بســم اللّـه الرّحمـن الرّحيــم

الســّلام عليــكم

އާދެ! މިއަދު އަޅުގަނޑު ރާއްޖޭގެ ޒުވާން ފުޓްބޯޅަ ކުޅުންތެރިންނާ މިބައްދަލުކޮށްލީ، ދެންމެ ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް ބަންދު އަޙްމަދު ސަލީމް އެ ވިދާޅުވި ފަދައިން، މާދަމާ ރާއްޖޭގައި ފެށޭ މުބާރާތުގައި އަޅުގަނޑުމެންގެ އޮނަވިހި އަހަރުން ދަށުގެ ޒުވާން ޓީމު ބައިވެރިވާތީ، އެ ޓީމުގެ ކުޅުންތެރިންނަށް އެންމެ ފުރަތަމަ، ދެން އެ ޓީމުގެ ހިންގުންތެރިންނަށާއި، އެ ޓީމަށް ތަމްރީނު ދެއްވާ ބޭފުޅުންނަށާއި އަދި މި މުބާރާތުގެ ކަންތައްތައް އިންތިޒާމު ކުރައްވާ ސަރުކާރުގެ ފަރާތްތަކާއި، އެކަމަށް އެހީވެދެއްވާ އަމިއްލަ ފަރާތްތަކަށް، މި ހުރިހާ ފަރާތްތަކަކަށް ހިތްވަރުދިނުމުގެ ގޮތުން.

އާދެ، މި މުބާރާތަކީ ވަރަށް މުހިންމު މުބާރާތެއް. އަދި އަޅުގަނޑުމެންގެ ރާއްޖެ މިއީ މިކަހަލަ މުބާރާތެއްގައި ބައިވެރިވާ ފުރަތަމަ ފަހަރު. ކޮންމެ ޤައުމެއްގެވެސް ކުޅިވަރު ތަރައްޤީ ކުރުމުގައި، އެންމެ ބޮޑު ބައެއް ކުޅެންޖެހެނީ، އެ ޤައުމެއްގެ ޒުވާނުން. ޒުވާނުންގެ ތެރެއިންވެސް އެންމެ ޒުވާންކަން ގަދަ، މި ދެންނެވީ އެންމެ ޅަޢުމުރުގެ ޒުވާނުން. އެހެންވީމާ، މިއީ އަޅުގަނޑުމެން ފާހަގަކޮށްލަންޖެހޭނެ ކަމެއް. އަޅުގަނޑުމެންގެ ޤައުމީ ޓީމެއް މުސްތަޤްބަލުގައި އުފައްދާއިރުވެސް، އަޅުގަނޑަށް ހީވަނީ ކޮންމެ ކުޅިވަރެއްގައިވެސް އެ ޓީމުގެ އެންމެ އިސް ކުޅުންތެރިންނަކަށް ނުވަތަ އެޓީމު އެ ކުޅުންތެރިންގެ މައްޗަށް އެކުލެވޭ އެންމެ މުހިންމު ބަޔަކަށްވާންޖެހޭނީ، އަޅުގަނޑުމެންގެ އޮނަވިހި އަހަރުން ދަށުގެ ނުވަތަ އެ ޢުމުރުގެ ޒުވާނުން ކަމަށް.

އެހެންވީމާ، ޒުވާނުންނަށް ލިބޭ ތަޖުރިބާއާއި، އެ ޒުވާނުންނަށް ލިބޭ ކުރިއެރުން، ކުޅިވަރުގެ މައިދާނުގައި އެއީ މުސްތަޤްބަލުގައި އެޤައުމަކަށް ލިބޭނެ ކާމިޔާބީއެއްގެ ސިއްރު ކަމުގައި ނޫނީ ނުވާނެ. އެގޮތުން، ރާއްޖޭގައި މި ބޭއްވޭ އޭޝިޔާގެ އޮނަވިހި އަހަރުން ދަށުގެ ކުޅުންތެރިންގެ މުބާރާތުގެ މެޗްތަކުގައި، އަޅުގަނޑުމެންގެ ޓީމަށް އެކަށީގެންވާ ތަޖުރިބާއާއި ހުނަރުވެރިކަން ލިބޭނެކަމަށް އަޅުގަނޑު އުންމީދު ކުރަން. އަދި އަޅުގަނޑުމެންގެ ކުޅުންތެރިން، މިމުބާރާތުގައި ދިވެހިރާއްޖެ އޮތް ފެންވަރު ސާބިތުކޮށްދޭނެ ކަމަށްވެސް އަޅުގަނޑު އުންމީދު ކުރަން.

އާދެ، ރާއްޖެއަކީ ބައިނަލްއަޤްވާމީ މައިދާނުގައި، ކުޅިވަރުގެ ގޮތުން މިދެންނެވީ، މާ ފާހަގަކޮށްލެވޭ ކަހަލަ ކާމިޔާބީތަކެއް ހޯދާފައިވާ ޤައުމެއް ނޫން. އެހެންނަމަވެސް، މިހާރު އަޅުގަނޑުމެން މަސައްކަތް ކުރަމުން މިގެންދާ ގޮތުން، އަދި އަޅުގަނޑުމެންގެ ޒުވާނުންގެ ހިތުގައިވާ އުންމީދާއި، އެމީހުންގެ ޢަޒުމާއި، އެމީހުންގެ ރޫޙުގެ ވަރުގަދަކަމުން، އަޅުގަނޑު ޔަޤީންކުރަނީ، މުސްތަޤްބަލުގައި ރާއްޖެއަށް އެކަށީގެންވާ ކާމިޔާބީތަކެއް، ކުޅިވަރުގެ މައިދާނުގައިވެސް ހޯދޭނެ ކަމުގައި.

އާދެ، މިފަހަރު އަޅުގަނޑުމެން މި ކުޅޭ މުބާރާތުގައި، ނުވަތަ އޭޝިޔަން ފުޓްބޯޅަ ކޮންފެޑެރޭޝަންގެ ފަރާތުން އިންތިޒާމުކޮށްގެން މި ބާއްވާ، އޭޝިޔާގެ އޮނަވިހި އަހަރުން ދަށުގެ ޒުވާނުންގެ ފުޓްބޯޅަ މުބާރާތުގައި، އަޅުގަނޑުމެންނާ މި ބައްދަލުކުރަނީ، ދެންމެ ރާއްޖޭގެ ފުޓްބޯޅަ ޖަމުޢިއްޔާގެ ރައީސް އެ ވިދާޅުވިފަދައިން، ދެވަނަ ގްރޫޕްގެ ޓީމުތައް. އާދެ، އެޓީމުތަކަކީ މީގެކުރިން އެއްވެސް ކުޅިވަރެއްގައި، އަޅުގަނޑުމެން ވާދަކޮށްފައިވާ ޓީމުތަކެއް ނޫން. އަޅުގަނޑުމެން މީގެކުރިން ރާއްޖެއިން ބޭރުގައި ކުޅެފައިވާ މެޗްތައްވެސް، މި ދެންނެވީ ފުޓްބޯޅައިގެ މެޗްތައްވެސް އަދި، އެނޫން ކުޅިވަރުތަކުގެ މެޗްތައްވެސް ގިނައިން ކުޅެފައިވަނީ މިހިސާބުގަނޑުގެ ޤައުމުތަކުގެ ޓީމުތަކާ.

އާދެ، ޚާއްޞަކޮށް، ސާރކްގެ ޤައުމުތަކުގެ ޓީމުތަކާ އަޅުގަނޑުމެން ބައެއްފަހަރު، ބައެއް މުބާރާތްތަކުގައި ވަނީ ވާދަކޮށްފައި. އަޅުގަނޑުމެންގެ ޓީމުތައް ވަނީ އެ ޓީމުތަކާ ކުޅެ، އެމީހުންގެ ފެންވަރު އަޅުގަނޑުމެންނަށް ފެނިފައި. މިހާރު އަޅުގަނޑުމެންނަށް މިކުރިމަތިލެވެނީ އެއަށްވުރެ ތަންކޮޅެއް ފުޅާ ދާއިރާއަކާ. މިފަހަރު އަޅުގަނޑުމެން ބައްދަލުކުރާ ޓީމުތައް، އެއީ ކުވައިތު، ޢިރާޤު، ޔަމަން، މިތަންތާނގެ ޓީމުތަކާ މީގެކުރިން އަޅުގަނޑުމެންނަށް ބައްދަލުކުރެއްވިފައެއް ނެތް. އެހެންވީމާ، މިކަންވެސް ވާންޖެހޭނީ އަޅުގަނޑުމެންނަށް އިތުރު ތަޖުރިބާއެއް ލިބިދޭ ކަމަކަށް.

ފެންވަރުވެސް ތަފާތުވާނެ. އަޅުގަނޑުމެންގެ މި ހިސާބުގަނޑުގެ ޓީމުތަކާއި، އޭގެ ބޭރުން އާދެ، އެ ސަރަޙައްދަކީ މިހާރު މެދުއިރުމަތީގެ ސަރަޙައްދު ނުވަތަ ޤަލްފް އޭރިއާގެ ސަރަޙައްދު. އެ ހިސާބުގަނޑުގެ ޓީމުތަކުގެ ފެންވަރުވެސް ތަފާތުވާނެ. އަދި އެތަންތާނގެ ކަންތައްތައް ހުންނަ ގޮތްވެސް ވަރަށް ތަފާތުވާނެ. ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން، ކުވައިތު، ޢިރާޤު، ޔަމަން ކަހަލަ ތަންތާނގައި، ކުޅިވަރު ތަރައްޤީ ކުރުމަށް ވަރަށް މަތީ ޢަދަދަކަށް ފައިސާ ޚަރަދުކުރޭ. އެމީހުންގެ އެ ތަނަވަސްކަން އެބަހުރި. އަދި އެ ޓީމުތައް ތައްޔާރުކުރުމަށްޓަކައި ބޭރުން އެންމެ މަތީ ފެންވަރުގެ ކޯޗުން، އެމީހުން ގެނެސްގެން ގިނަދުވަސްތަކަކަށް ޓީމުތަކަށް ފަރިތަކޮށްދެމުން ގެންދަނީ.

އެހެންވީމާ، އެމީހުންގެ ފެންވަރު، އަޅުގަނޑުމެންގެ ކައިރީގައި މިވާ ޤައުމުތަކުގެ ފެންވަރާ ކުޑަކޮށް ނަމަވެސް ތަފާތުވާންޖެހޭނެ. އާދެ، އަޅުގަނޑު މިވާހަކަ މިދަންނަވަނީ، ފަހަރެއްގައިވެސް އަޅުގަނޑުމެންގެ ޓީމުގެ ކުދިންގެ ހިތްތަކަށް ބިރުވެރިކަމެއް ވެއްދުމުގެ ގޮތަކުން ނޫން. އަޅުގަނޑު މިދަންނަވަން އުޅޭ ވާހަކައަކީ، މިވާންޖެހޭނީ އިތުރު ތަޖުރިބާއަކަށޭ. އެހެންނަމަވެސް، އަޅުގަނޑުމެންގެ ޓީމުވެސް މިއަދު މިވަނީ މީގެކުރިން އެއްވެސް މުބާރާތަކަށް އަޅުގަނޑުމެން ތައްޔާރުވެފައި ނުވާފަދަ މިންވަރަކަށް ތައްޔާރުވެފައި. އާދެ، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާއި އަދި ރާއްޖޭގެ ފުޓްބޯޅަ ޖަމުޢިއްޔާއާއި، އަދިވެސް އަމިއްލަ ކިތަންމެ ފަރާތެއްގެ އެހީގައި، އަޅުގަނޑުމެންގެ މިޒުވާން ޓީމުވަނީ މިހާރު ވަރަށް ގިނަ ދުވަސް ވަންދެން ފުޓްބޯޅަ ކުޅެން ފަރިތަކޮށްފައި. މާލޭގައި އެންމެ ފުރަތަމަ. އޭގެފަހުން، ކޮޅުނބަށްގޮސް، ކޮޅުނބުގައިވެސް ތިން ހަފްތާއެއްހާ ދުވަހު އެމީހުން ތިބެއްޖެ. އެމުއްދަތުގެ ތެރޭގައި، އެކަށީގެންވާ ގޮތަކަށް ތަމްރީނުވެސް ވަނީ ލިބިފައި. އަދި ބައެއް މެޗްތައް ކުޅުމުގެ ފުރުޞަތުވެސް ވަނީ ލިބިފައި. އަދި މިހާރުވެސް ޓީމުގެ ކުދިންނަށް ހަމަޖެހިފައިވަނީ ވަރަށް ރަނގަޅު އިންތިޒާމުތަކެއް. މާލޭގައި ތިބުމުގެ ބަދަލުގައި އަޅުގަނޑުމެންގެ ކައިރީގައި އޮތް ރިޒޯޓެއްގައި ތިބެންވެސް ހަމަޖެހިފައި އޮތީ. އެކުދިންގެ ތިބުމާއި، ކެއުމާއި، ނިދުމާއި، އަރާމުކުރުމާ، ހުރިހާ ކަމެއްވެސް ވަރަށް ރަނގަޅު އިންތިޒާމެއްގެ މަތިން ވަނީ ހަމަޖެހިފައި. އަދި މިވޭތުވެދިޔަ އެތައް މަސްދުވަހެއްގެ ތެރޭގައިވެސް އެކަން އޮތީ ހަމަ އެހެން.

އެހެންވީމާ، އަޅުގަނޑަށް ދެންނެވެން އަންނަނީ، މިފަހަރު އަޅުގަނޑުމެންގެ މިޒުވާން ޓީމު ތައްޔާރުކުރުމަށް މިކުރި މަސައްކަތް، މީގެކުރިން އެއްވެސް ޓީމެއް ތައްޔާރުކުރުމަކަށް އަޅުގަނޑުމެންނަކަށް ކުރެވިފައެއް ނެތޭ. އެހެންވީމާ، މިޓީމުގެ މިހާރު ހުރި ރޫޙާއި ޢަޒުމާއި، އެމީހުންގެ ހުނަރުތައް އަޅުގަނޑު ހިތުން، ކުރީ ޓީމުތަކަށްވުރެ ރަނގަޅުވާނެ. އެހެންވީމާ، އަޅުގަނޑުގެ އުންމީދަކީ ޓީމުގެ ހުރިހާ ކުޅުންތެރިންވެސް އެކަން ސާބިތުކޮށްދިނުން. އެކުދިންނަކީ ރާއްޖެ ތަމްސީލު ކުރަން އެކަށީގެންވާ އަދި އެކަށީގެންވާ މުއްދަތެއްގައި ތަޖުރިބާ ލިބި، ތަމްރީނު ލިބި، ރާއްޖެއަށް ރީތި ނަމެއް ހޯދައިދެވޭވަރުގެ ބައެއްކަން ހާމަކޮށްދިނުން. އެކަން ހާމަކޮށްދޭނީ ދަނޑުގައި.

އާދެ، އަޅުގަނޑުމެންނަށް މި މުބާރާތުގައި ކުރި ލިބެންޖެހޭނެ ކިތަންމެ ސަބަބެއް އެބަހުރި. އޭގެތެރެއިން އެންމެ ބޮޑު އެއް ސަބަބަކީ، މުބާރާތުގެ މިބުރުގެ މެޗްތައް ރާއްޖޭގައި ބޭއްވޭކަން. ކޮންމެ ބައެއްވެސް، އެބައެއްގެ ބިމަށް ގަދަވާނެ. ގަދަވާންޖެހޭނެ. އެހެންވީމާ، އެތަންކޮޅު އެއީ އަޅުގަނޑުމެންނަށް ކުރި ލިބެންއޮތް ތަންކޮޅެއް. ހަމައެއާއެކުގައި، އަޅުގަނޑުމެން މިކުޅެނީ އަޅުގަނޑުމެންގެ ޢާންމުންގެ ކުރިމަތީގައި. ދަނޑުގެ އެންމެންގެ ތަރުޙީބު އޮންނާނީ، އަޅުގަނޑުމެންގެ ޓީމަށް.

އެހެންވީމާ، ކުޅިބަލާ މީހުންގެ ތަރުޙީބު އެއީވެސް ތިޔަ ހުރިހާ ކުދިންނަށްވެސް އެނގޭނެހެން ވަރަށް މުހިންމު އެއްޗެއް. އެހެންވީމާ، އަޅުގަނޑުމެންގެ ކުޅިބަލާ މީހުންގެ ތަރުޙީބު ލިބުމާއި، އަޅުގަނޑުމެންގެ ދަނޑުގައި ކުޅުމާއި، އަޅުގަނޑުމެންގެ ޖައްވުގައި، އަޅުގަނޑުމެންގެ މޫސުމާއި، އަޅުގަނޑުމެންގެ ހުރިހާ ކަމެއްގެ މާޙައުލުގައި ތިބެގެން، އަޅުގަނޑުމެން ކުޅުން އެއީ ޝައްކެއްނެތްގޮތުގައި، އަޅުގަނޑުމެންގެ ޓީމަށް ކުރިއެރުން ލިބެންޖެހޭނެ ސަބަބުތަކެއް.

އެހެންވީމާ، އެކަންތައްތައް އެހެން ހުރުމާއެކު، އަޅުގަނޑު އެދެނީ، ޓީމުގެ ހުރިހާ ކުދިންވެސް އެކަމުން ވަރަށް ބޮޑު ހިތްވަރެއް ލިބިގަތުން. އެއްގޮތަކަށްވެސް އެކުޅޭ ޓީމުގެ ނަމަށް ނުބެލުން. އަދި އެމީހުންގެ ހަށިތަކުގެ ބޮޑުކަމަށް ނުވަތަ ވަރުގަދަކަމަށްވެސް ނުބެލުން. އެއެއްނޫން، ފުޓްބޯޅައިގެ އެންމެ ބޮޑަށް އޮންނަ އެއްޗަކީ. ހުނަރުވެރިކަން، މޮޅަށް ކުޅެން އެނގުން. އެހެންވީމާ، އަޅުގަނޑު ހިތުން ހަމަ ކާމިޔާބު ކުރެވިދާނެ. ދުނިޔޭގެ މަޝްހޫރު ކުޅުންތެރިންގެ ތެރޭގައި، ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، މިހާރު މެރެޑޯނާ، މިސާލަކަށް ދުނިޔޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް، ވަރަށް ގިނަ މީހުން ދެކޭ. އޭނާ އެއީވެސް މާ އިސްކޮޅުން ދިގު މީހެއް ނޫން. އަދި ކުރިންވެސް އެކަހަލަ ކިތަންމެ ބައެއް ހިނގައްޖެ. ދުނިޔޭގެ ނިސްބަތުގައި މަޝްހޫރުވެގެންދިޔަ ކިތަންމެ ބައެއް. އެމީހުންނަކީ ހަށިގަނޑުގެ ގޮތުން ބަލާއިރު، އެހާ ބޮޑެތި ބައެއް ނޫން. އެހެންނަމަވެސް، އެމީހުންގެ ކުޅަދާނަކަމުން، އެމީހުން އެ ހުނަރުތައް ދަސްކޮށްފައިވާލެއް ފުރިހަމަކަމުންނާއި، އެމީހުންގެ ޤާބިލިއްޔަތު ބޮޑުކަމުން، ވަރަށް ފާހަގަކޮށްލެވޭކަހަލަ ކާމިޔާބީތަކެއް ޙާޞިލުކޮށްފައިވާ ބައެއް އެއީ. އެހެންވީމާ، އެތަންކޮޅު އަޅުގަނޑުމެން ވިސްނަންޖެހޭނެ. އެއީ އަޅުގަނޑުމެން ދިވެހިންނަކީ، އިސްކޮޅުން މާދިގު ބައެއް ނޫން. އަދި އަޅުގަނޑުމެންގެ ހަށިތައްވެސް މިހުންނަނީ، މާ ވަރުގަދަކޮށެއްނޫން. އެއީކީ އަޅުގަނޑުމެން އެއްގޮތަކަށްވެސް ބިރުގަންނަންވީ ކަމެއް ނޫން.

އާދެ! އަޅުގަނޑުގެ ވާހަކަކޮޅު މިއަދު ނިންމާލެވެން އަންނަނީ، މި ޓީމު ތައްޔާރުކުރުމުގައި، އެކި ފަރާތްތަކުން ވެދެއްވާފައިވާ އެހީތަކަށް ޝުކުރު ދެންނެވުމަށްފަހުގައި. ކުރިންވެސް ދެންނެވިފަދައިން، މި މުބާރާތް މި ބޭއްވެނީ އަދި މި މުބާރާތަށް އަޅުގަނޑުމެންގެ ޓީމު މިތައްޔާރުކުރެވުނީ ވަރަށް ގިނަ ފަރާތްތަކެއްގެ އެހީގައި. އޭގެތެރޭގައި، ސަރުކާރުގެ މިނިސްޓްރީ އޮފް ހޯމްއެފެއާޒް އެންޑް ސޯޝަލް ސަރވިސަސް ހިމެނޭ. އަދި ޚާއްޞަކޮށް، މިނިސްޓަރ އޮފް ހޯމްއެފެއާޒް އެންޑް ސޯޝަލް ސަރވިސަސް ވަރަށް ބުރަ މަސައްކަތްތަކެއް ކުރެއްވި. އަދި ހަމަ އެއާއެކުގައި، އެމިނިސްޓްރީގެ އެހެން މުވައްޒަފުންނާއި، ސްޕޯޓްސް ޑިވިޜަންގެ ބޭފުޅުންވެސް ވަރަށް ބުރަ މަސައްކަތްތަކެއް ކުރެއްވި. ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ވެރިންނާއި، އެހިންގުންތެރިންވެސް މިކަމުގައި ވަރަށް ބޮޑަށް ބައިވެރިވެވަޑައިގެންދެއްވި. ޙަޤީޤަތުގައި ޓީމު ތައްޔާރުކުރުމުގެ ހުރިހާ މަސައްކަތެއް، ޢަމަލީ މަސައްކަތްތަކެއް ކުރެއްވީ އެ ފަރާތުން. އަދި އަމިއްލަ ވަރަށް ގިނަ ފަރާތްތަކެއްގެ އެހީވެސް ސަރުކާރަށް އަދި ދިވެހި ޓީމަށް ވަނީ ލިބިފައި. އެފަރާތްތަކުގެ ނަން ކޮންމެހެން ނުދެންނެވި ކަމުގައިވިޔަސް، ޓީމުގެ ކުޅުންތެރިންނަށްވެސް އަދި އަޅުގަނޑުމެންގެ އޮފިޝަލުންނަށްވެސް އެފަރާތްތައް އެނގޭނެ. އެފަރާތްތަކުގެ އެހީ، މިހާ ދީލަތިގޮތެއްގައި ލިބިފައިވާތީ، އެހުރިހާ ފަރާތްތަކަކަށް ސަރުކާރުގެ ނަމުގައި އަދި ދިވެހި ޒުވާނުންގެ ނަމުގައިވެސް އަޅުގަނޑު ޝުކުރު އަދާކުރަން. އެއީ އެފަރާތްތަކުން ވަރަށް ބޮޑެތި ޚަރަދުތަކެއްވެސް ވަނީ ކުރައްވާފައި.

އަދި ހަމައެއާކުގައި، ޓީމު ތައްޔާރުކޮށްދެއްވުމަށް، އަޅުގަނޑުމެންގެ ކޯޗް މިސްޓަރ ވިކްޓަރ ނަސޯފް ކޮށްދެއްވި ޚިދުމަތްތައްވެސް އަޅުގަނޑު ފާހަގަކުރަން. އޭނާއަކީ އެކަމަށް ވަރަށް އެކަށީގެންވާ ތަޖުރިބާކާރު ކޯޗެއް. އޭނާގެ އެ ތަޖުރިބާއާއި، އޭނާގެ އިރުޝާދު ޓީމަށް ލިބުނުކަން އެއީ އަޅުގަނޑު ހިތުން ޓީމަށް ވަރަށް ބޮޑު ހިތްވަރެއް ލިބެންޖެހޭނެ ކަމެއް. އަދި އޭނާގެ ބެއްލެވުމުގެ ދަށުން އަޅުގަނޑުމެންގެ ދިވެހިންގެ ވަރަށް ގިނަ ބޭފުޅުން، ފުޓްބޯޅަ ކުޅުއްވާފައިވާ ބޭފުޅުން މިތާނގައި އެބަ ތިއްބެވި. ޙަސަން މަނިކު އަދި ސައްޔިދު ޢަލީ. އަދި އޭގެއިތުރުން އިބްރާހީމް ނޫރުއްދީންވެސް އުޅުއްވި. ޢަބްދުލްޖަލީލުވެސް އުޅުއްވި. މި ހުރިހާ ބޭފުޅުންވެސް، އެ ބޭފުޅުން އަމިއްލަގޮތުންނާއި އަދި އެބޭފުޅުންގެ ވަގުތު ހޭދަކުރައްވައިގެން. ވަރަށް ގިނަ މަސައްކަތްތަކެއް ވަނީ ޓީމު ތައްޔާރުކުރުމުގައި ކޮށްދެއްވާފައި. އަދި މިނޫން ކިތަންމެ ފަރާތެއްވެސް ހިމެނޭ. މިކަހަލަ ފުރުޞަތެއްގައި، އެހުރިހާ ފަރާތްތަކެއްގެ ނަން ދެންނެވުމަކީ މާފަސޭހަ ކަމަކަށްނުވާނެ.

އެހެންނަމަވެސް، އަޅުގަނޑު ދެކޭގޮތުގައި އެ ހުރިހާ ފަރާތަކަކުންވެސް، މިކަމަކީ ޤައުމީ ކަމެއް ކަމުގައި ދެކެވަޑައިގަނެގެން، ސަރުކާރަށް އެހީވެދެއްވިކަން އެއީ މިއަދު އަޅުގަނޑުމެން ހުރިހާ އެންމެންވެސް ވަރަށް އުފާކުރާނެ ކަމެއް. އަދި އަޅުގަނޑުމެންގެ ރާއްޖޭގައި މި ފެންވަރުގެ މުބާރާތެއް ބޭއްވޭ މިއީ ފުރަތަމަފަހަރު ކަމަށްވާތީ، އެ ހުރިހާ ފަރާތެއްގެ އެހީތެރިކަމާއި އެއްބާރުލުން ލިބިގެން ނޫނީ، ކާމިޔާބު ގޮތެއްގައި ނުވެސްބޭއްވޭނެ. އަޅުގަނޑު ހިތުން ރާއްޖެ، އެކި މައިދާންތަކުގައި ކުރިއަށްދާގޮތުން، މިހާރު ކުޅިވަރުގެ މައިދާނުގައިވެސް ފާހަގަކޮށްލެވޭވަރަކަށް، ބޭރުދުނިޔެއަށް މިދަނީ ނުކުންނަމުން. މިކަހަލަ މުބާރާތެއް އިންތިޒާމުކޮށް ރޭވުން އެއީ ވަރަށް ބޮޑު ކަމެއް. އެކަހަލަ މުބާރާތެއް ހިންގުން ވަރަށްބޮޑު ކަމެއް އެއީ. އެއްގޮތަކަށްވެސް އަޅުގަނޑުމެން ކަހަލަ ކުޑަ ޤައުމަކަށް ކުރެވޭވަރުގެ ކަމެއްވެސް ނޫނޭ އަޅުގަނޑު ދަންނަވާނީ. އެހެންނަމަވެސް، އަޅުގަނޑު ކުރިންވެސް ދެންނެވިހެން، މިހުރިހާ ފަރާތްތަކެއްގެ އެހީ ލިބުނީމާ، އެއްވެސް ބުރަކަމެއް އެއީ ބުރަކަމަކަށްނުވި. ބޮޑު ކަމެއް އެއީ ބޮޑުކަމަކަށްނުވި. ކޮންމެ ކަމެއްވެސް އައީ ފަސޭހަވެގެން، ލުއިވެގެން. އަޅުގަނޑުމެންނަށް ކުރެވޭގޮތަށް ބަދަލުވެގެން.

އެހެންވީމާ، އަދިވެސް އެއްފަހަރު ތިޔަބޭފުޅުންގެ ނަމުގައި އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި، މި އަޅުގަނޑުމެންގެ އޮނަވިހި އަހަރުން ދަށުގެ ފުޓްބޯޅަ ޓީމު، ތައްޔާރުކޮށްދެއްވުމުގައި މަސައްކަތް ކުރެއްވި، ޚިދުމަތް ކުރެއްވި އެފަރާތްތަކުގެ އެހީ ލިބުނު ހުރިހާ ފަރާތްތަކަކަށް އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ، އަޅުގަނޑު މާގިނަ ވަހަކަތަކެއް ދައްކާކަށް ޤަޞްދެއްނުކުރަން. މިހާރު ޓީމުގެ ކުދިން ތިބޭނީ، އެހެން ކޮންމެވެސް ކަމަކަށް ތައްޔާރުވެގެން. އެހެންވީމާ، އެ ކުދިން މާގިނައިރު މިތާ ބައިތިއްބުމަކީވެސް ރަނގަޅު ކަމަކަށް ނުވާނެ. އަޅުގަނޑުގެ ހުރިހާވެސް ހެޔޮއެދުމެއް ވަނީ ޓީމުގެ ކުޅުންތެރިންނާއެކުގައި. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން މިކުރިމަތިލާ މުބާރާތުގައި އެކަށީގެންވާ ކުރިއެރުމެއް ދިވެހި ޓީމަށް ލިބޭނެ. އަޅުގަނޑު ނުދަންނަވަން ކޮންމެހެން ހުރިހާ މެޗަކުން މޮޅުވާނެއެކޭ. އެކަމަކު އަޅުގަނޑުމެން މަސައްކަތް ކުރަންޖެހޭނީ މޮޅުވޭތޯ. ކުރިންވެސް ދެންނެވިފަދައިން، މޮޅުވާން އެފުރުޞަތު އޮތީ އަޅުގަނޑުމެންގެ ކުރިމަތީގައި ލިބިފައި. އެހެންވީމާ، ޓީމުގެ ހުރިހާ ކުދިންވެސް މޮޅުވާނެކަމުގެ ޔަޤީންކަން، އެކަމުގެ ޢަޒުމް ވަރުގަދައަށް ހިތުގައި ބާއްވައިގެން މަސައްކަތްކޮށްފީވިއްޔާ ހަމަ މޮޅުވާނެ.

ދެން ކޮންމެ ގޮތެއްގައިވެސް ކުޅިވަރަކީ މޮޅުވުމާއި ދެރަވުން، އޭގައި އެކުލެވޭ އެއްޗެއް. އެހެންވީމާ، މަސައްކަތްކުރުމަށްފަހުގައި މޮޅުނުވިޔަސް، އެ ކުރާނެ ކަމެއްނެތް، އެއީ އެއްވެސް މީހަކު ފަރުވާކުޑަކުރީކަމަކަށް ނުބެލޭނެ. އެއީ ހަމަ ނަސީބު ދިމާކުރިގޮތް ކަމަށް ބެލޭނީ. އެހެންވީމާ، އެކަމުގައިވެސް އެއްވެސް ލަދެއްނެތް. އަޅުގަނޑުމެން އަދި ދެރަވިޔަސް އެއީކީ އެއްވެސް ކަމެއްނޫން. އަޅުގަނޑުމެން މިތިބީ ކުޅިވަރުގެ ހަރުގަނޑުގައި، އޭގެ ވަރަށްކުރީ ހަރުފަތެއްގައި. އަޅުގަނޑުމެން ވަރަށް ގިނަ ހަރުފަތްތައް ގިރާކޮށްގެން، ބައިނަލްއަޤްވާމީ ފެންވަރަށް ދެވޭނީ.

އެހެންވީމާ، މި ބަލަންޖެހެނީ މިއީ އަޅުގަނޑުމެން ތަޖުރިބާ ހޯދުމަށް ލިބޭ ފުރުޞަތެއް ކަމުގައި. އެހެންނަމަވެސް، ތަޖުރިބާ ހޯދަން ކުޅޭ މެޗްތަކުގައިވެސް ކާމިޔާބު ކުރެވިއްޖިއްޔާ، ޝައްކެއްނެތް، އެއީ ތިޔަކުދިންނަށް ލިބޭ ވަރަށް ބޮޑު ފަޚްރަކަށްވާނެ. އަދި އަޅުގަނޑުމެންގެ ރާއްޖެއަށް ލިބޭ ވަރަށް ރީތި ނަމަކަށްވެސްވާނެ. އެހެންވީމާ، މި މުބާރާތުގައި ހުރިހާ ކުދިންވެސް، އެ ކުއްޖަކަށް ކުރެވުނު އެންމެ ބޮޑަކަށް މަސައްކަތްކޮށްގެން، ރާއްޖެއަށް ރީތި ނަމެއް ހޯދައިދެވޭތޯ ބަލާނެކަމަށް އަޅުގަނޑު ޔަޤީންކުރަން.

والســّلام عليــكم ورحـمــة اللّـه وبـركاتـه.