بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى أشرف المرسلين، سيدنا محـمَّدٍ وَعلـى آلـه وَصَحْبِـهِ أجمـعـين.

އާދެ، މިރޭ މި އުފާވެރި ޙަފްލާގައި، އަޅުގަނޑުގެ އެންމެ ފުރަތަމަ ވާޖިބެއް ކަމުގައި ދެކެނީ، މި ޙަފްލާގައި ބައިވެރިވުމަށް އަޅުގަނޑަށް ދައުވަތު ދެއްވި ކަމަށްޓަކައި، މިނިސްޓަރ އޮފް އެޑިޔުކޭޝަން އަލްއުސްތާޛު މުޙަންމަދު ޒާހިރު ޙުސައިނަށާއި، މަޢްހަދު އައްދިރާސާތިލް އިސްލާމިއްޔާގެ މުދީރު އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާއަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދެންނެވުން. ހަމައެއާއެކުގައި، އަޅުގަނޑު މިރޭ މި ޙަފްލާއަށް އައިކަމަށްޓަކައި، މަޢްހަދުގެ ފަރާތުން އަޅުގަނޑަށް ވިދާޅުވި ހޫނު މަރްޙަބާއަށްޓަކައިވެސް، ހިތުގެ އެންމެ ފުންމިނުން އަޅުގަނޑު މަޢްހަދުގެ މުދީރަށާއި މުދައްރިސުންނަށާއި އަދި މަޢްހަދުގެ ޠާލިބުންނަށާއި ޠާލިބާއިންނަށް ޝުކުރު ދަންނަވަން.

އާދެ، ޖަލްސާއަށް ވަޑައިގެންނެވި ބޭފުޅުންނަށް މަރްޙަބާ ދެންނެވުމުގެ ގޮތުން، ރައީސުއްރުއްވާދު އައްޠާލިބު ޙަސަން ޝާކިރު ދެއްކި ވާހަކައިގައި އިޝާރާތްކުރި ފަދައިން، މި މަޢްހަދު ސަރުކާރުން އުފައްދާފައި މިވަނީ، ވަރަށް މުހިންމު މަޤްޞަދުތަކެއް ޙާޞިލުކުރުމަށްޓަކައި، އާދެ، އެމަޤްޞަދުތަކަކީ، އަޅުގަނޑުމެންނަކީ ސަތޭކައިންސަތޭކަ އިސްލާމީ ޤައުމަކަށްވާތީ، ރާއްޖޭގައި އިސްލާމީ ޢިލްމުތައް އުނގަންނައިދޭ ޚާއްޞަ މަޢްހަދެއް ނުވަތަ މަދަރުސާއެއް ހުރުމުގެ ބޭނުންތެރިކަން ސަރުކާރަށް އިޙްސާސް ކުރެވިގެން، އެފަދަ މަޢްހަދެއް ނުވަތަ މަދަރުސާއެއް އުފެއްދުން. ހަމަ އެއާއެކުގައި، ޢަރަބި ތަޢުލީމު ކިޔަވައިދޭ ޚާއްޞަ ތަނެއް ރާއްޖޭގައި ހުރުމަކީ، ރާއްޖެއަކީ މިދެންނެވިފަދަ ސަތޭކައިންސަތޭކަ އިސްލާމީ ޤައުމަކަށްވާތީ، މުހިންމު ކަމެއް ކަމުގައި ސަރުކާރަށް ފެނިގެން، މިފަދަ ތަނެއް ޤާއިމުކުރުން.

ޝައްކެއްނެތް، މިވޭތުވެދިޔަ 8 އަހަރު ދުވަހުގެ ތެރޭގައި، މަޢްހަދުން ކުރައްވާފައިވާ ތަފާތު މަސައްކަތްތަކާއި ޚިދުމަތްތަކުން މިދެންނެވި މަޤްޞަދުތައް ކިތަންމެ ރަނގަޅަކަށްވެސް ޙާޞިލުވަމުންދާކަމުގެ އުފާވެރިކަން، މިރޭ މިތަނަށް ޙާޟިރުވެ ތިބި އެންމެންގެ ހިތްތަކަށް ވަދެގެންދާނެ. މަޢްހަދު، އެ މަޤްޞަދުތަކަށްޓަކައި އުފެއްދި މަޤްޞަދުތައް ޙާޞިލުކުރުމަށް ކިތަންމެ ބޮޑެތި ހުރަސްތަކެއް އެޅިފައިވިކަމުގައިވިޔަސް، އެ ހުރަސްތައް ގިރާކޮށް، ވަރުގަދަ ޢަޒުމަކާއެކުގައި ތަރައްޤީގެ މަގުގައި، އަދި އެ މަޤްޞަދުތައް ޙާޞިލުކުރުމުގެ މަގުގައި، މަޢްހަދުގެ އިދާރާގެ ފަރާތުންނާއި، މަޢްހަދުގެ ހިންގުންތެރިންނާއި، މަޢްހަދުގެ ޠާލިބުންނާއި ޠާލިބާއިން ކުރިއަށް ވަޑައިގަންނަވާކަން، އަޅުގަނޑު ފާހަގަކުރަނީ ވަރަށް ޚާއްޞަ އުފަލަކާއެކު.

ދެންމެ ވޭތުވެދިޔަ އަހަރުގެ، އަހަރު ރިޕޯޓް އަޅުގަނޑުމެންނަށް އިއްވަވައިދެއްވަމުން، މަޢްހަދުގެ މުދީރު އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ ހާމަކޮށްދެއްވި ގޮތުގައި، މަޢްހަދަށް ދިމާވެފައިވާ ދަތިތަކެއް އެބަހުރި. އެދަތިތަކަކީ، ސަރުކާރަށްވެސް އެނގޭ، ސަރުކާރަށް އިޙްސާސް ކުރެވޭ ދަތިތަކެއް. އެދަތިތައް ޙައްލުކޮށްދެވޭތޯ ސަރުކާރުން ވަރަށް ގިނަ މަސައްކަތްތަކެއް މިއަންނަނީ ކުރަމުން. އެހެންނަމަވެސް، ސަރުކާރުން ކުރަންޖެހޭ މަސައްކަތްތައް ގިނަކަމާއި، އެމަސައްކަތްތަކުގެ ބުރަކަމާއި އަދި އެކަންކަމަށް ޚަރަދުކުރަންޖެހޭ ފައިސާގެ ގިނަކަމުން، ސަރުކާރުން ކުރަން ބޭނުންވާ ކަންތައްތައް އޮންނަނީ އެއްފަހަރާ ނުކުރެވޭގޮތް ދިމާވެފައި. އެއީ ހަމައެކަނި އަޅުގަނޑުމެންފަދަ ކުޑަ ޤައުމުތަކަށް މެދުވެރިވާ ކަމެއްނޫން. އެންމެ ބޮޑެތި ޤައުމުތަކަށްވެސް މެދުވެރިވާ ދައްޗެއް އެއީ.

އެހެންވީމާ، މިހާރު ކިތަންމެ ހުރަސްތަކެއް، މަޢްހަދުގެ ހިނގުމަށް އެޅިފައިވި ކަމުގައިވިޔަސް އަދި މަޢްހަދު އެކަށީގެންވާގޮތުގައި ކުރިއަށް ދިޔުމަށް، މިދެންނެވިފަދަ ހުރަސްތައް ހުރިކަމުގައިވިޔަސް، އެއީ އެއްގޮތަކަށްވެސް އަޅުގަނޑުމެންގެ ހިތްވަރު ދެރަވާންވީ ކަމެއްނޫން. މަޢްހަދުގެ ހިންގުންތެރިންވެސް އަދި މަޢްހަދުގެ ކިޔަވާކުދިންވެސް، އެކަމާ ދޭތެރޭގައި އެއްގޮތަކަށްވެސް ހިތްވަރު ދެރަވާނެ ކަމެއްނެތް. އިރާދަކުރެއްވިއްޔާ، ހުރިހާ ދަތިކަމެއް ޙައްލުކޮށްދެއްވާ ފަރާތުން އެދަތިކަންވެސް ޙައްލުކޮށްދެއްވާނެ.

އާދެ، ޖަލްސާއަށް ވަޑައިގެން ތިއްބެވި ބޭފުޅުންނަށް މަރްޙަބާ ދެންނެވުމުގެ ގޮތުން ވާހަކަދެއްކި ޠާލިބު ބަޔާންކުރިފަދައިން، މަޢްހަދު ހުޅުވައިދިނުމުގެ ފަހުން، އަޅުގަނޑަށް މަޢްހަދަށް ޒިޔާރަތް ކުރުމުގެ ފުރުޞަތެއް ލިބިފައެއްނުވޭ. އެހެންނަމަވެސް، އެ ފުރުޞަތު ލިބިފައި ނުވަނީ، ފަހަރެއްގައިވެސް އަޅުގަނޑު މަޢްހަދަށްދޭ އަހަންމިއްޔަތު ކުޑަވުމުގެ ސަބަބުންނެއް ނޫން. އަދި މަޢްހަދުގެ މަތިން ހަނދާންނެތިގެންނެއްވެސް ނޫން. ތެދުތެދަށް ދަންނަވަންޏާ، މި މަޢްހަދަކީ އަޅުގަނޑުވެސް ވަރަށް ޚާއްޞަ އުންމީދުތަކެއް، އެ މަޢްހަދުގެ ފަރާތުން ޙާޞިލުވާނެ ކަމަށް އުންމީދު ކުރަމުން އައިސްފައިވާ ތަނެއް. އަޅުގަނޑާއެކުގައި، ޤައުމުގެ ވަރަށް ގިނަ ބަޔަކު ދެކެމުން އައި ހުވަފެނެއް ޙަޤީޤަތަކަށް ހެދުމަށްޓަކައި ސަރުކާރުން ބިނާކޮށްފައިވާ ތަނެއް. ނުވަތަ ސަރުކާރުން ހުޅުވާފައިވާ ތަނެއް، މި މަޢްހަދަކީ.

އެހެންވީމާ، މި މަޢްހަދުގެ މަތިން ސަރުކާރުން ހަނދާންނެތުމަކީ ނުވަތަ ސަރުކާރު ހިންގަން ހުންނަ ވެރިޔަކު ހަނދާންނެތުމަކީ، އެއްގޮތަކަށްވެސް އަޅުގަނޑު ދަންނަވާނީ ވާނެކަމެއްނޫނޭ. މި މަޢްހަދަށް އައުމުގެ ފުރުޞަތު ނުވަތަ މި މަޢްހަދަށް އައިސް، މަޢްހަދުގެ ޠާލިބުންނާއި ޠާލިބާއިންނާ ބައްދަލުކޮށްލުމުގެ އުފާ އަޅުގަނޑަށް މީގެކުރިން ލިބިފައިނުވިކަމުގައިވިޔަސް، މަޢްހަދުގެ ކަންތައްތައް އަޅުގަނޑު ބަލަމުން ގެންގޮސްފައިވަނީ ވަރަށް ޚާއްޞަ ގޮތެއްގައި. މަޢްހަދުގެ ކުރިއެރުން ހުންނަގޮތާއި، މަޢްހަދުން ކުރަމުންގެންދާ މަސައްކަތްތައް ކުރަމުންގެންދާ ގޮތާއި އަދި މަޢްހަދުގެ ކުދިން ހޯދާ ކާމިޔާބީތަކާއި، މަޢްހަދަށް ދިމާވާ ދަތިތަކާ، މިހުރިހާ ކަންތައްތަކެއް އަޅުގަނޑު ބަލަމުން ގެންގޮސްފައިވަނީ، ވަރަށް ޚާއްޞަ ފަރުވާތެރިކަމަކާއެކު. އަދި އެހުރިހާ ކަމަކަށް ވަރަށް ބޮޑު ސަމާލުކަމެއްދީގެން. އެކަންތައްތަކާ ދޭތެރޭގައި ވިސްނައި، އަޅުގަނޑަށް ފެންނަ ލަފަޔަކާއި އިރުޝާދެއް، މިނިސްޓަރ އޮފް އެޑިޔުކޭޝަނަށް އަރުވަމުން މިގެންދަނީ. ހަމައެއާއެކުގައި، ކުރިންވެސް ދެންނެވި ފަދައިން، މަޢްހަދަށް ދިމާވެފައިވާ ދަތިތައް ޙައްލުކުރެވޭތޯ ސަރުކާރުން ގެންދަނީ ވަރަށްވެސް ބޮޑަށް މަސައްކަތް ކުރަމުން.

އޭގެތެރެއިން އެންމެބޮޑު އެއް ދައްޗަކީ، މަޢްހަދުގެ މުދީރު އިޝާރާތް ކުރެއްވި ފަދައިން، މަޢްހަދުގެ ތަނުގެ ދަތިކަން. ކުދިން ޖަލްސާއެއްކޮށްލާނެ ހޯލެއްވެސް ނެތްކަން. އަދި އެއްވެސްކަހަލަ ނަޝާޠެއް ކުރިއަށް ގެންދާނެ ގޯއްޗެއްވެސް ނެތްކަން. އަދި މަޢްހަދުގެ ކްލާސްރޫމްތަކުގެވެސް ކުދިކަމާއި، ކުދިންނަށް ޖާގަ ނެތްކަން. މިކަންކަން މިއީ ސަރުކާރުން ދަންނަ ކަންތައްތަކެއް. ވަރަށް ކުރިއްސުރެ އާދެ، މަޢްހަދު ޤާއިމުކުރެވުނީއްސުރެ، ސަރުކާރުން ޚިޔާލުކޮށްފައިވަނީ މިއީ ހަމައެކަނި ވަގުތީގޮތުން މަޢްހަދު ހިނގަމުންދާނެ ތަނެއް ކަމުގައި. މަޢްހަދު ދާއިމީގޮތެއްގައި ހިނގަމުންދާނީ، އެހެން ތަނެއްގައި ކަމުގައި ސަރުކާރުން ވަނީ ޚިޔާލުކޮށްފައި. އަދި ޤަޞްދުކޮށްފައި. އެކަމަށް މަޝްރޫޢެއްވެސް ރާވާފައި. އެހެން ނަމަވެސް، ކުރިންވެސް ދެންނެވި ފަދައިން، މިމަޝްރޫޢަކީވެސް އެކަށީގެންވާ ޢަދަދަކަށް ފައިސާ ބޭނުންވާނެ މަޝްރޫޢަކަށްވާތީ އަދި އަޅުގަނޑުމެންގެ އަމިއްލަ ބަޖެޓުން އެފަދަ ޚަރަދެއް ކުރެވެން ނެތުމާއެކު، ބޭރުގެ އެހީއެއް ލިބިގެން، އެ މަޝްރޫޢު ކުރިއަށް ގެންދެވޭތޯ ސަރުކާރުން ބަލަމުން ގެންދިޔައީ. އެހެންނަމަވެސް، މި ދޭތެރެއިން ކަންތައްތައް ދިމާވިގޮތުން ޚާއްޞަކޮށް، އަޅުގަނޑުމެންނަށް އެންމެ އެކަށީގެންވާ ގޮތެއްގައި އެހީތެރިވަމުން ގެންދާ ޤައުމުތަކަށް ދިމާވެފައިވާ ސިޔާސީ އަދި އިޤްތިޞާދީ މައްސަލަތައް، އެގޮތަށް ދިމާވެފައިވުމުގެ ސަބަބުން އެ ޤައުމުތަކަށްވެސް، ކުރިން އެމީހުން އަޅުގަނޑުމެންނަށް ވެދެމުންގެންދިޔަފަދަ އެހީތަކެއް ވެދިނުން މިވަގުތު ވަނީ ދަތިކަމަކަށްވެފައި.

އާދެ. އޭގެތެރެއިން އެންމެ ޚާއްޞަ އެއްކަމެއް، ޚަލީޖުގެ ހަނގުރާމަ. އެހަނގުރާމައިގައި ބައިވެރިވާ ދެފަރާތުންކުރެ އެއްފަރާތަކީ، މަޢްހަދުގެ މުދީރުވެސް ވިދާޅުވިފަދައިން، މި މަޢްހަދަށްވެސް ވަރަށް ގިނަ އެހީތަކެއް ވެދެއްވަމުން ގެންދެވި ފަރާތެއް. އަދި އެ ހަނގުރާމައިގައި ސީދާ ބައިވެރިނުވިކަމުގައިވިޔަސް، އެ ހަނގުރާމައިގެ އަސަރު ފޯރާ ހިސާބުގައި އޮތް ޢަރަބި ޤައުމުތައް، އެއީވެސް މި މަޢްހަދަށް ވަރަށް ގިނަ ގޮތްގޮތުން އެހީތެރިވަމުންގެންދާ ފަރާތްތަކެއް.

އެހެންވީމާ، އެފަރާތްތަކަށް ދިމާވެފައި އޮތް މި ބޮޑު މައްސަލަ، ޚަލީޖުގެ ހަނގުރާމައިގެ މައްސަލަ، އޭގެ ސަބަބުން ނުކުތް ސިޔާސީ އަދި އިޤްތިޞާދީ މައްސަލަތައް، މި ހުރިހާ ކަމެއް ހުރިގޮތުން އެ ޤައުމުތަކުންވެސް އެމީހުން ބޭނުންވާގޮތަށް އަޅުގަނޑުމެންގެ ކަންތައްތަކަށް އެހީވެދިނުން އޮތީ އެމީހުންނަށް ކުރެވޭވަރު ކަމެއްގެ ގޮތުގައެއް ނޫން. އެކަން އޮތީ އެމީހުންނަށް ދަތިވެފައި. އެކަންތައްތައް އެހެން ހުރުމާއެކުގައި، މިހާތަނަށް އަޅުގަނޑުމެން ދުށް ހުވަފެން ޙަޤީޤަތަކަށް އަދި ވެފައި ނުވަނީ. އެހެން ނަމަވެސް، އަޅުގަނޑު އުންމީދުކުރަނީ މާލަސްތަކެއްނުވެ އަޅުގަނޑުވެސް އުންމީދުކުރާ ފަދައިން، އަދި މަޢްހަދުގެ މުދީރާއި މުދައްރިސުންނާއި އަދި މަޢްހަދުގައި ކިޔަވާކުދިންވެސް އުންމީދުކުރާ ފަދައިން، އެކަށީގެންވާ ތަނެއް އިރާދަކުރެއްވިއްޔާ މަޢްހަދަށް ލިބޭނެކަމަށް.

އާދެ، މިވާހަކަކޮޅު މިހެން ދަންނަވާލުމުގެ ކުރިން، އަޅުގަނޑު އަދާކުރަންޖެހޭ ވާޖިބެއް އޮތް. އާދެ، އެއީ މިރޭގެ މި އުފާވެރި ޖަލްސާގައި، އެކިއެކި ކަންތައްތަކުން މަތީ ވަނަތައް ހޯދައިގެން އިނާމު ލިބުނު ކުދިންނަށް މަރްޙަބާ ކިޔުން. އެކުދިންނަށް ހެޔޮއެދުންތައް ފާޅުކޮށް، ތަހުނިޔާ އަދާކުރުން. ޝައްކެއްނެތް، އެކުދިން އެ ޙާޞިލުކުރި ކާމިޔާބީއަކީ، ވަރަށްވެސް ފޮނި ކާމިޔާބީއެއް. އެކަމަށްޓަކައި އެހުރިހާ ކުދިންނަށް ވަކިވަކިން އަޅުގަނޑަށް ތަހުނިޔާ ނުކިޔުނު ކަމުގައިވިޔަސް، އަޅުގަނޑުގެ ތަހުނިޔާއާއި ހެޔޮއެދުންތަކުގައި ހުރިހާ ކުދިންވެސް ޝާމިލުކުރަން.

އާދެ، ކުރިންވެސް ދެންނެވިފަދައިން، ވޭތުވެދިޔަ 8 އަހަރު ދުވަހުގެ ތެރޭގައި، މަޢްހަދުން ވަރަށް ގިނަ ކާމިޔާބީތައްވަނީ ޙާޞިލުކޮށްފައި. އޭގެތެރެއިން، ތަޢުލީމީ ގޮތުން ޙާޞިލުކޮށްފައިވާ ކާމިޔާބީތައްވެސް އެބަހުރި. އަދި މަޢްހަދުގެ މުދީރުގެ ރިޕޯޓުގައި ވިދާޅުވިފަދައިން، ޤައުމީގޮތުން ބޭއްވިފައިވާ އަދި ބޭއްވެމުންދާ އެކިއެކި މުބާރާތްތަކުގައި މަޢްހަދުގެ ކުދިން ހޯދާ ކާމިޔާބީތައްވެސް އެބަހުރި. ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތް، ޅެން ހެދުމުގެ މުބާރާތް، ވާހަކަ ދެއްކުމުގެ މުބާރާތް. މިފަދަ ޤައުމީ މުބާރާތްތަކުގައި މަޢްހަދު ހޯދާފައިވާ ކާމިޔާބީތަކަކީ އަދި މަޢްހަދުގެ ދަރިވަރުން ހޯދާފައިވާ ކާމިޔާބުތަކަކީ، އެކަމަށްޓަކައި މަޢްހަދު ފަޚުރުވެރިވުން ޙައްޤު ކާމިޔާބީތަކެއް. އެވާހަކަ އަޅުގަނޑު ވާނީ މީގެކުރިން އެހެން މަޤާމެއްގައިވެސް ދައްކާފައި. ޝައްކެއްނެތްގޮތުގައި، އެކަމުން ދޭހަވަނީ، އެކަންތައްތަކެއް ޙާޞިލުކުރުމަށްޓަކައި، އެމަޤްޞަދުތަކެއް ޙާޞިލުކުރުމަށްޓަކައި، މަޢްހަދު އުފެދިފައިވާ މަޤްޞަދުތައް ދަނީ ޙާޞިލުވަމުންކަން، އެކަންކަމުން އަޅުގަނޑުމެންނަށް ވަރަށް ރަނގަޅަށް ދޭހަވޭ.

އާދެ، އެންމެ ބޮޑު ބޭނުމަކީ އަޅުގަނޑުމެންގެ ޒުވާނުންގައި، އަޅުގަނޑުމެންގެ ކިޔަވާކުދިންގައި، އިސްލާމީ ރޫޙު އުފެއްދުން. އިސްލާމީ ތަޢުލީމު އެކުދިންނަށްދީ، އެކުދިންގެ ވިސްނުމާއި ސުލޫކުގައި، އިސްލާމީ ގޮތްތަކެއް ހަރުލެއްވުން. އިސްލާމްދީނުގެ އެންމެ ބޮޑު އެއް ޝިޢާރު ނުވަތަ އިސްލާމްދީން އެންމެ ބޮޑަށް ބާރުއަޅާ އެއްކަންތައް، ހުރިހާ ކަމެއް ކުރުމުގައިވެސް މަސައްކަތް ކުރުން. ކޮންމެ ކަމެއްވެސް، އެ މީހަކަށް ކުރެވުނު އެންމެ ރަނގަޅަކަށް ކުރަމުން ގެންދިޔުން. ހުރިހާ މައިދާންތަކެއްގައިވެސް ކުރިހޯދުމަށް ޢަޒުމް ކަނޑައަޅައި، އެގޮތަށް މަސައްކަތް ކުރަމުން ގެންދިޔުން. އާދެ، ޝައްކެއްނެތްގޮތުގައި، މަޢްހަދުގެ ކުދިން ހާމަކޮށްދެނީ، އެކުދިންނަށް އެފަދަ މަތިވެރި ތަރުބިއްޔަތެއް ލިބެމުންދާކަން. އެއީ، މިދެންނެވި ޤައުމީ މުބާރާތްތަކުގައި އެކުދިން އެހޯދާ ކާމިޔާބީތަކަކީ، އެފަދަ އިސްލާމީ ރޫޙެއް އެކުދިންގައި ނެތްނަމަ، އެއްގޮތަކަށްވެސް އެކުދިންނަށް ހޯދޭނެ ކާމިޔާބީތަކަކަށްނުވާތީ.

އާދެ، މަޢްހަދު މިހާ ފުރިހަމަގޮތެއްގައި ހިނގަމުން މިދަނީ ޝައްކެއްނެތްގޮތުގައި، ވަރަށް ގިނަ ފަރާތްތަކެއްގެ އެހީއާއި އެއްބާރުލެއްވުން މަޢްހަދުގެ ހިނގުމުގައި، އަދި މަޢްހަދުގެ ތަޢުލީމު ދިނުމުގައި ހިމެނިގެން. އޭގެ ތެރެއިން، އެންމެ ފުރަތަމަ އަޅުގަނޑު ފާހަގަކޮށްލަނީ، މިނިސްޓަރ އޮފް އެޑިޔުކޭޝަން އަލްއުސްތާޛު މުޙަންމަދު ޒާހިރު ޙުސައިން. އެމަނިކުފާނު މަޢްހަދަށް ދެއްވާ އަހަންމިއްޔަތާއި، މަޢްހަދުގެ ކަންތައްތައް، އެއްދުވަހުން އަނެއްދުވަހަށް ތަރައްޤީ ކުރައްވައި، ކުރިއަށް ގެންދެވުމަށް ރާއްވަވާފައިވާ ސިޔާސަތާއި، އެކަން ކުރައްވާގޮތް އެއީ، އަޅުގަނޑު ހިތުން އަޅުގަނޑެކޭ އެއްފަދައިން، ތިޔަ ހުރިހާ ކުދިންނަށްވެސް ރަނގަޅަށް އިޙްސާސް ކުރެވޭނެ ކަންތައްތަކެއް. އެހެންކަމާއެކު، އަޅުގަނޑުގެ އަމިއްލަ ނަމުގައި އަދި ސަރުކާރުގެ ނަމުގައި އެމަނިކުފާނަށް ޝުކުރު ދެންނެވުމަކީ، މިރޭ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް.

މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ރާއްވަވާ ސިޔާސަތާ އެއްގޮތްވާގޮތުގެ މަތިން، ޢަމަލީގޮތުން މަޢްހަދުގެ ކަންތައްތައް ހިންގަވައި ކުރިއަށް ގެންދަވަނީ، މަޢްހަދުގެ ލިޔާޤަތްތެރި މުދީރު އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ. އާދެ، މަޢްހަދު ފެށުނީއްސުރެ މިހާތަނާ ޖެހެންދެން، މަޢްހަދު ހިނގުމުގެ ހުންގާނުގައި ހުންނެވީ އޭނާ. އޭނާގެ އިޚްލާޞްތެރިކަމާއި، ކުރައްވާ ބުރަ މަސައްކަތުގެ ނަތީޖާ އަޅުގަނޑުމެންނަށް ފެންނަމުންދަނީ ވަރަށްވެސް ފުރިހަމަގޮތެއްގައި. އެހެންކަމުން، އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާއަށްވެސް އިޚްލާޞްތެރިކަމާއެކު މަރްޙަބާ ދަންނަވައި ތާރީފުގެ ބަސްތައް ރައްދުކުރުމަކީ މިރޭ އަޅުގަނޑަށް ލިބޭ އުފަލެއް.

އާދެ، މަޢްހަދު ހިނގަމުން މިދަނީ، ބޭރުގެ އެތައް ފަރާތެއްގެވެސް އެހީގައި. ތިޔަބޭފުޅުން މުދީރުގެ ރިޕޯޓުން އެއްސެވިފަދައިން، އަޅުގަނޑުމެންގެ އެކުވެރި އުޚުއްވަތްތެރި ބައެއް އިސްލާމީ ޤައުމުތަކުން މި މަޢްހަދަށް ގިނަ ގޮތްގޮތުން އެހީވަމުން އެބަގެންދޭ. އޭގެ ތެރޭގައި، މިޞްރުގެ އަލްއަޒްހަރު އަދި ސުޢޫދީ ޢަރަބިއްޔާ، ލީބިޔާ، އަދި އެތާނގެ ޖަމްޢިއްޔަތުއް ދަޢުވާ އަލް އިސްލާމިއްޔާ އަލްޢާލަމިއްޔާ. އަދި ރާބިޠަތުލް ޢާލަމިލް އިސްލާމީ، އަދި ޕާކިސްތާނު ފަދަ ޤައުމުތައް ހިމެނޭ. ޤަޠަރުވެސް ހިމެނޭ. އެހެންވީމާ، މިހުރިހާ ޤައުމުތަކަށާއި، އެތަންތާނގެ ސަރުކާރުތަކަށާއި އަދި މިދެންނެވި ޖަމުޢިއްޔާތަކަށާއި، އެ ޖަމުޢިއްޔާގެ ހިންގުންތެރިންނަށް، ދިވެހި ސަރުކާރުގެ ނަމުގަޔާއި، މަޢްހަދުގެ ނަމުގަޔާއި، މަޢްހަދުގެ ޠާލިބުންނާއި ޠާލިބާއިންގެ ނަމުގައި ޝުކުރު އަދާކުރުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު ވާޖިބެއް.

އާދެ، މަޢްހަދުގެ ޚިދްމަތް ހިފެހެއްޓިފައިވަނީ، ހަމައެކަނި މަޢްހަދުގެ ހަތަރު ފާރުގެ ތެރެއަކުނޫން. މަޢްހަދުގެ ޚިދްމަތްތައް މިހާރު ދިވެހި މުޖުތަމަޢަށް ލިބެމުންދަނީ ވަރަށްވެސް ފުރިހަމަގޮތެއްގައި. ކިޔެވުމުގެ ދާއިރާގައި. އަދި އިސްލާމީ ތަރުބިޔަތުގެ ދާއިރާގައި. އިސްލާމީ ޝިޢާރުތައް އުފުލުމުގެ ދާއިރާގައި. މަޢްހަދުން ކޮންމެހެން ކުރަން ނުޖެހުނަސް، މަޢްހަދުގެ ފަރާތުން މިދެންނެވި ދާއިރާތަކުގައި ކޮށްދޭ ޚިދްމަތްތަކަކީ އަޅުގަނޑު ހިތުން އަޅުގަނޑުމެން އެންމެންނަށް ރަނގަޅަށް ވަޒަންކުރެވޭ ޚިދްމަތްތަކެއް. ރާއްޖޭގައި މިވަގުތު އިސްލާމީ ތަރުބިޔަތު ދޭނެ މުދައްރިސުން މަދު. ދީނީ ޢިލްމުތައް އުނގަންނައިދޭނެ، އެކަމަށް ޚާއްޞަވެގެން ތިބޭ މީހުން ވަރަށް މަދު. އެހެންކަމުން، ސަރުކާރުގެ ބޮޑެތި ސްކޫލްތަކުގައިވެސް އިސްލާމްދީން ކިޔަވައިދޭނެ މީހުންނާއި، ޤުރްއާން ކިޔަވައިދޭނެ މީހުންނާއި، ދިވެހިބަސް ކިޔަވައިދޭނެ މީހުން މިއަދު އޮތީ ވަރަށް ބޮޑަށް މަދުވެފައި. މި ބޮޑު އުނިކަން ފޫބެއްދޭތޯ މަޢްހަދުގެ ފަރާތުން ވަރަށް ބޮޑަށް މަސައްކަތް ކުރައްވާކަން މިރޭ އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވޭ. އެއީ އަމީނިއްޔާ، މަޖީދިއްޔާގެ ގްރޭޑް 6 އާއި 7 ގައި ޢަރަބި ކިޔަވައިދިނުމަށް މަޢްހަދުން މުދައްރިސުން ދޫކުރައްވާ. މަޢްހަދުން ފޮތް ދެއްވާ. އަދި މަދަރުސާތަކުގައި އިސްލާމް ކިޔަވައިދެއްވުމަށްޓަކައި މަޢްހަދުން މުދައްރިސުން ދޫކުރައްވާ. އަދި އަޅުގަނޑުމެންގެ ރަސްމީ މުޤައްރަރުގައި އާދެ، ރާއްޖޭގެ ރަސްމީ މުޤައްރަރުގައި، ދީނީ ތަރުބިޔަތުގެ ބައި އެކުލަވައިލައްވާފައިވަނީވެސް މަޢްހަދުގެ ފަރާތުން.

މީގެ އިތުރުން، ދިވެހިރާއްޖޭގެ ޚަބަރާއި މަޢުލޫމާތު ފަތުރާ އެންމެ ބޮޑު ދެ ވަސީލަތް ކަމުގައިވާ ދިވެހިރާއްޖޭގެ އަޑާއި ޓެލެވިޜަން މޯލްޑިވްސްގެ ޛަރީޢާއިން ފޮނުއްވާ އެކިއެކި މުހިންމު ޕްރޮގްރާމްތަކުގައި، މަޢްހަދުގެ ވަރަށް ގިނަ އެހީތައް އެފަރާތްތަކަށް ލިބެމުންދޭ. އާދެ ޤުރްއާން ކިޔަވައިދިނުމުގެ ޕްރޮގްރާމްތައް. ޢަރަބިބަސް ކިޔަވައިދިނުމުގެ ޕްރޮގްރާމްތައް. އަދި އެނޫންވެސް ތަފާތު ޕްރޮގްރާމްތަކުގައި، މަޢްހަދުގެ އެހީ ލިބެމުންދަނީ އަޅުގަނޑުމެން އުފާކުރުން ޙައްޤު ދަރަޖައަކަށް.

މީގެ އިތުރުން، ބަރަކާތްތެރި ރަމަޟާންމަހު، ޢާންމުންގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި، މިސްކިތްތަކުގައި ބޭއްވޭ ދީނީ ތަޤްރީރު ދިނުމުގެ ޕްރޮގްރާމްތައް މަޢްހަދުން ހިންގަވާ. އަދި އެމުނާސަބަތާ ގުޅިގެން، ދިވެހިރާއްޖެއަށް ވަޑައިގަންނަވާ ޢިލްމުވެރިންނާއި ވާޢިޡުންގެ ކަންތައްތައް، މަޢްހަދުގެ ފަރާތުން ބަލަހައްޓަވައިދެއްވާ ފުރިހަމަކަމަށްޓަކައިވެސް މަޢްހަދަށް އަޅުގަނޑުމެން ދަރަނިވެފައިވާލެއް ވަރަށްވެސް ބޮޑު.

އާދެ، މަޢްހަދުގެ ނިޒާމީ ބައިގެ އިތުރަށް، މަޢްހަދުގައި ތަފާތު ކޯސްތައް ހިންގަވާ. އެކޯސްތަކުގައި ބައިވެރިވާ މީހުންގެ ނުވަތަ މީހުންނާއި ކުދިންގެ ޢަދަދު، ދެންމެ މުދީރުގެ ރިޕޯޓުގައި ވިދާޅުވުމުން، އަޅުގަނޑު ހިތުން އެކަމުން ވަރަށް ގިނަ މީހުންނަށް ޙައިރާންކަމެއް ލިބޭނެ. އޭނާ ވިދާޅުވިގޮތުގައި، 4500 އަށްވުރެ ގިނަ މީހުންނާއި ކުދިން މަޢްހަދުން ހިންގާ ޚާއްޞަ ކޯސްތަކުގައި މިހާރު ބައިވެރިވެގެން އެބަތިބި. އެކޯސްތައް ފުރިހަމަކުރަމުން އެބަ ގެންދޭ، މާލެއާއި ރާއްޖެތެރޭގައި. ޝައްކެއްނެތްގޮތުގައި، މިއީ ވަރަށް ބޮޑު ޢަދަދެއް. ސަރުކާރުގެ އެއްވެސް މަދަރުސާއެއްގައި، އަޅުގަނޑު ހިތުން މިހާގިނަ ޢަދަދަކަށް ކުދިން ތަޢުލީމު ޙާޞިލުކުރަމަކުން ނުގެންދޭ. އެހެންވީމާ، އެގޮތުންވެސް މަޢްހަދުން މިހާރު އަދާކުރައްވަމުން ގެންދަވާ ވާޖިބުތަކުގެ ފުރިހަމަކަމާއި އަދި މަޢްހަދުން އެ ކުރިއަށް ގެންދަވާ ރިސާލަތުގެ ބޮޑުކަން އަޅުގަނޑުމެންނަށް ރަނގަޅަށް އިޙްސާސް ކުރެވޭ. މިހުރިހާ ކަމަކަށްޓަކައިވެސް މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށާއި އަދި މަޢްހަދުގެ އިދާރާއަށާއި، މަޢްހަދުގެ ހީވާގި، ޤާބިލް މުދައްރިސުންނަށް އަޅުގަނޑުމެން ތަޢުރީފު ކުރަންޖެހޭވަރު ވަރަށްވެސް ބޮޑު.

އާދެ، މިކަންތައްތައް މިހެން ހިނގަމުން ދިޔުމަކީ، ވަރަށް އުފާކުރުން އެކަށީގެންވާ ކަމެއް. އެހެންނަމަވެސް، ހަމަ އެއާއެކުގައި އަޅުގަނޑުމެން ހަނދާންކުރަން އެބަޖެހޭ، އަޅުގަނޑުމެންގެ މުޖުތަމަޢަށް މިއަދު ފެތުރެމުންދާ އެކިއެކި އޮއިވަރުތަކުގެ ސަބަބުން އަޅުގަނޑުމެންގެ ޒުވާނުންގެ ވިސްނުމަށާއި އަޚްލާޤަށް އަންނަނީ ވަރަށް ބޮޑު ބަދަލުތަކެއްކަން. އެބަދަލުތައް ހަމައަކަށް އަޅުވައި، އަޅުގަނޑުމެންގެ ޒުވާނުންނާއި ޅަކުދިންގައި ރަނގަޅު އިސްލާމީ ތަރުބިއްޔަތެއް އަށަގެންނެވުމަށްޓަކައި، އަޅުގަނޑުމެންގެ ޒުވާނުންނާއި ޅަކުދިން، އިސްލާމީ އުޞޫލުތަކަށް ޙުރްމަތްތެރިކޮށްހިތުމަށްޓަކައި ސަރުކާރުންނާއި، ޢާންމު ރައްޔިތުން ކުރަން ޖެހިފައިވާ މަސައްކަތް ވަރަށްވެސް ބޮޑު. އާދެ، އެއީ އެއްގޮތަކަށްވެސް ހަމައެކަނި ސަރުކާރުން ކުރެވޭނެ ކަމެއް ނޫން. މިދެންނެވިފަދަ ކަންތައްތަކަކީ، އެކަންތައްތައް ހަމަޖެއްސުމަށްޓަކައި ސަރުކާރުން ޤަވާއިދުތަކެއް ހަދައިގެން ހިންގޭނެ ކަންތައްތަކެއް ނޫން. މި ކަންތައްތައް ހިންގޭނީ، އަޅުގަނޑުމެން ރައްޔިތުންގެ ހޭލުންތެރިކަން، ކިޔަވާކުދިންގެ ހޭލުންތެރިކަން އަދި ބެލެނިވެރިންނާއި މައިންބަފައިންގެ ހޭލުންތެރިކަންވެސް އިތުރުކޮށްގެން، ކޮންމެ މީހަކަށްވެސް، އެމީހަކު އަދާކުރަންޖެހޭ ދައުރާއި މަސްއޫލިއްޔަތު ރަނގަޅަށް ސާފުވެގެން، އޮޅުންފިލައިގެން، އެ މަސްއޫލިއްޔަތަށް ކަމޭހިތައިގެން.

އާދެ، އަޅުގަނޑުމެން އެންމެންވެސް މިކުރާ ޝަކުވާއަކީ، އަޅުގަނޑުމެންގެ ރާއްޖެއަށް ނޭދެވޭ ނުފޫޒުތަކެއް އަންނަކަމުގެ ޝަކުވާ. އަޅުގަނޑުމެންގެ ތެރޭގައި، ޣައިރު އިސްލާމީ އާދަތަކާއި، ޣައިރު އިސްލާމީ އުޞޫލުތައް ފެތުރެމުންދާކަމުގެ ޝަކުވާ. ދެން އޭގެފަހުން އަޅުގަނޑުމެންނަށް ޔަޤީންކުރެވެނީ، ނުވަތަ ހީކޮށްގެން ތިބެނީ، އެކަންކަން ހަމަޔަކަށް އެޅުވުމަކީ ސަރުކާރުގެ ކަމެއް ކަމުގައި. ކުރިންވެސް ދެންނެވި ފަދައިން، އެފަދަ ކަންތައްތައް އެއީ ހަމައެކަނި ސަރުކާރުން ކުރެވޭނެ ކަންތައްތަކެއް ނޫން. ސަރުކާރުން ދެވޭނީ އިރުޝާދު. ސަރުކާރުން ދެއްކޭނީ މަގު. އެ އިރުޝާދަށް ތަބަޢަވުން، އެ މަގުގައި ހިނގުން އެއީ ރައްޔިތުންގެ ވާޖިބެއް. އަދި މިފަދަ ކަންތައްތައް މީހުން ލައްވައި ކުރުވޭނީ، މިދެންނެވި އިސްލާމީ އުޞޫލުތަކާ އެއްގޮތަށް، އިސްލާމީ އާދަކާދަތަކާ އެއްގޮތަށް އަޅުގަނޑުމެންގެ ސުލޫކާއި އަޚްލާޤާއި ވިސްނުން ބެހެއްޓޭނީ، އެކަންކަމަކީ އަޅުގަނޑުމެންނަށް ފައިދާހުރި، އަޅުގަނޑުމެންގެ މުޖުތަމަޢަށް މިހާރުވެސް ފައިދާހުރި އަދި މުސްތަޤްބަލުގައިވެސް ފައިދާކުރާނެ އުޞޫލުތަކަކާއި، ހަމަތަކަކާއި، އާދަކާދަތަކެއްކަން އަޅުގަނޑުމެންގެ އެންމެންނަށް ޤަބޫލުކުރެވިގެން. އެކަމުގެ އިޤްނާޢު އަޅުގަނޑުމެންގެ ތެރޭގައި ފެތުރިގެން. މިކަންތައްތައް ޖެހޭނީ މީހުންނަށް އޮޅުންފިލުވައިދޭން. މީހުންނަށް އަންގައިދޭން. އެވާޖިބު އަދާކުރުމުގައި، ސަރުކާރުން ވަރަށް ބޮޑު ބައެއް ކުޅެންޖެހޭނެކަން ޝައްކެއްނެތް.

ހަމަ އެއާއެކުގައި، ސަރުކާރުގެ މަސްއޫލިއްޔަތުގެ އިތުރަށް، އަމިއްލަ ފަރާތްތަކުގެ މަސްއޫލިއްޔަތުވެސް އެހާބޮޑު. ސްކޫލްތަކުގެ، މަދަރުސާތަކުގެ މަސްއޫލިއްޔަތު އެހާބޮޑު. އަޅުގަނޑުމެން ކުޑައިރު، މާލޭގައި ކިޔަވަމުންދިޔައިރު، އޭރުވެސް އަޚްލާޤީ ކަންތައްތަކަށް ސަރުކާރުން އަހަންމިއްޔަތު ދެއްވާ. އަޅުގަނޑުމެންނަށް ކޮންމެ މަހަކު އެއްފަހަރު، އަޚްލާޤާބެހޭ ތަޤްރީރެއް، ކޮންމެވެސް ބޭފުޅަކު ދެއްވާނެ. އެދުވަހަކު ކިޔެވުމެއް ނޯވޭ. މަދަރުސާގެ ހުރިހާ ކުދިން އެއްކުރައްވައި، ކޮންމެވެސް ބޭފުޅެއްގެ ބަލާޣަތްތެރި ދޫފުޅުން ކޮންމެވެސް އަޚްލާޤީ ކަމަކާ ބެހޭގޮތުން ނުވަތަ ކުދިންގެ އުޅުމާއި ސުލޫކާ ބެހޭގޮތުން ޢިބްރަތްތެރި ވާހަކަކޮޅެއް ދައްކަވައިލައްވައި ހައްދަވާ. ހަމައެއާއެކުގައި އަޅުގަނޑުމެންނަށް މާއްދާއެއްގެ ގޮތުގައި "އަޚްލާޤު" ކިޔަވައިދެއްވާ. "ދުރޫސުލްއަޚްލާޤް" ކިޔާފޮތެއް އޭރު އަޅުގަނޑުމެން ކިޔަވަމު. އޭގައި އިސްލާމްދީނުގައި އަޚްލާޤާ ބެހޭގޮތުން އަންގަވާފައިވާ އެންގެވުންތަކާއި، ދެއްވާފައިވާ އިރުޝާދުތައް ބަޔާންކޮށްފައި ހުރޭ. އަޅުގަނޑު ނުދަންނަވަން، މިހާރު ހަމަ އެގޮތަކަށް ކަންތައް ގެންދެވޭނެއެކޭ. ޒަމާން މިއޮތީ ބަދަލުވެފައި.

އެހެންވީމާ، އަޅުގަނޑުމެން އޭރު ބޭނުންކުރި އުޞްލޫބު އެއީ މިހާރަށް އެންމެ އެކަށީގެންވާ އުޞްލޫބަކަށްނުވެ ހިނގައިދާނެ. އެހެންނަމަވެސް، އަޅުގަނޑުގެ ވާހަކައަކީ، އޭރުވެސް ސަރުކާރުން އެކަމަށް އެދިން ފަދަ އަހަންމިއްޔަތެއް ނުވަތަ އެއަށްވުރެ ބޮޑު އަހަންމިއްޔަތެއް މިހާރު ސަރުކާރުން ދޭންޖެހޭނެއޭ، މިދެންނެވި ދާއިރާއަށް. އަޅުގަނޑުމެންގެ އަޚްލާޤާބެހޭ ކަންތައްތަކަށް. އަޅުގަނޑުމެންގެ ވިސްނުމާއި ސުލޫކާބެހޭ ކަންތައްތަކަށް. އެއީ އަޅުގަނޑުމެންގެ ކިޔަވާކުދިންނަށް، މިކަންތައްތައް އޮޅުންފިލުވައިދީ ހެދޭނީ، ސްކޫލްތަކުންނާއި، މަދަރުސާތަކުން މިމަސައްކަތުގައި ވަރަށް ބޮޑު ބައެއް އަދާކުރައްވައިގެން. ސްކޫލްތަކުގެ މުޤައްރަރުގައިވެސް ކޮންމެވެސްވަރަކަށް އެކަން އެކުލެވިގެން. އަދި އަޅުގަނޑުމެންގެ މުދައްރިސުންނާއި ޓީޗަރުން، އަޅުގަނޑުމެންނަށް ދެއްވާ އިރުޝާދުތަކުގައި އެބައި ހިމެނިގެން.

އެހެން އަޅުގަނޑު މިދަންނަވަނީ، މިހާރަކަށްއައިސް ސްކޫލްތަކުގައި ކިޔަވާކުދިންނަށް މުޖުތަމަޢުގައި އުޅޭނެ ރީތި ގޮތްތަކެއްވެސް ނޭނގޭ. ވަރަށް ހިތާމަހުރި ކަމެއް. އެހެންނަމަވެސް، ޙަޤީޤަތަކީ އެއީ. މީހުންނާ ބައްދަލުކޮށް ވާހަކަދެއްކުމުގައި، އަދަބުވެރިކަމާއެކުގައި ވާހަކަ ދައްކާނެ ގޮތެއްވެސް ނޭނގޭ. މީހަކާ ބައްދަލުކޮށް، އަތުގައި ހިފައި ސަލާމްކޮށްލާނެ ގޮތެއްވެސް ނޭނގޭ. އަދި ޚާއްޞަކޮށް، ޢިއްޒަތްތެރި ބޭފުޅަކު، އަދި އެއަށްވުރެވެސް ޚާއްޞަކޮށް، ބޭރުގެ ޢިއްޒަތްތެރި މެހްމާނަކު އަޅުގަނޑުމެންގެ ކިޔަވާކުދިންގެ ތެރެއިން ކުއްޖަކާ ބައްދަލުކުރައްވައި ވާހަކަފުޅެއް ދައްކަވައިލެއްވިޔަސް، އަދަބުވެރިކަމާއެކު އެބޭފުޅަކަށް ޖަވާބު އަރުވާނެ ގޮތެއްވެސް އަޅުގަނޑުމެންގެ ކުދިންނަކަށް ނޭނގޭ. އެންމެކުޑަމިނުގައި އިނގިރޭސިބަހުން މިއޮންނަ "ސަރ" ބޭނުންކޮށްލާކަށްވެސް ނޭނގެ. އަޅުގަނޑު ހަމަ އަމިއްލަ ލޮލުން ދެކިފައިވާ ތަން މި ދަންނަވަނީ. ބޭރުގެ ބައެއް ޢިއްޒަތްތެރިން ރާއްޖެއަށް ވަޑައިގެން ޒިޔާރަތް ކުރައްވާއިރު، ބައެއްފަހަރަށް ދިމާވާގޮތުން، މަގުމަތީން ނަމަވެސް ނުވަތަ އެހެން ތާކުން އަޅުގަނޑުމެންގެ ބައެއް ޒުވާން ކުދިންނާއި، ނުވަތަ މަދަރުސާތަކުގައި ކިޔަވާކުދިންނާ ބައްދަލުކޮށްލައްވައި ކޮންމެވެސް ވާހަކަފުޅެއް ދައްކަވާލައްވާ ތަން އާދޭ. އެފަދަ ހިނދެއްގައިވެސް އަޅުގަނޑުމެންގެ އެ ފުރުޞަތު ލިބޭ ކުއްޖަކަށް އެބޭފުޅަކަށް ރީތިބަހުން އަދަބުވެރިކަމާއެކު ޖަވާބު އަރުވާނެގޮތް އޮންނަނީ ނޭނގިފައި. ވަރަށް ދެރަކަމެއް.

އެހެންވީމާ، އަޅުގަނޑު މިދަންނަވަނީ، މިއީ ވަރަށް ކުޑަކުޑަ މިސާލެއް. މިފަދަ ކިތަންމެ ކަމެއް މިހާރު އަޅުގަނޑުމެންގެ ތެރޭގައި އެބަހުރި. މިކަންތައްތައް މިއީވެސް ދަސްކޮށްދެވެންވާނެ ކަންތައްތަކެއް. ކޮންމެ ކަމަކީވެސް ދަސްކޮށްދެވޭނެ ކަމެއް. ދަސްކޮށްދޭންޖެހޭނެ ކަމެއް. ކުއްޖާ ދުނިޔެއަށް އަންނައިރު، އެހުރިހާ ކަމެއް އެއްވެސް ކުއްޖަކަށް ނޭނގޭނެ. އަޅުގަނޑުމެން ދުނިޔެއަށް އައިސް މިތިބީ ކަންތައްތައް ދަސްކުރަން، އުނގެނިގަންނަން. ދަސްކޮށްގެން އަޅުގަނޑުމެންނަށް އެ ދަސްކުރެވޭގޮތަކާ އެއްގޮތަށް ޢަމަލުކުރުމަށް. އެހެންވީމާ، އަޅުގަނޑުމެންނަށް ބޭނުންތެރި މަޢުލޫމާތުތައް ދަސްކޮށްދެވޭ ފަދައިން، އަޅުގަނޑުމެން ޢަމަލުކުރަންވާ ރީތި ގޮތްތައްވެސް ވާނީ ދަސްކުރެވެން. އަދި އެގޮތްތައް ވާނީ ދަސްކޮށްދެވެން.

އެހެންވީމާ، އަޅުގަނޑު އެކަމަށް މި ބާރުއަޅަނީ. މުސްތަޤްބަލުގައި ސަރުކާރުން، ހަމައެކަނި ސަރުކާރަކުން ނޫން. ސަރުކާރާއި އަދި އަމިއްލަ ފަރާތްތަކުން، އެކިއެކި މަދަރުސާތައް ހިންގާ ފަރާތްތަކުން ކުދިން ތަރުބިޔަތު ކުރުމުގައި މިހާރަށްވުރެ ބޮޑު އަހަންމިއްޔަތެއްދީގެން، އެކުދިންގެ ހިތްތަކުގައި އެކަށީގެންވާ ރަނގަޅު އިސްލާމީ އުޞޫލުތަކެއް އަށަގެންނެވޭތޯ މަސައްކަތް ކުރަން ޖެހޭނެ ކަމަށް އަޅުގަނޑު ވަރަށް ބޮޑަށް ދެކެން. އަދި އެ މަސައްކަތް ކުރުމުގައި ސްކޫލްގެ އިދާރާއާއި، މުދައްރިސުންނާއި، ބެލެނިވެރިންނާއި މައިންބަފައިންނާ ވަރަށް ބޮޑަށް އެއްބާރުލާންޖެހޭނެ. އެއީ މަދަރުސާގައި ކުދިން ހޭދަކުރާނީ ވަރަށް ކުޑަ ވަގުތުކޮޅެއް. އޭގެފަހުގައި އެކުދިން އުޅޭނީ އެކުދިންގެ ގޭގޭގައި. މަދަރުސާގައި ވަކިގޮތަކަށް އުޅެން އާދަވެފައި އޮތް ކަމުގައިވިޔަސް، ގޭގައި އުޅޭއިރު އެގޮތަށް ކަންތައް ނުކުރެވޭ ކަމަށްވަންޏާ ނުވަތަ ގޭގައި އެކުދިންނަށް އިރުޝާދުދީ، ނަޞޭޙަތްދީ މަގުދައްކައިދޭނެ ބަޔަކު ނެތް ކަމުގައިވަނީނަމަ، މަދަރުސާއިން އެ ދަސްކޮށްދޭ އެއްޗެއްގެ މާބޮޑު ފައިދާއެއް ނޯންނާނެ.

މިހާރުވެސް ވަރަށްގިނަފަހަރު، ބައެއް މަޤާމުތަކުގައި ވާހަކަ ދައްކާއިރު، މި ވާހަކަ ކޮންމެވެސްވަރަކަށް އަޅުގަނޑަށް ވަނީ ދެކެވިފައި. ޚާއްޞަކޮށް، މައިންބަފައިންގެ މަސްއޫލިއްޔަތާ ބެހޭގޮތުން. އެހެން ނަމަވެސް، އަޅުގަނޑަށް ފެންނަ ގޮތުގައި، އަދިވެސް އެކަމަށް މާބޮޑު އިޞްލާޙެއް ނާދޭ. ހިތާމައާއެކު ދަންނަވަންޖެހެނީ އެހެން. މައިންބަފައިންނަށް ވާގޮތަކީ، ދަރިންދެކެ މާބޮޑަށް ލޯބިވެވެނީކަންނޭނގެ. އެހެންވީމާ، ދަރިން ކޮންމެ ގޮތަކަށް އުޅުނަސް އެންމެ ރަނގަޅު ކަމަށް ދޫކޮށްލެވެނީ. އެހެން ނަމަވެސް، އަޅުގަނޑު ދެކޭގޮތުގައި އެއީ ޙަޤީޤީ ލޯތްބެއް ނޫން. އެކުދިންދެކެ ޙަޤީޤަތުގައި މައިންބަފައިން ލޯބިވާ ކަމުގައިވަނީނަމަ، އަދި ޙަޤީޤަތުގައި އެކުދިންނަށް ހެޔޮއެދޭކަމުގައިވަނީނަމަ، މައިންބަފައިން ޖެހޭނެ، އެކުދިންނަށް މަގު ދައްކައިދޭން. ކަންތައްތައް އޮޅުންފިލުވައިދޭން. ރީތި ގޮތްތައް ދަސްކޮށްދޭން.

އެހެންވީމާ، މިރޭ އަޅުގަނޑު މި ނުކުތާއަށް ވަރަށް ބޮޑު ސަމާލުކަމެއް ދޭން ބޭނުންވޭ. އަދި ރާއްޖޭގެ މިނިސްޓަރ އޮފް އެޑިޔުކޭޝަން މިތާނގައި ވަޑައިގެން އިންނެވުމާއެކުގައި، އަޅުގަނޑު މިދަންނަވަނީ، ރާއްޖޭގެ ތަޢުލީމީ ސިޔާސަތުގައި މިބައި ހިމެނެން ވެއްޖެއޭ. ރާއްޖޭގެ ތަޢުލީމީ ސިޔާސަތުގެ ވަރަށް މުހިންމު ބަޔަކަށް މިބައި ވާންޖެހިއްޖެއޭ. މިހާރު ޖެހޭ. އެއީ އަޅުގަނޑުމެން މިހާރު އެކަމާ އަޅާނުލައި ތިބޭ ކަމަށްވަންޏާ، މުސްތަޤްބަލުގައި އަޅުގަނޑުމެންނަށް ކިތަންމެ މަސައްކަތެއް ކުރިކަމުގައިވިޔަސް، އެކަންތައްތައް އިޞްލާޙު ކުރުމަށް އޮންނާނީ މާބޮޑަށް ވަގުތު ލަސްވެފައި. މިހާރު އަޅުގަނޑުމެންގެ އަތުކުރިއޮޅާލަންވެއްޖެ، އަޅުގަނޑުމެން ކަންތައްތައް އިޞްލާޙު ކުރުމަށް. ޚާއްޞަކޮށް، އަޚްލާޤީ ގޮތުންނާއި، ފިކުރީގޮތުން އަޅުގަނޑުމެންނަށް ކުރިމަތިވާ، ކުރިމަތިވެފައިވާ އެކިއެކި ނޭދެވޭ އޮއިވަރުތަކުން އަޅުގަނޑުމެން އަމިއްލައަށް ސަލާމަތްވެ، އަދި އަޅުގަނޑުމެންގެ ޅަދަރީންނާއި ޒުވާނުންނާއި، ޤައުމުގެ އެންމެހައި އަފްރާދުން، އެ އޮއިވަރުތަކުން ސަލާމަތްކޮށްދިނުމަށްޓަކައި ވަރަށް ބޮޑު މަސައްކަތްތަކެއް، ޤައުމުގެ ހުރިހާ އެންމެން ކުރަންވެއްޖެ.

އާދެ، އެ މަސައްކަތް ކުރުމުގައި އަޅުގަނޑު ދަންނަވާނީ، މި މަޢްހަދުގެ ޠާލިބުންނާއި ޠާލިބާއިންނަށްވެސް ވަރަށް ބޮޑު ބައެއް ކުޅެވިދާނެއޭ. އެއީ މި މަޢްހަދުގެ ޠާލިބުންނާއި ޠާލިބާއިންނަކީ މިހާރު އިސްލާމީ ތަޢުލީމު ލިބެމުންދާ ބައެއް. އިސްލާމީ އުޞޫލުތައް އެކުދިންނަށް ދަނީ ދަސްވަމުން. އެހެންވީމާ، އެކުދިން މި މަސްއޫލިއްޔަތު އަދާކުރުމުގައި، ރާއިދުންގެ ބައި، ރުއްވާދުންގެ ބައި އެކުދިންނަށް ކުޅެވިދާނެ ކަމަށް އަޅުގަނޑަށް ފެނޭ. މަޢްހަދުން ތަޚައްރުޖުވުމަށްފަހުގައި ނުވަތަ މަޢުހަދުން ނިމިގެން ބޭރަށްގޮސް، ބޭރުން ތަޢުލީމު ޙާޞިލުކޮށްގެން އައުމަށްފަހުގައި ނަމަވެސް، މަޢްހަދުއްދިރާސާތިލް އިސްލާމިއްޔާއިން ނުކުންނަ ކުދިން، މަޢްހަދުއްދިރާސާތިލް އިސްލާމިއްޔާއިން ދިވެހި މުޖުތަމަޢަށް ނެރެދޭ ޖީލު އެއީ ޤައުމުގެ އިޞްލާޙުގައި އަދި ފިކުރީގޮތުންނާއި، އަޚްލާޤީ ގޮތުން ޤައުމު އިޞްލާޙު ކުރުމުގައި، ވަރަށް މަތިވެރި މަސްއޫލިއްޔަތެއް އަދާކުރެވިދާނެ ރުއްވާދުންތަކެއް ކަމުގައި އަޅުގަނޑު ދެކެން. އެހެންވީމާ، އެމަސްއޫލިއްޔަތަށް މަޢްހަދުގެ ހުރިހާ ކުދިން ތައްޔާރުވުން އެއީ އަޅުގަނޑުގެ ވަރަށް ޚާއްޞަ އެދުމެއް.

އާދެ، އަޅުގަނޑުގެ ވާހަކަކޮޅު މި ހިސާބުން ނިންމާލާނީ. އަޅުގަނޑު އެދެނީ اللهُ سُبْحَانَهُ وَتَعَالَى އަޅުގަނޑުމެން އެންމެންނަށް ހެޔޮގޮތުގައި ޢަމަލުކުރުމުގެ ތައުފީޤު ދެއްވުން. އަޅުގަނޑުމެންގެ ވިސްނުން އިޞްލާޙު ކުރެއްވުން. އަޅުގަނޑުމެންގެ އުޅުން އިސްލާޙު ކުރެއްވުން. އަޅުގަނޑުމެންގެ އަޚްލާޤު އިޞްލާޙު ކުރެއްވުން. އަޅުގަނޑުމެންގެ މަސްއޫލިއްޔަތުތައް އަޅުގަނޑުމެންނަށް ރަނގަޅަށް ފިލުއްވައިދެއްވައި، އެ މަސްއޫލިއްޔަތުތައް އެދެވޭގޮތެއްގައި އުފުލުމުގެ ހެޔޮ ތައުފީޤު އެކަލާނގެ ދެއްވުން. ރާއްޖޭގެ ތަޢުލީމަށް ތަނަވަސް މުސްތަޤްބަލެއް ދެއްކެވުން. އަދި ޚާއްޞަކޮށް، ރާއްޖޭގެ ދީނީ ތަޢުލީމަށް މިއަދަށްވުރެ ހުރިހާ ގޮތަކުންވެސް އުފާވެރި، ތަރައްޤީވެފައިވާ މުސްތަޤްބަލެއް، މާދަމާއެއް ދެއްކެވުން.

والسّلام عليكم ورحمـة اللّـه وبركاته.