بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللهُ سُبْحَانَهُ وَتَعَالَى ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރުކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން ޢާއިޝަތު ނަހުލާ، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ކުރެއްދޫ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު މޫސާ، ކްރައުން އެންޑް ޗަމްޕާގެ އެއް ޙިއްޞާދާރު ޙުސައިން ޢަފީފް، ޙާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން، އައިލެންޑް އޭވިއޭޝަންގެ އެމް.ޑީ. އަދި ބޯޑުގެ މެންބަރުން، ކުންފުނިތަކުގެ އިސްވެރިން؛


السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، މިއަދަކީ، ފާދިއްޕޮޅުގެ ރައްޔިތުންނަށް ވަރަށް އުފާވެރި ދުވަހެއް. އަދިމި އަތޮޅުގައި ރިޒޯޓުތައް ހިންގާ ވިޔަފާރިވެރިންނަށްވެސް ލިބުނު ވަރަށްބޮޑު އުފަލެއް. ފާދިއްޕޮޅަށް ނިސްބަތްވާ ރައްޔިތެއްގެ ޙައިޘިއްޔަތުން، އުފަން ދަރިއެއްގެ ޙައިޘިއްޔަތުން މިއީ އަޅުގަނޑަށްވެސް ލިބުނު ވަރަށްބޮޑު އުފަލެއް. މިއީ މި އަތޮޅުގެ ރައްޔިތުން އެތައް ދުވަހެއް ވަންދެން ކުރަމުން އައި އުންމީދެއް ޙަޤީޤަތަކަށް ވެގެންދިޔަ ދުވަސް.


މިކަމަށްޓަކައި އެންމެ ފުރަތަމަވެސް މި ބޮޑު އިންވެސްޓްކޮށް، މިކަން ޙަޤީޤަތަކަށް ހައްދަވައިދެއްވި ކަމަށްޓަކައި ކުރެއްދޫ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑަށް، ހުރިހާ ރައްޔިތުންގެ ނަމުގައި އިޚްލާޞްތެރިކަމާއެކުގައި ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އަދި ޚާއްޞަކޮށް،އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު މޫސާ ޗަމްޕާ (އުއްޗު) އަށާއި، ޙަސަން ޢަފީފަށް ވަރަށް އިޚްލާޞްތެރިކަމާއެކުގައި ޝުކުރު ދަންނަވަން.


އާދެ، ކްރައުން އެންޑް ޗަމްޕާ ކުންފުންޏަކީ، ރާއްޖޭގެ ތަރައްޤީގައި ވަރަށް މުހިންމު ދައުރެއް އަދާކުރަމުން އަންނަ ބައިވެރިއެއް. ހަމައެކަނި ޓޫރިޒަމް ދާއިރާއަކުން ނޫން. ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވެފައިވާ އެހެން ކިތަންމެ ދާއިރާއެއްގައި ވަރަށް ދީލަތި އެހީތަކެއް ވެދެމުން އަންނަ ބައިވެރިއެއް. ޞިއްޙީ ދާއިރާ ކަމަށް ބެލިނަމަވެސް، ދުނިޔޭގެ ފެންވަރުގެ ޚިދުމަތް ލިބޭވަރުގެ ހޮސްޕިޓަލެއް އެގެންދަނީ އެބޭފުޅުން ހިންގަވަމުން. ތަޢުލީމީ ދާއިރާއަށް ކިޔަވައިގެން ތިބި ކުދިން ނެރުމަށްޓަކައި، އަމިއްލަ ޖީބުން ޚަރަދުކުރައްވައި، އެތައް މަސައްކަތެއް ކުރައްވައިގެން، އެތައް ދަރިންތަކެއް ނެރުއްވަމުން އެބަ ގެންދަވާ. މިއަދު މިއީ އަނެއްކާވެސް އެ ޚިދުމަތަށް އިތުރު ބޮޅެއް އިތުރުވެގެންދިޔަ ދުވަހެއް.

އެއްރަށް އަނެއްރަށާ ގުޅައި، އެއް އަތޮޅު އަނެއް އަތޮޅާ ގުޅިގެން ދިޔުމަކީ، ލާމަރުކަޒީ ނިޒާމުން މި ރާއްޖެ ތަރައްޤީ ކުރުމުގައި، އަޅުގަނޑުމެން އެންމެ ބޮޑަށް ބޭނުންވެފައި އޮތް ކަމެއް. މިއަދު ކުރެއްދޫ ހޯލްޑިންގްސްގެ ފަރާތުން މިކޮށްދެއްވި ކަމަކީ އަޅުގަނޑުމެން ރާއްޖެ ތަރައްޤީ ކުރުމުގައި މިގެންގުޅޭ ސިޔާސަތުގައި ކުރިއަށްދިޔުމަށްޓަކައި އަނެއްކާވެސް ކުރިއަށް އެޅުނު އިތުރު ފިޔަވަޅެއް. އަދިވެސް އެއްފަހަރު، އެކަމަށްޓަކައި މިކަމަށް އިންވެސްޓްކޮށްދެއްވި ފަރާތްތަކަށް އިޚްލާޞްތެރިކަމާއެކުގައި ޝުކުރު ދަންނަވަން.

މަޑިވަރުގައި އެއަރޕޯޓެއް އެޅުމަކީ، މީގެ ގާތްގަނޑަކަށް 16 އަހަރު ކުރިން، ދިވެހި ސަރުކާރުން ނިންމާފައި އޮތް ނިންމުމެއް. އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި، 2006 ވަނަ އަހަރު "މަޑިވަރު ހޯލްޑިންގްސް"ގެ ނަމުގައި ކޮންސޯޓިއަމެއް، ކުންފުންޏެއް އުފައްދައި، މިރަށުގައި އެއަރޕޯޓެއް އެޅުމަށް ސަރުކާރުން ނިންމި. އެ ކުންފުނީގެވެސް ޙިއްޞާދާރުންގެ ގޮތުގައި، މިއަދު މި އެއަރޕޯޓް ތަރައްޤީ ކުރެއްވި ފަރާތްތައް ހިމެނޭ. ޗަމްޕާ ހޯލްޑިންގްސް، ޗަމްޕާ ބްރަދަރސް، އެ ކުންފުނީގައިވެސް ހިމެނޭ. އެހެންނަމަވެސް، ސަރުކާރުގެ ސިޔާސަތަށް އޭރު ގެނެވުނު ބަދަލުތަކެއްގެ ސަބަބުން ދިގުދެމިގެންގޮސް އެތައް ދުވަހެއް ވޭތުވެގެންދިޔައީ. އަޅުގަނޑުމެން ރައްޔިތުންގެ މަޖިލީހުގައި އުޅުނުއިރުގައި، އަޅުގަނޑާއި އަލްއުސްތާޛު އަޙްމަދު މުޙައްމަދާއި، އަޙްމަދު މޫސާ، މަޖިލީހުގައި އޭރު މަސައްކަތްކުރިއިރުގައި، ބަޖެޓް ހުށަހަޅާ ކޮންމެ ދުވަހަކު، އަޅުގަނޑުމެން މި ސުވާލުތައް ކުރަމުންގެންދަން. އެދިޔަ 16 އަހަރުވެސް. މިތާ އަޅުގަނޑާ އެކުގައި އެބޭފުޅުން އެބަ ތިއްބެވި. މިއަދު އެކަން ޙަޤީޤަތަކަށް ވެގެން މިއައީ ގިނަދުވަސްތަކެއް ވޭތުވުމަށްފަހުގައި.

މި އެއަރޕޯޓް ހެދުމަށް ކުރެއްދޫ ހޯލްޑިންގްސްއާ ސަރުކާރުން ޙަވާލުކޮށްފައިވަނީ 2018 ވަނަ އަހަރުގެ މެދުތެރޭގައި. އެނގިވަޑައިގަންނަވާނެ، އެއީ ރިޔާސީ އިންތިޚާބެއްގެ ކެމްޕެއިނެއްގެ މެދުތެރެ. އެ އަހަރުގެ ފަހުކޮޅުގައި، އެ މަސައްކަތް ފަށްޓަވައި، ވަރަށް ފުރިހަމައަށް މިއަދު މިވަނީ މި އެއަރޕޯޓް ނިންމާފައި. ކޯވިޑުގެ ދަތި އުނދަގުލުގައި މުޅި ރާއްޖެ ތަޙައްމަލު ކުރަމުންދިޔައިރުވެސް މިކަމަށް އިސްކަންދެއްވައި، ކުރެއްދޫ ހޯލްޑިންގްސްގެ ފަރާތުން މި މަސައްކަތް ކޮށްދެއްވިކަމީ، މި އަތޮޅަށާއި، މި އަތޮޅުގެ ރައްޔިތުންނަށް ދޭން ބޭނުންވެފައިވާ ޚިދުމަތްތަކަށް، އެކުންފުނިން ދީފައިވާ އިސްކަމެއް ކަމުގައި އަޅުގަނޑު ދެކެން.

އާދެ، އެއަރޕޯޓް ނިމިގެން އައިއިރުގައި މިވަނީ އެންމެ ފުރިހަމަ އެއަރޕޯޓެއްގެ ގޮތުގައި ހުންނަންވާނެ ވަސީލަތްތަކާ އެކުގައި ހުޅުވިފައި. ރޭގަނޑާއި ދުވާލު ފްލައިޓް ޖެއްސޭ. މިތަނުން ފެނިގެން މިދަނީ އެންމެ ފުރިހަމަ ވަސީލަތްތައް ފުރިހަމަޔަށް ލިބެންހުރިތަން. އެއަރޕޯޓް ހިންގުމަށް މިއަދު ވަނީ އައިލެންޑް އޭވިއޭޝަނާ ޙަވާލުކުރެވިފައި. އަޅުގަނޑު އުންމީދު ކުރަނީ، ރައްޔިތުން އެދޭވަރުގެ އަދި ރިޒޯޓުތަކުން ބޭނުންވާވަރުގެ ޚިދުމަތެއް، އައިލެންޑް އޭވިއޭޝަނުން މި އެއަރޕޯޓް މެދުވެރިކޮށް، ރައްޔިތުންނަށާއި ރިޒޯޓުތަކަށް ފޯރުކޮށްދޭނެ ކަމަށް.

މި އެއަރޕޯޓް ހުޅުވުމާ އެކުގައި، މާލެއިން އުތުރުގެ ކޮންމެ އަތޮޅެއްގައި މިއަދު މިވަނީ އެއަރޕޯޓެއް ހުޅުވިފައި. ސަރުކާރުގެ އަމާޒަކީ، އަޅުގަނޑުމެންގެ މެނިފެސްޓޯގައިވެސް އޮތް ފަދައިން، މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް، 30 މިނިޓުން ދެވޭ ހިސާބުގައި، އެއަރޕޯޓުތައް ޤާއިމުކުރުން. އެގޮތުން، އިރާދަކުރެއްވިއްޔާ، މި އަހަރުގެ ތެރޭގައި އަދި އިތުރު ދެ އެއަރޕޯޓް ހުޅުވިގެންދާނެ. އެއީ ގދ. ފަރެސްމާތޮޑާ އެއަރޕޯޓާއި، މ. މުލީ އެއަރޕޯޓް. އޭގެއިތުރުން، 6 އެއަރޕޯޓެއްގެ މަސައްކަތް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކުރިއަށް ގެންދިޔުމަށް ވަނީ ނިންމާފައި.

މި އެއަރޕޯޓާ އެކުގައި ފާދިއްޕޮޅަށް ހަމަޔަޤީނުންވެސް އިތުރު ތަރައްޤީ ލިބިގެންދާނެ. ޤައުމެއް ތަރައްޤީވުމުގައި އެންމެ މުހިންމު އެއް ވަސީލަތަކީ، އެއްތަނުން އަނެއްތަނަށް ފަސޭހައިން ދަތުރުކުރެވުން. މުދާ ގެންދެވުން. މިއަދު މި ހުޅުވުނު އެއަރޕޯޓުގެ ސަބަބުން އެކަން ފަހިވެގެންދާނެ. އޭގެއިތުރުން، މި އަތޮޅުގެ ރައްޔިތުންނަށް ވަޒީފާގެ ފުރުޞަތުތައް، ދެންމެ މިހާދު
އެ ވިދާޅުވިފަދައިން، މި އެއަރޕޯޓުން ހުޅުވިގެންދާނެ. މިއަދު މިވަނީ "ހޯމް ސްޓޭ"ގެ ނަމުގައި އާ ޓޫރިޒަމެއް ތަޢާރުފް ކުރެވިފައި. ޑޮކްޓަރ މަޢުޞޫމްވެސް މިތާ އެބަ އިންނެވި. މި އެއަރޕޯޓުގެ ސަބަބުން ގެސްޓްހައުސްތައް ހިންގުމާއި، ހޯމް ސްޓޭ ތަރައްޤީ ކުރުމަށް ބޭނުންވާ ފަރާތްތަކަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެކަމީ ޝައްކެއްއޮތްކަމެއް ނޫން.

މި އަތޮޅުގައި މިހާރުވެސް 11 ރިޒޯޓް އެބައޮތް. 2818 އެނދާއެކު. އިތުރު 4 ރިޒޯޓް މިހާރުވެސް ތަރައްޤީ ކުރެވެމުން އެބަދޭ. ނިމުމާ އެކީގައި، މި އަތޮޅުގައި 3975 އެނދު ހިމެނޭ ޓޫރިޒަމް އިންޑަސްޓްރީއެއް ފައްކާވެފައި އޮންނާނެ. އަޅުގަނޑު ހިތުން މިއީ އިޤްތިޞާދެއް ކުރިއެރުވުމަށްޓަކައި ރަނގަޅު ޢަދަދެއް.

މިއަދު މި އެއަރޕޯޓް، ޑޮމެސްޓިކް އެއަރޕޯޓެއްގައި އޮތް ނަމަވެސް، އުއްޗުގެ ވިސްނުމުގައި އޮތީ، މިތަން ބޮޑުކޮށް، އިންޓަރނޭޝަނަލް އެއަރޕޯޓަކަށް މިތަން ބަދަލުކުރުން. އަޅުގަނޑާ މަޝްވަރާވެސް ކުރެވިފައި އެބައޮތް. އެކަމުގެ މަޝްވަރާތައް، އެމް.ޓީ.ސީ.ސީ.އާއެކީ ކުރެވި، އެހެންނަމަވެސް، އަދި އެމް.ޓީ.ސީ.ސީ.ގެ މަސައްކަތްތައް ގިނަކަމުން، ކުޑަކޮށް އެކަމަށް ފަސްޖެހިފައި އޮތީ. އެހެން ނޫންނަމަ، މިއަދު މިއީ އެ މަސައްކަތް މިތަނުގައި ފަށަން ނިންމާފައި އޮތް ދުވަސް.

އާދެ، ސަރުކާރުގެ ސިޔާސަތަކީ، ރާއްޖޭގައި ވިޔަފާރި ކުރަން ބޭނުންވާ ދިވެހި ވިޔަފާރިވެރިންނަށް ވީހާވެސް ފަސޭހަ ގޮތްތައް ހޯދައިދިނުން. ސަރުކާރުގެ އަމާޒަކީ އެއީ. ޤައުމު ތަރައްޤީވެގެންދާނީ، އަޅުގަނޑުމެން ގަބޫލުކުރާގޮތުގައި، ސަރުކާރާއި އަމިއްލަ ވިޔަފާރިވެރިން ގުޅިގެން އެކުގައި މަސައްކަތްކޮށްގެން. އެހެންވީމާ، ސަރުކާރުގެ ސިޔާސަތުތައް މިއަދު ބައްޓަން ކުރަމުން މިގެންދަނީ، އަމިއްލަ ވިޔަފާރިވެރިންނަށް ކުރިމަތިވެފައި ހުރި ދަތިތައް ނައްތާލައި، ޤާނޫނާއި ގަވާއިދުގެ ތެރެއިން ފަސޭހަ ގޮތްތައް ހޯދައިދިނުމަށް. މިކަމުގައި އަޅުގަނޑުމެން ކުރިއަށްދާނެކަމުގެ ޔަޤީންކަން، މިތާ މިތިއްބެވި ވިޔަފާރިވެރިންނަށް އަޅުގަނޑު މިއަދުވެސް އަރުވަން.

އަޅުގަނޑުގެ އެދުމަކީ، ދިވެހި ވިޔަފާރިވެރިންނަށް މިއަށްވުރެވެސް ފާގަތި ފަސޭހަ މާދަމާއެއް މިންވަރު ކުރެއްވުން. އަޅުގަނޑުގެ ދުޢާއަކީ، ފާދިއްޕޮޅުގެ ރައްޔިތުންނަށާއި، މުޅި ރާއްޖެއަށް މިއަށްވުރެ ފަހި މާދަމާއެއް ﷲ މިންވަރު ކުރެއްވުން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.