ސަރުކާރުގެ އަންދާޒާ އަކީ، 2022 ވަނަ އަހަރު ރާއްޖޭގެ އުފެއްދުންތެރިކަން 12 އިންސައްތައިގެ ކުރިއެރުމެއް ހޯދައި، ޖުމްލަ 1.6 މިލިއަން ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރުން– ރައީސުލްޖުމްހޫރިއްޔާ

  • އައި.އެމް.އެފް އިން ލަފާކުރާ ގޮތުގާ މިހިނގާ 2022 ވަނަ އަހަރުވެސް އެންމެ ބާރަށް ކުރިއަރާނެކަމަށް ބެލެވޭ މުޅި ދުނިޔޭގެ 5 އިޤްތިޞާދުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނޭ.
  • މިއަހަރު ޖުމްލަ 1.6 މިލިއަން ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރާނެކަމަށް ސަރުކާރުން އަންދާޒާކުރޭ.
  • 2021 ވަނަ އަހަރު ނިމުނު އިރު ދައުލަތުގެ ރަސްމީ ރިޒާވްގެ ގޮތުގާ 791.2 މިލިއަން ޑޮލަރު ހުރި.

ރައްޔިތުންގެ މަޖިލީހުގެ 2022 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ ރިޔާސީ ބަޔާން އިއްވަވާފައެވެ. މި ބަޔާނުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ، ސަރުކާރުގެ އަންދާޒާ އަކީ، 2022 ވަނަ އަހަރު ރާއްޖޭގެ އުފެއްދުންތެރިކަން 12 އިންސައްތައިގެ ކުރިއެރުމެއް ހޯދައި، ޖުމްލަ 1.6 މިލިއަން ފަތުރުވެރިން މިއަހަރު ރާއްޖެ ޒިޔާރަތް ކުރުން ކަމުގައި ފާހަގަކުރައްވާފައެވެ.

ރާއްޖޭގެ އިޤްތިޞާދީ ތަފާސް ހިސާބު އެކުލަވާލަން ފެށިފަހުން ފެނުނު އެންމެ ބޮޑު އަޑިގުޑަން ރެކޯރޑް ކުރެވިފައިވަނީ 2020 ވަނަ އަހަރުކަމަށާއި، އެގޮތުން އޭގެ ކުރީއަހަރާ އަޅާބަލާ އިރު އެ އަހަރު ރާއްޖޭގެ އުފެއްދުންތެރިކަން 33.5 އިންސައްތަ ދަށަށްދިޔަކަން ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި ފާހަގަކުރެއްވިއެވެ. މިގޮތުން، ސަރުކާރުން އަވަސް އަދި ހަރުދަނާ ފިޔަވަޅު ތަކެއް ނޭޅިނަމަ ޢާންމު ދިވެހިންގެ ދިރިއުޅުން ދުވަހަކު ނުދާހާ ދަށަށް ސޮއްސާލާނެ ޙާލަތަކަށް ރާއްޖެ ދާނެކަމަށާ، ސަރުކާރުން އެޅި ފިޔަވަޅުތަކާ އޭގެ ހެޔޮނަތީޖާ އަހަރެއްހާ ދުވަސް ނުވަނީސް މިވަނީ ފެންނަން ފަށާފައިކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

މިއ އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ 2021 ވަނަ އަހަރަށް ރާއްޖެއިން އަމާޒު ހިފީ އެއް މިލިއަން ފަތުރުވެރިންނަށް ނަމަވެސް، އެއަހަރު ޖުމްލަ 1.3 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރިކަމަށާ 2021 ވަނައަހަރު ނިމިދިޔައީ ރާއްޖޭގެ ފަތުރުވެރިކަން ހިފި އަމާޒަށްވުރެވެސް މަތިން ޙާސިލްކުރެވިގެންކަން ފާހަގަކުރައްވާފައެވެ.

ރާއްޖޭގެ އިޤްތިޞާދާއި އުފެއްދުންތެރިކަމަށް އަލިއަޅުއްވާލައްވާ ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ 2021 ވަނަ އަހަރުގެ އުފެއްދުންތެރިކަން ހުންނާނީ 31.6 އިންސައްތަ އާއި 38.5 އިންސައްތައާ ދެމެދުގައި ކަމަށް ބެލެވޭކަމުގައި ވިދާޅުވެފައެވެ. އަދި، މިއީ ވޯލްޑް ބޭންކާ އައި.އެމް.އެފް ފަދަ ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން ރާއްޖެއާ މެދު ލަފާކުރި މިންވަރަށްވުރެ އެތައް ތަނެއް މަތީ މިންވަރެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ދައުލަތުގެ ރިޒަރވް އާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ 2019 ވަނަ އަހަރުގެ ޖުލައި މަހު، ދައުލަތުގެ ރިޒާރވް މެނޭޖްކުރުމަށް ރިޒާރވް ބޭންކް އޮފް އިންޑިއާ އިން ނަގާފައިވާ 250 މިލިއަން އެމެރިކާ ޑޮލަރުގެ ސްވޮޕް ފެސިލިޓީ ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 29 ގައި ދައްކާ ނިމިފައިކަމަށާއި، މީގެއިތުރުން ކުރީ ސަރުކާރުން ނަގާފައިވާ ދަރަނީގެ ތެރޭން މިސަރުކާރުން މިހާތަނަށް 447 މިލިއަން ޑޮލަރު ދައްކާނިންމާފައިވާކަމުގައެވެ. މި ހުރިހާކަމަކާއެކުވެސް އެމަނިކުފާނު ވިދާޅުވި ގޮތުގައި 2021 ވަނަ އަހަރު ނިމުނު އިރު ދައުލަތުގެ ރަސްމީ ރިޒާވްގެ ގޮތުގައި 791.2 މިލިއަން ޑޮލަރު އެބަހުރިކަމަށާއި، ބޭރުފައިސާގެ ތާށިކަން ޙައްލު ކުރުމާ ދިވެހި ރުފިޔާގެ އަގު ހިފެހެއްޓުމުގެ ފިޔަވަޅުތައް ސަރުކާރުން މިއަހަރު އަޅަންފަށާނެ ކަމުގައެވެ. މީގެ އިތުރުން ވެސް ބޭރު ފައިސާގެ ބާޒާރާ ގުޅޭ ޤާނޫނީ އޮނިގަނޑަށް ބަދަލު ގެނެވޭނެކަމުގައި އެމަނިކުފާނު ވަނީ ރިޔާސީ ބަޔާނުގައި ފާހަގަކުރައްވާފައެވެ.

މިމޭރުމުން ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު އިތުރަށް ވިދާޅުވީ ދައުލަތެއް ހިނގަނީ މާލީ ލޭންދޭނުތަކާ އެކުކަމަށާއި، މި ގޮތުން ހޯދަން ޖެހޭ އެއްޗެއް ހޯދުމާއި އަދާ ކުރަން ޖެހޭ އެއްޗެއް އަދާ ކުރުމުގައި އިޤްތިޞާދީ ދުޅަހެޔޮ ސިޔާސަތެއްގައި ދެމި ތިބެވޭނެ ކަމުގެ އިތުބާރު ސަރުކާރަށް އޮތްކަން ފާހަގަކުރެއްވިއެވެ. އަދި ސަރުކާރުން އަންދާޒާ ކުރެވިފައިވާ އިޤްތިޞާދީ އަމާޒު ހިފެހެއްޓުމަކީ ސަރުކާރުގެ ޢަޒުމްކަމަށާއި ކޯވިޑް-19ގެ ކުރިން އޮތް ހިސާބަށް އިޤްތިޞާދު އަނބުރާ ގެންދެވޭނެ ކަމުގެ ފާހަގަ ސަރުކާރުން ޖަހާ އަހަރަކީ 2023 ވަނަ އަހަރުކަމުގައި އެމަނިކުފާނު ވަނީ ހާމަކުރައްވާފައެވެ.