ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރސް އޮފީހާއި މިނިސްޓްރީ އޮފް ޑިފެންސް ގުޅިގެން ކޮލަމްބޯ ސެކިއުރިޓީ ކޮންކްލޭވްގެ އެން.އެސް.އޭ. ލެވެލްގެ ފަސްވަނަ ބައްދަލުވުން ފަށައިފިއެވެ. ދެ ދުވަހުގެ މުއްދަތަކަށް ދެމިގެންދާ މި ބައްދަލުވުން ކުރިއަށްދަނީ ޝެރަޓަން މޯލްޑިވްސް ފުލް މޫން ރިސޯޓް އެންޑް ސްޕާގައެވެ.

ކޮލަމްބޯ ސެކިއުރިޓީ ކޮންކްލޭވްގެ އެން.އެސް.އޭ. ލެވެލްގެ ފަސްވަނަ ބައްދަލުވުމުގެ ޗެއަރޕަރސަންގެ ހައިސިއްޔަތުން މި ބައްދަލުވުން ރަސްމީކޮށް ފަށްޓަވައިދެއްވީ ދިވެހިރާއްޖޭގެ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއެވެ. މި ބައްދަލުވުން ފަށްޓަވައިދެއްވުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުން އެ ކަމަނާ ވަނީ ކޮލަމްބޯ ސެކިއުރިޓީ ކޮންކްލޭވްގެ މެންބަރު ޤައުމުތަކަށް ކުރިމަތިވާ މައްސަލަތައް ހައްލުކުރުމުގައި އެ ޤައުމުތައް ގުޅިގެން އެކުގައި މަސައްކަތް ކުރުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުއްވައިލައްވާފައެވެ. އަދި، މި ސަރަޙައްދުގެ ސުލްޙައާއި، ސަލާމަތާއި، ހަމަޖެހުން ދެމެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެ މަނިކުފާނުގެ ސަރުކާރުން ގެންގުޅޭ ވިސްނުމާއި، އެ ކަންކަމަށް ދެއްވާ އަހައްމިއްޔަތުކަމުގެ މައްޗަށް އެ ކަމަނާގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވިއެވެ.

މޮރިޝަސްއަކީ ކޮލަމްބޯ ސެކިއުރިޓީ ކޮންކްލޭވްގެ އައު މެންބަރެއްގެ ގޮތުގައި މިއަދުގެ ބައްދަލުވުމުގައި ވަނީ ކަނޑައަޅާފައެވެ. ކޮލަމްބޯ ސެކިއުރިޓީ ކޮންކްލޭވްއަކީ އިންޑިޔާއާއި ސްރީލަންކާ އަދި ދިވެހިރާއްޖެއިން ގުޅިގެން އުފައްދާފައިވާ ގުޅުމެކެވެ. ކޮލަމްބޯ ސެކިއުރިޓީ ކޮންކްލޭވްގެ މައިގަނޑު ހަތަރު ލަނޑުދަނޑިއަކީ:

  • ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް މަސައްކަތް ކުރުން
  • ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތް ކުރުން
  • މެންބަރު ޤައުމުތަކުގެ ބޯޑަރުތައް ހުރަސްކޮށް ރާވައިގެން ހިންގާ ކުށްތައް ހުއްޓުވަން މަސައްކަތް ކުރުން
  • ސައިބަރ ސެކިއުރިޓީއާއި އުމްރާނީ ވަސީލަތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މަސައްކަތް ކުރުން