މި އޮކްޓޯބަރ މަހުގެ 13 ވަނަ ދުވަހު ބޭއްވެވި 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ 49 ވަނަ ޖަލްސާއިން ފާސްކުރެއްވި "ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި ޢިނާޔަތްތަކާބެހޭ ބިލު"، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު ތަޞްދީޤު ކުރައްވައިފިއެވެ. ތަޞްދީޤު ކުރެއްވުމާ ގުޅިގެން، މި ޤާނޫނު ދިވެހި ސަރުކާރުގެ ގެޒެޓުގައި މިއަދު ޝާއިޢު ކުރައްވައިފިއެވެ.

މިއީ، ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުރި މީހަކު، ކުށްވެރިނުވެ ޤާނޫނީ ހަމަތަކުގެމަތިން އެމަޤާމުން ވަކިވެއްޖެނަމަ، ދައުލަތުގެ އެންމެ މަތީ ވެރިކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ޢިއްޒަތާއި ޤަދަރާއި އެކަށީގެންވާފަދަ ރައްކާތެރިކަމާއި މާލީ ޢިނާޔަތާއި އެހެނިހެން ޢިނާޔަތްތައް، ޤާނޫނުއަސާސީގެ ދަށުން އެމީހަކަށް ޙައްޤުވެގެންވާ ހިނދު، ރައީސުލްޖުމްހޫރިއްޔާގެ މަޤާމުން ވަކިވެފައިވާ މީހުންނަށް ދެވޭ ރައްކާތެރިކަމާއި ޢިނާޔަތްތައް ބަޔާންކުރާ ޤާނޫނެވެ.

މި ޤާނޫނުގެ 1 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ރައީސުލްޖުމްހޫރިއްޔާގެ މަޤާމުން ވަކިވެފައިވާ މީހަކީ، ދައުލަތުގެ އެންމެ އިސް ޢިއްޒަތްތެރީންގެ ތެރޭގައި ހިމެނޭ މީހެކެވެ. މިޤާނޫނުގައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ މަޤާމުން ވަކިވެފައިވާ މީހަކަށް ރަސްމީގޮތުން މުޚާޠަބު ކުރުމުގައި އެމީހެއްގެ ނަމުގެ ކުރިއަށް [ރައީސް] މި ލަޤަބު ބޭނުންކުރެވިދާނެއެވެ.

ރައީސުލްޖުމްހޫރިއްޔާކަން އެއް ދައުރު ކޮށްފައިވާ މީހަކަށް، މާލީ ޢިނާޔަތެއްގެ ގޮތުގައި ކޮންމެ މަހަކު -/ 50,000(ފަންސާސް ހާސް) ރުފިޔާ ދައުލަތުން ދޭންވާނެ ކަމަށާއި، ރައީސުލްޖުމްހޫރިއްޔާކަން އެއް ދައުރަށްވުރެ ގިނަ ދައުރުކޮށްފައިވާ މީހަކަށް، މާލީ ޢިނާޔަތެއްގެ ގޮތުގައި ކޮންމެ މަހަކު -/ 75,000(ފަންސަހަތްތަރި ހާސް) ރުފިޔާ ދައުލަތުން ދޭންވާނެ ކަމަށް މިޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.

މީގެއިތުރުން، ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކު ދިރިއުޅޭނެ ތަނަކަށް ހިނގާ އެންމެހައި ޚަރަދުތައް ހަމަޖެއްސުމަށްޓަކައި ކޮންމެ މަހަކު -/50,000 (ފަންސާސް ހާސް) ރުފިޔާ އާ ހަމައަށް ދައުލަތުން ފައިސާ ހަމަޖައްސައިދޭންވާނެ ކަމަށްވެސް މިޤާނޫނުގައި ބަޔާންކުރެއެވެ. އަދި، ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކާއި، އެމީހާގެ އަނބިމީހާ ނުވަތަ ފިރިމީހާއަށް، ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމު އަދާކޮށްފައިވާ މީހަކަށް އެކަށީގެންވާ ރަނގަޅު ފެންވަރަކަށް ޙިމާޔަތާއި ރައްކާތެރިކަން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްއިން ހަމަޖައްސައިދޭންވާނެ ކަމަށާއި، ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށާއި، އެމީހާގެ އަނބިމީހާއަށް ނުވަތަ ފިރިމީހާއަށް، އެމީހުން ރާއްޖޭގައި ދިރިއުޅޭ ރަށުގައި އެއްގަމު ދަތުރުފަތުރުކުރުމުގެ ވަސީލަތްތައް، ދައުލަތުގެ ޚަރަދުގައި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ ފަރާތުން ހަމަޖައްސައިދޭންވާނެ ކަމަށް މިޤާނޫނުގައި ބަޔާންކޮށްފައިވެއެވެ. އަދި ވައިގެމަގުން ދަތުރުކުރާނަމަ، އެމީހުން ރާއްޖޭގައި ދިރިއުޅޭ ރަށަކާއި އެއަރޕޯޓާ ދެމެދު ދަތުރުފަތުރު ކުރުމުގެ ވަސީލަތްތައްވެސް ދައުލަތުގެ ޚަރަދުގައި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ ފަރާތުން ހަމަޖައްސައިދޭންވާނެކަމަށް މިޤާނޫނު ބުނެއެވެ.

ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށާއި، އެމީހާގެ އަނބިމީހާއަށް ނުވަތަ ފިރިމީހާއަށް ރާއްޖެއިންނާއި ރާއްޖެއިން ބޭރުން ދައުލަތުގެ ޚަރަދުގައި ޞިއްޙީ ޚިދުމަތްވެސް ހަމަޖައްސައިދޭންޖެހެއެވެ. އަދި، ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކު މުޖުތަމަޢުއަށް ފައިދާހުރި އިޖްތިމާޢީ މަސައްކަތްތައް ކުރުމަށްޓަކައި އެމީހަކު ބޭނުންވެއްޖެ ހިނދެއްގައި، މަސައްކަތް ކުރާނޭ އޮފީހަކާއި، މުވައްޒަފުންނާއި، އެހެނިހެން ކަންތައްތައް ހަމަޖެއްސުމަށްޓަކައި، މަހަކު -/175,000 (އެއްލައްކަ ހަތްދިހަ ފަސް ހާސް) ރުފިޔާ އާ ހަމައަށް ދައުލަތުން ފައިސާ ހަމަޖައްސައިދޭންވާނެ ކަމަށްވެސް މިޤާނޫނުގައި ބުނެފައިވެއެވެ.