ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިޞަލް ނަސީމް، ފ. ނިލަންދޫ ފުޓްބޯޅަ ސްޓޭޑިއަމް ހުޅުވައިދެއްވައި އެފްއޭއެމް އަންޑަރ ނައިންޓީން ޔޫތް ޗެންޕިއަންޝިޕް 2021/22 ފުޓްބޯޅަ މުބާރާތުގެ ފައިނަލްމެޗް ޝަރަފުވެރި ކޮށްދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ނިލަންދޫ ފުޓްބޯޅަ ސްޓޭޑިއަމް ރަސްމީގޮތުން ހުޅުވައިދެއްވުމަށްފަހު އެ ސްޓޭޑިއަމްގައި މިއަދު ހަވީރު ކުޅުނު އެ މުބާރާތުގެ ފައިނަލް މެޗް ބައްލަވާލައްވާފައެވެ. އެފްއޭއެމް އަންޑަރ ނައިންޓީން ޔޫތް ޗެންޕިއަންޝިޕް 2021/22 ފުޓްބޯޅަ މުބާރާތުގައި ޖުމްލަ 9 ޓީމެއް ބައިވެރިވެއެވެ. ދެ ގުރޫޕަކަށް ބަހާލައިގެން ކުރިޔަށްގެންދިޔަ މި މުބާރާތުގެ ފައިނަލް މެޗް މިއަދު ނިލަންދޫގައި ބޭއްވިއިރު މި މެޗްގައި ބައްދަލުކުރީ ކްލަބް އީގަލްސް އާއި ސުޕަރ ޔުނައިޓެޑް ސްޕޯޓްސް އެވެ. މި މެޗް 1-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ޗެމްޕިއަންކަން ހޯދީ ކްލަބް އީގަލްސް އެވެ. މި މެޗަށްފަހު ބޭއްވި އިނާމުދިނުމުގެ ރަސްމިއްޔާތުގައި ޗެމްޕިއަން ޓީމަށް ވާދައިގެ ތައްޓާއި މެޑަލް އަދި ހަނދާނީ ލިއުން ހަވާލުކޮށްދެއްވީ ނައިބުރައީސް ފައިޞަލް ނަސީމެވެ.

މިއަދު ރަސްމީގޮތުން ހުޅުވި ނިލަންދޫ ފުޓްބޯޅަ ސްޓޭޑިއަމްގެ ދަނޑަކީ މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުގެ ބެލުމުގެ ދަށުން ސަރުކާރު ބަޖެޓުން ޚަރަދުކޮށްގެން، ޓާފް އަޅައި، ތަރައްޤީކޮށްފައިވާ ދަނޑެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފ. ނިލަންދޫ އާއި އދ. މާމިނގިއްޔާއި ފެންފުށްޓަށް ކުރައްވާ ދެ ދުވަހުގެ ދަތުރުފުޅުގައި އެ ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކާއި އަދި ދައުލަތުގެ މުވައްސަސާތަކަށް ޒިޔާރަތްކުރެއްވުމަށް ހަމަޖެހިފައިވެއެވެ.