"ހެއްކާބެހޭ ބިލު" ރައީސުލްޖުމްހޫރިއްޔާ، ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ. މިއީ، ޝަރީޢަތަށް ހުށަހެޅޭ މައްސަލަތައް ބެލުމުގައާއި އެ މައްސަލަތައް ފައިޞަލާ ކުރުމުގައި، އެ މައްސަލައެއްގައި ހިމެނޭ ޚަޞްމުން ޝަރީޢަތަށް ހުށަހަޅާ ހެކިތަކާމެދު ފަނޑިޔާރުން ޢަމަލުކުރާނެ ގޮތް ކަނޑައަޅައި، ބަޔާންކުރާ ބިލެވެ.

ސަރުކާރުން މި ބިލު މިހުށަހެޅުއްވީ، ހެއްކާބެހޭ ބިލަކީ ޢަދުލު އިންޞާފަށް ރުޖޫޢަވުމަށް ފަނޑިޔާރުން ބޭނުންކުރާ ވަސީލަތް ކަމަށްވެފައި، މިފަދަ ޤާނޫނެއް ދިވެހިރާއްޖޭގައި ނެތުމުގެ ސަބަބުން ޢަދުލު އިންޞާފު ޤާއިމު ކުރުމުގައި ޝަރުޢީ ކޯޓުތަކަށް ގިނަގުނަ ދަތިތަކާ ކުރިމަތިލާން ޖެހިފައިވާތީއާއި، އެކަމުގެ ސަބަބުން އިންޞާފު ޤާއިމުކުރުމަށް ހުރަސް އެޅެމުންދާތީއެވެ. އަދި ޝަރީޢަތަށް ދަޢުވާއެއް ސާބިތުވާ މިންގަނޑުތަކެއް އެކަށައެޅިފައި ނެތުމުގެ ސަބަބުން އެކި ކޯޓުތަކުން އެކި ގޮތަށް ޢަމަލުކުރުމަށް މަގުފަހިވެފައިވާތީވެ، މިކަން އިޞްލާޙު ކުރައްވައި ޝަރީޢަތް ކުރުމުގެ ޒަމާނީ މިންގަނޑުތަކެއް އެކަށައެޅުއްވުމަށްޓަކައެވެ.