ތުރުކީވިލާތުގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ހިޒް އެކްސެލެންސީ މެވްލުތު ޝަވުޝުގްލު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ތުރުކީވިލާތުގެ ފޮރިން މިނިސްޓަރ ރާއްޖެ ވަޑައިގެންނެވުމާ ގުޅިގެން އެމަނިކުފާނަށް މަރުޙަބާ ވިދާޅުވެފައެވެ. އަދި އެމަނިކުފާނު ވަނީ ތުރުކީވިލާތުގެ ރައީސް ރެކެޕް ތައްޔިބް އެރްތުޤާން އަށް ހެޔޮ އެދުންތައް އަރިސްކުރެއްވުމަށް ތުރުކީވިލާތުގެ ފޮރިން މިނިސްޓަރ ގެ އަރިހުގައި ދަންނަވާފައެވެ. ތުރުކީވިލާތުގެ ފޮރިން މިނިސްޓަރ ވަނީ އެ ޤައުމުގެ ރައީސްގެ ހެޔޮއެދުންތައް ރައީސުލްޖުމްހޫރިއްޔާއަށް ވެސް އަރިސްކުރައްވާ ކަމުގައި ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ‏ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެ ޤައުމުގެ ދެމެދުގައި ޒަމާނުއްސުރެ އޮތް އެކުވެރި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ. މިގޮތުން، އެމަނިކުފާނު ވަނީ މިދިޔަ އަހަރު އެއީ ރާއްޖެއާއި ތުރުކީވިލާތާ ދެމެދުގައި ސިޔާސީ ގުޅުން ޤާއިމުކުރިތާ 42 އަހަރު ފުރުނު އަހަރުކަން ފާހަގަކުރައްވާފައެވެ. އަދި، ތުރުކީވިލާތުގެ ފޮރިން މިނިސްޓަރ ރާއްޖެއަށް މިހާރު ކުރައްވާ ދަތުރުފުޅަކީ އެ ޤައުމުގެ ސަރުކާރުން ރާއްޖޭއާ ތުރުކީވިލާތާ ދެމެދުގައި އޮންނަ ގުޅުން ބަދަހިކުރުމަށް ދެއްވާ މުހިންމުކަން ރަމްޒުކޮށްދޭ ކަމެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ ރާއްޖެއާއި ތުރުކީބިލާތާއި ދެމެދުގައި އޮންނަ ގުޅުން އިތުރަށް ‌‏ބަދަހިކުރެއްވުމަށް ދެ ޤައުމުންވެސް ޝައުގުވެރިވާ ދާއިރާތަކުން ކުރެވިދާނެ ކަންތައްތަކަށް އަލިއަޅުއްވައިލައްވައި ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައެވެ. މިގޮތުން، ދެޤައުމުގެ ދެމެދުގައި އިޤްތިޞާދީ ގޮތުން ގުޅުން ބަދަހިކުރުމާއި، ވައިގެ ދަތުރުފަތުރު އިތުރުކުރުމާއި، ފަތުރުވެރިކަން ވަރުގަދަކުރުމާއި، މަސްވެރިކަމުގެ ދާއިރާ ތަރައްޤީކުރުމާއި، ޢުމްރާނީ ތަރައްޤީއާއި، މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށް ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ. މީގެ އިތުރުން ވެސް ނިރުބަވެރިކަން ހުއްޓުވުމަށް މަސައްކަތްކުރުމާއި، އަނިޔާވެރިކަމާއި، ހައްދުފަހަނަ އަޅާ ދިޔުމާ ދެކޮޅަށް ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން ވެސް ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ރައިސުލްޖުމްހޫރިއްޔާއާއި ތުރުކީވިލާތުގެ ފޮރިން މިނިސްޓަރ ވަނީ މިއަދުގެ ވަގުތެއްގައި ދެ ޤައުމުގެ ދެ ސަރުކާރުގެ ދެމެދުގައި ގުޅުން ބަދަހިކުރުމުގެ ގޮތުން ސޮއި ކުރުމަށް ހަމަޖެހިފައިވާ ފަސް އެއްބަސްވުމަކަށް އަލިއަޅުއްވާލައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނު ވަނީ ރާއްޖޭގެ ކޮވިޑްދިފާޢު ވެކްސިން ކެމްޕެއިނަށް ތުރުކީވިލާތުގެ ސަރުކާރުން 20،000 ޑޯޒުގެ ސިނޮވެކް ވެކްސިން ޝިޕްމަންޓް ހަދިޔާކުރެއްވުމަށް ނިންމަވާފައިވާތީ، އެކަމަށްޓަކައި ތުރުކީވިލާތުގެ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.

ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާއާއި، ތުރުކީވިލާތުގެ ފޮރިން މިނިސްޓަރ ވަނީ ދެ ޤައުމުން ވެސް ޝައުޤުވެރިވާ ދާއިރާތަކުން އަދި ދެޤައުމަށް ވެސް ލާބައާއި މަންފާ ލިބޭ ކަންކަމުގައި ކުރިޔަށް އޮތް ދުވަސްތަކުގައި ގުޅިގެން އެކުގައި މަސައްކަތް ކުރާނެ ކަމުގައި ވިދާޅުވެފައެވެ. ދިވެހިރާއްޖެއާއި ތުރުކީވިލާތުން ސިޔާސީ ގުޅުން ޤާއިމުކޮށްފައިވަނީ 28 މެއި 1979 ގައެވެ.