بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اللهُ سُبْحَانَهُ وَتَعَالَى އަށް ޙަމްދާއި ޝުކުރުކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.
ދައުލަތުގެ ވަޒީރުން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ ރައީސް، ނައިފަރު ކައުންސިލްގެ ރައީސް އަދި ކައުންސިލަރުން، ޑަބްލިޔޫ.ޑީ.ސީ.ގެ މެންބަރުން، އަދި މުއައްސަސާތަކުގެ އިސްވެރިން، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛
السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.
އާދެ، މިއަދު ނައިފަރުގައި މި ބޭއްވޭ މި ކުޑަ ރަސްމިއްޔާތަކީ، ބޯހިޔާވަހިކަމުގެ ޙައްލު ހޯދައިދިނުމަށް، މި ސަރުކާރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން، ނައިފަރުގައި އެޅުނު 100 ހައުސިންގ ޔުނިޓް ނިންމައި، އޭގެ ޙައްޤުވެރިންނަށް ހަވާލުކުރުމަށްޓަކައި ކައުންސިލާ ހަވާލުކުރުމުގެ މަސައްކަތް. މީގެ ސަބަބުން އަޅުގަނޑު ގަބޫލުކުރަނީ، ނައިފަރުގައި ގެދޮރުވެރިކަން ނެތް އެތައް ޢާއިލާއެއްގެ ތެރެއިން ކޮންމެވެސް ބަޔަކަށް ޙައްލެއް ލިބިގެންދާނެ ކަމަށް.
އެހެންނަމަވެސް، މިއީކީ ނައިފަރަށް ދިމާވެފައިވާ ގެދޮރުވެރިކަމުގެ ދަތިކަމަށް އޮތް މުޅި ޙައްލެއް ނޫން. ނައިފަރަކީ ބޯހިޔާވަހިކަމަށް އެތައް ސަތޭކަ ބަޔަކު ބޭނުންވެފައި އޮތް ރަށެއް. އާބާދީގައި 5000 އަށްވުރެ ގިނަ މީހުން އޮތް މި ރަށުގައި، ރަށުގައި ވަޒަންވެރިވެ އުޅޭ މީހުން އަދި އެއަށްވުރެ ގިނަ. ނައިފަރުގެ ބޯހިޔާވަހިކަމުގެ ދަތިކަމަކީ، އިއްޔެއަކު އަދި މީގެ 5 އަހަރު ކުރިން، ނޫނީވިއްޔާ 10 އަހަރު ކުރީގެ ކަމެއް ނޫން. މާކުރިއްސުރެ ފަށައިގެންވެސް އޮތް ދަތިކަމެއް.
ކުރިއަށް ޖެހިލާއިރުގައި، ދިވެހިރާއްޖޭގެ ފުރަތަމަ ޤާނޫނުއަސާސީ، 1932 ވަނަ އަހަރު އެކުލަވައިލައި، ތަންފީޛުކޮށް ޢަމަލުކުރަން ފެށުމާ އެކީގައި، އޭރު ރައްޔިތުންގެ މަޖިލީހުން އެންމެ ފުރަތަމަ ފާސްކުރި ފާސްކުރުންތަކުގެ ތެރޭގައި އޮތް ޤާނޫނު އެއީ ހިންނަވަރާއި ނައިފަރުގެ ބޯހިޔާވަހިކަމުގެ ދަތިކަން ބޮޑުވުމުގެ ސަބަބުން، މި ދެރަށުގެ ރައްޔިތުންނަށް މާފިލާފުށިން ގޯތިދޭން ސަރުކާރުން ނިންމި ވާހަކަ. މި ދައްކަނީ މީގެ 90 އަހަރު ކުރީގައި އޮތް ބޮޑު މައްސަލައެއްގެ ވާހަކަ. ސަރުކާރަކަށްފަހު ސަރުކާރެއް ބަދަލުވަމުން އައިސް، 2022 ވަނަ އަހަރަށް އެޅިފައި މިއޮތީ.
ވީޑިއޯއިން ފެނުނު ފަދައިން، މިރަށުގައި މީގެކުރިން 25 ރޯހައުސް އެޅިގެންދިޔައީ، އެމް.ޑީ.ޕީ.ގެ ކުރީގެ ސަރުކާރުގައި، ރައީސް ނަޝީދުގެ ވެރިކަމުގައި. އެއަށްފަހުގައި ކަންދިމާކުރިގޮތުން، މިރަށުގައި 100 ހައުސިންގ ޔުނިޓްގެ މަސައްކަތް ނިމިގެން މިދަނީ، އަނެއްކާވެސް އަޅުގަނޑުމެން ތަމްސީލުވާ ސަރުކާރެއްގައި. މިއީ އަޅުގަނޑަށް ހަމަގައިމުވެސް ލިބޭ ވަރަށްބޮޑު އުފަލެއް.
މި ފްލެޓްތަކަކީ ވަރަށްދަތި އުނދަގޫ ދުވަސްވަރެއްގައި، މުޅި ދުނިޔެ ބަންދުވެފައި އޮއްވައި ސަރުކާރުން ހިންގި މަޝްރޫޢެއް. މި މަޝްރޫޢު ހިންގުމަށް ހަވާލުކުރި ފަރާތަކީ އާރު.ސީ.ސީ. ކޮންޓްރެކްޓްގައި އޮތް މުއްދަތުގެ ތެރޭގައި، އެއް އަހަރު ދުވަހުގެ ތެރޭގައި، މި މަޝްރޫޢު ވަރަށް ފުރިހަމައަށް ނިންމައިދިން ކަމަށްޓަކައި، ސަރުކާރުގެ ނަމުގައި، އާރު.ސީ.ސީ.އަށް ވަރަށް އިޚްލާޞްތެރިކަމާއެކުގައި އަޅުގަނޑު ޝުކުރު ދަންނަވަން.
ބޯހިޔާވަހިކަން ރައްޔިތުންނަށް ފޯރުކޮށްދޭން އަޅުގަނޑުމެން ސިޔާސަތު ތަންފީޛު ކުރަމުންދާއިރުގައި، އަޅުގަނޑުމެންނަށް ގަބޫލުކުރެވުނީ، ދެ ކޮޓަރީގެ ފްލެޓެއް، ނޫނީވިއްޔާ ގެއެއް، އެއީކީއެއް އެންމެ ރަނގަޅު ޙައްލު ނޫންކަމަށް. އެންމެ މަދުވެގެން ޢާއިލާއެއް އެކުގައި އުޅޭކަމަށްވަންޏާ، އަދި މައިންބަފައިންނާ އެކީގައި އުޅޭކަމަށްވަންޏާ، އެއަށްވުރެ ތަނަވަސްކޮށް، އެ ފްލެޓެއްގެ، ނޫނީވިއްޔާ އެ ގެއެއްގެ ކަންތައްތައް ހުންނަންޖެހޭނެ ކަމަށް. އެގޮތުން، މި ރަށުގައި މި ޤާއިމުކުރެވިގެން މިދިޔަ 100 ހައުސިންގ ޔުނިޓުގައި، 1000 އަކަފޫޓް ހިމެނޭގޮތަށް، 3 ކޮޓަރި ހިމެނޭގޮތަށް، 1000 އަކަފޫޓުގެ 100 ފްލެޓް އެޅިގެން މިދިޔައީ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޯހިޔާވަހިކަމުގެ ދަތިކަން ހުރި ވަރަށްގިނަ ރަށްރަށް އެބަހުރި. އެކަން ޙައްލުކުރުމަށްޓަކައި މަސައްކަތްތަކެއް އަޅުގަނޑުމެން ފަށައިގެން އެބަ ގެންދަން. އެގޮތުން، މިހާރުވެސް 14 ރަށެއްގައި 1575 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް، ޕްލޭނިންގ މިނިސްޓްރީން ފަށްޓަވައިގެން އެބަ ކުރިއަށް ގެންދަވާ. އޭގެތެރެއިން 8 ރަށެއްގެ މަސައްކަތް، 970 ފްލެޓުގެ ބޯހިޔާވަހިކަމުގެ ގެދޮރުވެރިކަމުގެ މަސައްކަތް މިހާރުވަނީ ޓެންޑަރ ކުރެވިފައި.
ނައިފަރަކީ ބައިބޯ އަދި މަސައްކަތްތެރި ރަށެއް. މަސްވެރިވެސް ރަށެއް. މަސްވެރިންނަށް ދިމާވެފައިވާ ދަތިތައް ޙައްލުކޮށްދިނުމަކީ، އަޅުގަނޑުމެންވީ ވަޢުދެއް، ބޯހިޔާވަހިކަމެކޭ އެއްގޮތަށް. މިއަދުވެސް އަޅުގަނޑުމެން ބޭއްވި ބައްދަލުވުންތަކުގެ ތެރޭގައި، މަސްވެރިންނަށް ދިމާވެފައި ހުރި ދަތިތަކުގެ ވާހަކަ އަޅުގަނޑުމެންނާ ޙިއްޞާކުރި. އައިސް ލިބުމުގެ ދަތި ވާހަކަ އަޅުގަނޑުމެންނާ ޙިއްޞާކުރި. މަހަށް ރަނގަޅު އަގު ބޭނުންވާ ވާހަކަ ޙިއްޞާކުރި. އަދި ބާނާމަސް، އެކީގައި ކިރޭނެގޮތެއްވުމަކީ، މަސްވެރިންގެ އެދުމެއް ކަމަށް އަޅުގަނޑުމެންނަށް އެނގިގެންދިޔަ.
އަޅުގަނޑުމެން މިގެންދަނީ، މަސްވެރި ޞިނާޢަތަށް ބޮޑު އިންވެސްޓެއް ކުރަމުން. މިފްކޯ އެކްސްޕޭންޑްކޮށް، މިތާ ކައިރީގައި މިއޮތް ފެލިވަރަށް މަސްގަނެ، ސްޓޯރކޮށް އަދި ދަޅުގައި ބަންދުކުރެވޭނެ ވަސީލަތްތައް ބޮޑަށް އިތުރުކުރަމުން. އޭގެ ސަބަބުން އަޅުގަނޑު ގަބޫލުކުރަނީ، ނައިފަރުގެ މަސްވެރިންނަށް މި ކުރިމަތިވެފައިވާ ދަތިތަކަށް ޙައްލެއް ލިބިގެންދާނެ ކަމަށް. އައިސް ލިބުމުގެ ދަތިކަން ޙިއްޞާ ކުރެއްވިއިރުގައި، ފެލިވަރުގައި، އިތުރަށް އައިސް ލިބޭނެގޮތް އަޅުގަނޑުމެން ހަދަމުން އެބަދަން. އޭގެއިތުރުންވެސް، ފެނަކައިން، ފެނަކައިގެ އިންޖީނުގެތައް ހިންގާ ހުރިހާ ރަށެއްގައި، އައިސް ވިއްކޭނެ އިންތިޒާމު ހަމަޖެއްސުމަށް، މިހާރު ފެނަކައިން އެގެންދަނީ، އެ މަޝްރޫޢު ރާވައި ކުރިއަށް ގެންދިޔުމުގެ ޢަމަލީ މަސައްކަތް ފަށްޓަން ތައްޔާރުވަމުން.
ނައިފަރު ކައުންސިލްގެ ފަރާތުން މިކަމުގައި ނައިފަރުގައި، އައިސް ވިއްކޭނެ ގޮތެއް ހޯދަން ބޭނުންކަމަށްވަންޏާ، ފެނަކައާ އެކީގައި މަޝްވަރާ ކުރައްވައިގެން، ކުރިއަށް ގެންދިޔައިމާ، މަސްވެރިން އެ ބޭނުންވާ ޙައްލު އެއަށް އިރާދަކުރެއްވިއްޔާ ލިބިގެންދާނެ.
ބަނދަރުގެ ދަތިކަމުގެ ވާހަކަ ޙިއްޞާ ކުރެވިގެންދިޔައީ. ނައިފަރަކީ 28 އަށްވުރެ ގިނަ ކަންނެލި ދޯނި، މަސްދޯނިފަހަރު އޮތް ރަށެއް. އަދި ކުދި ދޯނި އެބަހުރި. ޑިންގީއާއި ލޯންޗްފަހަރާ އެކީގައި. އެއަށް ޙައްލެއް ގެނައުމަށްޓަކައި ކުރެވެން އޮތީ އަނެއްކާވެސް ބަނދަރު ބޮޑުކުރުން. މިވަގުތަށް ދިމާވެފައި އޮތް އެންމެބޮޑު އެއް މައްސަލައަކީ، އުތުރު ނެރުގައި ވަނުމަށް ދަތިވެފައިވާ ދަތިކަން ކަމަށްވާތީ، އިރާދަކުރެއްވިއްޔާ، އެކަން ޙައްލުކުރުމަށްޓަކައި އަޅުގަނޑުމެން އެމް.ޓީ.ސީ.ސީ.އާ އެ މަސައްކަތް ޙަވާލުކުރާނަން. މިއަތޮޅުގައި އެމް.ޓީ.ސީ.ސީ.އިން މިހާރުވެސް ދެ މަޝްރޫޢެއް އެބަ ކުރިއަށްގެންދޭ. ހިންނަވަރާއި ފެލިވަރުގެ ދެ މަޝްރޫޢެއް. އެ މަޝްރޫޢުތަކުގެ ތެރެއިން ނިމިގެންދާއިރުގައި، މިރަށުގެ ބަނދަރަށް އެ ދިމާވެފައި އޮތް ދަތިކަމަށް ވަގުތީ ޙައްލެއް އިރާދަކުރެއްވިއްޔާ ހޯދޭނެ. އެއަށްފަހުގައި ދެން އަޅުގަނޑުމެން މިޞްރާބުޖަހާނީ، މި ރަށުގެ ބަނދަރު ބޮޑުކުރުމަށް ބޭނުންވާ ކަންތައްތަކަށް ޙައްލެއް ހޯދުމަށްޓަކައި.
މިރަށުގެ ފެނާއި ނަރުދަމާގެ ނިޒާމަކީ، އަޅުގަނޑުމެން ވެރިކަމާ ހަވާލުވިއިރުގައި، ބަޔަކާ ހަވާލުކުރެވި، ގާތްގަނޑަކަށް ހުއްޓިފައި އޮތް މަސައްކަތެއް. އެހެންނަމަވެސް، އަލުން އެ މަސައްކަތް އެމް.ޑަބްލިޔޫ.އެސް.ސީ.އާ ހަވާލުކޮށް، މިހާރު އެދަނީ ނިމުމުގެ މަރުޙަލާގައި. އިރާދަކުރެއްވިއްޔާ، އެ މަސައްކަތް ނިމުމާ އެކީގައި، މި ރަށުގެ ބޮޑެތި މަގުތަކުގައި ތާރުއަޅައި، ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތް އަޅުގަނޑުމެން ފަށާނަން.
ކޯވިޑުގެ ދަތިކަމާ އެކީގައި، އަޅުގަނޑުމެންވީ ބައެއް ވަޢުދުތައް ހިންގުމަށް ފަސްޖެހިގެންދިޔައީ. އެހެންނަމަވެސް، އަޅުގަނޑުމެން ކުރަމުން މިގެންދާ މަސައްކަތަކީ، ރިޔާސީ އިންތިޚާބުގައި އަޅުގަނޑުމެންވީ ވަޢުދުތަކާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އަޅުގަނޑުމެންވީ ވަޢުދުތައް ފުއްދުމުގެ މަސައްކަތް. އެހެންނަމަވެސް، މި ދެންނެވި ސަބަބާހުރެ، ބައެއް މަޝްރޫޢުތައް ލަސްކޮށް، އިސްފަސްވެ އަދި ޕްލޭނަށް ބައެއް ބަދަލުތައް އަޅުގަނޑުމެންނަށް ގެންނަންޖެހުނު. މި ރަށުގެ ބިން ހިއްކުމަކީ، އަޅުގަނޑުމެންވީ ވަޢުދެއް. އަޅުގަނޑު ހަނދާން އެބަހުރި. ރިޔާސީ އިންތިޚާބުގައި އަޅުގަނޑު މިރަށަށް ކުރި ދަތުރުގައި، އަޅުގަނޑު ވާނެ، މިރަށުގެ ބިން ހިއްކުމުގެ ވާހަކަ، ރައްޔިތުންނާ ޙިއްޞާކޮށްފައި. އަޅުގަނޑުމެންގެ މަޝްރޫޢުތަކުގެ ތެރޭގައި، މިހާރު ހުރި މަސައްކަތާއި، އޭގެފަހުން ދެން ފެށްޓޭ ކަންތައްތަކުގެ ތެރޭގައި، މި ރަށުގެ ބިން ހިއްކުމުގެ މަޝްރޫޢު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހިމަނައިދޭނަން.
އަޅުގަނޑުމެންގެ ސިޔާސަތަކީ، ލާމަރުކަޒީ ނިޒާމުން ރާއްޖެ ތަރައްޤީކުރުން. ބާރުތައް ކައުންސިލްތަކަށް ދޫކޮށްލުން. މާލީގޮތުން ތަނަވަސްކަން ފުއްދައިދިނުން. ރައްޔިތުންނާ ވީހާވެސް ގާތުން އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުން. އެ މަސައްކަތް އަޅުގަނޑުމެން މިގެންދަނީ ކުރިއަށް. ދަތުރުފަތުރުގެ ނިޒާމަކުން ރަށްތައް ގުޅުވާލައި، އަތޮޅުތައް ގުޅުވައިލުމަކީ އަޅުގަނޑުމެންވީ ވަޢުދެއް. އޭގެ މަސައްކަތް، ހއ. އަތޮޅާއި، ހދ. އަތޮޅު އަދި ށ. އަތޮޅުގައި އިރާދަކުރެއްވިއްޔާ މިހާރު ޓެސްޓް ބުރުތައް ފެށިގެން އެދަނީ. އެއަށްފަހު، ކުރިއަށް އޮތް ދެ މަސްދުވަހުގެ ތެރޭގައި، އެ ތިން އަތޮޅުގައި އެކަން ފެށިގެންދާނެ. އެއަށްފަހުގައި، ދެން ފެށޭ އަތޮޅުތަކުގެ ތެރޭގައި، މިއަތޮޅު، ހައިސްޕީޑް ފެރީގެ ނިޒާމުން ގުޅުވައިލުމުގެ މަސައްކަތް ޕްލޭނިންގ މިނިސްޓްރީން ކުރިއަށް ގެންދާނެ. އެގޮތުން މިރަށް ވެގެންދާނެ، ރީޖަނަލް ހަބެއްގެ ގޮތުގައި. އަސްލަމްގެ ޕްލޭންގައި އޮތީ މި ރަށް މިއީ އެ ހައިސްޓަޑީގެ ރީޖަނަލް ހަބެއްގެ ގޮތުގައި ހެދުމަށް. އެހެންވީމާ، އެކަން އެގޮތަށް އަޅުގަނޑުމެން ކުރިއަށް ގެންދާނަން.
އާދެ، އަތޮޅުގައި ހުރި ޤުދުރަތީ ވަސީލަތްތަކުގެ ނަފާ، ފައިދާ، އަތޮޅުގެ ރައްޔިތުންނަށް އެންމެ އެކަށީގެންވާ ގޮތުގައި ލިބެންޖެހޭނެ. އެއީ އަޅުގަނޑު ގަބޫލުކުރާ ކަމެއް. ލާމަރުކަޒީ ނިޒާމުގެ ތެރެއިން މިހާރުވެސް އެވަނީ ރަށްރަށުގެ އިޚްތިޞާޞް ކަނޑައެޅިފައި. އަދި އޭގެއިތުރުންވެސް އިޚްތިޞާޞްގައި ނުހިމެނޭ ބައިވަރު ރަށާއި، ފަޅާއި، ގިރިއާއި، ހުރާފަދަ ތަންތަން އެބަހުރި. އެއްވެސް ފަރާތެއްގެ ބެލުމުގެ ދަށުގައި ނެތި، ހަލާކުވެ ވީރާނާވަމުން، ގެއްލުންވަމުންދާ ރަށްރަށް އެބަހުރި. ޕްލޭނިންގ މިނިސްޓްރީން މިހާރު އެ ގެންދަވަނީ، އެހެންހުރި ރަށްތަކާ ބެހޭގޮތުން އުޞޫލެއް ކަނޑައަޅަމުން. އެއަށްފަހުގައި އެ ރަށްރަށް ބެލެހެއްޓޭނެ ގޮތެއް، އަތޮޅު ކައުންސިލް، ނޫނީވިއްޔާ ރަށު ކައުންސިލާ ހަވާލުކޮށްގެން، އޭގެ އެންމެ ރަނގަޅު ފައިދާ ރައްޔިތުންނަށް ލިބޭނެގޮތަކަށް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ހަމަޖައްސައިދޭނަން.
މަޑިވަރު އެއަރޕޯޓް އިއްޔެ ހުޅުވިއްޖެ. އަޅުގަނޑަށް ހަމަ ޔަޤީން، އޭގެ ސަބަބުން މިއަތޮޅުގެ އިޤްތިޞާދަށް އާ ދިރުމެއް ލިބިގެންދާނެ. އެއްތަނުން އަނެއް ތަނަށް ފަސޭހައިން މީހުންނަށް ދަތުރުކުރެވި، އެއްތަނުން އަނެއް ތަނަށް ފަސޭހައިން މުދާ ގެންދެވުމަކީ، އިޤްތިޞާދެއް ކުރިއަރާނެ އެންމެ މުހިންމު އެއް ވަސީލަތް. އެހެންނަމަވެސް، ރައްޔިތުންގެ ކަންބޮޑުވުމެއް އެބައޮތް އޭގައި. ޓިކެޓްގެ އަގުގެ މައްސަލަ. މިހިސާބަށް އަންނަން 1020 ރުފިޔާ، ކޮޅަކަށް ޚަރަދުކުރަން ޖެހުނީމާ، އެ ބަލައިގަންނަން މި އަތޮޅުގެ ރައްޔިތުންނަށް ކުޑަކޮށްދަތި. މިއަދު އަޅުގަނޑަށް މިތާހުރެ ވަކިގޮތެއް އޭގައި ތިޔަބޭފުޅުންނާ ޙިއްޞާކޮށްލަން ދަތިވިނަމަވެސް، އިރާދަކުރެއްވިއްޔާ، އަޅުގަނޑު އައިލެންޑް އޭވިއޭޝަނާ އެ ވާހަކަ ދައްކައި، އެކަމަށް ރަނގަޅު ޙައްލެއް، ލަސްތަކެއްނުވެ ގެނައުމުގެ މަސައްކަތް އަޅުގަނޑު ކޮށްދޭނަން.
ޞިއްޙީ ޚިދުމަތްތައް، ރަށުގައި ތިބެގެން، ނޫނީވިއްޔާ ކައިރީގައި ތިބެގެން ރަނގަޅަށް ލިބުމަކީ ރައްޔިތުން އެދޭ ކަމެއް. މިރަށުގައި ހުރީ އަތޮޅު ހޮސްޕިޓަލެއް. އަތޮޅު ހޮސްޕިޓަލުން ލިބޭ ޚިދުމަތްތައް ރަނގަޅުކޮށްދޭން އެބަޖެހޭ. އަޅުގަނޑުމެން އެކަން ގަބޫލުކުރަން. އަޅުގަނޑުމެން މިގެންދަނީ އެގޮތުން މިރަށުގައި ހުރި އަތޮޅު ހޮސްޕިޓަލުން ދެވޭ ޚިދުމަތްތައް ރަނގަޅުކޮށް، ސްޕެޝަލް ޚިދުމަތްތައް، ޚާއްޞަކޮށް، އިތުރު ޚިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދެވޭނެ ގޮތްތައް ހޯދައިދެމުން. އެގޮތުން މިހާތަނަށް އަޅުގަނޑުމެން ވާނެ، ކެންސަރަށް ފަރުވާދިނުމަށް، ހޮސްޕިޓަލުގައި ކީމޯ ތެރަޕީ ދެވޭގޮތް ޤާއިމުކޮށްދީފައި. އަދި އޭގެއިތުރުން މިހާރު އެގެންދަނީ، މިރަށުގައި ޑައިލިސިސް ހެދޭނެގޮތް ހެދުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުން. މީގެއިތުރުން މިރަށަށް ބޭނުންވާ ޑޮކްޓަރުން ހޯދުމުގެ މަސައްކަތް މިހާރު ކުރިއަށް އެބަދޭ. ޑޮކްޓަރުން ނެތް ދާއިރާތަކަށް، މި ރަށުގެ ހޮސްޕިޓަލަށް އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ޑޮކްޓަރުން ފޯރުކޮށްދެވޭނެ ކަމުގެ ޔަޤީންކަން އަޅުގަނޑަށް މިހާރުވަނީ ލިބިފައި.
އާދެ، ސްޕޯޓްސް، ކުޅިވަރު ތަރައްޤީ ކުރުމަށް މިރަށުގައިވެސް ގިނަ ކަންތައްތަކެއް އެބަ ކުރެވޭ. ޚާއްޞަކޮށް، މިއަދުގެ ކައުންސިލްގެ ބައްދަލުވުމުގައި އަޅުގަނޑުމެންނާ ޙިއްޞާކުރެއްވި އެއް ކަންތައް އެއީ، އަންހެނުންނަށް ފުޓްސަލް ކުޅެވޭނެ، ވަކިން ފުޓްސަލް، ނޫނީވިއްޔާ ކުޅެވޭނެ ދަނޑެއްގެ ވާހަކަ. މިހާރު ބޮޑު ދަނޑުގައި ފިރިހެނުން ކުޅެ ނިމުނީމާ، އޭގެފަހުން ފުޓްސަލް، ފުޓްބޯޅަ ކުޅެން އަންހެނުންނަށް ފުރުޞަތު ލިބިގެން މިދަނީ. އޭގެ ޖާގައިގެ ދަތިކަމުގެ ވާހަކަ ދެއްކެވީ. އިރާދަކުރެއްވިއްޔާ އެކަމަށް ޙައްލެއް ހޯދައިދިނުމަށް، ޔޫތު މިނިސްޓްރީއާ އެކީގައި އަޅުގަނޑު ވާހަކަ ދައްކާނަން. އެއަށްފަހުގައި، އަންހެނުންނަށް ފުޓްސަލް ކުޅެވޭނެގޮތަކަށް، ފުޓްބޯޅަ ކުޅެވޭނެގޮތަކަށް ފުޓްސަލް ދަނޑެއް އިރާދަކުރެއްވިއްޔާ މިރަށަށް ހޯދައިދޭނަން.
އާދެ، އަދި މީގެއިތުރުންވެސް ނައިފަރުގެ ތަރައްޤީއަށްޓަކައި ކުރަންޖެހޭ ވަރަށްގިނަ ކަންތައްތައް އެބަހުރި. އިރާދަކުރެއްވިއްޔާ، އެއްވެސް ރަށެއް ތަފާތުނުކޮށް، ބޮޑު އާބާދީއެއް، ކުޑަ އާބާދީއެއް ތަފާތުނުކޮށް، ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި، މި ސަރުކާރު ދެމިއޮންނާނެ. އެއާ ދޭތެރޭގައި އެއްވެސް ޝައްކެއް، ތިޔައިން އެއްވެސް ބޭފުޅަކު ނުކުރައްވާތި.
އަޅުގަނޑުގެ ދުޢާއަކީ، މިއަތޮޅަށާއި މިރަށަށް މިއަށްވުރެ ފަހި މާދަމާއެއް ﷲ މިންވަރު ކުރެއްވުން. އަޅުގަނޑުގެ ދުޢާއަކީ، ރާއްޖެއަށް މިއަށްވުރެ ފާގަތި މާދަމާއެއް މިންވަރު ކުރެއްވުން.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.