ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުޙައްމަދު ޞާލިޙް ފާދިއްޕޮޅު ކުރެންދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ކުރެންދޫ ސްކޫލްގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ އެރަށުގެ ތަރައްޤީއަށް އެންމެ މުހިންމު މަޝްރޫޢުތަކާއި ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. އެގޮތުން ފުޓްބޯޅަ ދަނޑު ފެންވަރުމަތިކުރުމާއި، ޞިއްޙީ މަރުކަޒުގެ ޚިދުމަތް ފުޅާކުރުމާއި، މީގެ އިތުރުން ޔޫތް ސެންޓަރެއް ބޭނުންވާކަމާއި ސްކޫލަށް އިތުރު ކްލާސްރޫމް ބޭނުންވާކަމާއި ކައުންސިލް އިދާރާގެ އިމާރާތެއްގެ މުހިންމުކަމާ، މަގުހެދުމާއި އަދި ބަނދަރާއި ގުޅިގެން ކައުންސިލުން ބޭނުންވާ ކަންކަން ކައުންސިލަރުން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ކައުންސިލަރުން ވަނީ ބައެއް މަޝްރޫޢުތަކާ ގުޅިގެން ކައުންސިލާއި ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ރަށްރަށުގައި ސަރުކާރުން ކުރިޔަށްގެންދާ މަޝްރޫޢުތައް ކުރިޔަށްގެންދަވާނީ ކައުންސިލާއި ރައްޔިތުންގެ ވިސްނުމާއެކުކަން ފާހަގަކުރެއްވިއެވެ. އަދި ކައުންސިލަރުން ހުށަހެޅުއްވި ކަންކަމުގައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ މަޝްވަރާކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ ކުރެންދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ކުރެންދޫގައި ސަރުކާރުން ކުރިޔަށްގެންދަވާ މަޝްރޫޢުތަކުގެ އިތުރު ތަފްޞީލުތައް ހިއްސާކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނު ކުރެންދުއަށް ވަޑައިގެންނެވުމުން ކުރެއްދޫ ރައްޔިތުންއެމަނިކުފާނަށް ދެންނެވި ހޫނު މަރުޙަބާއަށް ޝުކުރު އަދާކުރައްވާފައެވެ.

ތަރައްޤީގެ މަޝްރޫޢުތަކުގެ ތަފްޞީލުތައް ހިއްސާކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކުރެންދޫގެ ބޯހިޔާވަހިކަމުގެ ދަތިކަމަށް ޙައްލެއް ހޯދައިދިނުމުގެ ގޮތުން އަތޮޅުތަކުގައި ކުރިޔަށްގެންދާ ހައުސިންގ މަޝްރޫޢުގެ ދަށުން ކުރެންދޫގައި ބޯހިޔާވަހިކަމުގެ މަޝްރޫޢެއް ކުރިޔަށް ގެންދަވާނެކަމުގައެވެ. މީގެ އިތުރުން ބަނދަރުގެ ދަތިކަމުގެ މައްސަލައަށް ޙައްލެއް ހޯދުމުގެ ގޮތުން ބަނދަރުގެ ބޭރުތޮށި ބޭރަށްޖެއްސެން އޮތް ވަރެއް ބެލުމަށް ޓެކްނިކަލް ސަރވޭއެއްކޮށް މިއަހަރުގެ ތެރޭގައި އެމަސައްކަތް ކުރައްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެ އިތުރުން ރަށުގެ ފުޓްބޯޅަ ދަނޑުގެ ސިޑީބަރިއާ ރޮސްޓްރޮމް އަދި ޗޭންޖީން ރޫމު ހިމެނޭގޮތަށް ތަރައްޤީކުރުމާއި އުދަ އެރުމުގެ ސަބަބުން ދަނޑަށް ލިބުނު ގެއްލުންތައް ރަނގަޅުކޮށް ކުރިން ދަނޑު އޮތްގޮތަށް އިޔާދަކޮށްދޭނެކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެ އިތުރުން ރަށުގެ ގިރާ ސަރަޙައްދު ހިމާޔަތްކުރާއިރު މޫދަށް އެރޭ ސަރަޙައްދެއްވެސް އެސަރަހައްދުގައި ތަރައްޤީކުރެވޭނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ފެނަކައިގެ އައު އިމާރާތަށް އިންޖީނުގެ ބަދަލުކުރުމުގެ މަސައްކަތް ވެސް ވަރަށް އަވަހަށް ފެށިގެންދާނެކަން ފާހަގަކުރައްވައި ފެނާ ނަރުދަމާގެ މަސައްކަތް ނިމުމުން މަގުހެދުމުގެ މަސައްކަތްވެސް ކުރިޔަށް ގެންދަވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެކި ސަބަބުތަކާ ހުރެ މަޑުޖެހިފައިހުރި މަޝްރޫއުތައް އަލުން ކުރިޔަށްގެންގޮސް މަސްރޫއުތަކުގެ ސްޕީޑް އަވަސްކުރުމަށް ސަރުކާރުން ހާއްސަ އިސްކަމެއްދެއްވައިގެން މަސައްކަތްކުރައްވާނެކަމުގައެވެ.

ކުރެންދުއަށް ކުރެއްވި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކުރެންދޫ ޞިއްޙީ މަރުކަޒަށް ޒިޔާރަތްކުރައްވައި ޞިއްޙީ މަރުކަޒުގެ ޙާލަތު ބައްލަވާލައްވާފައެވެ.

ކުރެންދޫއަކީ ރައީސުލްޖުމްހޫރިއްޔާ ޅ. އަތޮޅަށް ކުރައްވާ މި ދަތުރުފުޅުގެ އެންމެ ފަހު މަންޒިލެވެ. މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ޅ. މަޑިވަރާއި ހިންނަވަރާއި ފެލިވަރާއި ނައިފަރާއި އޮޅުވެލިފުށްޓަށް ވަޑައިގެންފައެވެ. މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ވަޒީރުންނާއި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.