ސަރުކާރުން އެންމެ އިސްކަންދޭ އެންމެ މުހިންމު އެއް ސިޔާސަތަކީ ލާމަރުކަޒީ އުސޫލުން ރާއްޖެ ހިންގުންކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިހެން ވިދާޅުވީ ލޯކަލްގަވަރމަންޓް އޮތޯރިޓީން(އެލްޖީއޭ) އިންތިޒާމުކޮށް ބޭއްވި ކަންކަތި އެވޯޑް 2022 ދިނުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި މޭރުމުން މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ވަޢުދުވެވަޑައިގެންނެވި ގޮތަށް އެމަނިކުފާނުގެ ސަރުކާރުން ފުރަތަމަ ކުރެއްވި މަސައްކަތަކީ ވެސް ހިފެހެއްޓިފައި ހުރި ކައުންސިލުތަކުގެ ބާރުތައް ދޫކޮށްލައި، ކައުންސިލްތަކަށް ފުރިހަމައަށް މަސައްކަތްކުރެވޭނެ ގޮތް ހަމަޖައްސައިދެއްވުން ކަމަށެވެ.
ހަމަ އެހެންމެ ރަށްރަށާއި އަތޮޅުތަކުގެ ތަރައްޤީއަށް މީގެ ކުރިން ދުވަހަކުވެސް ނުދޭވަރަށް މި ސަރުކާރުން ސަމާލުކަންދޭކަމަށާއި ޚާއްޞަކޮށް ޤައުމުގެ ތަރައްޤީގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ސަރުކާރުން ވަރަށްބޮޑު އިސްކަމެއްދެއްވާކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރެއްވިއެވެ. އެގޮތުން ވަޒީރުންގެ މަޖިލީހާއި ސަރުކާރުގެ އެކި ވުޒާރާތަކާއި މުއައްސަސާތަކާއި ރާއްޖެތަމްސީލުކުރެއްވުމަށް ރާއްޖެއިން ބޭރުގައި ތިއްބަވާ ފަރާތްތަކަށް ބެލި ނަމަވެސް މީގެ ކުރިން ނުފެންނަ މިންވަރަށް އަންހެނުންގެ ހިއްސާ އިތުރުކުރެވިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި އަތޮޅެއްގައި ވިޔަސް ރަށެއްގައި ވިޔަސް ތަރައްޤީ ހޯދޭނީ ގުޅިގެން އެކީގައި ކުރެވޭ މަސައްކަތުންކަން ފާހަގަކުރެއްވިއެވެ. ހަމަ އެހެންމެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކޭ އެއްވަރަށް އިޖްތިމާޢީ ހަމަޖެހުން ގެނައުމާއި ދުޅަހެޔޮ ޒުވާންޖީލެއް ބިނާކުރުމަށް މަސައްކަތްކުރުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ "ކައުންސިލްތަކުގެ ރޭންކިންގ(2019- (2020ފޮތް ނެރެދެއްވާފައެވެ.
މީގެ އިތުރުން އެމަނިކުފާނު ވަނީ 'ރަނަހަމާންތި' އަދި 'ގަދަހަމާންތީ'ގެ 1 ވަނަ ދަރަޖައިގެ އެވޯޑް(2019 އަދި 2020) ރަށު ކައުންސިލާއި އަދި އަތޮޅު ކައުންސިލާއި ހަވާލުކޮށްދެއްވާފައެވެ.
ކަންގަތި އެވޯޑަކީ އެލްޖީއޭއިން ލޯކަލް ކައުންސިލުތައް މިންކުރުމަށް އެކުލަވާލާފައިވާ ލޯކަލް ކައުންސިލް ޕަރފޯމަންސް އިންޑެކްސްގެ ދަރަޖަތައް ބަލައި ވަނަވަނައަށް އަންނަ ކައުންސިލުތަކަށް އެ އޮތޯރިޓީން ދެމުންއަންނަ އެވޯޑެކެވެ.