ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ ކުރީގެ ޗެއާމަން އަލްމަރްޙޫމް މުޙައްމަދު ރަޝީދުގެ ހަނދާނުގައި ސްޓެލްކޯގައި ހުޅުވާފައިވާ ތަޢުޒިޔާގެ ދަފްތަރުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ސޮއިކުރައްވައިފިއެވެ.

ތަޢުޒިޔާގެ ދަފުތަރުގައި ރައީސުލްޖުމްހޫރިއްޔާ ލިޔުއްވި ބަޔާނުގައި އެމަނިކުފާނު ވަނީ އަލްމަރްހޫމް މުޙައްމަދު ރަޝީދަކީ ރާއްޖޭގެ ހަކަތައިގެ ސިނާޢަތު ކުރިއަރުވައި ތަރައްޤީކުރެއްވުމުގައި ދިގު މުއްދަތެއްގައި އިޚްލާޞްތެރި އަގުހުރި މަސައްކަތްތަކެއް ކުރެއްވި އަދި މާލޭގެ ކަރަންޓުގެ ޚިދުމަތް ފުޅާކޮށް ޒަމާނީ ކުރުމުގައި މުހިންމު ދައުރެއް އަދާކުރެއްވި ޚިދުމަތްތެރިއެއްކަން ފާހަގަކުރައްވާފައެވެ.

ޚިދުމަތުގެ ދާއިރާގައި މަރްޙޫމް މުޙައްމަދު ރަޝީދު ފާހަގަކުރެވެނީ ކަމަށް ކަމޭހިތްތަވައި ފަރުވާތެރިކަމާއެކު ޚިދުމަތުގައި ދެމިހުންނެވި އިންޖިނޭރެއްގެ ގޮތުގައިކަމަށާއި މުޙައްމަދު ރަޝީދު ވަކިވެވަޑައިގެންނެވީ ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ޚިދުމަތްކުރުމުގެ ރިވެތި ނަމޫނާއެއް ދައްކަވާފައި ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ބަޔާން ނިންމާލައްވާފައިވަނީ، އަލްމަރްހޫމް މުޙައްމަދު ރަޝީދަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުމަށް އެދި މާތް ﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވައި، އެބޭފުޅާގެ ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދިވަޑައިގަންނަވަމުންނެވެ.

އަލްމަރްހޫމް މުޙައްމަދު ރަޝީދުވަނީ ސްޓެލްކޯގައި 50 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައެވެ. މާލޭ އިންޖީނުގެ ގޭގެ އެންމެ އާދައިގެ ވަޒީފާއަކުން ޚިދުމަތާ ގުޅިވަޑައިގެންނެވުމަށް ފަހު ސްޓެލްކޯގެ އެކި މަޤާމުތަކުގައި ޚިދުމަތްކުރައްވައި އެންމެ ފަހުން ހުންނެވީ ސްޓެލްކޯގެ ޗެއާމަންގެ މަޤާމުގައެވެ.