بســم اللّـه الرّحمـن الرّحيــم

ދެންމެ ދިވެހިރާއްޖޭގެ އޮލިމްޕިކް ކޮމިޓީގެ ޗެއަރމަން އަލްފާޟިލް މުޙަންމަދު ޒާހިރު ނަޞީރު އެވިދާޅުވިފަދައިން، މިއަދުގެ މި ބައްދަލުކޮށްލުމަކީ ރާއްޖެއިން އެންމެ ފުރަތަމަފަހަރަށް އޮލިމްޕިކް ކުޅިވަރުތަކުގައި ބައިވެރިވާންދާ ޓީމާއި އަދި އެ ޓީމާއެކު ވަޑައިގަންނަވާ އޮފިޝަލުންނާ އަޅުގަނޑު ބައްދަލުކޮށްލާ ބައްދަލުކޮށްލުމެއް.

އާދެ، އަޅުގަނޑު ދަންނަވާނީ، ރާއްޖޭގެ ފުރަތަމަ އޮލިމްޕިކް ޓީމުގެ ކުޅުންތެރިން އަދި އެ ކުޅުންތެރިންނާއެކު ވަޑައިގަންނަވާ ވެރިން، އެ ފަށްޓަވަނީ ވަރަށް ތާރީޚީ ދަތުރެކޭ. އާދެ، މިއީ ދިވެހިރާއްޖެއިން އޮލިމްޕިކް ކުޅިވަރުތަކުގައި ބައިވެރިވާ އެންމެ ފުރަތަމަފަހަރު. އެހެންވީމާ، މި ދަތުރަކީ ވަރަށް މުހިންމު، ވަރަށް ތާރީޚީ ދަތުރެއް. މިއަދު އަޅުގަނޑުގެ ހުރިހާވެސް ހެޔޮއެދުމެއް ވަނީ ރާއްޖޭގެ އޮލިމްޕިކް ޓީމުގެ ކުޅުންތެރިންނާ އެކުގައި. ހަމައެކަނި އަޅުގަނޑުގެ ހެޔޮއެދުންތަކެއް ނޫން. އަޅުގަނޑު ދަންނަވާނީ، މުޅި ދިވެހި ޤައުމުގެ ހުރިހާ ހެޔޮއެދުމެއްވެސް ވަނީ ތިޔަ ކުޅުންތެރިންނާ އެކުގައޭ. އާދެ، އަޅުގަނޑުމެން އެދެނީ، ރާއްޖެއަށް ތިޔަ ކުޅުންތެރިންގެ ފަރާތުން ރީތި ނަމެއް ލިބުން.

އަޅުގަނޑުވެސް ޤަބޫލުކުރަން، އެއްވެސް ކަމެއްގައި ފުރަތަމަ އަޅުގަނޑުމެން ބައިވެރިވާ ފަހަރު، އަޅުގަނޑުމެން އެދޭ އެންމެ މަތީ ކާމިޔާބީއެއް ނުހޯދޭނެ. އެހެންނަމަވެސް، މަޤްޞަދަކީ އެއީއެއްނޫން. މަޤްޞަދަކީ އެކަށީގެންވާ ގޮތެއްގައި ތިޔަކުދިން ދިވެހިރާއްޖެ ތަމްސީލުކޮށްދިނުން. ތިޔަކުދިންގެ އުޅުމާއި ހުރިހާ ކަމެއްވެސް ރާއްޖެއަށް ރީތިނަމެއް ލިބޭފަދަ ގޮތަކަށް ބެހެއްޓުން. އަދި ކުޅިވަރުގެ ދާއިރާގައި ތިޔަކުދިން ކުޅިވަރުގެ ރޫޙާ އެއްގޮތްވާ ގޮތުގެމަތިން ހިތްވަރުކުރުން. ޝައްކެއްނެތް، ރާއްޖެއަކީ ހުރިހާ ރޮނގަކުންވެސް ކުރިއަރަމުން އަންނަ ޒުވާން ޤައުމެއް. އެހެންވީމާ، މި ކުރިއަރަމުން އަންނަ ޒުވާން ދިވެހިރާއްޖެއަށް ތިޔަކުދިންގެ ފަރާތުން ޝަރަފެއް، ފަޚްރެއް ލިބުމަކީ ހަމަ ޔަޤީނުންވެސް ދިވެހިރާއްޖޭގެ އެންމެންވެސް އެދިއެދި ތިބޭނެކަމެއް.

އާދެ، ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން، އޮލިމްޕިކް ކުޅިވަރުތަކަކީ ނުވަތަ އޮލިމްޕިކް މުބާރާތަކީ ބައިނަލްއަޤްވާމީ ގޮތުން ބޭއްވި އެންމެ މުހިންމު މުބާރާތް. އޭގެ ތާރީޚަށް ބަލައިލިކަމުގައިވިޔަސް، އެހާކުރިއްސުރެ ދުނިޔޭގައި ބޭއްވެމުން އައިސްފައިވާ ކުޅިވަރުގެ އެއްވެސް މުބާރާތެއް ނެތް. އާދެ، އޮލިމްޕިކް މުބާރާތް ނުވަތަ އޮލިމްޕިކް ކުޅިވަރުތައް ނިސްބަތްވެފައި އެވާ ތަނަށް ބަލައިލި ކަމުގައިވިޔަސް، މިދެންނެވީ ޙަޤީޤަތެއްކަން އެނގޭނެ. އާދެ، މި ކުޅިވަރުތައް ނިސްބަތް ވެގެންވަނީ އޮލިމްޕިއާ ނަމަކަށް ކިޔާ ޔޫނާނުގެ ރަށަކަށް. ޤަދީމީ ޔޫނާނުގެ ރަށަކަށް. އެންމެ ފުރަތަމަ އެ ކުޅިވަރުތައް ފެށުނު ކަމަށް އަޅުގަނޑަށް ފެނުނު ލިޔުންތަކުގައި ހުންނަނީ ޢީސާގެފާނު ދުނިޔެއަށް ވަޑައިގަތުމުގެ 776 އަހަރު ކުރިން ކަމުގައި. އެންމެ ފުރަތަމަ އޮލިމްޕިކް ކުޅިވަރެއް ޔޫނާނުގައި ބޭއްވުނީ. އޭގެފަހުން ދޭތެރެ ދޭތެރެއިން ހަމަ އެތާނގައި އެކުޅިވަރުތައް އައީ ބޭއްވެމުން. އެންމެ ކުރީކޮޅުގައި، އެންމެ ދުވަހެއްގެ ކަމަކަށް އޭރު އޮތީވެފައި.

އެހެންނަމަވެސް، ފަހުން ތަފާތު ކުޅިވަރުތައް އިތުރުވެ، ގިނަ ދުވަސްތަކެއް ވަންދެން، އެކުޅިވަރުތަކުގައި ބައިވެރިވާ މީހުން އެތަނަށް ގޮސް ކުޅިވަރު ކުޅެހަދާ. އަދި އެޒަމާނުގައިވެސް މިކުޅިވަރުތަކުގައި މަތީ ވަނަތައް ހޯދާ މީހުން، އެމީހުން ބަލަމުން ގެންދިޔައީ، ޔޫނާނުގެ މީހުން ބަލަމުން ގެންދިޔައީ، އެތާނގެ ޤައުމީ އަބްޠާލުން ކަމުގައި. އެމީހުންނަށް ތާރީފްކޮށް، އެކިއެކި ޝާޢިރުން ޅެންތައް ހަދާފައި ހުރޭ. އަދި އެތަންތާނގެ މިއުޒީޝަނުންނާއި، ލަވަކިޔާ މީހުން، އެ ޅެންތައް ކިޔާފައިވޭ. އަދި އެނޫން ގޮތްގޮތުންވެސް އެކުޅިވަރުތަކުގައި ކާމިޔާބު ހޯދާ މީހުންގެ ފަޚުރާއި ޝަރަފް، ދެމިހުންނަ ގޮތަކަށް އެޒަމާނުގެ މީހުން ކުރަމުން އައިސްފައިވަނީ. ވަރަށް ދިގު މުއްދަތެއް ވަންދެން އޮލިމްޕިކް ކުޅިވަރުތައް އެގޮތަށް ހިނގަމުންއައި.

އާދެ، އެއްހާސް އަހަރަށްވުރެ ގިނަ ދުވަސްވަންދެން އެގޮތަށް މެދުނުކެނޑި ޔޫނާނުގައި، މިދެންނެވި ރަށުގައި މިކުޅިވަރުތައް ބޭއްވެމުން އައިސްފައިވަނިކޮށް، ޢީސާގެފާނު ދުނިޔެއަށް ވަޑައިގެން ފަހުން، މީލާދީން 393 ވަނަ އަހަރު ކަމަށް އަޅުގަނޑު ހަނދާންވަނީ. އެއަހަރު އެކުޅިވަރުތައް ހުއްޓުނީ. އެއީ ޔޫނާނުގެ މިނިވަންކަން ގެއްލުމާ ގުޅިގެން. އޭގެފަހުން މިދިޔަ ޤަރުނުގައި މި ކުޅިވަރުތައް އަލުން ފެށިގެން މިއައީ. އެއީ 1896 ވަނަ އަހަރު ދެން ބޭއްވުނީ. ފަރަންސޭސިވިލާތުގެ ވަރަށް މަޝްހޫރު ޢިލްމުވެރިއެއް، އަދި ތަޢުލީމު ޙާޞިލުކޮށްދިނުމުގައި އުޅުނު ވަރަށް ބޮޑު މާހިރެއް، އޭނާގެ މަސައްކަތުން ދެވަނަފަހަރަށް އޮލިމްޕިކް ކުޅިވަރުތައް ދިރިގެން މިއައީ 1896 ވަނަ އަހަރު. އޭގެފަހުން ކޮންމެ ހަތަރު އަހަރަކުން އެއްފަހަރު، ދުނިޔޭގެ ކޮންމެވެސް ޤައުމެއްގައި މި ކުޅިވަރުތައް ބޭއްވެމުން މިއަންނަނީ. ހަމައެކަނި ފުރަތަމަ ބޮޑު ހަނގުރާމައިގެތެރޭގަޔާއި، ދެވަނަ ބޮޑު ހަނގުރާމައިގެތެރޭގައި ކޮންމެވެސްވަރަކަށް މުބާރާތް ނުބޭއްވި ދިޔުމަށްފަހުގައި، ޤަވާޢިދުކޮށް، ހަމަ އޭރުން ފެށިގެން ބޭއްވެމުން މިއަންނަނީ. މިހާރު ދިވެހިރާއްޖެ މިބައިވެރިވާ އޮލިމްޕިކް މުބާރާތަކީ އެގޮތުން ބޭއްވޭ 24 ވަނަ މުބާރާތް. މި މުބާރާތް މި އޮންނަނީ ދެކުނު ކޮރެއާގެ ވެރިކަން ކުރާ ރަށް ކަމުގައިވާ ސޯލްގައި.

އާދެ، ރާއްޖޭގެ ފަރާތުން މި އޮލިމްޕިކް މުބާރާތުގައި ބައިވެރިވުމަށް ނިންމީ، މީގެ ހަތަރު އަހަރު ކުރިން، 1984 ވަނަ އަހަރު. އެ ނިންމި ނިންމުން، ކަންދިމާވިގޮތުން ހަމަ އެ އަހަރު އަޅުގަނޑު ދެކުނު ކޮރެއާއަށް ކުރި ދަތުރުގައި، އެތާނގެ ރައީސް، އޭރު ހުންނެވި ރައީސް ޗުންޑޫ ހުވާންގެ އަރިހުގައި ދެންނެވުމުގެ އުފާވެސް އަޅުގަނޑަށް ލިބުނު. އެކަމަށް ދެކުނު ކޮރެއާގެ ސަރުކާރުން ވަރަށް ބޮޑަށް އުފާކުރައްވާ ކަމަށް އޭނާ ވިދާޅުވި. އޭގެފަހުން، 1985 ވަނަ އަހަރު ރާއްޖެއަށް ޒިޔާރަތް ކުރެއްވި ޢިއްޒަތްތެރިއެއް. ތިޔަބޭފުޅުންވެސް ހަނދުމަފުޅު ހުންނާނެ، ބައިނަލްއަޤްވާމީ އޮލިމްޕިކް ކޮމިޓީގެ ރައީސް ހުވާން އެންޓޯނިޔޯ ސަމަރަންޗް. އޭނާ 1985 ވަނަ އަހަރު އޯގަސްޓް މަހުގެ ހަމަ މިކަހަލަ މަހެއްގެ 29 ވަނަ ދުވަހު އަޅުގަނޑާ ބައްދަލުކުރެއްވި. އެ ބައްދަލުކުރެއްވުމުގައިވެސް މި ވާހަކަ އަޅުގަނޑު ދެންނެވުމުން، ވަރަށް ބޮޑަށް އޭނާ އުފާކުރައްވާ ކަމަށް ވިދާޅުވި.

ޝައްކެއްނެތް، އޮލިމްޕިކް ކުޅިވަރުތަކަކީ ވަރަށް މުހިންމު ކުޅިވަރުތަކެއް އަދި އެ ބޭއްވެނީ ވަރަށް މާތް މަޤްޞަދެއްގައި. އެއީ ދުނިޔޭގެ ޤައުމުތަކުގެ މެދުގައި އަދި ޚާއްޞަކޮށް، ޒުވާނުންގެ މެދުގައި އެކުވެރިކަމާއި ރަޙްމަތްތެރިކަން ބަދަހިކުރުން. ބައިނަލްއަޤްވާމީ ފެންވަރުގައި، ދޭދޭ ޤައުމުތަކުގެ މެދުގައި އޮންނަ ގުޅުން އެއީ ޞުލްޙަވެރި، އޮމާން އަދި އަމާން ގުޅުމެއް ކަމުގައި ހެދުމަށްޓަކައި މަސައްކަތް ކުރުން. އެހެންވީމާ، މިކުޅިވަރުތައް ބޭއްވެނީ ވަރަށް މާތް މަޤްޞަދެއްގައި. ދުނިޔޭގެ ހުރިހާ ޤައުމަކުންވެސް އެކަން ދެކެނީ އެގޮތުގައި.

އާދެ، އަޅުގަނޑުމެންގެ އޮލިމްޕިކް ޓީމެއް ތައްޔާރުކުރެވުނީ ވަރަށް ގިނަ ފަރާތްތަކެއްގެ އެހީއާއި އެއްބާރުލުން ލިބިގެން. އެފަރާތްތަކަށް ޝުކުރު ދެންނެވުމަކީ، މިއަދު އަޅުގަނޑުގެ އުފަލެއް ކަމުގައި ދެކެން. އެންމެ ފުރަތަމަ، ރާއްޖޭގެ ކުޅިވަރުތައް ބެލެހެއްޓުމާބެހޭ ވަޒީރު އާދެ، މިނިސްޓަރ އޮފް ހޯމް އެފެއާޒް އެންޑް ސޯޝަލް ސަރވިސަސް އަލްފާޟިލް ޢުމަރު ޒާހިރަށް އަޅުގަނޑު ޝުކުރު ދަންނަވަން. މި ޓީމު ތައްޔާރުކުރުމުގައި އަދި އެއާބެހޭ ހުރިހާ ކަމެއް ހިންގުމުގައި، އެ މަނިކުފާނުގެ މަސައްކަތްޕުޅު ވަރަށް ބޮޑަށް ފާހަގަވެގެންދޭ. އޭގެފަހުގައި އަޅުގަނޑު ޝުކުރު ދަންނަވަން ޖެހެނީ، ރާއްޖޭގެ އޮލިމްޕިކް ކޮމިޓީގެ ޗެއަރމަން އަލްފާޟިލް މުޙަންމަދު ޒާހިރު ނަޞީރަށް. އޭނާއަކީ ރާއްޖޭގެ ކުޅިވަރުތައް ތަރައްޤީ ކުރެއްވުމަށް ވަރަށް ގިނަ ދުވަސްތަކެއްވަންދެން، ވަރަށް ޚާއްޞަ ބުރަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ބޭފުޅެއް. އަދި އެކަން ސަރުކާރުން ފާހަގަކޮށް، ދައުލަތުގެ އިނާމެއްވެސް އެރުވިފައިވާ ބޭފުޅެއް.

އެހެންވީމާ، އެ ޙައިޘިއްޔަތުން، އާދެ، އަލްފާޟިލް މުޙަންމަދު ޒާހިރު ނަޞީރު، ރާއްޖޭގެ އެހެނިހެން ކުޅިވަރުތައްވެސް ތަރައްޤީ ކުރެއްވުމަށް މަސައްކަތް ކުރައްވާ ފަދައިން، ރާއްޖެއިން އޮލިމްޕިކް ކުޅިވަރުތަކުގައި ބައިވެރިވާން ނިންމުމާއެކުގައި، ޓީމު ތައްޔާރުކުރެއްވުމާއި އަދި ޓީމާބެހޭ ހުރިހާ އިންތިޒާމުތަކެއް ހަމަޖެއްސެވުމާއި، ޓީމުގެ ކުދިންނަށް ޕްރެކްޓިސް ދެއްވުމާއި، މިހުރިހާ ކަމެއްގައި ވަރަށް ބޮޑު ބައެއް ވަނީ ކުޅުއްވާފައި. އެހެންވީމާ، ޒާހިރު ނަޞީރަށްވެސް ވަރަށް އިޚްލާޞްތެރިކަމާއެކު މިއަދު އަޅުގަނޑު ޝުކުރު ދަންނަވަން. އާދެ، ހަމައެއާއެކު، އޮލިމްޕިކް ކޮމިޓީގެ އެހެން މެމްބަރުންނަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން. އަދި ޚާއްޞަކޮށް، މިފަހަރު އަޅުގަނޑުމެން މިބައިވެރިވަނީ ހަމައެކަނި އެތްލެޓިކްސް ކަންތައްތަކުގައި ކަމަށްވާތީ، ރާއްޖޭގެ އެތްލެޓިކްސް އެސޯސިއޭޝަންގެ ވެރިންނަށާއި ހިންގުންތެރިންނަށްވެސް މި މުނާސަބަތުގައި އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ، އަޅުގަނޑު ހަނދާނެއްނުނެތޭ، މިޓީމު ތައްޔާރުކޮށް، ޓީމަށް ފަރިތަކޮށްދެއްވުމުގައި އަޅުގަނޑުމެންގެ ކޯޗު ކޮށްދެއްވި ބުރަ މަސައްކަތްތައް. އެހެންވީމާ، އޭނާއަކީ ޖަޕާނު ސަރުކާރުގެ އެހީގައި އަޅުގަނޑުމެންނަށް، އަޅުގަނޑުމެންގެ ޓީމުގައި ހިމެނޭ ކުދިންނަށް ފަރިތަކޮށްދެއްވުމަށް ދުރުވެ ހުންނެވި ބޭކަލަކަށްވެފައި، މިކަމުގައި އޭނާ އުޅުއްވި ބުރަކަމާއި އަދި ކޮށްދެއްވި އިޚްލާޞްތެރި މަސައްކަތްތައް ސަރުކާރުން ފާހަގަކުރާ ބޭކަލެއް. އެހެންވީމާ، އޭނާއަށް ވަރަށް ޚާއްޞަ ޝުކުރެއް ރައްދުކުރުމަކީ، އަޅުގަނޑުގެ ވަރަށް ބޮޑު އުފަލެއް ކަމުގައި ދެކެން.

އާދެ، އަޅުގަނޑަށް މި މުނާސަބަތުގައި ދަންނަވާނުލެވުނު ކަމުގައިވިޔަސް، އެނޫންވެސް ވަރަށް ގިނަ ފަރާތްތަކެއްގެ އެހީއާއި އެއްބާރުލުން ވަނީ އަޅުގަނޑުމެންގެ އެންމެ ފުރަތަމަ އޮލިމްޕިކް ޓީމު ތައްޔާރުކުރުމުގައި ލިބިފައި. އެހެންވީމާ، އެހުރިހާ ފަރާތްތަކެއް ޝާމިލުކޮށް، އެ ހުރިހާ ފަރާތްތަކަކަށް، އެފަރާތްތަކަށް ޙައްޤުވެގެންވާ ޝުކުރު އަޅުގަނޑު ދަންނަވަން.

އާދެ، ދެން އޮތީ ތިޔަ ކުރިމަތިލައްވާ ދަތުރު. އާދެ، އެދަތުރުގައި ކުރިންވެސް ދެންނެވިފަދައިން، ރާއްޖެއަށް ރީތި ނަމެއް ހޯއްދަވައިދެއްވުމަކީ، އަޅުގަނޑުމެން އެންމެންގެވެސް އެދުމެއް. އަދި އެ ހޯއްދަވާ ރީތި ނަމަކީ، ބައިވެރިވެވަޑައިގަންނަވާ މުބާރާތްތަކުގައި މަތީ ވަނަތަކެއް ކޮންމެހެން ހޯއްދެވުމެއް ނޫން. އެއީ އެންމެ ފުރަތަމަ އަޅުގަނޑުމެން ކަމެއްގައި ބައިވެރިވާ ފަހަރު އަޅުގަނޑުމެންނަށް ލިބޭނެ ކާމިޔާބީއެއް ނޫން. މީގެކުރިން އަޅުގަނޑުމެން އެތްލެޓިކާބެހޭ ބައެއް ކަންތައްތަކުގައި ބޭރު ދުނިޔޭގައި ބޭއްވޭ ކުޅިވަރުތަކުގައި ރާއްޖޭގެ ޓީމުތަކެއް ވަނީ ބައިވެރިވެފައި. ރާއްޖޭގެ ބައެއް ދުވުންތެރިން ވަނީ މީގެކުރިން ބައިވެރިވެފައި. އެކުދިންނަށް ޝައްކެއްނެތް، ވަރަށް ގިނަ ތަޖުރިބާތަކެއް މިހާރު ވަނީ ލިބިފައި. އެކުދިންނަށް އަޅުގަނޑުމެން އެންމެ އެދޭ ކާމިޔާބީ އަދި ހޯދިފައި ނެތް ކަމުގައިވިޔަސް، އެ ކުދިން އެ ބައިވެރިވި ކަންތައްތަކުން އެ ލިބިފައިވާ ތަޖުރިބާތަކުގެ މައްޗަށް ބިނާކޮށް، އެކަށީގެންވާ ގޮތެއްގައި ވަރުގަދަ ޢަޒުމަކާއި ހިތްވަރަކާ އެކުގައި މަސައްކަތް ކުރަމުންދާ ކަމުގައިވަނީނަމަ، މުސްތަޤްބަލްގައި ރަނގަޅު ކާމިޔާބީތަކެއް ހޯދޭނެކަމާމެދަކު ޝައްކެއްނެތް.

އެހެންވީމާ، އެގޮތުން ތިޔަކުދިން މިފަހަރު ތިޔަ ބައިވެރިވާ މުބާރާތުގައި ބައިވެރިވުމުން، ކުދިންނަށް ފައިދާހުރި ތަޖުރިބާތަކެއް ލިބޭނެކަމަށް އަޅުގަނޑު އުންމީދު ކުރަން. އަދި އެ ތަޖުރިބާތަކުގެ އަލީގައި، އެ ތަޖުރިބާތަކުން ފައިދާ ލިބިގެން، ކުރިއަށް އޮތް ތާނގައި ތިޔަކުދިން ތިޔަ އިޚްތިޔާރުކުރި ކުޅިވަރުތަކުގައި، ކުރިއަށްދާނޭކަމުގެ އެއްވެސް ޝައްކެއް އަޅުގަނޑުގެ ހިތަކުނެތް.

އެހެންވީމާ، މިތާރީޚީ ދަތުރު، ތިޔަކުދިންނާއި އަދި ތިޔަކުދިންނާއެކު ވަޑައިގަންނަވާ އޮފިޝަލުން ފެށްޓެވުމުގެ މުނާސަބަތުގައި، ރާއްޖޭގެ އެންމެ ފުރަތަމަ އޮލިމްޕިކް ޓީމުގެ ކުޅުންތެރިންނަށާއި އޮފިޝަލުންނަށް މަރުޙަބާ ދަންނަވައި، ތިޔަކުދިންނަށް ނިޔާމަ ދަތުރަކަށް އެދެން. އަދި އެބޭފުޅުންނަށްވެސް ނިޔާމަ ދަތުރަކަށް އެދެން. ހަމައެއާއެކުގައި، ވަރަށް ކާމިޔާބު، އުފާވެރި ދަތުރެއް ކުރެއްވުމަށްފަހުގައި، ކުރިންވެސް ދެންނެވި ފަދައިން، ރާއްޖެއަށް ފަޚްރަކާއި ޝަރަފެއް ހޯއްދަވައިދެއްވުމާއެކުގައި، އަޅުގަނޑުމެންނާ ބައްދަލުކުރައްވާނެކަމުގެ ޔަޤީންކަން އެބައޮތް. އެ އަޅުގަނޑު އެންމެ ފުރަތަމަ ބޭނުންވާ ފަޚްރާއި ޝަރަފަކީ ރާއްޖެ ތަމްސީލު ކުރެއްވުމުގައި ރާއްޖެއަށް ރީތި ނަމެއް ލިބޭގޮތަށް ރާއްޖެ ތަމްސީލު ކުރެއްވުން. ތިޔަކުދިންގެ އުޅުމާއި އަޚްލާޤާއި ސުލޫކާ، ހުރިހާ ކަމެއްވެސް ވެރިން އަންގަވާ ގޮތެއްގެމަތިން ރީތިކޮށް ބެހެއްޓުން. އެއްވެސް ކުއްޖެއްގެ ފަރާތުން ނުވަތަ އެކުއްޖަކާ ބެހޭގޮތުން، އެއްވެސް ކުއްޖަކާ ބެހޭގޮތުން ނޭދެވޭކަހަލަ އަޑެއް އަޅުގަނޑުމެންނާ ހަމައަށް ނައުން.

އާދެ، އަޅުގަނޑުގެ ހުރިހާވެސް ހެޔޮއެދުންތަކެއް ޓީމުގެ ކުޅުންތެރިންނަށް ރައްދުކުރަމުން، އަޅުގަނޑުގެ މިއަދުގެ ވާހަކަކޮޅު ނިންމާލަނީ.

والسّلام عليكم ورحمـة اللّـه وبركاته.