ފަތުރުވެރިކަމުގެ ދާއިރާގެ ކޮންސަލްޓަންޓް ޖޯޖް ކޯބިން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް އިޙުތިރާމުގެ ޒިޔާރާތެއް ކުރައްވައިފިއެވެ. އިޓަލީވިލާތުގެ ޑައިވިންގް ޓުއަރ އޮޕަރޭޓަރެއްގެ ގޮތުން ރާއްޖެއަށް ތަޢާރަފްވި ކޯބިން އަކީ ދިވެހިރާއްޖޭގައި ފަތުރުވެރިކަން ފަށައިގަތުމަށް މުހިއްމު ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ.

މިއަދު މެންދުރު ކުރީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު ވަރުގަދަ ކުރުމާގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. ކޯބިން އަށް މަރުޙަބާ ދަންނަވާ ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް 50 އަހަރު ފުރޭ ރަން ޔޫބީލް ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ދިވެހިރާއްޖެއަށް ޒިޔާރަތް ކުރެއްވީތީ ޝުކުރުއަދާކުރައްވާފައިވެއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ސަރުކާރުން ޚާއްޞަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމުގައި ވިދާޅުވިއެވެ. އެގޮތުން ރާއްޖޭގެ ފަތުރުވެރިކަން ފުޅާކުރުމަށްޓަކައި "ހޯމް ސްޓޭ" ޓުއަރިޒަމް މިހާރު ތަޢާރަފުކޮށްފައިވާކަން ހާމަކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި ކޯބިން ވަނީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއަރާފައިވާ މިންވަރާމެދު ހިތްހަމަޖެހުން ފާޅުކުރައްވާ، ރާއްޖޭގެ ފަތުރުވެރިކަމުގެ މުސްތަޤްބަލް ފެނިވަޑައިގަންނަވަނީ އުޖާލާކޮށް ކަމުގައި ހާމަކުރައްވާފައެވެ. އެ މަނިކުފާނުގެ ވާހަކަފުޅުގައި، އަދި ދިވެހިރާއްޖެ މެދު ފަންތީގެ ފަތުރުވެރިކަމަށް އިތުރު ސަމާލުކަން ދިނުމުގެ މުހިއްމުކަމާމެދު ވާހަކަފުޅު ދައްކަވާފައިވެއެވެ.

މި ބައްދަލުވުމުގައި ދެބޭފުޅުން ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ އެތެރޭގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާ ކުރުމާބެހޭގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ. އަދި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ގިނަ ޢަދަދެއްގެ އެއަރޕޯޓުތައް ތަރައްޤީ ކުރެވިގެންދިއުމަކީ ކުރިއެރުމެއް ކަމުގައި ކޯބިންގެ ވާހަކަފުޅުގައި ފާހަގަކުރައްވާފައިވެއެވެ. އެމެރިކާ ބައްރު ފަދަ ދުރު ސަރަޙައްދުތަކުގެ ފަތުރުވެރިންނަށް ދިވެހިރާއްޖެއަށް ދަތުރުކުރުމަށް ފަސޭހަ ގޮތްތައް ހޯދުމާ ބެހޭގޮތުންވެސް ދެ ބޭފުޅުން މަޝްވަރާ ކުރައްވާފައިވެއެވެ.