بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـٰى أشرف المرسلين، سيّدنا محـمَّدٍ وَعلـٰى آلـه وَصَحْبِـهِ أجمـعـين.

އާދެ، ދެންމެ ތިޔަބޭފުޅުންގެ ކުރިފުޅުމަތީގައި ނިމިގެން އެދިޔައީ، މާލޭގެ 4 ވަނަ ޕްރައިމަރީ ސްކޫލްގެ ބިންގާއެޅުމުގެ ރަސްމިއްޔާތު. އާދެ، ދުވަހަކީ ޝައްކެއްނެތްގޮތުގައި، ވަރަށްވެސް އުފާވެރި ދުވަހެއް. ރާއްޖެއަށް ހެޔޮއެދޭ، ރާއްޖެ ތަރައްޤީވަމުންދިޔުމަށް އުންމީދުކުރާ ކޮންމެ ދިވެއްސަކުވެސް ވަރަށް އުފަލާއެކު ފާހަގަކުރާނެ ދުވަހެއް.

މިއަދު މި ބިންގާ އެޅުނު އިބްތިދާއީ މަދަރުސާއަކީ، މާލޭގައި ހުރުމަށް ހަމަޖެހިފައިވާ ހަތަރު އިބްތިދާއީ މަދަރުސާގެތެރެއިން އެންމެފަހު މަދަރުސާ. ރާއްޖޭގެ ތަޢުލީމީ ސިޔާސަތުގައި މިހާތަނަށް ބެލިފައިވާގޮތުގައި، މާލޭގައި އިބްތިދާއީ ފެންވަރުގެ 4 މަދަރުސާ ހުރުމުން، ކުރިއަށް އޮތް އަހަރުތަކަށް ފުދޭނެ. ދެންމެ މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ ވާހަކަފުޅުގައި، އެބަޔާން ކުރެއްވިފަދައިން، އަޅުގަނޑުމެންގެ ތިންވަނަ އިބްތިދާއީ މަދަރުސާ މިހާރު ޢިމާރާތް ކުރެވެމުން އެބަދޭ. މި މަދަރުސާ ނިމުމާއެކު، އަދި މިއަދު މި ބިންގާއެޅުނު މަދަރުސާ ނިމުމާއެކު، މާލޭގައި އިބްތިދާއީ ފެންވަރުގެ
4 މަދަރުސާ ހުންނާނެ.

އާދެ، އިބްތިދާއީ ތަޢުލީމަށް ސަރުކާރުން އިސްކަންދޭން ޖެހިފައިވާ ސަބަބަކީ، އަޅުގަނޑުމެންގެ ރާއްޖޭގައި ކަންތައްތައް ހުރި ފެންވަރުގެ ސަބަބުން، ކޮންމެ ކަމެއްވެސް ފަށައިގަންނަން ޖެހިފައިވަނީ، އޭގެ އެންމެ ފުރަތަމަ ހަރުފަތުން ކަމަށްވާކަން. ތަޢުލީމު ފަށައިގަންނަން ޖެހެނީވެސް އޭގެ އެންމެ ފުރަތަމަ ހަރުފަތުން. އަޅުގަނޑުމެންގެ ރާއްޖޭގައި މީގެކުރިން އެ ހަރުފަތްވެސް ޤާއިމުކުރެވިފައެއް ނެތް. އެހެންވީމާ، މިހާރު ރާއްޖޭގެ ތަޢުލީމީ ސިޔާސަތުގައި އެންމެ އިސްކަންދޭން ޖެހިފައި މިވަނީ އިބްތިދާއީ ތަޢުލީމު ފުޅާކުރުމުގެ މައްޗަށް. މުޅި ރާއްޖޭގައި އިބްތިދާއީ ތަޢުލީމު، އެޢުމުރުގެ ކުދިންނަށް ލިބޭނެ ފުރްޞަތު ހޯދައިދިނުމުގެ މައްޗަށް. ރާއްޖެތެރޭގައި މި މަޤްޞަދުގައި ތަފާތު ގިނަ މަދަރުސާތަކެއް، ސަރުކާރުގެ ފަރާތުން ޢިމާރާތްކޮށްގެން ހިންގަމުން އެބަގެންދޭ. އޭގެތެރެއިން އަތޮޅު މަދަރުސާތައް، އާދެ، 15 އަތޮޅެއްގައި ޢިމާރާތް ކުރެވިފައިވާ އަތޮޅު މަދަރުސާތައް އެއީ އަޅުގަނޑުމެންގެ މި މަދަރުސާއަށް އެހީވެދެއްވާ ފަރާތެއް. އާދެ، ޖަޕާނު ސަރުކާރުގެ އެހީ ލިބިގެން، ސަރުކާރުން ޢިމާރާތްކޮށްފައިވާ 15 މަދަރުސާ. އޭގެ އިތުރުން ހުރި ތަންތަން އާދެ، ތަޢުލީމީ މަރުކަޒުތައް އެއީވެސް އިބްތިދާއީ ތަޢުލީމު ފެތުރުމުގައި، ވަރަށް މުހިންމު ބައެއް އަދާކުރާ ތަންތަން. އެހުރިހާ ތަނަކާއެކުގައި، ރާއްޖެތެރޭގައި މި ވަގުތު ސަރުކާރުގެ ޚަރަދުގައި ހިނގާ އަދި ސަރުކާރުން ޢިމާރާތްކޮށްދީގެން ހިންގާ
40 މަދަރުސާ އެބަހުރި. ޝައްކެއްނެތް، މިއީ އޭގެ ޒާތުގައިވެސް އަޅުގަނޑުމެން އުފާކުރުން އެކަށީގެންވާ ކާމިޔާބީއެއް.

އާދެ، ރާއްޖޭގެ މީހުންގެ ނިސްބަތުގައިވެސް މުޅި ރާއްޖޭގެ އާބާދީގެ ހަތަރުބައިކުޅައެއްބައި ނުވަތަ އެއަށްވުރެވެސް ގިނަ ޢަދަދަކަށް މީހުން ދިރިއުޅޭ ރަށަކަށްވުމާއެކު، މާލޭގައި ގިނަ ޢަދަދަކަށް މަދަރުސާތައްވެސް ހުންނަންޖެހޭ. މިހާރު މާލޭގައި ހިނގަމުންދާ މަދަރުސާތަކުގެ ތެރެއިން ސަރުކާރުން ހިންގާ ތަންތާނގެ އިތުރަށް، އަވަށު މަދަރުސާތައްވެސް ހިނގަމުންދޭ. އަދި އެނޫންވެސް އަމިއްލަ މަދަރުސާތައް ހިނގަމުންދޭ.

ތަޢުލީމަކީ އަޅުގަނޑު ދަންނަވާނީ، ރާއްޖޭގައި ސަރުކާރާއި، އަމިއްލަ ޖަމާޢަތްތަކާއި ނުވަތަ ޢާންމު އަފްރާދުންނާ ވަރަށް ބޮޑަށް ގުޅިގެން ކުރިއަށްގެންދާ ކަމެކޭ. ޝައްކެއްނެތް، މީގެކުރީގެ ފަހަރުތަކުގައިވެސް އަޅުގަނޑު ތަކުރާރުކޮށް ދަންނަވާފައިވާނޭ ފަދައިން، ތަރައްޤީގެ އެއްވެސް މަސައްކަތަކީ ހަމައެކަނި ސަރުކާރުން ކުރެވެން އޮންނާނެ ކަމެއްނޫން. ސަރުކާރުން އެފަދަ މަސައްކަތްތައް ކުރިކަމުގައިވިޔަސް، އޭގެ އެންމެ އެދެވޭ ނަތީޖާ، އެންމެ ގިނަ މީހުންނަށް ފައިދާލިބެނިވި ގޮތުގައި ކުރަމުން ގެންދެވޭނީ، ސަރުކާރާއި ރައްޔިތުންނާ އެއްބާރުލައިގެން ކުރަމުންގެންދާ ކަމުގައިވަނީނަމަ.

އާދެ، އެހެންކަމުން އަޅުގަނޑު ވަރަށް އުފަލާއެކު މިއަދު މިފާހަގަކުރަނީ، ރާއްޖޭގައި އަމިއްލަ ފަރާތްތަކުން ތަޢުލީމު ކުރިއެރުވުމަށްޓަކައި ކުރައްވަމުން ގެންދަވާ އަގުހުރި މަސައްކަތްތައް. މާލޭގައިވެސް ވަރަށް ރަނގަޅު ފެންވަރެއްގައި ހިނގަމުންދާ އަމިއްލަ މަދަރުސާތަކެއް އެބަހުރި. އެމަދަރުސާތަކުގެ ނަން އަޅުގަނޑު ނުދެންނެވި ކަމުގައިވިޔަސް، ތިޔަ ހުރިހާ ބޭފުޅުންނަށް އެތަންތަން އެނގިވަޑައިގަންނަވާނެ. ވަރަށް އެކަށީގެންވާ ފެންވަރުގައި ވަރަށް ގިނަ ޢަދަދެއްގެ ކުދިންނަށް، އެ އަމިއްލަ މަދަރުސާތަކުން ތަޢުލީމުގެ ފައިދާ މިހާރު ލިބެމުން އެބަދޭ.

މިދެންނެވި މަދަރުސާތަކުގެ އިތުރަށް، ދާދިފަހުން އުފެދިގެން ހިނގަމުން އެދާ އަވަށު މަދަރުސާތަކުންވެސް ވަރަށް ބޮޑު ޚިދުމަތެއް، މާލޭގެ ތަޢުލީމަށް ކުރައްވަމުން އެބަ ގެންދަވާ. މާލޭގައޭ ދެންނެވިޔަސް، މާލޭގެ ތަޢުލީމަށޭ ދެންނެވިޔަސް، އޭގެވެސް އެއްބައި ރާއްޖެތެރެއަށް ރައްދުވާކަން ކަށަވަރު. އެއީ ރާއްޖެތެރޭގެ ވަރަށް ގިނަ ޢަދަދެއްގެ މީހުން މާލެއައިސް، އެމީހުންގެ ދަރިންނަށް، މާލޭގެ މަދަރުސާތަކުން ތަޢުލީމު ލިބިދެމުން އެބަގެންދޭ. އެއީ އެކަން މިވަގުތު ވާންވެސް އޮންނާނެގޮތް. ރާއްޖެތެރޭގައި އަޅުގަނޑު ކުރިން ދެންނެވި ޢަދަދަށް ސަރުކާރުން ހިންގާ އަދި ސަރުކާރުން ޢިމާރާތްކޮށްފައިވާ މަދަރުސާތައް ހުރިކަމުގައިވިޔަސް، އަދި އެއީއެއްނޫން. އެކަން އެހެން އޮތުމާއެކު، ތަޢުލީމަށް ބޭނުންވެފައިވާ ރާއްޖެތެރޭގެ މީހުންނާއި ކުދިން މާލެއައިސް، މާލޭގެ މަދަރުސާތަކުން ތަޢުލީމު ޙާޞިލު ކުރަމުންގެންދޭ. އެހެންވީމާ، މާލޭގައި އެޅޭ މަދަރުސާތަކުގެ ފައިދާ ލިބޭނީ ހަމައެކަނި މާލޭގެ ރައްޔިތުންނަކަށް ނޫން. ނުވަތަ މާލޭގައި ދިރިއުޅޭ މީހުންގެ ދަރިންނަކަށް ނޫން. އޭގެ އެއްބައި، އެފައިދާގެ އެއްބައި ރައްދުވާނީ ހަމަ ރާއްޖެތެރެއަށް.

އާދެ، ދެންމެ މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ފަދައިން، އަޅުގަނޑުމެންގެ އިބްތިދާއީ ތަޢުލީމު، އޭގެ ފުޅާމިނަށް ބަލާއިރު، މިހާރު ވަރަށް ހިތްހަމަޖެހޭފަދަވަރަކަށް ހިނގައްޖެ. އާދެ، އޭނާ އެވިދާޅުވީ އިބްތިދާއީ ތަޢުލީމު ރާއްޖޭގައި، އިބްތިދާއީ ތަޢުލީމު ޙާޞިލުކުރުމުގެ ޢުމުރުގެ ކުދިންގެ ސަތޭކައަކުން 86 ކުދިންނަށް މިހާރު ލިބުމުގެ ފުރްޞަތު ވަނީ ހޯދައިދެވިފައޭ. ޝައްކެއްނެތްގޮތުގައި، އެއީ ވަރަށް މަތީ ޢަދަދެއް. ވަރަށް އަގުހުރި ކާމިޔާބީއެއް. މިސަރަޙައްދުގެ އެހެން ޤައުމުތަކާ އަޅައިބަލާއިރުވެސް، އަޅުގަނޑު ދަންނަވާނީ، އަޅުގަނޑުމެންނަށް މިފެންވަރުގައި މިދެވޭ ތަޢުލީމަކީ ހަމަ އެކަށީގެންވާ ތަޢުލީމެކޭ. އެހެންނަމަވެސް، ތަރައްޤީގެ ކޮންމެ މަސައްކަތަކީ، އެ މަސައްކަތެއް ތަރައްޤީވަމުންދިޔަވަރަކުން އިތުރު މައްސަލަތަކެއް ނުކުންނާނެ ކަމެއް. އެންމެ ފުރަތަމަ ތަރައްޤީގެ އެއްވެސް ކަމެއް ނުކުރެވި އޮންނައިރު ދިމާވެފައި އޮންނާނީ، އެކަމެއް ނެތުމުން ކުރިމަތިލާންޖެހޭ ދަތިތައް، ބޮޑެތި މައްސަލަތައް. އެމައްސަލަތައް ޙައްލުކުރުމަށްޓަކައި އަޅުގަނޑުމެން އެއް ހަރުފަތަކަށް ވާޞިލުވުމުން، ދެން ފެންނާނީ ދެވަނަ ހަރުފަތް. ދެވަނަ ހަރުފަތާ ހަމައަށް ދެވުމުން ފެންނާނީ ތިންވަނަ ހަރުފަތް. ތިންވަނަ ހަރުފަތާ ހަމަޔަށް ދެވުމުން، ފެންނާނީ ހަތަރުވަނަ ހަރުފަތް.

އެހެންވީމާ، ކޮންމެ ހިސާބަކަށް ދެވުނަސް، މާޒީވެގެންދިޔަ މައްސަލަތައް ޙައްލުވިކަމުގައިވިޔަސް، އަޅުގަނޑުމެންނާ ކުރިމަތިލާންޖެހޭނެ، އާ މައްސަލަތަކަކާ. އެއީ އަޅުގަނޑުމެން އެއްގޮތަކަށްވެސް ޖެހިލުންވާންވީ ކަމެއްނޫން. އެކަމާ ކަންބޮޑުވާންވީ ކަމެއްވެސް ނޫން. އެއީ އެކަން އޮންނާނެގޮތް. ދުނިޔޭގެ ހުރިހާ ޤައުމެއްގައިވެސް ތަރައްޤީވަމުންދިޔުމުގެ ސަބަބުން ނުކުންނަ މައްސަލަތަކެއް ހުރޭ. އަދި ޢަމުދުން ތަރައްޤީވަމުންދާ ހަލުވިމިނަކީ، ވަރަށް ބާރު ހަލުވިމިނެއް ކަމުގައިވަންޏާ ނުކުންނާނެ މައްސަލަތައް ގިނަވާނެ. އަޅުގަނޑުމެންގެ ރާއްޖޭގައި މިދިމާވަނީ އެހެން.

އަޅުގަނޑުމެން ފަށައިގަތްއިރު ރާއްޖެ އޮތީ ވަރަށް ދަށު ދަރަޖައެއްގައި. ރާއްޖޭގެ އަސާސީ ޚިދުމަތްތައް، އެޚިދުމަތްތައް ތަރައްޤީ ކުރުމަށްޓަކައި، ނުވަތަ ރައްޔިތުންނަށް ފޯރުވައިދިނުމަށްޓަކައި އަޅުގަނޑުމެންނަށް ކަންތައް ގެންދަން ޖެހިފައި އޮތީ ވަރަށް ބާރު އަވަސްމިނެއްގައި. އެކަން އެހެންވުމުގެ ސަބަބުން އެއަށްވުރެ ތަންކޮޅެއް އޭގެ ބާރުމިން މަޑުކޮށްލައިގެން ކުރިއަށްދިޔަނަމަ ނުނިކުންނާނެ ކިތަންމެ މައްސަލަތަކެއް މިއަދުވަނީ ނުކުމެފައި. އެމައްސަލަތައް މިއަދު ވަނީ އަޅުގަނޑުމެން ޙައްލުކުރަން ޖެހިފައި. އެހެންނަމަވެސް، އެބާރުމިނުގައި އެޚިދްމަތްތަކުގެ ކަންތައްތައް ކުރިއަށް ނުގެންގޮސް ފަރުޖެހޭނެ އެއްވެސް ގޮތެއްވެސް ނެތް. އެއީ އަޅުގަނޑުމެންގެ ރާއްޖެ އޮތް ފެންވަރުން، ވަރަށް ބާރަށް މަސައްކަތްކޮށްގެން ނޫނީ ދުނިޔޭގެ އެންމެ ފަހަތުގައިވާ ޤައުމުތަކާ އެއްހަމަޔަށްވެސް އަޅުގަނޑުމެންނަށް ދެވޭކަށެއްވެސްނެތް. އޭރަކު ނޯންނާނެ.

އެހެންވީމާ، މިހާ ބާރުމިނެއްގައި ކަންތައް ގެންދަންޖެހެނީ. އެބާރުމިނުގައި ކަންތައް ގެންދިޔުމުގެ ސަބަބުން ތަފާތު ގިނަ މައްސަލަތައް މިހާރު އަޅުގަނޑުމެންނާ ކުރިމަތިވެފައި މިވަނީ. އެހެންވީމާ، އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ މީހުންނަށް ވާގޮތަކީ މާޒީވެގެންދިޔަބައި މުޅިން ހަނދާންނެތެނީ. މިހާރު ކުރިމަތިވެފައިވާ މައްސަލަތައް އެކަނި އެމީހުންގެ ހިތަށް ވަންނަނީ. އެހެންވީމާ، ހިތަށް ވަންނަނީ އަދިވެސް ހާދަ ކަންތައްތައް އޮތްލެއް ފުރިހަމަނޫނޭ. އެއްވެސް ކަމެއް ކުރެވިފައެއް ނެތޭ. އާދެ، އެއީ އަޅުގަނޑު އެއްގޮތަކަށްވެސް އެގޮތަށް ޚިޔާލުކުރާ މީހުން ކުށްވެރިކުރަނީއެއްނޫން. އެހެންވެސްވާނެ. އެހެން ނަމަވެސް، އަޅުގަނޑު މިދަންނަވަނީ އަޅުގަނޑުމެން ކަންކަމާ ދޭތެރޭގައި ވިސްނައި، އެއާ ބެހޭގޮތުން އެއްވެސް ކަނޑައެޅުމެއް ކަނޑައަޅާއިރު، މިދެންނެވީ ޚިޔާލުގެ ގޮތުން ނަމަވެސް، އަޅުގަނޑުމެން ވިސްނަންޖެހޭނެ، އަޅުގަނޑުމެން އޭރު ތިބި ހިސާބާއި، މިހާރު އަޅުގަނޑުމެންނަށް އާދެވިފައި މިތިބަ ހިސާބާއި، ކަޑައްތު ކުރެވިފައިވާ ރާސްތާގެ ދުރުމިން، ކުޑަކޮށްނަމަވެސް އަޅުގަނޑުމެން ބަލައިލަންޖެހޭނެ. އަދި ތަރައްޤީވަމުންދިޔުމުގެ ސަބަބުންކަން އަޅުގަނޑުމެންނާ މިހާރު މި މައްސަލަތައް ކުރިމަތިވެފައި މިވަނީ. އެއީވެސް އަޅުގަނޑުމެން ހަނދާންކުރަންޖެހޭނެ ކަމެއް.

އާދެ، ރާއްޖޭގައި އެއްވެސް މަދަރުސާއެއް ނެތްއިރަކު، މުދައްރިސެއް ނެތް ވާހަކައެއް، އެއްވެސް މީހަކު ބުނާކަށްނުޖެހޭނެ. އެއީ އޭރު އަޅުގަނޑުމެންގެ ކުރިމައްޗަށް އައިސްފައި އޮތް މައްސަލައެއް ނޫން. އެހެން ނަމަވެސް، މަދަރުސާއެއް ހެދުނީމާ، ދެން ނުކުންނާނެ، މުދައްރިސުންގެ މައްސަލަ. އަދި އެކަށީގެންވާ ޢަދަދަކަށް މުދައްރިސުން ތިބި ނަމަވެސް ނުކުންނާނެ މުދައްރިސުންގެ ފެންވަރުގެ މައްސަލަ. މިހެން ގޮސް، ކޮންމެ ހަރުފަތަކާ ހަމައަށް ދިޔުމުން، އޭގެ އެހިސާބުން ފެށިގެން ނުކުންނަ ވަރަށް ގިނަ މައްސަލަތަކެއް ހުންނާނެ. އެމައްސަލަތައްވެސް ޖެހޭނެ އަޅުގަނޑުމެން ޙައްލުކުރަން. އެކަމަކު އެއީކީ އަޅުގަނޑުމެން ކަންބޮޑުވާންވީ ސަބަބެއް ނޫނޭ، އަޅުގަނޑުމެން ނާއުންމީދުވާންވީ ކަމެއްނޫނޭ، އަޅުގަނޑު މިއަދު ދަންނަވާލަން ބޭނުންވަނީ. ކުރިން ވޭތުވެދިޔަތާނގައި އަޅުގަނޑުމެންނާ ދިމާވި، އެއަށްވުރެ ބޮޑެތި މައްސަލަތައް ޙައްލުކުރެވުނު ފަދައިން، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް މިހާރު ކުރިމަތިވެފައި މިވާ މައްސަލަތައްވެސް ޙައްލުކުރެވޭނެއޭ. އާދެ، އެއުންމީދުގައި، އެޢަޒުމުގައި ސަރުކާރުން އަދި ޢާންމު ރައްޔިތުން އަދި މައިންބަފައިން، ބެލެނިވެރިން، މިހުރިހާ ފަރާތްތަކެއް އެއްބާރުލައިގެން މަސައްކަތްކޮށްފި ކަމަށްވަންޏާ، އަޅުގަނޑުމެންނަށް ޙައްލުނުކުރެވޭނެ އެއްވެސް މައްސަލައެއް، ގެ ވާގިފުޅާއެކު ނޯންނާނެ.

އާދެ، ދެން އަޅުގަނޑު މިއަދު އެއްޗެއް ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެންނަށް މިދީލަތި އެހީ ދެއްވާ ފަރާތާ ބެހޭގޮތުން އާދެ، އެއީ ޖަޕާނުގެ ސަރުކާރު. މީގެ ކުރިން ތިޔަބޭފުޅުންނަށް މިތާނގައިވެސް އިވިވަޑައިގަންނަވާފައިވާނޭ ފަދައިން، އަދި މީގެކުރިންވެސް މަޢުލޫމާތު ލިބިވަޑައިގެންފައިވާނޭ ފަދައިން، ޖަޕާނަކީ ވަރަށް ދީލަތިގޮތެއްގައި ރާއްޖޭގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީއަށް އެހީތެރިވަމުން އަންނަ ޤައުމެއް. އަޅުގަނޑު ބަލައިލި ބަލައިލުމުގައި، އަޅުގަނޑަށް އެނގުނީ، އަޅުގަނޑުމެންގެ އެކުވެރި ޤައުމުތަކުގެ ތެރެއިން ހިލޭ އެހީ، އޭގެ މާނައަކީ ލޯނުގެ ގޮތުގައި ނޫން ގޮތެއްގައި އަޅުގަނޑުމެންނަށް ލިބޭ އެހީ، އެންމެ ގިނައިން ލިބޭ ޤައުމަކީ ހަމަ ޖަޕާނުކަން.

އާދެ، ތަޢުލީމީ ދާއިރާގައި މީގެކުރިން ރާއްޖެތެރޭގައި 15 މަދަރުސާ، ޖަޕާނުގެ ހިލޭ އެހީގައި ޢިމާރާތް ކުރެވިފައިވޭ. ހަމައެފަދައިން، އަޅުގަނޑުމެންގެ މުވާޞަލާތާބެހޭ ކަންތައްތައް ތަރައްޤީ ކުރުމުގައި ވަރަށް ބޮޑު މަޝްރޫޢެއްގެ ދަށުން ޖަޕާނު ސަރުކާރުން ތަފާތު އެހީތައް ވެދެއްވަމުން ގެންދަވާ. ޖަޕާނު ސަރުކާރުން ލިބޭ އެހީގެ އެކިއެކި ބޮޑެތި ކަންތައްތަކަށް ވިސްނާލާއިރު، ވަރަށް ގިނަ ކަންތައްތައް އެބަހުރި. ކުރިން މިދެންނެވި 15 އަތޮޅު މަދަރުސާގެ އިތުރަށް، ޓެލެކޮމިޔުނިކޭޝަންސާބެހޭ މަޝްރޫޢުގެ ހުރިހާ ކަމެއް ކޮށްދެއްވަމުން ގެންދަވަނީ ޖަޕާނު ސަރުކާރުން. އަދި ކޮންމެ އަހަރަކުވެސް ކޮންމެވެސްވަރަކަށް ކާބޯތަކެތީގެ އެހީ، ޖަޕާނު ސަރުކާރުން ދިވެހިރާއްޖެއަށް ދެއްވަމުން ގެންދަވާ. އަދި މިހާރު އަޅުގަނޑުމެންނަށް ކުރިމަތިވެފައިވާ އެންމެދަތި ނުވަތަ އެންމެ ނުރައްކާތެރި މައްސަލަ ކަމުގައިވާ ކަނޑުން ނުވަތަ ކަނޑުގެ ލޮނުގަނޑު ބޮޑުވުމުގެ ސަބަބުން، ނުވަތަ ރާޅު ބޮޑުވުމުގެ ސަބަބުން، ދިވެހިރާއްޖެއަށް ކުރިމަތިވާ ނުރައްކާ. އެނުރައްކާ ކޮންމެވެސްވަރަކަށް ކުޑަކުރެވޭތޯވެސް ސަރުކާރުން ކުރާ މަސައްކަތުގައި، ޖަޕާނުގެ ސަރުކާރުގެ ވަރަށް ބޮޑު އެހީއެއް މިހާރުވަނީ ލިބިފައި. އެއީ މާލޭގެ ދެކުނުފަރާތުގައި ތޮށިގަނޑުލުން.

އެހެންވީމާ މިކަހަލަ މުހިންމު ބޮޑެތި ކަންތައްތަކުގައި، ޖަޕާނު ސަރުކާރުން ރާއްޖެއަށް ވެދެއްވާ ދީލަތި އެހީ އަޅުގަނޑު ހިތުން އަޅުގަނޑުމެންގެ ތެރެއިން ހަމަ ކޮންމެ މީހަކުވެސް ޝުކުރުވެރިކަމާއެކު ފާހަގަކުރާނެ. އެގޮތުން މިހުރިހާ އެހީތައް އަޅުގަނޑުމެންނަށް ވެދެއްވަމުން ގެންދަވާ ކަމަށްޓަކައި ޖަޕާނުގެ ސަރުކާރަށާއި، ޖަޕާނުގެ ރައްޔިތުންނަށް ދިވެހި ސަރުކާރުގެ ނަމުގަޔާއި، ދިވެހިރައްޔިތުންގެ ނަމުގައި އަޅުގަނޑު ޝުކުރު ދަންނަވަން. އާދެ، މި ޝުކުރުގައި، ޖަޕާނުގެ ސަރުކާރުން އަޅުގަނޑުމެންނަށް ކަނޑައަޅުއްވާފައިވާ އެމްބެސެޑަރ ހިޒް އެކްސަލަންސީ ހަމަމޯޓޯވެސް އަޅުގަނޑު ޝާމިލުކުރަން. އެމަނިކުފާނަކީ ދިވެހިރާއްޖެއާއި ޖަޕާނާ ދޭތެރޭގައި އޮންނަ ގުޅުން، އެއްދުވަހުން އަނެއްދުވަހަށް ބަދަހިކުރެއްވުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެއްކަން ވަނީ ފާހަގަކުރެވިފައި. ހަމައެފަދައިން ޖަޕާން އެމްބަސީގެ އެހެން އިސްވެރިންނާއި މުވައްޒަފުން އަދި ރާއްޖޭގެ ތަރައްޤީގެ މަސައްކަތްތަކުގައި ބައިވެރިވާ ޖަޕާނުގެ ކުންފުނިތަކުގެ ވެރިންނަށާއި، އެކިއެކި ފަންނީ މީހުންނަށާއި މުވައްޒަފުންނަށްވެސް އަޅުގަނޑު މިއަދު ޝުކުރުވެރިވަން.

އާދެ، ކުރިންވެސް ދެންނެވިފަދައިން، މިއަދަކީ ރާއްޖެއަށް ހެޔޮއެދޭ އަދި ރާއްޖޭގެ ތަރައްޤީއަށް އުންމީދުކުރާ ކޮންމެ ދިވެއްސެއްގެ ހިތުގައިވެސް ވަރަށް އުފަލާއެކު ފާހަގަކުރެވިގެންދާނެ ދުވަހެއް. އެހެންވީމާ، މިއަދު މި ބިންގާ އެޅުނު މަދަރުސާގެ ފުރިހަމަ ފައިދާ، ދިވެހި ކިޔަވާކުދިންނަށް ލިބޭނެކަމުގެ ފުރިހަމަ އުންމީދުގައި، މާތްﷲގެ ވާގިފުޅާއެކު، ރާއްޖޭގެ ތަޢުލީމާބެހޭ ކަންތައްތަކާއި، ރާއްޖޭގެ ތަރައްޤީއާބެހޭ ކަންތައްތައް، އެންމެ އެކަށީގެންވާ ބާރުމިނެއްގައި، ޢާންމު ރައްޔިތުންގެ ފައިދާއަށްޓަކައި، އެކަންތައްތައް ކުރަންޖެހޭ އުޞޫލެއްގެމަތިން ކުރަމުން ގެންދިޔުމުގެ ހެޔޮ ތައުފީޤު ލެއްވުން އެދި ﷲގެ ޙަޟްރަތަށް އަޅުގަނޑު ދުޢާކުރަން.

އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން، ޖަޕާން ސަރުކާރުން ކަނޑައަޅުއްވާފައިވާ ސަފީރުގެ ވާހަކަފުޅުގައި އައި ނުކުތާއަކާ ދޭތެރޭގައި އެއްޗެއް ދަންނަވާލަން ޤަޞްދުކުރަން. އާދެ، އޭނާ އެ ވިދާޅުވީ "ކުދިންނަށް ތަޢުލީމު ދިނުމުގައި ތިން ކަމެއް ވަރަށް ބޮޑު ބައެއް ޙިއްޞާކުރާ ކަމަށް. އެއްކަމަކީ ކިޔަވާ ކުދިންގެ ޛިހްނީ ބާރުތައް، އާދެ، ވިސްނުމުގެ ބާރުތައް ތަރައްޤީކުރުން. އަނެއްކަމަކީ އެކުދިންގެ ޖިސްމާނީ ބާރުތައް، އެކުދިންގެ ހަށިތައް ތަރައްޤީ ކުރުން. ތިންވަނަ ކަމަކީ، އެކުދިންގެ އަޚްލާޤު ރަނގަޅު ކުރުން.

އާދެ، އަޅުގަނޑުމެންނަށް މަދަރުސާގެ ފަރާތުން ފުރަތަމަ ދެންނެވި ދެކަންތައް އެބަ ގެންދެވޭ. ފިލާވަޅުތައް ކުދިންނަށް އެބަ ލިބިދެވޭ. ކުދިންނަށް އެކުދިން އެކިޔަވާ މާއްދާތަކުގެ މަޢުލޫމާތުތައް އެބަދެވޭ. އެގޮތުން، އެކުދިންގެ ވިސްނުމާއި ސިކުނޑި ތަރައްޤީ ކުރުމަށް މަދަރުސާތަކުން ވަރަށް ބޮޑު ބާރެއް އެޅޭ. ހަމަ އެފަދައިން، އެކިއެކި ކުޅިވަރު ޕްރޮގްރާމްތައް މަދަރުސާތަކުގައި ހިންގާ. ޖިސްމާނީ ކަސްރަތުގެ ޕްރޮގްރާމްތައް އަދި އެނޫންވެސް ކުޅިވަރުތައް، މަދަރުސާގެ ފަރާތުން ރާވާ، ކުދިންނަށް އެގޮތުން އެކަންތައްތަކުގެ ފައިދާ ލިބިގެންދޭ. އޭރުން އެކުދިންގެ ޖިސްމާނީ ކަންތައްތައްވެސް އެއްދުވަހުން އަނެއްދުވަހަށް އެކުދިންގެ ޢުމުރާ ގުޅޭގޮތުން ތަރައްޤީވަމުން ދިޔުމަށް ފުރްޞަތު އޮންނަނީ ލިބިފައި.

ތިންވަނަކަމަކަށް، ނުވަތަ އޭނާގެ ވާހަކަފުޅުގައި އައީ ދެވަނަ ކަމަކަށް. ދެވަނަ ކަމަކަށް ވިދާޅުވީ ކުދިންގެ އަޚްލާޤީ ފެންވަރު ރަނގަޅު ކުރުން. ހަރުދަނާ އަޚްލާޤެއްގެ ކުދިބަޔަކަށް އެކުދިން ހެދުން. އާދެ، އެކަންތައް އަޅުގަނޑު ހިތުން އަޅުގަނޑުމެންނަށް އޮންނަނީ ތަންކޮޅެއް ބޮޑަށް ދޫކޮށްލެވިފައި. އެހެން މި ދެންނެވީ، އެކަށީގެންވާ ގޮތަކަށް އެބައި ތަރައްޤީވަމުންނުދާކަން އަޅުގަނޑުމެންނަށް ފާހަގަކުރެވެމުންދާތީ. ކިޔަވާކުދިންގެ އަޚްލާޤާއި، ކުދިންގައި ހުންނަންވީ ސިފަތައް، އެކުދިންގައި އަށަގެންނެވޭތޯ ކުރަމުން ގެންދާ މަސައްކަތްތައް، އަޅުގަނޑު ހިތުން އަޅުގަނޑުމެންނަށް ރަނގަޅަކަށް ކުރެވެމުންނެއް ނުގެންދެވޭ. ނަތީޖާއެއްގެ ގޮތުން، މިހާރު ކިޔަވަމުންދާ ކުދިންގެވެސް އަދި މުސްތަޤްބަލުގައި ރާއްޖޭގެ ކަންތައްތަކާ ޙަވާލުވެގެން ތިބޭނެ ޒުވާނުންގެވެސް އަޅުގަނޑު ދަންނަވާނީ، އެމީހުންގައި ހުންނަންވާ އަޚްލާޤެއް އަދިވެސް އެމީހުންގައި، ހިތާމައާއެކު ދަންނަވަންޖެހޭނީ، ފުރިހަމައަކަށް ނެތޭ.

އާދެ، މިނުކުތާއަށް އަޅުގަނޑު ހިތުން އަޅުގަނޑުމެން ވަރަށް ބޮޑަށް މިހާރު ސަމާލުކަންދޭންވެއްޖެ. ސަމާލުކަންދޭންވީ މިކަމަކީވެސް މިނިސްޓަރ އޮފް އެޑިޔުކޭޝަން އެވިދާޅުވި ފަދައިން، ވަރަށް ގިނަ ފަރާތްތަކެއްގެ އެއްބާރުލުން ލިބިގެންނޫނީ ރަނގަޅު ކުރެވޭނެ ކަމަކަށް ނުވާތީ. މިނިސްޓްރީ އެފް އެޑިޔުކޭޝަނުން މިކަމަށް ޚާއްޞަ އަހަންމިއްޔަތެއް ދެއްވަން ޖެހޭނެކަމަށް އަޅުގަނޑަށް ފެނޭ. އަދި މިނިސްޓްރީގެ ދަށުން ހިނގަމުންދާ ސްކޫލްތަކުގެ އިދާރާއިންނާއި، މުދައްރިސުންވެސް މިކަމަށް ވަރަށް ބޮޑު ސަމާލުކަމެއް ދެއްވަންޖެހޭނެ. ހަމަ އެހެންމެ، ކުރިން އަޅުގަނޑު ދެންނެވިފަދައިން، މާލޭގައިވެސް އަދި ރާއްޖެތެރޭގައިވެސް ވަރަށް ގިނަ އަމިއްލަ ފަރާތްތަކަކުން އިސްނަންގަވައިގެން މަދަރުސާތައް ޢިމާރާތް ކުރައްވައިގެން ނުވަތަ ޢިމާރާތް ނުކުރެއްވި ކަމުގައިވިޔަސް، މަދަރުސާތައް ހިންގަވަމުން އެބަ ގެންދަވާ. އެހުރިހާ ފަރާތްތަކުންވެސް މިނުކުތާއަށް ވަރަށް ބޮޑު އަހަންމިއްޔަތެއް މިއަދު ދެއްވަން ޖެހިއްޖެ. އަދި، މީގެ އިތުރުންވެސް، މައިންބަފައިންނާއި ކުދިންގެ ބެލެނިވެރިން މިކަމަށް ވަރަށްބޮޑު ސަމާލުކަމެއް ދޭންޖެހޭނެ ކަމަށް އަޅުގަނޑު ދެކެން. އެއީ ކުދިން ތަރުބިއްޔަތުކޮށް، އެކުދިންގެ އަޚްލާޤު ރަނގަޅުކޮށް، އެއީ ހަރުދަނާ ކުދިބަޔަކަށް ހެދޭނީ ހުރިހާ އެންމެންގެ އެއްބާރުލުން ލިބިގެން. އެއީ ހަމައެކަނި މަދަރުސާއަކުން ކުރެވޭނެ ކަމެއް ނޫން. ހަމައެކަނި މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ކުރެއްވޭނެ ކަމެއް ނޫން. އެކަމުގައި ބެލެނިވެރިންނާއި މައިންބަފައިންގެ އެހީއަކީ ވަރަށް ބޮޑަށް ބޭނުންވާ އެއްޗެއް.

އާދެ، މަދަރުސާގައި ކުދިން ހޭދަކުރާނީ، ކޮންމެ ދުވަހަކުވެސް ވަކި ވަގުތުތަކެއް. ހަތަރު ގަޑިއިރު، ފަސް ގަޑިއިރު ނުވަތަ ހަގަޑިއިރު. ދެން ހުރި ހުރިހާ ވަގުތެއް ކުދިން ހޭދަކުރާނީ، އެކުދިންގެ ގޭގައި. އެކުދިންގެ މައިންބަފައިންނާއި، ބެލެނިވެރިންގެ ބެލުމުގެ ދަށުގައި އެކުދިން ތިބޭނީ. އެހެންވީމާ، އެފަރާތުން، އެކުދިންގެ އަޚްލާޤަށް، އެކުދިން ތަރުބިއްޔަތު ވަމުންދާގޮތަށް، އެކުދިންގެ ވިސްނުމަށް އެކަށީގެންވާ ބަދަލުތަކެއް ގެނެވޭތޯ ނުބައްލަވާ ކަމުގައިވަނީނަމަ، މައިންބަފައިން ކުރާނެ، ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ.

އެހެންވީމާ، އަޅުގަނޑުގެ އެންމެ ބޮޑު އިލްތިމާސަކީ، މިކަމަށް މިއަދު އަޅުގަނޑުމެން ޚާއްޞަ ސަމާލުކަމެއް ދިނުން. ކުދިންގެ އަޚްލާޤު، އެކުދިން ރަނގަޅު ބިންގަލެއްގެ މަތީގައި ތަރުބިއްޔަތު ކުރެވޭތޯ ބެލުމުގެ މައްޗަށް، ހުރިހާ ފަރާތްތަކަކުން ވިސްނަވައި، އެއްބާރުލައްވަމުން ގެންދެވުން.

އާދެ، ދާދިފަހުން އަޅުގަނޑުމެންނާ ކުރިމަތިވި މައްސަލައިގައިވެސް، އަޅުގަނޑު ދަންނަވާނީ، އެ އެންމެ ބޮޑު ސަބަބަކަށް ދިމާވެފައި އޮތީ، ކުދިންގެ ހަރުދަނާ ކަމެއް ނެތްކަމޭ. އެކުދިންގައި ތެދުވެރިކަމަށް ލޯބިކުރުން، އެސިފަ އަށަގެންފައި ނެތްކަމޭ. އާދެ، އަޅުގަނޑު މިދެންނެވީ މި ޖޭ.އެސް.އީ. އިމްތިޙާނާ ބެހޭގޮތުން. އެ އިމްތިޙާނު ކަރުދާސްތައް ބަޔަކު މީހުން ޤަޞްދުގައި ރާވައިގެން، ހޯދައިގެން ކުދިންގެ އަތްމައްޗަށް ގެނެސްދިން ގެނެސްދިނުން. އަދި އޭގެ ވިޔަފާރިއެއްވެސް ހިނގިކަން. ހަމަ ގަނެގެން، ފައިސާދީގެން ކަރުދާސްތައް، އެއްބަޔަކު އަނެއްބަޔަކަށް ވިއްކާ އަދި ނުވިއްކި ކަމުގައިވިޔަސް، އެ ލިބިގަނެ، އޭގައި ހުރި މަޢުލޫމާތު އެނގިގެން މަދަރުސާއަށް ގޮސް، އިމްތިޙާނުގައި ބައިވެރިވާއިރު، އެކުއްޖާ އެ މަޢުލޫމާތުތައް، ޖަވާބު ކަރުދާހުގައި ލިޔަނީ. އޭނާއަށް އެނގޭ، މި ތިމަންނާ މިހަދަނީ މަކަރުކަން. އެހެން ނަމަވެސް، އެއީކީ އެއްގޮތަކަށްވެސް އެކުދިން ޖެހިލުންވާ ކަމަކަށްނުވި. ވަރަށް ޅަޢުމުރުގެ ކުދިން، އެކުދިންގެ ބެލެނިވެރިންގެ ތެރެއިންވެސް، ބައެއް މީހުންނަށް އެކަން އެނގި، އެކަން އޮތީ ސިއްރުކޮށްފައި. ނުވަތަ ސިއްރު ނުކުރިކަމުގައިވިޔަސް، އެކަމާ އެމީހުން އޮތީ އަޅައިނުލައި.

އަޅުގަނޑު ދަންނަވާނީ މިއީ ނުރައްކާތެރި ކަމެކޭ. ބެލެނިވެރިންނަށް އެކަހަލަ ކަމެއް އެނގިގެން، އެކަން އަންގަންވީ ފަރާތްތަކަށް ނާންގައި ނުވަތަ އަދި ނޭންގިކަމުގައިވިޔަސް، ކުދިން އެކަން ކުރުން މަނާނުކުރައްވައި ތިއްބެވި ތިއްބެވުން އެއީ އެ ބެލެނިވެރިން އެކުދިންގެ ހަލާކަށް މަގުފަހިކޮށްދެއްވިއްޔޭ އަޅުގަނޑު ދަންނަވާނީ. އެކުދިންނަށް ވަރަށް ނުބައި ފިލާވަޅެއް ދަސްކޮށްދެއްވިއްޔޭ. އެކަހަލަ ކަންތައް އެހެން ހުންނަ ކަމަށްވަންޏާ، ސަރުކާރުން ކިތަންމެ މަސައްކަތެއް ކުރިކަމުގައިވިޔަސް، އެއިން ކުރާނެ އެއްވެސް ފައިދާއެއް ނޯންނާނެ.

އާދެ، ވަރަށް ހިތާމައާއެކު، އަޅުގަނޑު މިވާހަކަ މިދަންނަވަނީ. އެހެން ނަމަވެސް، މިކަމަކީ ރާއްޖޭގެ ހުރިހާ ރައްޔިތުން، އެންމެން ވަރަށް ބޮޑަށް މިކަން އިޞްލާޙު ކުރެވޭތޯ މަސައްކަތް ކުރަންވެއްޖެ ކަމެއް ކަމަށް އަޅުގަނޑަށް ފެންނާތީ، އަޅުގަނޑު މިވާހަކަ މިދެންނެވީ. ކުރީ ފަހަރުގެ ތަޤްރީރުގައިވެސް، އަޅުގަނޑުމެންގެ ތެރެއިން ތެދުވެރިކަން ނެތިގެންދާތީ، އެވާހަކަ އަޅުގަނޑު ވާނީ ދަންނަވާފައި. އަދި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާއި، އަމިއްލަ ފަރާތްތަކުން އެކަމާމެދު ވިސްނަވައި، މީހުންގެ ތެދުވެރިކަން އަނބުރާ އެމީހުންނަށް ގެނެސްދެއްވުމަށްޓަކައި ކުރައްވަންޖެހޭ މަސައްކަތްތައް ކުރެއްވުމަށް އަޅުގަނޑުވާނީ އިލްތިމާސްކޮށްފައި. އަޅުގަނޑު ހިތުން ވަރަށްގިނަ ފަރާތްތަކެއް، އެމަސައްކަތް ކުރެއްވަމުން ގެންދަވާވެސްމެ. އެހެންނަމަވެސް، އަދިވެސް އެކަށީގެންވާ ދަރަޖައަކަށް އެކަން ކުރެއްވުނެކޭ ދެންނެވޭކަށް ނެތް. އެއީ އަޅުގަނޑުމެންގެ ކުރިމަތިން ފެންނަމުންދާ މަންޒަރުތައް މަދުވަމުން ނުދާތީ. ކުދިން ތަރުބިއްޔަތު ކުރުމުގައި، ކުދިންނަށް ތަޢުލީމު ދިނުމުގައި، އަޅުގަނޑު ހިތުން އެންމެ އިސްކަންދޭންޖެހެނީ މިނުކުތާއަށް. އެކުދިންގެ އަޚްލާޤު ރަނގަޅުވޭތޯ ބެލުމަށް. އެކުދިންގައި ތެދުވެރިކަމުގެ މާތް ސިފަ އަށަގެންނެވޭތޯ ބެލުމަށް. އަދި ތިމާގެ ޒާތީ ފައިދާ ހޯދައިގަތުމަށް އަބަދު މަސައްކަތް ކުރުމުން ދުރުހެލިވުމަށް.

އަޅުގަނޑުމެންގެ މުޖުތަމަޢުގައި އެންމެ ބޮޑަށް އަށަގެންފައިވާ އެއްބަޔަކީ މިދެންނެވީ. ކޮންމެ މީހަކުވެސް މަސައްކަތްކުރާހިތްވަނީ ނުވަތަ މަސައްކަތް ކުރަނީ، ތިމާގެ އަމިއްލަ ފައިދާއަށް. މިހެން ދަންނަވާއިރު އަޅުގަނޑަށް އެނގޭ، އެހެންނޫން ކިތަންމެ ބޭފުޅުންނެއް ތިއްބަވާނެކަން. ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ވަރަށް ގިނަ ބަޔަކީ، ތެދުވެރި، އަމާނާތްތެރި ބައެއްކަން އަޅުގަނޑު ޤަބޫލުކުރަން. އެކަމާ އުފާވެސްކުރަން. އެހެން ނަމަވެސް، އެނޫން ވަރަށް ގިނަ މީހުންވެސް ފެނޭ، މީހުންގެ އަމަލުތަކުން. އެހެންވީމާ، އެކަންކަން އިޞްލާޙު ކުރަން އަޅުގަނޑުމެން މަސައްކަތް ކުރަން ވެއްޖެ ކަމަށް އަދިވެސް އެއްފަހަރު ދަންނަވާލުމަށް މިފުރްޞަތުގައި އަޅުގަނޑު ބޭނުންކުރަން.

އާދެ، އަޅުގަނޑު ބޭނުންކުރި ޢިބާރާތްތަކުގައި ވަރަށް ޞަރީޙަ ލަފްޡުތަކެއް ހުރި ކަމަށްޓަކައި މާފަށްވެސް އެދެން. ޤައުމުގެ އިސް ވެރިއެއްގެ ގޮތުގައި ހުންނަ މީހަކު، ޤައުމާ މުޚާޠަބުކޮށް ދައްކާ ވާހަކައެއްގައި، އެމީހަކަށް ފެންނަ ގޮތުގައި، ޢައިބުތައް ހުރިގޮތަށް ނުބުނެ، ފޮރުވައިގެން އެމީހަކަށް އެ ޤައުމަކަށް ޚިދްމަތް ކޮށްދެވުނީ ކަމަކަށް ނުވާނެ. އެހެންވީމާ، އެ މަޤްޞަދުގައި އަޅުގަނޑު މިވާހަކަ މި ދެންނެވީ. އަޅުގަނޑު އުންމީދު ކުރަނީ އަޅުގަނޑު މިދެންނެވި ނުކުތާއަށް، ކަމާބެހޭ ހުރިހާ ފަރާތްތަކަކުން އެކަށީގެންވާ ސަމާލުކަމެއް ދެއްވާނެ ކަމަށް އަދި އަޅުގަނޑުމެންގެ ތެރޭގައި ހުންނަ އެކަހަލަ އަޚްލާޤީ އުނި ސިފަތަކާއި ޢައިބުތައް ނައްތައިލެއްވޭތޯ ހުރިހާ ފަރާތްތަކަކުންވެސް އެކަށީގެންވާ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް.

އާދެ، އަޅުގަނޑުގެ ދުޢާއަކީ، اللهُ سُبْحَانَهُ وَتَعَالَى އަޅުގަނޑުމެން އެންމެންނަށް މާތްވެގެންވާ އިސްލާމްދީނުގެ މަތިވެރި ހިދާޔަތުގައި ފައިތިލަ ސާބިތުކުރުމުގެ ހެޔޮ ތައުފީޤު ދެއްވުން. އަދި އެކަލާނގެ އައްސަވާވޮޑިގެންވާ މަގުގައި ފައިތިލަ ސާބިތުކުރުމާއެކު، ޤައުމުގެ ތަރައްޤީއަށްޓަކައި ސަރުކާރުންނާއި ރައްޔިތުން އެއްބާރުލައިގެން، އެކުވެރިވެގެން ކުރަމުން މިގެންދާ މަސައްކަތްތަކުގައި އެކަލާނގެ ބަރަކާތް ލެއްވުން.

والسّلام عليكم ورحمـة اللّـه وبركاته.