بســم اللّـه الرّحمـن الرّحيــم

الحمـد لِلّـه ربّ العـالمـين، والصّـلاة والسّلام علـى خاتم الأنبياء والمرسلين، وعلـى آلـه وصحبـه أجمـعـين.

އާދެ، މިއަދަކީ، ދިވެހިރާއްޖޭގެ ޖުމްހޫރީ ދުވަސް. ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ އެންމެހައި ރައްޔިތުންނަށް، އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދެންނެވުމަކީ އަޅުގަނޑުގެ ވަރަށްބޮޑު އުފަލެއް.

ޖުމްހޫރީ ދުވަސް އަޅުގަނޑުމެން ފާހަގަކުރަނީ، އެދުވަހަކީ ޤައުމަށް ވަރަށް ބޮޑު ބަދަލެއް އައި ދުވަސް ކަމަށްވާތީ. ކުރީގެ އޮތް ވެރިކަމެއް، އެހެން އުޞޫލަކަށް ބަދަލުވެގެންދިޔަ ދުވަސް ކަމަށްވާތީ. އާދެ، އެބަދަލުވެގެންދިޔަ ދިޔުމަކީ، ދިވެހިރާއްޖެއަށް އެކަމުގައި މަންފާހުރި، ހެވާއި ލާބަހުރި ބަދަލަކަށްވާތީ. އަޅުގަނޑު މިހެން މިދެންނެވީ، ޖުމްހޫރީ އުޞޫލަކީ، އެހެން ޤައުމުތަކުގައި ކާމިޔާބުކަމާއެކު ކުރިއަށްދާ އުޞޫލަކަށްވާތީ ނުވަތަ އެހެން ޤައުމުތަކަށް ފައިދާހުރި އުޞޫލަކަށްވާތީ، އެއުޞޫލު ކޮންމެހެން އަޅުގަނޑުމެން ގެންގުޅުން ލާޒިމުނުވާތީ.

އަޅުގަނޑުމެން އެއްވެސް އުޞޫލެއް ގެންގުޅެނީ ނުވަތަ ގެންގުޅެންވާނީ، އެއުޞޫލަކުން އަޅުގަނޑުމެންގެ ރާއްޖެއަށް ފައިދާކުރާނެ ކަމަށްވަންޏާ. އަޅުގަނޑުމެންގެ ބޭނުންތަކަށް ފުދޭ، އަޅުގަނޑުމެންނަށް ތަރައްޤީ ލިބޭ، އަޅުގަނޑުމެންގެ ރާއްޖޭގައި ޞުލްޙަމަޞްލަޙަތު ދެމެހެއްޓޭ، އަމަންއަމާންކަން ޤާއިމުކުރެވޭ، ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކުރެވޭ އުޞޫލަކަށް އެ އުޞޫލުވަންޏާ. އެގޮތުން، އަޅުގަނޑުމެން ޖުމްހޫރީ ދުވަސް ފާހަގަކުރަނީ. އެހެންވީމާ، މިދުވަހަކީ ޝައްކެއްނެތްގޮތުގައި، މިފަދަ ވެރިކަމެއް، ދިވެހިރާއްޖޭގެ ރައްޔިތުން، ދިވެހިރާއްޖޭގައި ޤާއިމުކުރެއްވީތީ، ރައްޔިތުންނަށް މުބާރަކްބާދީ ދަންނަވަންޖެހޭ ދުވަހެއް.

އާދެ، މިފަދަ ކޮންމެ މުނާސަބަތަކީ، އަޅުގަނޑުމެންގެ ޖުމްހޫރީ ދުވަސް، ނުވަތަ ޤައުމީދުވަސް، ނުވަތަ މިނިވަންދުވަސް، މިއިން ކޮންމެ މުނާސަބަތަކީ، ސަރުކާރުން ޚިޔާލުކުރާ ކަންތައްތަކުގެ ވާހަކަ، ރައްޔިތުންނަށް ދެންނެވުމަށް ލިބޭ ވަރަށް މުހިއްމު ފުރުޞަތެއް. މީގެ ކުރީގެ މިކަހަލަ ދުވަސްތަކުގައިވެސް، ހަނދުމަފުޅު ހުންނާނެ ފަދައިން، ޤައުމަށް ދިމާވެފައި ހުންނަ އެކިއެކި ބޮޑެތި މައްސަލަތަކާއި އަދި ސަރުކާރުން އެކިކަންކަމާ ދޭތެރޭގައި ޚިޔާލުކުރާގޮތާއި، އެކި މައްސަލަތައް ޙައްލުކުރުމަށް ރާވާ އުޞޫލުތަކާ، މި ހުރިހާ ކަމެއް އަޅުގަނޑު ރައްޔިތުންނަށް ދަންނަވަމުން ގެންދާ ދުވަހެއް. އެގޮތުގެ މަތިން، މިއަދުވެސް ރާއްޖެއާބެހޭ ބައެއް މުހިއްމު ވާހަކަ ދަންނަވާލަން ޤަޞްދުކުރަން. ޝައްކެއްނެތް، މިފަދަ މަޤާމެއްގައި ހުންނަ މީހަކު އަބަދުވެސް ދައްކާހިތްވާނީ އުފާވެރި ވާހަކަ. އެވާހަކަ ދެއްކުމުން ރައްޔިތުންނަށް ހިތްހަމަޖެހުން ލިބޭފަދަ ވާހަކަ. އެހެންނަމަވެސް، މިފަދަ މަޤާމެއްގައި ހުންނަ މީހާ އެއީ އެމީހާގެ ޟަމީރަށް ތެދުވެރި މީހަކު ކަމުގައިވަނީނަމަ އަދި އެމީހާގެ ޤައުމަށް، އެމީހާގެ އުންމަތަށް ތެދުވެރި މީހަކު ކަމުގައިވަނީނަމަ، އަބަދު އުފާވެރި ވާހަކަ ދެއްކޭކަށެއް ނޯންނާނެ.

ދުނިޔެއަކީ ދުނިޔެ. ދުނިޔޭގައި އުފާވެރިކަމާއި، ދަތިތަކާއި، ހިތާމަ އެކުލެވިގެންވޭ. އިންސާނީ ޙަޔާތުގައި، އަޅުގަނޑުމެންގެ އަފްރާދުންގެ ޙަޔާތުގައިވެސް އުފަލާއި ވޭނާ ޙިއްޞާކުރަންޖެހޭ ފަދައިން، ޤައުމުތަކުގެ ޙަޔާތުގައިވެސް، އުންމަތްތަކުގެ ޙަޔާތުގައިވެސް، މިދެންނެވި ތަފާތު ޝުޢޫރުތައް އިޙްސާސް ކުރަންޖެހޭ ފަހަރު އަންނާނެ. އާދެ، އެގޮތުގެ މަތިން، މިއަދު އަޅުގަނޑު ދިވެހި ޤައުމާ މުޚާތަބުކޮށް ދަންނަވާ ވާހަކަތަކުގެ ތެރޭގައިވެސް އުފާވެރިކަމުގެ ބައެއް ވާހަކައާއި އަދި ދިވެހިރާއްޖޭގެ ރައްޔިތުން އެވާހަކަތައް އެއްސެވުމުން، ކޮންމެވެސްވަރެއްގެ ހާސްކަމެއް ރައްޔިތުންނަށް ލިބިވަޑައިގަންނަވާނެ ވާހަކަތައް ހިމެނުން އެކަށީގެންވޭ.

އާދެ، އެންމެ ފުރަތަމަ އަޅުގަނޑު ދަންނަވާލަން އޮތީ، އަޅުގަނޑު ހިތުން ރައްޔިތުންވެސް ހިތްހަމަޖެހޭނެ ވާހަކައެއް. އެއީ އަޅުގަނޑުމެންގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ ކަންތައްތައް ހަލުވިކަމާއެކު ކުރިއަށްދާ ވާހަކަ. އާދެ، އެވާހަކަ އަޅުގަނޑު މާ ތަފްޞީލުކޮށް ދަންނަވާކަށްނެތިން. އެހެންނަމަވެސް، އަޅުގަނޑުމެން މިފަދަ ކަންކަމާ ދޭތެރޭގައި ވާހަކަ ދައްކާއިރު، އިޤްތިޞާދީ މާހިރުން ބޭނުންކުރާ މިންގަނޑުތައް، އާދެ، ޤައުމުގެ އުފެއްދުންތެރިކަން، ބޮލަކަށްޖެހޭވަރު، މިކަހަލަ ޢަދަދުތައް ނުދެންނެވި ކަމުގައިވިޔަސް، ވޭތުވެދިޔަތާނގައި ރާއްޖެއަށް އައި ދިރުން ނުވަތަ ރާއްޖެއަށް އައިސްފައިވާ ކުރިއެރުން، ތިޔަބޭފުޅުންގެ ތެރެއިން ހަމަ ކޮންމެ ބޭފުޅަކަށްވެސް އިޙްސާސް ކުރެއްވޭނެ. އަދި ރައްޔިތުންގެ ކޮންމެ ފަރުދަކަށްވެސް އިޙްސާސް ކުރެވޭނެ. އާދެ، އެކަމާ ގުޅޭގޮތުން ބޭނުންތެރި ވާހަކަފުޅުތަކެއް، މަޢުލޫމާތުތަކެއް، ރައްޔިތުންގެ މަޖިލީހުގެ ރައީސް ދެންމެ އަޅުގަނޑުމެންނަށް ދެއްވައިފި. އެހެންވީމާ، އެކަމާ ބެހޭގޮތުން އިތުރު އެއްޗެއް ދަންނަވާކަށް އަޅުގަނޑުނެތިން.

އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ހަމައެކަނި އިޤްތިޞާދީ ގޮތުން ބަލާއިރު، އަޅުގަނޑުމެންގެ ރާއްޖޭގައި އެންމެ މުހިއްމު ބައެއް އަދާކުރާ، އެންމެ މުހިއްމު ޙިއްޞާއެއްކުރާ ކަންތައްތައް، މިއަހަރުވެސް އިރާދަކުރެއްވީތީ ދަނީ ރަނގަޅަށޭ ދަންނަވާލުން. އާދެ، އެންމެ ފުރަތަމަ މަސްވެރިކަން. މިވޭތުވެދިޔަ ދެތިންމަސްދުވަހުގެ ތެރޭގައި، މަސްވެރިކަމަށް ކޮންމެވެސްވަރެއްގެ ހީނަރުކަމެއް އައިސްފައިވިޔަސް، އަދި ރާއްޖޭގެ ބައެއް ހިސާބުހިސާބަށް އެދެވޭ ގޮތެއްގައި މަސްވެރިކަން ކުރެވެމުން ނުދިޔަޔަސް، މިހާތަނަށް ބަލާއިރު، މިދިޔަ ދިހަމަސްދުވަހަށް ބަލާއިރު، މަސްވެރިކަން މިދިޔަ އަހަރަށްވުރެ ރަނގަޅުކަން އަޅުގަނޑު އުފަލާއެކު ފާހަގަކޮށްލަން.

އާދެ، ދެން އަޅުގަނޑުމެންނަށް އެންމެ ފައިދާކުރާ އިޤްތިޞާދީ މަސައްކަތަކީ، ޓޫރިޒަމްގެ މަސައްކަތް. އެމަސައްކަތްވެސް މިއަހަރު، ކުރީ އަހަރާ ނިސްބަތް ކުރާއިރު، އެތައް ތަނެއް ރަނގަޅުވަމުން އެބަދޭ. ދިވެހިރާއްޖެއަށް އަންނަ ޓޫރިސްޓުންގެ ޢަދަދަށް ބަލާއިރު، މިދިޔަ އަހަރުގެ ފުރަތަމަ ދިހަމަސް ދުވަސް، އާދެ، އޮކްޓޯބަރުގެ ނިޔަލަށް އައި މީހުންގެ ޢަދަދަށްވުރެ، މިއަހަރުގެ އޮކްޓޯބަރުގެ ނިޔަލަށް އައި މީހުންގެ ޢަދަދު ސަތޭކައަކުން ފަނަރަ އިތުރުވެފައިވޭ.

ދައުލަތުގެ އާމްދަނީއަށް ބަލާއިރުވެސް ދައްކަނީ އެކަށީގެންވާ ތަރައްޤީއެއް، ކުރިއެރުމެއް. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ދައުލަތަށް ލިބުނު އާމްދަނީއަށްވުރެ، މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ދައުލަތަށް ލިބުނު އާމްދަނީ، ސަތޭކައަކުން އޮނަތިރީސް ނުވަތަ ސަތޭކައަކުން ތިރީހާ ވަރަށް ގާތްކުރާ ޢަދަދަކަށް އިތުރުވެފައިވޭ.

ބޭރުފައިސާއަށް ވިސްނާއިރުވެސް ހަމަ ދަންނަވަންޖެހެނީ އެހެން. ބޭރު ފައިސާއަށް ބަލާއިރު، މިދިޔަ އަހަރު އެއީ ރާއްޖެއަށް ވަރަށް ފަހި އަހަރެއް ކަމުގައިވި. އޭގެ ކުރީ އަހަރުތަކަށްވުރެ މިދިޔަ އަހަރު ވެފައި އޮތީ މާރަނގަޅު އަހަރަކަށް. މިއަހަރު މިހާތަނަށް ހިސާބުތަކުން ދައްކާގޮތުން، އިރާދަކުރެއްވިއްޔާ މިދިޔަ އަހަރަށްވުރެވެސް ބޭރުފައިސާގެ ކަންތައްތައް ދިވެހިރާއްޖޭގައި ފަހިވާނެ. އާދެ، މިގޮތުން ދަންނަވަންޖެހެނީ، އަޅުގަނޑުމެންގެ އިޤްތިޞާދީ ތަރައްޤީ އަދި އެއާ ގުޅިފައިވާ އިޖުތިމާޢީ ތަރައްޤީ ދަނީ އެކަށީގެންވާގޮތުގައި ކުރިއަށޭ. މާތް ﷲގެ އިރާދަފުޅާއެކު، އެކަލާނގެ ވާގިފުޅުން އަޅުގަނޑުމެންނަށް ލައްވާ ރަޙްމަތެއްގެ ސަބަބުން އަޅުގަނޑުމެންގެ އިޤްތިޞާދީ، އިޖުތިމާޢީ ކަންތައްތައް، ޤައުމުގެ ރައްޔިތުން އެކަމަށް ހިތްހަމަޖެހޭ މިންވަރަށް، އުފާކުރާ މިންވަރަށް ކުރިއަށްދާ ވާހަކަ ދަންނަވާލުމަކީ މިއަދު އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް.

ދެން އަޅުގަނޑު ދަންނަވާލަން އޮތް ވާހަކައަކީ، ކުރިން މިދެންނެވި ވާހަކަތަކާ ކުޑަކޮށް ތަފާތު ވާހަކައެއް. ތިޔަބޭފުޅުން ދެނެވަޑައިގަންނަވާނެ، މިދޭތެރެއިން ދިވެހި ސަރުކާރުން ރާއްޖެއިން ބޭރުގައި ވަރަށް ޚާއްޞަ މައްސަލައަކާ ގުޅިގެން ވަރަށްބޮޑަށް ޙަރަކާތްތެރިވެއްޖެ. އެ މައްސަލައިގެ ވާހަކަ ކޮންމެވެސްވަރަކަށް ނޫސްތަކުން ތިޔަބޭފުޅުން އޮންނާނީ ދެކެވަޑައިގެންފައި. ނުވަތަ ރޭޑިއޯ ޚަބަރުން، ޓެލެވިޜަންގެ ޚަބަރުން އޮންނާނީ އައްސަވާފައި. އެހެންނަމަވެސް، މީގެ ކުރިން އަޅުގަނޑަށް ދިވެހި ދިވެހިރައްޔިތުންނާ މުޚާޠަބުކޮށް މިވާހަކަ ދައްކާލުމުގެ ފުރްޞަތެއް ލިބިފައެއްނުވޭ. ޙަޤީޤަތުގައި އަޅުގަނޑު އެކަން ފަސްކޮށްލީ. މިކަމާ ބެހޭގޮތުން ސަރުކާރުން ކޮންމެވެސްވަރަކަށް މަސައްކަތް ކޮށްފައި، ސަރުކާރަށް އެޅެންހުރި ފިޔަވަޅުތައް އަޅާފައި ނޫނީ ރައްޔިތުންނަށް ދަންނަވާލުމަކީ ބުއްދިވެރިކަމެއް ކަމުގައި ނުފެންނާތީ، ޤަޞްދުގައި އަޅުގަނޑު އެވާހަކަ ރައްޔިތުންނަށް ދެންނެވުން ލަސްކޮށްލީ.

އާދެ، އަޅުގަނޑު ދަންނަވަން މިއުޅޭ ވާހަކައަކީ، މުޅި ދުނިޔެއަށް ކުރިމަތިވަމުން އަންނަ ނުރައްކަލެއްގެ ވާހަކަ. އަދި އެނުރައްކަލުގެ ބާވަތުން، އޭގެ ވަރަށްބޮޑު ބައެއް، ރާއްޖެފަދަ ކުދިކުދި ޤައުމަށް އިޙްސާސް ކުރަންޖެހޭނެ ވާހަކަ، މުސްތަޤްބަލުގައި. އާދެ، ކުރުކޮށް ދަންނަވަންޏާ، ތިޔަބޭފުޅުންވެސް އައްސަވާފައިވާނެފަދައިން، ވަރަށް މުހިއްމު ސަބަބުތަކެއް މެދުވެރިވެގެން، ދުނިޔޭގައިވާ ހުރިހާ ކަނޑުތަކެއްގެ ލޮނުގަނޑު އަންނަނީ ބޮޑުވަމުން. ލޮނުގަނޑު އަންނަނީ އުފުލެމުން. އެ އުފުލޭ އުފުލުން، ހުއްޓުމެއްނެތި އެގޮތަށް ކުރިއަށް ހިނގައްޖެ ކަމަށްވަންޏާ، އޭގެ ސަބަބުން މުޅި ދުނިޔެއަށް ވަރަށްބޮޑެތި ބަދަލުތަކެއް އަންނާނެކަން ކަށަވަރު.

އަޅުގަނޑުމެންގެ ރާއްޖެއަކީ ކަނޑުގެ ސަޠުޙާ ނިސްބަތްކޮށް ބަލާއިރު، ވަރަށް ކުޑަކުޑަ މިންވަރެއް އުފުލިފައިވާ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ ރާއްޖެއަކަށްވާތީ، އަޅުގަނޑުމެންނަށް މިނުރައްކާ އިޙްސާސް ކުރަންޖެހޭނީ އެހެން ޤައުމުތަކުން. މިދެންނެވީ ތަންކޮޅެއް ބޮޑެތި ޤައުމުތަކުން، އަދި އެތަންތާނގެ ބިންގަނޑު، ކަނޑުގެ ސަޠުޙަށްވުރެ އުސްވެފައިވާ ތަންތަނަށްވުރެ ބޮޑަށް އަޅުގަނޑުމެންގެ ރާއްޖެއަށް މިނުރައްކާ އިޙްސާސް ކުރަންޖެހޭނެ. އާދެ، އަޅުގަނޑުމެންގެ ރާއްޖޭގައި ހުންނަ ރަށްތަކުގެ އުސްމިން، ގާތްގަނޑަކަށް ހައެއްކަ ފޫޓް ކަމަށް ބުނެވޭ. ކަނޑުގެ ލޮނުގަނޑަށްވުރެ އެވްރެޖްކޮށް ރާއްޖޭގެ ފަސްގަނޑުގެ އުސްމިންވަނީ ގާތްގަނޑަކަށް ފަސްފޫޓް ނުވަތަ ހަފޫޓް. ބައެއް ރަށްރަށުގައި ކުޑަތަންކޮޅެއް އިތުރުވެދާނެ. އެހެންނަމަވެސް، ޢާންމުކޮށް ބަލާއިރު، އަޅުގަނޑުމެންގެ ރާއްޖޭގެ ފަސްގަނޑު އެހާވެސް ތިރި. އެހެންވީމާ، މިދެންނެވި ކަންތައް އެގޮތަށް ދާކަމަށްވަންޏާ، ކަނޑުގެ ލޮނުގަނޑު މަޑުމަޑުން ނަމަވެސް ބޮޑުވަމުންދާ ކަމަށްވަންޏާ، އުސްވަމުންދާ ކަމަށްވަންޏާ، އެއީ ރާއްޖެފަދަ ކުދިކުދި އަދި ތިރި ޖަޒީރާތަކެއްގެ މައްޗަށް އެކުލެވިގެންވާ ތަނަކަށް ވަރަށްބޮޑު ނުރައްކަލަކަށްވާނެ.

އާދެ، އެހެން ދިމާވާ ސަބަބުތަކަކީ ކޮބައިތޯ؟ އާދެ، އަޅުގަނޑަކީ ސައިންސްގެ މާހިރެއް ނޫން. އެހެންވީމާ، އެކަމާ ދޭތެރޭގައި މާދިގުކޮށް އެއްޗެއް ދަންނަވާކަށް ނެތިން. އެހެންނަމަވެސް، މިމައްސަލަ މިހެން ދިމާވުމުގެ ސަބަބުން ސައިންޓިސްޓުން މިކަމާ ދޭތެރޭގައި ލިޔެފައި ހުރި ލިޔުންތައް ސަރުކާރުން ބަލައިފި. ދުނިޔޭގައި މިކަމާ ބެހޭގޮތުން ހޯދިފައިވާ ހޯދުންތައްވެސް ސަރުކާރުން ބަލައިފި. އެކިއެކި އަމިއްލަ ފަރާތްތަކުންނާއި، ސަރުކާރުތަކުން ކޮށްފައިވާ މަސައްކަތްތައްވެސް ސަރުކާރުން ބަލައިފި. މިކަންތައްތައް ބެލުމުން އަޅުގަނޑަށް އެނގިފައިވާ އެއްޗަކީ، ކަނޑުގެ ލޮނުގަނޑު ބޮޑުވުމަށް ދިމާވާ ސަބަބަކީ، ޖައްވުގެ ހޫނުކަން މަޑުމަޑުން ނަމަވެސް ގަދަވަމުންދިޔުންކަން. އާދެ، އަޅުގަނޑުމެންގެ ވަށައިގެން މިވާ ޖައްވު، ފަޒާ، އޭގެ ހޫނުކަން ވަރަށް މަޑުމަޑުން، އެހެންނަމަވެސް ދަނީ މައްޗަށް. މިވޭތުވެދިޔަ ސަތޭކަ އަހަރު ދުވަހުގެ ތެރޭގައި، ސައިންޓިސްޓުން ބުނާގޮތުގައި، ގާތްގަނޑަކަށް 0.4 ޑިގްރީ ސެލްސިއަސްގެ މިންވަރަށް ނުވަތަ ގާތްގަނޑަކަށް ފާރެންހައިޓުން ބަލަންޏާ 1 ޑިގްރީގެ ފެންވަރަށް، ޖައްވުގެ ހޫނުކަން މައްޗަށް ހިނގައްޖެ. އަދި ކުރިއަށް އޮތް ސަތޭކަ އަހަރު ދުވަހުގެ ތެރޭގައި، ޖައްވުގެ ހޫނުކަން ސެލްސިއަސްގެ ޑިގްރީން ދަންނަވަންޏާ 1.5 ން 4.5އާ ދޭތެރޭގެ މިންވަރަކަށް މައްޗަށްދާނެ ކަމަށް ބުނެވޭ.

އާދެ، އެހެންވާންޖެހޭ ސަބަބަކީ، ކަމުގެ މާހިރުން ބުނާގޮތުގައި، ބިމުގެ ފަޒާގައި ކާބަންޑައިއޮކްސައިޑާއި އަދި އެނޫންވެސް އެފަދަ އެހެން ގޭސްތައް އިތުރުވަމުންދާ ދިޔުން. އެ ގޭސްތައް އިތުރުވަމުން އެދަނީ އަޅުގަނޑުމެން ތެޔޮ އަންދާތީ. އެކި ބޭނުންތަކަށް، ކާރުޚާނާތައް ހިންގަން އަދި އެނޫންވެސް ބޭނުންތަކަށް، އިންޖީނުތައް ހިންގަން، ތެޔޮ އަންދަން އެބަޖެހޭ. އެއަށް ބޭނުންވާ ބާރު ހޯދުމަށްޓަކައި. މިތެޔޮ އެންދުމުން ނަތީޖާއަކަށްވަނީ، ވަރަށް ގިނަ ޢަދަދަކަށް ކާބަންޑައިއޮކްސައިޑް ޖައްވުގެ ތެރެއަށް ދިޔުން. އަދި އެނޫން އެހެން ގޭސްތައްވެސް ޖައްވުގެ ތެރެއަށް ދަނީ. އެއީ ޞިނާޢީ ޤައުމުތަކުގައި އެކިއެކި ތަކެތި އުފައްދަން ކުރާ މަސައްކަތްތަކުގެ ސަބަބުން. މިހެންވުމުން ވާގޮތަކީ، ޖައްވުގެ ތެރޭގައި ހުންނަންވީވަރަށްވުރެ ގިނައިން ކާބަންޑައިއޮކްސައިޑާއި އަދި އެނޫންވެސް އެފަދަ ގޭސްތައް ހަރުލަމުންދަނީ. މީގެ ފަންސާހަކަށް އަހަރު ކުރިން، ސައިންޓިސްޓުން ބުނާގޮތުގައި، ޖައްވުގައި ހުރި ކާބަންޑައިއޮކްސައިޑްގެ މިންވަރަކީ ވައިގެ ކޮންމެ 1 މިލިޔަން ބަޔަކުން 280 ބައި. އެހެން ހުރެފައި މިހާރު އެބައި 340 ބަޔަށް ބަދަލުވެގެން ހިނގައްޖެ. އަދި އެމީހުން ބުނާގޮތުގައި، ކާބަންޑައިއޮކްސައިޑް އުފެދޭ ކަންތައްތައް މިހާރުވެސް މިދާގޮތަށް ދާކަމަށްވަންޏާ، މީގެ 40 އަހަރު ފަހުން މިދެންނެވި ބައި 560 އަށް ބަދަލުވެގެންދާނެ. އެއީ މީގެ 50 އަހަރު ކުރީގައި ހުރި މިންވަރަށްވުރެ ޑަބަލް ގިނަ ޢަދަދަކަށް އެ ބަދަލުވެގެންދާނެ. އެހެންވުމުގެ ސަބަބުން، އިރުން އަޅުގަނޑުމެންނަށް ލިބޭ ދޯދިތައް، އޭގެ ހޫނު، ބިމުން އަނބުރާ ޖައްވުގެތެރެއަށް ދާދިޔުމުގައި މިދެންނެވި ކާބަންޑައިއޮކްސައިޑްގެ ފަށަލައިގެ ސަބަބުން ޖައްވުގެތެރޭގައި ހިފެހެއްޓެނީ. ޖައްވުގެތެރޭގައި ހިފެހެއްޓުނީމާ ޖައްވުގެ ހޫނުކަން، އެއްދުވަހުން އަނެއް ދުވަހަށް މައްޗަށްދަނީ. މިހެން ދެންނެވިޔަސް، އެހޫނުކަމަކީ ކުރިންވެސް ދެންނެވިފަދައިން، ވަރަށް މަޑުމަޑުން މައްޗަށްދާ ހޫނުކަމެއް.

އެހެންވީމާ، އަޅުގަނޑުމެންނަކަށް އެހޫނުކަމެއް އިޙްސާސެއް ނުކުރެވޭނެ. އިޙްސާސް ނުކުރެވުނަސް، އެހޫނުކަމުން އުފެދޭ އެނަރޖީ، އަޅުގަނޑުމެންގެ މިދުނިޔޭގެ ވަށައިގެންވާ ތަކެތީގައި ހަރުލާފައި ހުންނަނީ. ޚާއްޞަކޮށް، ކަނޑުތަކުގައި. އެހެންވީމާ، މިދެންނެވި ހޫނުކަން ޖައްވަށް އިތުރުވެގެންދާ ދިޔުމުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު މަޑުމަޑުން ނަމަވެސް ބޮޑުވަމުންދާނެކަމަށް ސައިންޓިސްޓުން ބުނަނީ. އެމީހުން ބުނާގޮތުގައި، ކުރިއަށް އޮތް ސަތޭކަ އަހަރު ދުވަހުގެ ތެރޭގައި، ބައި މީޓަރުން ދެމީޓަރާ ހަމަޔަށް ކަނޑުގެ ލޮނުގަނޑު އުސްވެގެން ހިނގައިދާނެ. އެކަށީގެންވާ ކަމެކޭ އެއީ އެމީހުން ބުނަނީ. އާދެ، އެހެން ޢިބާރާތަކުން ދަންނަވަންޏާ، ދޮޅުފޫޓުން ހަފޫޓާ ދޭތެރޭގެ ވަރަކަށް ކަނޑުގެ ލޮނުގަނޑު، ކުރިއަށް އޮތް ސަތޭކަ އަހަރު ދުވަހުގެ ތެރޭގައި އުސްވުމަކީ ނުވަތަ ބޮޑުވުމަކީ އެކަށީގެންވާ ކަމެއް ކަމުގައި ސައިންޓިސްޓުން މިހާރު އެބަ ބުނޭ.

އާދެ، ކުރިންވެސް ދެންނެވިފަދައިން، ރާއްޖޭގެ ރަށްތަކުގެ އުސްމިނަކީ، އެވްރެޖް ގޮތެއްގައި ބަލަންޏާ، ކަނޑުގެ ޞަތުޙަށްވުރެ އެންމެ 6 ފޫޓް ނުވަތަ ހައެއްކަ ފޫޓް އުހީ. އެހެންވީމާ، 6 ފޫޓްގެ މިންވަރަށް ކަނޑުގެ ލޮނުގަނޑު އުސްވެގެން ހިނގައްޖެނަމަ، ދެން ވާނެގޮތް އަޅުގަނޑުހިތުން ތިޔަ ހުރިހާ ބޭފުޅުންނަށްވެސް ވިސްނިވަޑައިގަންނަވާނެ. އާދެ، އެހެންނަމަވެސް ހުރިހާ ކަމެއް ދާނީ އެހާ ނުބައިކޮށްކަމެއް ޔަޤީނެއް ނޫން. އެހެން މިދެންނެވީ، އަޅުގަނޑުމެންގެ ރާއްޖެ އުފެދިފައި މިވަނީ މުރަކައިގެ އަޞްލަކުން. މުރަކައަކީ، އޭގެ ޠަބީޢަތުގައިވެސް ހެދޭ އެއްޗެއް. އެ މުރަކައިގެ ހެދުން، މި ދެންނެވި ކަނޑުގެ ލޮނުގަނޑު އުސްވާވަރާ އެއް ނިސްބަތަކުން ކުރިއަށްދާ ކަމަށްވަންޏާ، މުސްތަޤްބަލުގައި އަޅުގަނޑުމެންނަށް މިފަދަ ނުރައްކަލަކާ ކުރިމަތިލާކަށް ނުޖެހޭނެ. އެއީ އަޅުގަނޑުމެންގެ ރަށްތައްވެސް އެވަރަށް މަޑުމަޑުން ނަމަވެސް ހެދެމުން އުސްވަމުންދާނެ.

ހަމަ އެއާއެކުގައި ދަންނަވަންޖެހެނީ، ރާއްޖޭގެ ބައެއް ތަންތާނގައި މިހާރު މުރަކަ ނެހެދޭ ކަމުގެ ނިޝާންތައް ފެންނަން ފަށައިފި. ޚާއްޞަކޮށް މާލެ. މާލޭގެ ވަށައިގެންވާ ކަނޑުތައް ހަޑިވުމުގެ ސަބަބުން. އާދެ، އެނގިވަޑައިގަންނަވާނެ، ވަރަށް ގިނަ ޢަދަދެއްގެ ޕްލާސްޓިކް ކޮތަޅުތަކާއި، ދަޅުތަކާއި، ކުނިބުންޏާ، މިބާވަތުގެ ތަކެތި ކަނޑަށް އެޅެމުން ދިޔުމުގެ ސަބަބުން އަދި އެ އެއްޗެތި އަޅުގަނޑުމެންގެ މާލޭގެ ވަށައިގެން މިވާ ފަށަލައިގައި ހަރުލާފައި ހުރުމުގެ ސަބަބުން މާލޭގެ މުރަކަ މިހާރު ނެހެދޭކަމަށް، ނުވަތަ އެ ހެދެމުންދާ ކަމަށްވަންޏާ ހެދެމުންދަނީ ވަރަށް ކުޑަކުޑަ ނިސްބަތަކުން ކަމަށް އަޅުގަނޑުމެން ބެލިބެލުންތަކުން އެބަ އެނގޭ. އެހެންވީމާ، މި ނުރައްކަލަކީ ރާއްޖޭގެ އެހެން ރަށްރަށަށް މާލެއާ އެއް ފެންވަރަކަށް ކުރިމަތިނުވެ ހިނގައިދާނެ ނުރައްކަލަކަށްވިޔަސް، އެކަމަކީ ހަމަ ޔަޤީނުންވެސް މާލެއަށް ވަރަށް ބޮޑަށް ކުރިމަތިވެގެން އަންނާނެ ނުރައްކަލެއް.

އާދެ، ސައިންސްވެރިން އެ ބުނާ ފަދައިން، ކުރިން ދެންނެވިވަރަށް ކަނޑުގެ ލޮނުގަނޑު އުސްވަމުން ހިނގައްޖެނަމަ، އޭގެ ނޭދެވޭ އަސަރު، އޭގެ ނުރައްކާތެރިކަން ފޯރާނީ، ކުރިންވެސް ދެންނެވިފަދައިން، ހަމައެކަނި ދިވެހިރާއްޖެއަކަށް ނޫން. މުޅި ދުނިޔެއަށް. އެހެންވީމާ، އެއީ މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ މައްސަލައެއް. އެމީހުން ބުނާގޮތުގައި، އެމެރިކާގައިވެސް ބައެއް ހިސާބުތައް، އާދެ، ލޫޒިޔާނާ، ފްލޮރިޑާ، އެތަންތާނގެ ބޮޑުބަޔަކާއި، އައްސޭރީގެ ރަށްރަށް، ފެނުގެ އަޑިއަށްދާނެ. ހޮލެންޑްގެ މިހާރު ހެދިފައި ހުރި އައްސޭރި ސަލާމަތްކުރުމުގެ ވަސީލަތްތަކުގެ ސަތޭކައަކުން ދިހައެއް ހަލާކުވެގެންދާނެ. މިޞްރުގެ ގޮވާން ހެއްދޭ ދަނޑުބިމުގެ ސަތޭކައަކުން ވިހި، ފެނުގެ އަޑިއަށްދާނެ. ދިހަ މިލިއަން މީހުންނަށް އަސަރުކުރާނެ. ބަނގްލަދޭޝްގެ މުޅި ބިމުގެ ސަތޭކައަކުން ހަތާވީސް، ފެނުގެ އަޑިއަށްދާނެ. އަދި ފަންސަވީސް މިލިއަން މީހުންނަށް އެކަމުގެ އަސަރުފޯރައި، އެމީހުންގެ ގެދޮރު ގެއްލޭނެ.

ދެން ރާއްޖޭގެ ނިސްބަތުގައި އަޅުގަނޑު އެވާހަކަ ދަންނަވާކަށް ނުޖެހޭ. އާދެ، މިއީ މިހާރު ކުރިމަތިވެގެން އަންނަ ނުރައްކަލަކީ. މިކަން އަޅުގަނޑުމެންނަށް އެންމެ ފުރަތަމަ އިޙްސާސް ކުރެވެން ފެށީ، މިއަހަރުގެ ތެރޭގައި ރާއްޖޭގެ އެކި ދިމަދިމާއަށް އާދަޔާޚިލާފު މިންވަރަކަށް ރާޅުއަރާފައިވާތީ، އެކަމާބެހޭ ހޯދުންތައް ހޯދުމުގެތެރޭގައި، މިމައްސަލަ ސަރުކާރުގެ ސަމާލުކަމަށް އައީ. އަޅުގަނޑު ނުދަންނަވަން، މިހާރު ރާއްޖޭގެ ކަނޑުތައް މިދެންނެވިފަދައިން އުސްވެއްޖެއެކޭ. ނުވަތަ މިދޭތެރެއިން ރާއްޖެއަށް މިކުރިމަތިވި ރާޅުއެރުމުގެ ކަންތައްތައް މިދިމާވީ، ކަނޑުގެ ލޮނުގަނޑު އުސްވުމުގެ ސަބަބުންނެކޭ، އެހެން ނުދަންނަވަން. އެކަމުގެ އެއްވެސް ދަލީލެއް ނެތް. އެހެންނަމަވެސް، ސައިންޓިސްޓުން ބުނަނީ، ކަނޑުގެ ލޮނުގަނޑު އުސްވަމުންދިޔަދިޔަހެން، މޫސުމަށް ވަރަށްބޮޑެތި ބަދަލުތަކެއް އަންނާނެއޭ. ވިއްސާރަކުރުން ގިނަވާނެއޭ. އަދި އެވިއްސާރާއާ އެކުގައި އަންނަ ވައިވެސް ގަދަވާނެއޭ. އެކަން އެހެންވާކަމަށްވަންޏާ، އެ ވައިގެ ސަބަބުން އުފެދޭ ރާޅުތައްވެސް ކުރިއަށްވުރެ އުސްވާނެ. އެހެންވީމާ، މި ދެކަންތައް ކޮންމެވެސްވަރަކަށް ގުޅިފައި އޮތުމަކީ އެކަށީގެންނުވާ ކަމެއް ކަމުގައި ދެންނެވޭކަށް ނެތް.

އާދެ، މިވާހަކަ، އަޅުގަނޑު މިދޭތެރެއިން ކުރި ދަތުރުތަކުގައި، ރާއްޖެއަށް ފުރްޞަތު ލިބުނު ބައިނަލްއަޤްވާމީ ހުރިހާ މަޖިލީހެއްގައި އަޅުގަނޑު ދައްކައިފިން. ކޮމަންވެލްތު ޤައުމުތަކުގެ ޖަލްސާގައި، އެންމެ އިސްވެރިންގެ ޖަލްސާގައި މިވާހަކަ ދައްކައި، އެކަމުގެ ދަލީލު އަޅުގަނޑުމެންނަށް ލިބިހުރި މިންވަރަކުން އެބޭފުޅުންނަށް ދަންނަވައި ހެދިން. ސައިންޓިސްޓުންގެ ހޯދުންތަކުގެ މައްޗަށް ބިނާކޮށް، ކޮމަންވެލްތު ޤައުމުތަކުގެ އިސްވެރިން މިކަމަށް ވަރަށްބޮޑު ސަމާލުކަމެއް ދެއްވި. މިކަމަކީ މުޅި ދުނިޔެއަށް ކުރިމަތިވަމުން އަންނަ ނުރައްކަލެއްކަން އެބޭފުޅުން ޤަބޫލުކުރެއްވި. އަދި ޚާއްޞަކޮށް، ރާއްޖެފަދަ ފަސްގަނޑު ތިރި ޤައުމުތަކަށް ކުރިމަތިވާ ނުރައްކަލަކީ ވަރަށްބޮޑު ނުރައްކަލެއްކަން އެބޭފުޅުން އިޙްސާސް ކުރެއްވި. ނަތީޖާއަކަށްވީ ދިވެހިރާއްޖެއިން ހުށަހެޅި ހުށަހެޅުމެއް ފާސްވުން. އެއީ ކޮމަންވެލްތުގެ ފަރާތުން ސައިންޓިސްޓުންގެ ނުވަތަ މާހިރުންގެ ކޮމިޓީއެއް އުފައްދައިގެން، އެ ކޮމިޓީއާ ޙަވާލުކުރުން، މި މައްސަލަ ދިރާސާކުރަން. އާދެ، ކަނޑުގެ ލޮނުގަނޑު އުސްވަމުންދަނީ ކީއްވެގެންތޯ ބަލަން. އަދި އުސްވަމުންދާ މިންވަރަކީ ކޮބައިތޯ ބަލަން. އަދި ޚާއްޞަކޮށް، ރާއްޖެއާއި ރާއްޖެފަދަ ފަސްގަނޑުތިރި ޤައުމުތަކަށް އަންނާނެ ނުރައްކަލަކީ ކޮބައިތޯ؟ އެމީހުން އެތަންތަނަށް ޒިޔާރަތްކޮށް، އެތަންތަނާބެހޭ މަޢުލޫމާތުތައް ހޯދައި، އެހުރިހާ ކަމެއްކޮށްގެން ވަޒަންކޮށް، އެމީހުންގެ ރިޕޯޓުގައި ހުށަހެޅުން. އަދި އެއަށްވުރެވެސް މާމުހިއްމު ކަމެއް، މިދެންނެވި ކޮމިޓީއާ ޙަވާލުވެފައި އެބައޮތް. އެއީ މިކަންކަމުން ސަލާމަތްވުމަށްޓަކައި ނުވަތަ މިކަމުން ރާއްޖެއަށް ކުރިމަތިވާނެ ނުރައްކާ، އެނުރައްކަލުގެ އަސަރު ރާއްޖެއަށް ކުޑަވާނެގޮތަކީ ކޮބައިތޯ؟ ކިހިނެއް ހަދައިގެންތޯ އަޅުގަނޑުމެންގެ ޖަޒީރާތައް އަޅުގަނޑުމެންނަށް ސަލާމަތްކުރެވޭނީ. އެއާ ދޭތެރޭގައި ކަމާބެހޭ މާހިރުން ރަނގަޅަށް ދިރާސާކޮށް، މަޢުލޫމާތުތައް އެއްކޮށްގެން ގޮތްތަކެއް ހުށަހެޅުން. އެހެން މިދެންނެވީ، ކަމަކީ އަޅުގަނޑުމެންނަށް އެކަނިކުރެވޭވަރަށްވުރެ މާބޮޑު ކަމަކަށްވާތީ. އަޅުގަނޑުމެންނަކީ ސައިންސްގެ ރޮނގުން އަދި ދުނިޔޭގެ މިފަދަ ކަންކަމާބެހޭ ކަންތައްތަކުގެ މަޢުލޫމާތުގެ ރޮނގުން އެހާ ކުރިއަށް ގޮސްފައިވާ ބައެއްނޫން.

އެހެންވީމާ، އަޅުގަނޑުމެން އަމިއްލައަކަށް އެކަންކަން ދެނެގަންނާކަށް ނޭނގެ. އެމީހުން އައިސް ބަލައިގެން، އެމީހުން އަޅުގަނޑުމެންނަށް ބުނެދެންޖެހޭނީ، ކިހިނެއް ހަދައިގެންކަން، އަޅުގަނޑުމެންގެ ރަށްރަށް ސަލާމަތްކުރެވޭނީ. އަދި އަޅުގަނޑުމެންގެ ރައްޔިތުން މުސްތަޤްބަލުގައި ސަލާމަތް ކުރެވޭނީ. އެހެންވީމާ، މިދެންނެވި ބައި އެއީ އަޅުގަނޑު މި އިޝާރާތްކުރި ޢިލްމުވެރިންގެ ނުވަތަ ސައިންޓިސްޓުންގެ ނުވަތަ މާހިރުންގެ ކޮމިޓީގެ މަސައްކަތުގެ ތެރޭގައި ހިމެނޭ ވަރަށް މުހިއްމު ބައެއް.

އާދެ، ދެން އަޅުގަނޑު އޭގެފަހުން ދިއައީ ނިއުޔޯރކަށް، ނިއުޔޯރކުގައި އ.ދ. މަޖިލީހުގެ ކުރިމަތީގައި ތަޤްރީރެއް ކުރިން. އެ ތަޤްރީރު ކުރުމުގެ ހަމައެކަނި ބޭނުމަކީވެސް މިވާހަކަ ދެއްކުން. އެއީ މިކަން މިހެން އަންނަކަން ސަރުކާރަށް އެނގުމާއެކު ޙަރަކާތްތެރިވި ޙަރަކާތްތެރިވުމުން، ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް އަޅުގަނޑު ގާތުގައި ވިދާޅުވީ، އ.ދ. މަޖިލީހުގައި ތިމާވެށްޓާއި އަދި ކުރިއެރުމާބެހޭ ވަރަށް މުހިންމު ޑިބޭޓެއް، ބަޙްޘެއް، އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހު ކުރެވޭނެއޭ. އެހެންވީމާ، އެތަނަށް ރާއްޖޭގެ ފަރާތުން ކަލޭގޮސް އެތާނގައި ވާހަކަދައްކައިފިއްޔާ، އެކަމަށް ދުނިޔޭގެ ސަމާލުކަން ލިބޭލެއް ވަރަށްބޮޑުވާނެއޭ. އެ ލަފާ ދެއްވީމާ، އަޅުގަނޑުގެ ދަތުރުގެ ޕްރޮގްރާމް ބަދަލުކޮށްގެން، ކަމާކަންފަށާ ނިއުޔޯރކަށް ދިޔައީ، އެވާހަކަ އެތާނގައި ދައްކަން. ކަންދިމާކުރިގޮތުން، ވަރަށް އެދެވޭ ނަތީޖާއެއް ރާއްޖެއަށް ލިބުނު. އެދުވަހު އެތަނަށް ވަޑައިގެން ތިއްބެވި ބައެއް ޤައުމުތަކުގެ ވެރިން، އާދެ، އިންޑިއާގެ ބޮޑުވަޒީރު ހުންނެވި. ޒިންބާބުވޭގެ ބޮޑުވަޒީރު ހުންނެވި. ނޯރވޭގެ ބޮޑުވަޒީރު ހުންނެވި. ޑެންމާކުގެ ބޮޑުވަޒީރު ހުންނެވި. އަދި ވެރިންގެ ފެންވަރުން ނޫންނަމަވެސް، އެހެނިހެން ޤައުމުތަކުގެ މިނިސްޓަރުންނާއި، ވަރަށް މަތީ ފެންވަރުގެ ބޭފުޅުން ތިއްބެވި. އެޖަލްސާގައި އަޅުގަނޑަށް ވާހަކަދެއްކުމުގެ ފުރްޞަތު ލިބުނީ. އެހެންވީމާ، އެޖަލްސާގައި އަޅުގަނޑު ދެއްކި ވާހަކަ އެބޭފުޅުންނަށް އިވިވަޑައިގެން، އެކަމާދޭތެރޭގައި އެބޭފުޅުންވެސް ވަރަށް ބޮޑަށް ވިސްނާވަޑައިގެން، މިނުރައްކާތެރިކަން އިޙްސާސް ކުރައްވައި، އެކަމާ ބެހޭގޮތުން އެބޭފުޅުންނަށްވެސް ކުރެއްވެން އޮތް ހުރިހާ މަސައްކަތެއް ކުރައްވާނޭ ކަމަށް ވިދާޅުވި.

އާދެ، އެޖަލްސާގައި މިދެންނެވި ގޮތުގެމަތިން ކަންތައް ދިޔައީ. ހަމަ އެއާއެކުގައި އ.ދ. މަޖިލީހަށް ދިވެހި ސަރުކާރުން ހުށަހަޅާފައިވާ ހުށަހެޅުމެއް. އާދެ، އެއީ ރާއްޖެއަށް މިދިމާވާ ޤުދުރަތީ އެކިއެކި ކަންތައްތަކުގެ ސަބަބުން ލިބޭ ގެއްލުން ފޫބެއްދުމަށް، ރާއްޖެއަށް ބައިނަލްއަޤްވާމީ ގޮތުން އެހީ ލިބުމަށް، އެހީ ހޯދުމަށް ދިވެހި ސަރުކާރުން އ.ދ. މަޖިލީހަށް ހުށަހެޅި ހުށަހެޅުމެއް، އ.ދ. މަޖިލީހުގެ ދެވަނަ ކޮމިޓީގައި ބަޙުޘްކޮށް، އެހުށަހެޅުން މިހާރު އިއްތިފާޤުން ފާސްވެއްޖެ. އެހުށަހެޅުން އެއީ އަޅުގަނޑު ދެކޭގޮތުގައި ވަރަށް މުހިއްމު ހުށަހެޅުމަކަށްވާނެ. އެ ޤަރާރުގައި އޮންނާނީ ހަމަ ކަނޑައެޅިގެން ދިވެހިރާއްޖެއަށް ދިމާވާ ޤުދުރަތީ އެކިއެކި ބޮޑެތި ގެއްލުންތަކާއި ނުރައްކާތެރިކަމުގެ ސަބަބުން، ދިވެހި ރައްޔިތުންނަށާއި، ރާއްޖެއަށް ލިބޭ ގެއްލުންތައް ފޫބެއްދުމަށް ބައިނަލްއަޤްވާމީ ގޮތުން ހުރިހާ ޤައުމުތަކަކުން އެހީވާންޖެހޭނެ ކަމަށް ގޮވާލާފައިވާ ގޮވާލުމެއް. އެ ޤަރާރު ފާސްވީ ކޮމިޓީގެ އިއްތިފާޤުން. އަޅުގަނޑަށް މިހާރު މަޢުލޫމާތު ލިބިފައިވާ ގޮތުގައި، އ.ދ. މަޖިލީހުގެ ޢާންމު ޖަލްސާއަށް ވަރަށް އަވަހަށް ހުށަހެޅޭނެ. އެހުށަހެޅުނީމާ އެތަނުންވެސް ހަމަ ދުނިޔޭގެ ހުރިހާ ޤައުމެއްގެ އިއްތިފާޤުން ފާސްވާނެކަމުގެ ވަރަށްބޮޑު ޔަޤީންކަން އެބައޮތް.

އާދެ، އ.ދ. މަޖިލީހުގައި ތަޤްރީރު ކުރުމަށްފަހު، އަޅުގަނޑު ދެން ދިޔައީ، ރަސްމީ ބައެއް ދަތުރުތަކުގައި ދެޤައުމަކަށް. އެދަތުރުތައް ނިންމާފައި މާލެ އައިސް، ދެން އަޅުގަނޑު ދިޔައީ، ދެކުނު އޭޝިޔާގެ ޤައުމުތަކުގެ ސަރަޙައްދީ އެއްބާރުލުމުގެ ޖަމުޢިއްޔާގެ އެންމެ އިސްވެރިންގެ ޖަލްސާއަށް ކަތުމަންޑުއަށް. އެތާނގައިވެސް ދެކެވުނު ވާހަކަތަކުގެ ތެރޭގައި، އަޅުގަނޑުގެ އަޑަށް ލެވުނުހާބާރެއްލާފައި މިވާހަކަ އަޅުގަނޑު ދެއްކިން. އެއީ ކަމަކީ ކުޑަކަމެއްނޫން. ވަރަށްބޮޑު ނުރައްކަލެއް އަޅުގަނޑުމެންނަށް ކުރިމަތިވަނީ. ކުރިންވެސް ދެންނެވި ފަދައިން، މިކަމުގައި އަޅުގަނޑުމެން އެކަނި، ދިވެހިރާއްޖެއިން އެކަނި މަސައްކަތްކޮށްގެން އެދެވޭ ނަތީޖާއެއް ލިބޭނެ ކަމަކަށް ނުފެނޭ. ބައިނަލްއަޤްވާމީ ގޮތުން ދުނިޔޭގެ ހުރިހާ ފަރާތްތަކުންވެސް އެހީތެރިވާންޖެހޭނެ. ހަމައެކަނި ދިވެހިރާއްޖެއަކާ ނޫން މިދެންނެވީ. ދުނިޔޭގެ މިމައްސަލަ ކުރިމަތިވާނެ ހުރިހާ ޤައުމުތަކަކާވެސް. ބައިނަލްއަޤްވާމީ ގޮތުން ގިނަގުނަ އެހީތަކެއް ލިބިގެން ނޫނީ، މުސްތަޤްބަލުގައި މިފަދަ ނުރައްކާތަކުން ސަލާމަތްވެވޭކަށް ނޯންނާނެ.

އެހެންވީމާ، އެވާހަކަ އަޅުގަނޑު އެތާނގައި ދެއްކުމުގެ ސަބަބުން ސާރކުގެ ސަމިޓުން، އާދެ، އެންމެ އިސްވެރިންގެ ޖަލްސާއިން ފާސްވީ، އެތަނުގެ ފަރާތުންވެސް އެމައްސަލަ ދިރާސާ ކުރައްވަން. އެތަނުންވެސް ބަޔަކު މީހުން އަންނާނެ. އައިސްގެން އަޅުގަނޑުމެންގެ ރާއްޖޭގައި މިކަންތައްތައް ހުރިނެތްގޮތް ބަލައި، އަދި ރާއްޖެއަށް މިކުރިމަތިވާ ކަންތައްތައް، ނުރައްކާ، ކުރިމަތިވާނީ ކިހާ މިންވަރަކަށްތޯ؟ ކިހާ ދުވަހެއްގެ ތެރޭގައިތޯ؟ އަދި އެހެން ދިމާވެއްޖިއްޔާ، ދެން އަޅަންޖެހޭނެ ފިޔަވަޅުތަކަކީ ކޮބައިތޯ ބަލައި، އެކަމުގެ ލަފާ، ދިވެހި ސަރުކާރަށް ދޭނެ.

އާދެ، ސަރުކާރުގެ މަސައްކަތް މިހިސާބުން ހުއްޓާލިއްޔަކީނޫން. ކަމަކީ އަޅުގަނޑުމެންނަށް ދިމާވާ ކަމެއް. އެކަން ދިފާޢުކުރުމަށްޓަކައި، އެކަމުން ސަލާމަތްވުމަށްޓަކައި މަސައްކަތް ކުރަންޖެހޭނީ އަޅުގަނޑުމެން. އަޅުގަނޑުމެން ބޭރު ބައެއްގެ އެހީއަށް އިންތިޒާރުކޮށްގެން ތިބެގެން ފަރުޖެހޭކަށް ނޯންނާނެ. ކޮންމެ ބައެއްގެވެސް ދަތިތައް ޙައްލުކުރަންޖެހޭނީ އެބަޔަކު އަމިއްލައަށް. އެހެންވީމާ، ސަރުކާރުން މިހާރު ވިސްނަމުން މިގެންދަނީ، މިދެންނެވި ކަންތައްތައް އައުމުގެ ކުރިން، އެއާ ދޭތެރޭގައި އަޅަންޖެހޭނެ ފިޔަވަޅުތަކާ ބެހޭގޮތުން. މިހާރު ޢަމަލީގޮތުން އެކަންތައް ފެށިއްޖެ. ޝްރީލަންކާގެ ކުންފުންޏަކާ ޙަވާލުކޮށްގެން ވަރަށް އަވަހަށް ސަރުކާރުން އެބަ ފަށާ. ރާއްޖޭގެ ބައެއް ތަންތާނގައި، ބައެއް ކަނޑުތަކުގައި، ކަމާބެހޭ ސާމާނު ބަހައްޓައިގެން، ރާއްޖޭގެ ދިޔަވަރު ހުންނަވަރާއި، ދިޔަވަރަށް އަންނަ ބަދަލާއި، ރާޅު ހުންނަގޮތާއި، ރާޅަށް އަންނަ ބަދަލާ، މިކަންކަމުގެ މަޢުލޫމާތު ނެގުމުގެ މަޝްރޫޢެއް މިހާރު ރޭވިގެން ނިމޭ ހިސާބަށް ގޮސްފައިވަނީ. ވަރަށް އަވަހަށް އަޅުގަނޑު މިދެންނެވި މާހިރުން ރާއްޖެ އަންނާނެ. އައިސް މިދެންނެވި ސާމާނު، ރާއްޖޭގެ ބައެއް ތަންތާނގައި ބަހައްޓައިގެން، އެތަނުން ލިބޭ މަޢުލޫމާތު އެއްކުރަމުން ގެންދާނެ. އޭރުން އަޅުގަނޑުމެންނަށް އެނގޭނީ ވަމުންދާގޮތް.

ހަމައެއާއެކުގައި، އަޅުގަނޑު ކުރިން މިދެންނެވި، ދުނިޔޭގެ ކަނޑުތައް އުސްވަމުން ދިޔުމުގެ މައްސަލައިގައި، މިހާތަނަށް އެންމެ ބޮޑަށް މަސައްކަތް ކޮށްފައި އޮތީ، އެމެރިކާގެ ތިމާވެށްޓާބެހޭ ޖަމުޢިއްޔާގެ ފަރާތުން. ސަރުކާރުގެ ރަސްމީ ފަރާތެއް. އެމެރިކާގެ ތިމާވެށި ރައްކާތެރި ކުރުމާބެހޭ އޭޖެންސީ. އެތާނގެ ވަރަށް މަޝްހޫރު ސައިންޓިސްޓެއް، މިކަމާބެހޭ އެންމެގިނަ ލިޔުންތައް ލިޔެފައިވަނީ. އަދި އެންމެ ބޮޑެތި ހޯދުންތައް ހޯދާފައިވަނީ. އޭނާ ރާއްޖެ އައިސް، ރާއްޖޭގެ ކަންތައްތައް ބަލާފައި، ރިޕޯޓެއް ހުށަހެޅުމަށް މިހާރު އޭނާއަށް ވަނީ ސަރުކާރުން ދަޢުވަތު ފޮނުވާފައި. އަޅުގަނޑަށް ލަފާކުރެވޭގޮތުގައި، ލަހެއްނުވެ އޭނާ ރާއްޖެ އަންނާނެ. އައިސް އޭނާއަށް ފެންނަ ގޮތްތައްވެސް އަޅުގަނޑުމެންނަށް ކިޔައިދޭނެ.

އާދެ، މިއީ އަޅުގަނޑު ދަންނަވާލަން އޮތް ވާހަކައަކީ. އެހެންނަމަވެސް މިކަންތައް، މިދެންނެވީ ކަނޑުގެ ލޮނުގަނޑު އުސްވުން ނުވަތަ ބޮޑުވުން މިއީ މިހާރު ދުނިޔޭގެ ތިމާވެށްޓަށް އަންނަ ބަދަލުތަކުގެ ތެރެއިން އެއް ބަދަލު. ދުނިޔޭގެ ތިމާވެށްޓަށް ވަރަށް ބޮޑެތި ބަދަލުތަކެއް އަންނަމުން އެބަދޭ. އެއީ އަޅުގަނޑުމެން އިންސާނުން، اللَّـهُ سُبْحَانَهُ وَتَعَالَىٰ ދުނިޔޭގައި ލައްވާފައިވާ ތަކެތި އަދި ދުނިޔޭގައި ލައްވާފައިވާ ބާރުތައް، އެއްވެސް ގޮތެއްފޮތެއް ނުބަލައި ބޭނުންކުރަމުންދާ ދިޔުމުގެ ސަބަބުން ވާގޮތެއް. ގޯތިގެދޮރު އެޅުމަށް ގަސްތައް ކަނޑަމުން ގެންދަނީ، ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް. ދަނޑުގޮވާން ކުރުމަށްވެސް، ޖަންގަލީގައި ހުންނަ ބޮޑެތި ގަސްތައް ކަނޑަމުން ގެންދަނީ. އެހެން ހެދުމުގެ ސަބަބުން ގަސްތަކުން ލިބެންވާ ފައިދާ، އިންސާނިއްޔަތަށް ނުވަތަ ދުނިޔެއަށް ނުލިބިދަނީ. اللَّـهُ سُبْحَانَهُ وَتَعَالَىٰ ދުނިޔޭގައި ކޮންމެ އެއްޗެއްވެސް ލައްވާފައިވަނީ ވަރަށްބޮޑު ބޭނުމަކު. ވަރަށްބޮޑު މަޤްޞަދަކަށްޓަކައި. އެ ގަސްތައް އެގޮތަށް ހުރުމުގެވެސް ބޭނުންތަކެއް އެބަހުރި. އަޅުގަނޑު މި ދަންނަވާ ނުކުތާއާ ގުޅޭ ކަމަކީ، ގަސްތައް ހުރުމުގެ ސަބަބުން ޖައްވުގެ ތެރެއަށް އިތުރުވެގެންދާ ކާބަންޑައިއޮކްސައިޑް އިތުރުވެގެން ނުދިޔުމަށް ގަސްތަކުން ބާރުއަޅާނެ. އެއީ އަޅުގަނޑު ހިތުން ތިޔަ ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ކަމެއް.

އެހެންވީމާ، ގަސްތައް އެހާ ގިނައިން ކެނޑިގެން ދިޔައީމާ، ދުނިޔޭގެ މިކަމާ ބެހޭގޮތުން އެކިއެކި ހޯދުންތައް ހޯދާފައިވާ މީހުން ބުނާގޮތުގައި، އަހަރަކު ގާތްގަނޑަކަށް 11 މިލިޔަން ހެކްޓާރުގެ ބިމުގެ ގަސްތައް ކެނޑެމުން އެބަދޭ. އެއީ ވަރަށް ބޮޑު ޢަދަދެއް. މުޅި ދުނިޔެއަށް ނިސްބަތްކޮށް ބަލާއިރުވެސް، އެބައި ކެނޑެމުންދިޔައިމާ އެއިން ލިބޭ ނުރައްކާ. އެގަސްތައް ކަނޑަނީވެސް މުހިއްމު ބޭނުންތަކެއް އެއިން ހިފުމަށްޓަކައި. މިސާލެއް ދަންނަވަންޏާ، ގޯތިގެދޮރު އަޅަން. ނުވަތަ ދަނޑުގޮވާންކުރުމަށް ބިން ހޯދަންވެގެން. އެހެންނޫންނަމަ، އެގަސްތައް ވިއްކައިގެން، އޭގެ ލަކުޑިން އާމްދަނީ ހޯދުމަށްޓަކައި، އެކްސްޕޯޓް ކުރުމަށްޓަކައި. މިފަދަ ބޮޑެތި ބޭނުންތައް ކުރުމަށް ކަނޑަމުން ގެންދަނީ. އެހެންނަމަވެސް، މިދިމާވާގޮތަކީ އެކަނޑަމުންދާވަރަށް އިތުރަކަށް ގަހެއް ނުއިންދޭ. އެއްގޮތަކަށްވެސް އަޅުގަނޑުމެންނަށް ލިބިފައިމިވާ ނިޢުމަތްތަކުގެ މިންވަރު އަޅުގަނޑުމެންނަށް އިޙްސާސް ނުކުރެވޭތީ، މާ އަވަހަށް ތަނަވަސްވެގަންނަންވެގެން، މާ އަވަހަށް މުއްސަނދިވާންވެގެން، މާ އަވަސް އަވަހަށް ކަންތައް ކުރެމުންދަނީ. އަދި އެކިއެކި ކަންކަމަށް ބޭނުންކުރާ އެއްޗެތި. މިސާލަކަށް، ގޮވާންކުރާއިރު ގަސްގަހުގައި ކޫޑިއެޅީމާ، އެޖަހާ ބައެއްކަހަލަ ބޭސް، ޑީ.ޑީ.ޓީ. ނުވަތަ އެނޫންވެސް އެކަހަލަ ބައެއް ކެމިކަލްސް، ވަރުގަދަ ކެމިކަލްސް ހުންނަ ބައެއް ބޭސްތައް، ދަނޑުވެރިން ބޭނުންކުރަނީ ދުނިޔޭގައި ޢާންމުކޮށް. އޭގެ ސަބަބުންވެސް ވަރަށް ބޮޑެތި ނުރައްކާވަމުންދާކަން މިހާރު މީހުންނަށް ފެންނަން ފަށައިފި.

އާދެ، ސައިންސްގެ ޢިލްމުވެރިން ބުނާގޮތުގައި، ބައެއް ކޮންޓިނެންޓްތަކުގެ އެންމެ އެތެރޭގައި ދަނޑުގޮވާން ކުރާއިރު، މިދެންނެވި ކަހަލަ ބޭސްޖެހީމާ، އޭގެ އަސަރު، ބޮޑެތި ކަނޑުތަކުގައި އުޅޭ މަސްމަހުން މިހާރު ފެންނަމުން އެބަދޭ. އަދި ދުނިޔޭގެ އެންމެ އުތުރުގައިވާ އުތުރު ޕޯލް ނުވަތަ ދެކުނު ޕޯލް އެހިސާބުގަނޑުގައި އުޅޭ ބައެއް ދޫނި، ޕެންގުއިން ކަހަލަ އެއްޗެތީގެ ހަށިގަނޑުގެ ޓިޝޫތަކުގައިވެސް، މިދެންނެވި ބޭސްތަކުގެ އަސަރު އެބަހުރޭ، މިހާރު ކުރިން ހުންނަވަރަށްވުރެ މާބޮޑަށް. އެހެންވީމާ، އެއިން ދައްކާ އެއްޗަކީ، ދުނިޔޭގެ ކޮންމެ ތަނަކަށް ކުރެވޭ ކަމަކުންވެސް، އެކަމުގެ އަސަރު މުޅި ދުނިޔެއަށް ފެތުރިގެން ހިނގައިދާނެކަން. އަޅުގަނޑުމެންނަށް ހީކުރެވެނީ، ކަނޑަކީ ވަރަށްބޮޑު އެއްޗެކޭ، ވަރަށް ބޮޑުތަނެކޭ. ކަނޑަށް އެއްޗެއް އެއްލައިލައިފީވިއްޔާ، އެ އެއްޗެއް ހަލާކުވެގެން ހިނގައިދާނެއޭ. އޭގެ އަސަރުވެސް ނުހުންނާނެއޭ. އަދި ދުނިޔޭގެ ފަޒާއަކީވެސް އެހާބޮޑު ތަނެކޭ. ވަޔަށް އެއްޗެއް ދޫކޮށްލައިފީވިއްޔާ، ގޭހެއް ނުވަތަ އެނޫންވެސް އެއްޗެއް ދޫކޮށްލައިފިއްޔާ، އެނެތިގެން ހަލާކުވެގެން ހިނގައިދާނެއޭ. އެކަމަކު ވަނީކީ އެހެނެއްނޫން. އެއެއްޗެތި ހަލާކުވެގެނެއް ނުދޭ. އެ އެއްޗެތި މަޑުމަޑުން ނަމަވެސް އެއްވަމުން އެއްވަމުން ދަނީ. އެހެންވީމާ، ކުރިންވެސް ދެންނެވިފަދައިން، ޖައްވުގައި ގޭސްތައް މިހާރު ގިނަވެގެން ގޮސްފައިވާ ކަމަށް ސައިންސް ޢިލްމުވެރިންގެ ހޯދުންތަކުން އެފެންނަނީ.

އާދެ، ދެން އައްސަވާނެ، އަޅުގަނޑުމެންގެ ޖައްވުގެ ނުވަތަ ފަޒާގެ ވަކި ހިސާބެއްގައިވާ ފަށަލައެއްގެ ވާހަކަ. "އޯޒޯން ލޭޔަރ". އެވެސް މިހާރު ތުނިވަމުންދާ ވާހަކަ، ތިޔަބޭފުޅުން ބައެއް ނޫސްތަކުން ވިދާޅުވެފައި ހުންނާނެ. އެއީވެސް ހަމަ ތެދެއް. ސައިންސްގެ ޢިލްމުވެރިން މިހާރު ބަލާ ބެލުންތަކުން ސާބިތުވެއްޖެ. އެ އޯޒޯން ލޭޔަރުވެސް ތުނިވަމުންދާކަން. އެކަން އެހެންވަމުން ދިޔުމުގެ ސަބަބުން އިންސާނުންނަށް ވަރަށްބޮޑެތި ނުރައްކާތައް، މުސްތަޤްބަލްގައި ކުރިމަތިވާނެކަން އެނގޭ. އާދެ، އެ ލޭޔަރުގެ ނުވަތަ އެ ފަށަލައިގެ ބޭނުމަކީ، އިރުގައި ހުންނަ ވައިލެޓް ކުލައަށްވުރެ މަތީ ދޯދިތައް، އެދޯދިތައް ބިމަށް އަޔަނުދިނުން. ނުވަތަ އެއިން ބައެއް ދިފާޢުކުރުން. އެހުރިހާ ދޯދިތައް ބިމަށް އަންނަގޮތް ވެއްޖިއްޔާ، އިންސާނުންގެ ޞިއްޙަތަށް ވަރަށް ބޮޑެތި ގެއްލުން ލިބޭނެ. އޭގެ ތެރެއިން އެންމެ ބޮޑު އެއްކަމަކީ ހަމުގެ ކެންސަރު އިތުރުވެގެންދިޔުން. އަދި ލޮލުގެ ބައެއް ބަލިތައް އިތުރުވެގެންދިޔުން. މިކަހަލަ ބޮޑެތި ޞިއްޙީ ގެއްލުންތައް އިންސާނުންނަށްވެސް ލިބޭނެ. އަދި އިންސާނުން ފިޔަވައި އެހެނިހެން ޖަނަވާރުންނަށާއި އަދި ގަސްގަހާގެއްސަށްވެސް ލިބޭނެ. އޭގެ ސަބަބެއް ކަމަށްވަނީވެސް ކުރިން އަޅުގަނޑު ދެންނެވިކަހަލަ ކަންތައްތައް. އެއީ ޖައްވުގައި ވަކި ވައްތަރެއްގެ ގޭސްތަކެއް އިތުރުވެގެން ދިޔުން. އަދި ޚާއްޞަކޮށް، ކްލޯރޯ ފްލޯރޯ ކާބަންސް ނަމަކަށް ކިޔާ ކެމިކަލެއް އިނގޭތޯ. އެ މިހުންނަނީ އައިސްއަލަމާރީގެ ފިނިކުރާ ބައިގައި ނުވަތަ އެއަރ ކަންޑިޝަންގެ ފިނިކުރާ ބައިގައި. ނުވަތަ އެކިއެކި ބޭނުންތަކަށް އަޅުގަނޑުމެން މިގެންގުޅޭ އެކިކަހަލަ ފުޅި "އެއަރަސޯލް" ފުޅި. އެއެއްޗެތިން މިނުކުންނަ އެއްޗެއް މިދެންނެވި ކެމިކަލްސް. މިވެސް ނުކުންނަލެއް ގިނަކަމުން، ކޮންމެ ދުވަހަކު އެތައްހާސް ޓަނެއް، ކޮންމެ އަހަރަކު އެތައް މިލިޔަން މިލިޔަން ޓަނެއް، އޭގެ ދުނިޔެއަށް އިތުރުވަމުން އެބަދޭ. ދުނިޔޭގެ ފަޒާގެ ތެރެއަށް. އެއެއްޗެތި މިދަނީ. ގޮސް މަތީގައި އެއްވަނީ. އެއްވެގެން އޭގެ ސަބަބުން ކުރިން މިދެންނެވި އޯޒޯން ލޭޔަރ ތުނިވެގެން އެދަނީ.

އެހެންވީމާ، މިކަންތައްތައް މިއީ ވަރަށް ކުރިއްސުރެ، ތެދުތެދަށް ދަންނަވަންޏާ، ދުނިޔެއަށް ޞިނާޢީ އިންޤިލާބު އައުމުގެ ފަހުން، ވީހާ ދުވަސްތަކެއްގެ ތެރޭގައި މަޑުމަޑުން އިތުރުވަމުން އިތުރުވަމުންދާ ކަންތައްތަކެއް މިއީ. އެކަންތައްތައް އިންސާނުން ކުރަމުން މިގެންދަނީ، އެމީހުންގެ ދިރިއުޅުން ތަނަވަސްކުރުމަށް. ގިނަ ތަކެތި އުފެއްދުމަށް. މޮޅުގައި، އަރާމުގައި އިންސާނުން އުޅުމުގެ ބޭނުމުގައި. އެހެންނަމަވެސް، އޭގެ އާޚިރު ނަތީޖާއަކަށްވަނީ އަޅުގަނޑުމެންގެ ތިމާވެށި، މުޅި ދުނިޔޭގެ ތިމާވެށި ހަލާކުވެގެން ދިޔުން.

އެހެންވީމާ، އަޅުގަނޑުމެން ދިވެހިންވެސް މިއަދު އެންމެ ބޮޑަށް ވިސްނަން ޖެހިފައި އޮތް ނުކުތާއަކީ، އަޅުގަނޑުމެންގެ ރާއްޖޭގެ ތިމާވެށި ސަލާމަތްކުރުން. އާދެ، ރާއްޖޭގެ ތިމާވެށި ހަލާކުވަމުންދާކަމުގެ ވަރަށްގިނަ ދަލީލުތައް މިހާރު ފެންނަމުން އެބަދޭ، އަޅުގަނޑުމެންގެ ރަށްތަކުން. ރަށްތައް ގިރުން. އަދި އަޅުގަނޑުމެން ކަންތައް ކުރާގޮތުން، މިދެންނެވީ ފަރުފަރުން ވަކި އުޞޫލެއް ބެލުމެއްނެތި ގާނެގުން. ރަށްރަށުގައި ފާލަންއަޅާއިރުވެސް، ރަނގަޅަށް ނުވިސްނައި ނުވަތަ ރަނގަޅަށް ނުބަލައި ފާލަން އަޅައިފިއްޔާ، އެހެން ދިމާއަކުން ގިރަން ފަށާ. އަޅުގަނޑުމެން ރުއްގަސް ކަނޑާއިރުވެސް ދަންނަވާނީ ހަމަ ގޮތެއްފޮތެއް ނުބަލަނީ. ދެންނެވެން އޮތީ އެހެން. އަދި އަމުދުން މާލޭގައި، ގޯތިގެދޮރު އެޅުމަށްޓަކައި ނުވަތަ އާމްދަނީ ހޯދުމަށް މީހުން ކޮޓަރި، ގޭގޭގައި، އިތުރު ކޮޓަރި ނުވަތަ ފިހާރަ އެޅުމަށްޓަކައި ކެނޑި ގަސްތަކުގެ ސަބަބުން މިހާރު އޭގެ ނުބައި ނަތީޖާ އަޅުގަނޑުމެން މިއަދު މިއޮތީ އިޙްސާސް ކުރަންޖެހިފައި. މާލޭގެވެސް ޖައްވު އެތައް ތަނެއް ނުސާފުވެގެން ހިނގައްޖެ. ގަސްތައް ކެނޑީމާ، ވެހޭ ވާރޭވެސް މަދުވާނެކަމަށް ސައިންޓިސްޓުން ބުނޭ. އެކަންވެސް އަޅުގަނޑުމެންނަށް ކުރިމަތިނުވާނެކަމެއް ނޭނގެ. އަދި މާލޭގެ ފެން ލޮނުވުމާއި، މީހުން ގިނަވުމުގެ ސަބަބުން އަދި މާލޭގެ ފެން ބޭނުންކުރެވޭލެއް ގިނަކަމުން، އެއީ ވަކިވަރަކަށް ހުރި އެއްޗެއް އެއްޗަކީ. ކޮންމެ އަހަރަކުވެސް ވާރޭވެހެނީ ވަކިވަރަކަށް. އެހެންވީމާ، އިތުރުވަމުންދާ އެތިކޮޅު އެއީ ވަކިވަރަކަށް އިތުރުވަމުންދާ އެތިކޮޅެއް. އެ ވަކިވަރަކަށް ހިފެހެއްޓިފައި ހުއްޓާ، އަޅުގަނޑުމެން އެއިން ބޭނުންކުރާ މިންވަރު، މާ މައްޗަށް ދަނީ. ވިހިހާސް މީހުން ދިރިއުޅެން އެކަށީގެންވާ ޖަޒީރާއެއްގައި، ފަންސާސް ހާސް މީހުންނަށްވުރެ ގިނައިން އުޅެންޏާ، ވާނެގޮތް ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ.

މާލޭގެ ފެނާ ބެހޭގޮތުން އެކި ހޯދުންތައް ހޯދި މީހުން ބުނާގޮތުގައި، މާލޭގައި ހުރީ 20000 މީހުންނަށް ފުދޭވަރުގެ ފެންފޮދެއް. މާލޭގެ ބިމުގެ އަޑީގައި. އެއަށްވުރެ ގިނަ މީހުން މާލޭގައި ދިރިއުޅެމުންދާ ކަމަށްވަންޏާ، އެއްދުވަހުން އަނެއް ދުވަހަށް ދާނީ ފެންފޮދު މަދުވަމުން. މީގެ ނިޝާންތައް ތިޔަބޭފުޅުންނަށް މިހާރު ފެނިވަޑައިގަންނަވާނެ. މާލޭގެ ވަރަށްގިނަ ހިސާބުގައި ފެން ލޮނުވަމުން އެބަދޭ. ފެން ގޯސްވަމުން، ކުނިވަމުން އެބަދޭ. އަދި މާލޭގައި ހުރި ގަސްގަހާގެއްސަށް މި އަންނަ ބަދަލުތައްވެސް ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ. އެހެންވީމާ، މިވާހަކަ އިތުރަށް ދަންނަވާކަށް ނުޖެހޭ. އެއީ ރާއްޖޭގެ ރައްޔިތުންނަށް ރަނގަޅަށް އިޙްސާސް ކުރެއްވޭނެ ކަންތައްތަކެއް ކަމަށްވާތީ.

އަޅުގަނޑު ދަންނަވާލަން އޮތް ވާހަކައަކީ، އެކަންތައްތައް ރަނގަޅު ކުރުމަށްޓަކައި މިހާރުއްސުރެ ފިޔަވަޅު އަޅަންވެއްޖެއޭ. އަޅުގަނޑުމެންނަށް ފިޔަވަޅު އެޅުން މިހާރުވެސް ލަސްވެއްޖެއޭ. އާދެ، އެކަން ވާނެވެސްގޮތް. އަޅުގަނޑުމެންނަށް އެނގެނީ، ދުނިޔޭގެ އެހެން ތަންތަނަށް އެނގޭތާ މާފަހުން. އަޅުގަނޑުމެންނަށް ނޭނގި މިއޮތް ހުރިހާ ދުވަހު މިކަންތައްތައް މިހެން ކުރެވެމުން މިދިޔައީ. އޭގެ ސަބަބުން މިހާބޮޑެތި ނުރައްކާތައް މިހާރު އަޅުގަނޑުމެންނާ ކުރިމަތިވެއްޖެ. ދެން އެޅެން އޮތް ފިޔަވަޅަކީ ކޮބައިތޯ؟ ދެން އެޅެން އޮތް ފިޔަވަޅަކީ ދެން އޮތްތަންވެސް ސަލާމަތްކުރުމަށްޓަކައި މިހާރު އަޅުގަނޑުމެންގެ ތިމާވެށީގެ ތެރެއިން ހަލާކުނުވެ އޮތްބައި، ހަޑިނުވެ އޮތްބައި، އެބައިވެސް ސަލާމަތް ކުރެވޭތޯ، މިންޖުކުރެވޭތޯ، ދެން ކުރަން އޮތް މަސައްކަތްތަކެއް ކުރުން.

އާދެ، އެންމެ ފުރަތަމަ އެއްކަމަކީ ކުނި އެއްޗެތި އަޅުގަނޑުމެން ތަންތަނަށް އުކައިނުލުން. އަޅުގަނޑުމެންގެ ކަނޑު ކަނޑަށާއި ފަރުފަރަށްވެސް ކުނިއުކައިނުލުން. ޕްލާސްޓިކް ކޮތަޅާއި، ދަޅާއި، އަދި އެނޫންވެސް އެކަހަލަ އެއްވެސް އެއްޗެއް ކަނޑަށް ނޭޅުން. އަދި އަޅުގަނޑުމެން، އެއްވެސް ތަނަކުން ގާނަގާ ކަމަށްވަންޏާވެސް، ވަރަށް ބޮޑަށް ވިސްނައިގެން އެތަނަކަށް ގެއްލުމެއްނުވެ، ނެގެންއޮތް މިންވަރަކުން ގާ ނަގަމުން ގެންދިޔުން. ތަންތާނގައި ފާލަންއަޅާއިރު، ރުއްގަސް ކަނޑާއިރު، އަޅުގަނޑުމެން މިހުރިހާ ކަންތައްތަކަށް ވިސްނައިގެން، ތަނަށް ގެއްލުމެއް ނުލިބޭގޮތުގެމަތިން ކަންތައް ކުރަމުން ގެންދިޔުން. އާދެ، މިއީ އަޅުގަނޑުމެން އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ. އެއީ ކަމުގެ ނުރައްކާތެރިކަން ބޮޑުކަމުން. އަޅުގަނޑަށް ހީވަނީ މުޅި ރާއްޖޭގެ ރައްޔިތުން މިކަމުގައި އެއްބާރުލައްވަން ޖެހޭނެހެން. އެއީ ހަމައެކަނި ސަރުކާރުން ކުރާ މަސައްކަތަކުން ތިމާވެށި ރައްކާތެރިއެއް ނުކުރެވޭނެ. ތިމާވެށި ރައްކާތެރި ކުރުމަކީ ހަމަ ކޮންމެ އިންސާނެއްގެވެސް ވާޖިބަކަށްވާންޖެހޭނެ.

ތިމާވެށްޓަކީ ކޮބައިތޯ؟ އެއީ ތިމާ އުޅޭ މާޙައުލު. އަޅުގަނޑުމެން މިދިރިއުޅޭ ބިމާއި، އަޅުގަނޑުމެން ބޯފެނާއި، އަޅުގަނޑުމެން ނޭވާލާ ވަޔާއި، އަޅުގަނޑުމެން މި ބޭނުންކުރާ ގަސްގަހާގެއްސާއި، އަޅުގަނޑުމެންގެ ވަށައިގެންވާ ކަނޑާ، މިއީ ތިމާވެށްޓަކީ. އެއިން ކޮންމެ ތަނަކުންވެސް އޭގެ ފައިދާ އަޅުގަނޑުމެން ލިބިގަންނަ ކަމަށްވަންޏާ، އެ ރައްކާތެރި ކުރަންޖެހޭނެ. އެ ބޭނުންކުރަންޖެހޭނީ ވަކި އުޞޫލެއްގެ މަތިން. އެއަށް ގެއްލުން ނުލިބޭ ގޮތެއްގެ މަތިން. އެހެން ނޫނީވިއްޔާ، މިހާރުވެސް މިވީގޮތް، ކުރިއަށް އޮތްތާނގައި މާބޮޑަށް އިތުރުވަމުންދާނެ.

އާދެ، ކޮންމެ ކަމެއްގައިވެސް އަޅުގަނޑުމެން ބަލައިލަނީ، މާތްވެގެންވާ އިސްލާމްދީނުގައި ކީކޭތޯ އަންގަވާފައި އޮތީ. އެއީ އަޅުގަނޑުމެންނަށް ހިދާޔަތުގެ ގޮތުގައި ފޮނުއްވާފައިވާ ޢަޤީދާއަކީ، އުޞޫލަކީ، ދީނަކީ. އާދެ، އިސްލާމްދީނުގައި އެއްވެސް ކަމެއް އިހުމާލު ކުރައްވާފައެއް ނެތް. ހުރިހާ ކަމެއްގެ އިރުޝާދު، ހުރިހާ ކަމެއްގެ ހިދާޔަތު އެދީނުގައިވޭ. ހަމައެކަނި އަޅުގަނޑުމެން އެހިދާޔަތު ދެނެގެންފިނަމަ، އެހިދާޔަތާ އެއްގޮތަށް ޢަމަލުކޮށްފިނަމަ، އަޅުގަނޑުމެންނަށް މިހުރިހާ ނުރައްކާތަކަކުން ސަލާމަތްވެވޭނެ. އާދެ، ކީރިތި ޤުރްއާނުގެ ވަރަށް ގިނަ އާޔަތްތަކުގައި އަންގަވާފައިވާ ގޮތުން، ދުނިޔެ އުފައްދަވާފައި އަދި ދުނިޔޭގައިވާ ތަންތަނާއި ތަކެތި ލައްވާފައިވަނީ ވަރަށް މަތިވެރި އިލާހީ ނިޒާމެއްގެ މަތިން. އެމަތިވެރި ނިޒާމު ހަލާކުވާފަދަ ގޮތަކަށް އަޅުގަނޑުމެން ކަންތައް ކޮށްފީވިއްޔާ ވަރަށް ބޮޑެތި ނުރައްކާ ދިމާވާނެ. އިރާއި، ހަނދާއި، ތަރިތަކާ ލައްވާފައިވޭ، ވަރަށް މަތިވެރި އިލާހީ ޙިކުމަތަކަށްޓަކައި. އެއީ އިންސާނުންނަށް އޭގެ ފައިދާކުރުން. ކަނޑުތަކާއި، ކޯރުތަކާއި، ފަރުބަދަތަކާއި، ގަސްގަހާގެހި ލައްވާފައިވޭ. އޭގެ ސަބަބުން އިންސާނުންނަށް ފައިދާކުރުން. އިންސާނީ ނައުޢަށް، މުޅި އިންސާނިއްޔަތަށް، މުޅި ދުނިޔެއަށް އޭގެ ފައިދާ ލިބިގަތުމަށްޓަކައި ﷲ ލައްވާފައިވާ ތަކެއްޗާއި ތަންތަން އެއީ. ކަނޑައެޅިގެން ޤުރްއާނުގެ ޞަރީޙަ ޢިބާރާތުން އެހެން އަންގަވާފައި އެބައޮތް. އެހުރިހާ ތަންތަނާއި ތަކެއްޗާ ލައްވާފައިވަނީ އިންސާނުންގެ ހެވާއި، އިންސާނުންގެ ލާބަޔާއި، އިންސާނުންގެ ފައިދާއަށްޓަކައިކަން، ވަރަށްގިނަ އާޔަތްތަކުގައި އަންގަވާފައި އެބައޮތް. ﷲ ވަޙީކުރައްވާ، އެއްއާޔަތެއްގައި. އެއީ އަލް ޖާޘިޔަތު ސޫރަތުގެ 13 ވަނަ އާޔަތް. އެ އާޔަތުގައި ވަޙީކުރައްވާ، وَسَخَّرَلَكُم مَّا فِى السَّمَٰوَاتِ وَمَا فِى الْأَرْضِ جَمِيعًا مِّنْهُ ۚ إِنَّ فِى ذَٰلِكَ لَأَيَٰتٍ لِّقَوْمٍ يَتَفَكَّرُونَ ‎﴿١٣﴾‏. ﷲ ވަޙީކުރައްވަނީ، "އެކަލާނގެ ތިޔަބައިމީހުންނަށް، އުޑުގައިވާ ހުރިހާ ތަކެއްޗާއި، ބިމުގައިވާ ހުރިހާ ތަކެއްޗާ ލައްވައި، ތިޔަބައިމީހުންގެ ބާރުގެ ދަށަށް އެތަކެތި ގެންނެވީމޭ، އެއީ އެކަލާނގެ ޙަޟްރަތުން ތިޔަބައިމީހުންނަށް ލެއްވި ރަޙްމަތެއްގެ ގޮތުގައޭ. އެކަލާނގެ ތިޔަބައިމީހުންނަށް ދެއްވި ނިޢުމަތެއްގެ ގޮތުގައޭ. ހަމަކަށަވަރުން އެކަންތައްތަކުގައި ވިސްނައި ފިކުރުކުރާ ބަޔަކަށް ވަރުގަދަ ހެކިތަކެއްވެއޭ." އާދެ، މިއާޔަތުގައި އެ އަންގަވަނީ ތިޔަބައިމީހުންނަށޭ، وَسَخَّرَ لَكُم ތިޔަބައިމީހުންނަށް އުޑުގައިވާ ހުރިހާ ތަކެއްޗާއި، ބިމުގައިވާ ހުރިހާ ތަކެއްޗާ، ތިޔަބައިމީހުންގެ ފައިދާއަށް ﷲ ލެއްވިއޭ. ތިޔަބައިމީހުންނޭ ވަޙީކުރެއްވުމުން، އޭގެ މާނައަކީ، ހަމައެކަނި ވަކި ޒަމާނެއްގައި އުޅޭބައެއް ނޫނެއްނޫންތޯ؟ އެއީކީ މިހާރު ދުނިޔޭގައި ތިބި މީހުން އެކަންޏެއް ނޫން. އެއީކީ މާޒިވެގެންދިޔަ ތާނގައި ދުނިޔޭގައި އުޅުނު މީހުން އެކަންޏެއް ނޫން. އެއީ މުސްތަޤްބަލުގައި އަންނަން އޮތް ހުރިހާ އެންމެން އޭގައި އެކުލެވޭގޮތުން، ﷲ وَسَخَّرَ لَكُم ތިޔަބައިމީހުންނަށޭ ވަޙީ އެ ކުރައްވަނީ. އެހެންވީމާ، އަޅުގަނޑުމެންނަށް ދެއްވާފައިވާ ނިޢުމަތްތަކުގެ ބޭނުންކުރާއިރު، މިނިޢުމަތްތައް ދެއްވާފައި މިވަނީ އަޅުގަނޑުމެންނަށް އެކަނި ނޫންކަން އަޅުގަނޑުމެންގެ ފަހުން އަންނަން އޮތް ޖީލުތަކަށްވެސް އޭގެ ފައިދާ ލިބެންޖެހޭނެކަން އަޅުގަނޑުމެން އިޙްސާސްކުރާނަމަ، މިދެންނެވި ގޮތަށް ކަންތައްތައް ވާކަށެއް ނުޖެހޭނެ.

ކުރިންވެސް ދެންނެވި ފަދައިން، ތިމާވެށި ހަލާކުވަމުން ދިޔުމުގެ، ނުސާފުވަމުން ދިޔުމުގެ އެންމެ ބޮޑު ސަބަބަކީ، އަޅުގަނޑުމެން، ތިމާވެށީގައި ހިމެނޭ ތަކެއްޗާއި، އޭގައި ހުރި ބާރުތައް ބޭނުންކުރަމުން ގެންދާއިރު، ފަހަށް ނުބަލައި އަވަހަށް ތަނަވަސްކަން ލިބިގަތުމަށްޓަކައި، އަވަހަށް މުއްސަނދިވުމަށްޓަކައި އޭގެ ބޭނުން ކުރަމުންގެންދާލެއް ބޮޑުކަން. އިސްރާފު ކުރަމުން ގެންދާލެއް ބޮޑުކަން. ބިމުގެ އަޑީގައިވާ މަޢުދަން، އެކިވައްތަރުގެ މަޢުދަން، އަޅުގަނޑުމެން، އަޅުގަނޑުމެންނެއް ނޫން، މިދަންނަވަނީ އިންސާނުން. ދުނިޔޭގެ ތަންތާނގައި އެކި މަޢުދަންތައް ލައްވާފައިވާ މުއްސަނދި ޤައުމުތަކުން، އެނަގަމުން ދަނީ ވަކިވަރެއް ބަލައިގެންނެއް ނޫން. ގިނައިން ނެގުނުވަރަކަށް ގިނައިން ފައިސާ ލިބޭ. އެހެންވީމާ، އަވަހަށް ނަގަމުން ގެންގޮސް ހުސްކޮށްލަނީ. ތެޔޮ، ތެޔޮ ނަގަމުންވެސް ގެންދަނީ ހަމަ އެހެން. މީގެ 50 އަހަރު ފަހުން، 100 އަހަރު ފަހުން ތެލެއް ނުހުންނާނެ. މިސާލެއް ދަންނަވަންޏާ، އެހެން މަޢުދަންތައްވެސް ހުސްވެގެންދާނެ. އެކަމަށް ނުބަލައި މިހާރު އިންސާނުން ޢަމަލުކުރަމުން އެގެންދަނީ އަވަހަށް މުއްސަނދިވުމަށްޓަކައި. އަވަހަށް ތަނަވަސްކަން ހޯދައިގަތުމަށްޓަކައި.

އެހެންވީމާ، އަޅުގަނޑު މިދެންނެވި އާޔަތުގައި އަންގަވާފައިވާ އުޞޫލާ ޚިލާފަށް އެ ޢަމަލުކުރެވެނީ. އަޅުގަނޑުމެންނަށް ދެއްވާފައިވާ ނިޢުމަތްތައް ދެއްވާފައިވަނީ އަޅުގަނޑުމެންނަށް އެކަންޏެއް ނޫން. ދުނިޔޭގައި ދިރިއުޅޭނެ، މުސްތަޤްބަލުގައިވެސް އާޚިރަތް ދުވަހާ ޖެހެންދެން ދިރިއުޅޭނެ އެންމެންނަށް. އެއެންމެންނަށް ފައިދާހުރިގޮތަށް ވިސްނައިގެން އަޅުގަނޑުމެން މިއަދު އޭގެ ބޭނުންކުރަންޖެހޭނީ. އެހެންވީމާ، އެކަންތައްތައްވެސް އަޅުގަނޑުމެންނަށް ވިސްނިގެން ނޫނީ، މިހާރު އަޅުގަނޑުމެންގެ ތިމާވެށްޓަށް މި ކުރިމަތިވެގެން އުޅޭ މައްސަލަތަކުން އަޅުގަނޑުމެންނަށް ޙައްލެއް ހޯދޭކަށް ނޯންނާނެކަން ކަށަވަރު.

އާދެ، ކުރިންވެސް ދެންނެވިފަދައިން، އަޅުގަނޑުމެން މިހާރުން މިހާރަށްވެސް އަޅަންޖެހިފައިވާ ވަރަށްގިނަ ބޮޑެތި ފިޔަވަޅުތަކެއް އެބަހުރި. އެފިޔަވަޅުތައް އެޅުމަށް ކޮންމެހެން ސަރުކާރުން އަމުރުކުރީމަކާ ނޫން. ކޮންމެ ދިވެހި ރައްޔިތަކުވެސް އޭނާގެ އަމިއްލަ ޟަމީރަށް ފެނިގެން، އޭނާއަށް ޤަބޫލުކުރެވިގެން އެކަންތައް ކުރަންވީ. ކުނި އުކާލާއިރު، އެހެން ކަމެއް ކުރާއިރު، ފެނުގެ ބޭނުންކުރާއިރުވެސް، އިސްރާފުނުކުރަން. ކަނޑަށް، މޫދަށް އެއްޗެތި އުކާއިރުވެސް، އޭގެ ސަބަބުން ދިމާވާ ނުރައްކާ އިޙްސާސްކޮށްގެން އެހެން ނަހަދަންވީ. ކޮންމެ މީހަކުވެސް ތިމާ އަމިއްލައަށް. ކޮންމެ މީހެއްގެ ކައިރީގައި ސިފައިންގެ މީހަކު ނުބެހެއްޓޭނެ، އެމީހާ ކަންތައްކުރާގޮތް ބަލާކަށް. އެމީހާގެ އަމިއްލަ ޟަމީރު ތަންދޭ ގޮތެއްގެ މަތިން އެމީހަކު ކަންތައް ކުރާނީ. އެހެންވީމާ، އެކަހަލަ ދިރޭ، ދިރުންހުރި ޟަމީރެއް ބޭނުންވަނީ ކޮންމެ ދިވެހި ރައްޔިތެއްގައިވެސް ހުންނަން. އެމީހާ އަމިއްލައަށް، އެމީހާގެ އަމިއްލަ ފައިދާއަށްޓަކައި، އެމީހާގެ މުޖުތަމަޢުގެ ފައިދާއަށްޓަކައި އަދި މުސްތަޤްބަލުގައި އަންނަން އޮތް ދަރިފަސްކޮޅުގެ ފައިދާއަށްޓަކައި، ކޮންމެ މީހަކުވެސް އެމީހެއްގެ ޢަމަލުތައް މިއަދުވެސް ކޮންޓްރޯލް ކުރަންވީ. ދިވެހި ހުރިހާ ރައްޔިތުން. އެއީ އަޅުގަނޑުގެ މިއަދު ނަޞޭހަތަކީ އަދި އިލްތިމާސަކީ.

ދެން ކޮންމެ ކަމެއްވެސް ހަމައަކަށް އެޅޭނީ ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނޭ ފަދައިން، ކަމާބެހޭ ޤަވާޢިދު ނުވަތަ ޤާނޫނެއް ހެދިގެން. އެހެންވީމާ، އެކަން އެއީވެސް އަޅުގަނޑު ދެކޭގޮތުގައި މިހާރު ކުރަންވެއްޖެ ކަމެއް. ރާއްޖޭގެ ތިމާވެށްޓާބެހޭ ހަރުދަނާ ޤަވާޢިދެއް ނުވަތަ ޤާނޫނެއް ހެދެންވެއްޖެ. ޤަވާއިދު މިހާރުވެސް ހިސާބަކަށް ހެދިފައި އެބަހުރި. އެހެންނަމަވެސް، މިހާރު ހުރިވަރުން އަދި ފުދޭނެކަމަށް ނުފެންނާތީ، އަޅުގަނޑުމެންނަށް މިހާރު މިލިބުނު މަޢުލޫމާތުތަކުގެ މައްޗަށް ބިނާކޮށް އަދި މުސްތަޤްބަލުގައި އަޅުގަނޑުމެންގެ އަމިއްލަ ސަލާމަތްކަން، އަޅުގަނޑުމެން މިހާރު މިތިބި ދިވެހި ރައްޔިތުންނާއި އަދި މުސްތަޤްބަލުގައި އަންނަން އޮތް ޖީލުތަކުގެ ސަލާމަތަށްޓަކައި މިހާރުއްސުރެ އަޅުގަނޑުމެން ކަންތައް ކުރަންވީގޮތުގެ ރަނގަޅު ހަރުދަނާ ފުރިހަމަ ޤަވާއިދެއް ނުވަތަ ޤާނޫނެއްވެސް ހެދެންވެއްޖެ. އެ ހެދުނީމާ އެއާ އެއްގޮތަށް ހުރިހާ ދިވެހިން ޢަމަލުކުރަންޖެހޭނެ. އަދި އެފަދަ ޤަވާޢިދެއް ނުވަތަ ޤާނޫނެއް ހެދެންދެންވެސް، މިއަދުން ފެށިގެން ކޮންމެ ދިވެހިރައްޔިތަކުވެސް ޢަމަލުކުރަންޖެހޭނީ، ކުރިންވެސް މިދެންނެވި ގޮތުގެމަތިން. ތިމާ އަމިއްލައަށް އެކަން އިޙްސާސްކޮށްގެން.

ދުނިޔޭގެ އެހެން ތަންތަނާ ޚިލާފަށް، ރާއްޖެއަށް ލިބިފައިވާ ނިޢުމަތާއި ރަޙްމަތް، ޝައްކެއްނެތްގޮތުގައި ވަރަށްވެސް ބޮޑު. މިދެންނެވީ ތިމާވެށި ހަޑިވަމުން، ހަލާކުވަމުންދާދިޔުން ރާއްޖެއަށް އަންނަލެއް ކުޑަ، އެހެން ތަންތާނގެ ނިސްބަތުން. އެއީ ރާއްޖޭގައި ބޮޑެތި ކާރުޚާނާތަކެއް ނެތް. ރާއްޖޭގައި ޞިނާޢީގޮތުން މިތަކެތި އުފެއްދީމާ، އެއިން ނުކުންނަ ބޭކާރުވެގެންދާ އެކި ވައްތަރުގެ ކެމިކަލްތަކާއި ގޭސްތަކެއް ރާއްޖެއަކު ނެތް. އެހެންވީމާ، ރާއްޖޭގެ ވަޔަކީ މިހާތަނަށް، ދުނިޔޭގެ އެހެން ތަންތާނގެ ވަޔަށްވުރެ މާ ސާފު ވަޔެއް. ރާއްޖޭގެ މޫދަކީ، ކަނޑަކީ މިހާތަނަށް ދުނިޔޭގެ އެހެން ތަންތާނގައި އޮންނަ މޫދުތަކާއި ކަނޑުތަކަށްވުރެ ސާފު، ރީތި މޫދުތަކަކާއި ކަނޑުތަކެއް. ރާއްޖޭގެ ފަސްގަނޑަކީވެސް ހަމަ އެފަދައިން. އެހެންވީމާ، މިބޮޑު ނިޢުމަތުގެ އަގު އަޅުގަނޑުމެން ވަޒަންކޮށް، އެކަން މިހާރު އަޅުގަނޑުމެންނަށް ލިބިފައިމިވާ ފުރިހަމަކަމާއި، ރީތިކަމާ ސަލާމަތްކުރެވޭ ގޮތަކަށް އަޅުގަނޑުމެން ހުރިހާ ކަމެއްވެސް ކުރަންވީ.

އާދެ، ބޭރުގެ ބައެއް މީހުން ރާއްޖެއަށް ޒިޔާރަތްކޮށްފައި، ރާއްޖޭގެ ރީތިކަން ސިފަކޮށްފައި އޮންނަ ސިފަކުރުން އަޅުގަނޑުހިތުން ތިޔަބޭފުޅުންވެސް ހަމަ ދެކެވަޑައިގަންނަވާނެ، ވިދާޅުވާނެ، ފޮތްފޮތުން، ނޫސްތަކުން. ކޮންމެވެސް އެކަކު ބުނެފައިވޭ. "ރާއްޖޭގެ ރަށްތަކަކީ ނޫކުލައިގެ މަޚްމާ ފޮތިގަނޑެއްގެ މައްޗަށް އުކާލެވިފައިވާ ފެހި އެސްތަކަކުން ގަތާލެވިފައިވާ ހާރުތަކެކޭ. އެއިން ކޮންމެ އެހެއް ވަށާލެވިފައިވަނީ ރަންކުލައިގެ ދޮންވެލި ބުރަކުންނޭ." މިފަދަ ރީތި މަތިވެރި ގޮތަކަށް ބޭރުމީހުން ރާއްޖެ ދެކެފައިވަނީ. އަދި ރާއްޖޭގެ ރަށްތައް ސިފަކޮށްދީފައިވަނީ. އެހެންވީމާ، އަޅުގަނޑުމެން މިއަދު ޢަމަލުކުރަންވީ އެރީތިކަން ދެމެހެއްޓޭތޯ. އެއީ ހަމައެކަނި ރީއްޗަށްޓަކައެއް ނޫން. އޭގައި އަޅުގަނޑުމެންގެ ފައިދާވެސް އޮތީ. އެހެންވީމާ، އެރީތިކަން ރައްކާތެރިކުރެވޭތޯ އަޅުގަނޑުމެން ހުރިހާ މަސައްކަތެއްވެސް މިއަދުން ފެށިގެން ކުރަންވެއްޖެ.

އާދެ، ރާއްޖޭގެ ރަށްތަކަކީ މަތިވަރުހެޔޮ ފެހި ރުއްތަކަކާއި ގަސްތަކަކުން ތާޖު އެޅިފައިވާ، ދޮންވެލިގަނޑުތަކަކުން ވިހޭފަށްލެވިފައިވާ ސާފު ނޫ ވިލުތަކެއްގެ މެދުގައި އުފެދިފައިވާ ރަށްތަކެއްގެ ގޮތުގައި އަޅުގަނޑުމެން ބާއްވަންވެއްޖެ. އެހެންވީމާ، އަޅުގަނޑުގެ އިލްތިމާސަކީ، އަޅުގަނޑުގެ އެދުމަކީ މިއަދު ރާއްޖޭގެ ހުރިހާ ރައްޔިތުންވެސް އަޅުގަނޑު މިދެންނެވި ކަންތައްތަކުގެ މައްޗަށް ރަނގަޅަށް ވިސްނާވަޑައިގެން، ކޮންމެ ރައްޔިތަކުވެސް، އެމީހަކު އަމިއްލައަށް، ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމާ ބެހޭގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅަމުން ގެންދިޔުން. ރާއްޖޭގެ ހުރިހާ ރައްޔިތުން މިކަމުގައި އެއްބާރުލައިގެން ނޫނީ، އެއްވެސް ޙާލެއްގައި މިހާރު ރާއްޖެއާ ކުރިމަތި މިވެފައިވާ މިދެންނެވި ކަހަލަ ޤުދުރަތީ ބޮޑެތި ނުރައްކާތަކުން ސަލާމަތްވެވޭކަށް ނޯންނާނެ. އަދި ޢަމުދުން މުސްތަޤްބަލުގައި، ކުރިންވެސް ދެންނެވިފަދައިން، ކަނޑުގެ ލޮނުގަނޑު ބޮޑުވަމުންދާދިޔުމުގެ ސަބަބުން ދިމާވާނެ ނުރައްކާތަކަކުން ސަލާމަތްވެވޭކަށް ނޯންނާނެ. އެހެންވީމާ، މިހާރުއްސުރެ ފެށިގެން އަޅުގަނޑުމެން ޢަޒުމް ކަނޑައަޅަންވީ، ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށް. ތިމާވެށި މިހާރު ގޮސްފައިވާ ހިސާބުންވެސް އިތުރަށް ހަލާކުނުވެ، ހަޑިނުވެ، ނުސާފުނުވެ، ދާނެގޮތެއްގެ މަތިން ޢަމަލުކުރުމަށް.

އާދެ، އަޅުގަނޑުގެ ދުޢާއަކީ اللَّـهُ سُبْحَانَهُ وَتَعَالَىٰ ދިވެހި ރައްޔިތުންނަށް، އަދި ރައްޔިތުންގެ ކަންތައްތައް ބަލަހައްޓާ ފަރާތްތަކަށް އެކަލާނގެ މަތިވެރި ތައުފީޤު ދެއްވުން. ހެޔޮ ވިސްނުމާއި ޙިކުމަތްތެރިކަން ދެއްވުން. ކެތްތެރިކަމާއި، ކަންތައްތައް ކުރަންވީ ގޮތުގެ ހަރުދަނާ އުޞޫލުތައް ދެނެގަތުމުގެ ބާރު، އެހުރިހާ ފަރާތްތަކަކަށް ދެއްވުން. އަދި ރައްޔިތުންނާއި ސަރުކާރާ ގުޅިގެން ރާއްޖޭގެ ސަލާމަތަށްޓަކައި، ރާއްޖޭގެ ރައްޔިތުންގެ ސަލާމަތަށްޓަކައި، ރާއްޖޭގެ އަމަންއަމާން ކަމަށްޓަކައި، ރާއްޖޭގެ ތަރައްޤީއަށްޓަކައި، ކުރާ ހުރިހާ މަސައްކަތެއްގައި ބަރަކާތްލެއްވުން.

والسّلام عليكم ورحمـة اللّـه وبركاته.