އަންދާޒާ ކުރެވިފައިވާ ވަރަށްވުރެ ހަލުވިމިނެއްގައި ރާއްޖޭގެ އިޤްތިޞާދު ރަނގަޅުވަމުން އަންނަކަމުގައި ރައީސުލްޖުމްހުރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، އިންޑިޔާގެ މަޝްހޫރު "ދަ ހިންދޫ" ނޫހަށް މިއަދު ހަވީރު ދެއްވި ބަސްދީގަތުމެއްގައެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ކުރިން ބެލެވިފައިވާ ވަރަށްވުރެ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު މިހާރު އިތުރުވަމުންދާ ކަމަށާއި، މަސްވެރިކަންވެސްދަނީ ރަނގަޅުވަމުން ކަމުގައި ވިދާޅުވިއެވެ.

"ދަ ހިންދޫ" ގެ ރިޕޯޓަރު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދީ ދުވެލީގައި އިންޑިޔާގެ ޙިއްޞާ އިތުރުވަމުން އަންނަކަމުގައެވެ. އަދި ރާއްޖޭގެ ތަޢުލީމީ، ޞިއްޙީ، އަދި ފެނާއި އެހެނިހެން އަސާސީ ޚިދުމަތްދޭ ދާއިރާތަކުގައި އިންވެސްޓްކުރުމަށް ޝައުޤުވެރިވާ އިންޑިޔާ ކުންފުނިތައް އެބަހުރި ކަމުގައެވެ. އަދި މަޝްހޫރު ތާޖް ގްރޫޕުންވެސް އާ މަރުކާއެއް ތަޢާރަފްކުރަމުންދާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ސަލާމަތާ ބެހޭގޮތުންވެސް "ދަ ހިންދޫ" އިން ރައީސުލްޖުމްހޫރިއްޔާ އަރިހުގައި ސުވާލު ދެންނެވިއެވެ. ރާއްޖޭގެ 7 ސަރަޙައްދެއްގައި އިންޑިޔާ ސަރުކާރުގެ އެހީގައި ރާޑަރު ބެހެއްޓުމުގެ މުހިންމު އެއްބޭނުމަކީ، ރާއްޖޭގެ މަސްކަނޑުތައް ޙިމާޔަތް ކުރެއްވުން ކަމަށާއި، އެކަމުގެ މުހިންމުކަން ފެނިގެންދިޔައީ، ރާއްޖޭގެ މަސްކަނޑުތަކުން ދާއަޅައި މަސްވެރިކަން ކުރަމުންދިޔަ އުޅަނދެއް އިހަށް ދުވަހު ކޯސްޓްގާޑުން އަތުލައިގަތުމުން ކަމުގައި ވިދާޅުވިއެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގެ އަނެއް މުހިންމު އެއް ބޭނުމަކީ، ކަނޑުފޭރޭ މީހުންގެ ކިބައިން ރާއްޖޭގެ އުޅަނދުފަހަރާއި ރަށްތައް ސަލާމަތް ކުރެއްވުން ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި، އިންޑިޔާގެ މަޝްހޫރު ނޫސްވެރިއެއްކަމުގައިވާ މިޒް ޖަޔޮތީ މަލްހޮތްރާ ދެއްވާ ރޭގަނޑުގެ ފަރިއްކޮޅެއްގައި މިރޭ ބައިވެރިވެވަޑައިގަންނަވާނެއެވެ.