ރާއްޖެއަށް އަންނަމުންދާ ޑިމޮކްރެޓިކް ބަދަލުތަކާއެކު ޝަރުޢީ ދާއިރާއަށް އެކަށީގެންވާ އާރޯކަމެއް އަދި ނާންނަ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ދަ ޓައިމްސް އޮފް އިންޑިޔާއަށް ދެއްވި ބަސްދީގަތުމެއްގައެވެ. ރައީސުލްޖުމްހޫރިއްޔާގެ ބަސްދީގަތުމުގައި، ރާއްޖޭގައި ކުރިއަށްވުރެ ވަރަށް ގިނަ ކަންތައްތައް މިހާރު ރަނގަޅުވެގެން ހިނގައްޖެ ކަމަށާއި، ރާއްޖޭގައި އިންސާނީ ޙައްޤުތައް ހިމާޔަތްކުރުމަކީ އެމަނިކުފާނު ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއް ކަމުގައި ވިދާޅުވިއެވެ.

ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާ ކުރެއްވުމަށް އިންޑީޔާއިން ވެދެވޭނީ ކޮންކަހަލަ އެހީތަކެއްތޯ ރައީސުލްޖުމްހޫރިއްޔާ އަރިހުގައި ދެންނެވުމުން، އިންޑިޔާއަކީ ރާއްޖެއަށް ވަރަށް ގިނަގުނަ އެހީތަކެއް ވަމުންދާ ޤައުމެއްކަމަށާއި، ޑިމޮކްރަސީ ހަރުދަނާ ކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގައިވެސް އިންޑިޔާގެ އެހީތެރިކަން ލިބެމުންދާ ކަމުގައި ވިދާޅުވިއެވެ. އަދި، ރާއްޖެއަށް އަންނަމުންދާ ޑިމޮކްރެޓިކް ބަދަލުތަކާއެކު ހަރުދަނާކުރަންޖެހޭ ބައެއް މުއައްސަސާތައް ފާހަގަކުރައްވަމުން، ޕޮލިސް އިންޓެގްރިޓީ ކޮމިޝަނާއި، ޖުޑީޝަލް ސާރވިސް ކޮމިޝަންފަދަ މުސްތަޤިއްލު ކޮމިޝަންތައް ހިނގައިގަނެ ހަރުދަނާވެގެން ދިޔުން އެއީ، ކައިރި މުސްތަޤްބަލެއްގައި ފެނިގެންދާނެ ޙަޤީގަތްތަކެއް ކަމަށް އުންމީދުކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.