”ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކާބެހޭ ބިލު" ރައީސުލްޖުމްހޫރިއްޔާ، ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ. މިއީ، ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ދިވެހިރާއްޖޭގައި ޢަދުލު އިންޞާފު ޤާއިމުކުރުމަށްޓަކައި މިނިވަން މުސްތަޤިއްލު ފަނޑިޔާރުގެއެއް ޤާއިމުކުރައްވައި، އެ ފަނޑިޔާރުގޭގައި ހިމެނޭ އެކިއެކި ދަރަޖަތަކުގެ ކޯޓުތައް ކަނޑައަޅުއްވައި، އެ ކޯޓުތަކުގެ މަސައްކަތްތަކާއި އިޚްތިޞާޞް ބަޔާންކުރައްވައި، ދިވެހިރާއްޖޭގައި ޤާނޫނުގެ ވެރިކަން ނެގެހެއްޓެވުމަށާއި، ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު ޝަރީޢަތްކުރުމަށް މަގުފަހިކުރެއްވުމަށްޓަކައި އެކުލަވާލައްވާފައިވާ ބިލެކެވެ.

ސަރުކާރުން މި ބިލު ހުށަހެޅުއްވުމުގެ ބޭނުންފުޅަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 6 ވަނަ ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ދިވެހިރާއްޖޭގައި ޝަރީޢަތްކުރުމަށް އުފައްދާ ކޯޓުތައް އިންތިޒާމު ކުރެވިފައިވާ ގޮތް ބަޔާންކުރުމަށާއި، ކޯޓުތަކުގެ އިޙްތިޞާޞް ކަނޑައެޅުމަށާއި، ކޯޓުތަކުގެ އިޖުރާއީ މައިގަނޑު އުސޫލުތަކާއި އިދާރީ ކަންކަން އެއް އުސޫލަކުން ހަމަޖެއްސުމަށް މަގުފަހިކޮށް، ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކަކީ މިނިވަންކަމާއި މުސްތަޤިއްލުކަމާއި އިންސާފުވެރިކަމާއެކު އެފަރާތްތަކުގެ ވާޖިބު އަދާކުރެވޭނެ ފަރާތްތަކެއް ކަމަށް ހަމަޖެއްސެވުމެވެ. އަދި ޝަރުޢީ ކޯޓުތަކަކީ ޢާންމު ރައްޔިތުންނަށް ފަސޭހައިން ވާސިލުވެވޭނެ ތަންތަން ކަމަށް ހެއްދެވުމާއި ޝަރުޢީ ކޯޓުތަކަކީ ރައްޔިތުންގެ އިތުބާރު ލިބިގެންވާ ތަންތަން ކަމަށް ހެއްދެވުމެވެ.