ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މާލެއަތޮޅު ދިއްފުށީ ކައުންސިލްގެ މެންބަރުންނާ މިއަދުބައްދަލުކުރައްވައިފިއެވެ.
މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ކައުންސިލުން ވަނީ އެރަށުގެ ތަރައްޤީއަށް އެންމެ މުހިންމު ކަންކަމާއި މަޝްރޫޢުތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާކުރައްވާފައެވެ.
އެގޮތުން، ކައުންސިލުން ވަނީ ރަށްގިރުމުގެ މައްސަލައާއި ސިނާއީ ސަރަހައްދަށް ފެނާއި ނަރުދަމާގެ ޚިދުމަތް ދިނުމާ ގުޅޭގޮތުންނާއި ރަށުގެ ބިންހިއްކުމާއި ޞިއްޙީ މަރުކަޒުގެ ޚިދުމަތް ފުޅާކޮށް ލެބޯޓްރީގެ ޚިދުމަތް އަވަހަށް ފެށުމަށް ބޭނުންވާކަމާއި ރަށަށް އައު އެމްބިއުލަންސްއެއް ބޭނުންވާކަމާއި ސްކޫލުގައި އޭލެވެލް ފެށުމާއި މަލްޓިޕާޕަސް ހޯލެއްގެ މުހިންމުކަމާއި އިތުރު މިސްކިތެއްގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން މިހާރު ކުރިޔަށްދާ ފުޓްބޯޅަދަނޑު ތަރައްޤީކުރުމާއި އައުޓްޑޯޖިމްގެ މަސައްކަތް އަވަސްކުރުމާއި ގުޅޭގޮތުންނާއި ރަށަށް ފުލުހުންގެ ޚިދުމަތް ބޭނުންވާކަމާއި އަދި މި ނޫންވެސް ރަށުގެ އިޤްތިޞާދީ އިޖްތިމާޢީ ތަރައްޤީއަށް މުހިންމު ކަންތައްތައް ކައުންސިލަރުން ފާހަގަކުރެއްވިއެވެ.
މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދިއްފުށީ ބިންހިއްކައި ތަރައްޤީކުރުމަށް ސަރުކާރުން ގެންގުޅުއްވާ ޕްލޭން ކައުންސިލާއި ޙިއްޞާކުރައްވާފައެވެ. އެގޮތުން ބިންހިއްކާއިރު ގިރާސަރަޙައްދުގެ މައްސަލަވެސް ޙައްލު ކުރެވިގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ފުލުހުންގެ ޚިދުމަތް މުޅިރާއްޖެއަށް ފުޅާކުރުމަށް ސަރުކާރުން ގެންގުޅުއްވާ ޕްލޭނާއި ރަށްރަށަށް ބޭނުންވާ މިންވަރަށް އެމްބިއުލަންސް ހަމަކުރުމަށް ސަރުކާރުން ކުރިޔަށްގެންދާ މަސައްކަތްތަކާއި އަދި ކައުންސިލުން ފާހަގަކުރެއްވި އިތުރު ކަންކަމުގެ އެންމެފަހުގެ މަޢުލޫމާތުތައް އެމަނިކުފާނު ދިއްފުށީ ކައުންސިލަރުންނާ ޙިއްޞާކުރެއްވިއެވެ. މީގެ އިތުރުން މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ވަކިރަށެއް ތަފާތުކުރުމެއްނެތި ރައްޔިތުންނަށް ބޭނުންވާ ތަރައްޤީގެ ކަންކަން ސަރުކާރުން ފުރިހަމަކޮށްދެއްވަމުން ގެންދަވާނެކަން ފާހަގަކުރައްވާފައެވެ.