ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އެކުވެރި ޢަރަބި އިމާރާތް (ޔޫ.އޭ.އީ)ގެ ދުބާއީ އަށް މިހާރު ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައި، އެކްސްޕޯ ދުބާއީ އަށް ޒިޔާރަތްކުރައްވައި އަބޫދާބީ ސަސްޓެއިންނަބިލިޓީ ވީކް ހުޅުވުމުގެ ރަސްމިއްޔާތު އަދި ޒައިދު ސަސްޓެއިނަބިލިޓީ އެވޯޑް ދެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ އަބޫދާބީގެ ވަލީއަޙުދު އަދި ޔޫ.އޭ.އީގެ އާމްޑް ފޯސަސްގެ ޑެޕިއުޓީ ސުޕްރީމް ކޮމާންޑަރ، ޝައިޚް މުޙައްމަދު ބިން ޒައިދު އަލް ނަޙްޔާންގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

ދުބާއި އެގްޒިބިޒަން ހޯލްގައި މިއަދު ބޭއްވި އަބޫދާބީ ސަސްޓެއިންނަބިލިޓީ ވީކް ހުޅުވުމުގެ ރަސްމިއްޔާތައްފަހު ޒައިދު ސަސްޓެއިނަބިލިޓީ އެވޯޑް ދެއްވުމުގެ ރަސްމިއްޔާތުވެސް މިއަދު ކުރިޔަށްގެންދަވާފައި ވެއެވެ. އަބޫދާބީ ސަސްޓެއިންނަބިލިޓީ ވީކް އަކީ ސަސްޓެއިނަބިލިޓީ ދާއިރާގައި މުޅި ދުނިޔޭގައި ވެސް ފާހަގަކޮށްލެވޭ ހަރަކާތެކެވެ.

މި ހަރަކާތުގެ މަޤްޞަދަކީ އިޖްތިމާޢީ، އިޤްތިޞާދީ، އަދި ފަންނީ ކުރިއެރުންތަކާމެދު ހޭލުންތެރިކަން އިތުރުކުރުމެވެ. މިއަހަރުގެ މި ހަރަކާތުގައި މައިގަނޑު ގޮތެއްގައި އަމާޒުހިފާފައި ވަނީ މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރުމަށް ކޮޕް-26ގެ ނިންމުންތައް ތަންފީޒުކުރުމަށް ބޭނުންވާ މަގުޗާޓުތައް، ގުޅިގެން އެއް މަޤްޞަދެއް ހާޞިލުކުރެވޭގޮތަށް އަލުން މުރާޖައާކޮށް އެކުލަވާލުމުގެ މައްޗަށެވެ.

ޒައިދު ސަސްޓެއިނަބިލިޓީ އެވޯޑަކީ ސަސްޓެއިނަބިލިޓީގެ ދާއިރާއިން ޔޫ.އޭ.އީ އިން ދޭ ޝަރަފުވެރި ބައިނަލްއަޤްވާމީ އެވޯޑެކެވެ. މި އެވޯޑް ނިސްބަތްކުރެވެނީ އެ ޤައުމުގެ ބާނީ އަލްމަރްޙޫމް ޝައިޚް ޒައިދު ބިން ސުލްޠާން އަލް ނަޙްޔާންގެ ޚިދުމަތްތަކަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ދިވެހި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.