ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުޙައްމަދު ޞާލިޙް ޅ. ހިންނަވަރު ކައުންސިލާއި ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ބޭއްވީ މިރޭ ހިންނަވަރު ޒުވާނުންގެ މަރުކަޒުގައެވެ. މި ބައްދަލުކުރެއްވުމުގައި ހިންނަވަރު ކައުންސިލަރުން ވަނީ ރަށުގައި ގިނަ މަޝްރޫޢުތަކެއް ސަރުކާރުން ކުރިޔަށްގެންދަވާކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ކައުންސިލުން ވަނީ ކައުންސިލާއި ރައްޔިތުން އެންމެ ބޭނުންވާ ކަންކަމާއި އަދި ކައުންސިލުން ހުރި ކަންބޮޑުވުންތައް ފާހަގަކުރައްވާފައެވެ.
ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ހިންނަވަރު ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރިޔަށްދާއިރު ކައުންސިލާއި ރައްޔިތުން ގެންނަން ބޭނުންވާ ބަދަލުތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރެއްވުމާއި، ސްކޫލްގެ އިމާރާތް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ބޭނުންވާކަމާއި ސްކޫލަށް ބޭނުންވާ އިންސާނީ ވަޞީލަތައް ހަމަޖެއްސުމުގައި ހުރި ދަތިތަކާއި ރަށުގައި ބޭންކުގެ ބްރާންޗެއް ޤާއިމުކުރުމާއި އަދި މަޝްރޫޢުތައް ފެށުމަށްފަހު ހުއްޓުމެއްނެތި ކުރިޔަށް ގެންދިޔުމަށް ރައީސުލްޖުންހޫރިއްޔާއަށް ދެންނެވުން ހިމެނެއެވެ.
މި ބައްދަލުކުރެއްވުމުގައި ހިންނަވަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން ވަނީ އެ ކޮމެޓީން ކުރިޔަށް ގެންދަން ބޭނުންވާ ބައެއް މަސައްކަތްތައް ކުރިޔަށްގެންދިއުމަށް އިމާރާތެއްގެ މުހިންމުކަމާއި މާބަނޑު މީހުން އަތޮޅު ހޮސްޕިޓަލަށް ފަސޭހައިން ދަތުރުކުރެވޭނެ ފެރީއެއްގެ މުހިންމުކަން ފާހަގަކުރައްވައިފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނު ހިންނަވަރަށް ވަޑައިގެންނެވުމުން ރަށުގެ ރައްޔިތުން ވިދާޅުވި ހޫނު މަރުޙަބާއަށް ޝުކުރު އަދާކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާއާ އެމަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި ސަރުކާރުގެ އެކި އިދާރާތަކުގެ އިސްވެރިން ވަނީ ހިންނަވަރުގައި ކުރިޔަށްދާ ތަރައްޤީގެ މަޝްރޫޢުތަކުގެ ފަހުގެ މަޢުލޫމާތުތައް ޙިއްޞާކުރައްވާފައެވެ.
ކައުންސިލު ބައްދަލުކުރެއްވުމަށްފަހު ހިންނަވަރު ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ހިންނަވަރުގެ ތަރައްޤީގެ މަޝްރޫޢުތަކުގެ އިތުރު ތަފްޞީލުތައް ރައްޔިތުންނާއި ހިއްސާކުރައްވާފައެވެ. އެގޮތުން ހިންނަވަރުގެ ހޮސްޕިޓަލުގެ މަސައްކަތް މިހާރު އޮތީ ޓެންޑަރިންގެ މަރުޙަލާގައި ކަމަށާއި ބަނދަރު ބޮޑުކުރުމާއި އައު ބަނދަރެއް ހެދުމުގެ މަސައްކަތް ކުރިޔަށްދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ކައުންސިލުގެ އިމާރާތް ހެދުމުގެ މަސައްކަތް ބަޖެޓުގައި ހިމެނޭކަމަށާއި މަގު ހެދުމާއި ޔުނިވަރސިޓީގެ ކެމްޕަހެއް ޤާއިމުކުރުމާއި ކަރަންޓުގެ ވިއުގަ ރަނގަޅުކުރުމާއި 100 ހައުސިންގ ޔުނިޓް ޤާއިމުކުރުމުގެ މަސައްކަތް ވެސް ކުރިޔަށްދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި ކައުންސިލާއި ރައްޔިތުންގެ ބައްދަލުވުމުގައި ފާހަގަކުރެއްވި ބޭންކް ބްރާންޗެއް ހިންނަވަރުގައި ޤާއިމްކުރުމަށް އެދިފައިވާތީ އެކަމާ ބެހޭގޮތުން ކަމާބެހޭ އިދާރާތަކާއި މަޝްވަރާކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ތަރައްޤީގެ ކަންކަން ސަރުކާރުން ކުރިޔަށް ގެންދަވާނީ ރައްޔިތުންގެ ޚިޔާލާ މަޝްވަރާ ހޯއްދަވައިގެން އެ ރަށެއްގެ ރައްޔިތުން އެންމެ އެދޭގޮތަށްކަން ފާހަގަކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޅ. އަތޮޅަށް ކުރައްވާ މި ދަތުރުފުޅުގައި މަޑިވަރާއި ހިންނަވަރުގެ އިތުރުން ފެލިވަރު، ނައިފަރު، އޮޅުވެލިފުށި، އަދި ކުރެންދޫއަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވެއެވެ. މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ވަޒީރުންނާއި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.