ޔޫކްރެއިންގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުވުން އޮތީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ބައްދަލުވުމުގައި، މިކަމާ ގުޅޭގޮތުން މިނިސްޓްރީ އޮފް ފޮރިން އެފެއާޒްއިން ހުށަހެޅުއްވި ކަރުދާހާމެދު ވާހަކަފުޅުދައްކަވަމުން ވަޒީރުން ވަނީ ޔޫކްރެއިންގެ މައްސަލައިގެ ސަބަބުން ދުނިޔޭގެ މަސްރަޙުގައި ތަކެތީގެ އަގުތައް އުފުލުމުގެ އިތުރުން އިޤްތިޞާދީ ގޮތުން ދިވެހިރާއްޖެއަށް ކުރިމަތިވެދާނެ ނޭދެވޭ އަސަރުތަކާ ގުޅޭ މަޢުލޫމާތު ހިއްސާކުރައްވައި އެ ފަދަ އަސަރުތައް ކުޑަކުރުމަށް ކުރެވެންހުރި ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފައެވެ. މީގެ އިތުރުން ބައިނަލްއަޤްވާމީ މަސްރަޙުގައި ދިވެހިރާއްޖެއިން މި މައްސަލައާމެދު ގެންގުޅޭ ސިޔާސަތުގެ މައްޗަށް ވަޒީރުން ވަނީ ފުޅާ ދާއިރާއެއްގައި ވާހަކަފުޅުދައްކަވާފައެވެ.

މިއަދުގެ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ޢަބްދުﷲ ޝާހިދު ބައިވެރިވެވަޑައިގެންފައި ވަނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށެވެ.