بســم اللّـه الرّحمـن الرّحيــم

اللهُ سُبْحَانَهُ وَتَعَالَى އަށް ޙަމްދާއި ޝުކުރުކުރަން. އެކަލާނގެ ފޮނުއްވި މާތް ނަބިއްޔާއަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން.

އާދެ، މިރޭގެ މި އުފާވެރި ޖަލްސާއަކީ، ރާއްޖޭގައި ހުރި އެންމެ އާ ސްކޫލްގެ ފުރަތަމަ ބުރުގެ ކުދިން، އެކުދިންގެ ކިޔެވުން ނިމުމަށްފަހު، ފާސްވި ކުދިންނަށް އަޅުގަނޑުމެން އެންމެންގެ ފަރާތުން މަރުޙަބާ ކިޔުމުގެ ޖަލްސާ.

އާދެ، ޝައްކެއްނެތް، މިރެޔަކީ އެކުދިންގެ ޙަޔާތުގައި ވަރަށް މުހިންމު ރެޔަކަށްވާނެ. އެކުދިން ވޭތުވެދިޔަ 8 މަސްދުވަހުގެ ތެރޭގައި، ކުރި ހިތްވަރާއި ހިންމަތުގެ ސަބަބުން އެކުދިންނަށް ޙައްޤުވި ތާރީފާއި އިނާމުތައް، މިރޭ އެ ކުދިން އެ ޙާޞިލުކުރީ. އެކަމަށްޓަކައި އެ ހުރިހާ ކުދިންނަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާއާއި މުބާރަކްބާދީ އަދާކުރުމަކީ، އަޅުގަނޑުގެ ވަރަށް ބޮޑު އުފަލެއް ކަމުގައި ދެކެން. ޚާއްޞަކޮށް، ފިރިހެން ކުދިންގެ ތެރެއިން އެންމެ މޮޅު ކުއްޖެއް ކަމުގައި ހޮވުނު ޢަބްދުﷲ ނާޞިފަށާއި، އަންހެން ކުދިންގެ ތެރެއިން އެންމެ ރަނގަޅު ކުއްޖެއް ކަމުގައި ހޮވުނު ޢާއިޝަތު ޝަކީލާއަށް ވަރަށް ޚާއްޞަ ޝުކުރަކާއި ތާރީފެއް ރައްދުކުރަން.

އާދެ، މިރޭ ތަހުނިޔާ އަދާކުރަންޖެހޭ ފަރާތްތަކުގެ ތެރޭގައި ހިމެނެނީ، ހަމައެކަނި މިރޭގެ މި އިނާމުތައް ޙާޞިލުކުރި ކުދިންނެއް ނޫން. އޭގެއިތުރުން، ވަރަށްގިނަ ފަރާތްތައް ހިމެނޭ. އާދެ، އެންމެ ފުރަތަމަ، މި ސްކޫލް ހިންގަވާ ފަރާތްތައް. ސްކޫލްގެ ހީވާގި، ޙަރަކާތްތެރި ޕްރިންސިޕަލް މިސްޓަރ މައިކަލް ޖޭ. އޭނާ އެ ކުރެއްވި ބުރަ މަސައްކަތުގެ ނަތީޖާ މިރޭ އަޅުގަނޑުމެންނަށް ފެނިގެން ހިނގައްޖެ. އަދި ޝައްކެއްނެތްގޮތުގައި، ސްކޫލްގެ ފުރަތަމަ ބުރުން ފާސްވި ކުދިންނަށް، އޭގެ ފޮނި ކާމިޔާބީ ޝައްކެއްނެތްގޮތުގައި ޙާޞިލުވެއްޖެ. އާދެ، ހަމައެއާއެކުގައި، ސްކޫލްގެ މުދައްރިސުންނަށް، ސްޓާފުންނަށް އަޅުގަނޑުމެން މަރުޙަބާ ކިޔައި، އެބޭފުޅުން އެކޮށްދެއްވި ޚިދުމަތަށް ޝުކުރު އަދާކުރަންޖެހޭ. އޭގެތެރޭގައި، ސްކޫލަށް ލަފާ ދެއްވުމަށް ހަމަޖެހިފައިވާ މަޖިލީހުގެ މެންބަރުންވެސް އަޅުގަނޑު ހިމަނަން.

އާދެ، ޝައްކެއްނެތް، މި ސްކޫލް ހިނގަމުން މިދަނީ ސަރުކާރުގެ ޑިޕާޓްމަންޓެއްގެ ބެއްލެވުމުގެ ދަށުން. އެ ޑިޕާޓްމަންޓްގެ ފަރާތުން މި ސްކޫލް ހިންގުމުގައި ވަރަށް މަތިވެރި އެހީތަކެއް ސްކޫލަށް ވަނީ ވެދެއްވާފައި. ވަރަށް ޚާއްޞަ އިރުޝާދުތަކަކާއި ލަފާތަކެއް ވަނީ ދެއްވާފައި. އެހެންވީމާ، އެޑިޕާޓްމަންޓަށް، ޚާއްޞަކޮށް، އެ ޑިޕާޓްމަންޓްގެ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް އަޙްމަދު ޒާހިރަށް އަޅުގަނޑުގެ އެންމެ އިޚްލާޞްތެރި ޝުކުރު ދަންނަވަން.

އާދެ، މިރޭގެ މި ޖަލްސާގައި މި ޙާޞިލުކުރި އިނާމުތައް، އެކިއެކި ގޮތްގޮތުން ހޮވުނު ކުދިން ޙާޞިލުކުރި އިނާމުތައް ހުށަހަޅުއްވާފައިވަނީ، ކަމާބެހޭ ފަރާތްތަކަކުން. އާދެ، އެފަރާތްތަކުން އެހުށަހެޅުއްވި އިނާމުގެ މާނައަކީ، އެފަރާތްތަކުން މި ސްކޫލަށް ދެއްވާ އަހަންމިއްޔަތުގެ ބޮޑުކަން. އަދި މި ސްކޫލުން ކިޔަވާކުދިންގެ ފަރާތުން ރާއްޖޭގެ ޓުއަރިޒަމަށް އަދި ރާއްޖޭގެ އިޤްތިޞާދަށް ލިބޭނެ ޚިދުމަތް، އެފަރާތްތަކުން އަގުވަޒަންކުރައްވާކަން. އާދެ، އެކަމަށްޓަކައި އެ އިނާމުތައް ހުށަހެޅުއްވި ހުރިހާ ފަރާތްތަކަކަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން.

އެފަރާތްތަކުގެ ނަންނަން، ވަކިވަކިން ނުދެންނެވި ކަމުގައިވިޔަސް، އަޅުގަނޑު ހިތުން އެއްފަރާތެއް ފާހަގަކޮށްލަންޖެހޭ. އެއީ އިންޑިޔަން ހައިކޮމިޝަން. އަޅުގަނޑުމެންނާ ވަރަށް އެކުވެރި ގާތް ޤައުމެއް އިންޑިޔާއަކީ. ވަރަށްގިނަ ގޮތްގޮތުން އަޅުގަނޑުމެންގެ ރާއްޖެއަށް އެހީވެދޭ ޤައުމެއް އެއީ. އެ ޤައުމުގެ ފަރާތުން އަދި އެ ޤައުމު ރާއްޖޭގައި ތަމްސީލު ކުރައްވާ ފަރާތުގެ ނަމުގައި، މި ސްކޫލްގެ އެކިއެކި ރޮނގުރޮނގުން ކާމިޔާބީތައް ހޯދި ކުދިންނަށް އިނާމު ހުށަހެޅުއްވިކަން، އަޅުގަނޑު ވަރަށް ޚާއްޞަގޮތެއްގައި މިރޭ ފާހަގަކޮށް، އެފަރާތަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ، މިރޭ މި ބުރުގައި ފާސްވި ކުދިންނަށް ވަރަށްގިނަ އިނާމުތަކެއް ލިބިއްޖެ. ތަފާތު ވައްތަރު ވައްތަރުގެ އަގުހުރި އިނާމު. ޝައްކެއްނެތް، އެކުދިން އެ އިނާމުތައް ޙާޞިލުކުރި ކަމަށްޓަކައި ވަރަށް ބޮޑަށް އުފާކުރާނެ. އެހެންނަމަވެސް، އަޅުގަނޑު ދަންނަވަން ބޭނުންވާ އެއްޗަކީ، މިރޭ އެކުދިންނަށް އެ ލިބުނު އިނާމު އެއީ އެކުދިން ފަހަރެއްގައިވެސް މި ސްކޫލްގައި ބައިވެރިވުމުގެ ސަބަބުން ލިބުނު އެންމެ އަގުހުރި އިނާމު ކަމުގައި ނުދެކޭށޭ. ޝައްކެއްނެތްގޮތުގައި، އެކުދިންނަށް މި ސްކޫލްގައި ބައިވެރިވުމުގެ ސަބަބުން އަދި މި ސްކޫލުން އެކުދިންނަށް ކިޔެވުމުގެ ފުރުޞަތު ލިބުނު ކަމުގެ ސަބަބުން ލިބޭނެ އެންމެ ފައިދާ ބޮޑު އަދި އެންމެ ދެމިހުންނަނިވި އިނާމަކީ، އެކުދިން މި ސްކޫލުން އެ ދަސްކުރި ހުނަރުތައް، ފައިދާހުރި ރަނގަޅު ގޮތެއްގައި އެ ހުނަރުތަކުގެ ބޭނުންކޮށްގެން، އެ ކުދިން އެޚިދުމަތް ކުރަންދާ ދާއިރާއަށް އެކަށީގެންވާ ރަނގަޅު ޚިދުމަތެއް ކޮށްދިނުމުގެ ސަބަބުން އެ ކުދިންގެ ހިތަށްލިބޭނެ ހަމަޖެހުމާއި އުފާވެރިކަން. އެހެންވީމާ، އަޅުގަނޑު އެ ހުރިހާ ކުދިންނަށް ނަޞޭޙަތްތެރިވަނީ، ތިޔަކުދިންގެ އިނާމަކީ އެއީ ކަމުގައި ބަލައިގެން މުސްތަޤްބަލުގައި، ހީވާގިކަމާއި އިޚްލާޞްތެރިކަމާއެކު މަސައްކަތްކުރާށޭ. އަދި ތިޔަކުދިންނަށް މި ސްކޫލުން އެ ދިން ޤާބިލިއްޔަތުތައް، އެ ދިން ކުޅަދާނަކަން، އެދަސްކޮށްދިން ހުނަރުތައް، އެންމެ އެދެވޭގޮތުގައި ތިޔަކުދިންނަށާއި އަދި ރާއްޖޭގެ ޓުއަރިޒަމަށާއި، ރާއްޖޭގެ އިޤްތިޞާދަށް ފައިދާކުރާނެ ގޮތުގެމަތިން، އޭގެ ބޭނުންކުރަމުން ގެންދާށޭ.

އާދެ، މިފަދަ ރެއެއްގައި، މިކަހަލަ މަދަރުސާއެއް ނުވަތަ ސްކޫލެއް ހުރުމުގެ ބޭނުންތެރިކަމާމެދު ވާހަކަދެއްކިދާނެ. އެހެންނަމަވެސް، އަޅުގަނޑު ހަނދާންވާގޮތުގައި، މި ސްކޫލް ހުޅުވުނު ރޭ، އާދެ، މިއަހަރުގެ އޭޕްރިލް މަހުގެ 22 ވަނަ ދުވަހުގެރޭ އެ ވާހަކަ ވަނީ އަޅުގަނޑަށް ކޮންމެވެސްވަރަކަށް ދެކެވިފައި. އަޅުގަނޑުގެ އިތުރަށް، އެރޭ ވާހަކަފުޅު ދެއްކެވި ވަރަށް ގިނަ ބޭފުޅުންވެސް އެކަންކަން ހާމަކުރެއްވި. އެހެންވީމާ، އެއާ ދޭތެރޭގައި މާދިގު ވާހަކައެއް އަޅުގަނޑު މިރޭ ދައްކާކަށް ޤަޞްދެއްނުކުރަން. އެހެންނަމަވެސް، ސްކޫލްގެ ބޭނުންތެރިކަން މިހާރު އަޅުގަނޑުމެންނަށް އިޙްސާސް ކުރެވޭލެއް ބޮޑުކަން އަޅުގަނޑު ހިތުން އަޅުގަނޑުމެންނަށް ޤަބޫލުކުރެވޭ. އެއީ ސްކޫލަށް ވަންނަ ކުދިން އެތަނަށް ބަހައްޓާ ޝައުޤުވެރިކަމާއި އަދި ޓުއަރިޒަމް ދާއިރާގެ ފަރާތުންވެސް މި ސްކޫލްގައި ކިޔަވާ ކުދިންނަށް ދެއްވާ ތަރުޙީބުގެ ސަބަބުން. އެ ތަރުޙީބު އަޅުގަނޑުމެންނަށް މިރޭގެ ބައެއް އިނާމުތަކުން ފާޅުވެގެން އެދިޔައީ. ހަމަ އެއާއެކުގައި މިފަދަ ކުދިންކޮޅެއް ތައްޔާރުވުމުން، ޓުއަރިޒަމް ދާއިރާއަށް ލިބޭނެ ފައިދާ.

އާދެ، މިފަދަ ސްކޫލެއް ހުރުމުގެ ބޭނުންތެރިކަން ސަރުކާރަށް އިޙްސާސް ކުރެވޭތާ ދުވަސްކޮޅެއްވެއްޖެ. އެހެންނަމަވެސް، ކަންތައްތައް ހުރިގޮތުން، މީގެކުރިން މިފަދަ ސްކޫލެއް ނުއުފެއްދުނީ. މި އަހަރު އެކަނި މިހިސާބަށް އަޅުގަނޑުމެންނަށް މި ދެވުނީ. އެހެންނަމަވެސް، ސަރުކާރުން ޚިޔާލުކޮށްފައި އޮތީ މިއަށްވުރެ ރަނގަޅު ފެންވަރެއްގައި، މިއަށްވުރެ ތަނަވަސް އަދި ގިނަ ކުދިންނަށް، އެތަނުން ޓުއަރިޒަމް ދާއިރާއާބެހޭ ހުނަރުތައް ލިބިގަނެވޭފަދަ ސްކޫލެއް ތައްޔާރުކުރުން. އާދެ، އެކަމަށް މިހާރު ވަނީ ސަރުކާރުން މަޝްރޫޢެއް ރާވާފައި. އިރާދަކުރެއްވިއްޔާ، އެ ސްކޫލް އުފެދޭނީ މާލެއަތޮޅު ވިލިނގިލީގައި. އާދެ، އެ މަޝްރޫޢަށްވެސް އަޅުގަނޑުމެންގެ އެކުވެރި އިންޑިއާގެ ފަރާތުން އެހީ ލިބޭގޮތަށް ވަނީ ހަމަޖެހިފައި. އެހެންވީމާ، އަޅުގަނޑަށް ދަންނަވަންޖެހެނީ، ރާއްޖޭގެ ޓުއަރިޒަމް ކުރިއަށް ގެންދިޔުމުގައި ޚާއްޞަކޮށް، މި ރޮނގުން ޓުއަރިޒަމްގެ ދާއިރާގެ ޚިދުމަތްތައް ރަނގަޅު ކުރުމުގައި، އިންޑިޔާގެ އިޚްލާޞްތެރި، ރަޙްމަތްތެރި ސަރުކާރުގެ ފަރާތުން އަޅުގަނޑުމެންނަށް ލިބެމުންދަނީ ވަރަށްވެސް ތެދުވެރި އެހީތަކެކޭ.

އާދެ، ދެންމެ ޓުއަރިޒަމް ޑިޕާޓްމަންޓްގެ ޑިރެކްޓަރ ޖެނެރަލްގެ ވާހަކަފުޅުގައި، ރާއްޖޭގެ މިއަދުގެ ޓުއަރިޒަމް އޮތްގޮތުގެ މައްޗަށް ހިސާބަކަށް ބައްލަވައިލެއްވި. އަދި ޓުއަރިޒަމްގެ ދާއިރާގައި ހުރި ކަންތައްތަކާއި، ދިމާވާ ބައެއް ދަތިތަކާއި، ޓުއަރިޒަމް ދާއިރާގެ ބޭފުޅުން ޙަރަކާތްތެރިވެވަޑައިގަންނަވަން އެޑިޕާޓްމަންޓުން އެދިވަޑައިގަންނަވާ ގޮތާ، މި ހުރިހާ ކަމަކާ ދޭތެރޭގައި ބައްލަވައިލެއްވި.

އަޅުގަނޑު މިރޭ ދަންނަވަން ބޭނުންވާ ވާހަކައަކީ، މިހާރު އަޅުގަނޑުމެންނަށް ރަނގަޅަށް އެނގި ޔަޤީންވިގޮތުގައި، ޓުއަރިޒަމަކީ އެކަމުގެ ޚާއްޞަ އުޞޫލުތަކެއްގެ މައްޗަށް ބިނާވެފައިވާ ވަރުގަދަ ޞިނާޢަތެކޭ. އާދެ، އެއީ ފަހަރެއްގައިވެސް ހަމައެކަނި އަޅުގަނޑުމެންގެ ތެރެއިން ތަނަވަސްކަން ހުރި ބައެއް މީހުން ޓުއަރިސްޓުން ބައިތިއްބަން ރިޒޯޓުތަކެއް ހަދާލައިގެން، އެމީހުންނަށް އާމްދަނީ ލިބޭގޮތަކަށް ކުރަން އޮތް މަސައްކަތެއް ނޫންކަން މިހާރު އަޅުގަނޑުމެންނަށް ޤައުމީ ފެންވަރުގައި ޔަޤީންވެއްޖެ. އެކަން ޤަބޫލު ކުރެވިއްޖެ. މިއީ ވަރަށް ޚާއްޞަ އުޞޫލުތަކެއްގެ މައްޗަށް ބިނާވެފައި އޮންނަ ނުވަތަ ބިނާވެފައި އޮންނަންޖެހޭނެ ވަރުގަދަ ޤައުމީ ޞިނާޢަތެއް.

މި ދެންނެވި އުޞޫލުތަކުގެ ތެރޭގައި، ތަފާތު ދާއިރާތަކާ ގުޅޭ އުޞޫލުތައް ހިމެނޭ. އޭގެތެރޭގައި، ސިޔާސީ އުޞޫލުތައް ހިމެނޭނެ. އާދެ، ސަރުކާރުން ޓުއަރިޒަމަށްދޭ އަހަންމިއްޔަތަކީ ކިހާވަރެއްގެ އަހަންމިއްޔަތެއްކަން. ޓުއަރިޒަމަށް އެ ދޭ އަހަންމިއްޔަތުގެ ސަބަބުން ސަރުކާރުގެ ސިޔާސަތަށް އެއްވެސް ބަދަލެއް އަންނާނެތޯ، ނުވަތަ ސަރުކާރުގެ ސިޔާސީ ކަންތައްތަކާ ބެހޭގޮތުން އެ ދާއިރާއާއި އެސިޔާސީ ކަންތައްތަކާ ހުރި ގުޅުމަކީ ކޮބައިތޯ، އެއީ ޓުއަރިޒަމް ދާއިރާގައި ހިމެނޭ ސިޔާސީ ކަންތައްތަކަކީ. ހަމައެފަދައިން، މި ދާއިރާގައި ހިމެނޭ ވަރަށް މުހިންމު އިޤްތިޞާދީ އުޞޫލުތަކެއް އޮންނަން ޖެހޭނެ. މުޅި ޤައުމުގެ ފައިދާއަށް ބަލައިލެވިފައި އޮންނަންޖެހޭ އުޞޫލުތަކަކަށް އެ އުޞޫލުތައް ވާންޖެހޭނެ. ޝައްކެއްނެތްގޮތުގައި، އިޤްތިޞާދީ ކޮންމެ ތަރައްޤީއަކާ ގުޅިފައިވަނީ އިޖުތިމާޢީ ތަރައްޤީއެއް. އެހެންވީމާ، އަޅުގަނޑުމެންގެ އިޖުތިމާޢީ ކަންތައްތަކަށް ޓުއަރިޒަމްގެ ފަރާތުން ކުރާނެ އަސަރު، އެއީވެސް އަޅުގަނޑުމެން މި ދާއިރާގެ ކަންތައްތައް ތަރައްޤީ ކުރާއިރު ބަލަންޖެހޭނެ އުޞޫލުތަކެއް. އެހެންވީމާ، އަޅުގަނޑު ދަންނަވަން މިއުޅޭ އެއްޗަކީ، ޓުއަރިޒަމަކީ ވަރަށް ޚާއްޞަ ފަންނެކޭ، ވަރަށް ވަރުގަދަ ޤައުމީ ޞިނާޢަތެކޭ. އެހެންވީމާ، އަޅުގަނޑުމެން ޓުއަރިޒަމްގެ ކަންތައްތަކާ ދޭތެރޭގައި ވިސްނާއިރު ވިސްނަންޖެހޭނީ އެ ނަޒަރުންނޭ.

އާދެ ޓުއަރިޒަމް ދާއިރާގެ ކަންތައްތައް ކުރިއަށް ގެންދިޔުމުގައި ނުވަތަ ޤައުމެއްގައި ޓުއަރިޒަމް ފަށައިގެން، އެ ޓުއަރިޒަމް ކުރިއަށް ގެންދިޔުމުގައި، ޓުއަރިސްޓުން އައިސް ތިބޭނެ ތަންތަން ހެދުން، ރިޒޯޓުތައް ހެދުން، ހޮޓާތައް ހެދުން، ނުވަތަ ގެސްޓްހައުސްތައް ހެދުން މިއީ އަޅުގަނޑުގެ ހިތުން އެދާއިރާގައި ހިމެނޭ ކަންތައްތަކުގެ ތެރެއިން އެންމެ ފަސޭހަ ބައި. އެހެން މި ދެންނެވީ، ފައިސާ ހުރި ކަމުގައިވަންޏާ އެކަން ކުރެވިދާނެ. އެހެންވީމާ، އެފަދަ ތަންތަން ހެދުމަށްވުރެ، މާއުނދަގޫ އަދި މާ މުހިންމު، ކަންތައްތަކެއް އެއްގޮތަކުން ބަލާއިރު އެބަހުރި. އެ ކަންތައްތަކަކީ އެތަނުން ދެވޭ ޚިދުމަތްތައް އެކަށީގެންވާ ރަނގަޅު ފެންވަރެއްގައި ބެހެއްޓުން. އަޅުގަނޑުމެންގެ މެހްމާނުންގެ ގޮތުގައި، އެމީހުންގެ ޗުއްޓީ ދުވަސްވަރު ހޭދަކުރަން ރާއްޖެއަށް އަންނަ މީހުންނަށް ރަނގަޅު ޚިދުމަތްތަކެއް ދެވޭނެ އިންތިޒާމުތަކެއް އަޅުގަނޑުމެން ހަމަޖައްސާފައި އޮތުން. އެފަދަ ޚިދުމަތްތަކެއް، މި ދެންނެވި ރަނގަޅު ފެންވަރުގައި ނުދެވޭ ކަމަށްވަންޏާ، އަޅުގަނޑުމެން އަދި ކިތަންމެ ރިޒޯޓުތަކެއް ހެދިކަމުގައިވިޔަސް، ކިތަންމެ ގިނަ ޢަދަދަކަށް ހޮޓާތަކެއް އެޅިކަމުގައިވިޔަސް، ޓުއަރިސްޓުންނަށް އަޅުގަނޑުމެން ޚާއްޞަކުރާ އެނދުގެ ޢަދަދު މިހާރު ހުރިވަރުގެ ދެގުނައަށް އިތުރުކުރިކަމުގައިވިޔަސް، އެކަމުގެ ސަބަބުން ޓުއަރިޒަމް ދާއިރާއަށް ނުވަތަ ރާއްޖޭގެ އިޤްތިޞާދަށް ކުރާނެ މާބޮޑު ފައިދާއެއް ނޯންނާނެ.

މި ސްކޫލްގެ ބޭނުމަކީ އަޅުގަނޑުމެން ޓުއަރިސްޓުންނަށް، ނުވަތަ އެމީހުންގެ ޗުއްޓީ ދުވަސްވަރު އަޅުގަނޑުމެންގެ ރާއްޖޭގައި ހޭދަކުރުމަށް އަންނަ އަޅުގަނޑުމެންގެ މެހްމާނުންނަށް އަޅުގަނޑުމެންދޭ ޚިދްމަތްތައް ރަނގަޅުކުރުން. ޝައްކެއްނެތް، ފެށުނީއްސުރެ ކޮންމެވެސްވަރެއްގެ ޚިދުމަތްތަކެއް އަޅުގަނޑުމެންނަށް މި އަންނަނީ އެމީހުންނަށް ދެވެމުން. އެހެންނަމަވެސް، އެޚިދުމަތްތައް އެ ދެވޭ ފެންވަރު އެއީ ވަރަށް ރަނގަޅު، އެކަށީގެންވާ ފެންވަރަކަށް ވާންޖޭހޭނެ. އެހެންނޫންނަމަ، އަޅުގަނޑުމެންގެ މެހްމާނުންގެ ގޮތުގައި ރާއްޖޭގައި ދުވަސްތަކެއް ހޭދަކުރާ ބައެއްގެ ހިތުގައި ރާއްޖެއާ ދޭތެރޭގައި އުފެދެނީ ރަނގަޅު ޝުޢޫރުތަކެއް ނޫން. މި ސްކޫލުން ކިޔަވާކުދިން އެ ދަސްކުރަނީ މި ދެންނެވި ބާވަތްތަކުގެ ޚިދުމަތްތައް ރަނގަޅުކުރާނެގޮތް. އެ ޚިދުމަތްތަކަކީ ހަމައެކަނި ވަކި ދާއިރާއަކަށް ޚާއްޞަވެފައިވާ ކަމެއް ނޫން.

އާދެ، މިސާލަކަށް އެއީ ހަމައެކަނި މީރު އެއްޗެތި ތައްޔާރުކުރުމުގެ ފަންނެއް ނޫން. ހަމައެކަނި ކޮޓަރިތެރެ ސާފުކޮށް، އެނދުތަންމަތި އެޅުމާ، މިބާވަތުގެ ކަންތައްތަކެއްވެސް ނޫން. އަދި ހަމައެކަނި އަޅުގަނޑުމެންގެ މެހްމާނުންގެ ގޮތުގައި މި އަންނަ މީހުންނަށް މަރްޙަބާ ކިޔައި، އެމީހުންނަށް އިސްތިޤްބާލް ކުރާގޮތް އެކަންޏެއްވެސް ނޫން. މި ހުރިހާ ކަމެއްގެ އިތުރަށް، އެއީ އަޅުގަނޑުމެންގެ މެހްމާނުންކަން ރަނގަޅަށް ދަނެގެން، އެމީހުންނަށް ކަމޭހިތުމާއި، އެމީހުންނަށް އެހީތެރިކަން ބެހެއްޓުމާއި، އެމީހުންނަށް އިޙްތިރާމް ކުރުން އެއީ އަޅުގަނޑު ހިތުން އަޅުގަނޑުމެން މި ދޭ ޚިދުމަތުގެ ވަރަށް ބޮޑު ބަޔަކަށްވާންޖެހޭނެ. އެހެން ޢިބާރާތަކުން ދަންނަވަންޏާ. އަޅުގަނޑުމެންނާ އެމީހުންނާ ދޭތެރޭގައި މި އޮންނަ އިންސާނީ ގުޅުން ނުވަތަ އިންސާނީ ޚިދުމަތް، އެމީހުންނަށް އަޅުގަނޑުމެންދޭ ހިޔުމަން ޓަޗް، މިއީ އަޅުގަނޑުގެ ހިތުން ޓުއަރިޒަމް ދާއިރާގައިވެސް އަޅުގަނޑުމެން އެންމެ ބޮޑަށް އަހަންމިއްޔަތު ދޭންޖޭހޭނެ ކަމަކީ.

ރާއްޖެ އަންނަ ބައެއް ޓުއަރިސްޓުންގެ ފަރާތުން އަޅުގަނޑަށް ސިޓީ ލިބެމުންދޭ. އެމީހުން ރާއްޖެ އައިސް، ރާއްޖޭގައި ދުވަސްކޮޅެއް ހޭދަކޮށްފައި އެނބުރި ޤައުމަށް ދިޔުމުގެ ފަހުން، ބައެއް މީހުން ސިޓީ ލިޔޭ، ސީދާ އަޅުގަނޑަށް. ލިޔެފައި، ބައެއް މީހުން ދިމާވި ކަންތައްތަކުގެ ވާހަކަ ބުނޭ. އުފަލާއެކު ދަންނަވަންޖެހެނީ، ގިނަ މީހުންގެ ސިޓީގައި ހުންނަނީ، ރާއްޖެއާ ބެހޭގޮތުން ވަރަށް އެދެވޭ ރަނގަޅު ޝުޢޫރޭ ފާޅުކޮށްފައި. ރާއްޖެއަކީ ޤުދުރަތީ ގޮތުން ވަރަށް ރީތި ތަނެއްކަމާއި، ރާއްޖޭގައި އެމީހުން ހޭދަކުރި ދުވަސްކޮޅު އެއީ ދުވަހަކުވެސް އެމީހުން ހަނދާންނުނެތޭނެ އުފާވެރި ދުވަސްކޮޅެއްކަމާއި، ރާއްޖޭގެ މީހުންގެ ހެޔޮކަމާއި، ރަނގަޅުކަމުގެ ވާހަކަ، ގިނަ މީހުން ބަޔާންކޮށްފައި ހުންނަނީ.

އޭގެ އަނެއްކޮޅުވެސް އެބައޮތް. ބައެއް މީހުން ލިޔާ ސިޓީގައި، ވަރަށް ޞަރީޙަކޮށް އެމީހުންނަށް ދިމާވާ ކަންތައްތަކުގެ ވާހަކަ ލިޔެފައި ހުރޭ. އެފަދަ ސިޓީ ލިބުމުން، އަޅުގަނޑު ވަގުތުން އެކަން ޑިޕާޓްމަންޓް އޮފް ޓޫރިޒަމަށް ދަންނަވަން. ދެންމެ އެ ޑިޕާޓްމަންޓްގެ ޑިރެކްޓަރ ޖެނެރަލްގެ ވާހަކަފުޅުގައި އިޝާރާތް ކުރެއްވި، ބައެއް ތަންތާނގެ އަގުބޮޑު ވާހަކަ. އަނެއްކާ އެކަމާ ބެހޭގޮތުން ރައީސް އޮފީހުން އެ ޑިޕާޓްމަންޓަށް ސިޓީއެއްދިޔަ ވާހަކައާއި، އެއީ ބައްޕަޔަކާއި މަންމަޔަކާއި އަދި ކުޑަކުދިންކޮޅެއް އައީ. އެމީހުން ސިންގަޕޫރުގައި ތިބެފައި ޔޫރަޕަށްދިޔަ މަގުމަތީގައި، ކޮންމެވެސް ބަޔަކު އެމީހުންނާ ބައްދަލުކޮށް ބުނީ، ރާއްޖެ މިއީ ޤުދްރަތީގޮތުން ވަރަށް ރީތި ތަނެކޭ. ރާއްޖޭގެ މޫދުވެސް ވަރަށް ރީއްޗޭ. މޫސުންވެސް އެހާ ރަނގަޅޭ. އެހެންވީމާ، ކަލޭމެން މި ފިނި މޫސުމުގެ ފިންޏަށް ޔޫރަޕަށް ދިޔުމުގެ ކުރީގައި، ރާއްޖޭގެ އެ ރީތި މޫދާއި، ގޮނޑުދޮށްތަކާއި އަދި ރާއްޖޭގެ މޫސުމުގެ އަރާމު، ކަލޭމެން ލިބިގަތުން ތިމަންނާއަށް ފެނެއޭ. އެހެން ބުނީމާ، އެމީހުން އައީ ހަފްތާއެއްހާދުވަސް ރާއްޖޭގައި ހޭދަކޮށްލާފައި، ދެން އެމީހުންގެ ދަތުރު، ކުރިންވެސް ރާވާފައި އޮތް ގޮތުގެމަތިން ޔޫރަޕަށް ދިޔުމަށްޓަކައި. އާދެވުނީ ރޭގަނޑެއްގައި. އެނގިވަޑައިގަންނަވާނެ، ސިންގަޕޫރު ފުލައިޓް ޖައްސާ ގަޑި. ކަންދިމާކުރިގޮތުން، ވިއްސާރަ ރެޔަކާ ދިމާވީ. އެމީހުން ބުނަނީ، ތިމަންނާމެން އައިސް އެއަރޕޯޓްގައި ވަރަށް ގިނައިރު ތިބެންޖެހުނޭ. އެތައް ގަޑިއިރަކު ތިބުމަށްފަހުގައޭ، ތިމަންނާމެން ދާން ބޭނުންވި ރިޒޯޓަށް ދިޔުމަށްޓަކައި ދޯންޏެއް ލިބުނީ ނުވަތަ ދޯންޏަށް އެރުނީ. އެ ދޯންޏަށް އެމީހުން އަރައިގެން، ދަތުރު ފެށިތާ ދޮޅުގަޑިއިރުވީއިރުވެސް، އެމީހުން އެދާ ތަނަކަށް ނުދެވުނޭ. ފަތިސްވާން ކައިރިވެއްޖެއޭ، ވަރަށް ވިއްސާރައޭ، ރާޅު އެހާ ބޮޑޭ. ތިމަންނާގެ އަންހެނުން ވަރަށް ބޮޑަށް ބިރުގެންފިއޭ. ކުދިންކޮޅު ރޯން ފަށައިފިއޭ. ދެން ހަދާނެގޮތެއް ނެތިގެން، ތިމަންނާ އެ ދޯނި ދުއްވަން ހުރި މީހާކުރެން އެހީއްޔޭ، އަދި ކިހާއިރަކުންހޭ ތިމަންނާމެން މިދާ ރިޒޯޓަށް ދެވޭނީ. ކަންދިމާކުރިގޮތުން އެމީހަކަށް އިނގިރޭސި ބަހެއްވެސް ނޭނގެއޭ. އެހެންވީމާ، ތިމަންނާމެން ދައްކާ ވާހަކައެއް އޭނާޔަކަށް ނޭނގެއޭ. އޭނާ ބުނާ އެއްޗެއް ތިމަންނާމެންނަކަށް ނޭނގެއޭ.

ކޮންމެއަކަސް، ދަތުރު ދިގުވެގެން އަދި ދަތުރުގައި ދިމާވި ދަތިތައް އެމީހުންނަށް އުފުއްލޭވަރުނުވެގެން، ތިމަންނާމެން ބުނިއްޔޭ، ދެން އަނބުރާލާފައި މާލެދާށޭ. ކޮންމެގޮތެއްވިޔަސް އެންމެ ރަނގަޅޭ. ދެން އިޝާރާތުން ނަމަވެސް އެންގީމާ، އަނބުރާލާފައި މާލެ އަތުވެއްޖެއޭ. މާލެ އައިސް އެމީހުން ބުނި ހޮޓަލަކަށޭ ތިމަންނާ ދިޔައީ. މި ހޮޓަލުގެ ނަން ކޮންމެހެން އަޅުގަނޑު ދަންނަވާކަށްނެތިން. ކޮންމެއަކަސް އެމީހާ ބުނީ، އެ ހޮޓަލަށް އައިއިރު، އެ ހޮޓަލުގެ ކަންތައްވެސް ވަރަށްގޯހޭ. ކޮޓަރިވެސް ވަރަށް ނުސާފޭ. ކާއެއްޗެތި އެހާ ގޯހޭ. އެއްވެސްކަހަލަ އަރާމެއް ތިމަންނާމެންނަށް ޙާޞިލުކުރެވޭ ގޮތަކަށް ނޫނޭ ހުރީކީ.

އެހެންވީމާ، އެރޭ ދެން އޮތް ބައި ހޭދަކޮށްލާފައި، ދެގަޑިއެއްހާއިރު ނިދާލާފައި، ހެނދުނުވީމާ ތިމަންނާމެން ބުނެފީމޭ، އެހެންތާކަށް ގެންގޮސްދޭށޭ. ބުނީމާ އެމީހުން ބުންޏޭ، މިވެނި ރިޒޯޓެއް ވަރަށް ރަނގަޅުވާނެއޭ. ބުނީމާ ދެން ތިމަންނާމެން ފުރީ، އެ ރިޒޯޓަށް ދާށޭ. އެހެންނަމަވެސް، އެ ރިޒޯޓަށް ދިޔައިރު، ވަކި އެ ރިޒޯޓުގައި ކަންތައްތައް ހުރިގޮތެއް، ކުރިން ތިމަންނާމެން މާލޭގައި ތިބި ހޮޓަލަކަށްވުރެ ރަނގަޅެއް ނޫނޭ. ކެއުންވެސް އެހާ ގޯހޭ. އަގު އެހާ ބޮޑޭ. ދޯންޏަށް ނެގި ކުލިވެސް އެހާ ބޮޑޭ. ފެންވެސް އެހާ ގޯހޭ. އެހެންވީމާ، ތިމަންނާމެންނަށް އެއްގޮތަކަށްވެސް ކެތެއްނުކުރެވުނޭ، މި ރީތި ދިވެހިރާއްޖޭގައި ދެތިން ދުވަހު ތިބެންވެސް. ތިމަންނާމެން އެދުނީ، ވީ އެންމެ އަވަހަކަށް އެނބުރިދާށޭ. އެގޮތަށް ތިމަންނާމެންގެ ޢާއިލާ، ހަމަ އެންމެ ދެ ދުވަހު ރާއްޖޭގައި ތިބެފައި، ފުރައިގެން ދިޔައްޔޭ. ތިމަންނާމެންނާ އެކުގައި، ހަމަ އެގޮތަށް އެހެން ޢާއިލާއެއްގެ މީހުންވެސް ފުރައިގެންދިޔައޭ.

މި ސިޓީ ލިބުނީމާ އަޅުގަނޑު ވަރަށްދެރަވި. ވަރަށް ހިތާމަކުރިން. އެއީ މިކަހަލަ ގޮތަކަށް އަދިވެސް ބައެއް ކަންތައްތައް އަޅުގަނޑުމެންގެ ޓުއަރިޒަމް ދާއިރާގައި ހުރީތީ. ކުރިންވެސް ދެންނެވިފަދައިން، މިގޮތަށް ލިޔާ މީހުންނަށްވުރެ، ރާއްޖެއާ ބެހޭގޮތުން ރަނގަޅު ވާހަކަ ލިޔެފައި ސިޓީ ފޮނުވާ މީހުން ގިނަ. އެހެންނަމަވެސް، ކިތަންމެ މަދު ބަޔަކަށް ނަމަވެސް، މިދެންނެވި ކަހަލަ ދަތިތައް ކުރިމަތިވާކަމަށްވަންޏާ އެއީ އަޅުގަނޑުމެންގެ ޓުއަރިޒަމަށް ލިބޭ ވަރަށް ބޮޑު ހުތުރު ނަމެއް. ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ފަދައިން، ޓުއަރިޒަމް އިޝްތިހާރު ކުރުމަށް އެންމެމޮޅު ގޮތަކީ، ދުނިޔޭގެ އެކިފެންވަރުގެ ނޫސްތަކުގައި، މަޖައްލާތަކުގައި، ރާއްޖެއާބެހޭ ރީތި ފޮޓޯތަކެއް ޖެހުމެއްނޫން. ރާއްޖޭގެ ރީތިކަމުގެ ވާހަކަ، ފޮނި ޢިބާރާތްތަކުން އެ ނޫސްތަކާއި، މަޖައްލާތަކުގައި ލިޔެ އިޝްތިހާރު ކުރުމެއްނޫން. އެއަށްވުރެބޮޑު އިޝްތިހާރަކީ، ރާއްޖެއަށް އަންނަ ޓުއަރިސްޓުންނަށް އަޅުގަނޑުމެން ކުރާ މުޢާމަލާތު. އެމީހުންނަށް އަޅުގަނޑުމެން ބަހައްޓާގޮތް. އެމީހުންނަށް އަޅުގަނޑުމެން ކަމޭހިތާވަރު. އެމީހުންނަށް ހިތްހެޔޮކަން އަޅުގަނޑުމެން ބަހައްޓާވަރު. ހަމައެކަނި އަޅުގަނޑުމެން މިއުޅެނީ އެމީހުންގެ ޖީބުގައި ހުރި ފައިސާކޮޅު ދަމައިގަންނާށޭ، އެމީހުން ހިތަށްނާރާނެކަހަލަގޮތަށް، އިންސާނީ ގުޅުން އަޅުގަނޑުމެންނާ އެމީހުންނާ ދޭތެރޭގައި ބެހެއްޓުން.

އެހެންވީމާ، އަޅުގަނޑު މި ދެންނެވީ، ޓުއަރިޒަމް ދާއިރާގައި އެންމެ ފަސޭހަ ކަމަކީ ތަންތަން ބިނާކޮށްހެދުމޭ. ފައިސާ ހުރިއްޔާ އެކަން ވެދާނެއޭ. އެކަމަކު ޓުއަރިޒަމް ދެމެހެއްޓުމާއި، ޓުއަރިޒަމް ތަރައްޤީ ކުރުމާއި، އެކަމުގެ ސަބަބުން ރާއްޖެއަށް އެދެވޭ ނަތީޖާތައް ހޯދުމާ، މިކަންކަން އަޅުގަނޑުމެންނަށް ޙާޞިލުކުރެވޭނީ، އަޅުގަނޑުމެންގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށްގެންނޭ. ޝައްކެއްނެތް، މި ސްކޫލުން އެ ކުރައްވާ މަސައްކަތަކީ އެ މަސައްކަތް.

އާދެ، ދެން ހަމަ މިކަމާ ގުޅިގެން އަޅުގަނޑު މި ދެންނެވި މީހާގެ ސިޓީގައި އޮތް ވާހަކައެއް އަނެއްކާވެސް ދަންނަވާލަން ޖެހެނީ. އޭނާ އެބުނީ ތިމަންނާ ދޯންޏަށް އަރައިގެން ދަތުރުކޮށްފައި ދިޔައިރު، ތިމަންނާ ދައްކާ ވާހަކައެއް، ދޯނީގައި ތިބި މީހުންނަކަށް ނޭނގެއޭ. މިއީވެސް ވަރަށް މުހިންމު ނުކުތާއެއް. އެއީ އަޅުގަނޑުމެންގެ މެހްމާނުންނަށް އެހީތެރިވުމަށް ނުވަތަ އެމީހުންނަށް ކަންތައްތައް ކޮށްދިނުމަށް އަޅުގަނޑުމެންގެ ތެރެއިން އެކަމަށް ޚާއްޞަވެފައި ތިބޭ މީހުންނަށް ކޮންމެވެސްވަރަކަށް ބޭރު ބަހެއް އެނގެންޖެހޭނެ. އަދި އެމީހުންނަށް ރާއްޖެއާބެހޭ މަޢުލޫމާތުވެސް ކޮންމެވެސްވަރަކަށް އެނގެންޖެހޭނެ. އެހެން މި ދެންނެވީ، ދުނިޔޭގެ އެހެން ތަންތާނގައި ކަންތައް ކުރާގޮތަށް ބަލާފައި.

އާދެ، އެނގިވަޑައިގަންނަވާނެ، ތިޔަބޭފުޅުންވެސް ދުނިޔޭގެ އެހެން ތަންތަނަށް ދަތުރުފުޅު ކުރައްވާފައި ހުންނާނެ. ދުނިޔޭގެ އެހެން ތަންތާނގައި، ޓުއަރިޒަމާބެހޭ ދާއިރާގައި އުޅޭ މީހުން، އެޤައުމާ ބެހޭގޮތުން ވަރަށް ގިނަ މަޢުލޫމާތުތައް ދަނޭ. އެންމެކުޑަމިނުގައި ބަހުގެ ޑުރައިވަރުވެސް ދަންނާނެ، އެދާ ތަންތަނުގެ ވާހަކަ، އޭނާއާ އެކުގައި ދާމީހުންނަށް ކިޔައިދޭން. މިއީ މިވެނި ތަނެކޭ، މިވެނި ކަހަލަ ކަމެއް ވެފައި އޮތް ތަނެކޭ. އެކިއެކި ޢިމާރާތްތައް ދައްކާފައި، އެއީ މިވެނި ތަންތަނޭ. މަޢުލޫމާތުތައް، އެމީހުންނަށް ބޭނުންވާ މަޢުލޫމާތު ދޭން އެމީހުންނަށް އެނގޭ. އެކަމަށް ތިބެނީ މި ދެންނެވި މީހުން ތައްޔާރުކުރެވިފައި.

އެހެންވީމާ، އަޅުގަނޑުމެންވެސް ވިސްނަންވެއްޖެ، އެހެން ހަދަން. އަޅުގަނޑުމެންގެ ދޯނިފަހަރުގައި އުޅޭ މީހުން، ހުރިހާ އެންމެންނޫނަސް، ކޮންމެވެސް އެކަކު ނަމަވެސް، ކޮންމެވެސްވަރަކަށް ބޭރު ބަހެއް ދަންނަ މީހަކަށްވާންޖެހޭ. ރާއްޖެއާބެހޭ މަޢުލޫމާތު ކޮންމެސްވަރަކަށް ޙާޞިލުކޮށްފައިވާ އަދި އެމަޢުލޫމާތު ކިޔާލަން އެނގޭ މީހަކަށްވެސްވާންޖެހޭ. ދަތުރުކޮށްފައިދާއިރު، ދިމާވާ އެކި ރަށްރަށުގެ ވާހަކަ. މިއީ މިވެނި ރަށެކޭ، މިއީ މިވެނިކަހަލަ މަސައްކަތެއް ކުރާ ތަނެކޭ. އެހެން ބުނެލަދޭން އެނގެންޖެހޭނެ. އަދި މާލޭގައި އެމީހުން ގޮވައިގެން މިއުޅޭ މީހުންވެސް، އެމީހުންނަށްވެސް ރާއްޖޭގައި ހުރި އާސާރީ ތަންތަނާއި، ރާއްޖޭގެ ތާރީޚުން ކޮންމެވެސްވަރަކަށް، ރާއްޖޭގެ މީހުން މަސައްކަތް ކުރާގޮތަކާއި އަދި ރާއްޖޭގެ އާދަކާދަ ހުރިގޮތަކާ، މިކަހަލަ ކަންތައްތައް ކޮންމެވެސްވަރަކަށް ޓުއަރިސްޓުންނަށް ކިޔައިދޭން އެނގެންވާނެ. އޭރުން އެމީހުންނަށް ލިބޭނެ ހިތްހަމަޖެހުމާއި އަދި އެމީހުންނަށް އެ މަޢުލޫމާތު ލިބުނީމާ، އެމީހުންގެ މަޢުލޫމާތު ތަނަވަސްވާވަރާއި، އަދި ރާއްޖެއާ ދޭތެރޭގައި އެމީހުންގެ ހިތުގައި އޮންނަ ޝުޢޫރު ރަނގަޅުވެގެންދާވަރު، އަޅުގަނޑު ހިތުން އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކަށްވެސް ހަމަ އިޙްސާސް ކުރެވޭނެ.

އެހެންވީމާ، އަޅުގަނޑު ދަންނަވާލަން ބޭނުންވާ ވާހަކައަކީ، ޓުއަރިޒަމްގެ ޚިދްމަތްތަކުގެ ތެރެއިން ބައެއްކަހަލަ ޚިދުމަތްތަކަށް އަޅުގަނޑުމެންނަށް މި ސްކޫލުން މީހުން އެބަ ތައްޔާރުކުރެވޭ. އެހެންވީމާ، ދެން ޓުއަރިޒަމް ދާއިރާއިން ވިސްނަވަންވީ، މި ދެންނެވި ކަންތައްތަކުގައި ތިބޭ މީހުންނަށްވެސް އެގޮތަށް އެމީހުންގެ ޤާބިލިއްޔަތު އިތުރުކުރުވުން. ހަމަ އެއާއެކުގައި، އެމީހުން ތިބޭގޮތްވެސް ރަނގަޅު ކުރެއްވުން. އާދެ، އެހެން މި ދަންނަވަނީ، އަޅުގަނޑުމެންނަށް ހީވެފައި އޮންނަނީ، ޓުއަރިޒަމް ދާއިރާގައި އުޅޭ މީހުން ކޮންމެގޮތަކަށް ތިއްބަސް އެންމެ ރަނގަޅޭ. ތުނބުޅިއާއި މަތިމަސް، އެމީހަކު ބޭނުންގޮތަކަށް ދޫކޮށްލާފައި އޮންނަންވީ. ބޯކޮށާކަށް ނުޖެހޭ. ފެންވަރާކަށްނުޖެހޭ. ރީތި ހެދުމެއްލާކަށްނުޖެހޭ. މިއީ އަޅުގަނޑުމެންނަށް މިހާރު ހީވެފައި އޮންނަގޮތް. މަގުމަތިން މިފެންނަ، ޓުއަރިސްޓުން ގޮވައިގެން ހިނގާ މީހުންވެސް ތިބެނީ އެކަހަލަގޮތަކަށް. އެކަމަކު އެއެއް ނޫނެއްނޫންތޯ ގޮތަކީ. ދުނިޔޭގެ އެހެން ތަންތާނގައި، ޓުއަރިޒަމް ޚިދުމަތުގައި ތިބޭ، ދާއިރާއާ ގުޅޭ މީހުން ތިބެނީކީ އެހެނެއްނޫން. ރީތިކޮށް ތިބެނީ. އެމީހުން ބަލައިލީމާވެސް އެއީ ޤަދަރުހުރި ރަނގަޅު ބައެއްކަން އެނގޭކަހަލަ ގޮތަކަށް އެމީހުންގެ ހެދުންވެސް ހުންނާނީ. އެމީހުންގެ ޢާންމު ބޭރުފުށުން ފެންނަ ފެނުންވެސް ހުންނާނީ. މިއީވެސް އަޅުގަނޑުމެން މިހާރު ވަރަށް ބޮޑަށް އަހަންމިއްޔަތުދޭން ޖެހިއްޖެ ކަމެއް. އެއީ އަޅުގަނޑުމެންގެ ރާއްޖެ ދުނިޔެއަށް މިހާރު ތަޢާރުފްވަމުން އެންމެ ބޮޑަށް މިދަނީ ޓުއަރިޒަމްގެ ދާއިރާގެ ތެރެއިންލާފައި.

ޓުއަރިޒަމަކީ އެއް ނަޒަރަކުން ބަލާނަމަ ރާއްޖޭގެ މޫނުމަތި. އެހެންވީމާ، އެ މޫނުމަތި ރީތިގޮތެއްގައި އަޅުގަނޑުމެންނަށް ދެއްކޭނީ، އެ ދާއިރާގެ އެންމެންވެސް އެދެވޭ ރީތި ސިފައެއްގައި ތިބެގެން. އެމީހުންގެ ވާހަކަދެއްކުންވެސް، އެމީހުންގެ މުޢާމަލާތުވެސް އަދި އެމީހުން ތިބޭ ސިފަވެސް، މީހުން ދެކޭހިތްވާކަހަލަ ގޮތަކަށް ތިބެގެން. އެހެންވީމާ، އަޅުގަނޑުގެ މިރޭގެ އިލްތިމާސަކީ، މިރޭ ޓުއަރިޒަމް ދާއިރާގައި އުޅުއްވާ ބޭފުޅުން މި ދެންނެވި ނުކުތާތަކަށް ވިސްނަވައިގެން، އެބޭފުޅުން ގެންގުޅުއްވާ މީހުންވެސް މިގޮތަށް މަޑުމަޑުންނަމަވެސް ބަދަލުކުރެއްވޭތޯ ބެއްލެވުން.

އާދެ، އަޅުގަނޑު އަދި އެއް ވާހަކަ ދަންނަވާލާފައި ނިންމާލަން ގަޞްދުކުރަނީ. އެއީ ދެންމެ ޓުއަރިޒަމް ޑިޕާޓްމަންޓްގެ ޑިރެކްޓަރ ޖެނެރަލް ވިދާޅުވިފަދައިން، އަންނަ އަހަރު އަރިއަތޮޅު ޒޯންގެ މަސައްކަތް ފަށަން ސަރުކާރުން އޮތީ ގަސްދުކޮށްފައި. ކަމާބެހޭ އިޢުލާނު، އެ ޑިޕާޓްމަންޓުން ޖެނުއަރީމަހު ކުރައްވާނެ. މިކަމާ ބެހިގެން އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ޝައްކެއްނެތްގޮތުގައި، އަޅުގަނޑުމެންގެ ޓުއަރިޒަމްގެ އާ ޒޯން ހުޅުވުނީމާ، އެއިން އިޤްތިޞާދީ ގޮތުން ރާއްޖެއަށް ވަރަށް ބޮޑެތި ފައިދާތަކެއް ކުރާނެ. ޓުއަރިޒަމް ވަރަށް ބޮޑަށް ކުރިއަށްދާނެ މަގުފަހިވެގެންދާނެއޭ. އެހެންނަމަވެސް، ހަމަ އެއާއެކު، އަޅުގަނޑުމެން ވިސްނާލަންޖެހޭކަހަލަ މައްސަލަތަކެއްވެސް ނުކުތުން އެކަށީގެންވެއޭ. އަޅުގަނޑު ދަންނަވާލަން މިއުޅެނީ، އެއީ އެއްފަހަރާ 14 ރިޒޯޓު ހަދަން ފެށީމާ، ދެން އަޅުގަނޑުމެންގެ އިޤްތިޞާދާ ބެހޭގޮތުން ނުކުންނާނެ ނަތީޖާތައް ތިޔަބޭފުޅުން ވިސްނާވަޑައިގަންނަވާ. އަޅުގަނޑުމެން ރާއްޖެއިން ބޭރުން ވަރަށް ގިނަ ޢަދަދަކަށް ތަކެތި އެތެރެކުރަންޖެހޭނެ. އިމްޕޯޓް ގިނަވާނެ. ރާއްޖެއިން ބޭރަށްދާ ބޭރު ފައިސާ، އެތައް ގުނައަކަށް އިތުރުވެގެންދާނެ.

ހަމައެއާއެކުގައި، އަޅުގަނޑުމެން މިހާރުވެސް މި ޝަކުވާކުރަނީ މަސައްކަތު މީހުން ނުލިބޭތީ. މަސައްކަތުގެ އަގުބޮޑުކަމުން. އެކަމަށް ވާނެގޮތްވެސް އަޅުގަނޑުމެން ވިސްނަން އެބަޖެހޭ. އެއްފަހަރާ 14 ރިޒޯޓުގެ މަސައްކަތް ހިނގާ ކަމުގައިވަންޏާ، މަސައްކަތު މީހުންގެ ކަންތައް ހުންނާނެގޮތަކާއި، އެމީހުން ކުރާ މަސައްކަތުގެ އަގު މައްޗަށްދާނެވަރަކާ، އެކަހަލަ ކަންތައް އެހެން ދިމާވުމުން، ސަރުކާރުން ކުރާ މަސައްކަތްތަކަށް އެއިން ކުރާނެ އަސަރާއި، ސަރުކާރުން ޓުއަރިޒަމް ނޫނަސް ވަރަށް މުހިންމު ކަންތައްތަކެއް ހިންގާ އިޤްތިޞާދީ ގޮތުންވެސް. މަސްވެރިކަން އެންމެ މުހިންމު ކަމަކީ އަދި އިޤްތިޞާދީ ނޫނަސް، ތަޢުލީމީ ގޮތުންނާއި، ޞިއްޙީ ގޮތުންނާއި، ވަރަށް ގިނަ ގޮތްގޮތުން ސަރުކާރުން ބޮޑެތި މަޝްރޫޢުތަކެއް ރާވައިގެން ހިންގަމުން މިގެންދަނީ. އެއިން އެއްވެސް ކަމަކަށް އަރިއަތޮޅު ޒޯންގެ މަސައްކަތް ފެށުމުން އުނިކަމެއް ލިބޭގޮތް ވެއްޖިއްޔާ، އެވާނީ ވަރަށްވެސް ދެރަ ކަމަކަށް.

އަޅުގަނޑުގެ އިލްތިމާސަކީ، އެ މަސައްކަތް ކުރައްވާ ގޮތަށް ހަމަޖެހޭ ފަރާތްތަކުން، އެއީ ކޮން ފަރާތްތަކެއް ކަމެއް އަޅުގަނޑުމެންގެ ތެރެއިން އަދި އެކަކަށްވެސް ނޭނގޭނެ، ޤަވާޢިދު ހަމަޖެހިފައިވާ ގޮތުން އެ ރަށްތައް އިޢުލާނު ކުރެއްވީމާ، އެ ރަށްތަކަށް މީހުން އެދުނީމާ، ހަމަޖެހިފައިވާ އުޞޫލުން އެފަރާތްތަކާ ރަށްތައް ޙަވާލުކުރެވޭނީ. އެއީ އެހެންވީމާ ކޮންބައެއްކަން މިހާރު އެކަކަށްވެސް ބުނާކަށް ނޭނގޭނެ. ކޮންމެއަކަސް އެ ރަށްތައް ޙަވާލުވާ ފަރާތުން މަސައްކަތް ކުރައްވާއިރުވެސް، އަޅުގަނޑު މި ދެންނެވި ކަންތައްތަކަށް ވަރަށް ބޮޑަށް ވިސްނަވަންޖެހޭނެއޭ އަޅުގަނޑު މި ދަންނަވަނީ. ރާއްޖޭގެ އިޤްތިޞާދަށް އެކަމުގެ ސަބަބުން އަންނާނެ ބަދަލާއި، މަސައްކަތު މީހުންނާއި، މަސައްކަތުގެ އަގަށާއި އަދި އެނޫންވެސް ކަންތައްތަކަށް ކުރާނެ އަސަރު. ވަރަށް ބޮޑަށް އެކަންކަމަށް ވިސްނަވައިގެންނޭ، އެ މަސައްކަތް ކުރިއަށް ގެންދަވަންޖެހޭނީ. ސަރުކާރުން ބޭނުމެއްނެތި ޤަވާޢިދުތަކެއް ހަދާކަށް ބޭނުމެއްނުވޭ. އެހެންނަމަވެސް، ޤަވާޢިދެއް ހަދަން ޖެހިއްޖިއްޔާ ހަދަން މަޖުބޫރުވެސްވޭ. މިދެންނެވީ މިސާލަކަށް، އަރިއަތޮޅު ޒޯންގެ މަސައްކަތް ކުރިއަށްދާގޮތުން، ސްކޫލްތައް އެޅުން ހުއްޓާލަން ޖެހިއްޖިއްޔާ ނުވަތަ އަޅުގަނޑުމެން އަޅާ ހެލްތު ސެންޓަރުތައް އެޅުން ހުއްޓާލަން ޖެހިއްޖިއްޔާ ނުވަތަ މަސްވެރިކަމަށް އޭގެ ސަބަބުން ވަރަށް ބޮޑެތި ގެއްލުންތައް ލިބެން ފަށައިފިއްޔާ، އެކަމާ ދޭތެރޭގައި ސަރުކާރުން ވިސްނައި، މަޖުބޫރުން ނަމަވެސް އަޅަންޖެހޭ ފިޔަވަޅުތައް އަޅަންޖެހޭނެ.

އާދެ، އަޅުގަނޑުގެ ވާހަކަ މިރޭ މި ކުރުކޮށްލަނީ، އަދިވެސް އެއްފަހަރު، މިރޭގެ މިޖަލްސާގައި އެކިއެކި އިނާމުތައް ޙާޞިލުކުރި ފަރާތްތަކަށް ތަހުނިޔާ ރައްދުކުރަމުން. އެ ކުދިން އެކުރި ހިތްވަރާއި، އެކުދިންގެ މަސައްކަތް ގެންދިޔަގޮތުގެ ވާހަކަ، އަޅުގަނޑުމެންނަށް ޕްރިންސިޕަލްގެ ވާހަކަފުޅުން މިރޭ ވަރަށް ރަނގަޅަށް ސާފުވެގެން ހިނގައްޖެ. އަދި ޚާއްޞަކޮށް، އިނާމުތައް ދިންއިރު، އެއިން ކޮންމެ ކުއްޖަކާ ބެހޭގޮތުން ޕްރިންސިޕަލް ދެއްކެވި ވާހަކަފުޅުން އެކުދިން ކުރި ހިންމަތް، އެކުދިން ކުރި މިންނަތް މަސައްކަތް އަޅުގަނޑުމެންނަށް ވަރަށް ރަނގަޅަށް ފިލައިފި. އެހެންވީމާ، އެކަމަށްޓަކައި އަޅުގަނޑު ވަރަށް ބޮޑަށް އުފާކުރާ ވާހަކަ ހުރިހާ ކުދިންނަށް އަންގާލަން. އެކުދިން އެކުރި މަސައްކަތުގެ ފޮނި ނަތީޖާ، އޭގެ އެއްބައި މިރޭ އެ ކުދިންނަށް ފެނިއްޖެކަން ކަށަވަރު. އަނެއްބައި، ކުރިންވެސް އަޅުގަނޑު ދެންނެވިގޮތުގެ މަތިން އޮތީ އެކުދިން ކުރާ މަސައްކަތަކުން. މުސްތަޤްބަލުގައި ކުރާ މަސައްކަތަކުން އެކުދިންނަށް ލިބޭގޮތަށް.

އާދެ، އަޅުގަނޑުގެ ދުޢާއަކީ اللهُ سُبْحَانَهُ وَتَعَالَى ދިވެހިރާއްޖެއަށް ފަހި މުސްތަޤްބަލެއް ދެއްކެވުން. ރާއްޖެ ތަރައްޤީ ކުރުމުގެ ގޮތުން ސަރުކާރުން، އަދި ސަރުކާރާއި އަމިއްލަ ފަރާތްތައް ގުޅިގެން، އަދި އަމިއްލަ ފަރާތްތަކުން އެކަނިނަމަވެސް ކުރަމުން ގެންދަވާ ބުރަ މަސައްކަތުގައި އެކަލާނގެ ހެޔޮ ތައުފީޤު ލެއްވުން.

والسّلام عليكم ورحمـة اللّـه وبركاته.