މަހާތުމާ ގާންދީގެ ފިކުރާއި އޭނާ ގެންގުޅުއްވި އުސޫލުތަކަކީ، ހަމައެކަނި އިނގިރޭސިންގެ އިސްތިޢުމާރުގެ ދަށުގައިވި އިންޑިއާއަށް ބޭނުން ހިފޭނޭ ފިކުރުތަކަކާއި ގޮތްތަކެއް ނޫންކަމަށާއި، އެހެންނަމަވެސް އެކަންތައްތަކަކީ، މިޒަމާނަށްވެސް ފެތޭ ކަންތައްތަކެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ބައިނަލްއަޤްވާމީ "ނޮން ވައިލަންސް" ދުވަހާއި މަހާތުމާ ގާންދީގެ 140ވަނަ އުފަންދުވަސް ފާހަގަކުރުމުގެ ގޮތުން ދެއްވި ތަޤްރީރެއްގައެވެ.

އިންޑިއަން ހައިކޮމިޝަނާއި މިނިސްޓްރީ އޮފް ފޮރިން އެފެއާޒް ގުޅިވަޑައިގެން އިންތިޒާމް ކުރެއްވި މި ތަޤްރީރު ރައީސުލްޖުމްހޫރިއްޔާ ދެއްވީ ފެކަލްޓީ އޮފް އެންޖިނިއަރިންގގެ އޮޑިޓޯރިއަމްގައެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްވި ތަޤްރީރުގައި، ދުވަހަކުވެސް ފުހެވިގެން ނުދާނެގޮތެއްގައި ތާރީޚްގައި ލިޔެވިގެންދާނޭ ބޭފުޅުން ވަރަށް މަދުވާނެ ކަމަށާއި، ގާންދީއަކީ އެފަދަ ބޭފުޅެއް ކަމުގައި ވިދާޅުވިއެވެ.

އެގޮތުން، މަހާތުމާ ގާންދީގެ ހަޔާތްޕުޅާ ބެހޭގޮތުން އަލިއަޅުވާލައްވަމުން، ސުލްހަވެރި ހަޅުތާލުގެ ފިކުރު ގެންގުޅުއްވަން އެންމެ ފުރަތަމަ ގާންދީ ފެށްޓެވީ އޭނާ ދެކުނު އެފްރިކާގައި އުޅުއްވި ދުވަސްކޮޅު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، 1915ވަނަ އަހަރު އޭނާ އެނބުރި އިންޑިއާއަށް ވަޑައިގެންނެވުމަށްފަހުގައިވެސް ގެންގުޅުއްވީ ހަމަ މި ފިކުރު ކަމަށާއި، އަޅުގަނޑުމެންނަށް މިހާރު ފެންނަން މިއޮތް މިނިވަން އަދި ޑިމޮކްރެޓިކް އިންޑިޔާއަކީ ގާންދީގެ ތަރިކައެއް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، ގާންދީ ދައްކަވައިދެއްވި ސުލްޙަވެރި ހަޅުތާލުކުރުމުގެ ގޮތްތައް ވެގެންދިޔައީ، ދުނިޔޭގެ އެތަންމިތަނުގައި އަނިޔާލިބެމުން ދިޔަ އެތައްބަޔަކަށް އެބައިމީހުން ބަދެވިފައިވާ ޗޭނުން ސަލާމަތްވުމަށް މަސައްކަތްކުރުމަށް ލިބުނު ވަރަށް ބޮޑު ހިތްވަރަކަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެތެރޭގައި، އެމެރިކާގައި ކަޅުމީހުންނާއި ދޮންމީހުންނަށް ހަމަހަމަ ހައްޤުތަކެއް ހޯދުމަށް ކުރި މަސައްކަތްތަކާއި، އިރުމަތީ ޔޫރަޕްގައި "އަޔަން ކަރޓްން" އުސޫލުތައް ނައްތާލުމަށް ކުރެވުނު މަސައްކަތްތައް ހިމެނޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރާއްޖޭގައި ޑިމޮކްރަސީ ގެނައުމަށް ރައްޔިތުން ކުރި މަސައްކަތުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވަމުން، ރާއްޖޭގައިވެސް ސުލްހަވެރި ޑިމޮކްރެޓުން ގެންގުޅުއްވީ ހަމަ އެ އުސޫލުކަމުގައި ހާމަކުރެއްވިއެވެ. އަދި، މީގެ ހަތަރު އަހަރުކުރިން ރާއްޖޭގައި އެއްވެ އުޅުމުގެ މިނިވަންކަން ލިބިގެންނުވާ ކަމަށާއި، ބަޔަކު މަގުމައްޗަށް އެއްވެއްޖެނަމަ އެމީހުން ހައްޔަރުކުރުމުގެ ޤާނޫނީ ބާރު އޭރު ސަރުކާރަށް ލިބިފައިއޮތް ކަމުގައި ވިދާޅުވިއެވެ. އެހެންނަމަވެސް، ގާންދީގެ އިންޑިއާ ފަދައިން، ރާއްޖޭގައިވެސް ހިނގަމުންދިޔަ ސުލްހަވެރި ސިޔާސީ ޙަރަކާތްތަކުގެ ސަބަބުން އޭރުއޮތް ޚުދުމުޚުތާރު ސަރުކާރަށް މަޖުބޫރުވީ އިސްލާހީ ބަދަލުތަކެއް ގެންނަން ކަމަށާއި، ދެޤައުމުގައިވެސް ކާމިޔާބު ލިބުނީ ސުލްހަވެރިގޮތުގައި ދެކޮޅުހެދި މީހުންނަށް ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ތަޤްރީރުގައި، ސުލްހަވެރިގޮތްތަކުގެ އިތުރުން، ގާންދީގެ ބާރު ދައްކައިދޭ އަނެއް ސިފައަކީ، އަނިޔާކުރި ފަރާތްތަކަށް މަޢާފުކުރުމުގެ ބާރު ކަމުގައި ވިދާޅުވިއެވެ. މާޒީވި ދުވަސްތައް ފަހަތަށް ދޫކޮށްފައި ކުރިމަގާމެދު ވިސްނުމަކީ، މިއަދު ދިވެހިންވެސް ކުރަންޖެހިފައިވާ ކަމެއްކަން ރައީސުލްޖުމްހޫރިއްޔާ ހަނދާންކޮށްދެއްވިއެވެ. އަދި މާޒީގައި ހިނގާފައިވާ ނާ އިންސާފީ ކަންތައްތައް ހިނގިކަމެއް ކަމުގައި ގަބޫލުކުރުން މުހިންމު ކަމަށާއި، އެހެންނަމަވެސް، މާޒީ ފަހާދުވުމަކުން އަޅުގަނޑުމެންނަށް އުފާވެރިކަމެއް ލިބިގެންދާނެކަމަކަށް ގަބޫލުފުޅު ނުކުރައްވާ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ގާންދީ ގެންގުޅުއްވި ފިކުރަކީ މިޒަމާނަށްވެސް ފެތޭ ފިކުރުތަކެއްކަން ބަޔާންކުރައްވަމުން، މޫސުމަށް އަންނަ ބަދަލުތައް އަންނަމުން އެދަނީކީ، ރާއްޖެއިން ކަންތައްތަކެއް ކޮށްގެން ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެހެންނަމަވެސް، މިކަމުގައި އެންމެ ބޮޑު ގެއްލުމެއް ލިބޭ އެއްބަޔަކީ ދިވެހިންކަމުގައި ވިދާޅުވިއެވެ. މިއީ، ބައިނަލްއަޤްވާމީ މައްސަލައެއް ކަމަށާއި، ޖައްވަށް ކާބަން ދޫކުރާ މިންވަރު މަދުވެގެން ނޫނީ ދުނިޔެ ހޫނުވުން ނުހުއްޓުވޭނެ ކަމުގައިވެސް ވިދާޅުވިއެވެ. އަދި، ރާއްޖޭގެ އަމާޒަކީ ދުނިޔެއަށް މިސާލަކަށްވުން ކަމަށާއި، ގާންދީ ވިދާޅުވެފައިވާ ފަދައިން، ދުނިޔެއިން ފެންނަން އެދޭ ބަދަލު ގެންނަ ބަޔަކަށް އެބަޔަކު ވާންޖެހޭ ކަމުގައި ވިދާޅުވިއެވެ. މިގޮތުން، ދުނިޔޭގައިވާ ކާބަން ނިއުޓްރަލް ފުރަތަމަ ޤައުމަކަށް ރާއްޖެވުމަށް ސަރުކާރުން ނިންމެވީ މިސަބަބަށްޓަކައި ކަމުގައިވެސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލެއްވީ، ސުލްހައާއި، މަޢާފުކުރުމާއި އަދި މިސާލުން މަގުދެއްކުމާ، މިތިންކަމަކީ ގާންދީ ދުނިޔެއަށް ދޫކުރެއްވި ތަރިކަތައް ކަމަށާއި، މިތަރިކަތަކަކީ، މިހާރުވެސް ދުނިޔެއަށް ވަރަށް ބޭނުންކުރެވޭނެ ތަރިކަތަކެއް ކަމުގައި ވިދާޅުވަމުންނެވެ.