بســم اللّـه الرّحمـن الرّحيــم

الحمـد للّـه ربِّ العـالمـين، والصّـلاة والسّـلام عـلى أشـرف المرسـلين، سَيِّدنا محـمَّدٍ وعلى آلـه وصحبـه أجمعـين.

އާދެ، މިއަދަކީ އަޅުގަނޑުމެންގެ މިނިވަންކަމަށް 22 އަހަރު ފުރޭ ދުވަސް. ދުވަހަކީ ޤައުމީ ފެންވަރުގައި އަދި ރައްޔިތުންގެ އަމިއްލަ ފެންވަރުގައި އުފާފާޅުކުރުން ޙައްޤު ދުވަހެއް. ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ ލޮބުވެތި އެންމެހައި ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވަން. އަދި އަޅުގަނޑުމެންގެ މިނިވަންކަން ދަމަހައްޓައި، އެ މިނިވަންކަން ވަރުގަދަކުރުމަށްޓަކައި اللهُ سُبْحَانَهُ وَتَعَالَىގެ ޙަޟްރަތުން ހެޔޮ ތައުފީޤަށާއި ވާތްގަށް އެދެން.

ޝައްކެއްނެތް، އަޅުގަނޑުމެންގެ މިނިވަންކަމަކީ ޒަމާންވީ މިނިވަންކަމެއް. އެތައް ސަތޭކަ އަހަރެއްގެ ކުރިން އަޅުގަނޑުމެންނަށް، އަޅުގަނޑުމެންގެ ރާއްޖެއަށް އަޅުގަނޑުމެންގެ ކާބަފައިން ހޯދައިދީފައިވާ މިނިވަންކަމެއް. ދެންމެ މިނިސްޓަރ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީޒްގެ ވާހަކަފުޅުގައި ވިދާޅުވިފަދައިން، އަދި އޭގެފަހުން ޑިޕާޓްމަންޓް އޮފް އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިންގގެ ޑިރެކްޓަރ ޖެނެރަލްގެ ވާހަކަފުޅުގައިވެސް އިޝާރާތް ކުރެއްވި ފަދައިން، އަޅުގަނޑުމެންގެ މިނިވަންކަން ގެއްލިފައިވަނީ ހަމަ އެންމެ ފަހަރަކު. އެއީ، ޕޯޗުގީޒުގެ އަތްދަށުގައި ދިވެހިރާއްޖެ އޮތް ދުވަސްވަރު. އެނޫން ހުރިހާ ވަގުތެއްގައި، އަޅުގަނޑުމެންގެ ދިގު ތާރީޚުގައި، ދިވެހިރާއްޖެއަކީ މިނިވަން ޤައުމެއްގެ ގޮތުގައި ދެމިއޮވެފައިވާ ޤައުމެއް.

އާދެ، އަޅުގަނޑުމެންގެ މިނިވަންކަމަކީ، ދުނިޔޭގެ ބައެއް އެހެން މިނިވަން ޤައުމުތައް ފަދައިން، ބޮޑެތި ހަނގުރާމަތަކެއްކޮށްގެން، ގިނަ ޢަދަދެއްގެ މީހުން މަރުވެގެން، ލޭ އޮހޮރުވައިގެން ލިބިފައިވާ މިނިވަންކަމެއް ނޫން. އެހެންކަމަށްވުމާއެކު، އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންނަށް ސިޔާސީ މިނިވަންކަމުގެ އަގު ވަޒަންކުރުން ހިސާބަކަށް ދަތިވެދާނެ. ކުރިންވެސް ދެންނެވި ފަދައިން، ދުނިޔޭގެ އެހެން ތަންތާނގައި، އެތައް ބައެއް ޝަހީދުވެ، އެތައް ބައެއްގެ ލޭ އޮހޮރުވުމަށްފަހުގައި ލިބޭ ބޮޑު ނިޢުމަތަކަށް މިނިވަންކަންވާތީ، އެތާނގެ ރައްޔިތުން، މިނިވަންކަމާ ދޭތެރޭގައި ގެންގުޅޭ ޚިޔާލު ނުވަތަ މިނިވަންކަމަކީ ކޮން އެއްޗެއްކަން އެމީހުންގެ ހިތުގައި ބިންވަޅު ނެގިފައިވާ ބިންވަޅު ނެގުން، ފަހަރެއްގައި އަޅުގަނޑުމެންނަށް އެއީ މާފަސޭހައިން ހިތަށްގެނެވޭ ކަމަކަށްނުވެހިނގައިދާނެ. ކަންއޮތީ މިހެން ކަމުގައިވިޔަސް، ފަހަރެއްގައިވެސް އަޅުގަނޑުމެން، އަޅުގަޑުމެންގެ މިނިވަންކަމާ ދޭތެރޭގައި ޣާފިލުވެ ތިބެގެން ނުވާނެ.

އަޅުގަނޑުމެންނަށް މިނިވަންކަން ލިބިފައިވަނީ اللهُ سُبْحَانَهُ وَتَعَالَى ގެ ވާގިފުޅާއެކު، މާބޮޑު ޖިހާދެއް ނުކޮށް. އާދެ، ޖިހާދެއް ނުކޮށޭ މިދެންނެވީ، ހަނގުރާމައިގެ ޖިހާދެއް ނުކޮށް. ޝައްކެއްނެތް، އަޅުގަނޑުމެންގެ މިނިވަންކަން، އަޅުގަނޑުމެންނަށް ލިބުނީ ސިޔާސީގޮތުން ދިވެހިރައްޔިތުން ކުރެއްވި ޖިހާދެއްގެ ނަތީޖާއެއްގެ ގޮތުން. އެހެންނަމަވެސް، ލޭ އޮހޮރުވުމެއްނެތި ލިބުނު މިނިވަންކަމަކަށްވާތީ، ކުރިންވެސް ދެންނެވި ފަދައިން، އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުން އެކަމާ ދޭތެރޭގައި ޣާފިލުވެ ތިބުމަކީ އެކަށީގެންވާ ކަމެއް. އެހެންނަމަވެސް، އަޅުގަނޑުމެން މިފަދަ ކޮންމެ ދުވަހެއްގައި ޢަޒުމް ކަނޑައަޅަންވީ، އަޅުގަނޑުމެންގެ މިނިވަންކަން ދިފާޢުކޮށް، އެ މިނިވަންކަން ރައްކާތެރިކޮށް، އެ މިނިވަންކަން ދެމެހެއްޓުމަށް އަބަދުވެސް ހޭލައި ތިބުމަށް. އާދެ، އެއީ އަޅުގަނޑު ހިތުން އަޅުގަނޑުމެންގެ ތެރެއިން ހަމަ ކޮންމެ މީހަކަށްވެސް އިޙްޞާސް ކުރެވޭނެ ބޭނުމެއް.

އާދެ، މިނިވަންކަން ލިބުމުގެ އުފާ އަޅުގަނޑުމެން ފާޅުކުރާ ދުވަސްދުވަހު އަދި އެނޫންވެސް ޤައުމީ އެކިއެކި މުހިންމު މުނާސަބަތުތަކުގައި، ވޭތުވެދިޔަ ތަނަށް ބަލައިލުމަކީ، ހަމަ އެންމެ ރަނގަޅު ކަމެއް. ވޭތުވެދިޔަތާނގައި އަޅުގަނޑުމެންނަށް ހޯދިފައިވާ ކާމިޔާބީތަކަކީ ކޮބައިތޯ؟ އަޅުގަނޑުމެންނަށް ޙާޞިލު ކުރެވިފައިވާ ކުރިއެރުންތަކަކީ ކޮބައިތޯ؟ އަދި އަޅުގަނޑުމެންނަށް ނުކުރެވި ދޫކޮށްލެވިފައިވަނީ، ކޮންކޮން ކަންތައްތަކެއްތޯ؟ އަޅުގަނޑުމެންނާ ކުރިމަތިވެފައި ވަނީ ކޮންކަހަލަ މައްސަލަތަކެއްތޯ؟ މި ހުރިހާ ކަމަކާ ދޭތެރޭގައި ނަޒަރު ހިންގައި ވިސްނުމަކީ، ހަމަ ކޮންމެހެން ބޭނުންކަމެއް.

އާދެ، މިދެންނެވި އުޞޫލުގެ މަތިން، ވޭތުވެދިޔަ ތަނަށް، އާދެ، ވޭތުވެދިޔަ ތަނޭ މިދެންނެވީ، މިދިޔަ 22 އަހަރު ދުވަހުގެ ވާހަކައެއްނޫން. އެންމެފަހުން އަޅުގަނޑުމެން މިނިވަން ދުވަހެއް ފާހަގަކުރި ދުވަހާއި މިއަދާ ދޭތެރޭގައި، މިވޭތުވެދިޔަ 12 މަސްދުވަސް، އެ މުއްދަތުގެ ތެރެއަށް ބަލައިލިޔަސް، އަޅުގަނޑުމެންނަށް ވަރަށް ގިނަ ރޮނގުތަކުން ކާމިޔާބުތަކެއް ކުރެވިފައިވާކަން ފާހަގަކުރެވޭ.

އާދެ، އަޅުގަނޑުމެންގެ އިޤްތިޞާދީ އެންމެބޮޑު މަސައްކަތަކީ މަސްވެރިކަން. މަސްވެރިކަމުގެ ދާއިރާއަށް ބަލައިލިޔަސް، އަޅުގަނޑުމެންނަށް އެކަށީގެންވާ ކުރިއެރުންތަކެއް، އެދާއިރާގައި ލިބިފައިވާކަން އުފަލާއެކު ދިވެހިރައްޔިތުން މިއަދު ފާހަގަކުރައްވާނެ. އޭގެތެރެއިން އެއްކަމަކީ، ދެކުނުގެ ފަސްއަތޮޅުގައި ހިންގުމަށް ހަމަޖެހިފައިވާ މަހުގެ މުއްސަނދިކަން ހެޔޮގޮތުގައި ބޭނުންކުރުމުގެ މަޝްރޫޢުގެ ދަށުން ބަންނަން ހަމަޖެހިފައިވާ ދެވަނަ ޖީލުގެ މަސްދޯނިފަހަރު. އެ މަސްދޯނިފަހަރުގެ ތެރެއިން ބަންނަން ހަމަޖެހިފައިވާ ޢަދަދުގެ ތެރެއިން މިދިޔަ އަހަރު އިތުރު 24 ދޯނި ބަނދެ ނިމުނުކަން. އަދި އެ 24 ދޯނި، އެ ދޯނިތަކުގެ ވެރިފަރާތްތަކާ ޙަވާލުކުރެވިފައިވާކަން. އެއާއެކު، މި މަޝްރޫޢުގެ ދަށުން ބަންނަން ހަމަޖެހިފައިވާ ދެވަނަ ޖީލުގެ 100 މަސްދޯނީގެ ތެރެއިން 96 ދޯނި މިހާރު ބަނދެ ނިމުނީ. އިތުރަށް ބަންނަން ޖެހިފައިވާ 4 ދޯނި ބަނުމުގެ މަސައްކަތް މިހާރު ހިނގަމުން އެބަދޭ. އަދި މި މަސްދޯނިފަހަރު ބަނުމަށްފަހުގައިވެސް، ސަރުކާރުން ޤަޞްދުކޮށްފައި ވަނީ މިފަދަ މަސްދޯނިފަހަރުގެ ބޭނުންތެރިކަން، ރާއްޖޭގެ ރައްޔިތުންނަށް އިޙްޞާސް ކުރެވޭލެއް ބޮޑުކަމުން، އަދި އެ މަސްދޯނިފަހަރުން ރާއްޖޭގެ އިޤްތިޞާދަށް ލިބެމުންދާ ކުރިއެރުން އެގޮތަށް އޮތުމާއެކު، އިތުރު ދޯނިފަހަރު ބަންނަމުން ގެންދިޔުމަށް.

އާދެ، މަސްބޭނުން އެއީ ނުވަތަ މަސްހިފުން އެއީ، އަޅުގަނޑުމެންގެ އިޤްތިޞާދުގައި ވަރަށް މުހިންމު ކަމެއް. މަސްބޭނުމަށްފަހު، މަސްހިފުމަށްފަހު، އެ މަސް އަޅުގަނޑުމެން ވިއްކަންޖެހޭ. އަޅުގަނޑުމެން އެ މަސް ވިއްކަނީ ރާއްޖެއިން ބޭރުގެ ފަރާތްތަކަށް. އެއީ ރާއްޖެއަށް ލިބޭ އާމްދަނީގެ ވަރަށްބޮޑު ބައެއް. މަސް ވިއްކައިގެން ލިބޭ ފައިސާ. ލިބޭ އާމްދަނީ. އެހެންކަމާއެކު، ސަރުކާރުން މަސް ބޭރުކުރާ ޢަދަދު ގިނަކުރުމަށް ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރޭގައިވެސް، ވޭތުވެދިޔަ 12 މަސްދުވަހުގެ ތެރޭގައި، ކާމިޔާބީތަކެއް ހޯދިފައިވޭ. އޭގެތެރެއިން އެންމެބޮޑު އެއް ކާމިޔާބީއަކީ، ފެލިވަރުގައި، ދަޅުގައި މަސްބަންދުކުރާ ކާރުޚާނާއަށް އިތުރު މެޝިނަރީ ހޯދައިގެން، އެ ކާރުޚާނާ އާކޮށް، އަލުން އިފްތިތާޙު ކުރުން. މިކަން ހިނގީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު.

އާދެ، މިދެންނެވި ބަދަލު އެ ކާރުޚާނާއަށް އައުމުގެ ކުރިން، އެތަނުން ދުވާލަކު ބަންދުކުރެވެނީ އެންމެ 10 ޓަނުގެ މަސް. މިހާރު އެތަނުގައި ދުވާލަކު 50 ޓަނުގެ މަސް ބަންދުކުރުމުގެ އިންތިޒާމު ވަނީ ހަމަޖެހިފައި. ހަމަ އެފަދައިން، މަސް ފިނިކޮށް ބެހެއްޓުން އެއީވެސް އަޅުގަނޑުމެންގެ މި މަސައްކަތަށް ވަރަށް ބޭނުންތެރި ކަމެއް. އެހެންކަމާއެކު، ސަރުކާރުން ހިންގާ މަޝްރޫޢެއްގެ ދަށުން ފެލިވަރުގައި މަސް ފިނިކޮށް ބެހެއްޓޭނެ ތަނެއް މިހާރު ވަނީ ހަދައި ނިމިފައި. ދާދި މިދާކަށްދުވަހު އެތަން މިހާރުވަނީ ސަރުކާރާ ޙަވާލުކުރެވިފައި. އެތާނގައި 750 ޓަނުގެ މަސް ފިނިކޮށްފައި ބެހެއްޓުމުގެ އިންތިޒާމުވަނީ ހަމަޖެހިފައި. ޖާގަ އެބައޮތް. އަދި ދުވާލަކު 40 ޓަނުގެ މަސް ފިނިކުރެވޭގޮތަށް އެތަން ވަނީ ތައްޔާރުކުރެވިފައި.

އާދެ، ރާއްޖޭގެ މަސްވެރިންނަށް ދިމާވާ އެންމެބޮޑު އެއް މައްސަލައަކީ، އެމީހުން ބާނާމަސް ނުވަތަ އެމީހުން ހިފާމަސް ވިއްކޭނެ އިންތިޒާމެއް ނެތުން. ނުވަތަ އެމީހުން އެދޭ މިންވަރަށް ބޯޓުފަހަރަށް ނުގަނެވޭކަން. އެހެންކަމާއެކު، ސަރުކާރުން މިދެންނެވި މަޝްރޫޢުގެ ދަށުން އެކަމަށްވެސް ވަރަށްބޮޑު ސަމާލުކަމެއްދީގެން، މަސް އެއްކުރާ ބޯޓުފަހަރު ބަނުމުގެ މަސައްކަތް، ރާއްޖޭގައި ކުރެވެމުން އެބަދޭ. އެތަނުން އެއް ބޯޓު މިހާރު ބަނދެ ނިމިގެން، އެ ބޯޓުވަނީ މަސްއެއްކުރުމުގެ މަސައްކަތަށް، އާދެ، މަސްގަތުމުގެ މަސައްކަތަށް ނުކުމެފައި. ދެން އިތުރަށް ހުރި ބޯޓުފަހަރު އާދެ، އަދި އިތުރު 8 ބޯޓު މި މަޝްރޫޢުގެ ދަށުން ބަންނަން ހަމަޖެހިފައިވޭ. އެ މަސައްކަތްތައްވެސް މިހާރު ދަނީ ވަރަށް ހަލުވިކަމާއެކު ކުރިއަށް.

އިޤްތިޞާދީ ގޮތުން އަޅުގަނޑުމެންގެ ދެން އެންމެ މުހިންމު ދާއިރާއަކީ ޓޫރިޒަމް. ޓޫރިޒަމްގެ ދާއިރާއަށް ބަލައިލާއިރުވެސް، މިވޭތުވެދިޔަ އަހަރު ދުވަހުގެ ތެރޭގައި، އެކަށީގެންވާ ކުރިއެރުންތަކެއް ލިބިފައިވޭ. 1986 ވަނަ އަހަރަކީ، ދިމާވި ބޭރުގެ ބައެއް ކަންތައްތަކުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށް އަޅުގަނޑުމެން ހީކުރިވަރުގެ ކުރިއެރުމެއް ނުލިބިދިޔަ އަހަރެއް. އެކަން އޮތީ އެހެންކަމުގައިވިޔަސް، މި އަހަރު އެކަންތައްތައް ހުރަސްކޮށް، އަޅުގަނޑުމެންނަށް އިތުރު ކާމިޔާބީތަކެއް ހޯދޭ ހިސާބަށް ހިނގައްޖެ. މިވޭތުވެދިޔަ 6 މަސްދުވަހުގެ ހިސާބަށް ބަލާއިރު، ވޭތުވެދިޔަ 6 މަސް ދުވަހުގެތެރޭގައި، އައި ޓޫރިސްޓުންގެ ޢަދަދު، މިދިޔަ އަހަރުގެ ފުރަތަމަ 6 މަސްދުވަހުގެ ތެރޭގައި އައި މީހުންގެ ޢަދަދަށްވުރެ ސަތޭކައަކުން 10 އިތުރުވެފައިވޭ. ޓޫރިޒަމަކީ މިހާރު ރާއްޖޭގެ އުފެއްދުންތެރިކަމަށް ސަތޭކައަކުން 17 ޙިއްޞާކުރާ ކަމެއް. އެހެންވީމާ، ޓޫރިޒަމަށް ލިބޭ ކޮންމެ ކުރިއެރުމަކީ ރާއްޖެއަށް ލިބޭ ކުރިއެރުމެއް.

ޢުމްރާނީ ގޮތުން ބަލައިލާއިރުވެސް، މިވޭތުވެދިޔަ އަހަރު ދުވަހުގެ ތެރޭގައި، އަޅުގަނޑުމެންނަށް ތަފާތު ކަންތައްތަކެއް ކުރެވިފައިވޭ. އާދެ، އެންމެބޮޑު އެއްކަމެއްގެ ގޮތުގައި މިއަދު އަޅުގަނޑު ފާހަގަކޮށްލާހިތްވަނީ، އުތީމުގައި ސަރުކާރުން ތައްޔާރުކުރި ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒު. ޝައްކެއްނެތް، މިއަދު އަޅުގަނޑުމެން މި އުފާކުރާ ނުވަތަ އެދުވަހެއްގެ މުނާސަބަތު އުފަލާއެކު ފާހަގަކުރާ މިނިވަންކަމުގެ އެންމެބޮޑު ބަޠަލަކީ، ރާއްޖޭގެ ތާރީޚު ދުށް އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމް. ވީމާ، އެ ތަކުރުފާނުގެ ހަނދާން ދިރުވައި އާލާކުރުމުގެ ގޮތުން، ސަރުކާރުން ޢިމާރާތްކޮށް ނިންމި މަރުކަޒު އެއީ، ޝައްކެއްނެތްގޮތުގައި، އަޅުގަނޑުމެންގެ މިނިވަންކަން ރަމްޒުކޮށްދޭ އަދި އެ މިނިވަންކަން ދަމަހައްޓައި ހިފެހެއްޓުމަށް އަޅުގަނޑުމެންނަށް ހިތްވަރުދޭ ތަނަކަށް ނުވެނުދާނެ.

އާދެ، ޢުމްރާނީ ގޮތުން މާލޭގައިވެސް ހުރަވީ ބިލްޑިންގ ވަނީ ހުޅުވިފައި. ސަރުކާރުގެ އޮފީސްތަކަށް ބޭނުންވާ ޖާގަ ނުލިބި އޮތުމުގެ ސަބަބުން، ވާދަތިތައް ފިލުވުމަށްޓަކައި، ސަރުކާރުން އަލަށް ޢިމާރާތްކުރި ތަނެއް އެއީ. ހަމައެއާކުގައި މިހާރު، ޓެލެކޮމިޔުނިކޭޝަންސްގެ ކަންތައްތައް ތަރައްޤީވަމުންދާ ދިޔުމަށްޓަކައި، އާ ޢިމާރާތެއް ބޭނުންވާތީ، އެ ޢިމާރާތް ބިނާކޮށް، މި އަހަރުވަނީ ނިމި އަދި ހުޅުވިފައި.

މިދެންނެވި ކަންތައްތަކުގެ އިތުރަށް، މާލޭގެ ފަޅުން ބިން ހިއްކުމުގެ މަޝްރޫޢުވެސް މިދިޔަ އަހަރު ވަނީ ނިމިފައި. މި މަޝްރޫޢު ނިމުމުން، މާލެއަށް އިތުރު 6.3 މިލިއަން އަކަފޫޓުގެ ބިން ވަނީ ލިބިފައި. އެއީ، ކުރިން މާލެ އޮތްވަރުގެ ގާތްގަނޑަކަށް ދެބައިކުޅައެއްބައި. ހަމައެއާއެކު ދަންނަވަންޖެހެނީ، މާލޭ ވިޔަފާރި ބަނދަރުގެ މަޝްރޫޢުވެސް މިދިޔަ އަހަރު ވަނީ ނިމިފައޭ. މަޝްރޫޢުގެ ފުރަތަމަ ބައި ނިމިގެން، އެތާނގައި މަސައްކަތްވަނީ ފެށިފައި.

އާދެ، އިޤްތިޞާދީ ކަންތައްތަކުގެ އިތުރަށް އަދި ޢުމްރާނީ، ޘަޤާފީ ކަންތައްތަކުގެ އިތުރަށް، ތަޢުލީމާއި، ޞިއްޙަތުގެ ޚިދުމަތްތައް އެއީވެސް ވަރަށް މުހިންމު އެއްޗެއް. އެހެންކަމާއެކު، ތަޢުލީމުގެ ދާއިރާއަށް ވިސްނާލާއިރުވެސް، އަޅުގަނޑުމެންނަށް މިދިޔަ އަހަރުގެ ތެރޭގައި ކާމިޔާބީތަކެއް ހޯދިފައިވޭ. އޭގެތެރެއިން އެއްކަމަކީ، މާލޭގައި އަލްމަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ ހުޅުވުން. ދިވެހި ކިޔަވާކުދިންގެ ތެރެއިން ޢަރަބިބަހުން ތަޢުލީމު ޙާޞިލުކުރަން ބޭނުންވާ އަދި ދީނީ ތަޢުލީމު ޙާޞިލުކުރަން ބޭނުންވާ ކުދިން ތައްޔާރުކުރުމަށްޓަކައި ސަރުކާރުން އުފެއްދި މަދަރުސާއެއް އެއީ. އެމަދަރުސާ އުފެދި، މިހާރު އެތަންދަނީ ހިނގަމުން. އޭގެ އިތުރުން، މާލޭގައި އަލަށް ޢިމާރާތް ކުރެވޭ ދެ ޕްރައިމަރީ ސްކޫލްގެ މަސައްކަތް މިހާރުދަނީ ހިނގަމުން، އެތަނުން އެއް މަދަރުސާގެ ބިންގާ އެޅި، އެތަން ޢިމާރާތްކުރުމުގެ މަސައްކަތް ހިނގަމުން އެބަދޭ. އަނެއްތަނަކީ ބޭރުގެ ޤައުމެއްގެ އެހީގައި ފަށަން ޤަޞްދުކުރެވިފައިވާ ތަނެއް. އެތަނުގެ ބިންގާ އަދި އެޅިފައި ނުވިކަމުގައިވިޔަސް، ތަން ތައްޔާރުކުރުމާއި، އެކަމަށް ތައްޔާރުކުރަން ބޭނުންވާ ކުރެހުންތައް ކުރެހުމާ، މިކަންތައްތައް ވަރަށް ހަލުވިކަމާއެކު މިހާރު ކުރިއަށް އެބަދޭ.

ރާއްޖެތެރޭގެ ތަޢުލީމީ ކަންތައްތަކަށް ވިސްނާއިރުވެސް، ރާއްޖެތެރޭގައި އެންމެ ފުރަތަމަ ޢިމާރާތް ކުރެވޭ ޘާނަވީ ތަޢުލީމުދޭ ތަނެއް އެޅުމަށް ހުރިހާ ތައްޔާރުތަކެއް މިހާރުދަނީ ކުރެވެމުން. އެއީ، އައްޑުއަތޮޅު ހިތަދޫގައި އެޅުމަށް ހަމަޖެހިފައިވާ މަދަރުސާއެއް. އޭގެ އިތުރުން، ރާއްޖެތެރޭގެ މަދަރުސާތަކުގެ ފެންވަރު މަތިކުރުން، ކުރިއްސުރެ ހިނގަމުން އަންނަ މަޝްރޫޢެއް. އެ މަޝްރޫޢުގެ ދަށުން އެދެވޭ ޚިދުމަތްތަކެއް ރާއްޖެތެރޭގެ ތަޢުލީމަށް މިހާރު ލިބެމުން އެބަދޭ. ހަމައެއާއެކު، ދަންނަވަން ޖެހެނީ ރާއްޖެތެރޭގައި އެންމެ ފުރަތަމަ ހެދޭ ބޯޑިންގ، އާދެ، ކިޔަވާކުދިން ނިދާ، ކައިބޮއި އުޅޭނެ ތަނެއް ހެދުމުގެ ކަންތައްވެސް މިހާރު ދަނީ ކުރިއަށޭ. އާދެ، އެ ބޯޑިންގ ހެދުމަށް ހަމަޖެހިފައިވަނީ ހައްދުންމަތީ ފޮނަދޫގައި. އެ މަސައްކަތްވެސް މިހާރު ކުރިއަށްދަނީ.

މިކަންތައްތަކުގެ އިތުރުން، އަސާސީ ތަޢުލީމުގެ މަޝްރޫޢަކީ، ވަރަށް ކުރިއްސުރެ ސަރުކާރުން ހިންގަމުން އަންނަ ކަމެއް. މިދިޔަ އަހަރުގެ ތެރޭގައި އެ މަޝްރޫޢުވެސް ވަނީ އިތުރު ކާމިޔާބީތަކެއް ހޯދާފައި. މިހާރު ރާއްޖޭގައި ތިބި 15 އަހަރާއި 40 އަހަރާ ދެމެދުގެ މީހުންގެ ތެރެއިން، ލިޔަންކިޔަން ދަންނަ މީހުންގެ ޢަދަދު ސަތޭކައަކުން 93.25 އަށް އަރައިފި. ޝައްކެއްނެތްގޮތުގައި އެއީ، އަޅުގަނޑުމެންފަދަ ޤައުމެއް ފަޚުރުވެރިވުން ޙައްޤުވެގެންވާ ނިސްބަތެއް.

ޞިއްޙީގޮތުން ބަލާއިރުވެސް، ސަރަޙައްދީ ހަސްފަތާލެއް މުލަކަތޮޅުގައި، އަދި ބައެއް ރަށްރަށުގައި ޞިއްޙީ މަރުކަޒުތަކުގެ ފެންވަރު ރަނގަޅުކުރުން. މިކަންތައްތައް ކުރިއަށް އެބަދޭ. ހަމައެއާއެކުގައި، އަޅުގަނޑުމެންގެ ޅަދަރީންގެ ޞިއްޙަތު ސަލާމަތްކުރުމަށްޓަކައި، އެއް އަހަރަށްވުރެ ދަށުގެ ކުދިންނަށް، އެކިއެކި ބަލިބަލިން ރައްކާތެރިކޮށްދިނުމުގެ އިންޖެކްޝަން ޖެހުމުގެ ޕްރޮގްރާމެއްވެސް ސަރުކާރުން ވަނީ ހިންގާފައި.

އާދެ. އަޅުގަނޑު މިދަންނަވާލީ، އަޅުގަނޑުމެންނަށް މިވޭތުވެދިޔަ އަހަރުދުވަހުގެ ތެރޭގައި ހޯދިފައިވާ ކާމިޔާބީތަކުގެ ތެރެއިން ބައެއް ވާހަކަ. މިނިވަންދުވަސްފަދަ މިކަހަލަ މުނާސަބަތުތަކުގައި ގިނަފަހަރަށް ވާގޮތަކީ، މިކަހަލަ ކާމިޔާބީތަކުގެ ވާހަކަދެއްކެނީ. މިފަދަ ކުރިއެރުންތަކުގެ ވާހަކަ އަދި އެކަމުގެ ހަނދާން އާކުރެވެނީ. ހޯދިފައިވާ ރީތި ނަމުގެ މައްޗަށް ފަޚުރުވެރިވެވެނީ. އެހެންނަމަވެސް، އަޅުގަނޑު ދެކޭގޮތުގައި މިކަހަލަ ދުވަސްތަކަކީ، ހަމައެކަނި މިދެންނެވިކަހަލަ ކަންތައްތަކުގެ މައްޗަށް ވިސްނައި، އެކަންތައްތައް ހަނދާންކުރަންވީ ދުވަހެއް ނޫން. މިފަދަ މުނާސަބަތުތަކަކީ، އަޅުގަނޑުމެންނަށް ކުރިމަތިވެފައިވާ މައްސަލަތަކާ ދޭތެރޭގައިވެސް ވިސްނައި، އެއީ ކޮންކަހަލަ މައްސަލަތަކެއްތޯ ބަލައިހަދަންޖެހޭނެ ދުވަހެއް މިނިވަންދުވަހަކީ. އަދި އެނޫންވެސް ޤައުމީ ދުވަސްތަކަކީ، އެދުވަސްތަކުގައި އަޅުގަނޑުމެންނަށް ކުރިމަތިވެފައިވާ މައްސަލަތަކާ ދޭތެރޭގައި، ނަޒަރު ހިންގައި، އެކަންކަމާ ދޭތެރޭގައި އެޅެންހުރި ފިޔަވަޅުތައް އެޅުމަށް ޢަޒުމް ކަނޑައަޅަންޖެހޭނެ ދުވަސްތަކެއް. އެހެންވީމާ، އަޅުގަނޑު މިއަދު ޤަޞްދުކުރަނީ، އަޅުގަނޑުމެންނާ މިވަގުތު ކުރިމަތިވެފައިވާ ވަރަށްބޮޑު މައްސަލައެއްގެ ވާހަކަ ދަންނަވާލުމަށް. އަދި އެ މައްސަލަ ޙައްލުކުރުމާ ބެހޭގޮތުން ސަރުކާރުން މިހާރު އަޅަން ޤަޞްދުކޮށްފައިވާ ފިޔަވަޅުތަކުގެ ވާހަކަވެސް ދަންނަވާލަން.

އާދެ، ކުރިންވެސް ދެންނެވި ފަދައިން، އަޅުގަނޑުމެންނަށް މިވޭތުވެދިޔަ އަހަރުވަނީ ކާމިޔާބީތަކެއް ހޯދިފައި. އަދި އަޅުގަނޑުމެންގެ މިނިވަންކަމަށް، މި ވޭތުވެގެންދިޔަ 22 އަހަރު ދުވަހުގެ ތެރޭގައި ޤައުމީގޮތުން، ސިޔާސީގޮތުން، އިޤްތިޞާދީގޮތުން، އިޖުތިމާޢީގޮތުން، ތަޢުލީމީގޮތުން އަޅުގަނޑުމެންނަށް ވަރަށް ގިނަ ކުރިއެރުންތަކެއް ޙާޞިލުކުރެވިފައިވޭ. އަޅުގަނޑުމެންގެ ދިރިއުޅުމުގެ ފެންވަރު ވަރަށް ބޮޑުތަން މައްޗަށްގޮސްފައިވޭ. އަޅުގަނޑުމެންގެ އަތްމަތީގައި ހުންނަ ފައިސާގެ ޢަދަދު، އެތައް ގުނައަކަށް އިތުރުވެގެން ގޮސްފައިވޭ. އަޅުގަނޑުމެންގެ ގެދޮރުގެ ކަންތައް ކުރިއާ އަޅައިބަލާއިރު، ވަރަށް ބޮޑަށް ތަރައްޤީ ކުރެވިފައިވޭ. އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުން މިއަދު މިއުޅެނީ، މީގެކުރިން އަޅުގަނޑުމެން ނުދެކޭފަދަ ތަނަވަސްކަމެއްގެ ތެރޭގައި. އާދެ، އެހެންނަމަވެސް، އެތަނަވަސްކަމަކީ ކޮންކަހަލަ ތަނަވަސްކަމެއްތޯ، އަޅުގަނޑުމެން ބަލައިލަންޖެހޭ. އަޅުގަނޑަށް ދަންނަވަންޖެހެނީ، އެތަނަވަސްކަމަކީ ގިރިޓީ ތަނަވަސްކަމެކޭ. ދޮގު ތަނަވަސްކަމެކޭ. އެއީ، އަޅުގަނޑުމެން މި އުފާކުރާ ތަނަވަސްކަން އެއީ، ޙަޤީޤަތުގައި އަޅުގަނޑުމެންނަށް ލިބިފައިވާ ތަނަވަސްކަމެއް ކަމަށްނުވާތީ. އަދި އޭގެ އަޑީގައި، އަޅުގަނޑުމެންނަށް މިފެންނަ ރީތި އޮފުއަރާ ބޭރުފުށުގެ އަޑީގައި ވަރަށް ބޮޑެތި މައްސަލަތަކެއް ޙައްލުނުކުރެވި ހުރީތީ. އަޅުގަނޑު މިއަދު މި ޤަޞްދުކުރަނީ، އެކަހަލަ މައްސަލައަކާ ދޭތެރޭގައި ވާހަކަދައްކައި، އެކަން ތިޔަބޭފުޅުންގެ ސަމާލުކަމަށް ގެނައުމަށް.

މިގޮތުން އަޅުގަނޑަށް މިއަދު ދަންނަވަންޖެހޭ ވާހަކަތައް އެއީ، ފަހަރެއްގައި ތިޔަބޭފުޅުން މާ އައްސަވާހިތްޕުޅުވާ ވާހަކަތަކަކަށްނުވެ ހިނގައިދާނެ. ނުވަތަ އެވާހަކަތައް އެއްސެވުން އެއީ، މާ ފަސޭހަފުޅު ކަމަކަށް ނުވެވެސްހިނގައިދާނެ. އެކަން އޮތީ އެހެން. އެހެންނަމަވެސް، އަޅުގަނޑު މިއަދު މިހުރި މަޤާމުގެ ގޮތުން އަޅުގަނޑަށް ވާޖިބުވެގެންވޭ، ޙަޤީޤަތް އޮތްގޮތް ރައްޔިތުންނަށް ހާމަކޮށްދިނުން. އެއީ، ކިތަންމެ އުފާވެރިގޮތަކަށް އޮތް ޙަޤީޤަތެއް ކަމުގައިވިޔަސް އަދި ކިތަންމެ ހިތާމަވެރިގޮތަކަށް އޮތް ޙަޤީޤަތެއް ކަމުގައިވިޔަސް، އެކަން ސާފުކޮށް ރައްޔިތުންނަށް އަންގައިދިނުން އެއީ، އަޅުގަނޑުގެ ވާޖިބެއް ކަމުގައި އަޅުގަނޑު ދެކެން. އެގޮތުން މިއަދު އަޅުގަނޑު މިވާހަކަ މިދައްކަނީ.

އާދެ، މިއަދު އަޅުގަނޑު ދަންނަވާލަން ބޭނުންވާ އެންމެބޮޑު މައްސަލައަކީ، މާލޭގެ މައްސަލަ. މާލޭގެ ކަންތައްތައް މިހާރު ހުރިގޮތް. މާލޭގައި މީހުން ގިނަވެގެންދިޔުމުގެ މައްސަލަ. އާދެ، 1985 ވަނަ އަހަރުގައި ރާއްޖޭގައި ބޯހިމެނި. އެ ބޯހިމެނި ހިސާބު ދައްކާގޮތުން، އޭރު މާލޭގައި ތިބީ ސާޅީސް ފަސްހާސް މީހުން. އެހެންނަމަވެސް، މިހާރު ލަފާކުރެވޭގޮތުގައި އާދެ، ސަރުކާރުގެ ކަމާބެހޭ ފަރާތުން މާލޭގައި ދިރިއުޅޭ މީހުންގެ ޢަދަދަށް އަންނަ ބަދަލުތައް ބައްލަވާފައި ވިދާޅުވާގޮތުގައި، މާލޭގައި ގާތްގަނޑަކަށް ފަންސާސް ދެހާސް މީހުން ދިރިއުޅެމުން އެބަގެންދޭ. މި ޢަދަދަކީ ޝައްކެއްނެތްގޮތުގައި، މިވަރުގެ ކުޑަ ޖަޒީރާއެއްގައި ދިރިއުޅެވޭވަރަށްވުރެ މާބޮޑު ޢަދަދެއް. އޭގެ ސަބަބުން އަޅުގަނޑުމެންނަށް މިހާރު ކުރިމަތިވެފައިވާ ދަތިތަކަކީ ޙައްލުކުރުންދަތި މައްސަލަތަކެއް. ބޯފެނުގެ މައްސަލަ. މާލޭގެ ބޯފެނުގެ ކަންތައް ހުރިގޮތް، ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. މާލެއިން ލިބެން ހުންނަ ފެނުގެ މައްސަލަ. މާލޭގެ ހަމަ އެންމެ އެތެރޭގެ ހިސާބުތަކުގައިވެސް، ވަޅުވަޅުގެ ފެން ގޯސްވެގެން ގޮސްފައިވާ ހިސާބު. ބޯން ނުކެރޭ ހިސާބަށް، އެ ވަޅުތަކުގެ ފެން ވަނީ ގޮސްފައި.

މީގެ އިތުރުން، މާލޭގައި ކުނިއަޅާނެ ތަނެއްވެސް ނެތް. އަދި އަޅުގަނޑުމެންގެ ދިރިއުޅުން ތަރައްޤީވަމުންދިޔަދިޔަހެން، އަޅުގަނޑުމެން ބޭނުންކުރާ އެއްޗެތިވެސް ގިނަވެގެންދާނެ. ބޭނުންކޮށް ނިމިގެން ދޫކޮށްލާ ބައި، ކުންޏަށްވެގެންދާ ބައިވެސް ވަރަށް ގިނަވާނެ. އެ ކުނި އަންދައި ނައްތާލުމުގެ އިންތިޒާމުވެސް އަޅުގަނޑުމެންނަށް ހަމަޖެއްސިފައެއް ނެތް. މިކަންކަން މިހެން ހުރުމުގެ ސަބަބުން މާލޭގެ މާޙައުލަށް، ތިމާވެށްޓަށް ލިބެމުންދާ ގެއްލުންތައް އެއީ، މިއަދު އަޅުގަނޑުމެން ކުރިމަތިލާން ޖެހިފައިވާ ވަރަށްބޮޑު މައްސަލައެއް.

މާލޭގެ ވަށައިގެންވާ ގޮނޑުދޮށްތައްވަނީ ހަލާކުވެފައި. ތަންކޮޅެއް ކުރިން އަޅުގަނޑުމެން ހިތްފަސޭހަކޮށްލަން މަގުމަތީގައި ހިނގާލާފައި ދާފަދައިން، މާލޭގައި ދިރިއުޅޭ އެކަކަށްވެސް މިހާރު ހިނގާލާފައި ދެވޭކަށްނޯވޭ. ހިތްފަސޭހަކޮށްލަން ހަވީރު ފިންޏަށް ގޮނޑުދޮށަށްދިޔަ ކަމުގައިވިޔަސް، ލިބެންވާ ތާޒާ ވައިގެ ބަދަލުގައި އުފެދެނީ، އެހެންކަހަލަ ޝުޢޫރުތަކެއް. ފެންނަމުންދަނީ އެހެންކަހަލަ މަންޒަރުތަކެއް.

އޭގެ އިތުރުން، އަޅުގަނޑުމެން ކޮންމެހެން ކުރަންޖެހޭނެ ބައެއް ކަންތައްތައް، މިސާލަކަށް މީހުން މަރުވީމާ، އެމީހުން ވަޅުލުން އެއީ، ދީނީގޮތުން އަޅުގަނޑުމެން ކުރަންޖެހޭނެ ކަމެއް. މާލޭގައި ހުރި ޤަބުރުސްތާނުތައް ފުރިގެން މިހާރު އެވެސްވަނީ ވަރަށްބޮޑު މައްސަލައަކަށްވެފައި. މަރުވާ މީހުން ވަޅުލާނެ ތަނެއްވެސް ނެތް. މިކަންތައްތައް ހުރީ މިހެން. މާލޭގެ ބޮޑުމިނަކީ ހަމައެކަނި 182 ހެކްޓަރ. މާލޭގައި ރަޖިސްޓަރީކޮށްފައިވާ ގޭގެ ޢަދަދު މިހާރު 3788. ކަންތައްތައް ހުރީ މިހެން.

އަޅުގަނޑުމެން މިއަދު މި މައްސަލަތަކާ، ހިތްވަރާއެކު، ޢަޒުމާއެކު ކުރިމަތިނުލައިފިނަމަ، ކުރިއަށް އޮތް ދިހަ އަހަރު ދުވަހުގެ ތެރޭގައި، މާލޭގެ ކަންތައްތައް ހުންނާނެގޮތް، އަޅުގަނޑު ހިތުން ތިޔަބޭފުޅުންނަށްވެސް ތަޞައްވުރު ކުރެއްވޭނެ.

އާދެ، މިދެންނެވި ގޮތަށް ކަންތައްތައް ހުރުމުގެ ސަބަބުން ނުކުންނަ ނަތީޖާތައް ވަރަށްވެސް ގިނަ. ނޭދެވޭ ނަތީޖާތައް. ރޯގާ ބަލިމަޑުކަން ފެތުރިގެންދިޔުން. ތިޔަބޭފުޅުން ހަނދުމަފުޅު ހުންނާނެ، 1978 ވަނަ އަހަރު އަޅުގަނޑުމެންނަށް ދިމާވި ކޮލެރާގެ ރޯގާ. 1982 ވަނަ އަހަރު އައި ޝިގެއްލާގެ ރޯގާ. އަދި އޭގެފަހުން މެދުނުކެނޑި އަޅުގަނޑުމެންގެ ތެރޭގައި މިއުޅޭ ޢާންމު ބޭރަށް ހިންގުމުގެ ރޯގާތައް. އަދި މިއަހަރު އަޅުގަނޑުމެން ކުރިމަތިލާންޖެހުނު ކޮލެރާގެ ރޯގާ. މި ތަޖުރިބާތަކުން އަޅުގަނޑުމެންނަށް އެނގެނީ، އެއް ރަށެއްގައި މިހާގިނަ ޢަދަދަކަށް މީހުން ދިރިއުޅެމުންގެންދާ ކަމުގައިވަންޏާ، މުސްތަޤްބަލުގައި މުޅި ރާއްޖޭގެ ޞިއްޙަތަށް، މުޅި ރާއްޖޭގެ ރައްޔިތުންގެ ޞިއްޙަތަށް ވަރަށްބޮޑު ނުރައްކާތަކެއް ކުރިމަތިވެގެން ހިނގައިދާނެކަން.

އެހެންވީމާ، އެދުވަސް އައުމުގެ ކުރިން މިއަދު ޖެހޭނެ އަޅުގަނޑުމެން ތެދުވަން. މިއަދު ޖެހޭނެ އަޅުގަނޑުމެން މިކަމާ ދޭތެރޭގައި ވިސްނައި، އެކަށީގެންވާ ޙައްލުތަކެއް ހޯދަން. މިއަދު އަޅުގަނޑުމެން ނުހޯދައިފި ޙައްލެއް، މުސްތަޤްބަލުގައި ފެންނާކަށް ނޯންނާނެ. އަދި އަޅުގަނޑުމެން މިއަދު އެފަދަ ޙައްލެއް ނުހޯދައިފިނަމަ، މުސްތަޤްބަލުގައި އަންނަން ތިބި އަޅުގަނޑުމެންގެ ދަރިން، އަންނަން އޮތް ޖީލުތައް، އަޅުގަނޑުމެން ކުށްވެރިކުރާނެކަން ކަށަވަރު.

އާދެ، މިކަންތައްތައް މިހެން ހުރުމާއެކު، މިހާރު ޙައްލުކުރުމަށްޓަކައި، ސަރުކާރުން ގޮތްތަކެއް ރާވައިފި. އެވާހަކަތައް ދަންނަވާލުން، މިއަދު އަޅުގަނޑުގެ އެންމެބޮޑު ބޭނުމަކީ. އެންމެ ފުރަތަމަ، މާލޭގައި ގެދޮރުގެ ކަންތައްތައް ހުންނަންވީގޮތުގެ ޤަވާޢިދު އެކުލަވައިލުން އެއީ، މިދެންނެވި ފިޔަވަޅުތަކުގެ ތެރެއިން އެންމެ ފުރަތަމަ ފިޔަވަޅު. އެފަދަ ޤަވާޢިދެއް އެކުލަވައިލުމަށްޓަކައި އިތުރު ސަރވޭއެއް ސަރުކާރުން ކުރި. މި ސަރވޭގައި ބެލީ ތަފާތު ފެންވަރުގެ، ތަފާތު ހިސާބުތަކުގައި ހުރި ސަތޭކަ ގެ. އެގޭގޭގައި ކަންތައްތައް ހުރިނެތްގޮތް ބެލި. މީހުން ނިދާއުޅެނީ ކިހިނެއްތޯ؟ ކައިބޮއި އުޅެނީ ކިހިނެއްތޯ؟ ފެންވަރާ އުޅެނީ ކިހިނެއްތޯ؟ ފާޚާނާގެ ކަންތައްތައް ހުރީ ކިހިނެއްތޯ؟ ކައްކާ އުޅެނީ ކިހިނެއްތޯ؟ މިހުރިހާ ކަމެއް ބަލައި، ސަރވޭ ކުރިއިރު، ވަރަށް ޙައިރާންވާކަހަލަ ނަތީޖާތަކެއް އަޅުގަނޑަށް ފެނުނީ.

އާދެ، އޭގެ ބައެއް ކަންތައްތައް ދަންނަވާލާނަން. މާލޭގައި މިހާރު މިއުޅޭ މީހުންގެ ތެރެއިން އާދެ، ދެންމެ ދެންނެވިފަދައިން، މާލޭގައި ފަންސާސް ދެހާހަށްވުރެ ގިނަ ޢަދަދެއްގެ މީހުން އެބައުޅޭ. އޭގެތެރެއިން ސަތޭކައަކުން ތޭވީސް މީހުން އެއީ، މާލޭގެ ރަށްވެހިން ފިޔަވައި އެހެން މީހުން. އެހެންގޮތަކަށް ދަންނަވަންޏާ، މާލޭގައި މިއުޅޭ ފަންސާސް ދެހާސް މީހުންގެ ތެރެއިން ބާރަހާސް މީހުން ނުވަތަ އެއަށްވުރެ ގިނަ ޢަދަދެއްގެ މީހުން އެއީ، މާލޭގެ މީހުންނެއް ނޫން. މާލޭގައި މިހާރު އުޅޭ މީހުންގެ ސަތޭކައަކުން 26 އުޅެނީ ކުއްޔަށް ހިފައިގެން، ކުލީ ގޭގޭގައި ނުވަތަ ކުލީ ކޮޓަރީގައި. ކުރިން ދެންނެވި ޢަދަދަށް ނިސްބަތްކުރާއިރު، ފަންސާސް ދެހާސް މީހުންގެ ތެރެއިން ތޭރަހާސް ހަސަތޭކައަށްވުރެ ގިނަ މީހުން އެއީ، އެމީހުންގެ އަމިއްލަ ގެދޮރުގައި ދިރިއުޅޭ ބަޔަކަށްނުވޭ. އެކިއެކި ތަންތަންކޮޅު ކުއްޔަށް ހިފައިގެން ދިރިއުޅޭ މީހުން ކަމުގައި އެމީހުން މިހާރުވަނީ.

އާދެ، މިއީ ކަންތައް ހުރިގޮތަކީ. އެހެންވީމާ، މާލެ ރައްކާތެރިކުރަންވީ، މާލެއަށްޓަކައެއް ނޫން. މުޅި ރާއްޖޭގެ މީހުންނަށްޓަކައި. އާދެ، މާލޭގައި ފެތުރޭ ބަލިމަޑުކަމަކީ، ވަރަށް ހަލުވިކަމާއެކު ރާއްޖެތެރެއަށް ފެތުރިގެންދާނެ ބަލިމަޑުކަމެއް. މާލެއަށް ދިމާވާ ކޮންމެ މައްސަލައަކީ، އެ މައްސަލަ ބޮޑުވެގެންދިޔުމުން، ރާއްޖެތެރެއަށް ބަންޑުންވެގެންދާނެ މައްސަލަތަކެއް. އެހެންވީމާ، މާލެ ސަލާމަތްކުރުމަކީ، މުޅި ރާއްޖޭގެ ސަލާމަތަށްޓަކައި އަޅުގަނޑުމެން ކުރަންޖެހޭނެ ކަމެއް.

ކުރިންވެސް ދެންނެވިފަދައިން، މިކަންކަން މިހެން ހުރުމާއެކު، ސަރުކާރުން މި މައްސަލަ ޙައްލަކަށް ގެނެވޭތޯ ފިޔަވަޅުތަކެއް އަޅަން ޤަޞްދުކޮށްފި. އެ ފިޔަވަޅުތަކުގެ ތެރޭގައި، އެންމެ ފުރަތަމަ ކަމަކީ، ކުރިންވެސް ދެންނެވިފަދައިން، މާލޭގައި މީހުން ދިރިއުޅޭ ގޯތިގެދޮރުގައި ކަންތައްތައް ހަމަޖެހިފައި ހުންނަންވާނެ ގޮތުގެ ޤަވާޢިދެއް ހިންގަން ފެށްޓުން. އެ ޤަވާޢިދުގައި، ގޭގޭގައި މީހުން ނިދާއުޅުމުގެ ކަންތައްތައް ހުންނަންވީގޮތާއި، ޞިއްޙީގޮތުން ޢިމާރާތުގެ ކަންތައްތައް ހުންނަންވީގޮތް ބަޔާންކުރެވިފައި އޮންނާނެ. އަދި މާލޭގެ ގޯތިގެދޮރުން ތަންތަން ކުއްޔަށްދިނުމާ ބެހޭގޮތުން ޢަމަލުކުރަންޖެހޭ އުޞޫލުތަކެއްވެސް ކަނޑައެޅިފައި އޮންނާނެ.

އާދެ، މި ޤަވާޢިދު ހިންގަން ސަރުކާރުން ޤަޞްދުކޮށްފައިވަނީ 1 އޯގަސްޓުން ފެށިގެން. އާދެ، މިއަންނަ ހޮނިހިރު ދުވަހު އިރާދަކުރެއްވިއްޔާ، މި ޤަވާޢިދު އިޢުލާނު ކުރެވޭނެ.

އާދެ، މި ޤަވާޢިދު ހެދުމުގެ ބޭނުމަކީ، އެއްވެސް ޙާލެއްގައި އެއްވެސް ބަޔަކަށް ދަތިކުރުމެއްނޫން. މި ޤަވާޢިދަކީ، ކުރިންވެސް ދެންނެވިފަދައިން، އެންމެންގެ ރަނގަޅަކަށްޓަކައި، ރާއްޖޭގެ އެންމެންގެ ޞިއްޙަތާއި، އެންމެންގެ ކުރިއެރުމަށްޓަކައި ސަރުކާރުން ކަނޑައަޅާ ޤަވާޢިދެއް. މި ޤަވާޢިދު އިޢުލާނު ކުރުމުން، އެއަށް ޢަމަލުކުރުމުގައި ދިމާވާ ދަތިތަކެއް ހުންނާނެ. އާދެ، ބައެއް މީހުންގެ ގޯތިގެދޮރު ބަދަލުކުރަންޖެހޭނެ. ކުރިން އަޅުގަނޑު ދެންނެވި ސަރވޭއިން ދެއްކިގޮތުގައި، މި ޤަވާޢިދާ އެއްގޮތްވާ ގޮތަށް މިހާރު މާލޭގައި ހުރީ ހަމައެކަނި ސަތޭކައަކުން ދިހަ ގެ. ސަތޭކައަކުން ނުވަދިހަ ގެ ހުރީ، މިދެންނެވި ޤަވާޢިދުގައިވާގޮތާ ޚިލާފަށް. އަދި މިދެންނެވި ޤަވާޢިދަކީ، ފަހަރެއްގައިވެސް މާމަތީ ފެންވަރަކަށް ކަންތައްތައް ބެހެއްޓުމަށް ހެދިފައިވާ ޤަވާޢިދެއް ނޫން. ދުނިޔޭގެ އެހެން ތަންތާނގައި ކަންތައްތައް ހުންނަގޮތުގެ މައްޗަށް ބަލާފައި އަދި އަޅުގަނޑުމެންގެ ރާއްޖޭގެ މީހުންގެ އަމިއްލަ ދިރިއުޅުން ހުންނަ ގޮތާއި، އަޅުގަނޑުމެންގެ ފެންވަރަށް ބަލާފައި ހުރުން ކޮންމެހެން ލާޒިމު ޝަރުޠުތައް ހިމެނޭގޮތުން ހެދިފައިވާ ޤަވާޢިދެއް މި ޤަވާޢިދަކީ.

އެހެންވީމާ، މި ޤަވާޢިދަކީ އެއްގޮތަކަށްވެސް މަތީ ފެންވަރުގެ ޤަވާޢިދެއް ނޫން. މިހާ އާދައިގެ ފެންވަރަކަށް ޤަވާޢިދު ހެދުނުކަމުގައިވިޔަސް، އަދި ހެދިކަމުގައިވިޔަސް، އަޅުގަނޑު މިދަންނަވަނީ، އެއާ އެއްގޮތަށް މާލޭގައި ހުރީ، މާލޭގައި މިހުރީ، ކުރިން ދެންނެވި 3788 ގޭގެތެރެއިން ހަމައެކަނި ސަތޭކައަކުން ދިހަ ގެއޭ. އެހެންވީމާ، ގޭގެ ބަދަލުކުރުމަށް، ޤަވާޢިދާ އެއްގޮތަކަށް ހެދުމަށް މީހުން ކުރިމަތިލާއިރު، ވަރަށް ގިނަ ދަތިތަކާ ކުރިމަތިލާންޖެހޭނެ. ވަރަށް ގިނަ ޚަރަދު ހިނގާނެ. އެކަން ސަރުކާރަށް އެނގޭ. އެހެންނަމަވެސް، މި ޤަވާޢިދަކީ މަޖުބޫރުން ހަދާ ޤަވާޢިދެއް. ނަހަދާ ތިބެއްޖެނަމަ، މީގެފަހުން އަޅުގަނޑުމެން ކުރިމަތިލާންޖެހޭނެ މައްސަލަތައް ބޮޑުކަމުން، ނަހަދާ ފަރުނުޖެހިގެން ހަދާ ޤަވާޢިދެއް.

އެނގިވަޑައިގަންނަވާނެ ފަދައިން، އެންމެ ފުރަތަމަ ބޭނުންވަނީ ދިރިތިބެވޭނެ ގޮތެއް ހޯދުން. އޭގެފަހުގައި ތަޢުލީމީގޮތުން ކުރިއެރުން އޮންނާނީ. އިޤްތިޞާދީ ގޮތުން ކުރިއެރުން އޮންނާނީ. ޢުމްރާނީ ގޮތުން ކުރިއެރުން އޮންނާނީ. އަދި އެނޫން ގޮތްގޮތުންވެސް ކުރިއެރުން އޮންނާނީ. އެހެންވީމާ، މިކަމަކީ މަޖުބޫރުން ކުރަންވެއްޖެ ކަމެއް. އެހެންނަމަވެސް، އޭގައި ބައެއްދަތި ހުރުމާއެކުގައި، ސަރުކާރުން މުއްދަތުތަކެއް ދޭނެ، މި ޤަވާޢިދަށް ޢަމަލުކުރުމުގައި. މި ޤަވާޢިދު އިޢުލާނުކުރީމާ އެނގިވަޑައިގަންނަވާނެ، ކޮންމެ ކަމަކަށްވެސް ވަކި މުއްދަތެއްދީފައި، އެ މުއްދަތުގެ ތެރޭގައި އެކަން ހަމަޖައްސަންޖެހޭނެ ކަމަށް އެޤަވާޢިދުގައި ބަޔާންކުރެވިފައިވާނެ.

އާދެ، މިއީ ހަމަ މިހާރު، މިދެންނެވީ ކުރިއަށް އޮތް ހަތަރުފަސްދުވަހުގެ ތެރޭގައި އިޢުލާނުކުރެވޭނެ ޤަވާޢިދެއް. އަޅުގަނޑު މިދަންނަވާ ކަންތައްތަކުގެ ތެރޭގައި، ހަމަ މިހާރުން މިހާރަށް ކުރަން ހަމަޖެހިފައިވާ ކަންތައްތަކާއި އަދި އެއަށްވުރެ ތަންކޮޅެއް ދުރަށް ވިސްނާފައި ކުރަންހުރި ކަންތައްތަކާއި އަދި ދާއިމީގޮތުން އޭގެ ފައިދާ ލިބޭގޮތަށް ކުރަންހުރި ކަންތައްތަކެއް އެބަހުރި. ކުރިން މިދެންނެވި ޤަވާޢިދު އެއީ، ހަމަ މިހާރުން މިހާރަށް ހިންގަން ފެށޭނެ އެއްޗެއް.

ދެވަނަ ފިޔަވަޅަކަށް ސަރުކާރުން ވިސްނައި، މިހާރު ނިންމަވާފައިވަނީ، މާލެއިން ގޯތިގެދޮރު ލިބުމަށް އެދި، ނުލިބިފައިވާ މީހުންނަށް ގޮތެއް ހޯދައިދިނުން، އާދެ، އެގޮތަކީ ކޮބައިތޯ؟ މާލެއަކީ ވަރަށް ކުޑަކުޑަ ރަށެއް. މިހާރު މާލެ މިއޮތީ ހިއްކޭނެ އެންމެ ބޮޑަށް ހިއްކިފައި. ދެން އިތުރަށް މީހުންނަށް ގޯތިދޭން އަޅުގަނޑު މިދެންނެވީ ކުރިއަށް އޮތް ތާނގައި މިހާރު ހެދުމަށް ހަމަޖެހިފައިވާ "ހައުސިންގ ސްކީމް"ގެ ދަށުން ގޯތިގެދޮރުގެ ހިޔާވަހިކަން ލިބޭ މީހުންނާއި، އަދިވެސް ފަހަރެއްގައި މާލޭގެ ބިމުން ގޯތިދެވެން އޮތް ކަމަށްވަންޏާ، ގޯތިދެވޭނެ މަދު ޢަދަދެއްގެ ބައެއް ފިޔަވައި، މުސްތަޤްބަލުގައި އެހެން މީހުންނަށް މާލެއިން ގޯތި ލިބޭކަށް ނެތް. އެހެންވީމާ، އެފަދަ މީހުންނަށް ގޮތްތަކެއް ހޯދައިދިނުން އެއީވެސް، ސަރުކާރުން ކުރަންޖެހޭނެ ކަމަކަށްވާތީ، އެކަންވެސް މިހާރުވަނީ ނިންމާފައި. އާދެ، މާލޭގެ ރަށްވެހިންނަށް، މާލެއިން ގޯތިގެދޮރު ނުލިބިފައި ތިބި މީހުންނަށް ގޯތިގެދޮރު އަޅާނެ ބިން ހޯދައިދޭންޖެހޭނީ މާލެއާ ކައިރިން. އެހެންވީމާ، ސަރުކާރުން ވިސްނީ، މާލެއާ ކައިރީގައި ހުރި ރަށްތަކާ ދޭތެރޭގައި.

އެނގިވަޑައިގަންނަވާނެ ފަދައިން، މާލެއަތޮޅުގައި ގިނަ ރަށްރަށް ހުރީ ޓޫރިޒަމްގެ މަސައްކަތަށް ދޫކުރެވިފައި. އެހެންނަމަވެސް، މީހުންގެ ދިރިއުޅުމަކީ، އިޤްތިޞާދީ ކުރިއެރުމަށްވުރެ އިސްކަންދޭންޖެހޭނެ ކަމެއް. އެންމެ ފުރަތަމަ އަހަންމިއްޔަތު ދޭންޖެހެނީ މީހުންނަށް، މީހުންގެ ޞިއްޙަތަށް. އޭގެފަހުގައި ވިޔަފާރިއަށް، އިޤްތިޞާދީ ކުރިއެރުމަށް. އެހެންވީމާ، ސަރުކާރުން މިހާރު ނިންމީ، މާލެ ކައިރީގައި މިހާރު ޓޫރިސްޓް ރިޒޯޓެއް ހިންގާ ރަށެއް ކަމުގައިވާ ވިލިނގިލި، މިހާރު އެރަށް ކުއްޔަށް ދީފައިވާ މުއްދަތު ހަމަވުމުން، އެރަށުގައި ދިރިއުޅެން، މިދެންނެވިކަހަލަ މީހުންނަށް ގޯތިދޫކުރަން. އާދެ، މާލެއަތޮޅުގައި ދެންހުރި ރަށްރަށަށް ވިސްނާއިރު، މީހުން ދިރިއުޅެން ކަމުދާކަމަށް ސަރުކާރަށް ފެނުނީ މީރުފެންފުށީގައި. މީރުފެންފުށްޓަކީ، ވަރަށްބޮޑު ރަށެއް، ތަން އޮތް ތަނެއް. ހުރިހާ ގޮތަކުންވެސް މީހުން ދިރިއުޅެން އެކަށީގެންވާ ތަނެއް. އެހެންވީމާ، މީރުފެންފުށީގައި މިހާރު ރިޒޯޓެއް ހިނގަމުންދާތީ، އެތަން ކުއްޔަށް ދީފައިވާ މުއްދަތު ހަމަވުމުން، އެތާނގައިވެސް މީހުންނަށް ދިރިއުޅެވޭނެ އިންތިޒާމު ހަމަޖައްސަން ސަރުކާރުން މިހާރު ކަނޑައަޅައިފި.

އާދެ، މި ދެ ރަށް، ކުރިންވެސް ދެންނެވިފަދައިން، އެއީ ދެ ރިޒޯޓު ހިނގާ ދެ ރަށް. އެހެންވީމާ، އެތަންތަނުން ސަރުކާރަށް ލިބޭ އާމްދަނީ މަދުވެގެންދާނެ. ވިލިނގިލިން މިހާރު ލިބެނީ އަހަރަކު 2.45 މިލިއަން ރުފިޔާ. މީރުފެންފުށިން އަހަރަކު 2.275 މިލިއަން ރުފިޔާ. ޖުމްލަ ގާތްގަނޑަކަށް ½4 މިލިއަން ދެތަނުން ލިބޭ. އެހެންނަމަވެސް، ކުރިން ދެންނެވި ފަދައިން، އެލިބޭ ½4 މިލިއަން ރުފިޔާއަށްވުރެ، ސަރުކާރުގެ ކުރިމަތީގައި މީހުން، މާ މުހިންމުކަން ބޮޑު. އެހެންވީމާ، މިއީ ސަރުކާރުންވާ ޤުރުބާނީއެއް. ލިބޭ އާމްދަނީގެ އެއްބައި ދޫކޮށްލާފައި، މީހުންނަށް ގެދޮރު އެޅުމަށްޓަކައި ބިންދޫކުރާގޮތަށް ހަމަޖެއްސުން.

އާދެ، ތިންވަނަ ފިޔަވަޅަކަށް ސަރުކާރުން މިހާރު ކަނޑައަޅާފައިވަނީ، މާލެކަހަލަ ސަރަޙައްދުތަކެއް ރާއްޖެތެރޭގައި އުފައްދަން. އާދެ، އެހެންގޮތަކަށް ދަންނަވަންޏާ، "ޑީސެންޓްރަލައިޒް" ކުރަން ނުވަތަ ލާމަރްކަޒީ އުޞޫލެއް ގެންގުޅެން. މިހާރު މާލެއަށް މީހުން ގިނަވާ ސަބަބަކީ، މާލޭގައި ހުރިހާ ކަމެއް ހަމަޖެހިފައިވާތީ. ރާއްޖެތެރޭގެ މީހުން މާލެއަށް އަންނަނީ، އަންނަން ޖެހިގެން. އެއީ، ރާއްޖެތެރެއިން ލިބެން ނުހުންނަކަހަލަ ފަސޭހަތަކެއް، ޚިދުމަތްތަކެއް މާލެއިން ލިބޭތީ. މާލެއަކީ ސަރުކާރު ހިންގާތަން. ވިޔަފާރީގެ އެންމެބޮޑު މަރުކަޒު. ރާއްޖޭގައި ހުރި އެންމެ ފުރިހަމަ ހަސްފަތާލު ހުރިތަން. އަދި ރާއްޖެތެރެއިން ލިބެންނެތް ތަޢުލީމު، މާލޭގައި ލިބެން އެބަހުރި. މާލޭގައި ވަޒީފާ އަދާކުރާނެ ފުރުޞަތުތައްވެސް ވަރަށް ގިނަ، ރާއްޖެތެރެއާ އަޅައިބަލާއިރު. މިދެންނެވީ މާލެއާއި އަދި މާލެ ކައިރީގައިވާ ރިޒޯޓުތަކުން ވަރަށް ގިނަ ޢަދަދެއްގެ މީހުންނަށް ވަޒީފާ ލިބޭ. މިކަންކަން މިހެން ހުރުމުގެ ސަބަބުން ރާއްޖެތެރޭގެ މީހުން މާލެއަށް އަންނަނީ. އަދި މާލޭގައި ވަޒަންވެރިވާގޮތް ދިމާވަނީ. އެހެންވީމާ، އެއީ ސަބަބުތަކެއް ހުރެގެން ވާކަމެއް. އެހެންވީމާ، އޭގެ ޙައްލަކީ، މާލެކަހަލަ ތަންތަން، އިތުރު ތަންތަން ރާއްޖެތެރޭގައި ހެދުން. މިއީ، ދިގު މުއްދަތެއްގެ ތެރޭގައި ކުރެވޭނެ ކަމެއް. ފަހަރެއްގައިވެސް ކުރިން ދެންނެވި ފަދައިން، މިހާރުން މިހާރަށް ކުއްލިއަކަށް ކުރެވޭނެ ކަމެއްނޫން އެއީކީ. އެހެންނަމަވެސް، ސަރުކާރުން މިހާރު ނިންމާފައިވަނީ، މިހާރުން ފެށިގެން އެކަން ކުރުމަށް ބޭނުންވާ ރޭވުންތައް ރާވަން.

އާދެ، މިގޮތަށް ކަންތައް ކުރުމަށްޓަކައި، ރާއްޖެތެރޭގެ ބައެއް ރަށްރަށްވެސް މިހާރު ސަރުކާރުން ފާހަގަކޮށްފި. އެތަންތާނގައި ކުރިން ދެންނެވި ފަދައިން، މާލެއިން ގެދޮރު ނުލިބިފައި ތިބި މީހުންނާއި އަދި ރާއްޖެތެރޭގެ މާލެކަހަލަ ބައެއް ރަށްރަށުން ގެދޮރު ނުލިބިފައި ތިބި މީހުން ދިރިއުޅެން ގޯތިދޫކުރާގޮތަށް މިހާރު ސަރުކާރުން ވަނީ ޤަޞްދުކޮށްފައި. މިދެންނެވީ ރާއްޖެތެރޭގައިވެސް ބައެއް ރަށްރަށް އެބަހުރި، އެ ރަށްރަށުގައި ދިރިއުޅޭ މީހުންގެ ޢަދަދު ގިނަކަމުން އިތުރަށް ގޯތި ލިބޭނެ ޖާގަނެތް ރަށްރަށް. އެތަންތާނގެ މީހުންނަށްވެސް، ސަރުކާރުން ހަމަ މާލޭގެ މީހުންނެކޭ އެއްފަދައިން، އެއްހަމައިން، އެއްވެސް ތަފާތެއްނުކޮށް ކަންތައް ކޮށްދޭންޖެހޭނެ. އެކަންތައްތައް އެގޮތަށް ކޮށްދިނުމަށް ސަރުކާރުން ވަނީ ޢަޒުމް ކަނޑައަޅާފައި.

އާދެ، އެހެންވީމާ ރާއްޖެތެރޭގައި، މި ރަށްތައް ހޮވާލުމުގައި ސަރުކާރުން ބެލި އުޞޫލުތަކުގެ ތެރޭގައި ހިމެނޭ ކަންތައްތަކަކީ، ރަށުގައި އެކަށީގެންވާ ހުސްޖާގައެއް އޮތުން، އެންމެ ފުރަތަމަ ކަމަކަށް. ދެން ތަރައްޤީގެ ތަފާތު މަސައްކަތްތައް ފެށުމަށް ކަމުދާ ރަށަކަށްވުން. އަދި އެތާނގެ ކައިރީގައި، މުސްތަޤްބަލުގައި އެކިއެކި ބޮޑެތި މަސައްކަތްތައް ފެށޭކަހަލަ ރަށަކަށްވުން. އަދި ދަތުރުފަތުރުކޮށް އުޅުމަށް ފަސޭހަ ރަށެއްކަމުގައިވުން. މިއީ، މައިގަނޑު އުޞޫލުތަކަކީ. މި އުޞޫލުތަކުގެ މައްޗަށް ބަލާފައި، މިހާރު ސަރުކާރުން ކަނޑައަޅާފައިވާ ރަށްތައް ދަންނަވާލާނަން. އެއީ، ތިލަދުންމަތީ އުތުރުބުރީ ކެލާ، ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ، ފާދިއްޕޮޅު މާފިލާފުށި، އަރިއަތޮޅު ތޮއްޑޫ، ހައްދުންމަތީ ގަން، ހައްދުންމަތީ އިސްދޫ، އައްޑުއަތޮޅު ހިތަދޫ.

މިރަށްރަށް މިހާރު އެގޮތަށް ހަމަޖައްސަން ސަރުކާރުން ޤަޞްދުކޮށްފައިވަނީ. މީގެތެރެއިން އެއް ރަށެއް އާދެ، ފާދިއްޕޮޅު މާފިލާފުށި އެއީ، މީހުން އުޅޭ ރަށެއް ނޫން. އެހެންނަމަވެސް، މިހާރު އެއަތޮޅުގައި ކަންތައް ހުރިގޮތުން ނައިފަރު، ހިންނަވަރުގެ މީހުންނަށް ދިރިއުޅެން ޖެހިފައިވާގޮތާ، މިކަންކަމަށް ބަލާއިރު، އަދި އެ ސަރަޙައްދަކީ، އިޤްތިޞާދީ ގޮތުން މުހިންމު ސަރަޙައްދަކަށްވާތީ. ފެލިވަރުގައި މަސްބަންދުކުރުމުގެ ކަންތައްތައް ހިނގަމުންދާ ތަނަކީ ފާދިއްޕޮޅުގައި އޮތް ތަނެއް. މިކަންތައްތައް މިހެން ހުރުމާއެކު، އެތާކައިރި ނުވަތަ އެ އަތޮޅުން އެހެން ރަށެއްގައި މީހުންނަށް ދިރިއުޅެވޭނެ އިންތިޒާމެއް ހަމަޖައްސައިގެން ނޫނީ، މުސްތަޤްބަލުގައި ރައްޔިތުންގެ ދިރިއުޅުން އެކަށީގެންވާ ގޮތެއްގައި ނުގެންދެވޭނެ ކަމަށް ފެންނާތީ، މާފިލާފުށި، އެ ރަށް ކަމުގައި ސަރުކާރުން ހަމަޖެއްސީ. ދެން ހުރި ރަށްރަށް އެއީ، މީހުން އުޅޭ ރަށްތައް. އެހެންނަމަވެސް، މިގޮތަށް ހަދާއިރު ސަރުކާރުން ޢިނާޔަތެއްގެ ގޮތުން ކޮށްދޭން ހަމަޖައްސާފައިވާ ކަންތައްތަކެއްވެސް އެބަހުރި. އެއީ، ފަޅުރަށަކަށް މީހުން ބަދަލުވާކަމަށްވަންޏާ، އެރަށުގައި އެންމެ ފުރަތަމަވެސް މަގުތައް ހަދައިދިނުން. ވާކޮށައި، މަގު ހަދައިދިނުން. ރަށުގައި ފާލަމެއް އަޅައިދިނުން. ރަށަށް ބޭނުންވާ މަދަރުސާއެއް ހަދައިދިނުން. ޞިއްޙީ ޚިދުމަތް ލިބޭނޭ ތަނެއް ހަދައިދިނުން. އަދި އަމިއްލަ މީސްމީހުންނަށް ދޫކުރެވޭ ގޯތިތަކުގެވެސް މަގުމަތީ ފާރު، ސަރުކާރުގެ ޚަރަދުގައި ރާނައިދިނުން. އަދި އެތަނަށް ބޭނުންވާ ކަރަންޓް ލިބިދެވޭނެ އިންތިޒާމެއް ހަމަޖެއްސުން. މިކަހަލަ ކަންތައްތައް ކޮށްދިނުމަށް ސަރުކާރުންވަނީ ޤަޞްދުކޮށްފައި. މީހުން ބަދަލުކުރެވޭ ނުވަތަ މީހުން އެދިގެންދާ ރަށްރަށަކީ، މީހުން ދިރިއުޅޭ ރަށްތަކެއް ކަމުގައިވިޔަސް، އެ ދާ ހިސާބުގައި އެކަށީގެންވާ ޢަދަދަކަށް މީހުންދާ ކަމަށްވަންޏާ، އަޅުގަނޑު މިދެންނެވީ، މިކަމުގައިވެސް މަޖުބޫރުކަމެއް ނެތް. އެއީ، އެމީހަކު އެދޭ ރަށަކަށް އެމީހަކު ދާނީ. މިސާލަކަށް، ކެލަޔަށް ދާމީހުން ގިނަކަމަށްވަންޏާ، ފުދޭވަރެއްގެ ޢަދަދެއްގެ މީހުން ދާކަމަށްވަންޏާ، އެމީހުން ގޮސް ދިރިއުޅޭ ތަންތާނގައިވެސް، މިދެންނެވި ކަންތައްތައް ސަރުކާރުން ކޮށްދޭނެ.

އާދެ، އެހެންވީމާ، މިއީ، ސަރުކާރުން ކުރަން ޤަޞްދުކޮށްފައިވާ ކަންތައްތަކަކީ. އަދި ކުރިން މިދެންނެވި ކަންތައްތައް، ޢަމަލީގޮތުން އެކަންތައްތައް ރާވައި، މަސައްކަތްތައް ތައްޔާރުކޮށް، މަސައްކަތްތައް ހިންގައި، އަދި މަސައްކަތްތައް ހިނގާނުހިނގާގޮތް ބެލުމަށްޓަކައި ސަރުކާރުން ޚާއްޞަ ޓާސްކްފޯހެއް އުފެއްދުމަށް ވަނީ ޤަޞްދުކޮށްފައި. އިރާދަކުރެއްވިއްޔާ، އެ ޓާސްކްފޯސްވެސް އޯގަސްޓް މަހުގެ އެއްވަނަ ދުވަހު އިޢުލާނު ކުރެވޭނެ.

ކުރިން ދެންނެވި ލާމަރްކަޒީ އުޞޫލު ކުރިއަށް ގެންދިޔުމަށްޓަކައި އިތުރަށް ސަރުކާރުން ޤަޞްދުކޮށްފައިވާ ބައެއް ކަންތައްތައްވެސް އެބަހުރި. އޭގެތެރެއިން އެންމެ މުހިންމު އެއްކަމަކީ، ހައްދުންމަތީގައި ޞިނާޢީ ސަރަޙައްދެއް ޤާއިމުކުރުން. އާދެ، ހައްދުންމައްޗަކީ ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ފަދައިން، ވަރަށްބޮޑެތި ރަށްތަކެއް ހުރި އަތޮޅެއް. އަދި އެ އަތޮޅަކީ ވައިގެމަގުން މާލެއާ މިހާރު ގުޅިފައިވާ އަތޮޅެއް. އެ އަތޮޅުގައި ކަންތައްތައް ހުރިގޮތުން އެ އަތޮޅަކީ، ޞިނާޢީގޮތުން ތަރައްޤީ ކުރެވިދާނެ އަތޮޅެއް ކަމުގައި ފެނޭ. އެހެންވީމާ، އެގޮތަށް ސަރުކާރުން ޚިޔާލުކޮށްގެން، ކަމާބެހޭ ހޯދުންތައް ހޯދައި، ސަރވޭ ކުރުމުގެ މަސައްކަތްތައް މިހާރު ކުރަމުން އެބަގެންދެވޭ. އެހެންވީމާ، ސަރުކާރުން ޤަޞްދުކުރަނީ މިފަދަ ޞިނާޢީ ސަރަޙައްދެއް ހައްދުންމަތީގައި ޤާއިމުކުރުމަށް ބޭނުންވާ ކަންތައްތައް، އެއީ ކޮންކޮން ކަންތައްތަކެއްތޯ ބަލައި، އެކަންތައްތައް ކުރުމަށް އެހީވެދިނުމަށް. އޭގެފަހުގައި، ރާއްޖޭގެ އަމިއްލަ ބޮޑެތި މަސައްކަތްތައް ހިންގަވާ ފަރާތްތަކަށާއި އަދި ބޭރުން ރާއްޖޭގައި އިންވެސްޓް ކުރަން އެދޭ ފަރާތްތަކަށް، އެތަންތާނގައި އެކިއެކި މަޝްރޫޢުތައް ހިންގުމަށް ދަޢުވަތު ދެވޭނެ. އެކަށީގެންވާ މަޝްރޫޢެއް ހުށަހެޅި ކޮންމެ ފަރާތަކަށް، އެތާނގައި އެބަޔަކު ބޭނުންވާ މަސައްކަތެއް ކުރުމުގެ އިންތިޒާމު ހަމަޖައްސައިދެވޭނެ.

އާދެ، މިއީ، އަޅުގަނޑު މިއަދު ތިޔަބޭފުޅުންނާ މުޚާޠަބުކޮށް ދައްކަން ބޭނުންވި ވާހަކައަކީ. ކުރިންވެސް ދެންނެވިފަދައިން މިވާހަކަތަކަކީ، އަޅުގަނޑުމެންނަށް މާފަސޭހައިން ޤަބޫލުކުރެވޭކަހަލަ ވާހަކަތަކަކަށް ނުވެހިނގައިދާނެ. ޚާއްޞަކޮށް، އަޅުގަނޑު މިދެންނެވި ވާހަކަތަކުގެ ތެރޭގައި ހިމެނޭ މާލޭގައި ގޯތިގެދޮރު ހުންނަވީގޮތުގެ ޤަވާޢިދު، އެއަށް ޢަމަލުކުރުން އެއީ، ކުރިންވެސް ދެންނެވި ފަދައިން، ބައެއް ފަރާތްތަކަށް ދަތިކަމަކަށްވެދާނެ. އެހެންވީމާ، އަޅުގަނޑު ދެންނެވީ، އެވާހަކަތައް އައްސަވަން ފަހަރެއްގައި މާފަސޭހަފުޅުނުވެ ހިނގައިދާނެއޭ. އެހެންނަމަވެސް، ކުރިންވެސް ދެންނެވިފަދައިން، އެއީ، މަޖުބޫރުވެގެން ކުރާ ކަމަކަށްވާތީ، އެކަމުގައި ދެން ކުރެވޭނެ އެހެން ކަމެއް ނެތް. އަޅުގަނޑުމެން އެންމެންގެ މަސްއޫލިއްޔަތަކީ، މިކަމުގައި ސަރުކާރާ އެއްބާރުލުން. ސަރުކާރުން މިއަޅާ ހުރިހާ ފިޔަވަޅުތަކަށް ރައްޔިތުންގެ ފަރާތުން ފުރިހަމަ ތަރުޙީބެއް ލިބުން. ޝައްކެއްނެތްގޮތުގައި، ސަރުކާރުން ޤަޞްދުކުރާ އެއްވެސް ކަމެއް ކާމިޔާބުވާނީ، ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމާއި ތަރުޙީބު ލިބިގެން. އެހެންވީމާ، އަޅުގަނޑު ޔަޤީންކުރަނީ ރާއްޖޭގެ ރައްޔިތުންނަކީ، އަދި މިކަންތައް މިހާރު ރޭވިގެން މިދާގޮތުންވިއްޔާ، މާލޭގައި ދިރިއުޅޭ މީހުންނަކީ ވިސްނުން ހަރުދަނާ، އެމީހުންގެ މަޞްލަޙަތު އޮތީ ކޮންގޮތެއްގައިކަން އެމީހުންނަށް ވަޒަންކުރެވޭ ބަޔަކުކަމުގައިވާނެ ކަމަށް.

އާދެ، އަޅުގަނޑުމެން މިހާރު މިވޭތުކުރަނީ 1980ގެ އެންމެފަހު އަހަރުތައް. 2000 ވަނަ އަހަރަކީ ދުނިޔޭގެ ވަރަށް ގިނަ ޤައުމުތަކުގައި، އެ އަހަރަކާ ދޭތެރޭގައި މިހާރުއްސުރެ، އަދި މީގެ ކުރިންވެސް ރާވައި އިންތިޒާމުތަކެއް ހަމަޖައްސާ އަހަރެއް. އެހެންވީމާ، އަޅުގަނޑުމެންގެ ރާއްޖޭގައިވެސް 2000 ވަނަ އަހަރަށް ރާއްޖެދާއިރު، ރާއްޖޭގައި ކަންތައްތައް އޮންނަންވާނެ ގޮތް އެއީ، އަޅުގަނޑުމެން މިހާރުވެސް ވިސްނައި، އެކަމަށް ބޭނުންވާނެ ކަންތައްތައް ރާވަންޖެހިފައިވާ އަހަރެއް.

އާދެ، އަޅުގަނޑު ދެކޭގޮތުގައި، ރާއްޖެ 2000 ވަނަ އަހަރަށްދާއިރު، އަޅުގަނޑުމެން ޤައުމީގޮތުން ކުރަންޖެހޭ ކަންތައްތަކެއް، އަޅުގަނޑުމެން އަމިއްލަގޮތުން، ފަރުދީގޮތުން ކުރަންޖެހޭ ކަންތައްތަކެއްވެސް ހުންނާނެ. އެހެންވީމާ، އަޅުގަނޑު އެދެނީ ރާއްޖޭގެ ރައްޔިތުން މިކަމާ ދޭތެރޭގައި ވިސްނަވައި، 2000 ވަނަ އަހަރަށް ރާއްޖެދާއިރު، ރާއްޖޭގައި ކަންތައްތައް ހުންނަންވީ ކިހިނެއްތޯ ކަނޑައެޅުއްވުން. ކޮންމެ ރަށެއްގެ ރައްޔިތުންވެސް، އެ ރަށެއްގައި ކަންތައްތައް ހުންނަންވީގޮތް، އެމީހުން ބޭނުންވާގޮތް މިހާރުއްސުރެ ވިސްނައި އަދި އެބޭނުންވާގޮތަށް ކަންތައްކުރެވޭނީ ކިހިނެއްތޯ ބަލައިހެދުން. މުޅި ޤައުމުގެ ފެންވަރުގައި ރާއްޖޭގެ ރައްޔިތުން މިދެންނެވިގޮތުގެ މަތިން ޚިޔާލުކުރައްވައި ލަނޑުދަނޑިތަކެއް، މަޤްޞަދުތަކެއް ކަނޑައެޅުއްވުން. ކޮންމެ ރަށެއްގެ ރައްޔިތުންވެސް، ކޮންމެ އަތޮޅެއްގެ ރައްޔިތުންވެސް އަދި މުޅި ރާއްޖޭގެ ރައްޔިތުން ޢާންމުކޮށް. 2000 ވަނަ އަހަރަށް ރާއްޖެދާއިރު، ރާއްޖެ އޮންނަންވީ ގޮތް ތަޞައްވުރު ކުރައްވައި، އެހާތަނަށް ދެވޭއިރު، އަޅުގަނޑުމެން ޙާޞިލުކުރަންވީ ކޮން މަޤްޞަދުތަކެއްތޯ ބައްލަވައި، އެމަޤްޞަދުތައް ކަނޑައަޅުއްވައި އަދި އެމަޤްޞަދުތަކާ ހަމައަށް ދެވޭނީ ކިހިނެއް ހަދައިގެންތޯ، ކޮންކަހަލަ ފިޔަވަޅުތަކެއް މިހާރުއްސުރެ އަޅައިގެންތޯ ބައްލަވައި، އެކަންތައްތައް ކަނޑައެޅުއްވުން.

އާދެ، 2000 ވަނަ އަހަރު ރާއްޖެ އޮންނަންވާނެ ގޮތެއް ކަމަށް އަޅުގަނޑަށް ހިތަށް ފެންނަ ގޮތަކީ، ރާއްޖެއަކީ ސިޔާސީގޮތުން މިނިވަން، އިޤްތިޞާދީ ގޮތުން މިނިވަން، ޘަޤާފީގޮތުން، ފިކުރީގޮތުން މިނިވަން ރާއްޖެއަކަށްވުން. އަދި ރާއްޖެއަކީ މާތްވެގެންވާ އިސްލާމްދީނުގެ ހިދާޔަތުގައި ފައިތިލަ ސާބިތުކޮށްގެން ތިބި، އިސްލާމްދީނުގެ އުޞޫލުތަކަށް ޙުރްމަތްތެރިކޮށްހިތާ ބަޔަކު ދިރިއުޅެމުންދާ ރާއްޖެއެއް ކަމުގައިވުން. ރާއްޖެއަކީ އެތަނެއްގެ އަހުލުވެރިން، ރާއްޖޭގެ ތާރީޚަށްޓަކައި ފަޚުރުވެރިވާ އަދި ރާއްޖޭގެ ޤައުމީ ބަސް ކަމުގައިވާ ދިވެހިބަހަށް ކަމޭހިތާ ބަޔަކު ދިރިއުޅޭ ތަނެއް ކަމުގައިވުން. ރާއްޖެއަކީ، ޞުލްޙަވެރިކަމާއި، އަމަންއަމާންކަމުގެ ތަނެއް ކަމުގައިވުން. ރާއްޖޭގެ ރައްޔިތުންނަކީ، އެކަކު އަނެކަކުދެކެ ލޯބިވާ، އެކަކު އަނެކަކަށް ހަމްދަރުދީވާ، އެއްބަޔަކު އަނެއް ބަޔަކަށް އެހީތެރިވާ ބަޔަކު ދިރިއުޅޭ ރާއްޖެއެއް ކަމުގައިވުން. އަދި ރާއްޖޭގެ ރައްޔިތުންނަކީ، އެފަދަ ބައެއް ކަމުގައިވުން. ރާއްޖެއަކީ ތަނަވަސް، އެކަށީގެންވާ ފެންވަރެއްގައި، ރާއްޖޭގެ އެންމެ އާދައިގެ މީހާއަށްވެސް ދިރިއުޅެވޭނެ ތަނެއް ކަމުގައިވުން. ގޯތިގެދޮރުގެ ހިޔާވަހިކަން ލިބިގެންވާ، ޞިއްޙީގޮތުންވެސް އެކަށީގެންވާ ފެންވަރެއްގައި ދިރިއުޅޭ ބަޔަކު އުޅޭ ރާއްޖެއެއް ކަމުގައިވުން. ރާއްޖޭގެ އިޤްތިޞާދީ ފުދުންތެރިކަން، އަޅުގަނޑުމެންނަށް ގެންދެވެން ހުރި އެންމެ މަތީ މިންވަރަކަށް ގެންދެވިފައިވާ ތަނެއް ކަމުގައިވުން. ރާއްޖެއަކީ، ފެހި ދަނޑުތަކަކުން ފުރިގެންވާ ހިތްފަސޭހަ ތަނެއް ކަމުގައިވުން. ރާއްޖޭގެ މީހުންނަކީ، ނޭވާލުމަށް ސާފުވައި ލިބޭ، އަދި ޞިއްޙީގޮތުން ރައްކާތެރި ބޯފެން ލިބޭ ބަޔަކު ކަމުގައިވުން. އަދި މި ހުރިހާ ކަމެއްގެ އިތުރަށް، ރާއްޖެއަކީ އިސްލާމީ އުޚުއްވަތްތެރިކަމުގެ ހިޔާވަހިކަމުގެ ދަށުން އެއްބަނޑުއެއްބަފާ ބަޔަކު ދިރިއުޅޭ ޤައުމެއް ކަމުގައިވުން.

އާދެ، اللهُ سُبْحَانَهُ وَتَعَالَى އަޅުގަނޑުގެ މި ހުވަފެނަކީ ޙަޤީޤަތެއް ކަމުގައި ހައްދަވާށި. އާމީން.

والسّلام عليكم ورحمـة اللّـه وبركاته.