ލޯރޑް (ޠާރިޤް) އަހްމަދު އޮފް ވިމްބްލްޑަން، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ސައުތު އެންޑް ސެންޓްރަލް އޭޝިއާ، ޔުނައިޓެޑް ނޭޝަންސް އެންޑް ދި ކޮމަންވެލްތު، ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް އިޙުތިރާމުގެ ޒިޔާރާތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ކުރިއަށްގެންގޮސްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޅ. އަތޮޅަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ފެލިވަރަށް ކުރެއްވި ޒިޔާރަތުގައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހިރާއްޖޭގައި ޤާއިމްކޮށްފައިވާ އިނގިރޭސިވިލާތުގެ މިޝަންގެ ފަރާތުން ފޯރުކޮށްދެމުންދާ ޚިދުމަތްތަކުގެ މައްޗަށް އަލިއަޅުވާލައްވާފައިވެއެވެ. އެގޮތުން ދިވެހިރާއްޖޭގައި އަންހެނުންނާއި ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމަށް ކުރަންޖެހިފައިވާ މަސައްކަތްތަކާއި، އެ ރޮނގުން ހޯދިފައިވާ ކުރިއެރުންތައް ފާހަގަކުރައްވާފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ އަންހެނުންނާއި ކުޑަކުދިންގެ ހައްޤުތައް ހިމާޔަތް ކުރުމުގައި ސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރަމުންގެންދާނެ ކަމުގެ ޔަޤީންކަންވެސް އަރުވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދިވެހިރާއްޖޭގައި ދީނީގޮތުން ހައްދުފަހަނައަޅައި ދިއުމުގެ ބިރުއޮތްކަން ފާހަގަކުރައްވާފައިވެއެވެ. އަދި އެގޮތުން 6 މޭ، 2021 ގައި ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ދެވުނު ޓެރަރިސްޓް ޙަމަލާއަކީ "ހޭވެރިކަން ގެނުވި" ހާދިސާއެއްގެ ގޮތުގައި ސިފަކުރެއްވިއެވެ. އެ މަނިކުފާނުގެ ވާހަކަފުޅުގައި އިގްތިޞާދީ ހަރަކާތްތައް ފުޅާކުރުމާއި ދިވެހިރާއްޖެއިން ބޭރުކުރާ ކަނޑުމަހަށް ނަގާ ޑިއުޓީ ކުޑަކުރުމާބެހޭގޮތުންވެސް ވާހަކަފުޅުދައްކަވާފައިވެއެވެ.

މި ބައްދަލުކުރެއްވުމުގައި، ދެ ބޭފުޅުން ވަނީ ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައެވެ. އެގޮތުން ދިވެހިރާއްޖެ ފަދަ ތަރައްޤީވަމުން އަންނަ ކުޑަ ޖަޒީރާ ޤައުމަކަށް މޫސުމީ ބަދަލުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުގެ މައްޗަށްވެސް އަލިއަޅުވާލައްވައިފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ކޮމަންވެލްތު އިތުރަށް ހަރުދަނާ ކުރުމުގެ އިތުރުން ކޮމަންވެލްތަކީ މެންބަރު ހުރިހާ ޤައުމަކަށްވެސް އޭގެ ލާބައާ މަންފާ ލިބެނިވި ޖަމާޢަތަކަށް ހެދުމުގެ މުހިއްމުކަމާ ބެހޭގޮތުން ވާހަކަފުޅުދައްކަވާފައިވެއެވެ. މި ދެބޭފުޅުންގެ ބައްދަލުވުން ނިންމަވާލައްވާފައިވަނީ ދެ ޤައުމަށްވެސް ފައިދާއާއި ލާބަލިބެނިވި ކަންކަމުގައި ގުޅިގެން މަސައްކަތް ކުރުމުގެ ރޫޙުއާލާ ކުރައްވަމުންނެވެ.

މި ބައްދަލުވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ވަނީ ފެލިވަރުގެ އައު ކޯލްޑް ސްޓޯރޭޖް ޤާއިމުކުރާ ބިން ހިއްކުމުގެ މަސައްކަތް ކުރިޔަށްދާ ތަނަށް ޒިޔާރަތްކުރައްވައި އެ މަސައްކަތް ކުރިޔަށްދާގޮތް ބައްލަވާލައްވާފައެވެ. ބިން ހިއްކުމުގެ މަސައްކަތް ކުރިޔަށްގެންދަނީ އެމްޓީސީސީން ނެވެ. މި ސަރަޙައްދުގެ ބިން ހިއްކުމަށްފަހު އެތަނުގައި 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖް ޤާއިމުކުރުމުގެ އިތުރުން 100 ޓަނުގެ މަސް ބަންދުކުރެވޭ މަސްފެކްޓަރީއެއް ޤާއިމުކުރުމާއި މަސްކިރާ ޖެޓީއާ އެކްސްޕޯޓް ޖެޓީއާ މި ތަންތަނަށް ބޭނުންވާ ކަރަންޓް ދިނުމަށް އިންޖީނުގެ ހިމެނޭހެން ރެފްރިޖެރޭޝަން ކޮމްޕްލެކްސްއެއް ތަރައްޤީކުރެވޭނެއެވެ. މި ތަންތަން ޤާއިމުކުރުން މަސްވެރިންނަށް ގިނަ ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ. ދުވާލަކަށް 200 ޓަނު މަސް ބްރައިން ފްރީޒް ކޮށް 80 ޓަނު މަސް އާރު. އެސް.ޑަބްލިއު ގައި ބެހެއްޓޭނެއެވެ. އެގޮތުން މަސްކިރާ ޖެޓީއަކީ އެއް ފަހަރާއި 3 ދޯންޏަށް މަސްކިރޭނެ އިންތިޒާމްތަކާއިއެކު ތަރައްޤީކުރެވޭ ޖެޓީއެކެވެ.