މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ތައިލެންޑްގެ ފޮރިން މިނިސްޓަރ، މިސްޓަރ ކަސިތް ޕިރްޔޯމިއާ، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދާއި ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދާ ވަކިވަކިން މިއަދު މެންދުރުފަހު ބައްދަލުކުރައްވައިފިއެވެ.

ތައިލެންޑްގެ ފޮރިން މިނިސްޓަރ، ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރެއްވުން އޮތީ ރައީސުލްޖުމްހޫރިއްޔާ އުޅުއްވާ ރަސްމީގެ މުލީއާގޭގައެވެ. މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ތައިލެންޑާއި ރާއްޖެއާ ދެމެދު އޮންނަ ގާތް ރަޙްމަތްތެރިކަމުގެ ގުޅުމުގެ މައްޗަށް ބައްލަވާލެއްވިއެވެ. އަދި، މިގުޅުން އިތުރު ދާއިރާތަކަށް ފުޅާ ކުރެވޭނެ ގޮތްތަކާބެހޭގޮތުން ފޮރިން މިނިސްޓަރާއެކު މަޝްވަރާކުރެއްވިއެވެ.

ފޮރިން މިނިސްޓަރ ކަސިތް ޕިރްޔޯމިއާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި ޑިމޮކްރަސީ އަށަގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ކުރައްވާ މަސައްކަތްޕުޅުތަކަށް ތަޢުރީފްކުރެއްވިއެވެ. އަދި، ވިޔަފާރިއާއި އިންވެސްޓްމަންޓް ދާއިރާގައި ރާއްޖެއާއެކު ގުޅުން ބަދަހިކުރެއްވުމަށް ތައިލެންޑުން ބޭނުންވާ ކަމުގައި ވިދާޅުވިއެވެ.

ތައިލެންޑްގެ ފޮރިން މިނިސްޓަރ ނައިބު ރައީސާއެކު ބޭއްވެވި ބައްދަލު ކުރެއްވުމުގައިވެސް، ރާއްޖެއާއި ތައިލެންޑާ ދެމެދު ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާއިން މިހާރަށްވުރެ ބޮޑަށް ގުޅުން ބަދަހިކުރެއްވުމާ ބެހޭގޮތުން މަޝްވަރާ ކުރެވުނެވެ.

މިބައްދަލުކުރެއްވުން އޮތީ ނައިބު ރައީސް އުޅުއްވާ ރަސްމީގެ ހިލާލީގޭގައެވެ.