ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ސްރީލަންކާ އާމީގެ ޑިރެކްޓަރ ޖެނެރަލް އޮޕަރޭޝަންސް، މޭޖަރ ޖެނެރަލް ޝަވެންދްރަ ސިލްވާއާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން، ރާއްޖެއާ ސްރީލަންކާއާ ދެޤައުމުގެ ދެމެދުގައި އަބަދުވެސް ވަރަށް ގާތް ގުޅުމެއް އޮންނަ ކަމަށާއި، ސްރީލަންކާގައި ހިނގާ ކޮންމެ ކަމެއްގެ އަސަރު ދިވެހިރާއްޖެއަށްވެސް ކުރާނެ ކަމުގައި ވިދާޅުވިއެވެ. އަދި، ސްރީލަންކާގައި ސުލްހަ އޮތުމަކީ ރާއްޖެއިން އަބަދުވެސް އެދޭގޮތް ކަމަށާއި، ސްރީލަންކާގައި ހިނގި ދާހިލީ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ސްރީލަންކާގެ އަސްކަރިއްޔާއިން ކުރެއްވި މަސައްކަތްޕުޅުތަކަށް ތަޢުރީފްކުރެއްވިއެވެ. ހަމައެއާއެކު، މިހާރު އެޤައުމުގައި ތިބި ރެފިއުޖީންނަށް އެމީހުންގެ ގެދޮރަށް ދެވޭނެގޮތް ހައްދަވައިދެއްވައި އެޤައުމަށް ދާއިމީ ސުލްހަ ވީހާވެސް އަވަހަކަށް ގެންނެވުމަށް އަސްކަރިއްޔާއިން މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަންއޮތް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މޭޖަރ ޖެނެރަލް ޝަވެންދްރަ ސިލްވާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ އަސްކަރިއްޔާގައި ވަރަށް ޒުވާން އަދި ވަރަށް ޤާބިލު ބޭފުޅުން އެބަ ތިއްބެވިކަން އޭނާއަށް ފާހަގަކުރެއްވިފައިވާ ކަމުގައި ވިދާޅުވިއެވެ. އަދި އަސްކަރީ ރޮނގުން ދެޤައުމުގެ ދެމެދުގައި ގުޅުން އިތުރަށް ބަދަހިކުރެއްވިދާނެ ކަމުގައިވެސް ވިދާޅުވިއެވެ.