بســم اللّـه الرّحمـن الرّحيــم

الحمـد للّـه ربِّ العـالمـين، والصّـلاة والسّـلام عـلى أشـرف المرسـلين، سَيِّدنا محـمَّدٍ وعلى آلـه وصحبـه أجمعـين.

އާދެ، "ސްކޫލް އޮފް ހޮޓެލް އެންޑް ކޭޓަރިންގ ސަރވިސަސް" އެއީ ރާއްޖޭގެ ޓުއަރިޒަމް ކުރިއަށް ގެންދިޔުމުގައި ވަރަށް ބޭނުންތެރި ބައެއް އަދާކުރާނެ ތަނެއް ކަމުގައިވާތީ، އެ މަދަރުސާ މިރޭ އަޅުގަނޑު މި ހުޅުވައިދެނީ ވަރަށް ޚާއްޞަ އުފަލަކާއެކު.

އާދެ، މި މަދަރުސާއާ ބެހޭގޮތުން އަޅުގަނޑުގެ ކުރިން ވާހަކަފުޅު ދެއްކެވި ބޭފުޅުން ވާހަކަފުޅު ދައްކަވައިފި. އަޅުގަނޑުވެސް މި މަދަރުސާއާ ބެހޭގޮތުން އެއްޗެއް ދަންނަވާލަން ބޭނުންވޭ. އެހެންނަމަވެސް، އޭގެކުރީގައި އެންމެ ފުރަތަމަ، މިރޭ އަޅުގަނޑާއި އަޅުގަނޑުގެ އަންހެނުން މި އިޙްތިފާލަށް އައުމުގެ ދަޢުވަތު ދެއްވިކަމަށްޓަކައި، ޑިޕާޓްމަންޓް އޮފް ޓޫރިޒަމްގެ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް އަޙްމަދު ޒާހިރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ، މި ޝުކުރުގައި އެ ޑިޕާޓްމަންޓްގެ ޑިރެކްޓަރ އަލްފާޟިލް މަޙްމޫދު ޝުޖާޢާއި، އަދި އެ ޑިޕާޓްމަންޓްގެ ވެރިންނާއި މުވައްޒަފުންވެސް ހިމަނަން. ހަމަ އެފަދައިން، އަޅުގަނޑު މިރޭ އަދާކުރަންޖެހޭ ޝުކުރުގައި، އެންމެ ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލަންޖެހެނީ، ދުނިޔޭގެ ޓުއަރިޒަމް ޖަމުޢިއްޔާގެ ސެކްރެޓަރީ ޖެނެރަލް ޑޮކްޓަރ ވިލްބާލް ޕާ، އެމަނިކުފާނު މި މުނާސަބަތުގައި ބައިވެރިވެވަޑައިގެން ދެއްވުމަށްޓަކައި، ސަރުކާރުން އޭނާއަށް އެރުވި ދަޢުވަތު ޤަބޫލުކުރައްވައި، މިރޭގެ ޖަލްސާއަށް ވަޑައިގެންނެވިކަމަށްޓަކައި، އޭނާއަށްވެސް އިޚްލާޞްތެރިކަމާއެކު ޝުކުރު ދެންނެވުން.

އާދެ، ޑޮކްޓަރ ވިލްބާލް ޕާ އެއީ އަޅުގަނޑުމެންނަށް އަދި އާ ބޭފުޅެއް ކަމުގައިވިޔަސް، ދުނިޔެއަށް އާ ބޭފުޅެއް ނޫން. އޭނާގެ ޚިދުމަތްތައް ދުނިޔޭގައި ވަނީ މީގެކުރިންވެސް ފާހަގަކުރެވިފައި. ކުރިން އޭނާ އަދާކުރެއްވި މަޤާމަކީ، އޮސްޓްރިޔާގެ ޚާރިޖީ ވަޒީރުކަން. އެ މަޤާމަށްފަހު މިހާރު އެ އަދާކުރައްވަނީ ދުނިޔޭގެ ޓުއަރިޒަމް ޖަމާޢަތުގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަޤާމު. އެ މަޤާމާ އޭނާ ޙަވާލުވެވަޑައިގެންނެވި ފަހުން، ދުނިޔޭގެ ޓުއަރިޒަމް ދާއިރާއަށް ވަރަށް އެދެވޭ ބަދަލުތަކެއް މިހާރުވެސް އަތުވެއްޖެ. އާދެ، އެއީ ޓުއަރިޒަމް ދިރުވައި ކުރިއަށް ގެންދިޔުމުގެ ކަންތައްތަކުގައި، ކުރިން ދުނިޔޭގެ ޓުއަރިޒަމް ޖަމުޢިއްޔާ ބައިވެރިވެފައި ނެތް ދަރަޖައަކަށް މިހާރު ބައިވެރިވަމުންގެންދާކަން. އަދި ޚާއްޞަކޮށް، އޭޝިޔާގެ ޤައުމުތަކުގެ ޓުއަރިޒަމް ކުރިއަށް ގެންދިޔުމުގައި، އެ ޖަމުޢިއްޔާގެ ފަރާތުން މިހާރު ވަރަށް ބޮޑަށް ބާރުއަޅުއްވަމުން ގެންދަވާކަން. އޭގެ ވަރަށް ބޮޑު ހެތްކެއް، އޭނާ އަޅުގަނޑުމެންގެ ރާއްޖެއަށް ޒިޔާރަތް ކުރެއްވިކަން. އަދި އޭޝިޔާގެ އެހެން ޤައުމުތަކަށްވެސް ޒިޔާރަތް ކުރައްވާކަން. އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، މީގެކުރިން އެ މަޤާމުގައި ހުންނެވި ބޭފުޅަކު އެފަދަ ޒިޔާރަތްތަކެއް އޭޝިޔާގެ ޤައުމުތަކަށް ކުރައްވާފައެއް ނެތް.

ހަމައެއާއެކު، އަޅުގަނޑުމެންގެ މި މަޝްރޫޢަށް އާދެ، ރާއްޖޭގައި ޓުއަރިޒަމްގެ މަސައްކަތްކުރާ މީހުންނަށް، އެކިއެކި ހުނަރުތައް ދަސްކޮށްދީ، ޚާއްޞަކޮށް، ޓުއަރިޒަމް ދާއިރާގެ ކަންތައްތައް ހިންގައި، އެކަމުގެ އިދާރީ ހުނަރުތައް ދަސްކޮށްދީ އަދި ޓުއަރިޒަމް ދާއިރާގައި ކާބޯތަކެއްޗަކީ ވަރަށް މުހިންމު ބައެއް އަދާކުރާ ތަކެތި ކަމަށްވާތީ، ވަކި އުޞޫލެއްގެ މަތިން ކާބޯތަކެތި ތައްޔާރުކުރުމުގެ ޚިދުމަތް ދަސްކޮށްދީ، މިކަންތައްތައް ކުރާ މަދަރުސާއެއް މި މަދަރުސާއަކީ. އެހެންކަމަށްވާތީ، މި މަދަރުސާއަށް ދުނިޔޭގެ ޓުއަރިޒަމް ޖަމުޢިއްޔާގެ ފަރާތުން ލިބުނު އެހީ، އަދި ލިބެމުންދާ އެހީ އެއީ އަޅުގަނޑު ކުރިން ދެންނެވި ބަހުގެ އިތުރު ހެތްކެއް ކަމުގައި ފުދޭނެ.

އާދެ، ދެންމެ ޓޫރިޒަމް ޑިޕާޓްމަންޓްގެ ޑިރެކްޓަރ ޖެނެރަލްގެ ވާހަކަފުޅުގައިވެސް އިޝާރާތް ކުރެއްވި ފަދައިން، މި މަޝްރޫޢު ކުރިއަށް ގެންދިޔުމުގައި ބޭނުންވާ ހޯދުންތައް ހޯދައި، އެކަމާބެހޭ ރިޕޯޓުތައް ތައްޔާރުކޮށް، އަދި އެކި ފަރާތްފަރާތުގެ މާލީ އެހީ މި މަޝްރޫޢަށް ހޯދައިދިނުމުގައި، އެ ޖަމުޢިއްޔާގެ ފަރާތުން ވަރަށް މުހިންމު ބައެއް އަދާކުރައްވާފައިވޭ. އެހެންކަމާއެކު، އަޅުގަނޑު ހިތުން އަޅުގަނޑު މިރޭ ޓުއަރިޒަމް ޖަމުޢިއްޔާގެ ސެކްރެޓަރީ ޖެނެރަލަށް މި ދަންނަވާ ޝުކުރުގައި، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާއި އަދި ރާއްޖޭގެ ޓުއަރިޒަމް ހިންގާ އަމިއްލަ ފަރާތްތައްވެސް ޝާމިލުވާނެ. އާދެ، ހަމަ އެއާއެކުގައި، އަޅުގަނޑު ޝުކުރު ދަންނަވަންޖެހޭ، ޔޫ.އެން.ޑީ.ޕީ.އަށް. ޚާއްޞަކޮށް، ޔޫ.އެން.ޑީ.ޕީ.ގެ ރެޒިޑެންޓް ރެޕްރެޒެންޓެޓިވްގެ މަޤާމުގައި މިހާރު ހުންނެވި މިސްޓަރ ޖޭކަބް ހޮއިޓަށް. އޭނާއަކީ މި މަޝްރޫޢު ކުރިއަށް ގެންދިޔުމުގައި ވަރަށް ބޮޑު ބައެއް އަދާކުރައްވާފައިވާ ބޭފުޅެއް. ޔޫ.އެން.ޑީ.ޕީ. އެހީގެ ވާހަކަ، ދެންމެ އަޅުގަނޑުމެންނަށް އިވިގެން ހިނގައްޖެ. އާދެ، ހަތަރު ލައްކަ ފަންސާސް ހަތަރުހާސް އެމެރިކާ ޑޮލަރުގެ އެހީ، މި މަޝްރޫޢަށް ޔޫ.އެން.ޑީ.ޕީ.ގެ ފަރާތުން ވެދީފި.

އާދެ، ޔޫ.އެން.ޑީ.ޕީ.އަކީ ދުނިޔޭގެ އެންމެ މުހިންމު ޖަމުޢިއްޔާ ކަމުގައިވާ އެކުވެރި ދައުލަތްތަކުގެ ބައެއް. އެހެންނަމަވެސް، އެތާނގެ ކަންތައްތައް ކުރިއަށްދާއިރުވެސް، އެކަންތައްތައް ހިންގަވަން ތިއްބަވާ ބޭފުޅުންގެ ގޮތުން، އެބޭފުޅުން އެކަންކަމަށް ދެއްވާ އަހަންމިއްޔަތުގެ ސަބަބުން ބައެއް ކަންތައްތައް ވަރަށް އަވަހަށް ކުރިއަށްދާގޮތް ދިމާވޭ. އެގޮތުން، މިސްޓަރ ހޮއިޓް މިކަމުގައި ވަރަށް ޚާއްޞަ ޝައުޤުވެރިކަމެއް ބަހައްޓަވައިގެން، އަޅުގަނޑުމެންގެ މި ސްކޫލަށް ޔޫ.އެން.ގެ ފަރާތުން އެހީ ހޯއްދަވަން މަސައްކަތް ކުރެއްވިކަން އަޅުގަނޑު މި ފުރުޞަތުގައި ފާހަގަކޮށްލަން ބޭނުންވޭ.

ދެން އޮތީ ޔޫރަޕްގެ އިޤްތިޞާދީ ޖަމާޢަތް. އެފަރާތުންވެސް މި މަޝްރޫޢަށް ވަރަށް ބޮޑު އެހީއެއް ވެދެއްވައިފި. އާދެ، ޔޫރަޕްގެ ފައިސާގެ ރުފިޔާގެ ޢަދަދުން ދަންނަވަންޏާ، ތިންލައްކަ ޔޫރަޕްގެ ރުފިޔާ މިކަމަށް ޚަރަދުވެއްޖެ. ނުވަތަ ވާނެ. އެއީ އެމެރިކާ ޑޮލަރުން ބުނަންޏާ، ދެލައްކަ ސާދަހާސް ޑޮލަރުގެ އެހީއެއް. އެއީވެސް ޝައްކެއްނެތްގޮތުގައި، މިކަމަށް ވަރަށް ބޮޑު އެހީއަކަށްވާނެ، މިހުރިހާ ފަރާތްތަކުގެ އެހީ ލިބިގެން ސަރުކާރުން މިރޭ މި މަދަރުސާ ހުޅުވޭތަން މިއައީ. އެހެންވީމާ، އެހުރިހާ ފަރާތްތަކަކަށް ސަރުކާރުގެ ނަމުގަޔާއި އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި އަދި ރާއްޖޭގައި ޓުއަރިޒަމް މަސައްކަތްކުރާ އެންމެންގެ ނަމުގައި ޝުކުރު އަދާކުރުމަކީ، މިރޭ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް.

ރާއްޖޭގައި ޓުއަރިޒަމް ފެށިގެން އައިގޮތް، ތިޔަ ހުރިހާ ބޭފުޅުންވެސް ދެނެވަޑައިގަންނަވާނެ. އާދެ، އެންމެ ފުރަތަމަ 1972 ވަނަ އަހަރު ރާއްޖޭގައި މިކަން ފެށިގެން އައީ. އެ އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ޓުއަރިސްޓުންގެ ޢަދަދަކީ އެންމެ 300. އޭގެ 15 އަހަރު ފަހުން ނުވަތަ 14 އަހަރު ފަހުން މިދިޔަ އަހަރު ރާއްޖެއަށް ގާތްގަނޑަކަށް އެއްލައްކަ ސާދަހާސް ޓުއަރިސްޓުން ޒިޔާރަތްކޮށްފައިވޭ. މި އަހަރުގެ ފުރަތަމަ ތިންމަސްދުވަހުގެ ޢަދަދުތައް ދައްކާގޮތުން، މި އަހަރު އެއަށްވުރެ އިތުރުވާނޭކަމުގެ އުންމީދު އެބައޮތް. އާދެ، މިވީ ތިންމަސް ދުވަހުގެ ތެރޭގައި، ރާއްޖެއަށް އައި ޓުއަރިސްޓުންގެ ޢަދަދު، ކުރީ އަހަރުގެ ތިންމަސް ދުވަހު އައި ޢަދަދަށްވުރެ، ސަތޭކައަކުން 4.4 ވަނީ މައްޗަށް ޖެހިފައި. އާދެ، އެހެންވީމާ، ރާއްޖޭގެ ޓުއަރިޒަމް ތަރައްޤީވަމުންދާ މިންވަރު އަޅުގަނޑުމެންނަށް ވަޒަންކުރުމަކީ އެއްގޮތަކަށްވެސް ދަތިކަމަކަށްނުވާނެ. މިހާރު ރާއްޖޭގައި 56 ރިޒޯޓު އެބަހުރި. އެ 56 ރިޒޯޓުގައި، ފަސްހާސް ފަސްސަތޭކަ ފަސްދޮޅަސް ހަތް އެނދު އެބަހުރި. ރިޒޯޓުތަކުގެ އިތުރަށް، މާލޭގައި ހުރި ޓުއަރިސްޓް ހޮޓާތައް އިތުރުކުރީމާ، ޖުމްލަ ފަސްހާސް ހަތްސަތޭކަ ފަންސަވީސް އެނދު މިހާރު އަޅުގަނޑުމެންނަށް ޓުއަރިޒަމް ދާއިރާގައި ބޭނުންކުރެވޭގޮތަށް އެބަހުރި. އެހެންވީމާ، މިވޭތުވެދިޔަ 15 އަހަރުގެ ތެރޭގައި، ޓުއަރިޒަމަށް މިއައި ބަދަލުތައް އަޅުގަނޑު ހިތުން އަޅުގަނޑުމެންގެ ތެރެއިން ހަމަ ކޮންމެ މީހަކަށްވެސް ވަރަށް ރަނގަޅަށް ވަޒަންކުރެވޭނެ.

އާދެ، މިއައި ބަދަލުތަކަކީ ހަމައެކަނި އަޅުގަނޑުމެންގެ ރާއްޖެއަށް ޒިޔާރަތްކުރާ ޓުއަރިސްޓުންގެ ޢަދަދު އިތުރުވެގެންދިޔަ ދިޔުމެއްނޫން. އެއާއެކުގައި މި މަސައްކަތް އަޅުގަނޑުމެން މިދިޔަ 15 އަހަރު ދުވަހުގެ ތެރޭގައި ކުރުމުގެ ސަބަބުން ވަރަށް ބޮޑެތި ފިލާވަޅުތަކެއްވެސް އަޅުގަނޑުމެންނަށް ވާނީ ލިބިފައި. އާދެ، އެންމެ ފުރަތަމަ ޓުއަރިޒަމް މަސައްކަތް ފެށިއިރު، އަޅުގަނޑުމެންގެ ތެރެއިން އެކަމުގައި އުޅުއްވި ބޭފުޅުން މަސައްކަތްފުޅު ކުރެއްވީ، ވީހާ ކުޑަ ޚަރަދަކުން ރިޒޯޓުތައް ހައްދަވައި، ވީހާ އަވަހަކަށް އޭގެ ފައިދާ ޙާޞިލުވާގޮތަކަށް މަސައްކަތް ގެންދެވޭތޯ. އެއީ އޭރުގެ އުޞޫލަކަށް އޮތީ. އެއީ އެކަންވާނެވެސްގޮތް. ކަމެއް ފުރަތަމަ ފެށޭއިރު، އޭގެ އެކޮޅު މިކޮޅު އޮންނާނެ ގޮތެއް، އެއްވެސް މީހަކަށް ނޭނގޭނެ. މުސްތަޤްބަލުގައި ކަންތައްވާނެގޮތެއް، އެކުރާ ޚަރަދު އަނބުރާ ލިބޭނެކަމެއް ނުވަތަ ނުލިބޭނެ ކަމެއް ނޭނގޭނެ. ނޭނގުމެއްގެ ތެރޭގައި މަސައްކަތް ކުރާއިރު، އެކަހަލަ ގޮތްތައް ދިމާވާނެ. އެހެންވީމާ، އެއީ އެއްގޮތަކަށްވެސް އުނިކަމެކޭ އަޅުގަނޑު ދަންނަވާކަށްނެތިން. ކޮންމެއަކަސް އޭރު މަސައްކަތް ހިނގަމުންދިޔައީ އެގޮތަށް. ވީހާ ކުޑަ ޚަރަދަކުން ތަންތަން ހަދައި، ވީހާ ގިނަ ޢަދަދަކަށް މީހުން ގެނެސް، އެމީހުންނަށް ކިރިޔާ ފުދޭވަރުގެ ޚިދުމަތެއްދީގެން، އެމީހުންގެ ފަރާތުން އަޅުގަނޑުމެންނަށް އިޤްތިޞާދީ ގޮތުން، މާލީގޮތުން ފައިދާތަކެއް ހޯދުން.

އާދެ، އެހެންނަމަވެސް މިހާރު މި 15 އަހަރުގެ ތަޖުރިބާއަށްފަހުގައި، އަޅުގަނޑުމެންނަށް އެނގިއްޖެ، އެއީކީ ނޫންކަން މިކަން ކުރަންވީ ގޮތަކީ. އެއަށްވުރެ މާ މުހިންމު ކަމެއްކަން ޓުއަރިޒަމަކީ. އަދި ރާއްޖޭގެ އިޤްތިޞާދުގައި ޓުއަރިޒަމް އަދާކުރަނީ އެއަށްވުރެ މާ މުހިންމު ބައެއްކަން. މިކަންކަން އަޅުގަނޑުމެންނަށް ވިސްނިގެން، މިހާރު ޓުއަރިޒަމް ދާއިރާގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކުންވެސް ކުރިން އެ ގެންގުޅުއްވި އުޞޫލުތަކަށް ބަދަލުގެންނަވަން ފަށްޓަވައިފި.

އާދެ، މިހާރު އަޅުގަނޑުމެން މި ބަލަނީ ހަމައެކަނި ރިޒޯޓުތައް ގިނަކުރާކަށްނޫން. އެނދުގެ ޢަދަދު ގިނަކުރާކަށްނޫން. އަޅުގަނޑުމެން ގެންނަ މީހުންގެ ޢަދަދު ގިނަކުރާކަށްނޫން. އޭގެއިތުރުން، އަޅުގަނޑުމެން އެބަ މަސައްކަތް ކުރަމު، އަޅުގަނޑުމެން ޓުއަރިސްޓުންނަށް ދޭ ޚިދުމަތް ރަނގަޅު ކުރެވޭތޯ. އަޅުގަނޑުމެންގެ ރިޒޯޓުތަކުގެ ފެންވަރު، އެއްދުވަހުން އަނެއްދުވަހަށް މައްޗަށް ގެންދެވޭތޯ އަޅުގަނޑުމެން އެބަ މަސައްކަތް ކުރަމު. އާދެ، މިހާރު ރާއްޖޭގައި ވަރަށް ގިނަ ޢަދަދެއްގެ ފައިސާ ޚަރަދު ކުރައްވައިގެން، ޓުއަރިސްޓް މަސައްކަތް ހިންގަވާ ފަރާތަކުން، ވަރަށް މަތީ ފެންވަރަކަށް އަޅުގަނޑުމެންގެ ރާއްޖޭގެ ޓުއަރިސްޓް ރިޒޯޓެއް ގެންދަވައިފި. އެ މަސައްކަތް ވަރަށް އަވަހަށް ނިމޭނެކަމަށް އެނގިފައިވަނީ. އެ ރިޒޯޓުގެ އިތުރަށް، މިހާރު އެހެން ތަންތާނގައިވެސް އެބާވަތުގެ މަސައްކަތްތައް ކުރެވެމުން އެބަދޭ. އެއީ އަޅުގަނޑުމެންނަށް މިހާރު ވިސްނިއްޖެ، ކުރިއަށް ރާވައިގެން، ގިނަ ޚަރަދުކޮށްގެން، މޮޅު ފެންވަރެއްގައި ކަންތައް ކުރުމުން، އެއިން ލިބޭ ނަތީޖާ އާޚިރުގައި މާރަނގަޅުވާނެކަން.

އާދެ، ޓުއަރިޒަމް އަޅުގަނޑުމެންނަށް ފެނުނީ، ރަންބިސްއަޅާ ކުކުޅެއްގެ ގޮތުގައި. އެހެންވީމާ، ފުރަތަމަ މަސައްކަތް ކުރެވުނީ، ވީހާ ގިނަ ޢަދަދަކަށް އެ ކުކުޅު ލައްވައި ބިސްއެޅުވޭތޯ. އެހެންނަމަވެސް، އެ ކުކުޅު ވަރުބަލިކޮށްލުމަކީ މިހާރު އަޅުގަނޑުމެންނަށް ވިސްނިއްޖެ، އެއީ މޮޔަކަމެއްކަން. އެހެންވީމާ، އަޅުގަނޑުމެން މިހާރު ބޭނުންވަނީ، ވީހާ ގިނަ ދުވަހެއް ވަންދެން އެ ރަންބިސްއަޅާ ކުކުޅު، ރަނގަޅަށް އެއަށް ކާންދީގެން، އެ ގިނަދުވަހު އޭގެ ބޭނުން އަޅުގަނޑުމެންނަށް ލިބޭގޮތަކަށް އަޅުގަނޑުމެންނަށް މަސައްކަތް ކުރެވޭތޯ. އެއީ އަޅުގަނޑު ދަންނަވާނީ، މިދިޔަ 15 އަހަރު ދުވަހުގެ ތަޖުރިބާއިން އަޅުގަނޑުމެންނަށް ލިބުނު ފިލާވަޅެކޭ.

އާދެ، ޓުއަރިޒަމްގެ މަސައްކަތް ތަރައްޤީ ކުރުމުގައި މަސައްކަތް ކުރީ ހަމައެކަނި ސަރުކާރަކުން ނޫން. އަޅުގަނޑު ވަރަށް ޞަރީޙަކޮށް ދަންނަވަން. މި ދާއިރާގައި އެންމެބޮޑެތި މަސައްކަތްތަކެއް ކުރެއްވީ އަމިއްލަ ފަރާތްތަކުން. އެހެންވީމާ، އަޅުގަނޑުމެންގެ ރާއްޖޭގައި ތިބި މީހުންގެ ތެރޭގައި، މިކަމަށް ޝައުޤުވެރިކަން ހުންނަ އަދި މުސްތަޤްބަލަށް ވިސްނައި ޚިޔާލުކުރާ، ކަން ކުރަން ކެރޭ ޒުވާނުންތަކެއް ތިބުމުގެ ސަބަބުން އެމީހުންގެ ފަރާތުން ޓުއަރިޒަމް ތަރައްޤީ ކުރުމަށް ލިބުނު އެހީ އެއީ ސަރުކާރުން ވަރަށް އުފަލާއެކު ޤަބޫލުކުރާ އެހީއެއް.

އާދެ، މި ސަރުކާރު އިންތިޚާބުވުމާ ގުޅިގެން، ޓުއަރިޒަމްގެ ކަންތައްތައް ކުރިއަށްދާނޭގޮތާ ދޭތެރޭގައި ހިސާބަކަށް ކުށްހީތަކެއް، މީހުންގެ ތެރޭގައި އުޅުނުކަން އަޅުގަނޑަށް އެނގިފައިވޭ. އެއީ ބައެއް މީހުން ހީކުރީ ޓުއަރިޒަމްގެ ކަންތައްތައް އެހިސާބުން ދެން ހުއްޓޭނީ ކަމަށް. އެހެންނަމަވެސް، އަޅުގަނޑު އެއާ ދޭތެރޭގައި، ޢާންމު ތަޤްރީރެއްގައި ކަނޑައެޅިގެން މާބޮޑު އެއްޗެއް ނުބުނަން. ސަބަބަކީ އެގޮތަށް ދައްކާ ވާހަކައަކަށްވުރެ، ޢަމަލީގޮތުން އެކަންތައް ކުރާގޮތް އެއީ މާ މުހިންމު ކަމަކަށްވާތީ. މިހާރު އަޅުގަނޑު ހިތުން އެ ހުރިހާ ފަރާތްތަކަކަށް، އޭރު އެބޭފުޅުންގެ ހިތްޕުޅުތަކަށްއެރި ޝައްކުތައް މުޅިން ފިލައިގެން ހިނގައިދާނެ.

ޓުއަރިޒަމްގެ ދާއިރާ، މިދިޔަ އަށް އަހަރު ދުވަހުގެ ތެރޭގައި ނުވަތަ ނުވަ އަހަރު ދުވަހުގެ ތެރޭގައި ހީނަރުވެގެން، ކުޑަވެގެންދިޔުމުގެ ބަދަލުގައި، އެ ދާއިރާއަށް އައިސްފައިވަނީ ވަރަށް ބޮޑު ދިރުމެއް. އެއީ އަޅުގަނޑު ކުރިން ދެންނެވި ޢަދަދުތަކުންވެސް ތިޔަބޭފުޅުންނަށް ވިސްނިވަޑައިގަންނަވާނެ ދިރުމެއް. އާދެ، އަޅުގަނޑު ނުދަންނަވަން، އެއީ ސަރުކާރުން ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން އެކަނިވީ ކަމެކޭ. ކުރިންވެސް ދެންނެވި ފަދައިން، އޭގެ އެންމެ ބޮޑު ބައެއް އަދާކުރެއްވީ އަމިއްލަ ފަރާތްތަކަކުން. އެހެން ނަމަވެސް، އެފަރާތްތަކަށް އެކަންތައް ކުރެއްވުނީ، ސަރުކާރުގެ ސިޔާސަތު އެގޮތަށް އޮވެގެން. ޓުއަރިޒަމް ތަރައްޤީކޮށް ކުރިއެރުވުމަށް ސަރުކާރުން މަސައްކަތް ކޮށްގެން. އަދި އަމިއްލަ ފަރާތްތަކުންވެސް އެކަންތައްތައް ކުރެއްވޭނެގޮތް ސަރުކާރުން ހަދައިދީގެން.

އާދެ، ޝައްކެއްނެތް، އަޅުގަނޑުމެންފަދަ ރާއްޖެއެއްގައި ޓޫރިޒަމަކީ ވަރަށް މުހިންމު އެއްޗެއް. ދެންމެ ސެކްރެޓަރީ ޖެނެރަލްގެ ވާހަކަފުޅުގައި އެ ވިދާޅުވިފަދައިން، މިއީ ހަމައެކަނި އިޤްތިޞާދީ ފައިދާތަކެއް ލިބިދޭނެ މަސައްކަތެއް ނޫން. އިޤްތިޞާދީ ފައިދާތަކުގެ އިތުރަށް، ޤައުމުތަކުގެ މެދުގައި ރަޙްމަތްތެރިކަން ބަދަހިކުރުމާއި، އެއްބަޔަކު އަނެއް ބަޔަކާ ދޭތެރޭގައި ގެންގުޅޭ ގޮތްތައް އިޞްލާޙުވުމާއި، ހުރިހާ ޤައުމުތަކެއް އެއްބާރުލައިގެން ޞުލްޙައަށް މަސައްކަތް ކުރުމާ، މިކަންތައްތައްވެސް ޓުއަރިޒަމްގެ ދާއިރާގައި ނުވަތަ ޓުއަރިޒަމް މަސައްކަތުގައި ހިމެނިފައި ވަނީ ވަރަށްމަތީ ދަރަޖައަކަށް. އާދެ، އޭގެ ކުޑަކުޑަ މިސާލެއް އަޅުގަނޑު ދަންނަވަން ހިތަށް އާދޭ. އާދެ، އެއީ ދިވެހި ސަރުކާރާއި ހުޅަނގު ޖަރުމަނު ސަރުކާރާ ދޭތެރޭގައި އޮންނަ ގުޅުން. ދިވެހި ސަރުކާރާއި ޖަޕާނު ސަރުކާރާ ދޭތެރޭގައި އޮންނަ ގުޅުން. އަޅުގަނޑު ހިތުން އެ ގުޅުން އެހާ އެދެވޭ ރަނގަޅު ގޮތެއްގައި މިހާރު އޮތުމުގެ އެންމެ ބޮޑު އެއް ސަބަބަކީ، އެތަންތަނުން ރާއްޖެއަށް އަންނަ ޓުއަރިސްޓުންގެ ޢަދަދު ގިނަކަން. ހުޅަނގު ޖަރުމަނު ސަރުކާރުން ރާއްޖޭގެ ތަރައްޤީގެ އެކި ކަންތައްތަކަށް ވަރަށް މަތީ ދަރަޖައަކަށް އެހީ ލިބެމުންދޭ. ހަމަ އެފަދައިން، ޖަޕާނު ސަރުކާރުންވެސް އަޅުގަނޑުމެންގެ ރާއްޖޭގެ ތަރައްޤީގެ ކަންތައްތަކަށް އެހާ މަތީ އެހީ ލިބެމުންދޭ. އަޅުގަނޑަށް ޔަޤީންކުރެވޭގޮތުގައި، އޭގެ ވަރަށް ބޮޑު ސަބަބަކަށްވާނެ، ރާއްޖެއާއި އެ ދެ ޤައުމާ ޓުއަރިޒަމްގެ ގޮތުން ގުޅިފައި އޮތް ގުޅުމުގެ ބޮޑުކަން. އެ ގުޅުމުގެ ވަރުގަދަކަން.

އާދެ، އަޅުގަނޑު މި ދެންނެވީ ތެދެއްކަމުގައިވިޔަސް، ޓުއަރިޒަމަކީ ރާއްޖޭގެ ނިސްބަތުގައި، އިޤްތިޞާދީ ގޮތުން ވަރަށް މުހިންމު ދާއިރާއެއް. އެއާ ދޭތެރޭގައި މިހާރު ދެބަސްވާނޭ ހަމަ އެކަކުވެސް ހުންނާނެއެކޭ އަޅުގަނޑުގެ ހިތަކަށްނާރާ. އަޅުގަނޑަށް ދަންނަވަން ޖެހެނީ، އަޅުގަނޑުމެންގެ ރާއްޖެ އިޤްތިޞާދީ ގޮތުން އަމިއްލަ ފައިމައްޗަށް ތެދުވަން މަސައްކަތްކުރާ ވަގުތެއްގައި، ރާއްޖޭގެ މަސްވެރިކަން އެއީ ރާއްޖޭގެ އިޤްތިޞާދުގެ ކަނާތުފައި ކަމަށްވަންޏާ، ރާއްޖޭގެ ޓުއަރިޒަމް އެއީ ރާއްޖޭގެ އިޤްތިޞާދުގެ ވާތުފައޭ. އަޅުގަނޑު އެހެން ދަންނަވަންޖެހޭ ސަބަބަކީ، ރާއްޖެއަކީ ޤުދުރަތީ މުއްސަނދިކަމުގެ ވަސީލަތްތައް މަދު ތަނަކަށްވެފައި، އިޖުތިމާޢީ ގޮތުންނާއި، އިޤްތިޞާދީ ގޮތުން ކުރިއަށްދިޔުމަށް އެޅިފައި ހުންނަ ހުރަސްތައް ގިނަކަމުން. ދުނިޔޭގެ އެހެން ތަންތަނާ ޚިލާފަށް، އަޅުގަނޑުމެންގެ ރާއްޖޭގައި ޓުއަރިޒަމް މަސައްކަތް އެދެވޭގޮތެއްގައި ހިންގައިގެން ނޫނީ، މުސްތަޤްބަލުގައި އިޤްތިޞާދީ ގޮތުން ރާއްޖެއަށް އެއްގޮތަކަށްވެސް ކުރިއަށް ދެވެން އޮންނާނެއޭ، އަޅުގަނޑުގެ ހިތަށް ނުފެންނާތީ. އަޅުގަނޑު ހިތުން ހަމައެކަނި އަޅުގަނޑުގެ ހިތަކަށްނޫން، ރާއްޖޭގެ ވަރަށް ގިނަ ޢަދަދެއްގެ މީހުންގެ ހިތަށްވެސް މިހާރު މި ޝުޢޫރު އޮންނާނީ ވަދެފައި.

އާދެ، އެހެންވީމާ އަޅުގަނޑު ދަންނަވަން މިއުޅޭ ވާހަކަޔަކީ، ސަރުކާރުގެ ސިޔާސަތަކީ، މި ސަރުކާރު އިންތިޚާބުވުމަށްފަހުގައި މިހާތަނާ ޖެހެންދެންވެސް ޓުއަރިޒަމް ތަރައްޤީ ކުރުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރުމޭ. ސަރުކާރުގެ ކަމާބެހޭ ޑިޕާޓްމަންޓެއް އުފެދިފައިވަނީ ހަމައެކަނި އެސަބަބަށްޓަކައި. އަދި އެ ޑިޕާޓްމަންޓަށް، ކަމަށް ވަރަށް އެކަށީގެންވާ ބޭފުޅުންކޮޅެއް ސަރުކާރުން އިޚްތިޔާރުކޮށް ހަމަޖައްސާފައިވަނީވެސް އެ ސަބަބަށްޓަކައި.

ތިޔަބޭފުޅުން، ހުރިހާ ބޭފުޅުން ދެނެވަޑައިގަންނަވާނެ، ޓޫރިޒަމް ޑިޕާޓްމަންޓުގެ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް އަޙްމަދު ޒާހިރު. އޭނާއަކީ ޓުއަރިޒަމް ތަރައްޤީ ކުރެއްވުމަށް ވަރަށް ވަރުގަދަ ޝައުޤުވެރިކަމެއް ބަހައްޓަވައި، އެކަމުގައި ރެޔާދުވާލު މަސައްކަތްޕުޅު ކުރައްވާ ބޭފުޅެއް. މި މަޝްރޫޢު، މި ދެންނެވީ، މިރޭ މި ހުޅުވޭ މަދަރުސާގެ މަޝްރޫޢު، މި މަޝްރޫޢު ފެށުނީއްސުރެ، އެއަށް ޢަމަލީ ސިފަ އަންނަންދެން އޭނާ އެ ކުރެއްވި މަސައްކަތްތައް އަޅުގަނޑަށް ވަރަށް ރަނގަޅަށް އޮތީ އެނގިފައި. ތިޔައިގެ ތެރެއިން ގިނަ ބޭފުޅުންނަކަށް އެނގިވަޑައިގެންފައެއް ނޯންނާނެ. އެހެންނަމަވެސް، އަޅުގަނޑަށް ދެންނެވެން އޮތީ އޭނާ މަސައްކަތް ކުރައްވަނީ ވަރަށް އިޚްލާޞްތެރިކަމާއެކު، އެއްވެސްކަހަލަ އަމިއްލަ ބޭނުންފުޅެއް އެކަމުގައި ނުހިމެނޭ ގޮތެއްގެ މަތިން. ޤައުމުގެ އިޤްތިޞާދާއި އަދި ރާއްޖޭގެ ޓުއަރިޒަމްގެ ކުރިއެރުމާ، މި ދެ ކަންތައް އޭނާގެ ހިތްޕުޅުގައި ބާއްވަވައިގެންނޭ. އާދެ، ޑިރެކްޓަރ ޖެނެރަލްގެ އިތުރަށް، ޓޫރިޒަމް ޑިޕާޓްމަންޓުގައި މަސައްކަތް ކުރައްވާ ޑިރެކްޓަރ އަލްފާޟިލް މަޙްމޫދު ޝުޖާޢާއި އަދި އެނޫން ބޭފުޅުންވެސް މަސައްކަތްޕުޅު ކުރައްވަނީ، އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން، ރާއްޖޭގައި ޓުއަރިޒަމް ތަރައްޤީކޮށް، ކުރިއަށް ގެންދިޔުމުގައި، އެ ބޭފުޅުންނަށް ވެވަޑައިގެންނެވިވަރަކުން އިޚްލާޞްތެރިކަމާ އެކުގައިކަން މި ފުރުޞަތުގައި އަޅުގަނޑު ފާހަގަކުރަން.

އާދެ، މި ސްކޫލާ ދޭތެރޭގައި އެއްޗެއް ދަންނަވާނަމޭ އަޅުގަނޑު ކުރިން ދެންނެވިން. އާދެ، އެއީ މާދިގު ވާހަކަތަކެއް ނޫން. ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ފަދައިން، މީހުން ބިނާކުރުމަކީ ސަރުކާރުން ވަރަށްބޮޑު އަހަންމިއްޔަތެއްދޭ ކަމެއް. އަޅުގަނޑުމެންގެ ރާއްޖެ އިޖުތިމާޢީ ގޮތުންނާއި، އިޤްތިޞާދީ ގޮތުން ކުރިއަށް ދިޔުމުގައި އެޅިފައި އޮންނަ އެންމެ ބޮޑު ހުރަހަކީ އެކަންކަމަށް ބޭނުންވާ ލިޔާޤަތު ހުރި މީހުން ނެތްކަން. އެހެންވީމާ، އެހެން ދާއިރާތަކުގައިވެސް އެކަމުގެ ތަޖުރިބާ ލިބިފައި ތިބި މީހުން، ކަމުގެ މަޢުލޫމާތު ލިބިފައި ތިބި މީހުން، އެކަމުގެ ހުނަރުތައް ދަސްކޮށްފައި ތިބި މީހުން ބޭނުންވާ ފަދައިން، މި ދާއިރާއަށްވެސް ވަނީ މި ދެންނެވިފަދަ މީހުން ބޭނުންވެފައި.

އެހެންވީމާ، މި މަދަރުސާގެ ސަބަބުން ޓުއަރިޒަމް ދާއިރާގެ ވަރަށް ގިނަ ކަންތައްތައް ކުރާނެ ދިވެހިންވުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އުންމީދެއް. އެކަން އެހެން ވެއްޖެނަމަ، ޝައްކެއްނެތްގޮތުގައި، ކުރިއަށް އޮތް ތާނގައި ރާއްޖޭގެ ޓުއަރިޒަމް، އަޅުގަނޑުމެންގެ އަތްމައްޗަށް އައުމަކީ، ދުރުގައި އޮންނާނެ ކަމެއް ނޫން. އެހެން މި ދެންނެވީ، މިހާތަނާ ޖެހެންދެން އަޅުގަނޑުމެންނަށް ކަންތައް ކުރެވިފައި އޮތްގޮތުން އަދި އަޅުގަނޑުމެންނަށް ކަންތައްތައް ދިމާވެފައިވާ ގޮތުން، ރާއްޖޭގެ ޓުއަރިޒަމްގެ ވަރަށް ބޮޑު ބައެއް އަދިވެސް އޮތީ ބޭރުމީހުންގެ އަތްމަތީގައި ކަމަށްވާތީ. ޓުއަރިސްޓް ރިޒޯޓުތައް ހަދަން އިންވެސްޓް ކުރާ ފަރާތްތައް ގުޅިފައި ތިބެނީ ބޭރުގެ ފަރާތްތަކަކާ. ވަރަށް ގިނަ ޢަދަދަކަށް ބޭރުމީހުން ރާއްޖޭގެ ޓުއަރިޒަމް ދާއިރާގައި އިންވެސްޓް ކޮށްގެން، އަޅުގަނޑުމެންނަށް މިހާތަނަށް ކަންތައް ކުރެވިފައި އޮތީ. އެހިސާބުން އެކަން ހުއްޓުނީކީ ނޫން. ޓުއަރިޒަމާބެހޭ ކަންތައްތައް ހިންގުމުގައިވެސް ބޭރުމީހުން ވަރަށް ގިނަ ޢަދަދަކަށް އަޅުގަނޑުމެން ބޭނުންކުރަންޖެހޭ.

އާދެ، އަޅުގަނޑު ބަލައިލި ބަލައިލުމުން އެނގޭ ގޮތުގައި، ޓުއަރިޒަމް ދާއިރާގައި މަސައްކަތްކުރާ މީހުންގެ ތެރެއިން ސަތޭކައަކުން 18 އެއީ ބިދޭސީން، ބޭރުމީހުން. ޢަދަދަށް ބަލާއިރު ތިޔަބޭފުޅުން ވިދާޅުވެދާނެ، އެއީ މާބޮޑު ޢަދަދެއް ނޫނޭ. އެހެންނަމަވެސް، އެމީހުން އެ އަދާކުރާ މަޤާމުތަކާއި، އެމީހުން އެ އަދާކުރާ މުހިންމު ބަޔަށް ވިސްނަވާއިރު އެއީ މި ދެންނެވި ސަތޭކައަކުން 18 އަށްވުރެ އޭގެ ނަތީޖާ، އޭގެ އަސަރު މާބޮޑުވެގެންދާނެ ޢަދަދެއް. އާދެ، އެންމެ މުހިންމު ބައިތަކުގައި ތިބެނީ އޭގެ މީހުން. ރިޒޯޓުތައް ހިންގުމާ ޙަވާލުވެ ތިބެނީ ބޭރުމީހުން. ހަމަ އެފަދައިން، އެންމެ މަތީ މުސާރަ ލިބޭގޮތަށް ތިބޭނީވެސް ބޭރުމީހުން. އެހެންވީމާ، އެމީހުންގެ ޢަދަދު އެއީ ހަމައެކަނި ޢަދަދުގެ ގޮތުން ބަލާއިރު، މާބޮޑު އެއްޗަކަށްނުވިޔަސް، ރާއްޖޭގެ ޓުއަރިޒަމްގެ ވަރަށް ބޮޑު އެއްޗެއް، ވަރަށް ބޮޑު ބައެއް އޮތީ ބިދޭސީންގެ އަތްމަތީގައޭ ހަމަ ބުނެވިދާނެ. އަދި ރާއްޖެއަށް ޓުއަރިޒަމުން ލިބޭ ފައިދާގެ ވަރަށް ބޮޑު ބައެއް މިހާރު ދަނީ ބޭރަށޭވެސް ބުނެވިދާނެ.

އެހެންވީމާ، މިފަދަ މަދަރުސާއެއް ހުޅުވައިގެން، އެ މަދަރުސާއިން ރާއްޖޭގެ ޓުއަރިޒަމްގެ ދާއިރާގައި މަސައްކަތް ކުރާނެ މީހުންނަށް އެކަށީގެންވާ ތަމްރީނު ލިބިއްޖެނަމަ، އަޅުގަނޑު މި ދެންނެވި ކަންތައް އިޞްލާޙުވެގެން އަންނާނެ. ރާއްޖޭގެ ޓުއަރިޒަމް، ކޮންމެވެސް ދުވަހަކުން އޭގެ ބޮޑުބައި ނުވަތަ އެންމެ ބޮޑުބައި ނުވަތަ އެކަށީގެންވާ އެންމެބޮޑު ބައި އަޅުގަނޑުމެންގެ އަތްމައްޗަށް އަންނާނެ. ހަމަ އެއާއެކުގައި، ރާއްޖޭގެ ޓުއަރިޒަމުން އަޅުގަނޑުމެންނަށް ލިބޭ އިޤްތިޞާދީ ފައިދާތައް ރާއްޖޭގައި ހިފެހެއްޓޭގޮތްވެސް ދިމާވާނެ.

އާދެ، މިރޭ މިހާރުވެސް މި ޖަލްސާގައި ވަރަށް ގިނަ ވަގުތު ހޭދަވެގެން ހިނގައްޖެ. އެހެންވީމާ، އަޅުގަނޑުގެ ވާހަކަ މާދިގުކުރާކަށް ނެތިން. އެހެންނަމަވެސް، ވާހަކަ ނިންމާލުމުގެ ކުރިން، އަދި އެކައްޗެއް ދަންނަވާލަން ބޭނުންވޭ. އާދެ، އެއީ ސަރުކާރުން މިހާރު ޤަސްދުކޮށްފައި އޮތީ ޓުއަރިޒަމް ދާއިރާގެ ކަންތައްތައް ހިންގާނޭ ޓުއަރިސްޓް ރިޒޯޓުތަކާއި، ހޮޓާތައް ހިންގާނޭ ހޮޓެލް ކޯޕަރޭޝަނެއް އުފައްދަން ކަމުގައި ބަޔާންކުރުން.

އާދެ، މި ދެންނެވި ހޮޓެލް ކޯޕަރޭޝަނަކީ، ދުނިޔޭގެ އެހެން ތަންތާނގައިވެސް ހުންނަ ފަދައިން، މެނޭޖްމަންޓްގެ ކަންތައް ކުރިއަށް ގެންދާނެ ތަނެއް. އޭރުން ކުރިން އަޅުގަނޑު ދެންނެވި މައްސަލަ، ކޮންމެވެސްވަރެއްގެ ޙައްލަކަށްވެސް އަންނާނެ. އެއީ ރާއްޖެއަށް ލިބޭ އިޤްތިޞާދީ ފައިދާތައް ބޭރަށްދިޔުން، އެބައިވެސް އަޅުގަނޑުމެންގެ ތެރެއަށް އެނބުރިގެން އަންނާނެ ގޮތެއް އިރާދަކުރެއްވިއްޔާ މެދުވެރިވާނެ. މި ދެންނެވި ކޯޕަރޭޝަނަކީ، ހަމައެކަނި ސަރުކާރުގެ ޙިއްޞާ އޮންނާނެ ކޯޕަރޭޝަނެއް ނޫން. ސަރުކާރާއި ރައްޔިތުންނާ ބައިވެރިވެގެން އުފައްދާ ކޯޕަރޭޝަނަކަށް ވުމަށް ސަރުކާރުން މިހާރު އޮތީ ޤަޞްދުކޮށްފައި. އެހެންވީމާ، އެ ހޮޓެލް ކޯޕަރޭޝަންގެ ފައިދާ ލިބޭނީ ސަރުކާރަށާއި އަދި އެ ކޯޕަރޭޝަންގައި ޙިއްޞާވާ ޢާންމު ރައްޔިތުންނަށާއި، އެ ކޯޕަރޭޝަން ހިންގަން ތިބޭ މީހުންނަށް.

ޚާއްޞަ ޑިރެކްޓަރުންގެ ބޯޑެއް އޮވެގެން، ޑިރެކްޓަރުންގެ ބޯޑުން ކަނޑައަޅާ މައިގަނޑު އުޞޫލުތަކަކާ އެއްގޮތްވާ ގޮތުގެ މަތިން، އެ ކޯޕަރޭޝަން ހިނގަމުންދާނީ، ވިޔަފާރީގެ އުޞޫލުން. ސަރުކާރުން މާބޮޑު ބާރެއް މި ދެންނެވި ހޮޓެލް ކޯޕަރޭޝަންގެ މައްޗަކަށް ނުހިންގާނެ، އާދެ، އެހެން ދެންނެވިޔަސް، ރާއްޖޭގެ ޢާންމު ސިޔާސަތާއި، ރާއްޖޭގެ އަމަންއަމާންކަމާއި، ރައްޔިތުންގެ މަޞްލަޙަތާ، މި ހުރިހާ ކަމެއް ރައްކާތެރި ކުރުމަކީ ސަރުކާރުގެ ވާޖިބަކަށްވާތީ، މި ހޮޓެލް ކޯޕަރޭޝަންވެސް ހިނގަމުންދާނީ، ސަރުކާރުގެ ބެލުމުގެ ދަށުން. އެހެންނަމަވެސް، އެއީ ވިޔަފާރިއާބެހޭ ތަނަކަށްވާތީ، ސަރުކާރުން ބަލާނީ ވެވުނުވަރަކުން ވީހާ މިނިވަންކަމަކާ އެކުގައި އެ ކޯޕަރޭޝަން ހިނގަމުންދޭތޯ. އާދެ، އެހެންވީމާ އަޅުގަނޑު ޔަޤީންކުރާ ގޮތުގައި އަދި އުންމީދުކުރާ ގޮތުގައި، މުސްތަޤްބަލުގައި މިފަދަ ކޯޕަރޭޝަނެއް އުފެދުމުން، އަޅުގަނޑުމެންގެ ރާއްޖެއަށް ޓުއަރިޒަމުން މިހާރު ލިބޭ ފައިދާ އިތުރުވެގެންދާނެ.

އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ، އަދިވެސް އެއްފަހަރު، ޑިޕާޓްމަންޓް އޮފް ޓޫރިޒަމްގެ ޑިރެކްޓަރ ޖެނެރަލަށާއި، އެ ޑިޕާޓްމަންޓުގެ ވެރިންނަށާއި މުވައްޒަފުންނަށް ޝުކުރު ދަންނަވަމުން. ހަމަ އެއާއެކު، މި ހޮޓެލް ސްކޫލް ޕްރޮޖެކްޓް ކުރިއަށް ގެންދިޔުމުގައި ނުވަތަ އެއަށް ޢަމަލީ ސިފަ ގެނައުމުގައި ބައިވެރިވެވަޑައިގެންދެއްވި ހުރިހާ ފަރާތްތަކަކަށް ޝުކުރު ދަންނަވަމުން. އޭގެތެރޭގައި މިމަދަރުސާގެ އިންތިޒާމުތައް ރާވައި، މަދަރުސާ ހިންގާނެ އުޞޫލުތައް ރާވާ އެޑްވައިޒަރީ ބޯޑުގެ މެންބަރުންނާއި އަދި މި މަދަރުސާގެ ނާޡިރު އަޅުގަނޑު ހިމަނަން.

އަޅުގަނގެ ދުޢާއަކީ، اللهُ سُبْحَانَهُ وَتَعَالَى ރާއްޖެ ހުރިހާ ގޮތަކުން ތަރައްޤީވުމުގެ މަގުފަހިކޮށްދެއްވުން. ސަރުކާރާއި ރައްޔިތުންނާއި އަދި ސަރުކާރުގައި ހިމެނޭ ތަފާތު ދާއިރާތަކުން ރާއްޖޭގެ ތަރަށްޤީއަށާއި، ޢާންމު ރައްޔިތުންގެ ފައިދާއަށް ކުރަމުންގެންދާ މަސައްކަތްތަކުގައި އެކަލާނގެ ބަރަކާތްލެއްވުން.

والسّلام عليكم ورحمـة اللّـه وبركاته.