރެކުރަންޖެހޭ މުދަލަށާއި، ޚިދުމަތްތަކަށް ދޭންޖެހޭ ފައިސާއަށްވުރެ އިތުރުވެގެންދިޔަ. އެހެންކަމުން، އަޅުގަނޑުމެންގެ ކަރަންޓް އެކައުންޓްގެ ބާކީގައި ކުރީއްސުރެ ތަފާތުވާ ބޮޑު ޢަދަދު މިހާރު އަންނަނީ ކުޑަވަމުން.

1987 ގައިވެސް އަޅުގަނޑުމެންގެ ކަރަންޓް އެކައުންޓް ދައްކާ ތަފާތު ވަރަށްބޮޑުތަން ކުޑަވެގެން އައި. ގާތްގަނޑަކަށް މުޅިން ހަމަޖެހުމަކީވެސް އެކަށީގެންވާ ކަމެއް. އެހެންއެވީ، ރާއްޖެއިން ބޭރަށް ފޮނުވޭ އެއްޗެއް އިތުރުވުމާއި، ޓޫރިސްޓުން އައުން އިތުރުވުމުގެ ސަބަބުން، ލިބޭ އެއްޗެއް އިތުރުވުމާއި، ބޭރުގެ އެހީ ލިބުނުލެއް ރަނގަޅުކަމުން. އަދި އިމްޕޯޓް ލައިސަންސް ދޫކުރުމުގެ ރަނގަޅު ޤަވާޢިދެއް ހިންގަމުން ގެންދިޔުމުގެ ސަބަބުން. އަޅުގަނޑު އުންމީދުކުރާ ގޮތުގައި، މި އަހަރުވެސް، އާދެ، 1987 ވަނަ އަހަރުވެސް، މިދިޔަ އަހަރެކޭ އެއްފަދައިން، ގާތްގަނޑަކަށް 9 މިލިއަން ޑޮލަރު އަޅުގަނޑުމެންނަށް ފަހިވާގޮތަށް އޮންނާނެ.

އާދެ، އަޅުގަނޑު ދެން އެއްޗެއް ދަންނަވާލަން ބޭނުންވަނީ، ޤައުމީ ތަރައްޤީގެ ތިން އަހަރު ދުވަހުގެ މަޝްރޫޢާ ބެހޭގޮތުން. ނިމެމުންމިދާ އަހަރު، 1987 ވަނަ އަހަރަކީ، މިހާރު މި ހިނގާ ތިން އަހަރު ދުވަހުގެ ޤައުމީ ތަރައްޤީގެ މަޝްރޫޢުގެ ފަހު އަހަރު. އަންނަ އަހަރު ޤައުމީ ތަރައްޤީގެ ތިން އަހަރު ދުވަހުގެ އާ މަޝްރޫޢެއް ފެށުމުގެ ތައްޔާރުތައް މިހާރުދަނީ ކުރެވެމުން. މިހާރު މި ހިނގާ ޤައުމީ ތަރައްޤީގެ މަޝްރޫޢު ރޭވިފައިވަނީ، މައިގަނޑު ތިން މަޤްޞަދެއްގެ މައްޗަށް ބިނާކޮށް. އެއީ، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރުން، އެއީ، އެއް މަޤްޞަދު. އަނެއް މަޤްޞަދަކީ، ތަރައްޤީގެ ފައިދާތައް، ހަމަހަމަގޮތެއްގައި މުޅި ރާއްޖެއަށް ފޯރުވައިދިނުން. ތިންވަނަ މަޤްޞަދަކީ، ތަރައްޤީގެ މަގުގައި ފުދުންތެރިކަން އިތުރުކުރުން.

މިހާތަނަށް ހޯދިފައިވާ މަޢުލޫމާތުތަކާއި ހިސާބުތަކަށް ބަލާއިރު، ނިމެމުންމިދާ ތިން އަހަރުގެ މަޝްރޫޢުގައި ހިމެނިފައިވާ ޕްރޮޖެކްޓްތައް ރަނގަޅު ފެންވަރެއްގައި ހިނގާފައިވޭ. ޕްރޮޖެކްޓްތައް ކުރިއަށް ގެންދިޔުމުގައި ދިމާވި އެންމެބޮޑު ދައްޗެއް ކަމަށް ހުރިހާ ފަރާތްތަކުންވެސް ފާހަގަކޮށްފައިވަނީ، އެކި ފެންވަރުގައި މަސައްކަތް ކުރުމަށާއި، މަސައްކަތް ހިންގުމަށް ބޭނުންވާ މީހުން ނުލިބުން. މީގެއިތުރަށް، ބޭރުގެ ފަރާތްތަކާ ގުޅިގެން، އެކިއެކި ޕްރޮޖެކްޓް ހިންގުމުގައި މެދުވެރިވާ އިދާރީ މައްސަލަތައް. އެހެންކަމުން، އެކިއެކި ޕްރޮޖެކްޓްތައް ހިންގުމަށް ބޭނުންވާ ފައިސާ، ބޭރުގެ ފަރާތްތަކުން ލިބުނު ކަމުގައިވިޔަސް، ޚަރަދު ނުކުރެވިދާތަން ބައެއްފަހަރަށް ދިމާވެފައިވޭ. ހިސާބުތަކުން ދައްކާގޮތުގައި، މިހިނގާ ތިން އަހަރު ދުވަހުގެ ތެރޭގައި، ސަރުކާރުގެ އެކި ފަރާތްތަކުން ޕްރޮޖެކްޓްތައް ހިންގުމަށް ޚަރަދުކޮށްފައިވާ ޢަދަދަކީ، ލަފާކުރި މިންވަރުގެ ގާތްގަނޑަކަށް ސަތޭކައަކުން 60.

މި މަޝްރޫޢުގެ ތިން އަހަރު ދުވަހުގެ ތެރޭގައި، އެވްރެޖްކޮށް އަހަރަކު ސޭތަކައަކުން 10ގެ މިންވަރަށް ރާއްޖޭގެ ޖީ.ޑީ.ޕީ. އާދެ، ރާއްޖޭގެ އެތެރޭގެ އުފެއްދުންތެރިކަން އިތުރުވެފައިވާ ކަމަށް ލަފާކުރެވޭ. މިހެންކަމުން، މި މަޝްރޫޢުގައި ޤާއިމުކުރެވިފައިވާ ލަނޑުދަނޑިތައް އެކަށީގެންވާ ފެންވަރަކަށް ކާމިޔާބުވެފައިވާ ކަމަށް ފެނޭ.

ހަމައެފަދައިން، ތަރައްޤީގެ މުހިންމު އެކިއެކި ދާއިރާތަކުގެ އުފެއްދުންތެރިކަން އިތުރުވަމުންވެސް ގޮސްފައިވޭ. މަސްވެރިކަމުގައި، މަސް ބޭނުނު ޢަދަދާއި، އެކްސްޕޯޓް ކުރެވުނު ޢަދަދު، ޓޫރިޒަމްގެ ދާއިރާގައި، ޓޫރިސްޓުން ރާއްޖެއަށް އައި ޢަދަދާއި، އެމީހުން ރާއްޖޭގައި ޚަރަދުކުރި ބޭރުފައިސާގެ މިންވަރު، ތަޢުލީމީ ދާއިރާގައި، ސްކޫލް ކުދިން އިތުރުވި މިންވަރާއި، ސްކޫލްތައް ބިނާކުރެވި، މުދައްރިސުން އުފެއްދުނު މިންވަރު، އަދި ޞިއްޙަތުގެ ދާއިރާގައި، ޢާންމު ޞިއްޙަތުގެ ފެންވަރު، ޅަފަތުގައި ކުދިން މަރުވުމުގެ ނިސްބަތް، އަދި މައިންގެ ޞިއްޙަތު. އަދި އޭގެއިތުރަށް، ބޯފެނާއި ސާފުތާހިރުކަން ރައްޔިތުންނަށް ލިއްބައިދިނުން. މި ހުރިހާ ކަމެއްގައި ޤައުމީ މަޝްރޫޢުގައި ލަފާކޮށްފައިވާވަރާއި، ޙާޞިލު ކުރެވުނު މިންވަރު ގާތްކޮށްފައިވާކަން އެއީ، މި ދާއިރާތަކުގެ މަސައްކަތްތެރިން ފަޚުރުވެރިވާންޖެހޭނެ ކަމެއްކަން ކަށަވަރު.

1988 އިން 1990ގެ ނިޔަލަށް ރޭވޭ ތަރައްޤީގެ ދެވަނަ ޤައުމީ މަޝްރޫޢުގައި މުހިންމު ކަންތައްތަކެއް ހިމެނިފައިވާނެ. މިގޮތުން، އެންމެ އިސްކޮށް ފާހަގަކޮށްލެވެނީ، ފުރަތަމަ މަޝްރޫޢުގައި ކަނޑައެޅިފައިވާ މަޤްޞަދުތައް، މި މަޝްރޫޢުގައިވެސް ދެމިއޮންނާނެކަން. މިހެންވެ ކުރިން އެޅުނު ފިޔަވަޅުތަކާއި، ކަނޑައެޅިފައިވާ ސިޔާސަތުތަކާ ތަޢާރުޟުނުވާގޮތަކަށް، ދެވަނަ މަޝްރޫޢުގެ ކަންތައްތައްވެސް ރޭވިފައިވޭ.

އާދެ، ޢިއްޒަތްތެރި މެންބަރުންނަށް އެނގިވަޑައިގަންނަވާނޭ ފަދައިން، ސަރުކާރުން ހިންގާ މަސައްކަތްތައް އެދެވޭގޮތެއްގައި ކުރިއަށް ދިޔުމަށް އެންމެބޮޑު ބާރެއް ލިބެނީ، ސަރުކާރު ހިންގުމުގެ ކަންތައް ކުރިއަރުވަމުން ގެންދިޔުމުން ކަމަށްވާތީ، މި ރޮނގުންވެސް ސަރުކާރުން ގެންދަނީ ފިޔަވަޅުތަކެއް އަޅަމުން. ވޭތުވެދިޔަ އަހަރާއި، މި ހިނގާ އަހަރުގެ ތެރޭގައިވެސް ސަރުކާރުގެ މުވައްޒަފުންނަށް ތަމްރީނު ދިނުމުގެ މަސައްކަތް ކުރެވިފައިވޭ. އާދެ، މުވައްޒަފުންނަކީ ސަރުކާރު ހިންގުމުގެ ލޭނާރު. އެހެންވީމާ، މުވައްޒަފުންނަށް، އެމީހުން ކަންކުރުމަށް ބޭނުންވާ ޤާބިލިއްޔަތު އިތުރުކޮށްދިނުން، ކުރަންޖެހޭ ކަންތައްތައް ފުރިހަމައަށް އަދާކުރުމުގެ ތަމްރީނު އެމީހުންނަށް ހޯދައިދިނުން، އަދި އެމީހުންނަށް ލިބޭ އެއްޗެއް އިތުރުވާނެ ގޮތަކަށް ރޭވުން، އެމީހުންނަށް ސަރުކާރުން ދެވެންހުރި އެކިއެކި ފަސޭހަތައް ހޯދައިދިނުން. މިކަންކަން މިއީ ސަރުކާރުގެ ހިންގުން ހަލުވިކުރުމަށް އަދި ސަރުކާރުގެ އިދާރީ ދާއިރާގެ އުފެއްދުންތެރިކަން އިތުރުކުރުމަށް ވަރަށް ބޭނުން ކަންތައްތަކެއް.

މި ދެންނެވި ސަބަބުތަކަށްޓަކައި، ސްކޮލަރޝިޕްގައި ރާއްޖެއިން ބޭރަށް ފޮނުވައިގެން މުވައްޒަފުންނަށް ތަމްރީނު ދެވޭ. އަދި ރާއްޖޭގައިވެސް އެކި ރޮނގުތަކުން ތަމްރީނު ކޯސްތައް ހިންގަމުން ގެންދެވޭ. 1988 ވަނަ އަހަރުވެސް މި ދެންނެވި ކަންތައްތައް ކުރިއަށް ގެންދެވޭނެ. މީގެއިތުރަށް އަޅާ ފިޔަވަޅުތަކުގެ ތެރޭގައި، 1988 ވަނަ އަހަރު ސަރުކާރުން މުވައްޒަފުންގެ ޕްރޮވިޑެންޓް ފަންޑެއް ހުޅުވުމަށް މިހާރުވަނީ ޤަޞްދުކުރެވިފައި. މި ފަންޑުގައި ބައިވެރިވާން އެދޭ މުވައްޒަފުން ކޮންމެ މަހަކު، އެމީހެއްގެ މުސާރައިގެ ސަތޭކައަކުން 5 މި ފަންޑަށް ޖަމާކުރުމުން، ސަރުކާރުން ހަމައެފަދައިން ސަތޭކައަކުން 5 ސަރުކާރުގެ ފައިސާއިން ފަންޑަށް ޖަމާކޮށްދޭނެ. އެ ފައިސާއަކީ ހަމަޖެހިފައިވާ އުޞޫލުތަކެއްގެ މަތިން، އެ މީހަކު ވަޒީފާއިން ވަކިވީމާ، އެ މީހަކަށް ލިބެން އޮންނަ އެއްޗެއް، އެޤަވާޢިދުތަކުގެ ތަފްޞީލު، އިރާދަކުރެއްވިއްޔާ، މި އަންނަ އަހަރުގެ ތެރޭގައި އިޢުލާނު ކުރެވޭނެ. މިކަމަށް ސަރުކާރުގެ ބަޖެޓުން 2.5 މިލިއަން ރުފިޔާ، މި އަންނަ އަހަރު ޚަރަދުވާނެކަމަށްވެސްވޭ.

އާދެ، ދެން އަޅުގަނޑު އެނބުރިލާނީ 1988 ވަނަ އަހަރަށް ލަފާކުރި ބަޖެޓާ ބެހޭގޮތުން އެއްޗެއް ދަންނަވާލުމަށް. ޢިއްޒަތްތެރި މެންބަރުންނަށް ލިބިވަޑައިގެންފައިވާ ކަރުދާސްތަކުން އެނގިވަޑައިގަންނަވާނެ ފަދައިން، 1988 ވަނަ އަހަރަށް ހުށަހެޅިފައިވާ ބަޖެޓަކީ، މި ހިނގާ އަހަރުގެ ބަޖެޓަށްވުރެ ބޮޑު ބަޖެޓެއް. 1988 އަށް ލަފާކުރި ބަޖެޓްގެ އަންދާޒާ ޚަރަދުގެ ޖުމްލައަކީ، ފަސްސަތޭކަ ފަސްދޮޅަސް ހަތަރު މިލިއަން ސައްބީސްހާސް އެއްސަތޭކަ އަށްޑިހަ (-/564,026,180) މިލިއަން ރުފިޔާ. މީގެތެރެއިން އަހަރުތެރޭގައި ޚަރަދުނުކުރެވޭނޭ ކަމަށް ލަފާކުރާވަރު ކެނޑުމުން ޖެހޭ ޚަރަދުގެ ޖުމްލައަކީ، ފަސްސަތޭކަ ފަންސަވީސް މިލިއަން ފަސްސަތޭކަ ފަސްދޮޅަސް ހާސް ހަތްސަތޭކަ އަށްޑިހަ ދޭއް) (-/525,560,782) މިލިއަން ރުފިޔާ. އެއީ މި ހިނގާ އަހަރަށް އަންދާޒާ ކުރެވުނު ވަރަށްވުރެ ސަތޭކައަކުން 29 ގިނަ ޢަދަދެއް. މި ޢަދަދުގެ ތެރޭގައި، ޕްރޮޖެކްޓް ލޯނުން ޚަރަދުކުރެވޭނެ ކަމަށް ލަފާކޮށްފައިވަނީ، 130 މިލިއަން ރުފިޔާ. ބޭރުގެ ހިލޭއެހީއިން ކުރެވޭނެ ކަމަށް ފެންނަ ޚަރަދުގެ ޖުމްލައަކީ 72.3 މިލިއަން ރުފިޔާ.

ދެން މި ދަންނަވާލަނީ ލޯނުތަކާއި ހިލޭއެހީ ވަންނަ، ދައުލަތުގެ 1988 ވަނަ އަހަރުގެ ބަޖެޓުގެ ހިސާބެއް.


- ރިކަރެންޓް ޚަރަދު:                        217.3 މިލިއަން ރުފިޔާ
- ކެޕިޓަލް ޚަރަދު:                          308.2 މިލިއަން ރުފިޔާ
- މުޅި ޚަރަދުގެ ޖުމްލަ: (ކުރިންވެސް ދެންނެވިހެން)      525.5 މިލިއަން ރުފިޔާ
                                        (ގާތްގަނޑަކަށް)
- ކަނޑަން (އާމްދަނީގެ ގޮތުން ލިބޭނެކަމަށް ލަފާކުރެވޭ)          283.4 މިލިއަން ރުފިޔާ
އެބައި ކެނޑީމާ، ޖުމްލަ ޚަރަދަށް އިތުރަށް ބޭނުންވާކަމަށް ދައްކަނީ    242.1 މިލިއަން ރުފިޔާ.

މި ދެންނެވި އިތުރަށް ބޭނުންވާ 242.1 މިލިއަން ރުފިޔާގެ ތެރެއިން މި ދަންނަވާ ފައިސާތައް ކަނޑަން އެބަޖެހޭ. އެއީ އެ އެއްޗެތި ލިބޭނެކަމަށް ފެންނާތީ. އެއީ:-

ޕްރޮޖެކްޓް ލޯނަށް:             130.00 މިލިއަން ރުފިޔާ

ޕްރޮޖެކްޓް އެހީގެ ގޮތުގައި ލިބޭ:     59.3 މިލިއަން ރުފިޔާ
ހިލޭ އެހީގެ ތަކެއްޗާއި ފައިސާ
(އެކިފަރާތްތަކުން ސަރުކާރަށްދޭ ހަދިޔާ
(ހިލޭ އެހީ)

އެގޮތުން ލިބޭ ފައިސާއާއި ތަކެއްޗަށް:         13 މިލިއަން ރުފިޔާ

ކައުންޓަރޕާޓް ފަންޑަށް ލިބޭނެކަމަށް ދައްކާ:     6.3 މިލިއަން ރުފިޔާ.

މި ދެންނެވި ބައިތަކަކީ، އޭގެ ޖުމްލައަކީ، 208.6 މިލިއަން ރުފިޔާ. އެހެންވީމާ، ކުރިން، އިތުރަށް ހޯދަންޖެހޭނެއޭ ދެންނެވި 242.1 މިލިއަން ރުފިޔާ އެއީ، މިހާރު މި ދެންނެވި ބައިތަކުން ލިބޭނެކަމަށް މި ދަންނަވާ 208.6 މިލިއަން ރުފިޔާ ކެނޑީމާ އިތުރަށް އޮންނަނީ. (މި ދެންނެވީ ލިބޭ އެއްޗަކަށްވުރެ ޚަރަދު). މި އަންނަ އަހަރު، 1988 ގައި އިތުރުވާނެ ކަމަށް ދައްކަނީ 33.5 މިލިއަން ރުފިޔާ.

1988 ވަނަ އަހަރުގެ ބަޖެޓް އަންދާޒާގައި ބައެއް ޚަރަދުތައް ކުޑަކޮށް، އަދި އެހެން އަހަރުތަކެކޭ އެއްފަދައިން، އެކި އޮފީސްތަކުން ހުށަހެޅުއްވި ބައެއް ޚަރަދު ކަނޑާލެވިފައިވޭ. އާދެ، އެއީ އޮފީސްތަކުން ހުށަހަޅުއްވަނީ، އެ އޮފީހަކަށް ބޭނުންފުޅުވާނެ ކަމަށް ލަފާކުރައްވާ ޢަދަދު. އެހެންނަމަވެސް، ސަރުކާރަށް ލިބޭ އެއްޗަކީ ވަކި ދާއިރާއެއްގެ ތެރޭގައި އޮންނަ އެއްޗަކަށްވެފައި، އޮފީސްތަކުން ހުށަހަޅުއްވާ ހުރިހާ ޚަރަދެއް އެއްފަހަރާ އެއް އަހަރު ދުވަހުގެ ތެރޭގައި ކުރެވެން ނޯންނާތީ ސަރުކާރަށް ޖެހެނީ، ފިނޭންސް ޑިޕާޓްމަންޓްގެ ފަރާތުން ޖެހެނީ އެ އޮފީސްތަކުގެ ޚަރަދު އަންދާޒާ ބައްލަވާފައި، އޭގެތެރެއިން އެއްބައި ކަނޑުއްވާލައްވަން. އެއީ، ލިބޭ އެއްޗަކަށް ފެއްތޭވަރަށް ހައްދަވަންވެގެން. އެއީ، ކޮންމެ އަހަރަކުވެސް އެކަން ކުރާގޮތް. އެގޮތުގެ މަތިން މި އަހަރުވެސް އެކިއެކި މިނިސްޓްރީތަކާއި، ޑިޕާޓްމަންޓްތަކާއި، އޮފީސްތަކުން ފޮނުއްވި ބަޖެޓް ޚަރަދުގެ ތެރެއިން ބައެއް ބައިތައް ވާނީ އުނިކުރެވިފައި.

މިހާރު ޢިއްޒަތްތެރި މެންބަރުންގެ އަތްޕުޅަށް ލިބިވަޑައިގެންފައިވާ ތަފްޞީލުތަކުން، ޚަރަދުތައް ބައިކުރެވިފައިވާގޮތާއި އަދި އާމްދަނީ ލިބޭނެކަމަށް ލަފާކުރާވަރާއި، ބޭރުގެ އެހީ ލިބޭނެކަމަށް ލަފާކުރާވަރު އެނގިވަޑައިގަންނަވާނެ.

ދެން ތިޔަ ޢިއްޒަތްތެރި މެންބަރުންގެ ސުވާލަކަށްވާނެކަމަށް އަޅުގަނޑުގެ ހިތަށް ފެންނަނީ، ލިބުނު އެއްޗަކަށްވުރެ ޚަރަދު އިތުރުވާނެ ކަމަށް ހުށަހެޅިފައިވާ ޢަދަދަށް ފައިސާ ހޯދަނީ ކިހިނެއްހޭ؟ އާދެ، ވަރަށް ރަނގަޅު ސުވާލެއް. ކުރައްވަންވެސްޖެހޭނެ ސުވާލެއް.

ވޭތުވެދިޔަ ތަނަށް ބަލާއިރު، ބަޖެޓްގެ ހަމަނުޖެހި އޮންނަބައި ހަމަޖެއްސުމަށްޓަކައި ފައިސާ ހޯދަނީ، ކުރީ އަހަރުތަކުގައި އިތުރުވެފައި ހުރިނަމަ އެހުރި އެއްޗަކުން. އާދެ، ސަރުކާރަށް ލިބޭ އާމްދަނީ ވަންނަންޖެހެނީ އެކަމަށްޓަކައި އެއްކޮށްލެވިފައިވާ ފަންޑަކަށް. "ކޮންސެލިޑޭޓަޑް ފަންޑަކަށް." މިފަންޑު ރާއްޖޭގައި ހިނގަމުންދަނީ "ޓްރެޜަރީ ޖެނެރަލް އެކައުންޓް"ގެ ނަމުގައި. ސަރުކާރުގެ ހުރިހާ އާމްދަނީއެއް ވަންނަނީ، މި ދެންނެވި ޓްރެޜަރީ ޖެނެރަލް އެކައުންޓަށް. އެހެންނަމަވެސް، ބޭރުގެ ފަރާތްތަކުންދޭ ފައިސާއާއި، ތަކެތީގެ އެހީއަށް ލިބޭ ފައިސާ ޖަމާވަމުންދަނީ "ބޭރުގެ އެހީ"ގެ ނަމުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި އޮންނަ އެކައުންޓަކަށް. އެހެންކަމުން، އެކިއެކި މަޝްރޫޢުތަކަށާއި، ސަރުކާރުގެ ޚަރަދުތަކަށް ފައިސާ ނެގެނީ، މި ދެންނެވި ދެ އެކައުންޓުން. އެއީ، ޓްރެޜަރީ ޖެނެރަލް އެކައުންޓާއި، އެމް.އެމް.އޭ.ގައި އޮންނަ ބޭރުގެ އެހީގެ އެކައުންޓުން. "ކެޕިޓަލް ފަންޑް" އެއަށް ކިޔަނީ. މިދެންނެވި ދެ އެކައުންޓްގެ އިތުރަށް، ބޭރުގެ އެކި ފަރާތްތަކުން ލިބޭ ކުދިކުދި އެހީ، ބައެއް ޚާއްޞަ ކަންތައްތަކަށްދޭ ކުދިކުދި އެހީ "ބޭރުގެ އެހީ"ގެ ނަމުގައި އޮންނަ އެކައުންޓަށް ޖަމާކުރުމަށްފަހު، ޚަރަދުކުރުމަށްޓަކައި އެކި އޮފީސް އޮފީހަށް ދޫކުރަނީ. މި ދެންނެވި ފައިސާ ލިބެނީ އެ އޮފީސްތަކުގައި އެކަމަށްޓަކައި ހުޅުވާފައިވާ އެކައުންޓަކަށް. އެ އެކައުންޓްތައްވެސް ހުޅުވާފައި ހުންނަނީ އެމް.އެމް.އޭ.ގައި. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި.

މި ދެންނެވި އެކައުންޓްތަކުގެ ތެރެއިން "ބޭރުގެ އެހީގެ އެކައުންޓް"ގައި އަބަދުވެސް ހިސާބަކަށް ފައިސާ ހުންނާނެ. އެހެންނަމަވެސް، "ޓްރެޜަރީ ޖެނެރަލް އެކައުންޓް"ގައި ޚަރަދުކުރުމަށް ފައިސާނެތި ހިނގައިދާނެ. އެއީ، ސަރުކާރަށް ލިބޭ އެއްޗެއް، ދުވަހުން ދުވަހަށް ޖަމާކުރެވެމުންވެސް ނުދާތީ ވާގޮތެއް. ވިޔަފާރީގެ ކަންތައްތައް ހިންގަވާ ފަރާތްތަކުން، ސަރުކާރަށް، ޓްރެޜަރީއަށް ދައްކަންޖެހޭ ފައިސާ، ދުވަހުން ދުވަހަށް ދެއްކުމަކުންނެއް ނުދާނެ. އެހެންވީމާ، ބައެއްފަހަރަށް ދިމާވާގޮތުން ސަރުކާރަށް ލިބެންޖެހޭ ހުރިހާ ފައިސާއެއް ލިބިފައި ނެތް ވަގުތެއްގައި، އެހެންނަމަވެސް، ކަނޑައެޅިފައި އޮންނަ ޚަރަދެއް ކުރަން ޖެހިއްޖިއްޔާ، "ޓްރެޜަރީ ޖެނެރަލް އެކައުންޓް"ގައި ފައިސާ އެވަރަށްނެތި ޚަރަދުކުރަން ޖެހިދާނެ. އެހެން ދިމާވެއްޖިއްޔާ، ހަދާގޮތަކީ ހަމަޖެހިފައިވާ އުޞޫލެއްގެ މަތިން، ކުރު މުއްދަތެއްގެ ލޯނު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ނަގައިގެން ޚަރަދު ހަމަޖައްސަނީ. އެއީ، އެމް.އެމް.އޭ.ގެ ޤާނޫނު އޮންނަ ގޮތުންވެސް ސަރުކާރަށް އެކަން ކުރެވޭ. ސަރުކާރަށް ބޭނުންވެއްޖެ ހިނދެއްގައި، އެމް.އެމް.އޭ. އިން ލޯނު ނަގަނީ. އެ ލޯނު ނަގައިގެން މިގޮތަށް ވަގުތީގޮތުން ބޭނުންވާ ފައިސާ ހަމަޖައްސަނީ.

އާދެ، އަޅުގަނޑުމެންގެ ޤައުމުގައި، ސަރުކާރުގެ ބަޖެޓަށް ފައިސާ ހޯދުމުގައި އަދި މާގިނަ ގޮތްތަކެއް ނުގެންގުޅެވޭ. އެހެން ތަންތާނގައި ޓްރެޜަރީ ބިލް އަދި ސަރުކާރުގެ ބޮންޑް ވިއްކައިގެންވެސް، އެތަންތާނގެ ބަޖެޓަށް ފައިސާ ހޯދާ. ސަރުކާރުން ކުރަންޖެހޭ ޚަރަދުތައް ކުރުމަށް މިހާތަނަށް ފައިސާ ހޯދަމުން ގެންގޮސްފައިވަނީ، ފުރަތަމަ އާމްދަނީ އިތުރުވާނޭ ފިޔަވަޅުތައް އަޅައިގެން. އެހެން ގޮތެއް ނެތިއްޔާ، ކުރިންވެސް ދެންނެވިހެން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ދަރަންޏަށް ނަގައިގެން.

1988 ވަނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓްގައި އިތުރަށް ހޯދުމަށް ބޭނުންވާނެ ކަމަށް ދެންނެވި 33.5 މިލިއަން ރުފިޔާއަކީ، ޓޫރިޒަމްގެ ދާއިރާއިން 12 މިލިއަން ރުފިޔާއާއި، މޯލްޑިވްސް ޕޯޓްސް އޮތޯރިޓީން 5 މިލިއަން ރުފިޔާއާއި އަދި އެހެންވެސް ބައެއް ދާއިރާތަކުން އިތުރަށް ފައިސާ ލިބޭނެކަމަށް ބެލީމާ ބާކީ އޮންނަ ޢަދަދު. އާދެ، ޓޫރިޒަމް ދާއިރާއިން 12 މިލިއަން ރުފިޔާ އިތުރަށް ލިބޭނެކަމަށް ދަންނަވާފައިވަނީ އެއީ، މިހާރު ސަރުކާރުން ޤަޞްދުކޮށްފައިވަނީ ޓޫރިޒަމް ޓެކްސް އިތުރުކުރުމަށް، ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅަން. ސަރުކާރުން ހުށަހަޅާގޮތަށް، އެބިލް ފާސްވެއްޖިއްޔާ، މި ދަންނަވާވަރު މި އަންނަ އަހަރު ސަރުކާރަށް ލިބޭނެކަމަށް ފެނޭ.

ބަޖެޓުގައި ފައިސާ އިތުރަށް ހޯދަންޖެހޭނެ ކަމަށް ދައްކާ ޢަދަދު، އަހަރުތެރޭގައި އެކިގޮތްގޮތުން ލިބޭ އާމްދަނީގެ ސަބަބުން ވަރަށްބޮޑުތަނުން ކުޑަވެގެން އާދޭ. މި އަހަރުގެ މިސާލު ދަންނަވާލަންޖެހުނީ އަނެއްކާވެސް. 1987 ވަނަ އަހަރަށް ބަޖެޓް ލަފާކުރިއިރު، ވަރަށްބޮޑު ބައެއް އިތުރަށް ހޯދަންޖެހޭނެ ކަމަށް ދެންނެވިފައިވޭ. ޑެފިސިޓްވާނެ ކަމަށް، ލިބޭ އެއްޗަކަށްވުރެ ޚަރަދު އިތުރުވާނެކަމަށް. އެހެންނަމަވެސް، 1987 ނިމިގެން މިދާއިރު، އޭގެ އަނެއްކޮޅަށް ޖެހިފައި އޮތީ. ޚަރަދު ހަމައެކަނި ހަމަޖެހުނީކީ ނޫން، ލިބޭ އެއްޗަކުން. އޭގެއިތުރަށް، ސަރުކާރަށް ސަރޕްލަސްވާނެ ކަމަށް، އާދެ، އިތުރަށް ފައިސާ ލިބޭނެ ކަމަށްވެސް މިހާރު ހިސާބުތަކުން ދައްކާ. ކުރިންވެސް ދެންނެވި ފަދައިން. އެހެންވީމާ، 1988 ވަނަ އަހަރަށް މިހާރު އަދި ލަފާކުރާއިރު 33.5 މިލިއަން ރުފިޔާ އިތުރަށް ހޯދަންޖެހޭނެ ކަމުގައި އޮތަސް، އެއީ ދެން ހިސާބުތައް ދައްކާގޮތުން އެހެން ބުނަންޖެހެނީ. އެހެންނަމަވެސް، 1988 ވަނަ އަހަރުގެ ތެރޭގައި ކަންތައްތައް ހިނގަމުންދާގޮތުން އެބައި ވަރަށްބޮޑުތަން ކުޑަވެގެން އައުމަކީ ވަރަށް އެކަށީގެންވާ ކަމެއް.

1988 ވަނަ އަހަރަށް ހުށަހެޅި ބަޖެޓް، އިޖުތިމާޢީ އަދި އިޤްތިޞާދީ ބައިތަކަށް ބަހާލީމާ، އެންމެބޮޑު ޚަރަދުދާނެ ކަމަށް ދައްކަނީ އިޤްތިޞާދީ ތަރައްޤީއަށްޓަކައި ކުރެވޭ ޚަރަދަށް. އެއީ، ހަމަ މިއަހަރުވެސް ވީގޮތް. މިބަޔަށް ހިނގާނެ ކަމަށް ދައްކަނީ 176.5 މިލިއަން ރުފިޔާ. އެއީ، މުޅި ބަޖެޓްގެ ސަތޭކައަކުން 34. މީގެތެރެއިން އެންމެބޮޑު ޚަރަދެއް ހިނގާނޭ ކަމަށް ފެންނަނީ، ދަތުރުފަތުރާބެހޭ ބަޔަށް. އެއީ 102.9 މިލިއަން ރުފިޔާ. އެއީ، އެންމެ ބޮޑު އެއްޗަކަށްވާނީ ހުޅުލޭ އެއަރޕޯޓް ބޮޑުކުރުމުގެ މަޝްރޫޢެއް ރޭވިގެން އެއަށް ޚަރަދުކުރަންޖެހޭތީ. އެއަރޕޯޓް އަޅުގަނޑުމެން ހަދާ ނިންމައި ހުޅުވީ، 1981 ވަނަ އަހަރު. މިހާރު މި އެއަރޕޯޓުގެ ޚިދުމަތްތައް އެއްގޮތަކަށްވެސް އަޅުގަނޑުމެންނަށް ފުދޭވަރަކަށް ނެތް. އޭރު ވަރަށްމަދު ޢަދަދެއްގެ އެއަރލައިންތައް ރާއްޖެއަށް ޖައްސަމުން ގެންދިޔައީ. މިހާރު އޭގެ އެތައް ގުނައެއް އިތުރުވެގެން ހިނގައްޖެ. ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނޭ ފަދައިން، އަދި ފަސިންޖަރުންގެ ޢަދަދުވެސް ވަރަށްބޮޑުތަން އިތުރުވެގެން ހިނގައްޖެ. އެ ޕްރޮޖެކްޓް.

އެ މަޝްރޫޢު ސަރުކާރުން ފުރަތަމަ ރާވައިގެން ހިންގިއިރު، އެކަމުގެ ތެރޭގައި އަޅުގަނޑަށް ޢަމަލީ ސިފައެއްގައި އުޅެންޖެހިފައި އޮތް. އޭރުގެ މިނިސްޓްރީ އޮފް ޓްރާންސްޕޯޓާ ޙަވާލުވެހުރި މީހާގެ ޙައިޘިއްޔަތުން. އޭރު އެ އެއަރޕޯޓް ހެދިފައި އެއޮތީ 707ގެ މަތިންދާބޯޓު ޖައްސާގޮތަށް. ބޯއިން 707. އެއީ، މިހާރު ވަރަށްމަދު އެއްޗެއް. ވަރަށްމަދު އެއަރލައިނެއްގައި ނޫނީ ނުގެންގުޅޭ ބޯޓެއް. އޭގެ ބަދަލުގައި އެއަށްވުރެ މާބޮޑެތި ބޯޓު މިހާރު މި އަންނަނީ. ބޯއިން 747، ޓްރައިސްޓަރ، ޑީ.ސީ 10، މިކަހަލަ ބޯޓުފަހަރު މިއަންނަނީ. ކުރިން އަޅުގަނޑުމެން ލަފާކުރިއިރު، ހީކުރިވަރަށްވުރެވެސް މާބޮޑެތި ބޯޓުފަހަރު އަންނަނީ. އެއްފަހަރާ ފަސިންޖަރުން އަންނަނީ. އޭރު އަޅުގަނޑުމެން ޚިޔާލުކުރީ، އޭރު ކަންތައްތައް ހުރިގޮތުން އެއަރޕޯޓުގައި 150 ފަސިންޖަރުންނަށް ޖާގަ އޮތީމާ ފުދޭނެ ކަމަށް. އެކަމަކު މިހާރު މިއިން އެއް ބޯޓަކުންވެސް އަތުވެދާނެ 400 މީހުން. މިދެންނެވި ހުރިހާ އެންމެން ރާއްޖެއަށް ނުފޭބި ކަމުގައިވިޔަސް، ބޯޓުން އަންނަ ފަސިންޖަރުންގެ ޢަދަދު 400 އަށް ހިނގައިދާނެ، 747ގެ ބޯޓެއް އަތުވެއްޖިއްޔާ.

އެހެންވީމާ، މިހާރު މިއޮތީ އެއަރޕޯޓުގެ ޚިދުމަތްތައް ރަނގަޅުކުރަން ޖެހިފައި. އެއަރޕޯޓް ރަންވޭވެސް މިހާރު ރަނގަޅު ކުރަންޖެހޭ. އޭޕްރަން ބޮޑުކުރަންޖެހޭ. ޓަރމިނަލް ބިލްޑިންގ ބޮޑުކުރަންޖެހޭ. އެހެންގޮސް ވަރަށްގިނަ ތަފާތު މަސައްކަތްތަކެއް މިހާރު ކުރަންޖެހޭ. އެހެން ނޫނީވިއްޔާ، އަޅުގަނޑުމެންގެ އިޤްތިޞާދަށް، އެއަރޕޯޓުގެ ފަރާތުން މިކުރާ ޚިދުމަތް، މި ލިބޭ އެހީ، އަދި ޚާއްޞަކޮށް، ޓޫރިޒަމް ދާއިރާއަށް ލިބިދޭ އެހީ މުސްތަޤްބަލުގައި މަދުވެގެން ހިނގައިދާނެ، އެއިން ވަންނަބައި. އެހެންވީމާ، މިއަންނަ އަހަރު، މި ދަތުރުފަތުރަށް އެހާބޮޑު ބައެއް ޚަރަދުވާނެ ކަމަށް އެ ދައްކަނީ. އޭގެތެރެއިން ބޮޑު ބަޔަކީ، ކުރިންވެސް ދެންނެވި ފަދައިން، ބޭރުގެ ފަރާތްތަކުން ލިބޭ ލޯނުގެ އެހީ. މަސްވެރިކަމަށް ޚަރަދުވާނެ ކަމަށް ލަފާކުރެވެނީ 25.7 މިލިއަން ރުފިޔާ. އެއީ ބަޖެޓްގެ ސަތޭކައަކުން 5.

އިޖުތިމާޢީ ތަރައްޤީއަށް ކުރެވޭ ޚަރަދުގެ ޖުމްލައަކީ 163.1 މިލިއަން ރުފިޔާ، ނުވަތަ މުޅި ބަޖެޓުގެ ސަތޭކައަކުން 31. އާދެ، ހަނދުމަފުޅު ހުންނާނެ، އިޤްތިޞާދީ ތަރައްޤީއަށް ކުރެވޭނެ ކަމަށް އެ ދެންނެވުނީ ބަޖެޓުގެ ސަތޭކައަކުން 34. އިޖުތިމާޢީ ތަރައްޤީއަށް ބަޖެޓުގެ ސަތޭކައަކުން 31. މީގެތެރެއިން ޖަމާޢަތުގެ ފައިދާއަށްޓަކައި ދެވޭ ޚިދުމަތަށް ހިނގާނެ ކަމަށް ލަފާކޮށްފައިވަނީ 81.4 މިލިއަން ރުފިޔާ. އެއީ، މުޅި ބަޖެޓުގެ ސަތޭކައަކުން 16. ތަޢުލީމަށް ޚަރަދުވާނެ ކަމަށް ދައްކަނީ 53.8 މިލިއަން ރުފިޔާ ނުވަތަ މުޅި ބަޖެޓުގެ ސަތޭކައަކުން 10. އެއީ ވަރަށްބޮޑު ޚަރަދެއް. ކުރީ އަހަރުތަކަށް ވިސްނަވައިލެއްވިއްޔާ އެނގިވަޑައިގަންނަވާނެ، ތަޢުލީމަށް، 1988 އަށް ހަމަޖެހިފައި މިއޮތީ ވަރަށްބޮޑު ޢަދަދެއްކަން. ޞިއްޙަތަށް ޚަރަދުވަނީ 16.7 މިލިއަން ރުފިޔާ. އެއީ، މުޅި ބަޖެޓުގެ ސަތޭކައަކުން 3. މިހެން ދަންނަވާއިރު، މި ދަންނަވާ ނިސްބަތްތައް މުޅިން ފުރިހަމަކަމަކަށް ދެންނެވޭކަށް ނެތް. އެއީ އަޅުގަނޑުމެންނަށް އަދި މަޢުލޫމާތުތައް ތައްޔާރުކުރެވިފައި މިހުރީ އެކިއެކި ދާއިރާގައި ހިނގާ މަސައްކަތްތަކަށް ހިނގާނެ ޚަރަދަށް ބަލައިގެން. މި ދެންނެވީ ތަޢުލީމީ ދާއިރާގައިވިއްޔާ، އިތުރު ސްކޫލް ހެދުމާއި، ހުރި ސްކޫލްތައް ބޮޑުކުރުމާއި، އެ ސްކޫލަށް ބޭނުންވާ ސާމާނު ހޯދުމާ، މިކަހަލަ ގޮތްގޮތުން ކުރެވޭ ޚަރަދުތަކަށް. އެއްގޮތަކަށްވެސް އޭގެތެރޭގައި މުދައްރިސުންގެ މުސާރަ، މިސާލަކަށް، މުދައްރިސުންނަށް ކުރަންޖެހޭ ޚަރަދުތައް. އެކަހަލަ ޚަރަދުތަކެއް ހިމެނިފައެއް ނެތް.

އެހެންވީމާ، ޙަޤީޤަތުގައި ތަޢުލީމަށް ކުރެވޭ ޚަރަދު އަޅުގަނޑު މި ދަންނަވާ ނިސްބަތަށްވުރެ ބޮޑުވާނެ. އަދި ޞިއްޙަތަށް ކުރަންޖެހޭ ޚަރަދުވެސް މި ދަންނަވާ ނިސްބަތަށްވުރެ ބޮޑުވާނެ. އެއީ ޑޮކްޓަރުންނާއި ނަރުހުންނާއި، އެކިއެކި ޓެކްނީޝަނުންނާއި، އެމީސްމީހުންގެ މުސާރައާއި، އެބައިތައް އިތުރުކުރީމާ، މި ދެންނެވި ޢަދަދުތަކަށްވުރެ ވަރަށްބޮޑުތަން ބޮޑުވެގެން އަންނާނެ. އަދި ކުރިންވެސް ދެންނެވިހެން، ޞިއްޙަތަށް މި ކުރެވޭ ޚަރަދުތަކުގެ ތެރޭގައި، ބޯފެނާއި ފާޚާނާގެ ބައެއް ނުހިމެނޭ. އެބައިލީމާ އަދި އެއަށްވުރެ މާބޮޑުތަން އިތުރުވާނެ. ހިންގުމާބެހޭ ޚަރަދަށް ލަފާކޮށްފައިވާ 70.3 މިލިއަން ރުފިޔާއަކީ، މުޅި ބަޖެޓުގެ ސަތޭކައަކުން 13.

1988 ވަނަ އަހަރަށް ލަފާކުރި ބަޖެޓް ޚަރަދުތަކުގެ ތެރޭގައި، ބޭރުގެ އެހީގެ ލޯނު ލިބިގެން ޚަރަދުކުރެވޭނީ، އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަންގެ މަސްވެރިކަމުގެ ދެވަނަ މަޝްރޫޢާއި، ކުވައިތު ފަންޑުގެ އެހީގައި ހިންގާ މަހުގެ މުއްސަނދިކަން ހެޔޮގޮތުގައި ބޭނުންކުރުމުގެ މަޝްރޫޢާއި، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކްގެ ފަރާތުން އެހީގެ ގޮތުގައި ލިބިގެން ހިންގާ ރާއްޖެތެރޭގެ ރަށްރަށުގެ ފަޅުފުންކުރުމާ، (އެހީއޭ މި ދަންނަވަނީ ލޯނުވެސް ހިމެނޭގޮތަށް. ލޯނު އެއީވެސް އެހީއެއް.) އެހެންވީމާ، އެގޮތަށް ދެންނެވުނީ. އޭ.ޑީ.ބީ. އިން ލިބޭ ރާއްޖެތެރޭގެ ރަށްރަށުގެ ފަޅުފުންކުރުމާއި، ކަރަންޓްލުމުގެ މަޝްރޫޢާއި، އެއަރޕޯޓް ބޮޑުކުރުމުގެ މަޝްރޫޢު.

ބަޖެޓް ކޮންޓްރޯލް ކުރުމުގެ ގޮތުން މިހާރުވެސް ދަނީ ވަރަށްގިނަ ފިޔަވަޅުތަކެއް އެޅެމުން. އޭގެ ނަތީޖާއެއްގެ ގޮތުން، ބަޖެޓް ޚަރަދު ވަރަށް ބޮޑަށް ހިފެހެއްޓޭ. މި ފިޔަވަޅުތަކުގެ ތެރޭގައި، ބަޖެޓް ފާސްވުމަށްފަހުގައިވެސް ބައެއް ކަންތައްތައް ކުރެވޭ. އެއީ، ކެޕިޓަލް ޚަރަދުތައް އުނިކޮށް، ރަނގަޅަށް ބެލުމަށްފަހުގައި ނޫނީ ކެޕިޓަލް ޚަރަދު ދޫނުކުރުމަށް. އަދިވެސް ބައެއް ބޮޑެތި ޚަރަދު، އޮފީސްތަކުގެ އިޚްތިޔާރަށް މުޅިން ދޫކޮށްނުލައި، ވަކި އެކައުންޓްތަކަކަށް ޖަމާކޮށްގެން ޚަރަދުކުރަންޖެހުނީމާ ދޫކުރާގޮތަކަށް ބޭއްވުން. ހަމައެއާއެކުގައި، އެ އަހަރު ނިމެން ކައިރިވާއިރު، ޚަރަދު ނުކުރެވި ހުންނަ ފައިސާ ކުއްލިއަކަށް ޚަރަދުވިޔަނުދީ ހިފެހެއްޓުމާއި، ތަކެތި ގަތުމުގައިވެސް ކޮންޓްރޯލް ކުރުމުގެ ފިޔަވަޅު އެޅިފައިވާކަން، މެންބަރުންގެ މަޢުލޫމާތަށްޓަކައި ދަންނަވަން.

އާދެ، މިއީ އަދި އިތުރު އެއްޗެއް ދަންނަވާލަންޖެހޭ ތަންކޮޅެއް. އެއީ، ސަރުކާރުން މިހާރު ހަމަޖައްސާފައި އޮންނަ ގޮތުން، ސަރުކާރަށް ގަންނަންޖެހޭ ތަކެތި ގަނެވެނީ، ސަރުކާރު ޤަބޫލުކުރާ އަގަކަށް، ބާޒާރުން ލިބެންހުރި ކަމުގައިވިޔަސް. މި ޤަވާޢިދު ހެދީމާ، ފުރަތަމަކޮޅުގައި އޮފީސްތަކަށް ވަރަށް ބޮޑަށް ދަތިވެގެންއައި. އެއީ، އޮފީސްތަކުން ގަންނަންޖެހޭ އެއްޗެތި ވަގުތުން ނުލިބުނީމާ. އެހެންނަމަވެސް، އަޅުގަނޑަށް ދަންނަވަންޖެހެނީ، ކުރީކޮޅުގައި އެ މައްސަލަ ދަތިވެގެން އައިކަމުގައިވިޔަސް، އޭގެ ސަބަބުން ވަރަށް ބޮޑު ފައިދާއެއް ސަރުކާރަށް ކޮށްފިއޭ. ޚަރަދު ވަރަށްބޮޑުތަން ކުޑަކުރެވިއްޖެ. އެހެންވީމާ، އެއީ އޮންނަންޖެހޭ ޤަވާޢިދެއް. އެއްވެސް އުޞޫލެއްނެތި، ހިފެހެއްޓުމެއްނެތި ބާޒާރުން އެއްޗެއް ލިބެން ހުންނަ އަގަކަށް، ސަރުކާރުން ގަނެގެން ކަންތައް ކުރާކަމަށްވަންޏާ، މިހާރު މި ހިނގާ ވަރަށްވުރެ މާބޮޑު ޚަރަދު ބޭކާރުގޮތުގައި ހިނގާނެ.

އާދެ، އެހެން އަހަރުތަކެކޭވެސް އެއްފަދައިން، ބަޖެޓާ ބެހޭގޮތުން ޢިއްޒަތްތެރި މެންބަރުން އޮޅުންފިލުއްވަވަން ބޭނުންފުޅުވާ މަޢުލޫމާތު، ޑިޕާޓްމަންޓް އޮފް ފިނޭންސްގެ ޑިރެކްޓަރ އަލްފާޟިލް އިސްމާޢީލް ފަތުޙީ އޮޅުންފިލުއްވަވައިދެއްވާނެ.

ހުސްވި އަހަރު ބަޖެޓް ހުށަހެޅުނު ޖަލްސާގައި، 1987 ވަނަ އަހަރަކީ، ފެންނަގޮތުގައި ކުރީ އަހަރަށްވުރެ ރަނގަޅު އަހަރަކަށްވާނެ ކަމުގައި އަޅުގަނޑު ދެންނެވިން. އެހެން ދެންނެވީ، އިޤްތިޞާދީ ބޮޑެތި ބައެއް މަޝްރޫޢު ނިމެމުންދިޔުމާއެކު، އޭގެ ފައިދާ ކުރަން ފަށާނެކަމާއި، ރާއްޖެ އަންނަ ޓޫރިސްޓުން ގިނަވާނޭ ކަމުގައި ބަލައިގެން. އަދި ބެލެންސް އޮފް ޕޭމަންޓްސް ވާނޭގޮތެއް ލަފާކުރުމަށްފަހުގައި. އަޅުގަނޑު އެދުވަހު ދެންނެވި ދެންނެވުން ޙަޤީޤަތަކަށްވިކަމަށްޓަކައި މިއަދު އަޅުގަނޑު ވަރަށް ބޮޑަށް އުފާކުރަން.

1988 ވަނަ އަހަރަކީވެސް ދެންނެވޭނީ، އުންމީދީ އަހަރެއް ކަމުގައި. މަސްވެރިކަމުގެ ދެ މަޝްރޫޢު ނިމުމަކަށް އައުމުން، މަސް އެއްކުރުމާއި، މަސްފިނިކޮށް ރައްކާކުރުމާއި، ދަޅުގައި ބަންދުކުރުމާއި، އެކްސްޕޯޓް ކުރުން އިތުރުވާނެކަމަށް ފެނޭ. މިހާރުހުރި ޓޫރިޒަމް ކުރިއަށް ދިޔުމުގެ ވަރު ހިފަހައްޓާނެ ކަމަށްވެސް ލަފާކުރެވޭ. އަރިއަތޮޅު ޒޯނުގެ މަސައްކަތް ފެށުމާއި، މިހާރު ނިމެމުންދާ ރިޒޯޓުތަކުން ދައުލަތަށް އިތުރު އާމްދަނީ ލިބެމުންދާނެ ކަމަށް ފެނޭ.

އަންނަ އަހަރު ބޭރުގެ ޤައުމުތަކާއި، ބޭރުގެ ފައިސާއިން މުޢާމަލާތު ކުރުމުގައި ތަފާތު ދައްކާނެ ކަމުގައި ފެންނަނީ އަޅުގަނޑުމެންނަށް ފަހިވާގޮތަށް. 8 މިލިއަން އެމެރިކާ ޑޮލަރު. އެކްސްޕޯޓް މަތިވިނަމަވެސް، އެއަށްވުރެ ބޮޑު ނިސްބަތަކުން އިމްޕޯޓް މަތިވަމުން، ކަރަންޓް އެކައުންޓް ދައްކަނީ އަޅުގަނޑުމެންނަށް ފަހިނުވާގޮތަށް ކަމަށްވުން އެކަށީގެންވޭ.

ޢާންމުކޮށް ބަލާއިރު، 1987 އަށްވުރެ 1988 ވަނަ އަހަރު އިޤްތިޞާދީ ގޮތުން ރަނގަޅު އަހަރަކަށްވާނެކަމަށް އުންމީދު ކުރެވޭ. އެހެންނަމަވެސް، ބައިނަލްއަޤްވާމީ ގޮތުން އަންނަ އިޤްތިޞާދީ ބަދަލުތަކަށް އަޅުގަނޑުމެން އަބަދުވެސް ވިސްނަންޖެހޭނެ.

އާދެ، ވޭތުވެދިޔަ ދުވަސްވަރު އެމެރިކާގެ އިޤްތިޞާދީ އަދި މާލީ ސިޔާސަތު ހުރިގޮތުން، ބޭރުގެ ފައިސާގެ ބާޒާރުތަކުގައި، އެމެރިކާގެ ޑޮލަރު ދަށްވި ދަށްވުން އެއީ، އޭގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދިއްޔަތަށްވެސް ވަރަށްބޮޑު އަސަރެއް ކުރި ކަމެއް. ޢިއްޒަތްތެރި މެންބަރުންނަށް އެނގިވަޑައިގަންނަވާނޭ ފަދައިން، ރާއްޖޭގައި އެންމެ ޢާންމުކޮށް ގެންގުޅެވޭ ބޭރުފައިސާއަކީ، އެމެރިކާ ޑޮލަރު. ރާއްޖެއިން އެކްސްޕޯޓްކުރާ މުދަލަށް އަގު ލިބެނީވެސް އެމެރިކާ ޑޮލަރުން. ބޭރުގެ ފަރާތްތަކާ ކުރެވޭ އެގްރީމަންޓްތައް ކުރެވެމުންދަނީވެސް ޢާންމުކޮށް އެމެރިކާ ޑޮލަރުން. އެކަންތައްތައް އެހެން އޮތުމާއެކު، ބޭރުގެ ބާޒާރުތަކުގައި ޑޮލަރުގެ އަގު ދަށަށްދިޔުމުން، ސަރުކާރަށް ލިބޭ އާމްދަނީވެސް އޭގެ ޙަޤީޤީ އަގަށް ބަލާއިރު ދަށްވަމުންދޭ. 1985ން ފެށިގެން ބައެއް ބޭރުފައިސާގެ ނިސްބަތުން ޑޮލަރު ސަތޭކައަކުން 50 މިހާރުވަނީ ދަށްވެފައި. މިއީ އަޅުގަނޑުމެންނަށްވެސް ލިބޭ ވަރަށްބޮޑު ގެއްލުމެއް. މިގެއްލުން ލިބެނީ ހުސްއެކަނި ސަރުކާރަކަށް ނޫން. ޓޫރިޒަމްގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށާއި، ބޭރު ފައިސާއިން ވިޔަފާރިކުރާ ފަރާތްތަކަށްވެސް މި ގެއްލުން ލިބޭ.

މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛

ޤައުމުގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއާމެދު ކުރެވެމުންދާ މަސައްކަތްތަކުގެ ވާހަކަ އިސްވެ ދެންނެވުނު ތާނގައި ހިނގައްޖެ. އަދި އެކިއެކި މަޝްރޫޢުތަކަށް ހިނގާފައިވާ ޚަރަދުވެސް ހާމަކުރެވިއްޖެ. އެހެންނަމަވެސް، ތަރައްޤީގެ ރޮނގުން އަޅުގަނޑުމެންނަށް މިދެވެނީ ކިހާ ދުރަކަށްތޯ ވިސްނާލަންޖެހޭނެ. ދާންޖެހިފައިވާ ރާސްތާއަކީ، ވަރަށްދިގު ރާސްތާއެއް. އަޅުގަނޑުމެންގެ ޤައުމުފަދަ ޤުދުރަތީ މުއްސަނދިކަން މަދު ޤައުމެއްގައި، އިޤްތިޞާދީ ކުރިއެރުން ވެފައި އޮންނަނީ ވަރަށް ލަސްކަމަށް. ޚާއްޞަކޮށް، 500 މޭލުގެ ތެރޭގައި، ދުރުދުރުގައިވާ ކުދިކުދި ރަށްތަކެއްގައި، އެންމެ ދެލައްކައެއްހާ މީހުން، ދުއިސައްތަ ރަށުގެ މައްޗަށް ބެހިގެން އުޅުމަކީ، އިޤްތިޞާދީ އިސްރާފު ވަރަށްބޮޑު ކަމެއް ކަމުގައި އަޅުގަނޑުމެން އެއްބަސްވާންޖެހޭ.

މި އަހަރުގެ މިނިވަންދުވަހު އަޅުގަނޑު އިޢުލާނުކުރި، ތަރައްޤީކުރަން ޤަޞްދުކޮށްފައިވާ ރަށްތަކަކީ، ސަރުކާރުން އިސްކަންދީގެން އަވަސް ބާރުމިނެއްގައި ކުރިއަށް ގެންދަން ޤަޞްދުކޮށްފައިވާ ރަށްތަކެއް. މި ރަށްތައް ތަރައްޤީވާއިރު، އަޅުގަނޑުމެންނަށް މިވަގުތު ކުރިމަތިވެފައިވާ ވަރަށްގިނަ މައްސަލަތަކަށް ޙައްލު ގެނެވޭނެ ކަމަށް ފެނޭ. ސަރުކާރުން ރާއްޖެތެރެ ތަރައްޤީ ކުރުމުގެ ގޮތުން ގެންގުޅޭ ސިޔާސަތަކީ، ލާމަރުކަޒީ އުޞޫލު ކަމަށްވާތީ، ތަރައްޤީގެ ސަރަޙައްދުތަކެއް އަދި ޞިނާޢީ މަރުކަޒުތަކެއް އުފެއްދުމަށްޓަކައި އެކަށީގެންވާ ހުސް ޖާގަ އޮތް، ގިނަ ބަޔަކު ދައްޗެއްނެތި ދިރިއުޅުން ހަމަޖެއްސޭފަދަ އަދި ދަތުރުފަތުރުކޮށް އުޅުމަށް ފަސޭހަ ރަށްތަކެއް ވަނީ ހޮވާލެވިފައި. އެރަށްތަކުގެ އިތުރަށް، އެހެން ބައެއް ބޮޑެތި ރަށްތަކުގައިވެސް އިޤްތިޞާދީ މަސައްކަތްތައް ފަށައިގަތުމަށް ސަރުކާރުގެ ފަރާތުން ސަމާލުކަން ދެވޭނެ. މިގޮތުން، ހައްދުންމަތީގައި ޞިނާޢީ ސަރަޙައްދެއް ޤާއިމުކުރުމަށް ސަރުކާރުން ވަނީ ނިންމާފައި. އަދި މިފަދަ ސަރަޙައްދެއް ހައްދުންމަތީގައި ޤާއިމުކުރުމަށް ބޭނުންވާ ކަންތައްތަކަކީ ކޮބައިތޯ ބަލައި، އެކަންތައްތަކާ ބެހޭ މަޝްރޫޢެއް މިހާރުދަނީ ރޭވެމުން. އަދި އެތާނގައި ކުރެވޭނެ އިންވެސްޓްމަންޓްތަކާ ބެހޭގޮތުންވެސް ކުރަންޖެހޭ މަޝްވަރާތައް މިހާރުދަނީ ހިނގަމުން.

ޤައުމެއްގެ ކުރިއެރުން ބިނާވެފައި އޮންނަނީ، އެ ޤައުމެއްގެ ރައްޔިތުންގެ ހިތްވަރުގެ މައްޗަށް. ކިތަންމެބޮޑު ޤުދުރަތީ މުއްސަނދިކަމެއް ލިބިފައިވާ ތަނެއް ނަމަވެސް، އެ މުއްސަނދި ކަމުގެ ފައިދާ ލިބިގަތުމަށްޓަކައި ރައްޔިތުން މަސައްކަތް ކުރަންޖެހޭނެ. މަސައްކަތް ނުކުރާ ކަމުގައިވަނީނަމަ، އެފައިދާތަކެއް ނުލިބޭނެ. ރާއްޖެ ތަރައްޤީކޮށް، އިޤްތިޞާދީ އަދި އިޖުތިމާޢީ ފައިދާ ހޯދައިގަތުމަށްޓަކައި އެންމެ ބޮޑަށް މަސައްކަތް ކުރަންޖެހޭނީ ރައްޔިތުންނަށް. ސަރުކާރަށް ކޮށްދެވޭނެކަމަކީ، އެފަދަ މަސައްކަތް ކުރުމުގެ މަގުފަހިކޮށްދިނުން. ސަރުކާރުގެ ބައެއް މަޝްރޫޢު ނިންމުން ލަސްވާ ސަބަބުތަކުގެ ތެރޭގައި، މީހުން ނުލިބުމުގެ މައްސަލައަކީ، ވަރަށްބޮޑަށް އޮތް މައްސަލައަކަށްވާއިރު، ތަފާސްހިސާބު ދައްކާގޮތުން، ރާއްޖޭގައި އިޤްތިޞާދީ މަސައްކަތުގައި ބައިވެރިނުވާ މީހުންގެ ޢަދަދު ދަނީ ގިނަވަމުން. އިޤްތިޞާދީ މަސައްކަތުގައި ބައިވެރިވެވޭ ޢުމުރުގެ މީހުން، ދިރިއުޅުމަށް ކޮންމެވެސް ކަމެއް ކުރަންޖެހޭނެކަމީ، ހެޔޮ ވިސްނޭ ކޮންމެ މީހަކު ޤަބޫލުކުރާނެ ކަމެއް.

އެހެންވީމާ، އެފަދަ މީހުންގެ މަސައްކަތް އާދެ، މިހާރު އިޤްތިޞާދީ ބޭނުންތެރި މަސައްކަތްނުކޮށް ތިބި މީހުން، އެމީހުންގެ ޢަދަދު މި ދެންނެވިހެން ރާއްޖޭގައި ދަނީ އެއްދުވަހުން އަނެއް ދުވަހަށް ގިނަވަމުން. އެހެން ތިބޭ މީހުންގެ މަސައްކަތް، އެކިއެކި ބޭނުންތެރި ދާއިރާތަކަށް، އެމީހުންގެ އަމިއްލަ މަސައްކަތުގެ ގޮތުގައި ނަމަވެސް، މި ދަންނަވަނީ ވަކި ސަރުކާރަށް ބޭނުންވާ ވާހަކައެއް ނޫން. އެމީހުންގެ އަމިއްލަ ދިރިއުޅުން ތަނަވަސްކުރުމަށް ނުވަތަ އެކިއެކި އަމިއްލަ ފަރާތްތަކުން ރާވައި ހިންގާ ބޮޑެތި މަސައްކަތްތަކުގައި ބައިވެރިވުމަށް އެމީހުންގެ މަސައްކަތް، މި ދެންނެވީ އެއްވެސް މަސައްކަތެއް ނުކޮށް ތިބޭ މީހުންގެ މަސައްކަތް ލިބިއްޖެނަމަ، އަޅުގަނޑުމެންނަށް މިއަށްވުރެ ބާރަށް އިޤްތިޞާދީ ފުދުންތެރިކަމާ ދިމާއަށް ދެވޭނެކަން ކަށަވަރު. އާދެ، އަޅުގަނޑު މިހެން ދަންނަވާއިރު، ގިނަ ޢަދަދެއްގެ ބަޔަކު، އަމިއްލަ ފަރާތްތައް، ވަރަށް އަވަދިނެތި، އެމީހުންނަށާއި، ޤައުމަށް ފައިދާކުރާނޭ އަމިއްލަ މަސައްކަތް ކުރަމުންދާކަން އަޅުގަނޑު ހަނދާނެއް ނުނެތޭ.

މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛

ރައްޔިތުންގެ މަޖިލީހަށް މިއަދު އަޅުގަނޑު މި ހުށަހެޅި ބަޖެޓަކީ، އަޅުގަނޑު، ސަރުކާރާ ޙަވާލުވީފަހުން ހުށަހަޅާ 10 ވަނަ ބަޖެޓް. ބަޖެޓް ތައްޔާރުކޮށްފައިވަނީ، ސަރުކާރުގެ ތަރައްޤީގެ މިޞްރާބާ އެއްގޮތްވާ ގޮތުގެ މަތިން. މިއަދުވެސް އަޅުގަނޑުމެން އެންމެ ބޮޑަށް ސަމާލުކަންދޭން ޖެހިފައިވަނީ، ރާއްޖޭގެ ތަޢުލީމަށް ކަމަށް ވުމާއެކު، ރާއްޖޭގެ ފަށާ ތަޢުލީމު، އެ ޢުމުރުގެ އެންމެންނަށް ދެވޭނޭގޮތަކަށް ހަމަޖެއްސޭތޯ މި ބަޖެޓުގައި މަސައްކަތް ކުރެވިފައިވޭ. ތަޢުލީމީ ފެންވަރު މަތިވަމުންދާވަރަކަށް، މަތީ ފެންވަރުގެ ތަޢުލީމު ދެވޭނޭ މަގުވެސް ތަނަވަސްކޮށްދޭންޖެހޭ. ހަމައެއާއެކު، ޤައުމަށް ބޭނުންވާ ފަންނުތަކާމެދު ސަމާލުކަންދޭންޖެހޭ. ވީމާ، އަޅުގަނޑު މަސައްކަތް ކުރަމުން މިގެންދަނީ، މިކަމަށް ވިސްނައިގެން. ޞިއްޙީގޮތުން ރާއްޖޭގެ ރައްޔިތުންނަށް ލިބެންޖެހޭ ފަސޭހަތަކަކީ، މި ސަރުކާރުން އަބަދުވެސް ސަމާލުކަން ދޭންޖެހޭ ކަންތައްތަކެއް ކަމަށްވުމާއެކު، އެ ކަންތައްތަކަށްވެސް އިސްކަންދެމުން ގެންދެވޭ.

މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛

ނުހަނު ކެތްތެރިކަމާއެކު އަޅުގަނޑުގެ މި ވާހަކަ އަޑުއެއްސެވި ކަމަށްޓަކައި، ތިޔަ ޢިއްޒަތްތެރިންނަށް އަޅުގަނޑު ޝުކުރުވެރިވަން. އެކި ސިފަސިފައިގައި ޤައުމު ކުރިއެރުވުމާއި، ރައްޔިތުންނަށް ހެވާއި ލާބަ ހޯދައިދިނުމަށް މަސައްކަތް ކުރުމުގައި، އަޅުގަނޑާ އެހީވެވަޑައިގެންދެއްވާ ފަރާތްތަކަށް އަޅުގަނޑު ދަރަނިވެރިވެފައިވާލެއް ބޮޑު.

މިއަދުގެ ބަޖެޓް ބަޔާން ނިންމާލުމުގެ ކުރިން، ބަޖެޓް ތައްޔާރުކުރުމުގައި އަޅުގަނޑަށް އެހީތެރިވެވަޑައިގެން ދެއްވި ފަރާތްތަކަށް އިޚްލާޞްތެރި ޝުކުރެއް ދަންނަވަންޖެހޭ. އެނގިވަޑައިގަންނަވާނޭ ފަދައިން، ކޮންމެ އަހަރަކުވެސް ސަރުކާރުގެ ބަޖެޓް ތައްޔާރުކުރަނީ، ވަރަށްބުރަ މަސައްކަތްތަކެއްކޮށް، އެތައް ހިސާބުތަކެއް ހޯދައިގެން. މި މަސައްކަތް ކުރުމުގައި އެންމެބޮޑު ބައެއް އަދާކުރައްވަނީ، ޑިޕާޓްމަންޓް އޮފް ފިނޭންސުން. އެކަމަށްޓަކައި އެ ޑިޕާޓްމަންޓްގެ ޑިރެކްޓަރ އަލްފާޟިލް އިސްމާޢީލް ފަތުޙީއަށާއި، އޭނާގެ ދަށުން އެތާނގައި މަސައްކަތް ކުރައްވާ ވެރިންނަށާއި، އެހެނިހެން މުވައްޒަފުންނަށް އަޅުގަނޑުގެ ހިތުގެ އަޑިން ޝުކުރު ދަންނަވަން. އޭގެއިތުރަށް، ބަޖެޓް ކޮމިޓީގެ މެންބަރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ފައިސާއާއި ބަޖެޓާބެހޭ ބައިގެ މުވައްޒަފުންގެ ފަރާތުން އަޅުގަނޑަށް މިކަމުގައި ވަރަށްގިނަ އެހީތަކެއް ލިބިފައިވޭ. ޚާއްޞަކޮށް، ބަޖެޓާބެހޭ މަޢުލޫމާތު ކަރުދާސްތައް ތައްޔާރުކުރުމުގައި އަދި އެކިއެކި މިނިސްޓްރީތަކާއި، ޑިޕާޓްމަންޓްތަކާއި އޮފީސްތަކާ ގުޅައިގެން، އެކި ޢަދަދުތައް ސާފުކޮށް، ޗެކްކޮށް، މި ކަންތައްތައް ކުރުމުގައި. އެހެންކަމުން، އެފަރާތްތަކަށްވެސް އަޅުގަނޑު އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އަޅުގަނޑުމެން އެންމެން މަސައްކަތް ކުރަމުން މިގެންދަނީ، އެއް ލަނޑުދަނޑިއަކާ ދިމާއަށް. ޤައުމީ ތަރައްޤީގެ ލަނޑުދަނޑިއާ ދިމާއަށް. މިކަމުގައި ބޭނުންވަނީ، ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން.

އަޅުގަނޑުގެ އެންމެބޮޑު އެދުމަކީ، މާތްގެ ވާގިފުޅާ ލައިގެން، އަޅުގަނޑުމެންގެ ޤައުމު ތަރައްޤީ ކުރުމަށްޓަކައި ކުރާ މަސައްކަތްތަކުން ރައްޔިތުންނަށް ލިބެންވީ ފައިދާ ލިބެމުންދިޔުން. އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، ދިވެހިރާއްޖެ، ތަނަވަސްކަމާއި ފުދުންތެރިކަމުގެ ތެރެއަށް، އަވަސް ބާރުމިނެއްގައި ވާސިލުވުމުގެ މަގު اللهُ سُبْحَانَهُ وَتَعَالَى ފަހިކޮށްދެއްވުން.

والسّلام عليكم ورحمـة اللّـه وبركاته.