އ.ދ. ގެ ކާބޯތަކެއްޗާއި ދަނޑުވެރިކަމާ ބެހޭ ޖަމުޢިއްޔާގެ ޑިރެކްޓަރ ޖެނެރަލް ކޫ ޑޮންގްޔޫ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި އެފް.އޭ.އޯ ގެ ޑިރެކްޓަރ ޖެނެރަލް ވަނީ ދުނިޔެއަށް އަންނަމުންދާ ބަދަލުތަކަށް ހޭނުމާއި ގުޅެގޮތުން އަދި ކާބޯތަކެތި ކަށަވަރުކުރުމުގައި ދިމާވާ ގޮންޖެހުންތަކާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން ދެބޭފުޅުން ވަނީ ކޮވިޑް-19 ގެ ސަބަބުން ދިމާވެފައިވާ އިޤްތިޞާދީ ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވައި، އަމިއްލަ ފުދުންތެރިކަމުގެ ތެރެއިން ކާބޯތަކެތި ކަށަވަރުކުރުމަށް ފަރުދީ ބައިވެރިވުން އިތުރުކުރުމަށް ބާރުއެޅުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރެއްވިގޮތުގައި ރާއްޖެއަކީ ފަތުރުވެރިކަމަށާއި ބޭރުގެ އިމްޕޯޓްތަކަށް ބަރޯސާވެފައިވާ ޤައުމަކަށްވުމުން ކޮވިޑް ގެ ބަލިމަޑުކަމުގެ ނޭދެވޭ އަސަރު ރާއްޖެއަށް ވަރަށް ބޮޑަށް ކުރިކަމަށާއި، ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް އެފް.އޭ.އޯ ފަދަ ޖަމުޢިއްޔާއެއްގެ އެހީތެރިކަމާއި ފަންނީ ލަފާ ގެ ބޭނުން ހިފައިގެން މިފަދަ ކަންކަމުން ކުރާ އަސަރު ކުޑަކުރުމަށް ކުރިޔަށް އޮތްތާގައި މަސައްކަތްކުރެވިދާނެކަމުގައި ވިދާޅުވިއެވެ. އަދި، އެމަނިކުފާނު ވަނީ ރާއްޖޭގެ ބިމުގެ ދަތިކަމާއި ލިބެން ހުރި ވަޞީލަތްތައް މަދުކަން ފާހަގަކުރައްވައި ދަނޑުވެރިކަން ކުރުމުގައި އީޖާދީ ޙައްލުތަކެއް ހޯދުމަށް އެފް.އޭ.އޯގެ އެހީތެރިކަން ބޭނުންވާކަން ހާމަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ޑިރެކްޓަރ ޖެނެރަލް ޑޮންގްޔޫ ވިދާޅުވޮގޮތުގައި މިހާރަށްވުރެ ބޮޑަށް އެފް.އޭ.އޯގެ އެހީތެރިކަން ރާއްޖެއަށް ފޯރުކޮށްދިނުމަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އާއެކު ގާތުން މަސައްކަތްކުރަމުންދާކަމަށާއި، މިކަމުގައި އ.ދ. ގެ އިދާރާތަކުގެ އެހީތެރިކަން ބޮޑުކަން ފާހަގަކުރެއްވިއެވެ.

މިފަހުން އެފް.އޭ.އޯ ގެ ޑިރެކްޓަރ ޖެނެރަލް މާނިޔާފުށްޓަށް ކުރެއްވެވި ދަތުރުފުޅަށް އަލިއަޅުއްވާލައްވަމުން، ޑިރެކްޓަރ ޖެނެރަލް ވަނީ ރާއްޖޭގައި މެރިކަލްޗަރ ތަރައްޤީކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތް ފާހަގަކުރައްވައި ތަޢުރީފްކުރައްވާފައެވެ. އަދި ރާއްޖޭގައި ދިރާސާތައްކުރުމަށް އަދި މިފަދަ ކަންކަން ތަރައްޤީކުރުމަށް އިތުރަށް އިންވެސްޓްކުރުމުގެ ބޭނުންތެރިކަން ޑިރެކްޓަރ ޖެނެރަލް ފާހަގަކުރައްވައި، މިކަންކަން ކުރުމަށް ބޭނުންވާ ތަމްރީނުތަކަށް ބޭނުންވާ އެހީތެރިކަން އެފް.އޭ.އޯ ގެ ފަރާތުން ދެއްވާނެކަމުގައި ވިދާޅުވިއެވެ.

މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑޮކްޓަރ ޙުސައިން ރަޝީދު ޙަސަންއާއި، އ.ދ. އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޒިޑެންޓް ކޯޑިނޭޓަރ ކެތަރިން ހަސްވެލް ވަނީ މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންފައެވެ.