ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ހުޅުމާލެ މަސްވެރިންގެ މައިޒާން މިއަދު ރަސްމީގޮތުން ހުޅުވައިދެއްވައިފިއެވެ.

ހުޅުމާލެ މަސްވެރިންގެ މައިޒާން ރަސްމީގޮތުން ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ މަސްވެރިންނަށް ފަސޭހަ ރަނގަޅުގޮތްތައް ހޯދައިދިނުމަކީ އަބަދުވެސް ސަރުކާރުގެ އަމާޒެއްކަމުގައެވެ. އަދި އެމަނިކުފާނު ވަނީ މަސްވެރިކަމުގެ ސިނާޢަތަކީ ކޯވިޑްގެ ބަލިމަޑުގެ ތެރޭގައި އެހެންހުރިހާ ދާއިރާއެއް ގާތްގަޑަކަށް ހުއްޓުމަކަށް އައިއިރު ހުއްޓެމެއްނެތި ހިނގަހިނގާ އޮތް ސިނާޢަތްކަން ފާހަގަކުރައްވައި މަސްވެރިން ކުރާ ބުރަ މަސައްކަތް ފާހަގަކުރައްވާފައެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމަށް ކުރެވޭ މަސައްކަތްތަކުގައި ރާއްޖޭގެ ހުރިހާ ފަރާތްތައް ގުޅިގެން އެކުގައި މަސައްކަތްކުރެއްވުމަށް ވެސް އެދިވަޑައިގަންނަވާފައެވެ.

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލޭގައި ތަރައްޤީކުރި މި މައިޒާން ބިނާކުރުމުގެ ބޭނުމަކީ ހުޅުމާލެ ކަންނެލި ޖެޓީ ސަރަޙައްދު ބޭނުންކުރާ ފަރާތްތަކަށް، ޚާއްޞަކޮށް މަސްވެރި އުޅަނދުފަހަރުގެ ފަޅުވެރިންނަށް ބޭނުންވާ ޒަރޫރީ ކަންކަން މިތަނުން ހަމަޖައްސައިދިނުމެވެ.